12.21.2009

ބީވެގެން ދިޔަ ލޯބިވާ ބުރުގާ

އަލްއަޚް މުޙައްމަދު ސިރުޙާން
ދޮންމަންޖެ ގެންގުޅޭ އަންނައުނުގެ ވަޒީފާއާ ރީތިވާ ސާމާނުތަކުގެ ވަޒީފާތައް ހުސްވުމުގެ ސަބަބުން އެވަޒިފާތަކަށް މުވައްޒަފުން ހޯދުމުގެ ގޮތުން އިއުލާނެއްކުރިއެވެ. އެ އިއުލާން ފެނުނު ވަރަށްގިނަ ވައްތަރުގެ ހެދުންތަކާއި ރީތިވާ ސާމާނުތައް ދޮންމަންޖެގެ އޮފީހަށް އިންޓަވިއުއަށް ޙާޒިރުވިއެވެ. އޭގެތެރޭގައި މޭކަޕްކުރުމަށް ބޭނުންކުރާ ލިޕްސްޓިކުން ފެށިގެން ދަތްއުނގުޅާ ބުރުސްވެސް ހިމެނެއެވެ. އިންޓަވިއުކުރި ހޯލު އިތުރަށް ޒީނަތްތެރިވެގެންދިޔައީ ތަފާތުވައްތަރުގެ ސެންޓުފުޅިތައް އެކިއުގެ ތެރެއަށް ވަނުމުންނެވެ. ހެދުމުގެ ވައްތަރުތަކުގެ ތެރޭގައި އެތެރޭންލާ ހެދުމާ ޖިންސުތަކާ ބަލާލި މީހަކަށް ރީތިކަމުންގޮސް ސިހުންގެނުވާ ތަފާތުވައްތަރުގެ ޓޮޕްކޮޅުތައް ވިއެވެ. އެސިހުން ބިރުވެރިކަމުން ޖޯކަކަށް ބަދަލުވީ 1400 އަހަރުގެ ސްޓައިލުގެ ބުރުގާއަކާއި ދޫހެދުމެއް އެތަނަށް ޙާޒިރުވީމައެވެ. އިންޓަވިއުގެ ގަޑި ކައިރިވަމުން ދިޔަވަރަކަށް ޙާޒިރީންގެ ހަށިގަނޑުގެ ތެރޭގައި ހާސްކަން އިތުވަމުންދިޔައެވެ.


އިންޓަވިއު ކުރަން ހަމަޖެހިފައިވާ ގަޑިއަށް އެތާހުރި ދޮރެއް ހުޅުވިއްޖެއެވެ. ދޮރުގެ ބިތްދޮށް ފަރާތުން ރަތްކުލައިގެ އައްޔެއް ފާޅުވިއެވެ. އަދި ފެންވަރާ މާގަނޑެއް ކަހަލަ އެއްޗެއްވެސް ފެންނަކަހަލައެވެ. ދޮރު ފަހަތަށް ލައްޕާލާފައި އެނުކުތީ ދޮންމަންޖެއެވެ. ވަރަށް ހިނުތުންވެފައި އިންޓަވިއުއަށް އައިސް ތިބި ކިއުއަށް ބަލާލިއެވެ. ހިނިތުންވެފައިވާ ތުން، ރުޅީގެ ތުމަކަށް ބަދަލުވީ ޒަމާނަށް ނުފެތޭ ސްޓައިލަކަށް ތިބި ބުރުގާއާ ދޫހެދުން ފެނުމުންނެވެ. އެ ދިގު ކިއުއިން ވެސް ދޮންމަންޖެ އަޅައިގަތީ އެ ދޭއްޗާއެވެ. ވާނީވެސް އެހެންތާއެވެ. މީހާ ރުޅިއަންނަ ނުވަތަ ލޯބިވާއެއްޗެއް ކިތަންމެ ދަތި ދޭތެރެއަކުންވެސް ލޮލުގައި އަޅައިގަނެއެވެ. ދޮންމަންޖެގެ ހަށިގަނޑުގެ ތެރޭގައި އުފެދުނު ރުޅިވެރިކަމުގެ ހުޅުގަޑުން ބޭރުވި ދުމުގެ އަސަރުތައް ބޭރަށް ނުކުމެދާނެތީ ވަރަށްބާރަށް ތުން ބާރުކޮށްލިއެވެ. ނަމަވެސް ދުންތައް ދެން ދިމާކޮށްލީ ދޮންމަންޖެގެ ލޮލާއެވެ. ރަތްވަމުންދިޔަ ދެލޮލުގެ ކަޅި ހުއްޓުނީ އެތާހުރި އިލޮށިފައްޗާދިމާއަށެވެ. ދުވެފައިގޮސް އިލޮށިފަތިނަގައި ބުރުގާއާ ދޫހެދުމާ ދިމާއަށް ދުއްވައިގެންފިއެވެ. ހަމަ މިހާރު މިތަނުން ނުކުންނާށެވެ. ތިކަހަލަ ވައްހާބީންނަކަށް މިތާގެ ޕިޔޯނުކަންވެސް ނުލިބޭނެއެވެ. ބުރުގާއާ ދޫހެދުން ކަރުއެލުވާލައިގެން ތިބެ އެތަނުން ނުކުމެއްޖެއެވެ. ކުޅިބަލަން ތިބި ޙާޒިރީން ތިބީ ބުނާނެއެއްޗެއްވެސް ނޭނގިފައެވެ. މިހާ ވަޒީފާގެ ބާރު ބޮޑުޒަމާނެއްކަމުން ބުރުގާމެންގެ ދިފާއުގައި އެއްވެސް ކަމެއްކުރާކަށް ނުކެރުނެވެ. ބުރުގާމެންދެބެން ދާދިދެންމެއަކު އުންމީދާއެކު އަޅަމުން އައި ފިޔަވަޅުތަކުގެ ހޫނުކަން ފިނި ކުރުވީ ނިކަމެތިކަމާއެކު ހިތާމައިން ދެބެންގެލޮލުން ނުކުންނަމުންދިޔަ ކަރުނަތަކެވެ. ދޮންމަންޖެގެ އޮފީހުގައި އުފެދުނު ރުޅވެރިކަމުގެ އަޑާއި ބުރުގާމެންދެބެންގެ ގިސްލިމުގެ އަޑު ކެނޑުނީ ދާދި އެކުއެކީގައެވެ. ދެބެންވެސް ހިނގަމުންދިޔައިރު ދޮންމަންޖެގެ އޮފީސް ފަހަތަށް ދަމުން ގެއްލެނީއެވެ. ހިތާމައިގެ އަސަރުތައްވެސް ދުރަށް ދަނީއެވެ. ބުރުގާ އިސް އުފުލާލާފައި ދޫހެދުމާދިމާއަށް ބުންޏެވެ. ދޮންމަންޖެ އެހުރީ ރާއްޖޭގައެވެ. އެކަމަކު ހިތް އެވަނީ ޔޫރަޕްގައެވެ. ހިތުގެ ނާރުތައް އެހުރީ ޔޫރަޕްގެ ފެޝަންތަކާ ދަޅުފޯނުހެން ގުޅިފައެވެ. އެމީހުން އެނާރުތަކަށް ގެނައި ހަރަކާތެއްގެ އަސަރުތައް މީޑިޔާމެދުވެރިކޮށް ރާއްޖޭގައި އިން ދޮންމަންޖެއާއިހަމައަށް އެހެރަ އަންނަނީ ހާދަހާވާ އަވަހަކަށެވެ. ބުރުގާ މިހެން ބުނެ އިސްދަށަށްޖަހާލިއެވެ. ދޮންމަންޖެއަށް ވިސްނޭނެނަމައެވެ. އަހަރެންނަށް ވަޒީފާ ލިބުނުނަމަ އޭނާގެ މަތިންއަންނަ ހުރިހާ ހަމަލާތަކާއި ދުރުރާސްތާ ޙަމަލާތަކުން އުފަލާ ތެދުވެރިކާއެކު އޭނާ ދިފާޢުކޮށްދިނީމުހެވެ. ދޫހެދުންވެސް ބުރުގާއާ ބައިވެރިވެލިއެވެ. އަހަރެންނަށް އޭނާގެ ވަޒީފާ ލިބުނުނަމަ އޮފީހުގެ ސިއްރުތައް ފިރިހެނުންގެ ލޯތަކުގެ ކުރިމައްޗަށް ފާޅުވެ ނީލަން ކިޔުނަކަ ނުދިނީމުހެވެ. ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ޙިމާޔަތްކޮށްދޭނަމެވެ. އެ ފިރިހެންވެރީން ތިބެނީ އަހަރެމެން ކަހަލަ ދޫހެދުންތަކަށް ވަޒީފާތައް ލިބިދާނެތީވެ ވަރަށް ބޮޑަށް ފާރަވެރިވެގެންނެވެ. އަހަރެމެން ދޮންމަންޖެ ކަހަލަ ޖިންސުންލަތީފުންގެ ލަދުވެތި ސިއްރުތައް އެމީހުންގެ ލޯމަތީން ފޮރުވާލަފާނެތީވެ އަހަރެމެންނަށް ތަފާތު ނަންނަން ކިޔާ މަލާމާތްކޮށް މުޖުތަމައުގައި ނަންހަޑިކުރެއެވެ. ދޮންމަންޖެގެ ވަޒީފާހޯދަން މިހާރުގޮސް އެތިބަ އެކަކަށްވެސް ދޮންމަންޖެއަށް އަންނަ ހަމަލާތަކެއް ޙިމާޔަތްކޮށެއް ނުދެވޭނެއެވެ. އެމީހުން މާބަލިކަށިވާނެއެވެ. އެކަމަކު ދޮންމަންޖެއަށް ހީވެފައި އެ އޮންނަނީ އެހެންގޮތަކަށެވެ. ދޮންމަންޖެއަށް ޙަޤީޤީ ކާމިޔާބު ލިބޭނީ ދޮންމަންޖެގެ އޮފީހުގެ ޤަވާއިދުތައް ﷲ ރުއްސަވާ ގޮތަށް ބަދަލުކޮށް ވަޒީފާ ދިނުމުގައިވެސް އެއިލާހު ރުއްސަވާ އުސޫލުތައް ގެންގުޅެ އަހަރެމެންކަހަލަ މީހުންނަށް ވަޒީފާ ދިނީމައެވެ. އެދެބެން މިކަލަހަ ވާހަކަތައް ދައްކަމުން ކުރިއަށް ދެއެވެ. ވަޒީފާއެއް ލިބޭތޯ ގޭގޭ ދޮރުތަކުގައި ޓަކިޖަހަމުން ކުރިއަށްދިޔައެވެ. އެއްވެސް ގެއަކުން ވަޒީފާދޭކަށް އެއްބަހެއްނުވެއެވެ. ދޫހެދުމަށް ވަޒީފާ ލިބުމުގެ ފުރުސަތު ގެއްލި އުއްމީދުވެސް ގެއްލިދިޔައީއެވެ. އެދިޔަގޮތަށް ގޮސް ވަނީ ދާރުލްއާސާރަށެވެ. އެތަނަކީ މުސްކުޅި އަދި ޒަމާންވީ އެއްޗެހި މީސްތަކުންނަށް ފެންނަފަށުގައި ބަހައްޓާފައި ހުންނަތަނެއްކަމުން، އެތާ އެލުވިގެން އަނގަމަޑުންލައިގެން މުސްކުޅި އެއްޗެހިތަކުގެ ތެރޭގައި އިނުމަށްޓަކައެވެ. އެކަމަކު ދޫހެދުން އިޚްތިޔާރުކުރީ ޒަމާނީ ޑައިވިން ސޫޓުގެކައިރިއެވެ. ދެޒަމާންވެސް ފެނިދާނެކަމުގެ އުންމީދުގައެވެ. އެތާހުރި ކޮނޑެއްގައި މާޔޫސްކަމާއިއެކު އެލުވިގެން އިނދެއްޖެއެވެ.
ބުރުގާ އުންމީދު ކަނޑާނުލާ ކުރިއަށް ދިޔައެވެ. މެދުޒިޔާރަތްމަގުން އިރަށް ހިނގަމުން ދިޔައެވެ. މުލިއާގެއާ ހަމަވުމުން އެގެއިން ފަހަރެއްގައި ވަޒީފާއެއް ލިބިދާނެކަމުގެ އުންމީދުގައި އެގޭ ދޮރުގައި ޓަކިދިނެވެ. ރައީސް ނަޝީދު ދޮރުހުޅުވާލިއެވެ. ހަމަ ބުރުގާފެނުމާ އެކު ބުރުގާގެ މޫނުމައްޗަށް ދޮރުޖެހިއެވެ. " ވައް ވައް ...." މިކަހަލަ އެއްޗެއް ކިޔަންފެށިހެން ހީވެއެވެ. ބުރުގާގެ ކުރިމަތީގައި ތަމްސީލުވެގެން ދިޔައީ މީގެ އަހަރުތަކެއްކުރީގެ މަންޒަރެކެވެ. ހަމަ މިގޮތަށް ވަޒީފާއެއް ލިބޭތޯ ތީމުގޭ ދޮރުގައި ޓަކިދިން ދުވަހެވެ. އެދުވަހު ދޮރުވެސް ނުހުޅުވައެވެ. ޓަކިދިނީ ބުރުގާކަން ވަގުތުން އެނގިއްޖެއެވެ. އެދުވަހު ތީމުގޭ ތެރޭން ރުޅިވެރިކަމާއެކު ލަވަންފެށި ހަޅޭކުގެ އަޑުކެނޑުނުތާ އަދިމިވީ އެންމެއަހަރެކެވެ. ފަހަރެއްގައި އެހަޅޭކުގެ އަޑު އިމުވުނު ދިވެހީން އެހަޅޭއްލެވިމީހާ މޮޔަވީކަމަށް ބަލާ ތަންކޮޅެއް މަތީހިސާބަކަށް ގެންދިޔައީކަން ނޭނގެއެވެ. އަޑު ނީވެނީ އެހެންވީމާ ކަންނޭނގެއެވެ. އެތަމްސީލީ މަންޒަރު ނިމުނުއިރު ބުރުގާއަށް ހުރެވުނީ ސިފައިންގެ ކުރިމަތީގައެވެ. ބަލާކަށް ނުހެރެ އެތެރެއަށް ދެމިގަތެވެ. އެތާތިބި ބައެއްޖިންސުންލަތީފުން ބުރުގާ ބަލައިގަތުމުން ބުރުގާގެ އުންމީދު އާވިއެވެ. ބުރުގާ މިއާވި އުންމީދާއެކު ދިޔައީ ބުރުގާގެ ފިހާރައަށެވެ. އެތެރެއަށް ވަދެ ބުރުގާގެ މަގާމުގައި އެލުވިގެން އިނދެއްޖެއެވެ. ދޮންމަންޖެ ފިހާރަކުރިމަތީން ހުރަސްކުރާނެ ވަގުތަކަށް އިންތިޒާރުގައެވެ.
ދޮންމަންޖެގެ އިންޓަވިއު ކުރިއަށްދަނީއެވެ. މޭކަޕުސާމާނަށް ވަރަށް ބޮޑުމުސާރައާއެކު ވަޒީފާލިބުނެވެ. ސެންޓުފުޅިތައްވެސް ހަމައެފަދައެވެ. އެތެރޭންލާ ހެދުންތަކަށް ހަމައެކަނި ވަޒީފާލިބުނީ ހަރުއެއްޗިއްސަށެވެ. އެމީހުންގެ ވަޒީފާއަކީ އެއޮފީހުގެ އެންމެއަގުބޮޑު ވަޒީފާއެވެ. މުސާރަވެސް ހަމައެހާބޮޑެވެ. އެވަޒީފާއަކީ އޮފީހުގެ އެންމެ އަގުބޮޑެތި އެއްޗެހި ރައްކާކުރާ ތިޖޫރީ ރައްކާތެރިކުރުމެވެ. ޓޮޕްކޮޅުތަކަށް ވަޒީފާލިބުމުގައި ކޮންމެވެސްވަރަކަށް ހުރަސްތަކެއް ކުރިމަތިވިއެވެ. ދޮންމަންޖެ، ޓޮޕްކޮޅު ވަޒީފާއަށް ކަމުދޭތޯ ހެޔޮވަރުކޮށްލަން ޓޮޕުކޮޅުލިއެވެ. އެތެރޭގެ ވަޒީފާއަދާކުރާ ހެދުމާއި ދޭތެރޭގައި މާގާތްކަމެއްނެތެވެ. ވައި ދަތުރުކުރެއެވެ. ކުޑަކޮށް ދޫކަމަށް ނިންމާ ވަޒީފާ ނުލިބޭނެކަމަށް ބުންޏެވެ. ޓޮޕްކޮޅު ދޮންމަންޖެގެ ހަންގަނޑާއި އެތެރޭން ލާފައިވާހެދުމާއި ދޭތެރޭން ވައިފޮދެއްވެސް ނުހިނގާވަރަށް ބާރުވެގަތެވެ. ދޮންމަންޖެ ލޯގަނޑު ކުރިމައްޗަށް ހުއްޓިލިއެވެ. މިހާރު ބަރާބަރަށް ދޮންމަންޖެގެ ހުރިހާވަނާތަށް ހާމަވެއެވެ. ޓޮޕްކޮޅަށް ދޮންމަންޖެގެ ވަޒީފާލިބުނީއެވެ. އަދި ޓޮޕްކޮޅާދޭތެރޭ ހިތްހަމަޖެހުނުލެއް ބޮޑުކަމުން ޓޮޕްކޮޅުކައިރީ އަހާލިއެވެ. ކަލޭތީ ލެކިއުޓުގެ ފެޝަންޝޯގައިބައިވެރިވި މީހެއްތޯއެވެ؟ އަހަރެންނަކީ ދޫކަމުންނާ ނިވާކަން ބޮޑުކަމުން އެތަނުން ބޭރުކޮށްލި މީހެކެވެ. ޓޮޕުކޮޅު ޖަވާބުދިނެވެ. ބެލް ހެޔޮވަރުކޮށްލިއިރު ބެލްގެ އަނގަމަތި ހީވީ ދޮން އާފަލެއްހެންނެވެ. އެފަދައިން ހުރި ޓޮޕްކޮޅުތަކަށާއި ބެލްތަކަށް ވަރަށް ބޮޑު މުސާރައާއެކު ވަޒީފާ ލިބުނެވެ.
އޮފީހުގެ މަސައްކަތް ކުރިއަށް ދާންފެށިއެވެ. މުވައްޒަފުން ހީވާގި ކޮށްލުމަށްޓަކައި ދޭތެރެދޭތެރެއިން ދޮވެހަދަންޖެހެއެވެ. އޮފީސް ހިނގަންފެށިތާ މާގިނަދުވަހެއްނުވެ، ވަރަށް ގަދައަށް ހިނގާ މަޝްހޫރު ކަން ހޯދިއެވެ. ފިރިހެން ވިޔަފާރިވެރީން އެ އޮފިސް ވަށާ މުގޯލިއަޅަންފެށިއެވެ. ހޯރައަޅާ ޒުވާނުންވެސް ވަކި މަދެއްނޫނެވެ. ކޮންމެމީހެއްގެ ވެސް ހިތުގެ ރާގަކީއެކައްޗެކެވެ. "މަށަށް މަށަށް" މިއެވެ. އެފަދައިން ދޮންމަންޖެ ކައިރިއަށް ޝެއަރ ހޯދުމަށް އަންނަމީހުން ޝެއަރ ނުލިބުނަސް ހިތްފުރިގެންދާފަހަރު އާދެއެވެ. ވާނީވެސް އެހެންތާއެވެ. ދޮންމަންޖެއަށް ބަލާލިއަސް އެއޮފީހުގެ ހުރިހާސިއްރުތައް ހާމަވެ ފާޅުވާންހުރެއެވެ.
ބުރުގާ އަދިވެސް ހަމަ ދޮންމަންޖެގެ އޮފީހުން ވަޒީފާ ލިބޭނެ ކަމުގެ އުންމީދު ކަނޑައެއްނުލައެވެ. ފާޅުގައި ބައެއްފަހަރު ދޮންމަންޖެގެ އޮފީހަށް ވަދެ ވަޒީފާ ލިބޭތޯސަލާންޖަހައެވެ. ކޮންމެފަހަރަކުވެސް އޮފީހުން ނިކުމެގެން ދާންޖެހެނީ އިލޮށިފަތީގެ ތަދު އިޙްސާސްކުރަމުންނެވެ. ބުރުގާ އިންނަފިހާރަ ކުރިމަތިން ދޮންމަންޖެ ދަންޏާ ބުރުގާއަށް އެއޮއްވާގޮތެކެވެ. ލަދުގަންނަ ގޮތަކަށް ހޫރިލާ ތުރުތުރު އަޅުވާލާ ބަނޑިބަނޑި ލައްވާލައެވެ. ދޮންމަންޖެއަށް ބުރުގާ ފެނިއްޖެނަމަ ރުޅީގެ މޫނުދައްކާލައެވެ. ތުން އަނބުރާލާފައި ބިންމަތީ ބާރުބާރަށް ފައިޖަހަމުން އަތުން ކުރުފަލި ޖަހަމުން ހިނގައިދާނެއެވެ. އެކަމަކުވެސް ބުރުގާގެ އުންމީދަކަށް ކުޑަވެސް ބަދަލެއްނާދެއެވެ.
ދޮންމަންޖެ ނިދާކޮޓަރިއާ ދިމާބޭރުގައި ދޮންމަންޖެގެ ނިދީގައި ލާ ނޭވާގެ އަޑުއަހާލުމަށް މަޑުކޮށްގެން ހުންނަ ފަހަރުވެސް މަދެއްނުވާނެއެވެ. އެހެން ހުންނައިރުވެސް ހުންނަނީ ވަޒީފާ ލިބޭތޯ ދުޢާކޮށްލަކޮށްލައެވެ. ބައެއްފަހަރު ދޮންމަންޖެ ނިދާ އެނދުދަށުގައި އޮވެ ދޮންމަންޖެ ގަދައަށް ނިދުމުން ނިކުމެ ދޮންމަންޖެގެ ބޯހިއްލާލައި އަމިއްލައަށް ދޮންމަންޖެގެ ބޮލުގައި އެޅުވިގެން އޮވެއެވެ. އަދި ބައެއްފަހަރު ލޯގަނޑުގެނެސް ފަރިބަލާލައެވެ. ހާދަހާރީއްޗެވެ. ހާދަހާވާ ލޯތްބެވެ. ދޮންމަންޖެ އެންމެ ފަހަރަކު އެމަންޒަރު ފެނުނުނަސް ވަގުތުން ބުރުގާއަށް ވަޒީފާ ދޭނެއެވެ. އެހެން އޮވެ ދޮންމަންޖެ ހޭލަން ކައިރިވާއިރަށް އަލަމާރިއަށް ވަދެ ހެދުންތަކުގެތެރޭގައި ފިލާ ބޮނދައެވެ. އެހެން އޮންނައިރު ދޮންމަންޖެލާ އެހެނިހެން އަންނައުނަށް ނަޞީޙަތްދީހަދައެވެ. ﷲ ރުއްސަވާގޮތަށް އުޅެ ދޮންމަންޖެއަށް އަންނަ ނުރައްކާތަކުން ސަލާމަތްކުރާނެގޮތް ކިޔައިދީހަދައެވެ. އެހާވަރުންވެސް ދޮންމަންޖެއަށް އެހީވާންބެނުންވެއެވެ.
އެއްދުވަހަކު ބުރުގާ އަލަމާރީގައި ފިލާ އޮއްވައި ފިރިހެނަކު ދޮންމަންޖެގެ ޝެއާރ ގަތުމަށް އަތުވެއްޖެއެވެ. އެމީހާ އަކީ ބުރުގާ ދެކެ ވަރަށް ރުޅިއަރާ މީހެކެވެ. ބުރުގާއަޅާ ކުދިންގެ ބުރުގާ ނަގުވައި ބުރުގާ ނުނަގާ ކުދީންނަށް މަލާމަތް ކޮށްހަދާމީހެކެވެ. ބުރުގާއަށް މިމީހާއަކީ ކާކުކަން ރަނގަޅަށް އެނގެއެވެ. ބުރުގާ އިނީ ދޮންމަންޖެ އެފިރިހެން މީހާގެ އޮފާރ ގަބޫލުކޮށްފާނެތީ ވަރަށް ބިރުންނެވެ. އެމީހާއަކީ ދޮންމަންޖެ ވަރަށް ހިތްކިޔާ މީހެއްކަމުން ވަގުތުން އެއޮފާރ ޤަބޫލުކުރިއެވެ. ދެމީހުން ގުޅުނުކަމުގެ އެއްވެސް ސެޓްފިކެޓެއް ނެތެވެ. ދެމީހުންގެ އެ އެއްބަސް ވުމަކީ ދީނީގޮތުންވެސް ހުއްދަނުވާކަހަލަ އެއްބަސްވުމެކެވެ. ދޮންމަންޖެ އޭނާގެ އޮފީހުގެ ހުރިހާ ސިއްރުތަކެއް ކިޔައިދެމުންދިޔައެވެ. ބުރުގާ އަށްވެސް އަދި ދޮންމަންޖެގެ ވަޒީފާގައިތިބި ހެދުންތަކަށްވެސް މިވާނުވާ އެބައެނގެއެވެ. އެމީހުންގެ ވަޒީފާ ގެއްލެން އުޅޭކަހަލައެވެ. އެހެދުންތަކަށް ރޮވެންފެށިއެވެ. ފައިބަމުން ދިޔަކަރުނަތަކުގެ ސަބަބުން ތެމިފޯވާން ފަށައިފިއެވެ. ބުރުގާ ބުނި ފަދައިން ދޮންމަންޖެގެ ގައިގައި ބާރަށް ހިފަހައްޓާން ފަށައިފިއެވެ. އެފިރިހެންމީހާ ދޮންމަންޖެއަށް ނުފޫޒު ފޯރުވަފާނެތީއެވެ. ނޫންނަމަ ދޮންމަންޖެ ވަރަށް ފުން އަނދަވަޅަކަށް ވެއްޓިދާނެއެވެ. ނަމަވެސް ކުރާނެކަމެއްނެތެވެ. ދޮންމަންޖެގެ މުޅި އޮފީހުގައި އެނުލަފާ ފިރިހެންމީހާގެ މަކަރުވެރި ވަކިތައް ވާ އަތްގަދަކުރީއެވެ. ހެދުންތަން ވަރަށް ބާރުދެއްކިއެވެ. ނަމަވެސް އެފިރިހެންމީހާ މާބާރުގަދައެވެ. ފަހަރަކު ހެދުމެއްގެ ވަޒީފާގެއްލި މަޑުމަޑުން ހުރިހާ ސިއްރެއް ކަޝްފުވަމުންގޮސް އެކީ ހާމަވީއެވެ. ދޮންމަންޖެގެ ހޭވެރިކަން ދިޔައީއެވެ. އެނުބައިނުލަފާ ފިރިހެންމީހާގެ މަކަރުވެރި ރޭވުންތަކުން ތިޖޫރީ ހިމާޔަތްކުރަން ހުރި ވަރުގަދަ ހެދުންވެސް ފަސޭހަކަމާއެކު ބަލިކޮށް ދޮންމަންޖެ ފޮރުވާފައިވާ އަގުބޮޑު ޚަޒާނާތައް ފޭރިގަތީއެވެ. ތިޖޫރީއަށް ވައިރަސް ފޯރުކުރެވިއްޖެކަމަށް ބަލައި ފިލާރައްކާވެއްޖެއެވެ. ފިލާއިން
ބުރުގާ ގިސްލަގިސްލާފައި ރޮނީއެވެ. އެގިސްލުމަކަށް ބުރުގާއަކަށް ބާރެއްނުފޯރުވުނެވެ. އެހެންހުރިހާ އަންނައުނެއްވެސް އެގިސްލިމުގައި ބައިވެރިވިއެވެ.
ދޮންމަންޖެ ހޭވެރިކަންވީ ޖެހިގެންއައިދުވަހު ހެދުނެވެ. ކުއްލިއަކަށްތެދުވެ ޕާޓުނަރު ކޮބައިތޯބަލާލިއެވެ. ޖެހުނުތާ ލަކުނުވެސްނެތެވެ. އޮފީސް ހުރީ ހުޅުވާ އަޅާފައެވެ. ދޮންމަންޖެއަށް ގިސްލެވެންފެށިއެވެ. ފަހަރަކަށްވުރެ ފަހަރެއް ގަދަވަމުންގޮސް ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. އެހާލުގައިވެސް އަވަސްއަވަހަށް ވަޒީފާގައިތިބި ހެދުންތައް ފެނޭތޯބެލިއެވެ. ހެދުންތައް ތިބީ އެކަތިމައްޗަށް އަނެކަތި އަރާ ބިއްމަތީ ގުޅަވެށިފައެވެ. ހެދުންތައްވެސް ގިސްލަގިސްލާ ރޮނީއެވެ. ދޮންމަންޖެގެ ޢިއްފަތްތެރިކަން ފޭރިގަތީއެވެ. އުމުރުދުވަހު ރައްކާކޮށްގެން ގެންގުޅުނު ޚަޒާނާތައް ފޭރިގަތީއެވެ. ދުނިޔެއަށް ބޭކާރުވީއެވެ. މުޅިދުނިޔެ މަލާމާތްކުރާހެންވެސް ހީވެއެވެ. މީހާގެ ވަށައިގެން އަނދިރިވާހެންވެސް ހީވެއެވެ. ބުރުގާ އަކަށް އެތަންބަލާކަށް ކެތެއްނުކުރެވުނެވެ. ދުވެފައިގޮސް ދޮންމަންޖެގެ ކަރުނަތައް ފޮހެދޭންފެށިއެވެ. ލޯތްބާ އެކު ނަޞީޙަތްދޭންފެށިއެވެ. ﷲގެ ޙަޟުރަތުން އުއްމީދުކަނޑާނުލުމަށާއި ތައުބާވެ އަލުން ދުނިޔޭގެ ޙަޔާތް ފެށުމަށް ހިތްވަރުދިނެވެ. ﷲ އީ އަޅުތަކުންނަށް ކުރެވޭފާފަތައް ފުއްސަވައިދެއްވަވާ އިލާހުކަން އިހްސާސްކޮށްދިނެވެ. ވަރަށް ހިތްވަރުދިނެވެ. ދޮންމަންޖެ ބޭއިޚްތިޔާރުގައި ބުރުގާނަގާ މޫނުމަތީ ބޮނޑިކޮށްލިއެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ހުސްވެގެންދިޔައީ ބުރުގާގެ އެތެރެއަށެވެ. މޫނުމަތިން ބުރުގާނަގައި ބޮލުގައި އަޅާލިއެވެ. ދޮންމަންޖެގެ ހިތުގައި އުންމީދުގެ އަލިކަން ފާޅުވާންފެށިއެވެ. ދެން މިއަށްފަހު ﷲ ރުއްސަވާމަގުގައި ނޫނީ އެއްވެސް ފިޔަވަޅެއްނޭޅުމަށް ޢަޒުމްކަނޑައެޅިއެވެ. ދުވެފައިގޮސް ހުއްޓުނީ ލޯގަނޑު ކުރިމައްޗަށެވެ. ބުރުގާ އިނީ ލޯތްބާއި ކުލުނާއެކު ދޮންމަންޖެގެ ބުރަކަށީގައި ފިރުމާލަފިރުމާލައެވެ. ދޮންމަންޖެގެ ސޫރަ ފެނުނީ މުޅީން އެހެންގޮތަކަށެވެ. މިހުރެވުނީއެހެން ދުނިޔެއެއްގައެވެ. ދޮންމަންޖެގެ ރީތިކަން އިތުރުކުރުވީ ދޮންމަންޖެދެކެ ޙަޤީޤަތުގައިވެސް ލޯބިވާ ބުރުގާއެވެ. ހާދަހާވާލޯތްބެވެ. އުފަލުންގޮސް ބުރުގާގައި އޮޅުލައިގަނެވުނެވެ. އެތާ އަމިއްލަ ސޫރައަށް ބަލަން އެތައްއިރަކު ހުރެވުނެވެ. ބުރުގާގެ ދެބެންނަށް ކުރީން ހެދުނުގޮތް ހިތަށް އަރާ ލަދުގަންނަގޮތްވިއެވެ. އެދުވަހުވެސް ބުރުގާމެންގެ އުސޫލުތަކަށް ތަބާވެވުނުނަމަ މިދިމާވި ކަންކަން ދިމާނުވީހެވެ. ދޮންމަންޖެއަށް ﷲގެ އޯގާވަންތަކަން ހިތްމައްޗަށްގެނެވުނެވެ. އެއިލާހަށް ޝުކުރުއަދާކުރިއެވެ. ދެންދުވަހަކުވެސް ކުރީން އުޅުނު ހަޔާތަށް އެނބުރި ނުދިއުމަށް ޢަޒުމްކަނޑައެޅިއެވެ. ކުޑައިރުކޮޅެއްފަހުން ފެންވަރައި ތާހިރުވުމަށްޓަކައި ފާޚާނާއަށް ވަނުމަށް ބުރުގާ ނަގައި ވަރަށްލޯތްބާއެކު އެނދުމަތީ ބާއްވާލިއެވެ. ދޮންމަންޖެ ފާޚާނާއަށް ވަނުމުން ބުރުގާ ދުވެފައި ދިޔައީ ދާރުލްއާސާރަށެވެ. ބުރުގާގެ ޕާޓުނަރުބަލައެވެ. ކަންހިނގިގޮތް ކިޔާދިނުމުން ދޫހެދުން ވަރަށް ދެރަވިއެވެ. އަދި އުފާވީ ދެބެންނަށްވެސް ވަޒީފާ ލިބުމުންނެވެ. ދެބެން އައިސް ދޮންމަންޖެ ފާޚާނާއިން ނުކުތުމުގެ އިންތިޒާރުގައި ތިބީ އެދުމަތީ އޮށޯވެލައިގެންނެވެ. ފާޚާނާއިން ނުކުތުމުން އުފަލާއެކު މަރުޙަބާކީ ބުރުގާއާއި ދޫހެދުމެވެ. ދޮންމަންޖެވެސް ވަރަށް އުފާވިއެވެ. މުޅިންއެހެން ޙަޔާތަކަށް އިރުއެރީއެވެ. ދޮންމަންޖެ ރީތިވެ ދޫހެދުންލައި ބުރުގާއަޅާލިއެވެ. ދޮންމަންޖެގެ އެއްވެސް މުވައްޒަފެއްގެ ވަޒީފާއެއް ނުގެއްލެއެވެ. ދޮންމަންޖެގެ މަންމަ މީގެ އަހަރުތަކެއްކުރީން ޙައްޖުން ގެނެސްދިން މުސައްލަނަގައި ޤިބުލައަށްވާގޮތަށް އަޅާލިއެވެ. އެދުވަހު ފާއިތުވި ފަތިސްނަމާދު ކުރީއެވެ. ދުވަހަކުވެސް ނުލިބޭ ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. ދޮންމަންޖެ ހިތަށްއެރިއެވެ. މީ ހާދައުފާވެރި ޙަޔާތެކެވެ. ﷲ އީ އެންމެ އޯގާވަންތައިލާހެވެ. އެއިލާހު އެންގެވި ގޮތަށް އުޅުމުން ހާދަހާހިތްހަމަޖެހެއެވެ.
އެގޮތުގައި ދުވަސްތައް ވޭތުވަމުންދެއެވެ. އެއްދުވަހަކު ދޮންމަންޖެ ކައިގެން ކުޑައިރުކޮޅެއް ވީތަނާ ވަރަށް ގިނައިން ހޮޑުލެވެންފެށުނެވެ. ހިތަށް ބިރުވެރިކަންވަނެވެ. އަދި އިތުރަށް ބިރުގަތީ އެދުވަހު އެއުޅުނު ޕާޓުނަރު މަތިންހިތަށް އަރާފައެވެ. އޭނައަކީ އެތައް އަންހެނުންނާއެކު ޖިންސީގުޅުން ހިންގަމުން ދުވާމީހެކެވެ. ފަހަރެއްގައި އޭނާގެ ގައިގާ އެއިޑްސްގެ ވައިރަސް ހުރެ ދޮންމަންޖެގެ ހަށިގަނޑަށް އެވައިރަސް ވާރުތަކޮށްފާނެތީއެވެ. ނަމަވެސް ﷲގެ ޙަޟްރަތުން އުންމީދު ކަނޑައެއްނުލައެވެ. ބުރުގާބުންޏެވެ. އެއިލާހަށް ދުޢާކުރާށެވެ. އަދި ހެޔޮގޮތަށް އުއްމީދުކުރާށެވެ. އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެއެވެ. ބުރުގާދިން ނަޞީޙަތުގައިހިފާ ދޮންމަންޖެ ޓެސްޓުކުރުމަށް ހޮސްޕިޓަލަށް ދިޔައެވެ. ޙަމްދު ހުރީ ﷲ އަށެވެ. ދޮންމަންޖެގެ ގައިގާ އެނުބައި ނުލަފާ ފިރިހެންމީހާގެ އެއްވެސް އަސަރެއްނެތެވެ. އެއިޑްސްގެ ބިރުވެރިކަންވެސް ފިލާދިޔައީއެވެ. މިހާރު ދޮންމަންޖެއަކީ ވަރަށް ސާލިޙު ރަނގު މީހެއްގެ އަންބެކެވެ. ދެކުދީންގެ މަންމައެކެވެ. ދޮންމަންޖެގެ ދުޢާއަކީ ދެމަފިރީން، އެ ދެކުދީންނާއެކު ސުވަރުގޭގައިވުމެވެ. ﷲގެ ރަޙްމަތަށް ދިޔުމެވެ. ބުރުގާ މިހާރު ތިބާޔާ އެމުޚާތަބުކުރަނީއެވެ. އަހަރެން ދޮންމަންޖެއަށް ދިމާވި މިޙާދިސާ ތިބާއަށް މިކަޝްފުކުރީއެވެ، ކަޝްފު ކުރެވިގެންވާ ކޮންމެއެއްޗަކުންވެސް މީހުން ފައިދާ ހާސިލްކުރެއެވެ. ތިބާވެސް ކަޝްފުކުރެވިގެންވާ މިޙާދިސާއިން ފައިދާ ލިބިގަންނާށެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

2 comments:

  1. very true...a gud lesson for those who wear hijab n those who don't

    ReplyDelete
  2. varah reethi ibrahtheri vaahakaeh...Masha Allah.. Insha Allah, aharamenge islamee emmeha uhthunnakyves burugaa adhi dhoo hedhumah mi agubodu vazyfa dhevva baeh kamuga lavvashi.ameen.

    ReplyDelete