2.02.2012

ތަބައްރުޖް

އަލްއުޚްތު ޒައުޖަތު ހާޝިމް
މީގެ ތަޢުރީފަކީ އަންހެނާ އޭނާއަށް ޝަރުޢީ ގޮތުން ނިވާ ކުރުން ވާޖިބުވެގެންވާ ޒީނަތްތެރިކަމާއި މަޙާސިން ކައިވެނި އަދި މަހުރަމުން ކަމުގައިނުވާ ހިލޭ ފިރިހެނުންނަށް އޭނާ ފާޅުކުރުމެވެ. މިއީ ޖާހިލިއްޔަތުގެ ޢަމަލެކެވެ. ފަހެ ތަބައްރުޖަކީ އަންހެނާ އޭނާގެ ޒީނަތްތެރިކަމާއި މަޙާސިން ހިލޭ ފިރިހެނުންނަށް ފާޅުކުރުމެވެ.

ޢައްލާމާ ޢަބުލްއަޢުލާ އަލްމައުދޫދީ ވިދާޅުވަނީ ތަބައްރުޖު މިބަސް އަންހެނެއްގެ ނިސްބަތުގައި އިސްތިޢުމާލު ކުރެވެއްޖިއްޔާ އޭގައި ތިންމާނަ އެކުލެވޭނެއެވެ.

1. އެއީ އަންހެނާގެ މޫނުގެ ރީތިކަމާއި އަބުއި ގުނަވަންތައް ހިލޭ ފިރިހެނުންނަށް ފާޅުކުރުމެވެ.
2. ހެދުމުގެ ރީތިކަމާއި ގަހަނާ ނުވަތަ ޒޭވަރުގެ ރީތިކަން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ފާޅުކުރުމެވެ.
3. އަންހެނާގެ ނަފްސާއި ހިނގުމާއި ބަނޑިބަނޑިލުންތަކާއި އެކަމުގައި ހުންނަ ނިރާލި ވައްތަރުތައް ހިލޭ ފިރިހެނުންނަށް ފާޅުކުރުމެވެ.

ﷲ ވާޙީ ކުރައްވަނީ "وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّـهَ وَرَسُولَهُ إِنَّمَا يُرِيدُ اللَّـهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا" (سورة الأحزاب٣٣)
މާނައީ: "އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާ ހުށިކަމެވެ. އަދި ތިޔަކަނބަލުން ނަމާދު ޤާއިމު ކުރާށެވެ. އަދި ތިޔަކަނބަލުން ޒަކާތްދޭށެވެ. އަދި ﷲއާއި، އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ތިޔަކަނބަލުން ކިޔަމަންވާށެވެ. އޭ އަހުލުބައިތުންނޭވެ! ﷲ އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ ޠާހިރު ކުރެއްވުމަކުން ތިޔަބައިމީހުން ޠާހިރު ކުރެއްވުމަށެވެ."

އަންހެނުންނާއި ޒުވާން އަންހެންކުދިންގެ ޙަރަކާތްތަކާއި މެދުގައި ހިތާމަހުއްޓެވެ. މަގުތަކާއި، އޮފީސްތަކާއި، ފިހާރަތަކާއި، ހަސްފަތާލްތަކާއި އެނޫންވެސް ތަންތާނގައި އެމީހުންގެ މޫނާއި އިސްތަށިގަނޑާއި އަދި މިނޫންވެސް އަބުއި ގުނަވަންތައް ނިވާނުކޮށް ކަޝްފުކޮށްގެން ހިލޭ ފިރިހެނުންނާއި ގުލްމިލް ވެގެން ހިނގަމުންގެންދާ ތަފާތު މަންޒަރު ތަކެވެ. ފަހެ މިއަށް ޢަރަބި ބަހުން ކިޔަނީ ތަބައްރުޖުއެވެ.

ކީރިތި ޤުރުއާނާއި މާތްވެގެންވާ ޝަރީއަތުގައި ތަބައްރުޖުގެ ހަރަކާތްތައް ވަނީ އެކީ އެކަށް ނަހީ ކުރައްވާފައެވެ. ފަހެ އެކަމުގެ ކުޑަވެސް ބިރުވެރިކަމެއް ލަދުވެތިކަމެއް އިޙްސާސް ނުކުރަނީ އެވެ. އަދި ކީއްތޯއެވެ. އަންހެނުން އެމީހުންގެ ޒީނަތްތެރިކަން ހިލޭ ފިރިހެނުންނަށް ފާޅުކުރަމުން މަގުތަމަތީގައި ހިނގަމުންދަނީ ނުހަނު އުފާވެރިކަމާއި ހިތްހަމަޖެހުމާއިއެކު ފަޚްރުވެރިވަމުންނެވެ. މައެއް، ބަފައެއް، ރައްބެއް، ރަސޫލެއް ހަނދާން ވަނީ އެއްނޫނެވެ. ތިމާ ހެއްދެވި މަތިވެރި އޯގާވަންތަ ﷲ ގެ އަމުރާއި ނަޙީއަށް އެއްވެސް ބެލުމެއް ނެތީއެވެ. މަތިވެރި ނަބިއްޔާގެ އިރުޝާދަށް ދެމުންގެންދަނީ ބީރު ކަންފަތެކެވެ. ނަޢޫޛުބިﷲ

އޭ މުސްލިމް އުޚްތުންނޭވެ. ޒީނަތްތެރިކަން ފާޅުކުރުމާއި ތަބައްރުޖާމެދު ހުޝިޔާރު ވާށެވެ. ތިމާގެ ފިރިމީހާ އާއި ގާތްތިމާގެ ކަމުން ކައިވެނިހެޔޮނުވާ މަޙުރަމުންގެ ކުރިމަތީގައި މެނުވީ ތިބާގެ ޒީނަތްތެރިކަން ފާޅުނުކުރާށެވެ. ތިމާގެ ޒީނަތްތެރިކަމަކީ ހަމަ އެކަނި ތިމާގެ ފިރިމީހާއަށްވާ އެއްޗެއްކަމުގައި ހަދައި ނިވާކޮށް ފަރުދާވެ ﷲ ގެ އަމުރުފުޅާއިމެދު ބިރުވެތިވާށެވެ.
فَوَ رَبِّكَ لَنَسْأَلَنَّهُمْ أَجْمَعِينَ عَمَّاكَانُوا يَعْمَلُونَ (الحجر 92)
މާނައީ: "ފަހެ ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. ތިމަންރަސްކަލާނގެ އެއުރެން އެންމެނާ ސުވާލު ކުރައްވާ ހުށީމެވެ. އެއުރެން ކޮށް
އުޅުނު ޢަމަލުތަކާ މެދުގައެވެ."

އޭ އުޙްތާއެވެ. ތިބާ ތިޔަ އިންތިޒާރުކުރަނީ ކޮންކަމަކަށް ހެއްޔެވެ. ތައުބާގެ ދޮރުވަނީ ހުޅުވިފައެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment