Showing posts with label އަލްއުޚްތު ޚަދީޖާ އިސްމާޢިލް. Show all posts
Showing posts with label އަލްއުޚްތު ޚަދީޖާ އިސްމާޢިލް. Show all posts

4.12.2012

ރަނގަޅު ބެލެނިވެރިއަކަށް ވުމަށް ކުރުން މުހިންމު ކަންކަން

އަލްއުޚްތު ޚަދީޖާ އިސްމާޢިލް
ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަކީ އެންމެ ބުރަ މަސައްކަތުގެ ތެރޭގައި ހިމެނޭ އަދި އެންމެ ހިތްހަމަޖެހުން ގެނެސްދޭ އެއްކަމެވެ. އެއީ އެކަމަށް ތައްޔާރުވެވޭތޯ މަސައްކަތް ކުރިއަސް އެކަށީގެންވާ ވަރަށް ތައްޔާރުވެވިފައި ނުވާކަމުގެ އިޙްސާސް ގެނުވާ މަސައްކަތެކެވެ. ކަންބޮޑުވާންޖޭހޭ ފަހަރާއި ހާސްވާންޖެހޭ ފަހަރު އަދި ހަދާނެ ގޮތް ހުސްވީއޭ ހީވާ ފަހަރުވެސް އަންނާނެއެވެ. މި ދަންނަވާލަނީ ދަރިން ބަލާ ބޮޑު ކުރުމުގައި އެޅިދާނެ ބައެއް މުހިއްމު ފިޔަވަޅު ތަކެވެ. ކަމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މިފަދަ ފިޔަވަޅުތައް އަޅަމުން ދާނަމަ ބެލެނިވެރިންނަށް ހިތްހަމަ ޖެހުން ލިބި އަދި ދަރިފުޅުގެ ފަރާތުން ލިބޭ އުފާވެރިކަން ބޮޑުވާނެއެވެ.

1. އަމިއްލަ ނަފްސަށް ކުރާ ޤަދަރު މަތިކުރާށެވެ.
ކުއްޖާ ދާދި ކުޑައިރު އަމިއްލަ ނަފްސާ ދޭތެރޭ ވިސްނަން ފަށައެވެ. ތިމާ އަކީ ކާކުކަން އޭނައަށް ފެންނާނީ ބެލެނިވެރިޔާގެ ނަޒަރުންނެވެ. ބެލެނިވެރިޔާ ދައްކާ ވާހަކައާއި ކުއްޖާއާ ދޭތެރޭ ކަންތައް ކުރާ ގޮތް ކުއްޖާ ފާހަގަ ކުރަމުން ދާނެއެވެ. ވާހަކަދެއްކުމުގައި ގެންގުޅޭ ރާގާއި، ބަސް ބުނެ އުޅޭ ގޮތް ނަގައިގަންނާނެއެވެ. ކުއްޖާ އޭނާގެ އަމިއްލަ ނަފްސަށް ކުރާ ޤަދަރު އަދި އިތުބާރު ބިނާ ވެފައި އޮންނާނީ އޭނާގެ ބެލެނިވެރިޔާގެ ފަރާތުން އިވޭ އަޑުތަކާއި ބެލެނިވެރިޔާ ކަންތައް ކުރާ ގޮތުގެ މައްޗަށެވެ. ނަފްސުގެ ޤަދަރު މަތިކުރުމަށް ކުއްޖާ ކުރާ ރަނގަޅު ކަންތަކަށް، އެއީ ކިތައްމެ ކުޑަ ކަމަކަށް ވިޔަސް، ތަޢުރީފުކޮށް ހިތްވަރު ދޭށެވެ. އެކުރެވުނު ކަންތަކާ ފަޚްރުވެރި ކުރުވާށެވެ. އޭނާއަށް ކުރެވޭވަރުގެ ކަންތައް އަމިއްލައަށް ކުރުމުގެ މިނިވަންކަން ދިނުމުން އޭނައަށް ވެސް ކަންތައްތައް ކުރެވޭކަމަށް ވިސްނި ނަފްސަށް ކުރާ ޤަދަރު މަތިވާނެއެވެ. އެއާ އިދިކޮޅަށް ކުއްޖާ ނިކަމެތި ކޮށް ދެރަ ކޮށްލާފަދަ ބަސްބުނެ އެހެން ކުދިންނާއި ނުރަނގަޅު ގޮތުގައި އަޅާކިޔާނަމަ ކުއްޖާއަށް އޭނާއަކީ އަގެއްނެތް މީހެއްގެ ގޮތުގައި ވިސްނެން ފަށައެވެ.

ވީމާ ކުދިން ނިކަމެތި ކުރުވާފަދަ ބަސް ނުބުނުމަށް ސަމާލުވާން ވާނެއެވެ. ޖިސްމާނީ ގޮތުން ލިބޭ އަނިޔާ އަށްވުރެ ނަފްސާނީގޮތުން ލިބޭ އަނިޔާގެ އަސަރު ގިނަދުވަހު ދެމިހުންނާނެއެވެ. އެހެންކަމުން ކުދިންނާ ދޭތެރޭ ރަޙުމް ބަހައްޓާ، ވިސްނާނުލައި ބަސް ނުބުނުމަށް ސަމާލުވާށެވެ. ކުއްޖާ ކުރާ ކަމަކާ ދޭތެރޭ ހިތްހަމަނުޖެހުނަސް ކުއްޖާ ގޯސް ނޫންކަމާއި، ގޯހީ ކުއްޖާއަށް ކުރެވުނު ޢަމަލުކަން، އަދި ކޮންމެ މީހަކުވެސް ކުށެއް ކުރެވިދާނެކަން ވިސްނައިދޭށެވެ. ކުއްޖާދެކެ ލޯބިވާކަން އަންގައި ދޭށެވެ.

2. ކުރާ ރަނގަޅު ކަންތައް ފާހަގަ ކުރާށެވެ.
ތިމާ ހިތްހަމަ ނުޖެހޭ ގޮތަކަށް ކުއްޖާ ކަންތައްކުރާ ކޮންމެ ފަހަރަކު ފާޑުކިޔެނީ ކުއްޖާ ކަންތައްތައް އިސްލާހު ކުރޭތޯއެވެ. ތިމާކުރާ ކަންތައްތައް ހިތްހަމަނުޖެހި މީހަކު އަބަދު އަބަދު ފާޑުކިޔާނަމަ ވާނީ ކިހިނެއްތޯ ވިސްނާލާށެވެ. ކަންތައްތައް އިސްލާހު ކުރަން ބޭނުން ނަމަ އެންމެ ރަނގަޅު ގޮތަކީ ކުއްޖާ ކުރާ ރަނގަޅު ކަންތައްތައް ފާހަގަކޮށް ތަޢުރީފްކުރުމެވެ. މިސާލަކަށް އެކުގެއި ކުޅެން އުޅޭ އެހެންކުއްޖަކާ ދޭތެރޭ ކުއްޖާ ރަނގަޅު ގޮތުގައި ކަންތައް ބަހައްޓައިފި ނަމަ ވަރަށް ރަނގަޅު ކަމަށް ބުނެ ތަޢުރީފު ކުރާށެވެ. މިފަދައިން ކުރާ ތަޢްރީފުގެ ހެޔޮ ނަތީޖާ ގިނަ ދުވަސްތަކެއްގެ ފަހުން ފެންނާނެއެވެ. އެއްޗެތި ކިޔާ އަދި ފާޑު ކިޔުމުން ނުފެންނާނެ ހެޔޮ ނަތީޖާއެވެ. ކުއްޖާއަށް ތަޢުރީފުކުރެވޭ ފަދަ އެއްކަމެއް ކޮންމެ ދުވަހަކުވެސް ފާހަގަ ކުރާށެވެ. އެންމެ މަދުވެގެން އެއްކަމެކެވެ. އެފަދަ ކޮންމެ ވަގުތަކު ކުއްޖާ އަށް ލޯބި ދިނުމުގެ ގޮތުން ބައްދާލާ އަދި ކުއްޖާ އުފާވާނޭ ފަދަ ބަސް ބުނާނަމަ އަޖައިބުވަނިވި ނަތީޖާ ފެންނާނެއެވެ. ގެންނަންބޭނުންވާ ބަދަލު ފެންނާއެވެ.

3. ޙައްދު ކަނޑައަޅައި އަޚްލާގީ މިންގަނޑު ހިފަހައްޓާށެވެ.
ކުއްޖާގެ އަޚްލާގު ރަނގަޅުކޮށް އަމިއްލަ ނަފްސު ކޮންޓުރޯލް ކުރަން ދަސްކޮށްދިނުމަކީ ތަރުބިއްޔަތުގެ މުހިއްމު އެއްބައެވެ. ކުއްޖާއަށްޓަކާ ތިމާ ކަނޑައަޅާ ޙައްދުތަކާއި މިންގަނޑުތައް ކުއްޖާ އަބަދުވެސް ޓެސްޓު ކުރާނެއެވެ. ހަރުދަނާ އަދި ޒިންމާދާރު ބަޔަކަށް ދަރިން ހެދުމަށް އެޙައްދުތަކާއި މިންގަނޑުތަކުގައި ހިފެހެއްޓުމަށް ކުއްޖާއަށް ދަސްކޮށް ދޭންޖެހެއެވެ. ގޭތެރޭގެ ގަވާއިދުތަކެއް ހެދުމުން ތިމާ، ކުއްޖާގެ ފަރާތުން އެދެނީ ކޮންކޮން ކަންތައްތަކެއްކަން ކުއްޖާއަށް ވިސްނޭނެއެވެ.

މިސާލަކަށް، ފިލާވަޅު ނުހަދާ ޓީވީ ނުބެލޭނެކަން އަދި އެހެން ކުއްޖެއްގެ ގައިގާ ޖަހައިގެން ނުވާނެކަން މިފަދަ ޤަވާއިދުތަކުގެ ތެރޭގައި ހިމެނިދާނެއެވެ. އަދި ޤަވާއިދެއްގެ ގޮތުން ޓީވީ ބެލުމާއި ކުޅުމަށްވެސް ވަގުތު ކަނޑައެޅިދާނެއެވެ. މިފަދަ ޤަވާއިދުތަކެއް ހެދުމަށްފަހު ތީމާ ސަމާލުވާން ޖެހޭ ކަންތައްތަކެއް ވެއެވެ. ޤަވައިދާ އެއްގޮތައް ކުއްޖާ ކަންތައް ނުކޮށްފިނަމަ ދެން ކަންތައްވާނެ ގޮތް ކުއްޖާއަށް އަގައިދޭން ޖެހެއެވެ. ނުހިފެއްޓިއްޖެ ނަމަ ޤަވާއިދުތައް އެއީ ކުއްޖާއަށް އެއްވެސް މުހިއްމު އެއްޗެއްނޫނެވެ. މިސާލަކަށް، އެހެން ކުއްޖެއްގެ ގައިގާ ޖަހައިފިނަމަ ކުރާހިތްވާ ކޮންމެވެސް ކަމެއް އެދުވަހު ނުކުރެވޭނެކަން އެންގިދާނެއެވެ. ދެން އޮންނާނީ ތިމާގެ ބަހުގައި ތިމާ ހިފެހެއްޓުމެވެ. ކުއްޖާގެ ފަރާތުން އެދެވެނީ ކޮންކޮން ކަންތައްތަކެއްކަން ކުއްޖާއަށް ވިސްނެމުންދާނެއެވެ.

4. ކުއްޖާއަށްޓަކައި ވަގުތު ހުސްކުރާށެވެ.
ކުރަން ހުންނަ ކަންތައް ގިނަވުމުން ބެލެނިވެރިންނަށް ކުއްޖާއާއި އެކު ހޭދަ ކުރަން ވަގުތު ނުވާ ފަހަރު އާދެއެވެ. ކުއްޖާއަށްޓަކައި ހުސްކުރާ ވަގުތެވެ. މިފަދަ ވަގުތަކީ ކުއްޖާއަށް ވަރަށް މުހިއްމު ވަގުތުތަކެކެވެ. ފަތިހާ ތެދުވެ ދަރިފުޅާ އެކީ ނާސްތާކޮށް ހިނގާލަންގޮސް ހެދުމުން ކުއްޖާ އެދޭ ސަމާލުކަން ނުދެވޭނަމަ ސަމާލުކަން ހޯދާނެ އެހެން ގޮތެއް ކުއްޖާހޯދައެވެ. ކުއްޖާ ބަސްނާހަން ފަށައެވެ.

ދަރިންނަށްޓަކައި ވަގުތު ހުސްކުރުމަށް ސަމާލުކަންދޭ ބައެއް ބެލެނިވެރިން އެވަގުތުތައް ކުރީގައި ކަނޑައަޅައެވެ. މިސާލަކަށް ހަފްތާގެ ވަކި ރެއެއް އެއީ ކުދިންނާއި އެކު ބޭރަށް ގޮސް އުފާ ކުރުމަށް އޮންނަ ޚާއްޞަ ރެއެއްކަމަށް ކަނޑައަޅައެވެ. އުމުރުން ބާރަ ތޭރަ އަހަރުގައި މިފަދަ ވަގުތު ތަކަށް އެކުދިން ހުންނަށް ޝައުގުވެރިކަން ކުޑަވިޔަސް އަބަދުވެސް ވާހަކަ ދެއްކުމުގެ ފުރުސަތު އެކުދިންނަށް ދިނުން ވަރަށް މުހިއްމެވެ. އެކުދިންނާ ގުޅުން ބަދަހިވާނޭ ފަދަ ކަންތައް ކުރުން މުހިއްމެވެ. މިސާލަކަށް އެކުގައި ފުޓުބޯޅަ މެޗެއް ބަލައިލެވިދާނެއެވެ. މިފަދައިން ގުޅުން ބަދަހި ކުރުމުން ކުއްޖާ ދަސްވެ ކުއްޖާގެ ރަޙްމަތްތެރިން ވެސް ދަސްވަމުން ދާނެއެވެ.

އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ބެލެނިވެރިންނަށް ދަރިފުޅާއެކު ގިނަ ވަގުތުތަކެއް ހޭދަ ނުކުރެވިދާނެއެވެ. ނަމަވެސް ކުއްޖާއާއެކު ހޭދަކުރާ ކިތައްމެ ކުޑަ ވަގުތުކޮޅަކީވެސް ކުއްޖާއަށް މުހިއްމު ވަގުތުކޮޅެއްކަން ހަނދާން ކުރާށެވެ. އެކުގައި ކުރާ ކުދި ކުދި ކައްތައްވެސް ކުއްޖާ ހަނދާން ކުރާނެއެވެ.

5. ހެޔޮ މިސާލަކަށް ވާށެވެ.
ބެލެނިވެރިން ކުރާ ކޮންމެ ކަމަކީ ކުއްޖާއަށް ވަރަށް މުހިއްމު ކަމެކެވެ. ކުއްޖާ ކަންތައްތައް ކުރަން ބޭނުންވަނީ ބެލެނިވެރިން ކަންތައް ކުރާ ގޮތަށެވެ. އުމުރުން ހަގުވިވަރަކަށް ކުދިން ބެލެނިވެރިންގެ ކަންތައްތައް ފާހަގަކޮށް ނަކަލު ކުރުމަށް އެދެއެވެ. އެހެންކަމުން ތިމާ ކަމަކާ ރުޅިއައިސް ތަކެތި ސުންނާފަތި ކުރަން ފެށުމުގެ ކުރިން ވިސްނާލާށެވެ. ތިމާގެ ދަރިފުޅު ރުޅި އަންނަ ކޮންމެ ފަހަރަކު އެފަދަ ކަންތައް ކުރުމަށް ތިމާ އެދޭ ހެއްޔެވެ؟ ތިމާ ކުރާ ކަންތައް ދަރިފުޅު ބަލަމުން ދާކަން ވިސްނާލާށެވެ. ދިރާސާތަކުން ދައްކާގޮތުން އެހެންކުދިންނާ ރުޅި ހަދާ، ތޮޅެ އަދި ޒުވާބުކުރާ ކުދިންނަކީ ގޭތެރެއިން އެފަދަ މިސާލުތައް ދެކޭ ކުދިންނެވެ.

ވީމާ ބެލެނިވެރިންނަކީ ކުދިންނަށް ހުރި ރަނގަޅު މިސާލެއްކަމަށް ވާންޖެހެއެވެ. އެހެން މީހުންނަށް އިޙްތިރާމް ކުރާ ރަޙްމަތްތެރި، ތެދުވެރި ބަޔަކަށް ވާންޖެހެއެވެ. އޯގާތެރި އަދި ކެތްތެރި ބަޔަކަށް ވާންޖެހެއެވެ. އަމިއްލަ އެދުންތަކަށް ވުރެ އެހެންމީހުންގެ އެދުންތަކަށް އިސްކަންދޭ ބަޔަކަށް ވާންޖެހެއެވެ. ބަދަލަކަށް ނުއެދި ހިތްހެޔޮކަމާއެކީ މީހުންނަށް ކަންތައް ކޮށްދޭ މީހަކަށް ބަޔަކަށް ވާންޖެހެއެވެ. ކުއްޖާގެ ކިބައިގާ އެ ސިފަތައްވުމަށް އެދޭނަމައެވެ. ތިމާ އާއި ދޭތެރޭ އެހެން މީހުން ކަންތައް ކުރުމަށް ތިމާ އެދޭ ގޮތަށް، ތިމާގެ ދަރިފުޅާ ދޭތެރޭ ކަންތައް ކުރާށެވެ.

6. މުވާސަލާތް ކުރުމަށް އިސްކަން ދޭށެވެ.
ކުއްޖާ ކައިރީ ކަމެއް ކުރުމަށް ބުނެ އެކަމެއް ކުރަން ބުނީ ކީއްވެގެންކަން ކުއްޖާއަށް ތިމާ ބުނެ ނުދޭނަމަ އެކަމެއްގެ މުހިއްމުކަމެއް ކުއްޖާއަކަށް ނުވިސްނޭނެއެވެ. އަދި އެކަމަށް ދެވޭ ސަމާލުކަން ވެސް ކުޑަވާނެއެވެ. މިސާލެއް ނަގާނަމަ ކޮޓަރިން ނުކުންނަމުން ހޮޅިބުރި ނިންވާލުމަށް ބުނެފައި ނިންވާލަން ޖެހެނީ ކީއްވެގެން ކަން ކުއްޖާއަށް ވިސްނާނުދެވޭނަމަ އެކަމަށް ދެވޭ ސަމާލުކަން ކުޑަވެ ހޮޅިބުރި ނިންވާލަން ޖެހެނީ ކީއްވެގެންކަމާއި ނިއްވާ ނުލުމުން ވާނެ ގޮތް ކުއްޖާއަށް ކިޔައި ދެވިފައި ވާނަމަ އެކަމަށް ދެވޭ ސަމާލުކަން ބޮޑުވެއެވެ.
ބޮޑެތި މީހުންނެކޭ އެއްފަދައިން ކުދިންގެ ހިތުގައިވެސް ސުވާލު އުފެދޭނެއެވެ. އަދި އެސުއާލުތަކުގެ ޖަވާބު ހޯދުމަށް އެދޭނެއެވެ. ބެލެނިވެރިންގެ ފަރާތުން ޖަވާބު ނުލިބޭނަމަ ކަންތައްތައް ކުރުމުގެ ބޭނުމާމެދު ހިތުގައި ޝައްކު އުފެދުން އެކަށީގެންވެއެވެ. ވީމާ ކުދިންނަށް ކަންތައްތައް އޮޅުން ފިލުވައި ދިނުން މުހިއްމެވެ. ތިމަ ކުއްޖާގެ ކިބައިން އެދެނީ ކޮންކޮން ކަންތައްތަކެއްކަން ސާފުކޮށްދޭށެވެ. އަދި އިތުރު މައްސަލަތައް ވާނަމަ ކިޔައިދޭށެވެ. އެފަދަ މައްސަލަތަކާ ދޭތެރޭ ތިމާ ދެކެ ގޮތް ކިޔައިދީ މައްސަލައަށް ޙައްލެއް ހޯދުމުގައި ކުއްޖާ އެހީ ހޯދާށެވެ. ކުއްޖާ ހުށައަޅާ ޙިޔާލުތައް ބަލައިގަންނާށެވެ. ކަންތައްތައް ކަނޑައެޅުމުގައި ކުއްޖާ ބައިވެރި ކުރާނަމަ ކުއްޖާއަށް އެކަމެއް ޤަބޫލުކުރަން ފަސޭހަވާނެއެވެ. ގޭތެރޭގެ ބައެއް ޤަވާއިދުތައް ހެދުމުގައި ކުއްޖާ ބައިވެރިކުރާނަމަ އެ ޤަވާއިދުތަކާ އެއްގޮތަށް ކަންތައް ކުރުމަށް ކުއްޖާ ސަމާލުކަން ދޭލެއް އިތުރުވާނެއެވެ.

7. ބައެއްކަންތައްތަކަށް ބަދަލުގެންނަން ޖެހިދާނެކަން ވިސްނާށެވެ.
ތިމާ އެދޭ ގޮތްނޫން އެހެން ގޮތަކަށް ކުއްޖާ ކަންތައް ކުރަމުންދާނަމަ އެގޮތައް ކަންތައް ވަނީ ކީއްވެގެންކަން ވިސްނާލާށެވެ. ކުއްޖާ ވަށައިގެންވާ މާޙައުލުގެ އަސަރު ކުއްޖާގެ އުޅުމަށް ކުރާނެއެވެ. މާޙައުލަށް ގެންނަ ބަދަލުން ކުއްޖާގެ އުޅުމަށް ބަދަލު ގެނެވޭނެއެވެ. މިސާލަކަށް، ދެއަހަރަށް ދާ ކުއްޖަކަށް މާގިނައިން ނޫނެކޭ ބުނަންޖެހޭނަމަ އޭނާ އުޅޭ ތަނުގައި ވާތަކެތި، ނޫނެކޭ ބުނަން ނުޖެހޭފަދަ ގޮތަކަށް އެތުރިދާނެއެވެ. އޭނާއަށް އަތްލުމުގެ ހުއްދަ ނެތް އެއްޗެހި އަތްނުފޯރާ ހިސާބަކަށް ލާ ފޮރުވިދާނެއެވެ. މިފަދައިން ކަންތައްތައް ކުރުމުން ކުއްޖާއަށާއި ބެލެނިވެރިޔާއަށް ލިބޭ މާޔޫސްކަން ކުޑަވެއެވެ.

8.ކޮންމެ ޙާލަތެއްގައި ވެސް ލޯބިވާކަމަށް ވިސްނައިދޭށެވެ.
ބެލެނިވެރިޔެއްގެ ހައިސިއްޔަތުން ކުއްޖާއަށް ހެޔޮނުބައި ވިސްނައިދީ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ތިމާގެ ޒިންމާއެކެވެ. ރަނގަޅުގޮތް ދަސްކޮށްދިނުމަށް ތިމާ ކުރާ މަސައްކަތް ކުއްޖާ ބަލައިގަންނަސް ބަލައިގަތުން ބިނާވެގެންވަނީ ކުއްޖާއަށް ވިސްނައިދިނުމަށް ތިމާ ޙިޔާރުކުރާ ގޮތެއްގެ މައްޗަށެވެ. ތުހުމަތު ކުރުމާއި ގޮތްދެއްކުން އަދި ނުރަނގަޅު ގޮތުގައި ފާޑު ކިޔުމަކީ ކުއްޖާ އޭނާގެ އަމިއްލަ ނަފްސަށް ކުރާ ޤަދަރު ކުޑަކުރުވާނެ ކަންތަކެވެ. ކުއްޖާ ނަފުރަތު ކުރާނެ ކަންތަކެވެ. ވީމާ ކުއްޖާއަށް މަގު ދެއްކުމުގައި މިފަދަ ކަންތައްތައް ނުކޮށް ވޭތޯބަލަން ވާނެއެވެ. ރަނގަޅު ކަންތައް ކުރުމަށް ހިތްވަރު ދޭންވާނެއެވެ. ކަންތައްތައް ރަނގަޅު ވާނެ ކަމަށް ތިމާ އުންމީދު ކުރާކަން އަންގަން ވާނެއެވެ. އަދި ކޮންމެ ޙާލަތެއްގައިވެސް ކުއްޖާދެކެ ލޯބިވާކަން އަންގަންވާނެއެވެ.

9. ބެލެނިވެރިއަކަށް ވުމުގައިވެސް ޙައްދުތަކެއް ވާކަން ދަންނާށެވެ.
ތިމާއަކީ އެންމެ ފުރިހަމަ ބެލެނިވެރިޔާއަށް ވުމީ ނާދިރު ކަމެކެވެ. ތިމާގެ ކިބައިގައިވާ ރަނގަޅު ސިފަތައް ފާހަގަ ކުރާށެވެ. އަދި ނުރަނގަޅު ކަންތައްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރާށެވެ. ކުއްޖާގެ ފަރާތުން ތިމާ އުއްމީދުކުރާ ކަންތައްތަކަކީ ވެދާނެ ކަންތައްތައްތޯ ވިސްނާލާށެވެ. އަދި ތިމާގެ ބައިވެރިޔާގެ ފަރާތުން އުއްމީދު ކުރެވޭ ކަންތައްތަކަކީވެސް ވެދާނެ ކަންތައްތައްތޯ ވިސްނާލާށެވެ. ތިމާއަށް ހުރިހާކަމެއް ނުއެނގިދާނެކަން ހަނދާން ކުރާށެވެ. އަމިއްލަ ނަފްސަށް މަޢާފު ކުރާށެއެވެ. ހުރިހާ ކަމެއް އެއްފަހަރާ ކުރުމުގެ ބަދަލުގައި މުހިންމު ކަންތައްތަކަށް ސަމާލުކަން ދޭށެވެ. އަމިއްލަ ޞިއްޙަތަށް ސަމާލުކަން ދޭށެވެ. ދޭތެރެ ދޭތެރެއިން ތިމާ ކުރާހިތްވާ ކަމެއް ކުރުމަށް ވަގުތު ހޯދާށެވެ. އަމިއްލަ ނަފްސަށް ސަމާލުކަން ދިނުމުގެ ސިފަ ދަރިފުޅުގެ ކިބައިގައި އަށަގަންނުވަން ބޭނުންނަމަ ތިމާގެ ކިބައިގައިވެސް އެސިފަ އަށަގަންނުވާށެވެ.

އިތުރަށް ވިދާޅުވޭ...

8.13.2011

ދަރިފުޅު ބޮޑާ ނުހާކާށެވެ

އަލްއުޚްތު ޚަދީޖާ އިސްމާޢިލް
ފުރަތަމަ ދުވަހު ކުޅޭކުޅޭ ކާރެކެވެ. ދެވަނަ ދުވަހު ބޯޅައެކެވެ. ދެން އަތުކުރީ ގަޑިއެކެވެ. އެހިސާބުން ނިމުނީކީ ނޫނެވެ. އޮފީހުން ނިމިގެން ގެއަށް އަންނަ މަގުމަތީ ދަރިފުޅަށް ހަދިޔާ ގަތުން އައިސަގެ އާދައަކަށް ވިއެވެ. ހަދިޔާ ލިބުމުން ދަރިފުޅު އުފާވެއެވެ. އަދި އައިސަ ވެސް ހިތްހަމަ ޖެހެވެ. ކަންތައް ކުރެވެމުންދިޔަ ގޮތާ ދޭތެރޭ ވިސްނާލެވުނީ ހަދިޔާއެއް ނުލާ ގެއަށް އާދެވުނު ދުވަހު ދަރިފުޅު ހޭކި ބޮޑަލުންނެވެ. އައިސަ ކަންތައް ކުރަމުން އައި ގޮތުން ދަރިފުޅަށް ލިބެމުން އައީ ނުރަނގަޅު މެސެޖެއްކަން ވިސްނުނެވެ.

ތެދެކެވެ. ކުޑަކުދިންނަކީ އެއްޗިހި ބޭނުންވާ ބައެކެވެ. އެއްޗިއްސަށާއި ކަންތައްތަކަށް އަބަދު އެދި އެދި ތިބޭ ބައެކެވެ. ނަމަވެސް ދަރިފުޅުގެ ކޮންމެ އެދުމަކަށް އާއެކޭ ބުނުމުން ތިމާ ބޭނުން ކޮންމެ ކަމެއް ވާންޖެހޭނެކަމާއި ބޭނުން ކޮންމެ އެއްޗެއް ލިބެންޖެހޭނެކަމަށް ދަރިފުޅަށް ހީވާން ފެށުން އެއީ ކައިރިކަމެކެވެ. ދަރިފުޅުގެ ކޮންމެ އެދުމަކަށް އާނ ބަސް ބުނުމުގެ ބަދަލުގައި ބައެއް ފަހަރު ނޫނެކޭ ބުނުން އެއީ މުހިއްމު ކަމެކެވެ. އެއީ ދަރިފުޅުގެ އެދުންތަކަށް ނޫނެކޭ ބުނާ އަޑު އަހަން ދަރިފުޅަށް ދަސްކޮށްދޭން ޖެހޭތީއެވެ. ކޮންމެ ބެލެނިވެރިއަކުވެސް ތިމާގެ ދަރިފުޅު ބޭނުން އެއްޗިހި ހޯދައިދިނުމަށް އެދޭނެއެވެ. މައްސަލައަކީ ތަކެތި ހޯދައިދިނުމެއް ނޫނެވެ. ތިމާ ބޭނުން ކޮންމެ ކަމެއް ނުވާނެކަން ނުވަތަ ބައެއް ކަންތައް ކޮށްދީ އަދި ތަކެތި ހޯދައިދިނުމަކީ އޭގެ ރަނގަޅު ގޮތެވެ. ތިމާގެ ދަރިފުޅު ދެކެވާ ލޯބިން ދަރިފުޅު 'ހަލާކު' ކުރެވުނީތޯ ބަލާނަމަ ބަލަންޖެހޭނީ ދަރިފުޅަށް ދެވިފައިވަނީ ކޮންކަހަލަ މެސެޖެއްތޯ ވިސްނާލައިގެންނެވެ. ދަރިފުޅު ބޭނުންވި ކުޅޭ ސެޓު ނުލާ ގެއަށް އާދެވިއްޖެނަމަ ދަރިފުޅުގެ ފަރާތުން ބޮޑާ ހޭކުމާއި ރުޅިގަދަވުން ފެންނާނެކަން ތިމާއަށް ޔަޤީން ވާނަމަ ހަމަ ޔަޤީނުންވެސް އޭނާއަށް ލިބިފައި އެވަނީ ނުރަނގަޅު މެސެޖެކެވެ.

ތިމާގެ ދަރިފުޅަކީ ދަހިވެތި އަދި އަމިއްލަ އެދުން ބޮޑު ކުއްޖަކަށް ހެދުމަށް އެއްވެސް ބެލެނިވެރިއަކު ނޭދޭނެއެވެ. ނަމަވެސް ދިރިއުޅުމުގައި ކަންތައް ދިމާވާ ގޮތުން ދަރިފުޅުގެ އެއްވެސް އެދުމަކަށް ނޫނެކޭ ބުނަން ޖެހިލުން ވާފަދަ ގޮތް މެދުވެރިވާ ފަހަރު އާދެއެވެ. ނަމަވެސް މިފަދަ ދަނޑިވަޅުތަކުގައިވެސް ވަގުތީ ޙައްލެއް ހޯދުމުގެ ބަދަލުގައި ކުރިމަގަށް ވިސްނުމަކީ ބުއްދިވެރި ގޮތެވެ. މިސާލެއް ނަގަމާތޯއެވެ. އައިސަ އޮފީހަށް ދަމުން ދަނީ ދަރިފުޅު އޭނާގެ ބޮޑުދައިތަގެ ގެއަށް ލައިފައެވެ. ބޮޑުދައިތަ ގެޔަށް ދާން ނުވާކަމާ މަންމަ ކައިރީ ހުންނަން ބޭނުން ވާހަކަ ދަރިފުޅު ބުންޏަސް އައިސައަށް އެނޫން އެހެން ގޮތެއް ނޯވެއެވެ. ކޮންމެ ދުވަހަކު ހަދިޔާ ގެނެސްދޭން ފެށުނީ އޭގެ ބަދަލުގައި ދަރިފުޅު ހިތްހަމަ ޖެއްސުމަށެވެ.

މިފަދައިން ގިނަފަހަރު ދިމާވަނީ ގިނަ ވަގުތު މަސައްކަތުގައި އުޅޭ، ނުވަތަ ވަރިވެފައިވާ ބެލެނިވެރިންނަށެވެ. ބައެއް ބެލެނިވެރިން ބުނާގޮތުގައި މަސައްކަތުގެ ބުރައާއި ވަރުބަލިކަމަށްފަހު ދަރިފުޅާއިއެކު ހޭދަކުރުމަށް ލިބޭ ކުޑަ ވަގުތުކޮޅު ދެބަސްވުމާއި ހަމަނުޖެހުމުގައި ހޭދަކުރަން ބޭނުންނުވާތީ ދަރިފުޅުގެ ކޮންމެ އެދުމަކަށް އާއެކޭ ބުނެލަނީއެވެ. ފަހުން ފެނިދާނެ ނަތީޖާއަކަށް ވިސްނާނުލައެވެ. ދަރިފުޅާއެކު ހޭދަކުރަންޖެހޭ ވަގުތު ހޭދަ ނުކުރެވުމުން ލިބޭ އުނިކަން، ހޯދައިދެވޭ ތަކެތިން ފޫނުބެއްދޭނެކަން ޤަބޫލު ކުރާ ހިނދުވެސް ބައެއް ފަހަރު ތިމާއަށް ކަންކުރެވޭގޮތުން ދެވޭ މެސެޖަކީ އެއީއެވެ. ކުދިންނަކީ މިފަދަ މެސެޖް ފަސޭހައިން ނަގައިގަންނަ ބައެކެވެ. ކޮންމެ ދުވަހަކުވެސް ދަރިފުޅަށްޓަކައި ވަގުތު ހުސްކުރުން އެއީ މުހިއްމު ކަމެކެވެ. އެއީ އެވަގުތުގައި ތިމާގެ ހުރިހާ ސަމާލުކަމެއް ދަރިފުޅަށް ދެވޭނެ ގޮތަށެވެ. އަދި ދަރިފުޅަށްޓަކައި ޤަވާޢިދުތަކާއި ޙައްދުތައް ކަނޑައަޅައި ދަރިފުޅަށް އެ ޤަވަޢިދުތަކާއި ޙައްދުތަކާ އެއްގޮތަށް ކަންތައް ކުރަން އާދަކޮށްދެވިދާނެއެވެ. މިސާލަކަށް، ކުޅިވަރެއް ކުޅުމަށް ވަކިވަރަކަށް ވަގުތު ކަނޑައެޅިދާނެއެވެ. ކޮމްޕިޔުޓަރ ކައިރީ ގޭމްކުޅުމަށް ކުދިން ގިނަ ވަގުތު ހޭދަކުރާތީ އެކަމާ ބެލެނިވެރިން ޝަކުވާ ކުރާ އަޑު އަހަމެވެ. ނަމަވެސް މި ދެންނެވި ފަދައިން ވަކި ޤަވަޢިދުތަކެއް ހެދި، ދަރިންނަށް ވިސްނާދެވިފައިވާނަމަ މި ޝަކުވާ ކުރަން ޖެހޭނެބާވައެވެ. ތެދެކެވެ. ޤަވާޢިދު ތަކެއް ހެދިދާނެއެވެ. ޙައްދުތަކެއް ކަނޑަ އެޅިދާނެއެވެ. ނަމަވެސް އެހާވަރަކުން އަދި ނުފުދެއެވެ. އެންމެ މުހިއްމުކަމަކީ އެ ކަނޑައެޅޭ ގޮތެއްގައި ތިމާ ހިފެހެއްޓުމެވެ. ބޯޅަކުޅެވޭނީ ފިލާވަޅުތައް ދަސްކޮށްފައި ކަމުގައި ދަރިފުޅަށް އަންގައިފިނަމަ ދަރިފުޅަށް ބޯޅަ ކުޅެވެންވާނީ ފިލާވަޅު ދަސްކުރުމުންނެވެ. ކުދިންނަކީ އަބަދުވެސް ބޮޑެތި މީހުން އިމްތިޙާނު ކުރާ ބައެކެވެ. ބޮޑެތި މީހުން އެމީހުންގެ ބަހުގައި ހިފަހައްޓާ ވަރެއް އެކުދިން ބަލާނެއެވެ. ބައެއްފަހަރު ކުދިން ރޮއެ އަޑުގަދަ ކުރުމުން ބޮޑެތި މީހުން އެމީހުންގެ ގޮތް ދޫކޮށް ކުއްޖާ އެދޭ ގޮތަށް ކަންތައްކޮށްދެއެވެ. އެފަދައިން ބޮޑެތި މީހުން ކަންތައް ކުރާނަމަ ކިތައްމެ ޤަވާޢިދުތަކެއް ހަދާ ނިންމިޔަސް އެއިން އެކައްޗަކީވެސް ކުއްޖާއަށް މުހިއްމު އެއްޗިއްސެއްނޫނެވެ. އެއީ އެ ޤަވަޢިދުތަކާ އެއްގޮތަށް ކަންތައް ނުކޮށް ވާނެކަން އެނގޭތީއެވެ.

ކުޑަކުދިންނަކީ އެބަޔަކަށް ގިނަގިނަ އިޝްތިހާރުތައް އަމާޒުވާބައެކެވެ. ބައެއް ފަހަރު މަދަރުސާގައި އެކުގައި އުޅޭ ކުދިންގެތެރޭ ވަކި ވައްތަރެއްގެ ދަބަހެއް ނުވަތަ ބޫޓެއް ހޯދައިދިނުމަށް އެދިދާނެއެވެ. މިފަދައިން އެދިއްޖެނަމަ އެއީ ކޮންމެހެން ނުހޯދާ ނުވާނޭ އެއްޗެއްތޯ ވިސްނާލަން ޖެހެއެވެ. އޭނާގެ އެކުވެރިންތެރޭ ބާކީ ވަނީއޭ ދަރިފުޅަށް ހީވިޔެ ނުދިނުންވެސް އެއީ ތިމާ ވިސްނާލަން ޖެހޭނެކަމެކެވެ. އެހެންކަމުން ބައެއްފަހަރު އެ އެއްޗެއް ހޯދައިދިނުން އެއީ އެންމެ ރަނގަޅު ކަމެއް ކަމަށް ފެނެއެވެ. ކޮންމެ ކޮންމެ ފަހަރަކު ނޫނެވެ. ފައިސާއަކީ މަސައްކަތުން ހޯދާ އެއްޗެއްކަމާ ފައިސާ ޚަރަދު ކުރުމުގައި ބަލަންޖެހޭނެކަން ކުއްޖާއަށް ވިސްނައިދެވިއްޖެނަމަ އެއީ ހަމަ ޔަޤީނުންވެސް މުސްތަޤްބަލްގައި އެކުއްޖަކަށް ފައިދާ ކުރުވާނެ ކަމެކެވެ.

ލޯތްބަކީ ކޮންމެ އިންސާނަކަށްވެސް ބޭނުންވާ އެއްޗެކެވެ. އަދި ކުދިން ބޮޑެތިވަމުން އަންނައިރު އެކުދިންދެކެ ލޯބީވާކަމުގެ އިޙްސާސް ވުމަކީ ދިރިއުޅުމުގެ މައިދާނުގައި އިތުރު ހިތްވަރު ލިބި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑު ކޮށްދޭނެކަމެކެވެ. ނަމަވެސް ދަރިންނަށް ލޯބި ދިނުމަކީ އެކުދިންގެ ހުރިހާކަމެއް ކުރުމަށް ތިމާ އަބަދު ތައްޔާރަށް ހުރުމެއް ނޫނެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާ އެކީ އުޅެވޭނެ ބަޔަކަށް ދަރިން ހެދުމަށް އެދޭނަމަ އެފަދަ ތަރުބިއްޔަތެއް ދިނުން މުހިއްމެވެ. އެކުދިންނަށް ކުރެވޭ ވަރުގެ ކަންތަށް އެކުދިން ކުރުމަށް ދޫކޮށްލުމުގެ ބަދަލުގައި ތިމާ އެކަމެއް ކޮށްދެމުންދާނަމަ އެކުދިންނަށް އެކަންތައްތައް ދަސްކުރުމަށް އޮންނަ ފުރުސަތު ގެއްލިދެއެވެ. އަދި ކަންތައްތައް ދަސްކުރުމަކީ މުހިއްމު ކަމެއްކަމަށް ނުވެދެއެވެ. އެއީ ކޮންމެ ކަމެއް ކޮށްދިނުމަށް އަބަދުވެސް މައިންބަފައިން ނުވަތަ އެހެން މީހުން ތިބޭނެކަމަށް ވިސްނޭނެތީއެވެ. ނަމަވެސް އެކުދިންދެކެ ލޯބިވާކަން ހާމަ ކުރުމަށް ބައެއް ފަހަރު އެކުދިން އަމިއްލައަށް ކުރެވޭ ކަންތައްވެސް ކޮށްލަދެވިދާނެއެވެ. މިސާލަކަށް އެކަނި ބޮލުފުނާ އެޅޭ ކުއްޖަކު އެކަނި ފުނާއަޅަން ދޫކޮށްލިޔަސް ބައެއްފަހަރު އެކުދިންގެ ބޮލުގައި ފުނާ އަޅާ ދިނުމުން އެކުދިންދެކެ ލޯބިވާކަމުގެ އިޙްސާސް އެކުދިންނަށް ކުރެވޭނެއެވެ. ތިން ހަތަރު އަހަރަށްދާ ކުދިންނަށް ހިނގާފައި އުޅެވުނަސް ބައެއްފަހަރު އުރާލާ ހަދަންވާނެއެވެ. ޙާއްސަކޮށް ދުރުތާކަށް ހިނގުވާފައި ދާނަމަ ވަރުބަލި ފިލުވާލަދިނުމަށް އުރާލެވިދާނެއެވެ. ތިމާގެ ދަރިފުޅަށް ކިތައްމެ ކަންތައްކޮށްދޭ ހިތްވިޔަސް އެކުދިންނަށް ކުރެވޭވަރު ކަންތައް އެކުދިން ލައްވާ ކުރުވުމަކީ އެކުދިންނަށް ދެވޭ ރަނގަޅު ތަރުބިއްޔަތެކެވެ.

ބައެއް ބެލެނިވެރިން އެމީހުންގެ ދަރިން ބުނާހާ ކަމެއް ކޮށްދެނީ ދަރިންގެ ރުހުން ހޯދާށެވެ. ދަރިފުޅު އެދޭ ކަމަކަށް ނޫނެކޭ ބުނުމުން ތިޔައީ ގޯސް މަންމަ އެކޭ ނުވަތަ ގޯސް ބައްޕައެކޭ ދަރިފުޅު ބުނެފާނެއެވެ. މިފަދަ ބަހެއް އިވުމުން ދަރިފުޅުގެ ރުހުން ހޯދުމަށް އެ އެދުނު ކަމެއް ކުރުމަށް އަވަސްވެގަނެވެއެވެ. ރަނގަޅު ގޮތަކީ މިއީތޯއެވެ؟ ބޭނުންވަނީ ދަރިފުޅުގެ ވަގުތީ ރުހުން ތޯއެވެ؟ ނުވަތަ ހަރުދަނާ ގޮތުގައި ދަރިފުޅު ތަރުބިއްޔަތު ކުރުން ތޯއެވެ؟ ނޫނެކޭ ބުނާ އަޑު އަހަން ދަރިފުޅަށް ދަސްކޮށްދޭން ޖެހެއެވެ. ޤަވާޢިދުތައް ހަދާ އެއަށް ބޯލަނބަން ދަސްކޮށްދޭން ޖެހޭނެއެވެ. ތިޔައީ ނުބައި މަންމައެކޭ ނުވަތަ ބައްޕައެކޭ ބުންޏަސް އެކަމާ ހާސްވާކަށް ނުޖެހެވެ. ކަމުގެ މާހިރުން ބުނާ ގޮތުގައި މިފަދަ ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތަކީ ދަރިފުޅު އެނާގެ ރުޅި މަޑުކުރުމަށް ދޫކޮށްލުމެވެ. ތިމާގެ ބަހުގައި ތިމާ ހިފެހެއްޓުމެވެ. ނަމަވެސް ދަރިފުޅު ދެކެ ލޯބިވާކަން ހާމަކުރަމުންނެވެ.

ގިނަ ތަޖުރިބާކާރުން ބުނާގޮތުގައި ހަމަސް ނުފުރޭ ކުޑަކުދިން ކިތައްމެ ގިނައިން އުރާ، ކިތައްމެ ގާތްކޮށް ގެންގުޅުނަސް އޭގައި މައްސަލައެއްނެތެވެ. އެވަރު ތުއްތު ކުދިންގެ ބޭނުންތަކަށް އަޅާލާން ބެލެނިވެރިން އަބަދުވެސް ތައްޔާރަށް ތިބެންޖެހޭނެއެވެ. ރޯލާ ކޮންމެ ފަހަރަކު ލަސްނުކޮށް އުރާލާ އަދި ކިރުދީ ނުވަތަ ކާންދީ ހެދުމުން ބޮޑެތި މީހުންގެ މައްޗަށް އަދި ދުނިޔޭގެ މައްޗަށް އޮންނަ އިތުބާރު ބޮޑުވެ ދަރިފުޅާއި މައިމީހާގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށްދޭނެއެވެ. ނަމަވެސް ދަރިފުޅު ފިރުކެން ފަށާ ހިސާބުން ކަންތައްތައް ބަދަލުކުރަންޖެހެއެވެ. ކަންތައްތަކަށް ޙައްދެއް ކަނޑައަޅަން ޖެހެއެވެ. ބައެއް އެދުންތަކަށް ނޫނެކޭ ބުނާއަޑު އަހަން ދަސްކޮށްދޭން ޖެހެއެވެ. ފުރަތަމަކޮޅުގައި ދަތިވާނެއެވެ. އެފަދަ ކަންތައްތަކަށް ކުދިން ހޭނުމަކީ ދުވަސްތަކެއް ނަގާނޭ ކަމެކެވެ. ބެލެނިވެރިން ޖެހޭނީ ކެތްތެރިވާށެވެ. ކުދިން ބޮޑެތިވަމުން ދާވަރަކަށް ވިސްނެމުންދާނެއެވެ.

އިތުރަށް ވިދާޅުވޭ...

3.07.2011

ދަރިފުޅު މަރާލީ ހެއްޔެވެ؟

އަލްއުޚްތު ޚަދީޖާ އިސްމާޢިލް
ކައިވެނީގެ ބޭރުން ބަލިވެއިންނަ ބައެއް މީހުން އެބައިމީހުންގެ މައްޗަށް އަތުވެދާނެ ޒިނޭގެ ޙުކުމުން ސަލާމަތްވުމަށްޓަކައި އެބޯޝަން ޚިޔާރުކުރެއެވެ. ތިމާކުރި ފާފައަށް ތައުބާވުމުގެ ބަދަލުގައި އިތުރު ފާފައެއް ބޮލުގައި އަޅައެވެ. ދުނިޔޭގެ ލަދަށެވެ. ޒިނޭއަކީ ޙަރާމްކަމެކެވެ. އިންސާނަކު ޤަޞްދުގައި މެރުމަކީވެސް ޙަރާމްކަމެކެވެ.

ދަރިފުޅު އުފަންވުމުގެ ކުރިން ނައްތާލާނެ ގޮތްތައް އިންސާނުން ވަނީ މާކުރިއްސުރެ ހޯދާފައެވެ. އަދި ހަމަ އެއިރުއްސުރެ އިންސާނުންގެ ތެރެއިން ގިނަބަޔަކު އަންނަނީ އެބައިމީހުންގެ ދަރީން އުފަންނުވަނީސް ނައްތާލަމުންނެވެ. އެބޯޝަންގެ ނަމުން ނަންދެވުނަސް މިއީވެސް ހަމަ ޤަސްދުގައި އިންސާނަކު މަރާލުމެވެ. އަދި މިކަމާ ނުރުހުން ފާޅުކުރަނީ ހަމައެކަނީ މުސްލިމުންނެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އެކި ދީނުގެ، އެކި ނަސްލުގެ އެތައްބައެއް އަންނަނީ އެބޯޝަންއާ ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެބޯޝަންއަކީ އެންމެ ރަނގަޅުކަމެއްކަމަށް ބުނާމީހުން ބުނާގޮތުގައި ދަރިން ބޭނުންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޙައްޤު އަންހެނާއަށް ލިބިގެންވާނެއެވެ. ސުވާލަކީ، ދަރިން ބޭނުން ނޫންނަމަ އެކަން އެގޮތަށް ނިންމުމުގެ ޙައްޤު އޮންނާނީ ކިހާ ހިސާބަކަށް ހެއްޔެވެ؟ އެޙައްޤު ނިމިދާނީ ކިހާ ހިސާބަކުން ހެއްޔެވެ؟ އަންހެނަކު ބަލިވެ އިންކަން އެނގޭއިރު ބަނޑުގައި ވާނީ ދަރިއެކެވެ. ބިހަކާއި ދަރިފަންޏެއް ނޫނެވެ. ދިރޭ ފުރާނައެއް ނައްތާލުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިފައި ވޭހެއްޔެވެ؟ ދަރިން ބޭނުން ނޫންނަމަ ބަލިވެ އިނުމުގެ ކުރިން ކުރެވިދާނެ އެތައް ކަންތައްތަކެއް ވެއެވެ. ނަމަވެސް ބަލިވެ އިނުމަށްފަހު ދަރިފުޅު ބޭނުންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޙައްޤު މައިމީހާއަކަށް ނޯވެއެވެ.
وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا (النساء 93)
މާނައީ: "އަދި، ޤަޞްދުގައި މުއުމިނަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކައެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، ﷲ، އެމީހާގެ މައްޗަށް ކޯފާލައްވައި ލަޢުނަތްލެއްވިއެވެ. އަދި، ބޮޑުވެގެންވާ ޢަޛާބު އެމީހާއަށް ތައްޔާރު ކުރެއްވިއެވެ."

ބައެއް ޤައުމުތަކުގައި އެބޯޝަން ހުއްދަކުރެވުނީއްސުރެ މިހާތަނަށް، ހަމައެކަނި އެމެރިކާގައިވެސް 30 މިލިޔަން ކުދިން އުފަންނުވަނީސް މަރާލެވިފައިވެއެވެ. 1970 އިން ފެށިގެން މިހާތަނަށް ދުނިޔޭގެ އެކި ޤައުމުތަކުން 1.7 ބިލިޔަން ދަރިން މިފަދައިން ނައްތާލެވިފައިވެއެވެ. ހިތާމައަކީ މިފަދަކަމެއް ކުރާ ބަޔަކަށް މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ރޭކާނުލާކަމެވެ. އެބޯޝަން ހަދަނީ ކިހިނެއް ހެއްޔެވެ؟

އެންމެ ގިނައިން އެބޯޝަނަށް ބޭނުންކުރަނީ ސަކްޝަން މެތަޑެވެ. އެއީ ކުއްޖާ ބަނޑުގައި އޮންނަ ފުރަތަމަ ތިންމަހުގެ ތެރޭގައި ނައްތާލާނަމައެވެ. ބާރު ޕްރެޝަރުގައި އެތެރެއަށް ވައިދަމާ އާލާތަކާ ގުޅާފައިވާ ހޮޅިއެއް އަންހެނާގެ ރަޙިމަށް ވައްދާ އޭގެ ވަރުގަދަ ދަމާ ބާރުން ކުއްޖާ ކުދިކުދި ކޮށްލާ ނެރެނީއެވެ. ދެވަނަ ގޮތަކީވެސް ފުރަތަމަ ތިންމަހުގައި ކުއްޖާ ނައްތާލުމަށް ބޭނުންކުރާ ގޮތެކެވެ. މީގައި ވަޅިއެއް ބޭނުންކޮށްގެން ދަރިއާއި މައިމީހާއާ ގުޅިފައިވާ ހިސާބުން ވަކިކޮށްލަނީއެވެ. އަދި ކުއްޖާގެ ހަށިގަނޑު ކުދިކޮށް ކޮށާ ބޮލުގެ ނާށިގަނޑު ފިސްކޮށްލާ ނެރެނީއެވެ. ތިންވަނަ ގޮތަކީ ތިންމަހާއި ފަސްމަހާ ދެމެދުގައި ކުއްޖާ ނައްތާލާގޮތެވެ. އެއީ ގިނިފައްޗެއް ފާޑަށް ހުންނަ އެއްޗެއް ރަޙިމަށް ވައްދާ ކުއްޖާގެ ގުނަވަންތައް ވަކިކޮށް، މައިމީހާގެ ހަށިގަނޑުން ނެރުމެވެ. އަދިވެސް އިތުރު ގޮތްތައް ވެއެވެ. ހަމަ މިފަދަ ރަޙްމު ކުޑަ ގޮތްތަކެވެ. މީގެ ތެރެއިން ބައެއް ގޮތަކީ ވިހެއުމާއި ކައިރިވެފައިވާނަމަ ބޭނުންކުރާ ގޮތްތަކެވެ. ނަމަވެސް އެގޮތްތަކުގެ ވާހަކަ ލިޔާކަން ނެތީމެވެ. މިފަދަ ވާހަކަ ލިޔުމަށްވެސް ހިތްވަރު ބޭނުންވެއެވެ.

އިސްލާމީ ޢިލްމުވެރިން އެބޯޝަން ޙަރާމްކަމަށް އެއްބަސްވާއިރު ބައެއް މުސްލިމް ޤައުމުތަކުގައި އެބޯޝަން ހުއްދަކުރާ އެއް ޙާލަތުވެއެވެ. އެއީ ދަރިފުޅުގެ ސަބަބުން މައިމީހާގެ ފުރާނައަށް ގެއްލުންވާނެކަން ޔަޤީންވާނަމައެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކަށްޓަކައި މީހުން އެބޯޝަން ހައްދައެވެ. ބައެއް މީހުން ދަރީންގެ ސަބަބުން އެބައިމީހުންގެ މިނިވަންކަން ގެއްލިދާނެތީއެވެ. އަނެއްބައިމީހުން ދަރީން ނުގެންގުޅެވިދާނެތީއެވެ. ނުވަތަ "ކެރިއަރ" އަށް ހުރަސްއެޅޭތީއެވެ. އިސްލާމްދީނުގައި ޙަލާލު ދަރިން ލިބެނީ ދެމީހަކު ކައިވެނި ކުރުމަށްފަހު އަންހެންމީހާ ބަލިވެ އިނުމުންނެވެ. ކައިވެނީގެ ބޭރުން ބަލިވެއިންނަ ބައެއް މީހުން އެބައިމީހުންގެ މައްޗަށް އަތުވެދާނެ ޒިނޭގެ ޙުކުމުން ސަލާމަތްވުމަށްޓަކައި އެބޯޝަން ޚިޔާރުކުރެއެވެ. ތިމާކުރި ފާފައަށް ތައުބާވުމުގެ ބަދަލުގައި އިތުރު ފާފައެއް ބޮލުގައި އަޅައެވެ. ދުނިޔޭގެ ލަދަށެވެ. ޒިނޭއަކީ ޙަރާމްކަމެކެވެ. އިންސާނަކު ޤަޞްދުގައި މެރުމަކީވެސް ޙަރާމްކަމެކެވެ. ހިތާމައަކީ އަޅުގަނޑުމެން ދިވެހީންގެ ތެރެއިންވެސް ބައެއް މީހުން، ރައްޖެއިން ބޭރު ޤައުމުތަކަށްގޮސް އެބޯޝަން ހައްދާވާހަކަ ތުންތުންމަތިން ނަމަވެސް އިވޭކަމެވެ. ދުނިޔޭގެ ލަދުން ދާދި އަވަހަށް ސަލާމަތްވެވެއެވެ. އާޚިރަތުގައި ލިބޭނެ ޢަޛާބުން ސަލާމަތެއް ނުވެވޭނެއެވެ.
.................................
ދަރުމަ ޖެނުއަރީ 2008

އިތުރަށް ވިދާޅުވޭ...

12.02.2010

ދެމަފިރިންގެ ދެމެދުގައި އުފެދޭ ދެބަސްވުންތައް ޙައްލުކުރުން

އަލްއުޚްތު ޚަދީޖާ އިސްމާޢިލް
އެއްބަސްވާށެވެ. އެއްވެސްމީހަކީ ހުރިހާގޮތަކުން ފުރިހަމަ މީހެއް ނޫނެވެ. ތިމާ ކިތަންމެ މަސައްކަތެއްކުރިޔަސް، ތިމާއަކީ ބައިވެރިޔާދެކެ ލޯބިވާ އަދި އިޙްތިރާމްކުރާ މީހަކަށް ވިޔަސް، ބައިވެރިޔާއާ ދެބަސްވެވޭ ވަޤުތު އަންނާނެކަން އެއީ ކަށަވަރުކަމެކެވެ. ނަމަވެސް އުފެދޭ ދެބަސްވުންތަކުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުމަށް ނޭދެވޭ އެއްވެސް އަސަރެއްކުރިޔަ ނުދިނުމަކީ ދެމަފިރީންވެސް ވިސްނާލުން މުހިއްމުކަމެކެވެ.
ތިމާއާއި ބައިވެރިޔާއާ ދެމެދު ދެބަސްވުމެއް އުފެދެން އުޅޭހެން ހީވާނަމަ ހަނދާނުގައި ބެހެއްޓުން މުހިއްމު ކަންތައްތަކެއްކަމަށް ތަޖުރިބާކާރުން ބުނާ ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ.
1 - ބައިވެރިޔާއަށްވެސް ވާހަކަދެއްކުމުގެ ފުރުޞަތުދޭށެވެ.
ތިމާ ވާހަކަދައްކަމުން ދަނިކޮށް އެހެންމީހަކު ތިމާގެ ވާހަކަ މެދުކަނޑާލައިފިނަމަ އެކަމާ ނުރުހެވޭ ނޫންހެއްޔެވެ؟ ތިމާގެ ބައިވެރިޔާއަށްވެސް އެފަދައިންވާނެއެވެ. ތިމާ ލިބުމަށް އެދޭ އިޙްތިރާމް ބައިވެރިޔާއަށްވެސް ދޭށެވެ. އޭނާ ބުނާ އެއްޗަކަށް އެއްބަސްނުވެވުނަސް ވާހަކަދެއްކުމުގެ ފުރުޞަތު ދޭށެވެ.
2 - ބައިވެރިޔާ ބުނާއެއްޗެއް ވިސްނޭތޯ މަސައްކަތްކުރާށެވެ.
ބައިވެރިޔާ ދައްކާވާހަކަ ތިމާއަށް ނުވިސްނުނަސް ވިސްނޭކަމުގައި ތިމާއަށް ހީވާފަހަރު އަންނާނެއެވެ. ނަމަވެސް ތިމާއަށް ނުވިސްނޭކަމުގައި ބައިވެރިޔާއަށް އިޙްސާސްކުރެވޭނެއެވެ. އޭނާ ދައްކާ ވާހަކަ ތިމާއަށް ވިސްނޭކަމަށް ބައިވެރިޔާއަށް އިޙްސާސްކުރެވުމުން މައްސަލަ އަވަހަށް ޙައްލުކުރެވޭނެއެވެ. އެހެންކަމުން ބައިވެރިޔާ ދައްކާވާހަކަ ޙަޤީޤަތުގައިވެސް ތިމާއަށް ވިސްނޭތޯ މަސައްކަތްކުރާށެވެ. އޭނާގެ ވާހަކަތައް އަޑުއަހާށެވެ.
3 - ފަހުން ހިތާމަކުރަންޖެހޭފަދަ އެއްވެސްބަހެއް ނުބުނާށެވެ.
ދެމަފިރިންގެ ދެމެދުގައިވާ ގުޅުން ބިއްލޫރިގަނޑެއްގެ ގޮތުގައި ސިފަކުރާށެވެ. އެއްވެސް ކޫރެއްނެތި، ރީތި އަދި ސާފުކަންމަތީ އެބިއްލޫރިގަނޑު ދެމެހެއްޓޭނީ މަސައްކަތާއެކުގައެވެ. އަޅާނުލެވިއްޖެނަމަ އޭގެ ރީތިކަން ގެއްލިދާނެއެވެ. ފަރުވާކުޑަކުރެވިއްޖެނަމަ ކޫރުއެޅިދާނެއެވެ. ރެނދުއަޅާފާނެއެވެ. ތަޅައިގެންވެސް ހިނގައިދާނެއެވެ. ވިސްނާނުލާ ތިމާގެ ދުލުންބޭރުކުރެވޭ ބަހެއްގެ ސަބަބުން ފަހުން ހިތާމަކުރަންޖެހިދާނެއެވެ. އެހެންކަމުން ޒުވާބު ކިތަންމެ ހޫނުވިޔަސް ވިސްނާފައިނޫނީ ބަސްނުބުނާށެވެ.
4- ކުރީގައި ހިނގާފައިވާ ކަންތައްތަކުގެ ވާހަކަ ނުގެންނާށެވެ.
މާޒީއަކީ މާޒީއެވެ. އެ އޮތްގޮތަށް ބާއްވާށެވެ. މާޒީގައި ހިނގާފައިވާ ހިތްހަމަނުޖެހޭ ކަންތައްތަކުގެ ވާހަކަ އަބަދު ދައްކާނަމަ މުސްތަޤުބަލަށް ޙައްލެއް ނުހޯދޭނެއެވެ. އަދި ބައިވެރިޔާއަށް ލިބެންޖެހޭ ލޯތްބާއި އިޙްތިރާމް ނުލިބޭކަމަށް އޭނާއަށް އިޙްސާސްވާނެއެވެ. ބައިވެރިޔާއާ ދޭތެރޭ ތިމާއަށް ވިސްނޭނީވެސް ގޯސްކޮށެވެ. އެންމެނަށްވެސް ކުށްކުރެވޭނެއެވެ. ކުރެވޭ ކުށްތަކުންލިބޭ ހިތާމަތަކާ ވަކިވުމުގެ ފުރުޞަތު ބައިވެރިޔާއަށްވެސް ދޭށެވެ. އެހީތެރިވާށެވެ. އަދި ބައިވެރިޔާ ރަނގަޅަށްކުރާ ކޮންމެ ކަމަކަށް ހިތްވަރުދީ އުފާކުރާށެވެ.
5- ވަކިއަތަކަށް ބުރަނުވާގޮތަށް މައްސަލަ ޙައްލުކުރެވޭތޯ ބަލާށެވެ.
ވަކިއަތަކަށް ބުރަނުވާގޮތަށް މައްސަލަތައް ޙައްލުކުރަމުންދާނަމަ ޖެހޭ މައްސަލަތައް މަދުވާނެއެވެ. ކަމަކާ އެއްބަސްނުވެވޭނަމަ ދެމެދަށްވާކަހަލަ ޙައްލެއްފެނޭތޯ މަސައްކަތްކުރާށެވެ. ބައިވެރިޔާ ނުރުހޭކަމެއް ތިމާ ބޭނުންވާނަމަ އެކަމުގެ ބަދަލުގައި ކުރެވިދާނެ އެހެންކަމެއް އޮތްތޯ ވިސްނާލާށެވެ. އަދި އެއީ އޭނާ ރުހޭފަދަ ކަމެއްތޯ ވިސްނާލާށެވެ.
6 - ކޮންމެފަދައަކުން ވާހަކަދެއްކިޔަސް ދެމީހުންނަށް އެއްބަސްނުވެވިދާނެކަން ދަންނާށެވެ.
ދެބަސްވުމެއް ނުވަތަ ޒުވާބެއްފެށެނީ ކަމަކާ ނުވަތަ އެއްޗަކާ ދޭތެރޭ ތިމާ ދެކޭގޮތާއި އަނެކާ ދެކޭގޮތާ ތަފާތުވުމުންނެވެ. އަނެކާއަށް އެނގެންޖެހޭ ހުރިހާއެއްޗެއް ނުއެނގެނީއޭ ހިތައި ތިމާ އަނެކާއަށް ވިސްނާދޭން މަސައްކަތްކުރަމުއެވެ. މިގޮތަށް މަސައްކަތްކުރުމަށްފަހުވެސް އަނެކާ ދެބަސްވާނަމަ ތިމާއަށްވެސް ރުޅިއާދެވޭގޮތް ވެއެވެ. ބައިވެރިޔާއާ ދެބަސްވާ ބައެއްފަހަރު އެންމެ ރަނގަޅުގޮތަކީ އޭނާއާ އެއްބަސްވުމެވެ. މިފަދައިން ކަންތައްކުރުމުން ތިމާގެ އިޙްތިރާމް ލިބޭކަމުގެ އިޙްސާސް ބައިވެރިޔާއަށް ކުރެވޭނެއެވެ. އޭނާގެ ޚިޔާލާއި ވިސްނުމަށް އިޙްތިރާމްލިބޭކަމުގެ އިޙްސާސްކުރެވޭނެއެވެ. އަދި ފަހުން ދެމީހުންކުރެ އެކަކުގެ ޚިޔާލު ބަދަލުވުންވެސް އެކަށީގެންވޭނޫންތޯއެވެ؟
7 - ޙައްލެއް އަންނަންދެން ވާހަކަދެއްކުމަށް އިސްކަންދޭށެވެ.
ބައިވެރިޔާ ތިމާއާ އެއްބަސްނުވުމުން އޭނާއާ ދުރަށްޖެހި ވާހަކަދެއްކުން ހުއްޓާލުން އެއީ ކުރުމަށް ވަރަށް ފަސޭހަކަމެކެވެ. ރަނގަޅުގޮތަކީ އެކަކު އަނެއްކަކުގެ ވާހަކަތަކަށް އިޙްތިރާމްކޮށް މައްސަލައަށް ޙައްލެއް ފެންނަންދެން ވާހަކަދެއްކުމެވެ. ދެމީހުން އެއްކޮށް މަސައްކަތްކުރާނަމަ ޞުލްޙަވެރި ޙައްލެއް ނުގެނެވޭނެ އެއްވެސް މައްސަލައެއް ނޯންނާނެކަން ޔަޤީނެވެ.
8- ތިމާއާ ބައިވެރިޔާއާ ދެމެދުގައި އޮންނަ ގުޅުމަށް އެންމެ މުހިއްމުކަން ދިނުމަށް ހަނދާންބަހައްޓާށެވެ.
މީގެ މާނައަކީ ތިމާ ކޮންމެ ފަހަރަކު ގޮތްދޫކުރަންޖެހޭނެއެކޭ ނޫނެވެ. އަދި ކޮންމެ ފަހަރަކު ބައިވެރިޔާއާ އެއްބަސްވާށެކޭވެސް ނޫނެވެ. ހަމައެކަނި ކުރަންޖެހޭކަމަކީ ހަނދާން ބެހެއްޓުމެވެ. ތިމާ ދެބަސްވެ ވާހަކަދައްކަމުންދަނީ ތިމާގެ އެންމެ ގާތް އެކުވެރިޔާ އަދި ބައިވެރިޔާއާކަން ހަނދާންބެހެއްޓުމެވެ. މިކަން ހަނދާން ބަހައްޓާނަމަ ބައިވެރިޔާއަށް ބަދުބަސްބުނުމާ ތިމާ ދުރުވާނެއެވެ. އެއީ އެފަދަ ބަސްތައް ތިމާގެ ހިތަށް ގެނައުމަށް ދަތިވާނެތީއެވެ.

އިތުރަށް ވިދާޅުވޭ...