1.19.2010

ނިފާސް ގެ ބަޔާން

އައްޝައިޚް މުޙައްމަދު އިބްރާހިމް، ނައިފަރު
نفاس ގެ މުއްދަތުގެ މަދުމިނަކަށް އެއްވެސް ޙައްދެއްނުވެއެވެ. ވިހެއުމަށްފަހު ހިނދުކޮޅެއްގެތެރޭގައި ލޭކަނޑައިގެންދިއަކަމުގައިވިޔަސް ނުވަތަ ވިހާހިނދު ލޭނައިކަމުގައިވިޔަސް ފަހެ އޭނާ ޠާހިރުވެއްޖެއެވެ. އަދި ޠާހިރުވެގެންވާ އަންހެނުންގެމައްޗަށް ލާޒިމުވެގެންވާ ހުރިހާކަމެއް އޭނާގެމައްޗަށް ލާޒިމުވާނެއެވެ. އެއީ ނަމާދުކުރުމާއި ރޯދަހިފުންފަދަ ކަންތައްތަކެވެ. އަދި نفاس ގެ މުއްދަތުގެ ގިނަމިނީ ސާޅީސްދުވަހެވެ. މާތްﷲ ރުއްސުންލެއްވި އުންމު ސަލްމާގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާވިދާޅުވިއެވެ. "رسول الله صلى عليه وسلّم ގެ ޒަމާނުގައި ނިފާސްވެރިން އެކަނބަލުންގެ ނިފާސްކަމުގައި ސާޅީސްދުވަހު ތިބެތެވެ." (رواه أحمد وأبو داود والتّرمذي وابن ماجه) އަދި إمام ترمذي މިޙަދީޘް ރިވާކުރެއްވުމަށްފަހު ވިދާޅުވިއެވެ. "ނިފާސްވެރިން އެކަނބަލުންގެ ނިފާސްކަމުގައި ސާޅިސްދުވަހު ނަމާދުނުކޮށް ތިބުމަށާއި އެކަމަކު އެއަށްވުރެކުރިން ޠުހުރުފެނިއްޖެނަމަ ހިނައިގަނެ ނަމާދުކުރަން ފަށަންޖެހޭނެކަމަށް ހުރިހައި އަޞްޙާބުބޭކަލުންނާއި ތާބިޢީކަލުންނާއި އެއަށްފަހުގައި ވަޑައިގެންނެވި ޢިލްމުވެރިބޭކަލުން އިޖުމާޢުވެވަޑައިގެންފައިވެއެވެ." ދެން ސާޅީސްދުވަސްފަހުން ލޭފެނިއްޖެނަމަ ދަންނައެވެ. ފަހެ ގިނަޢިލްމުވެރިން ވިދާޅުވެފައިވަނީ އޭނާ ނަމާދު ދޫނުކުރާހުށިކަމެވެ.

حيض ވެރިޔާއަށާއި نفاس ވެރިޔާގެމައްޗަށް ޙަރާމްވެގެންވާ ކަންތައްތައް.
ޖުނުބުވެރިޔާގެ މައްޗަށް ޙަރާމްވެގެންވާ ހުރިހާކަމަކާއި އިތުރު ދެކަންތައް ޙައިޟުވެރިޔާއަށާއި ނިފާސްވެރިޔާގެމައްޗަށް ޙަރާމްވެގެންވެއެވެ. އަދި މިތިންމީހުންނަކީވެސް ބޮޑުޙަދަޘުން ޙަދަޘުވެރިވެފައިވާ ތިންމީހުންނެވެ. ފަހެ ޖުނުބުވެރިޔާގެ މައްޗަށް ޙަރާމްވެގެންވާ ކަންތައްތައް އިސްވެބަޔާންވެ ހިނގައްޖެއެވެ. ދެން ޙައިޟުވެރިޔާއަށާއި ނިފާސްވެރިޔާގެމައްޗަށް ޙަރާމްވެގެންވާ އިތުރުދެކަމަކީ:
1– ރޯދަހިފުން. ފަހެ ޙައިޟުވެރިޔާއަށާއި ނިފާސްވެރިޔާއަށް ރޯދަހިފުން ހުއްދަވެގެންނުވެއެވެ. އަދި ރޯދަހިފިކަމުގައިވިޔަސް އެރޯދަ ރޯދަކަމުގައިނުވާނެއެވެ. ފަހެ އެކަނބަލުން ޙައިޟުގެދުވަސްވަރު އަދި ނިފާސްކަމުގެ ދުވަސްވަރު ފާއިތުވީރޯދަތައް ޤަޟާކުރުމަކީ އެކަނބަލުންނަށްޖެހޭނެ ވަރަށްބޮޑު ތަކުލީފެކެވެ. އެހެންކަމުން ޝަރީޢަތް އެކަނބަލުންނަށް އެކަން މާފުކުރެއެވެ. މާތްﷲ ރުއްސުންލެއްވި أبو سعيد الخدري ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޟުޙާޢީދު ދުވަހު ނުވަތަ ފިޠުރުޢީދުދުވަހު ޢީދުނަމާދުކުރާ މައިދާނަށް رسول الله صلّى الله عليه وسلّم ނިކުމެވަޑައިގަތެވެ. ފަހެ އަންހެނުންގެ ޖަމާޢަތެއްކައިރިން ވަޑައިގަންނަވަމުން ޙަދީޘްފުޅުކުރެއްވިއެވެ. "އޭ އަންހެނުންނޭވެ! ތިޔަކަނބަލުން ޞަދަޤާތްކުރާހުށިކަމެވެ. އެހެނީ ހަމަކަށަވަރުން ނަރަކައިގެ އަހުލުވެރިންކުރެ ގިނަބަޔަކީ ތިޔަކަނބަލުންކަމުގައި (އެބަހީ އަންހެނުންކަމުގައި) ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ." ދެން އެކަނބަލުން ދަންނަވައިފިއެވެ. އެއީ ކީއްވެގެންތޯއެވެ؟ އޭ ﷲގެ ރަސޫލާއެވެ! އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. "ތިޔަކަނބަލުން ލަޢުނަތްދިނުން ގިނަކުރަމުއެވެ. އަދި ފިރިންނަށް ނުކިޔަމަންތެރިވަމުއެވެ. ތިޔަކަނބަލުންނަކީ ބުއްދީގެގޮތުންނާއި ދީނީގޮތުންއުނި ބަޔަކަށްވުމާއެކުވެސް ހަރުދަނާ ބުއްދިވެރި ފިރިހެނަކު ހައްދައިލައި ކޮސްކޮށްލުމަށް ތިޔަކަނބަލުންނަށްވުރެ މަތީބަޔަކު ތިމަންކަލޭގެފާނު ދެކިވަޑައިނުގަންނަވަމެވެ." އެކަނބަލުން ދަންނަވައިފިއެވެ. ބުއްދީގެގޮތުންނާއި ދީނީގޮތުން އަހުރެމެންގެ އުނިކަމަކީ ކޮބައިތޯއެވެ؟ އޭﷲގެ ރަސޫލާއެވެ! އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. "އަންހެނާގެ ހެކިބަސް ފިރިހެނާގެ ހެކިބަހުގެ ދެބައިކުޅައެއްބައިކަމުގައި ނުވޭހެއްޔެވެ؟ "އެކަނބަލުން ދަންނަވައިފިއެވެ. ނޫނެކެވެ. ތިޔަހެންވެއެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. "ފަހެ އެއީ ބުއްދީގެ ގޮތުންހުރި އުނިކަމެވެ. އަންހެނާ ޙައިޟުވާހިނދު އޭނާއަށް ނަމާދާއި ރޯދަ ދޫކޮށްލަން ނުޖެހޭހެއްޔެވެ؟ "އެކަނބަލުން ދަންނަވައިފިއެވެ. ނޫނެކެވެ. ދޫކޮށްލަން ޖެހެއެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. "ފަހެ އެއީ ބުއްދީގެގޮތުންހުރި އުނިކަމެވެ. އަންހެނާ ޙައިޟުވާހިނދު އޭނާއަށް ނަމާދާއި ރޯދަދޫކޮށްލަން ނުޖެހޭހެއްޔެވެ؟ "އެކަނބަލުން ދަންނަވައިފިއެވެ. ނޫނެކެވެ. ދޫކޮށްލަން ޖެހެއެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. "ފަހެ އެއީ ދީނީގޮތުންހުރި އުނިކަމެވެ." (متّفق عليه) އަދި معا ذة ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާވިދާޅުވިއެވެ. "އަހުރެން ޢާއިޝަތުގެފާނާ ސުވާލުކޮށްފީމެވެ. ޙައިޟުވެރިޔާއަށް ރޯދަ ޤަޟާކުރަންޖެހޭއިރު ނަމާދު ޤަޟާކުރަންނުޖެހެނީ ކީއްވެތޯއެވެ؟ ޢާއިޝަތުގެފާނު ދަންނަވައިފިއެވެ. رسول الله صلّى الله عليه وسلّم ގެ އަރިހުގައި އަހުރެމެންވެސް ޙައިޟުވެއެވެ. ފަހެ ރޯދަ ޤަޟާކުރުމަށް އަހުރެމެންނަށް އަމުރުކުރައްވައެވެ. އަދި ނަމާދު ޤަޟާކުރުމަށް އަހުރެމެންނަކަށް އަމުރެއްނުކުރައްވައެވެ." (متّفق عليه)
2- ވަޠީވުން.
ހުރިހާޢިލްމުވެރިންގެ އިޖުމާޢުން މިކަން ޙަރާމްވެގެންވެއެވެ. އަދި ޤުރުއާނާއި ސުންނަތުގައިވެސް މިކަންވަނީ ޙަރާމްކުރައްވާފައެވެ. މާތްﷲ ރުއްސުންލެއްވި އަނަސްގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ޔަހޫދީން، އެބައިމީހުންގެތެރެއިން އަންހެނަކު ޙައިޟުވެއްޖެނަމަ އެއަންހެނާއާއެކު ކައިނަހަދަތެވެ. އަދި އެއްތާކު އިށީނދެވެސް ނަހަދަތެވެ. ދެން އަޞްޙާބުބޭކަލުން رسول الله صلّى الله عليه وسلّم އާ ސުވާލުކުރެއްވިއެވެ. ފަހެ الله تعالى މިއާޔަތް ބާވައިލައްވައިފިއެވެ. (وَيَسۡـَٔلُونَكَ عَنِ ٱلۡمَحِيضِ‌ۖ قُلۡ هُوَ أَذً۬ى فَٱعۡتَزِلُواْ ٱلنِّسَآءَ فِى ٱلۡمَحِيضِ‌ۖ وَلَا تَقۡرَبُوهُنَّ حَتَّىٰ يَطۡهُرۡنَ‌ۖ فَإِذَا تَطَهَّرۡنَ فَأۡتُوهُنَّ مِنۡ حَيۡثُ أَمَرَكُمُ ٱللَّهُ‌ۚ إِنَّ ٱللَّهَ يُحِبُّ ٱلتَّوَّٲبِينَ وَيُحِبُّ ٱلۡمُتَطَهِّرِينَ) (البقرة: ٢٢٢) (މާނައީ: "އަދި ކަލޭގެފާނާ އެބައިމީހުން (މުއުމިނުން) حيض އާ ބެހޭގޮތުން ސުވާލުކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެއީ ހަޑިމުޑުދާރު އެއްޗެކެވެ. ފަހެތިޔަބައިމީހުން ޙައިޟުގެ ދުވަސްވަރު އަނބިންނާ (ޖިމާޢުވުމުން) ދުރުވާށެވެ. އަދި އެކަނބަލުން ޠާހިރުވެއްޖައުމަށްދާންދެން ތިޔަވައިމީހުން އެކަނބަލުންނާ ކައިރިނުވާށެވެ. (އެބަހީ ޖިމާޢުނުވާށެވެ.) ފަހެ އެކަނބަލުން ޠާހިރުވާހިނދު، މާތްﷲ ތިޔަބައިމީހުންނަށް އަމުރުކުރެއްވިތަނުން އެކަނބަލުންގެގާތަށް ތިޔަބައިމީހުން އަންނާށެވެ. (އެބަހީ އެކަނބަލުންގެ ފަރުޖުތަކަށް ތިޔަބައިމީހުން ޖިމާޢުވާށެވެ.) ހަމަކަށަވަރުން މާތްﷲ، ގިނަގިނައިން ތައުބާވާމީހުންދެކެ ލޯބިވެވޮޑިގަންނަވައެވެ. އަދި ޠާހިރުވާމީހުންދެކެވެސް ލޯބިވެވޮޑިގަންނަވައެވެ.") ފަހެ رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ. "ޖިމާޢުވުންނޫން ހުރިހާކަމެއްކުރާށެވެ."(رواه أحمد ومسلم) އަދި إمام نووي – رحمه الله – ވިދާޅުވިއެވެ. "މުސްލިމަކު، ޙައިޟުވެރިޔާގެ ފަރުޖަށް ޖިމާޢުވުން ހުއްދަކަމުގައި އިޢުތިޤާދުކޮށްފިނަމަ ފަހެ އޭނާ ކާފަރުވެ މުރުތައްދުވެއްޖެއެވެ. އަދި އެގޮތަށް އިޢުތިޤާދުނުކުރާޙާލު، ހަނދާންނެތިގެން ނުވަތަ ޙަރާމްވެގެންވާކަން ނޭނގިހުރެ، ނުވަތަ އަނބިމީހާ ޙައިޟުވެފައިހުރިކަން ނޭނގިހުރެ، އަނބިމީހާއާ ޖިމާޢުވެއްޖެނަމަ އޭނާގެމައްޗަށް އެއްވެސްފާފައެއްނެތެވެ. އަދި ކައްފާރާއެއްވެސްނުވެއެވެ. އަދި އަނބިމީހާހުރީ ޙައިޟުވެފައިކަން އެނގިހުރެ، އެޙާލަތުގައި ޖިމާޢުވުން ޙަރާމްވެގެންވާކަން އެނގޭޙާލު، އެކަންކޮށްފިނަމަ ފަހެ އޭނާ އެއަރައިގަތީ ބޮޑުވެގެންވާ ފާފައަކަށެވެ. އެކަމުން ތައުބާވުން އޭނާގެމައްޗަށް ވާޖިބުވާނެއެވެ. އަދި އޭނާގެމައްޗަށް ކައްފާރާ ވާޖިބުވެގެންވުމާމެދު ދެބަސްފުޅު އައިސްފައިވެއެވެ. އޭގެތެރެއިން އެންމެޞައްޙަ ބަސްފުޅަކީ ކައްފާރާ ވާޖިބުވެގެންނުވުމެވެ. އަދި ވިދާޅުވިއެވެ. ޙައިޟުވެފައިވާ އަނބިމީހާގެ ފޫޅުންމައްޗާއި ކަކުލުގެތިރިން އަރާމުލިބިގަތުން ޙަލާލުވެގެންވާކަމަށް ހުރިހާދަންނަބޭކަލުން އިޖުމާޢުވެވަޑައިގެންފައިވެއެވެ. އަދި ކުރިމަތިފަރާތާއި ފުރަގަސްފަރާތް ފިޔަވައި ފޫޅާއި ކަކުލާދެމެދުން އަރާމުލިބިގަތުންދަންނައެވެ. ގިނަ ޢިލްމުވެރިން އެކަން ޙަރާމްކަމަށް ވިދާޅުވެއެވެ."

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment