2.27.2010

ސައުދާ ބިންތު ޒަމްޢަތު ރަޟިޔަﷲ ޢަންހާ

އައްޝައިޚް ޢަބްދުﷲ ފާރޫޤު ޙަސަން
އިސްލާމީ ދަޢުވަތަށް އިޖާބަދެއްވުމަށްޓަކައި އަވަސްވެ ވަޑައިގެން ކުރިޔަށް ނިކުމެވަޑައިގެންނެވި ބޭކަނބަލެކެވެ. އެކަމަނާއާއި އެކަމަނާގެ ފިރިކަލުންވަނީ އިސްލާމްދީނާހުރެ ޙަބަޝާއަށް ހިޖްރަކުރެއްވުމުގެ ދަތި އުނދަގޫ ވެސް ބަރުދާސްތު ކުރައްވައިފައެވެ.

ޙަބަޝާއިން މައްކާއަށް އެނބުރިވަޑައިގެން ތިއްބަވަނިކޮށް އެއްރެޔަކު އެކަމަނާއަށް ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ.

ހާމަތަނެއްގައި ބާލީސްކޮޅެއްގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވަނިކޮށް ކުއްލިޔަކަށް އުޑުފަޅައިގެންގޮސް ހަނދު އެކަމަނާގެ އުނގުފުޅަށް ވެއްޓުނީތީއެވެ.

ވިދިގެންއައި ދުވަހުގެ ހެނދުނު އެކަމަނާގެ ފިރިކަލުންގެ އަރިހުގައި އެހުވަފެންފުޅުގެ ވާހަކަފުޅު ވިދާޅުވެދެއްވިއެވެ. ފިރިކަލުން އެހުވަފެންފުޅު ތަޢުބީރުކޮށް ދެއްވިއެވެ.
"ތިޔަހުވަފެންފުޅުގެ ތަޢުބީރެއްކަމުގައި ފެންނަނީ އަޅުގަނޑު ދާދިއަވަހަށް މިދުނިޔެއިން ވަކިވުމެވެ. ޢަރަބީންގެ ހަނދުކަމުގައިވާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަނާއާ ކާވެނިބައްލަވައިގެންނެވުމެވެ."
މިބާއްޖަވެރި ހެޔޮލަފާ ދެމަފިރިކަނބަލުންނަކީ އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތާއި އެކަމަނާގެ ފިރިކަލުން އައްސުކްރާން ބިން ޢަމްރު ރަޟިޔަﷲ ޢަންހުއެވެ.

ނަސަބުފުޅުު
އެކަމަނާގެ ބައްޕާފުޅަކީ ޒަމްޢަތު ބިން ޤައިސު ބިން ޢަބްދުއްޝަމްސު ބިން ޢަބްދުވުއްދު ބިން ނަޘަރު ބިން މާލިކު ބިން ޙަސްލު ބިން ޢާމިރު ބިން ލުއައްޔުއެވެ. އެކަމަނާއަކީ ޤުރައިޝު ވަންހައިގެ ފަޚުރުވެރި ޚާންދާނެއް ކަމުގައިވާ ޢާމިރު ބިން ލުއައްޔު ވަންހައިގެ ބޭކަނބަލެކެވެ. ކައުސާހިބާގެ ނަސަބުފުޅާ އެކަމަނާގެ ނަސަބުފުޅާ ގުޅެނީ ލުއައްޔު ބިން ޣާލިބާ ހަމައިންނެވެ. އެކަމަނާގެ މައިކަނބަލަކީ އައްޝުމޫސު ބިންތު ޤައިސެވެ. އެކަމަނާއަކީ މަދީނާގެ އަންސާރުންގެ އެންމެ ޝަރަފުވެރި ޤަބީލާ ކަމުގައިވާ ނައްޖާރު ވަންހައިގެ ބޭކަނބަލެކެވެ. ނައްޖާރު ވަންހަޔަކީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ލޮބުވެތި ކާފާކަލުން ޢަބްދުލް މުއްޠަލިބުގެފާނުގެވެސް މައިފުށުގެ ޤަބީލާއެވެ.

އެންމެ ފުރަތަމަ ކާވެނިފުޅު
އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތު އެންމެ ފުރަތަމަ ކާވެނި ބައްލަވައިގެންނެވީ އައްސުކްރާން ބިން ޢަމްރު ބިން އަބްދުއް ޝަމްސާއެވެ. އެކަލޭގެފާނަކީ އެކަމަނާގެ ބައްޕާފުޅާ ދެބޭންގެ ދެދަރިބޭކަލެކެވެ.

އިސްލާމްވެވަޑައިގަތުން
އައްސައްޔިދާ ސައުދާ އަކީ އިސްލާމީ ދަޢުވަތަށް އެންމެ ކުރީކޮޅުގައި އިޖާބަދެއްވި އައްސާބިޤޫނަލް އައްވަލޫންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. އެކަމަނާއަކީ ސަލާމަތް ފިޠުރަތެއްގެ ވެރި މާތް ބޭކަނބަލެކެވެ. އެކަމަނާގެ ފިރިކަލުން އައްސުކްރާނަކީވެސް ވަރަށް ހެޔޮލަފާ ބޭކަލެކެވެ. އެހެންކަމުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތައުޙީދުގެ ދަޢުވަތު އިޢުލާންކުރެއްވުމާއެކު އެދެކަނބަލުން އިސްލާމްވެ ވަޑައިގެންފިއެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތީ އައްސައްޔިދާ ސައުދާއެވެ. އައްސުކްރާނު އިސްލާމްވެވަޑައިގަތީ ސައުދާގެ ދީނަށް ގޮވައިލެއްވުމާއި ވިސްނައި ދެއްވުމުގެ ސަބަބުންނެވެ.

މިޙާދިޘާ ހިނގައިފައިވާ ގޮތާ ބެހޭގޮތުން ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އިތުރު ސާހިބާ އިސްލާމްދީނުގެ ދަޢުވަތު އިޢުލާން ކުރެއްވުމާއެކު މުޅި ޤުރައިޝުވަންހަ އެކަލޭގެފާނާ ދުޝްމިނުވެއްޖެއެވެ. އިސްލާމްދީން ޤަބޫލުކުރާ މީހުންނަށް އަނިޔާ ކުރާން ފަށައިފިއެވެ. ނަމަވެސް އައްސައްޔިދާ ސައުދާއަކީ ވަރަށް ވިސްނުންފުޅު ތޫނު ބޭފުޅެކެވެ. އެހެންކަމުން މުޅި ޢަރަބި ދުނިޔެ "އަލްއަމީނާއި، އައްޞާދިޤު" ގެ ލަޤަބު އަރުވައިފައިވާ ބޭކަލަކު ދޮގުވެރިޔަކަށް ނުވާނެކަން އެކަމަނާއަށް އެނގިވަޑައިގަންނަވައެވެ. އެއްފަހަރަކު އެކަމަނާ އަށް ވަނީ ކައުސާހިބާގެ ވާހަކަފުޅު ތަފްޞީލުކޮށް އަޑުއިވިވަޑައިގެންފައެވެ. އެހެންކަމުން އެކަމަނާ ހަމައެވަގުތު ހިތްޕުޅުން އިސްލާމްވެވަޑައިގެންފިއެވެ. ނަމަވެސް އައްސުކްރާނު އިސްލާމްވެވަޑައި ނުގަންނަވާތީ އެކަން ވަންހަނާ ކުރެއްވިއެވެ. އޭގެ ފަހުން އެކަމަނާއަށް ލިބިވަޑައި ގަންނަވާ ފުރުޞަތު ތަކުގައި އައްސުކްރާނަށް އިސްލާމްދީނުގެ ރަނގަޅުކަން ވިސްނައި ދެއްވަމުން ގެންދަވައި އޭނާގެ ހިތްޕުޅުވެސް އިސްލާމް ދީނަށް ތަނަވަސް ކުރުއްވިއެވެ. ސުކްރާން އެއްބަސްވެވަޑައި ގަތުމާއެކު ދެކަނބަލުން އެކުގައި އިސްލާމް ކަން އިޢުލާން ކުރެއްވިއެވެ.

އެންމެ ފުރަތަމަ ހިޖުރަ
އައްސައްޔިދާ ސައުދާ އާއި އެކަމަނާގެ ފިރިކަލުން އިސްލާމްވެވަޑައިގެންނެވި ދުވަސްވަރަކީ މައްކާގެ ވެށި މުސްލިމުންނަށް ވަރަށް ނުސިޔާނު ދުވަސްވަރެކެވެ. ދުވަހެއް ދުވަހަކަށް މަސްރަޙު އައީ ނުތަނަވަސް ވަމުންނެވެ. އަނިޔާވެރިކަން ކުރިއަރަމުންނެވެ. ހާސްކަން އިތުރުވަމުންނެވެ. އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާގެ ދެމަފިރި ކަނބަލުންނަށްވެސް އިސްލާމްވެ ވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ އަނިޔާތަކާއި އިހާނެތި ކަންތައްތައް ބަރުދާސް ކުރައްވާން ޖެހިވަޑައިގެންނެވިއެވެ. މައްކާގެ މުޝްރިކުން އެދެކަނބަލުންގެ ގައިކޮޅަށް ވެލި އުކައި އެއްޗެހި ގޮވައި އުނދަގޫ ކުރިއެވެ. ގަނޑުވަރަށް ގާއުކިއެވެ. އެއްދުވަހަކު އެދެކަނބަލުން ގެކޮޅުގެ ތެރޭގައި ވާހަކަފުޅު ދައްކަވަން ތިއްބަވަނިކޮށް ދުޝްމިނުންގެ މީހަކު ފޮނުވަލި ތީރެއް އަމާޒުވެފައިވަނީ ގެކޮޅުގެ ތެރޭގައި ބާއްވަވައިފައިވާ ކީރިތި ޤުރުއާން ލިޔެފައި ހުރި ފަތްފުށް ތަކަކަށެވެ. އެކަމުގެ ޝަކުވާ އާއިގެން އެދެކަނބަލުން އިތުރު ސާހިބާގެ އަރިހަށް ވަޑައިގެންނެވިއެވެ.

މުސްލިމުންގެ ނޭފަތުކުރި ފެނުޖެހޭ ވަރަށް މައްކާގެ މަސްރަހު އުނދަގޫވުމުން ކައުސާހިބާ މުސްލިމުންނަށް ޙަބަޝާއަށް ހިޖްރަކުރެއްވުމުގެ އަމުރުފުޅުދެއްވިއެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ޙަބަޝާގައި ހުންނަވަނީ ވަރަށް ހެޔޮލަފާ ވެރިޔެކެވެ. އޭނާގެ އަރިހަކު އަނިޔާއެއްނެތެވެ. ތިޔަބައިމީހުން އެތަނަށް ދާށެވެ. އަރަހުށި މާތްﷲ ދާދި އަވަހަށް ތިޔަބައިމީހުން އެންމެން އެއްތަނަކަށް ޖަމާކޮށްދެއްވާނެއެވެ.

އައްސައްޔިދާ ސައުދާ އާއި އެކަމަނާގެ ފިރިކަލުން ހިމެނިވަޑައިގަންނަވަނީ ހަބަޝާގެ މުހާޖިރުންގެ ދެވަނަ ޖަމާއަތުގައެވެ. ޙަބަޝާގައި އަހަރުތަކެއް ހޭދަކުރެއްވުމަށްފަހު އަނެއްކާވެސް އެދެކަނބަލުން އެނބުރި މައްކާއަށް ވަޑައިގެންނެވިއެވެ. ޙަބަޝާއިން އެނބުރި ވަޑައިގަތުމަށްފަހު އެދެކަނބަލުން ދިރިއުޅުއްވަމުން ގެންދެވީ ސައުދާގެ ބައްޕާފުޅު ޒަމްޢަތުގެ ގޭގައެވެ. މައްކާއަށް އެނބުރި ވަޑައިގެންނެވިތާ މާގިނަ ދުވަހެއްނުވެ އައްސުކްރާނު ރަޟިޔަﷲ ޢަންހު އަވަހާރަވެއްޖެއެވެ. އައްސައްޔިދާ ސައުދާ ހުވަފަތްވެ ވަޑައިގެންފިއެވެ. ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އައްސުކްރާނު ރަޟިޔަﷲ ޢަންހު އަވަހާރަވީ ޙަބަޝާގައި ތިއްބަވަނިކޮށެވެ.

ސައުދާ - އުއްމުލް މުއުމިނީން
އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގެ ލޮބުވެތި ބައިވެރިޔާ އުއްމުލް މުއުމިނީން އައްސައްޔިދާ ޚަދީޖާ ބިންތު ޚުވައިލިދު ފުރައުއްތަވެ ވަޑައިގަތީ އައްސައްޔިދާ ސައުދާ ހުވަފަތްވެ ވަޑައިގެންފައި އިންނަވަނިކޮށެވެ.

ޚަދީޖަތުގެފާނު އަވަހާރަވުމުން އިތުރު ސާހިބާ ވަރަށް ދެރަފުޅުވިއެވެ. ޚަދީޖަތުގެފާނު އަވަހާރަވުމުގެ ތިން ދުވަސްކުރީން (ބައެއް ރިވާޔަތް ތަކުގައިވާ ގޮތުން ދެމަސް ދުވަސްކުރީން) ކައުސާހިބާގެ ލޮބުވެތި ބޮޑުބޭބޭފުޅު އަބޫޠާލިބު ވަނީ އަވަހާރަވެފައެވެ. އެދެބޭފުޅުން އަވަހާރަވުމަކީ މައްކާގެ އިޖްތިމާޢީ ވެއްޓާއި ޢާއިލީ ގަނޑުވަރުގެ ތެރެއިން އިތުރުސާހިބާއަށް ލިބިވަޑައިގަންނަވަމުން ދިޔަ ޙިމާޔަތާއި އެހީތެރިކަމުން މަޙްރޫމުވެ ވަޑައިގަތުމެވެ. ޚަދީޖަތުގެފާނު އަވަހާރަވުމަށްފަހު އިތުރުސާހިބާ އަބަދުވެސް ހުންނަވަނީ މޮޅިފުޅުންނެވެ. އިސްލާމީ ތާރީޚުގައި އެއަހަރު ފާހަގަކުރެވެނީ ހިތާމައިގެ އަހަރުގެ ނަމުންނެވެ. އައްސައްޔިދާ ޚަދީޖާ ރަޟިޔަﷲ ޢަންހާ އަވަހާރަވުމުން އިތުރު ސާހިބާގެ އިސްތަށިފުޅުގައި ވަރަށް ބޮޑު އިތުރު މަސްއޫލިއްޔަތެއް އެޅުނެވެ. ރަސޫލުކަމުގެ ވާޖިބު އަދާކުރައްވަމުން އެމާތް ސާހިބާގެ ތުއްޕުޅު ދެދަރިކަނބަލުން ކަމުގައިވާ އައްސައްޔިދާ އުއްމު ކުލްޘޫމާއި އައްސައްޔިދާ ފާޠިމަތުއް ޒަހުރާގެ ކަންތައް ބަލަހައްޓަވައި އެދެބޭފުޅުން ތަރުބިޔަތު ކުރެއްވުމެވެ. ހަމައެއާއެކު ގޭތެރޭގެ ޒިންމާތައް ހިނދުން ހިނދަށް ބެލެހެއްޓެވުމެވެ.

އިތުރު ސާހިބާ ގަނޑުވަރުން ބޭރަށް ވަޑައިގެންފިނަމަ ތުއްޕުޅު ދެދަރިކަނބަލުން ތިއްބަވަނީ ގިނިކަންޏާއެވެ.
ދުވަސްވަރަކީ، އިތުރު ސާހިބާއަށާއި، އެކަލޭގެފާނުގެ އަހްލުބައިތުންނަށް މުޝްރިކުންގެ އުނދަގޫތަކާއި ޖެއްސުންކުރުން އިންތިހާޔަށް ބޮޑުވެފައިއޮތް ދުވަސްވަރެވެ. އެކަލޭގެފާނުގެ ގަނޑުވަރުގެ ގޯތިތެރެއަށް ހަޑި އެއްޗެހި އެޅުމާއި އެކިވައްތަރުގެ ކަށިތައް އެޅުމާއި، ގަނޑުވަރަށް ގާއުކުންފަދަ ކަންތައްތައްވެސް އޮތީ ހައްދުފަހަނަޅައިފައެވެ.

އައްސައްޔިދާ ޚަދީޖަތުލް ކުބްރާ ދުނިޔޭގައި އިންނެވި ދުވަސްވަރު ބޭފުޅުންގެ އެއްވެސް ކަމަކާމެދުވެސް ގަނޑުވަރުގެ ކަމަކާ ގުޅޭގޮތުން ވެސް ވިސްނުންފުޅު ހިންގަވާކަށެއް އިތުރުސާހިބާ އަކަށް ޖެހިވަޑައެއް ނުގަންނަވައެވެ. ޢާއިލީ ހުރިހާ ޒިންމާތަކެއް އަދާކުރައްވަމުން ގެންދެވީ ޚަދީޖަތުގެފާނެވެ. ކައުސާހިބާ ހުންނެވީ އެކަލޭގެފާނުގެ ރިސާލަތުގެ މަސައްކަތްޕުޅަށް މުޅިން ވީއްލިވަޑައިގެންފައެވެ. އެހެން ހުރިހާ ފިކުރުފުޅުތަކަކުން މިނިވަންވެ ވަޑައިގެންފައެވެ. އެހެންކަމުން ޚަދީޖަތުގެފާނު އަވަހާރަވުމުން އިތުރުސާހިބާގެ ޒިންމާތައް އެތައް ގޮތަކުން އިތުރުވެގެން ދިޔައެވެ.

އިތުރު ސާހިބާގެ މިދެންނެވި ފިކުރުފުޅު ބޮޑުވުން އެމާތް ސާހިބާގެ ވަރަށް އަރިސް ވަރަށް ލޮބުވެތި ޞަޙާބީއެއްކަމުގައިވާ ޢުޘްމާނު ބިން މަޘްޢޫނު ރަޟިޔަﷲ ޢަންހުގެ އަނބިކަނބަލުން އައްސައްޔިދާ ޚައުލާ ބިންތު ޙަކީމް އައްސަލަމިއްޔާ ރަޟިޔަﷲ ޢަންހާ ވަރަށް ބޮޑަށް އިހްސާސްކުރެއްވިއެވެ. އެކަމަނާ އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފައިންޕުޅު ދެކެވަޑައިގެންފައި އެއްދުވަހަކު ވިދާޅުވިއެވެ.
"އޭ މާތްﷲ ގެ ރަސޫލާއެވެ! ޚަދީޖާ އަވަހާރަވީ ފަހުން އަޅުގަނޑަށް ކަލޭގެފާނު ފެންނަނީ އަބަދުވެސް މާބޮޑަށް މޮޅިފުޅުން ހުންނަވަނިކޮށެވެ. ތުއްޕުޅު ބޭފުޅުންގެ ކަންތަކާ ފިކުރުފުޅު ބޮޑުވަނީތޯއެވެ؟"
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"އާނއެކެވެ. ގޭތެރޭގެ އިންތިޒާމުތައް ހަމަޖައްސަވައި ކުދިން ތަރުބިޔަތު ކުރައްވަނީ ޚަދީޖާއެވެ."
ޚައުލާ ވިދާޅުވިއެވެ. "ކަލޭގެފާނުގެ ހިތާމަފުޅުގައި ބައިވެރިވެ ގަނޑުވަރުގެ ކަންތައް ހިންގައިދޭނެ އެހީތެރިޔަކު ބޭނުން ފުޅުވާނެއެވެ. އަމުރުފުޅު ދެއްވައިފިނަމަ ދެވަނަ ކާވެނިފުޅަކާ ބެހޭގޮތުން އަޅުގަނޑު ވާހަކަދައްކައި ބަލާން ކަމަށެވެ."
އިތުރު ސާހިބާ ވިދާޅުބަސްފުޅު އިއްވެވިއެވެ. "ތިޔަބާވަތުގެ ކަންތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ތިޔަބޭކަނބަލުންނަށެވެ. ކޮންފަރާތަކާ ވާހަކަފުޅު ދައްކަވާން ކަމަށްތޯއެވެ؟"
ޚައުލާ ވިދާޅުވިއެވެ. "އޭ މާތްﷲގެ ރަސޫލާއެވެ. އަޅުގަނޑުގެ ވިސްނުމުގައި ދެފަރާތެއް އެބައުޅެއެވެ. އެއްބޭކަނބަލަކީ ހުވަފަތްވެފައި އިންނެވި ބޭކަނބަލެކެވެ. އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތެވެ. އެކަމަނާއަކީ ވަރަށް ކުރީއްސުރެ ކަލޭގެފާނަށް އީމާންވެ ވަޑައިގެން އިންނެވި ބޭކަނބަލެކެވެ. ޙަބަޝާއަށް ހިޖްރަ ކުރެއްވުމުގެ ތަކްލީފު ވެސް ވަނީ އުފުއްލަވައިފައެވެ.
އަނެއްބޭފުޅަކީ ބިކުރުވެރި ބޭފުޅެކެވެ. އައްސައްޔިދާ ޢާއިޝާ ބިންތު އަބީބަކުރެވެ. ޢާއިޝާގެ ބައްޕާފުޅު އަބޫބަކުރަކީ ޚަލްޤުތަކުންގެ ތެރެއިން ކަލޭގެފާނުގެ އެންމެ ބޮޑު ރަޙްމަތް ތެރިޔާއެވެ."

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

"އެންމެ ރަނގަޅެވެ. ކަމަނާ ތިޔަ ދެފަރާތާވެސް ވާހަކަ ދައްކަވާށެވެ."
އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހުއްދަ ވިދާޅުބަސްފުޅު ހޯއްދެވުމަށްފަހު އައްސައްޔިދާ ޚައުލާ އެދެފަރާތަށްވެސް އިތުރުސާހިބާގެ ފަރާތްޕުޅުން ކާވެނިފުޅަށް އެދިވަޑައިގެން ހުށަހެޅުއްވިއެވެ. އައްސައްޔިދާ ޚައުލާ، ސައުދާގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. އަޅުގަނޑު މިއައީ ކަމަނާއަށްޓަކައި ބަރަކާތާއި ހެޔޮކަމުގެ ޚަބަރަކާއިގެންނެވެ. މާތްﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަނާގެ ކާވެނިފުޅަށް އެދިވަޑައިގަންނަވައެވެ.

އައްސައްޔިދާ ސައުދާ ވަރަށް އުފާފުޅުން އެކަން ޤަބޫލުފުޅުކުރެއްވިއެވެ. ކުރީންވެސް ދަންނަވައިފައިވާ ފަދައިން އައްސައްޔިދާ ސައުދާއަށް ވަނީ ހުވަފެންފުޅުގެ ޒަރީޢާއިން މިބާއްޖަވެރި ކާވެނިފުޅުގެ ނިމުތު ލިބިވަޑައިގެންފައެވެ. އިސްވެދިޔަ ތާނގައި ބަޔާންކޮށްފައިވާ ހުވަފެންފުޅުގެ އިތުރަށް މިސިލްސިލާގެ އެހެން ހުވަފެންފުޅެއްވެސް ސައުދާއަށް ވަނީ ފެނިވަޑައިގެންފައެވެ. އެހުވަފެންފުޅުވެސް ފެނިވަޑައިގެންފައިވަނީ އެކަމަނާގެ ކުރީގެ ފިރިކަލުންގެ ހެޔޮ ޙަޔާތްޕުޅުގައެވެ. އެހުވަފެންފުޅުގައި ފެނިވަޑައިގަތީ އިތުރުސާހިބާ އެކަމަނާގެ ގެކޮޅަށް ފައިންޕުޅު ބީއްސަވައި އެކަމަނާގެ ކަނދުރާފުޅުގައި ފައިންޕުޅު އެޅުއްވީތީއެވެ. އައްސައްޔިދާ ސައުދާ މިހުވަފެންފުޅުގެ ވާހަކަފުޅު ވެސް އައްސުކްރާނުގެ އަރިހުގައި ވިދާޅުވިއެވެ. މިހުވަފެންފުޅުގެ ތަޢުބީރެއްކަމުގައިވެސް ސުކްރާނު ވިދާޅުވީ އޭނާ އަވަހާރަ ވުމާއި، އިތުރުސާހިބާ ސައުދާއާ ކާވެނިފުޅު ބެއްލެވުމެވެ.

އައްސައްޔިދާ ސައުދާއަށް، ކައުސާހިބާގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ހުށަހެޅުއްވުން ޤަބޫލުކުރައްވާ ވާހަކަ ވިދާޅުވުމަށްފަހު ޚައުލާގެ އަރިހުގައި އެކަމަނާ ވިދާޅުވިއެވެ.
"ކަމަނާ އަޅުގަނޑުގެ ބައްޕަގެގާތަށް ވަޑައިގެން ބައްޕައާ ވެސް ވާހަކަ ދައްކަވާށެވެ. ބައްޕައަކީ ވަރަށް މުސްކުޅި ބޭކަލެކެވެ.

އައްސައްޔިދާ ސައުދާގެ ރުހިވަޑައިގަތުން ހޯއްދަވައިގެން އައްސައްޔިދާ ޚައުލާ ވަޑައިގަތީ ޒަމްޢަތުގެ އަރިހަށެވެ. އޭރު އޭނާ ހުންނެވީ މައްކާގެ އަހްލުވެރީންގެ ދީންމަތީގައެވެ. ޚައުލާ ވަޑައިގެން ސަލާމްކޮށްލެއްވުމުން ޒަމްޢަތު ސުވާލު ކުރެއްވިއެވެ. ކޮން ކުއްޖެއް ހެއްޔެވެ؟ ޚައުލާ ޖަވާބު ދެއްވިއެވެ. އަލްޙަކީމުގެ ދަރިފުޅެވެ. ޒަމްޢަތު ވިދާޅުވެއެވެ. ކޮންކަމަކާ އައިއައުމެއްހެއްޔެވެ؟ ޚައުލާވިދާޅުވިއެވެ. މުޙައްމަދު ބިން ޢަބްދިﷲ ސައުދާގެ ކާވެނިފުޅު އެދިވަޑައިގަންނަވާތީ އެވާހަކަ ދައްކައިލަން އައިއައުމެކެވެ. ޚައުލާ ވާހަކަފުޅު ދެއްކެވުމުން ޒަމްއަތު ހިސާބަކަށް ދެކޮޅު ހައްދަވައިލައްވައިފައިމެ ހިތްޕުޅުގެ އަޑީން އެކަން ޤަބޫލު ކުރައްވައިފިއެވެ. އެއަށްފަހު އޭނާގެ ދަރިކަނބަލުން ގެންނަވައި މިކާވެނިފުޅާ އެކަމަނާ ރުހިވަޑައިގަންނަވާތޯ ސުވާލުކުރެއްވިއެވެ. ޒަމްޢަތު ވިދާޅުވިއެވެ. މުޙައްމަދު ބިން ޢަބްދިﷲ ދަރިފުޅުގެ ކާވެންޏަށް އެދިވަޑައިގެންފިއެވެ. ބައްޕަޔަށް ފެންނަގޮތުގައި އެއީ އެންމެ ރަނގަޅު ފަރާތެކެވެ. ކުފޫ ހަމަވާ ފަރާތެކެވެ. ޖަވާބުގައި އައްސިދާ ސައުދާ އެކާވެނިފުޅާ ރުހިވަޑައިގަންނަވާކަން ފާޅުކުރެއްވިއެވެ. މިކާވެނިފުޅަކީ ސައުދާ ރުހިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވުމުން ޒަމްޢަތު އެކަމާ އުފާފާޅު ކުރެއްވިއެވެ. އެދުވަހާ ވިދިގެން އަންނަދުވަހު އޭނާގެ ގެއަށް ވަޑައިގަތުމަށް އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދައުވަތު އެރުއްވިއެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެގެއަށް ވަޑައިގަތުމުން އޭނާގެ ދަރިކަނބަލުން ސައުދާއާ އިތުރު ސާހިބާއާ ކާވެނިކޮށް ދެއްވިއެވެ. ހަތަރު ސަތޭކަ ދިރުހަމުގެ ރަނަށެވެ. މިކާވެނިފުޅު ކުރެވުނީ ބިޢުޘަތުގެ ދިހަވަނަ އަހަރުގެ ރަމަޟާން މަހުގައެވެ.

ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އައްސައްޔިދާ ސައުދާގެ ވަލީވެރިޔެއްގެ ޙައިޘިއްޔަތުން މިކާވެނިފުޅު ޢަޤްދުކޮށް ދެއްވީ އެކަމަނާގެ ކުރީގެ ފިރިކަލުން އައްސުކުރާނުގެ އަޚު ޙާޠިބު ބިން ޢަމްރެވެ. ނަމަވެސް ގިނަ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މިކާވެނިފުޅު ކޮށްދެއްވީ ޚުދު ސައުދާގެ ބައްޕާފުޅެވެ. ޒަމްޢަތު ބިން ޤައިސެވެ. ޖުމްހޫރުންގެ ބަސްފުޅަކީ މިއީއެވެ.
އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާއާއި އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ދެބޭފުޅުންކުރެ އިތުރު ސާހިބާ ކުރިން ކާވެނިބެއްލެވީ ކޮން ބޭކަނބަލަކާތޯ މިއީ ޚިލާފުހުރި މަސްއަލައެކެވެ. ކޮންމެއަކަސް އިތުރު ސާހިބާގެ ޠާހިރު އަނބިކަނބަލެއްގެ ޙައިޘިއްޔަތުން ކައުސާހިބާގެގެ ކޮޅަށް ޚަދީޖަތުގެފާނަށްފަހު އެންމެ ފުރަތަމަ ވަޑައިގަތް ބޭކަނބަލަކީ އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތުކަމީ ޚިލާފެއް ހުރި މަސްއަލައެއްނޫނެވެ.

މިކާވެނިފުޅު ޢަޤްދު ކުރެވުނުއިރު އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާގެ އަޚު އަބްދުﷲ ބިން ޒަމްޢަތު ގެއަކު ވަޑައިގެނެއް ނުއުޅުއްވައެވެ. އޭރު ޢަބްދުﷲ ހުންނެވީ ވެސް މައްކާގެ މުޝްރިކުންގެ ދީންމަތީގައެވެ. އެހެންކަމުން އޭނާއަށް މިޚަބަރު ލިބިވަޑައިގަތުމުން ޖާހިލިއްޔަތުގެ އާދަކާދައިގެ މަތީން އިސްތަށިފުޅަށް ވެލިއެޅުއްވިއެވެ. ޢަބްދުﷲ ވިދާޅުވިއެވެ. "މިލައިގަތީ އަނެއްކާ ކޮންއާފާތެއް ހެއްޔެވެ؟ ހުރިހާ ކަމެއް ހަލާކުވީއެވެ." ޢަބްދުﷲ ބިން ޒަމްޢަތު އިސްލާމްވެ ވަޑައިގަތުމަށްފަހު އެކަލޭގެފާނަށް މިކުރެއްވުނު ކަންތަކާމެދު ވަރަށް ލަދުފުޅުގެން ވަޑައިގަންނަވައެވެ. މުޅި އުމުރުފުޅަށް އެކަމާ ހިތާމަފުޅު ކުރެއްވިއެވެ.

ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވި ސާހިބާ، އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާއާ ކާވެނި ބައްލަވައިގެންނެވި އިރު އެކަމަނާގެ އުމުރުފުޅަކީ ފަންސާސް އަހަރުފުޅެވެ. އެކަމަނާއަކީ އިސްކޮޅުފުޅު ދިގު ސަމައްތަރުފުޅު ހެޔޮ ބޭކަނބަލެކެވެ. ޢާއްމުކޮށް ކާވެނީގެ ދަޢުވަތު ލިބުމުގައި ސަބަބަކަށްވާފަދަ ރީތިފުޅުކަމެއްވެސް ޒުވާންފުޅުކަމެއްވެސް އަދި މުއްސަނދިފުޅުކަމެއްވެސް އެކަމަނާގެ ފަރާތްޕުޅަކު ނެތެވެ. އެކަމަނާއަކީ ގިނިކަންޏާ ތުއްޕުޅު ބޭފުޅުންކޮޅެއް ބައްލަވަމުން ގެންދެވި ބޭކަނބަލެކެވެ. އެކަމަނާގެ ކުރީގެ ފިރިކަލުންގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ދަރިކަލުން ޢަބްދުއްރަޙްމާނާއި، އެކަމަނާއާ އެއް ބައްޕާފުޅު ތުއްޕުޅު ބޭފުޅަކާއި އަވަހާރަވި ފިރިކަލުންގެ ތިމާގެފުޅު ތުއްޕުޅު ތިންބޭފުޅަކު އެކަމަނާގެ ބެއްލެވުމުގެ ދަށުގައި ތިއްބެވިއެވެ. އެހެންކަމުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގެކޮޅުގެ ކަންތައްތަކަށާއި، ބޭފުޅުންގެ ތަރުބިޔަތަށްޓަކައި އަންހެން ސާހިބެއްގެ ޚިދުމަތަށް ބޭނުންފުޅުވީ ވަގުތު އައްސައްޔިދާ ސައުދާއަށް އެފުރުޞަތު ދެއްވީ އެކަމަނާއަށް އެހީތެރިވެ ވަޑައިގެންނެވުމުގެ ގޮތުންނެވެ. މިކާވެނިފުޅާމެދު ޤުރައިޝުން ކުރާނެ ފުރައްސާރަޔަކަށް ކުޑަވެސް ފަރުވާލެއް ނުބަހައްޓަވައެވެ.

އިތުރުސާހިބާގެ ޚިދުމަތުގައި
އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާ އިތުރުސާހިބާގެ ގަނޑުވަރަށް ބަދަލުވެ ވަޑައިގަތުމަށްފަހު އެކަމަނާގެ ކޮންމެ ދުވަހަކާއި ކޮންމެ ރެޔެއް ފާއިތުވަމުން ދިޔައީ ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއި އުފާފާގަތިކަމުގައެވެ. އުއްމުލް މުއުމިނީން އެކަމަނާގެ ނަސީބުފުޅާމެދު ފަޚުރުވެރިވެ ވަޑައިގެންނެވިއެވެ. މުސްތަޤުބަލާމެދު އެކަމަނާގެ ހިތްޕުޅުގައި ހަމަޖެހުމާއި ޔަޤީންކަން އޮތެވެ.

ކައުސާހިބާ ބޭރުން ގަނޑުވަރަށް ވަޑައިގެން އެކަމަނާގެ އަރިހުގައި އިށީދެވަޑައިގަތުމުން އެކަމަނާ ޙަބަޝާގައި ހޭދަކުރެއްވި ދުވަސްވަރުގެ ވާހަކަ ބައެއްފަހަރަށް ވިދާޅުވެދެއްވައެވެ. އިތުރު ސާހިބާ ވަރަށް ބޮޑަށް ސަމާލުކަން ދެއްވައިގެން އެވާހަކަފުޅުތައް އަޑު އައްސަވައެވެ. ޚާއްޞަކޮށް ކައުސާހިބާގެ ލޮބުވެތި ދަރިކަނބަލުން އައްސައްޔިދާ ރުޤައްޔާއާއި ދަނބިދަރިކަލުން ޢުޘްމާން ރަޟިޔަﷲ ޢަންހުއާ ބެހޭ ވާހަކަތައް ވަކީންބޮޑަށް ޝައުޤުވެރިވެވަޑައިގެން އަޑުއައްސަވައެވެ.

އެދުވަސްވަރު އިތުރު ސާހިބާ ހުންނެވީ އުއްމުލްމުއުމިނީން އައްސައްޔިދާ ޚަދީޖަތުލް ކުބްރާގެ ގެކޮޅުގައެވެ. އިތުރު ސާހިބާގެ ދެދަރިކަނބަލުން ކަމުގައިވާ އައްސައްޔިދާ އުއްމުކުލްޘޫމް ރަޟިޔަﷲ ޢަންހާއާއި، އައްސައްޔިދާ ފާޠިމަތުއްޒަހްރާ ރަޟިޔަﷲ ޢަންހާއާ ދެބީނުންވެސް ތިއްބަވަނީ އެގެކޮޅުގައެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާއާއި، އައްސައްޔިދާ ރުޤައްޔާ ބިންތު ރަސޫލުﷲ އާދެބޭފުޅުން ވަނީ ޙަބަޝާގައި ތިއްބެވި ދުވަސްވަރު ތަޢާރުފްވެ ވަޑައިގެން ރަޙްމަތްތެރިކަމުގެ ގުޅުމުން ގުޅިވަޑައިގެންފައެވެ. އައްސައްޔިދާ ރުޤައްޔާ ރަޟިޔަﷲ ޢަންހާ ޙަބަޝާއިން އެނބުރި މައްކާއަށް ވަޑައިގަތީ އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމް އައްސައްޔިދާ ސައުދާއާ ކާވެނި ބައްލަވައިގެންނެވި ފަހުންނެވެ.

އައްސައްޔިދާ ރުޤައްޔާ ރަޟިޔަﷲ ޢަންހާ ޙަބަޝާއިން މައްކާއަށް އެބނބުރި ވަޑައިގެން ގަނޑުވަރަށް ވަޑައިގަތުމާއެކު ސައްޔިދާ ރުޤައްޔާއާއި، ސައްޔިދާ އުއްމުކުލްޘޫމާއި، ސައްޔިދާ ފާޠިމާއަށް ލިބިވަޑައިގަތީ އުފާފުޅާއި ހިތާމަފުޅު އެކުވެފައިވާ ޝުޢޫރުތަކެކެވެ. ދިގުމުއްދަތަކަށްފަހު ތިންބޭފުޅުން ބައްދަލުވެވަޑައިގަތުމުގެ އުފާފުޅެވެ. މައިކަނބަލުން އައްސައްޔިދާ ޚަދީޖަތުލް ކުބްރާ ރަޟިޔަﷲ ޢަންހާ އަވަހާރަވެފައިވާކަމުގެ ހިތާމަފުޅެވެ. އެވަގުތު އެމާތް ތިންބީނުން އެބޭފުޅުންގެ މައިކަނބަލުންނަށްޓަކައި ކަރުނަފޮދު އޮހޮރުއްވިއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާ އަވަސް އަވަހަށް ވަޑައިގެން ނުހަނު ލޯބިފުޅުން ސައްޔިދާ ރުޤައްޔާ އެކަމަނާގެ މޭފުޅާއެކު ބޮނޑިކޮށްލެއްވިއެވެ. އެދެބޭފުޅުން ޙަބަޝާގައި ތިއްބެވިއިރު ދެބޭފުޅުންގެ މެދުގައި މިބާވަތުގެ ތިމާގެފުޅުކަމުގެ ގުޅުމެއް ޤާއިމުވެދާނެކަމަކަށް އެއިން އެއްވެސް ބޭފުޅަކަށް ކުޑަކޮށްވެސް ޚިޔާލުފުޅުވެސް ކޮށްލެއްވިފައެއް ނެތެވެ. މިހާރު ސައްޔިދާ ރުޤައްޔާގެ ކުރިފުޅުމަތީގައި ސައްޔިދާ ސައުދާ އެހުންނެވީ އެކަމަނާގެ ލޮބުވެތި ދޮންމަންމާފުޅުގެ ސިފައިގައެވެ. އައްސައްޔިދާ ސައުދާ، ސައްޔިދާ ރުޤައްޔާގެ އަރިހުގައި އަރާމުކޮށްލައްވާން ވިދާޅުވިއެވެ. ދަތުރުފުޅުގެ ވަރުބަލިފުޅުކަން ފިލުއްވައި ލެއްވުމަށްޓަކައެވެ. ކައުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމައަށް ލޮބުވެތި ދަރިކަނބަލުންނާއި، ދަނބިދަރިކަލުން ފެނިވަޑައިގަތުމުން މިންނެތްފުށުން އުފާފުޅުކުރެއްވިއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތު ރަޟިޔަﷲ ޢަންހާ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ވަރަށް ބޮޑަށް ލޯބިފުޅުވެއެވެ. އިތުރުސާހިބާގެ ގަނޑުވަރުގެ ހުރިހާކަމެއް ނުހަނު ފަރުވާތެރިކަމާއެކު ބަލަހައްޓަވައި ދެއްވިއެވެ. އިތުރު ސާހިބާގެ ތުއްޕުޅު ދެދަރިކަނބަލުން ގެންގުޅުއްވައި ތަރުބިޔަތުކުރެއްވުމުގައި ވަރަށް ހީވާގިފުޅު ވެވަޑައިގެންނެވިއެވެ. އެކަމަނާއަކީގެ ހިންގެވުމުގައި ވަރަށް ފާޑުހުރި ގެވެހި ބޭފުޅެކެވެ. އެކަމަނާ އިތުރުސާހިބާއަށް ވަރަށް ފުރިހަމަޔަށް ޚިދްމަތް ކުރެއްވިއެވެ. އިތުރުސާހިބާގެ ހިތްޕުޅުގައިވާ ހިތާމަފުޅާއި މޮޅިފުޅުކަން ފިލުއްވުމަށް އޯގާވެރިކަމާއިއެކު ބާރުއެޅުއްވިއެވެ.

މަދީނާއަށް ހިޖުރަކުރެއްވުން
ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާއާ ކާވެނި ބައްލަވައިގެންނެވި ފަހުން ތިން އަހަރެއްހައި ދުވަހު މައްކާގައި ދިރިއުޅުއްވިއެވެ. އެއަށްފަހު އެމާތް ސާހިބާއަށް ހިޖުރަކުރެއްވުމުގެ އިލާހީ އަމުރުފުޅު ލިބިވަޑައިގެންފިއެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިޖުރައިގެ ދަތުރުފުޅުގައި އަރިހުގައި ބައިވެރިކުރެއްވީ އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހުއެވެ. އެދެބޭކަލުންވެސް މަދީނާއަށް ދަތުރުފުޅު ކުރެއްވީ އަހުލުޢިޔާލުން މައްކާއަށް ދޫކުރައްވައިފައެވެ.

މަދީނާއަށް ވަޑައިގެން ހަމަޖެހިވަޑައިގަތުމަށްފަހު އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަހުލު ޢިޔާލުން ބައްލަވައި، ޒައިދު ބިން ޙާރިޘަތު ރަޟިޔަﷲ ޢަންހުއާއި، އަބޫރާފިޢު ރަޟިޔަﷲ ޢަންހު މައްކާއަށް ފޮނުއްވިއެވެ. އުއްމުލް މުއުމިނީން އެކަމަނާގެ ދެދޮންދަރިކަނބަލުން ކަމުގައިވާ އައްސައްޔިދާ އުއްމުކުލްޘޫމާއި، އައްސައްޔިދާ ފާޠިމަތުއްޒަހުރާ ގޮވައިގެން އެބޭކަލުންގެ އަރިހުގައި މަދީނާއަށްވަޑައިގެންނެވިއެވެ.

ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އައްސައްޔިދާ ސައުދާ މަދީނާއަށް ވަޑައިގެން ފައިބައިވަޑައިގެންނެވީ އަބޫއައްޔޫބުލް އަންޞާރީ ރަޟިޔަﷲ ޢަންހުގެ ގެކޮޅަށެވެ. ކައުސާހިބާ އޭރު ހުންނެވީ އެގެކޮޅުގައެވެ. ނަމަވެސް ބައެއް އެހެނިހެން ރިވާޔަތް ތަކުގައިވާ ގޮތުން، އަލްމަސްޖިދުއްނަބަވީއާ އިންވެގެން އިތުރު ސާހިބާގެ އަހުލުބައިތުންނަށްޓަކައި ހެއްދެވި ކޮޓަރިކޮޅުތައް އޭރުހުރީ ނިމިފައެވެ. އެހެންކަމުން އިތުރުސާހިބާގެ އަހްލުބައިތުން ފައިބައި ވަޑައިގަތީ އެކޮޓަރި ކޮޅުތަކަށެވެ. މިމަސްއަލައާ ގުޅޭގޮތުން އިތުރު އެހެން ރިވާޔަތެއްވެސް ވެއެވެ. އެރިވާޔަތުގައިވާ ގޮތުން ކައުސާހިބާގެ އަހްލުބައިތުން ފައިބައިވަޑައިގަތީ ޙާރިޘަތު ބުނުއް ނުޢުމާން ރަޟިޔަﷲ ޢަންހު ކައުސާހިބާގެ އަހްލުބައިތުންނަށްޓަކައި ވެދުންކުރެއްވި ގެކޮޅަކަށެވެ.

އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޠާހިރު އަނބިއަނބި ކަނބަލުންގެ ތެރެއިން އުއްމުލް މުއުމިނީން އައްސައްޔިދާ ޚަދީޖަތުލް ކުބްރާ ރަޟިޔަﷲ ޢަންހާ ފިޔަވައި އިތުރު ސާހިބާގެ ޞުޙުބަތުގައި އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވުމުގެ ނަސީބު ލިބިވަޑައިގަތީ އައްސައްޔިދާ ސައުދާއަށެވެ. އެކަމަނާ ގާތްގަނޑަކަށް ސާދަވަރަކަށް އަހަރު އިތުރުސާހިބާގެ އަނބިކަނބަލެއްގެ މަޤާމުގައި އިންނެވިއެވެ.

އައްސަޔިދާ ސައުދާއާއި އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ދެބޭކަނބަލުންނާ އިތުރު ސާހިބާ ކާވެނިބެއްލެވީ ދާދި އެކުއެކީގައެވެ. ނަމަވެސް އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އިތުރު ސާހިބާގެ ގެކޮޅަށް ވަޑައިގަތީ މަދީނާއަށް ހިޖްރައަށް ވަޑައިގަތުމަށްފަހުގައެވެ. ހިޖުރައިން އެއްވަނަ އަހަރުއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއަކީ އައްސައްޔިދާ ސައުދާއަށްވުރެ މާހަނގު ބޭކަނބަލަކަށްވުމާއެކު ގޭތެރޭގެ ދިރިއުޅުއްވުމާއި، ގެހިންގުމާބެހޭ ކަންކަމުގައި ވަރަށް ތަނަވަސް ހިތްޕުޅަކުން ޢާއިޝަތުގެފާނަށް ސައުދާ އެހީތެރިވެވަޑައިގެން ދެއްވިއެވެ. ކައު ސާހިބާގެ އެއްވެސް އަނބިކަނބަލަކާ އައްސައްޔިދާ ސައުދާއާ ދެމެދު ދުވަހަކުވެސް މަސްއަލައެއް ނުއުފެދެއެވެ. ހުރިހާ ހަތުރަނބިކަނބަލުންނާއެކު ވެސް އެކަމަނާ ބޭއްވެވީ ވަރަށް ޚާއްޞަ ގާތްކަމެކެވެ. ޚާއްޞަކޮށް އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް ވަކީންބޮޑަށް ކަމޭހިއްތެވިއެވެ. ހެޔޮފުޅުކޮށް ހިތްތެވިއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާއާބެހޭގޮތުން، އުއްމުލްމުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ.
"ސައުދާމެނުވީ ޙަސަދަވެރިކަމުގެ ޝުޢޫރު ނުގެންގުޅޭ އަންހެނަކު އަހަރެން ނުދެކެމެވެ. އެމީހެއްގެ ހަށިގަނޑުގައި އަހަރެންގެ ފުރާނަ ވާނެނަމަ ރަނގަޅޭ އަހަރެންގެ ހިތަށްއަރާ އަންހެނަކީ ވެސް ހަމައެކަނި ސައުދާއެވެ."

އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާއާއި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާއާ ދެބޭކަނބަލުން ބައެއް ފަހަރަށް އެއްބޭކަނބަލަކު އަނެއްބޭކަނބަލަކާ ސަމާސާފުޅު ކުރައްވައިވެސް އުޅުއްވިއެވެ. އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވައިފައިވެއެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްދުވަހަކު އަހަރެމެންގެ ގާތަށް ވަޑައިގެންނެވިއިރު އައްސައްޔިދާ ސައުދާވެސް އަހަރެމެންގެ ގޭގައި އިންނެވިއެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިށީނދެވަޑައިގަތީ އަހަރެމެން ދެމީހުންގެ ދޭތެރޭގައެވެ. އެދުވަހު އަހަރެން ކައްކައިފައި ހުރީ ޙަރީރާއެވެ. އިތުރުސާހިބާ ފަރީއްކުޅުއްވާން ފެއްޓެވުމުން އަހަރެން ސައުދާގެ އަރިހުގައި ދެންނެވީމެވެ. ކަމަނާވެސް ފަރީއްކުޅުއްވާށެވެ. ސައުދާ އެކަމާ އިންކާރު ކުރެއްވުމުން އަހަރެން ސައުދާގެ އަނގަފުޅުމަތީގައި ޙަރީރާ ކޮޅެއް އުނގުޅައިލައިފީމެވެ. ސައުދާވެސް އަހަރެންގެ އަނގަމަތީގައި ޙަރީރާ ކޮޅެއް އުނގުޅުއްވައިލެއްވިއެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންގެ ޙަރަކާތާމެދު ވަރަށްބޮޑަށް ހިނިވަރުނަކުރެއްވިއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާއަށް ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ދައްޖާލުގެ ފިތުނައިގެ ވާހަކަ އަޑުއިވިވަޑައިގަތީއްސުރެ އެކަމަނާ ދައްޖާލުދެކެ ވަރަށް ބޮޑަށް ބިރިފުޅުގެން ވަޑައިގަންނަވައެވެ. ދައްޖާލާބެހޭ ވާހަކައެއް ދައްކައިލިޔަސް ސައުދާ ބިރުފުޅުން ފިތްކަނޑައިގެންދާވަރުވެއެވެ. ކައުސާހިބާގެ ހުރިހާ އަނބިއަނބިކަނބަލުންނަށްވެސް އެކަން އޮތީ އެނގިވަޑައިގެންފައެވެ.

އުއްމުލް މުއުނިމީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއާއި އުއްމުލް މުއުމިނީން އައްސައްޔިދާ ޙަފްޞާ ރަޟިޔަﷲ ޢަންހާ ދެބޭކަނބަލުން އެއްދުވަހަކު ސަމާސާފުޅު ކުރެއްވުމުގެ ގޮތުން ސައުދާގެ އަރިހުގައި ދައްޖާލުގެ ވާހަކަ ދެއްކެވިއެވެ. އެބޭފުޅުން ސުވާލުކުރެއްވިއެވެ.

"ކަމަނާ ޚަބަރު އައްސަވައިފީމުތޯއެވެ؟'
އައްސައްޔިދާ ސައުދާ ވިދާޅުވިއެވެ. "ކޮން ޚަބަރެއްތޯއެވެ؟"
ޢާއިޝާއާއި ޙަފްޞާ ޖަވާބުދެއްވިއެވެ. "ދައްޖާލު ފާޅުވެއްޖެއެވެ!"

އެވާހަކަ އަޑުއިވި ވަޑައިގަތުމާއެކު އައްސައްޔިދާ ސައުދާ ބިރުފުޅުން ދުވެވަޑައިގެންފައި ވަޑައިގެން ކައިރީގައި ހުރި ކުޑަކުޑަ ކޮޓަރިއަކަށް (ބައެއް ރިވާޔަތްތަކުގައިވާ ގޮތުން ފޭލިގެއަކަށް) ވެދެވަޑައިގެން ފިލާވަޑައިގެންފިއެވެ. އެތާނގައި މަކުނުވާތަކާއި ދުންތައް ވަރަށް ގިނައިން އޮތެވެ. ސައްޔިދާ ޢާއިޝާއާއި ސައްޔިދާ ޙަފްޞާ ހިނިފުޅުވަޑުވާން ފައްޓަވައިފިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެވަގުތު އެތަނަށް ވަޑައިގެންނެވިއްޖެއެވެ. އިތުރު ސާހިބާ ސުވާލުކުރެއްވިއެވެ. ތިޔަބޭފުޅުން ހިނިފުޅު ވަޑުވަނީ ކޮންކަމަކާތޯއެވެ. ސައްޔިދާ ޢާއިޝާއާއި ސައްޔިދާ ޙަފްޞާ ވިދާޅުވިއެވެ. ކަންވީގޮތަކީ މިއީއެވެ. ސައްޔިދާ ސައުދާ މިހިރަ ކޮޓަރީގައި ފިލައިވަޑައިގެން އެބައިންނެވިއެވެ.
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސައުދާގެ ހިތްޕުޅު ހަމަޖައްސަވައި ދެއްވިއެވެ. އެކޮޓަރީގެ ދޮރުމައްޗަށް ހުއްޓިވަޑައިގެން ވިދާޅުވިއެވެ. "ސައުދާއެވެ! ބޭރަށް ނިކުމެވަޑައިގަންނަވާށެވެ. ދައްޖާލެއް އަދި އެހެން އެއްޗެއްވެސް މިތަނަކަށް ނާދެއެވެ."

އިތުރު ސާހިބާގެ އަޑުފުޅު އިވިވަޑައިގަތުމުން ސައްޔިދާ ސައުދާ ބޭރަށް ނިކުމެވަޑައިގެންފިއެވެ. ކަންހިނގިގޮތް އެނގިވަޑައިގަތުމުން ސައްޔިދާ ސައުދާވެސް ހިނިފުޅުވެޑުވިއެވެ.
ޝައްކެތްނެތެވެ. މިބާވަތުގެ ކަންތައް ހިނގާނީ އެގެއެއްގެ އަހުލުވެރިން އެކަކު އަނެކަކަށް ވަރަށް ހިތްސާފު ގެއެއްގައެވެ. އެކުވެރިކަމުގެ ގުޅުން ބޮޑު ރަހްމަތްތެރި ބައެއްގެ މެދުގައެވެ. އެކަކު އަނެކަކުދެކެ ލޯބިވާ، ހަމްދަރުދީވާ ބައެއްގެ ތެރޭގައެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތު ރަޟިޔަﷲ ޢަންހާގެ ބައްޕާފުޅާ ދެބެއިންގެ ދެދަރިބޭކަލެއް ކަމުގައިވާ ސުހައިލް ބިން ޢަމްރަކީ އެކަމަނާގެ ކުރީގެ ފިރިކަލުން އައްސުކްރާނުގެ އަޚެކެވެ. ސުހައިލަކީ ޤްރައިޝްވަންހައިގެ ބޮޑުންކުރެ އެންމެ ތަޖުރިބާކާރު އެންމެ ރޯފިލައިފައިވާ ސިޔާސީ އެއްޝަޚުޞިއްޔަތެވެ. ޤްރައިޝުންގެ ވާހަކަދެއްކުންތެރިޔާގެ ނަންފުޅުން މަޝްހޫރުވެވަޑައިގެންފައިވާ ކުޅަދާނަފުޅު ވާހަކަދެއްކެވުންތެރިޔާއެވެ. އޭނާ އިސްލާމްވެވަޑައިގަތީ މައްކާ ފަތަޙަ ކުރެއްވި ދުވަހުއެވެ.
ބަދުރު ހަނގުރާމައިގެ އަސީރުންގެ ތެރޭގައި ސުހައިލުވެސް ހިމެނި ވަޑައިގެންނެވިއެވެ. އޭނާ ހުންނެވީ ޞަޙާބީންގެ ތެރެއިން މާލިކް ބިން ދުޚުޘަމްގެ ބެލެހެއްޓެވުމުގެ ދަށުގައެވެ. އިސްލާމީ ލަޝްކަރު މަދީނާއަށް ދަތުރުކުރި މަގުމަތީގައި ސުހައިލު މާލިކުގެ އަރިހުގައި ވިދާޅުވިއެވެ. އަޅުގަނޑު ޤަޟާޙާޖަތެއް ކޮށްލާން ބޭނުންވެއެވެ. އެހެންކަމުން ކުޑަކޮށް މަޑުކޮށްލަދެއްވާށެވެ. މާލިކު ސުހައިލުގެ ބަސް ޤަބޫލުކުރައްވައި ސުހައިލު ގޮވައިގެން ލަޝްކަރާ ދުރަށް އެއްފަރާތަކަށް ޖެހިވަޑައިގެންނެވިއެވެ. ސުހައިލު ޤަޟާޙާޖަތްކުރައްވަން ފުރުސަތުދެއްވައިފައި މާލިކު ދުރަށްވަޑައިގަތުމާއެކު ސުހައިލު ފުރުސަތުގެ ބޭނުންކުރައްވައިގެން ފިލާވަޑައިގަންނަވާން މަސައްކަތް ކުރެއްވިއެވެ. ދުވެވަޑައިގެންފައި ވަޑައިގެން ގަސްތަކެއްގެ ނިވަލުގައި ފިލައިވަޑައިގެންނެވިއެވެ.

މާލިކު އަވަސް އަވަހަށް ވަޑައިގެން އިތުރު ސާހިބާއަށް އެޚަބަރު ދެއްވިއެވެ. އިތުރު ސާހިބާ އިސްލާމީ ލަޝްކަރު މަޑުކުރައްވައި ސުހައިލު ހޯދަން އަމުރުކުރެއްވިއެވެ. ސުހައިލު އަތުލައިގަނެ ހައްޔަރުކުރުމަށް ނުވަތު ޤަތުލުކޮށްލުމަށް އެންގެވިއެވެ. މުޖާހިދުން އޭނާ ހައްޔަރުކުރައްވައި ދެއަތްޕުޅު ފުރަގަހަށް ލައްވައި ކަނދުރާފުޅާއެކު ބެންނެވިއެވެ. އޭނާ މަދިނާއަށް ގެނެވުނީ އެގޮތުގައެވެ.

އައްސައްޔިދާ ސައުދާއަށް އެކަމަނާގެ ނުހަނު ގާތްތިމާގެފުޅު ޅިޔަނަކު އެގޮތަށް ހައްޔަރުވެވަޑައިގެންފައި ހުންނަވަނިކޮށް ފެނިވަޑައިގަތުމުން ސުހައިލުގެ ހިތްޕުޅުގައި ޣީރަތު އުފެއްދެވުމުގެ ގޮތުން ވިދާޅުވެވުނެވެ. "ތިޔަފަދަ ނިކަމެތިގޮތަކަށް ދުނިޔޭގައި ހުންނެވުމަށްވުރެ ކަލޭގެފާނަށް ރަނގަޅުވީހީ ޝަރަފުވެރިކަމާއެކު އަވަހާރަވުމެވެ. ކަލޭގެފާނު ހައްޔަރުވެވަޑައިގަތުމަކަށް ލަދުފުޅުގެން ވަޑައެއްނުގަންނަވާތޯއެވެ؟" އައްސައްޔިދާ ސައުދާ އެހެން ވިދާޅުވިއިރަކު އެކަމަނާއަކަށް، އިތުރު ސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަ އެކަމަނާގެ ވާހަކަފުޅު އަޑު އައްސަވާން ހުންނެވިކަމެއް އެނގިވަޑައެއް ނުގަންނަވައެވެ.

ކައުސާހިބާ އެވަގުތު ޙަދީޘުކުރެއްވިއެވެ. "ސައުދާއެވެ! ކަމަނާ އޭނާގެ ހިތުގައި މާތްﷲ އާއި އެކަލާނގެ ރަސޫލާއާމެދު ނަފުރަތު އުފައްދަވަނީތޯއެވެ؟"
ސައުދާ އަވަސް އަވަހަށް ވިދާޅުވިއެވެ. "އޭ މާތްﷲގެ ރަސޫލާއެވެ! އަޅުގަނޑަށް މަޢާފްކުރައްވާށެވެ. ޙަޤީޤަތުގައިވެސް މިމަންޒަރު ފެނިފައި އަޅުގަނޑަށް ބަރުދާސްތު ނުކުރެވުނީއެވެ. ބޭއިޚްތިޔާރުގައި އަޅުގަނޑުގެ ދުލުން އެބަސްތައް ބޭރު ކުރެވުނީއެވެ. އަޅުގަނޑަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް ބޯލަނބާ މީހަކީމެވެ. ކިޔަމަންތެރިވާ މީހަކީމެވެ. އަޅުގަނޑުގެ ވާހަކަޔާމެދު ކަލޭގެފާނު ނުޤަބޫލުފުޅު ވެވަޑައިގެންފިނަމަ އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން މަޢާފުއެދެމެވެ."

ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހިނިވަރުނަ ކުރައްވައި އައްސައްޔިދާ ސައުދާއަށް މާފުދެއްވިއެވެ. ހަމައެއާއެކު އަސީރުންނަށް ހެޔޮކޮށް ހިތުމަށް އާއްމު އިޢުލާނެއްކުރެއްވިއެވެ. އެބޭކަލެއްގެ ބެއްލެވުމުގެ ދަށުގައި ހުރި އަސީރަކަށް ހެޔޮކޮށް ހިތްތެވުމަށް ޞަހާބީންނަށް އަމުރުކުރެއްވިއެވެ. އިތުރު ސާހިބާގެ އަމުރުފުޅަށް ޞަޙާބީން އަމަލުކުރެއްވިއެވެ. އެއަށްފަހު ޞަޙާބީންގެ ކޮންމެ ބޭކަލަކުވެސް ފަރީއްކުޅުއްވުމުގެ ކުރީން އެބޭކަލެއްގެ ޙަވާލުގައިހުރި އަސީރަކަށް ކާން ދެއްވައެވެ.

ފަރުދާގެ އާޔަތް ބާވައިލެއްވުން
މަދީނާގެ އެދުވަސްވަރުގެ ހާލަތުނިޔާކުރާގޮތުން އުއްމަހާތުލް މުއުމިނީންވެސް މަދީނާގެ އާދަކާދައިގެމަތީން ޤަޟާޙާޖަތަށް ވަޑައިގެން އުޅުއްވީ ރަށްބޭރުގައި އޮންނަ ޖަންގަލިތަކުގެ ތެރެއަށެވެ. ނަމަވެސް ޢުމަރުލް ފާރޫޤު ރަޟިޔަﷲ ޢަންހު އެކަމަކާ ހިތްޕުޅު ހަމަޖެހިވަޑައެއް ނުގަންނަވައެވެ. ޢުމަރުގެފާނު ދެކެވަޑައިގަންނަވާގޮތުގައި މުއުމިނުންގެ މައިކަނބަލުން ތިއްބަވާން ޖެހިވަޑައިގަންނަވާނީ ފަރުދާގައެވެ. އެހެންކަމުން ޢުމަރު ރަޟިޔަﷲ ޢަންހު ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ހިރިޔާފާތުރާގެ ދަށަށްވެސް އެމަސްއަލަ ހުށަހެޅުއްވިއެވެ. ނަމަވެސް ކައުސާހިބާ އެކަމަކަށް ޖަވާބުފުޅެއް ނުދެއްވައެވެ. ކަމާގުޅޭގޮތުން އިލާހީ އަމުރުފުޅެއް އައިސްފައި ނުވާތީއެވެ.

އެދުވަސްވަރު، އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ އެއްރެޔަކު ޤަޟާޙާޖަތަކަށް ބޭރަށް ނިކުމެވަޑައިގެންނެވިއެވެ. އުއްމުލް މުއުމިނީންއަކީ އިސްކޮޅުފުޅު ދިގު ސަމައްތަރުފުޅުހެޔޮ ބޭކަނބަލެކެވެ. އެކަމަނާ ދަންނަ މީހެއްކަމުގައިވާނަމަ ރޭގަނޑުވެސް އެކަމަނާ ފާހަގަކުރެވޭނެއެވެ. އެކަމަނާއާ ޢުމަރުގެފާނާ މަގުމަތީން ބައްދަލުވެ ވަޑައިގަތުމުން ޢުމަރުގެފާނު ވިދާޅުވިއެވެ.

"އޭ ސައުދާއެވެ! އަޅުގަނޑަށް ކަމަނާ އެނގިއްޖެއެވެ."
ޢުމަރުގެފާނުގެ ބަސްފުޅާމެދު އުއްމުލް މުއުމިނީން ހިތްޕުޅު ހަމަޖެހިވަޑައެއް ނުގެންނެވިއެވެ. އެހެންކަމުން އެނބުރި ވަޑައިގެން ކައުސާހިބާގެ އަރިހުގައި އެކަމުގެ ޝަކުވާކުރެއްވިއެވެ. ފަރުދާގެ އާޔަތް ބާވައިލެއްވީ މިހާދިޘާއާ ވިދިގެންނެވެ. މިއީ ޞަޙީޙު ބުޚާރީގެ އެއްރިވާޔަތެއްގައިވާ ގޮތެވެ. ނަމަވެސް ޙިޖާބުގެ އާޔަތުގެ ސަބަބުއްނުޒޫލާމެދު ޢިލްމުވެރީންގެ މެދުގައި ޚިލާފެއް އުޅެއެވެ. ފިޤުހުވެރީންކުރެ ޖަމާޢަތެއްގެ ބޭކަލުންގެ ނަޒަރުގައި ފަރުދާގެ އާޔަތް ބާވައިލެއްވީ ކައުސާހިބާ ޒައިނަބު ބިންތު ޖަޙްޝާ ކާވެނި ބައްލަވައިގެން އެކަމުގެ މުނާސަބާގައި ބޭއްވެވި ވަލީމާގެ ޙާދިޘާއާ ވިދިގެންނެވެ.

ސުވަރުގޭގައި އިތުރުސާހިބާގެ އަނބިކަނބަލަކަށް ވެވަޑައިގަތުމުގެ އެދުންފުޅު
އިސްވެދިޔަ ޞަފްޙާތަކުގައި ބަޔާންކޮށްފައިވާނޭ ފަދައިން ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އައްސައްޔިދާ ސައުދާއާ ކާވެނިބެއްލެވި އިރުވެސް އެކަމަނާވަނީ އާއްމުކޮށް ކާވެނީގެ ދަޢުވަތު ލިބިވަޑައިގަތުމުގެ މޫސުން ފަހަނަޅައިފައެވެ. އިތުރު ސާހިބާގެ އަނބިކަނބަލަކަށް އެކަމަނާ ޚިޔާރު ކުރެއްވުމުގެ އެންމެ މުހިންމު ސަބަބަކަށްވީ އެކަމަނާއަކީ ޔަތީމު ބޭފުޅުންކޮޅަކާއި މުސްކުޅިފުޅު ބައްޕާފުޅަކު ބަލަހައްޓަވަމުން ގެންދެވި އަތްޕުޅުމަތިބަރު ބޭކަނބަލަކަށްވެފައި އެކަމަނާގެ އިސްލާމްކަމުގެ އިސްކަމާއި، ޚުލުޤުފުޅުމާތްކަމާއި، އިތުރުސާހިބާގެ އޯގާވެރިކަމެވެ. އެހެންކަމުން އިތުރުސާހިބާ ތިމަންކަމަނާ ދޫކޮށެއް ނުލައްވާނެބާވައޭ މިސުވާލު އަބަދުވެސް އެކަމަނާގެ ހިތްޕުޅުގައި އޮވެއެވެ. ޚާއްޞަކޮށް އެކަމަނާ މުސްކުޅިފުޅުވުމުން އެކަމާ ވަކީންބޮޑަށް ފިކުރު ކުރައްވާން ފެއްޓެވިއެވެ. އިތުރުސާހިބާގެ އަނބިކަނބަލެއްގެ ޙައިޘިއްޔަތުން މަޙްޝަރަށް ވަޑައިގަތުމަކީ އެކަމަނާގެ ހިތްޕުޅުގެ ވަރަށް ބޮޑު އެދުންފުޅެކެވެ.

އެހެންކަމުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ވިދާޅުވިއެވެ.
"އޭ މާތްﷲ ގެ ރަސޫލާއެވެ! މިހާރު އަޅުގަނޑަކަށް ފިރިޔެއްގެ މުހުތާދެއްނެތެވެ. ނަމަވެސް ކަލޭގެފާނުގެ އަނބިކަނބަލަކަށް އަޅުގަނޑު ބައިންދަވާށެވެ. އަޅުގަނޑަށް ޚާއްޞަކުރައްވައިފައިވާރޭ ޢާއިޝާއަށް ދެއްވާށެވެ. ކަލޭގެފާނުގެ އަނބި އަނބިކަނބަލުންގެ ތެރޭގައި މަޙްޝަރުކުރެއްވުން އަޅުގަނޑު އެދެމެވެ."
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާގެ ހުށަހެޅުއްވުން ޤަބޫލުކުރެއްވިއެވެ.

އިލްމުވެރީން ވިދާޅުވާގޮތުގައި އައްނިސާއު ސޫރަތުގެ 128 ވަނަ އާޔަތް ބާވައިލެއްވީ އެޙާދިޘާއާ ވިދިގެންނެވެ. އެއާޔަތުގެ މާނައިގައިވެއެވެ.
"ފިރިމީހާ ދުރުހެލިވެ، ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެކަމަށް އަންހެނަކަށް ބިރުހީވެއްޖެނަމަ، އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ ޞުލްޙަވުމަކުން ޞުލްޙަވުމާމެދު، އެދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ޞުލްޙަވުން ހެޔޮކަންބޮޑެވެ."

މަޖްމަޢުއްޒަވާއިދުގައިވާ ގޮތުން އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާ އިތުރުސާހިބާގެ އަރިހުގައި ވިދާޅުވިއެވެ.
"ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއެކު ޙަޝްރުވާން އަޅުގަނޑު އެދެމެވެ. އެބޭކަނބަލުންނަށް ލިބިވަޑައިގަންނަވާ ޘަވާބެއް އަޅުގަނޑަށްވެސް ލިބުމަށްޓަކައެވެ."

ޙައްޖަތުލްވަދާޢުގައި ބައިވެރިވެވަޑައިގަތުން
ހިޖްރައިން ދިހަވަނަ އަހަރު، އުއްމުލްމުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާ އިތުރުސާހިބާގެ އަރިހުގައި ޙައްޖަތުލްވަދާޢުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޒުދަލިފާއަށް ދަތުރު ފެއްޓެވުމުގެ ކުރީން އައްސަޔިދާ ސައުދާއަށް މުޒުދަލިފާއަށް ވަޑައިގަތުމުގެ ހުއްދަ ދެއްވިއެވެ. އެކަމަނާގެ ހަށިކޮޅުގެ ބަރުހެލިކަމާއެކު ގިނަބައެއްގެ ތެރޭގައި ދަތުރުކުރައްވަން އެކަމަނާއަށް އުނދަގޫފުޅުވާނެތީއެވެ.

އިތުރު ސާހިބާ ޙައްޖަތުލް ވަދާޢުގެ ތެރޭގައި އެކަލޭގެފާނުގެ އަނބިއަނބިއަނބިކަނބަލުންގެ އަރިހުގައި ވިދާޅުވިއެވެ.

"މި ޙައްޖަށްފަހު ތިޔަބޭކަނބަލުންގެ ގޭގައި ތިއްބަވާށެވެ!"
އެހެންކަމުން އައްސައްޔިދާ ސައުދާއާއި އައްސައްޔިދާ ޒައިނަބު ބިންތު ޖަޙްޝާ ދެބޭކަނބަލުން އެއަމުރުފުޅަށް ވަރަށް ފަރުވާތެރިވެވަޑައިގެން ޢަމަލުކުރެއްވިއެވެ. ނަމަވެސް ކައުސާހިބާގެ އެހެނިހެން އަނބިއަނބިކަނބަލުން އިތުރުސާހިބާގެ އެއަމުރުފުޅަކީ ޙައްޖަށް ވަޑައިގަތުން މަނާކުރެއްވުމެއް ކަމުގައެއް ނުބައްލަވައެވެ. އައްސައްޔިދާ ސައުދާއާއި އައްސައްޔިދާ ޒައިނަބު ކައުސާހިބާ ސުވަރުގެ ވަޑައިގަތުމަށްފަހު ގެއިން ބޭރަށް ނުކުމެވަޑައިގެނެއް ނުއުޅުއްވައެވެ. އައްސައްޔިދާ ސައުދާ ވިދާޅުވިއެވެ. އަހަރެން ޙައްޖާއި ޢުމްރާވެސް ކޮށްފީމެވެ. އަހަރެންގެ ސާހިބާ އަމުރުކުރައްވައިފައިވާ ފަދައިން ދެން އަހަރެން އިންނާނީ އަހަރެންގެ ގޭގައެވެ. އިތުރު ސާހިބާއަށްފަހު އެއްވެސް ސަވާރީއަކަށް އަހަރެން އުފުލައެއް ނުލެވޭނެއެވެ.

އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. "ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގަތުމަށްފަހު ވެސް އިތުރު ސާހިބާގެ ޠާހިރު އަނބިއަނބިކަނބަލުން ޙައްޖުވެވަޑައިގެން އުޅުއްވިއެވެ. ސައުދާއާއި ޒައިނަބު ފިޔަވައެވެ. އެދެބޭކަނބަލުން ވިދާޅުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްފަހު އެއްވެސް ސޫތްޕަކަށް (ސަވާރީއަކަށް) އަހަރެމެން ޙަރަކާތްތެރިޔެއް ނުކުރުވޭނެއެވެ."

އަވަހަރާވުން
އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތު އަވަހާރަވި އަހަރަކާ މެދު މުއައްރިޚުންގެ މެދުގައި ޚިލާފެއް ހުރެއެވެ. އެންމެ ޞައްޙަކަމުގައި ބެލެވޭ ރިވާޔަތުގައި ވާގޮތުން އެކަމަނާ އަވަހާރަވީ ހިޖުރައިން ތޭވީސްވަނަ އަހަރުއެވެ. އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގެ ފަހުކޮޅުގައެވެ.
އެކަމަނާ ފަސްދާނު ވެޑުވިފައިވަނީ މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ.

ޚުލުޤުފުޅު
އުއްމުލް މުއުމިނީން އައްސަޔިދާ ސައުދާ ރަޟިޔަﷲ ޢަންހާ ކައުސާހިބާގެ ޞުޙުބަތުގައި ގާތްގަނޑަކަށް ސާދައަހަރު އިންނެވިއެވެ. އެކަމަނާއަކީ އިންސާނިއްޔަތުގެ މުރައްބީގެ މަދަރުސާގައި ސާދައަހަރު ހޭދަކުރައްވައިފައިވާ ޠާލިބާ އެކެވެ. ދެންނެވުމުން އެކަމަނާގެ ޚުލުޤުފުޅުގެ މައްޗަށް ފުދޭވަރަކަށް އަލިއަޅުވައިލެވިއްޖެކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. ނަމަވެސް ކިޔުންތެރީންގެ ފަސޭހައަށްޓަކައި ބައެއްނުކުތާތަކަށް އަލިއަޅުވައިލުމަކީ ނެތްކަމެއް ނޫނެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާއަކީ ތަބީޢީ ގޮތުންވެސް ޚުލުޤުފުޅު މާތް، ހެޔޮލަފާ، އޯގާވެރި، ހިތްޕުޅުތަނަވަސް، ދީލަތިފުޅު ބޭކަނބަލެކެވެ. ނަބަވީ ސުލޫކުގެ ނަމޫނާއެކެވެ. އެކަމަނާއާ ބެހޭގޮތުން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ޞިއްދީޤާ ރަޟިޔަﷲ ޢަންހާ ވިދާޅުވާގޮތުގައި އެމީހެއްގެ އެތެރެހަށީގައި ޢާއިޝަތުގެފާނުގެ ފުރާނަފުޅުވުން އެކަމަނާ އެދިވަޑައިގަންވަނީ ހަމައެކަނި އައްސައްޔިދާ ސައުދާއެވެ. ސައުދާގެ ހިތްޕުޅަކީ ކުޑަކޮށްވެސް ހަސަދައިގެ ޝުޢޫރެއް ނުއުފެދޭ ހިތްޕުޅެކެވެ.
އައްސައްޔިދާ ސައުދާއަކީ ވަރަށް ދީލަތި ބޭފުޅެކެވެ. އެކަމަނާއަކީ އަތްތެރި މަސައްކަތް ދެނެވަޑައިގަންނަވާ ބޭފުޅަކަށްވާތީ އެމަސައްކަތްޕުޅު ކުރެއްވިއެވެ. ޠާއިފުގެ ދޫލަ މަރާމާތުކުރެއްވުމާއި، ޠިބާޢު ކުރެއްވުމަކީ އެކަމަނާ ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެކަމަނާއަށް އެމަސައްކަތްޕުޅުތަކުން ލިބިވަޑައިގަންނަވާ އާމްދަނީ ވަރަށް ތަނަވަސް ހިތްޕުޅަކުން ޔަތީމުންނަށާއި ފަޤީރުންނަށާއި މިސްކީނުންނަށް ހޭދަކުރައްވަމުން ގެންދެވިއެވެ.

އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ޚަލީފާކަމުގައި އެއްދުވަހަކު އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާގެ އަރިހަށް، ކޮތަޅެއް ފުރެންދެން ދިރުހަމް އަޅުއްވައިފައި ފޮނުއްވިއެވެ. އެކޮތަޅަކީ އެދުވަސްވަރު މަދީނާގެ މީހުން ކަދުރުއަޅާން ބޭނުންކުރި ކަހަލަ ކޮތަޅެކެވެ. އެހެންކަމުން އެކަމަނާ ސުވާލު ކުރެއްވިއެވެ.

"ޢުމަރު އަހަންނަށް ކަދުރު ފޮނުއްވީހެއްޔެވެ؟"
ކޮތަޅު ހިފައިގެން އައި ޚާދިމު ޖަވާބު އެރުވިއެވެ.
"ނޫނެކެވެ! މިއީ ކަދުރެއްނޫނެވެ. ދިރުހަމެވެ."
އުއްމުލް މުއުމިނީން ވަގުތުން ވިދާޅުވިއެވެ.

"އަހަރެން ކީއްކުރާ ދިރުހަމްތަކެއް ހެއްޔެވެ؟ ކަދުރު ފޮނުއްވިނަމަ ކާންވެސް ބެހެއްޓިއްޖައީހެވެ." އެހެން ވިދާޅުވެފައި ހަމަ އެވަގުތު އެހުރިހާ ދިރުހަމް ތަކެއް ފަޤީރުންނަށް ބައްސަވައި ހުސްކޮށްލެއްވިއެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާގެ މިޒާޖުފުޅުގައި އަވަހަށް ކޯފާއިސްވާގޮތްކޮޅު ކޮންމެވެސް ވަރަކަށް ހުރެއެވެ. ނަމަވެސް އެކަމަނާއަކީ ސަމާސާ މިޒާޖުފުޅުގެވެސް ބޭކަނބަލެކެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިނިވަރުނަ ކުރުއްވުމަށްޓަކައި ބައެއް ކަންތައްތައް ކުރައްވައެވެ. ބައެއް ވާހަކަފުޅު ދައްކަވައެވެ.
އުއްމުލް މުއުމިނީން އެއްދުވަހަކު އިތުރު ސާހިބާގެ އަރިހުގައި ވިދާޅުވިއެވެ.
ކަލޭގެފާނުގެ ފަހަތްޕުޅުގައި އިހަށްރޭ އަޅުގަނޑު ނަމާދުކުރިއިރު ރުކޫޢުކުރެއްވިލެއް ދިގުކަމުން އަޅުގަނޑަށް ހީވީ އަޅުގަނޑުގެ ނޭފަތް ފަޅައިގެން ހިނގައިދާނެ ހެންނެވެ. ނޭފަތުންލޭ އަތުވެދާނެތީ ބިރުން އަޅުގަނޑު ނޭފަތުގައި ހިފެހެއްޓީމެވެ. ނަމާދުކޮށް އަވަދިވުމުން އެތައް އިރެއްވާންދެން ނޭފަތުގައި ފިރުމީމެވެ.
އައްސައްޔިދާ ސައުދާގެ ވާހަކަފުޅު އަޑުއައްސަވައިފައި ކައުސާހިބާއަށް ހިނިވަރުނަ ނުކުރައްވައެއް ނުހުންނެވުނެވެ.

ރިވާކުރެއްވި ޙަދީޘްތައް
އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާބިންތު ޒަމްޢަތުވަނީ ކައުސާހިބާގެ އަނބިކަނބަލެއްގެ މަޤާމުގައި ގާތްގަނޑަކަށް ސާދަވަރަކަށް އަހަރު ހޭދަކުރައްވައިފައެވެ. ރޭގަނޑާއި ދުވާލު ކައުސާހިބާގެ އަރިހުން އިރުޝާދުތައް ހޯއްދަވައިފައެވެ. ނަމަވެސް އެކަމަނާގެ އަރިހުން ރިވާވެފައިވަނީ އެންމެ ފަސް ޙަދީޘެވެ. ޞަޙާބީންގެ ތެރެއިން އެކަމަނާގެ އަރިހުން ޙަދީޘު ރިވާކުރެއްވި ބޭކަލުންގެ ތެރޭގައި ޢަބްދުﷲ ބިން އައްބާސާއި، ޢަބްދުﷲ ބިން ޒުބައިރު ހިމެނިވަޑައިގަންނަވައެވެ. ތާބިޢީންގެ ތެރެއިން ޔަހްޔާބިން ޢަބްދުއްރަޙްމާން ބިން އަސްޢަދު ބިން ޒުރާރާ އެކަމަނާގެ އަރިހުން ޙަދީޘު ރިވާކުރެއްވިއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާގެ އަރިހުން ރިވާވެފައިވާ ދެޙަދީޘުފުޅަކުން ވަރަށް މުހިންމު ދެކަމެއްގެ ހުކުމް ސާބިތުވިއެވެ. އެއްކަމަކީ މަރުވެފައިވާ ޖަނަވާރުތަކުގެ ހަން ބޭނުންކުރެވިދާނެކަމެވެ. އަނެއްކަމަކީ އެކެއްގެ ބަދަލުގައި އަނެކަކަށް ޙައްޖުވެވިދާނެކަމެވެ.

ބޭފުޅުން
ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅަކުން އުއްމުލް މުއުމިނީނައަކަށް ބޭފުޅަކު ލިބިވަޑައެއްނުގަންނަވައެވެ. އެކަމަނާގެ ކުރީގެ ފިރިކަލުންގެ ފަރާތްޕުޅުން ފިރިހެން ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. އެދަރިކަލުންގެ ނަންފުޅަކީ ޢަބްދުއްރަޙްމާނެވެ. އަބްދުއްރަޙްމާނަކީ ޞަހާބީއެކެވެ. އެކަލޭގެފާނު ޝަހީދުވީ، ޢުމަރުގެފާނުގެ ޚަލީފާކަމުގައި ފާރިސްކަރައިގެ ޖަލައުލާއުގައި ކުރެވުނު ހަނގުރާމައިގައެވެ.

ޢުމުރުފުޅުގެ މަރްޙަލާތައް
1- ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާއާ ކާވެނިބެއްލެވީ ނަބީކަމުގެ ދިހަވަނަ އަހަރުއެވެ.
2- ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާއާ ކާވެނި ބެއްލެވިއިރު އެކަމަނާގެ އުމުރުފުޅަކީ ފަންސާސް އަހަރުފުޅެވެ.
3- އެކަމަނާއާ ކާވެނި ބެއްލެވިއިރު ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢުމުރުފުޅަކީވެސް ފަންސާސް އަހަރުފުޅެވެ.
4- ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލަކަށް އެކަމަނާ އިންނެވީ ސާދަ އަހަރުއެވެ.
5- އަވަހާރަވީއިރު އެކަމަނާގެ އުމުރުފުޅަކީ ހަތްދިހަދެއަހަރު ފުޅެވެ.
6- އެކަމަނާ އަވަހާރަވީ ހިޖްރައިން ތޭވީސްވަނަ އަހަރުއެވެ.
7- އެކަމަނާ ފަސްދާނު ވެޑުވިފައިވަނީ މަދީނަތުލް މުނައްވަރާގެ ޖަންނަތުލްބަޤީޢުގައެވެ.

އަރަހުށި މާތްﷲ، އުއްމުލްމުއުމިނީން އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތަށް ރުއްސުންލައްވާށިއެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment