3.02.2010

އިސްލާމްދީނުގައި ހުއްދަނޫން ފެޅުންތައް

އަލްއަޚް މުޙައްމަދު ރަމީޒު އަޙްމަދު
ބޭސްވެރިކަމުގެ މައިދާނުގައި ފަރުވާއެއްގެ ގޮތުން ކުރެވޭ ފެޅުމުގެ (ސާރޖަރީގެ) ގިނަ މަސައްކަތްތަކަކީ އިސްލާމް ދީން ހުއްދަކުރާ ކަންތައްތަކެކެވެ. އެއީ މީހަކަށް ޖެހިފައިވާ ބައްޔަކަށް ފަރުވާ ކުރުމަށްޓަކައެވެ. ނުވަތަ ހަށިގަނޑުގެ މަސައްކަތްތަކަށް ހުރަސް އަޅާފަދަ އައިބުތަކުން ސަލާމަތް ވުމަށްޓަކައެވެ. މިކަން މިހެން އޮތްނަމަވެސް އެކަމުގައި އެއްވެސް ފައިދާއެއް ނެތް ނުވަތަ ޝަރުޢީގޮތުން އެއީ ބޭނުންތެރި ކަމަކަށް ނުބެލެވޭ ފެޅުންތަކަކީ އިސްލާމް ދީނުގައި ހުއްދަ ފެޅުންތަކެއް ނޫނެވެ.

މިގޮތުން މިބަޔާން ކުރާ ފެޅުންތަކަކީ އިސްލާމް ދީނުގައި ހުއްދަނޫން ފެޅުންތަކެއް ކަމަށް މިޒަމާނުގަ ބައެއް އިސްލާމީ އިލްމުވެރިން ވިދާޅުވާ ފެޅުންތަކެކެވެ.

1.ރީތިވުމުގެ ގޮތުން ފެޅޭ ފެޅުންތައް:
އެއީ ހަމައެކަނި ބޭރަފުށުގެ ރީތިކަމަށް ޓަކައި ނުވަތަ މުސްކުޅިކަން ފޮރުވުމަށްޓަކައި ފެޅޭ ފެޅުންތަކެވެ. ކޮންމެހެން އެކަންކަމަށް ބޭނުން ޖެހޭ ޟަރޫރީ ފެޅުންތަކެއް ނޫނެވެ.
މިގޮތުން ދެބާވަތެއްގެ ފެޅުން ފެޅެއެވެ. އެއްބާވަތަކީ ސިފަ ބަދަލުކުރުމަށްތަކައި ފެޅޭ ފެޅުމެވެ. މިބާވަތުގެ މިސާލަކީ ނޭފަތާއި ދަށްދޮޅިއާއި އުރަމަށްޗާއި ކަންފަތާއި ބަނޑުގެ ބައްޓަމަށް ނުވަތަ ބޮޑުމިނަށް ބަދަލު ގެނައުމަށް ފެޅޭ ފެޅުންތަކެވެ.
ދެވަނަ ބާވަތަކީ ޒުވާން ވުމަށްޓަކައި ފެޅޭ ފެޅުމެވެ. މިގޮތުން މޫނުގެ ރޫތަށް ފިލުވައި ރީތި ކުރުމަށް ފެޅޭ ފެޅުންތަށް ވެއެވެ. އަދި މުސްކުޅިވެ އުމުރުން ދުވަސްވުމުން ފިނދުމަސްގަނޑާއި އަތްދަނޑިއާއި ދެއަތާއި ބުމައަށް އަންނަ ބަދަލުތަށް ނައްތާލުމަށް ފެޅޭ ފެޅުންތަށްވެސް ހިމެނެއެވެ.
ކުރިންވެސް ލިޔެވުނު ފަދައިން މިބާވަތުގެ ފެޅުންތަކަކީ އެއްވެސް ޟަރޫރީ ބޭނުމެއް އޮތް ފެޅުންތަކެއް ނޫނެވެ. ނުވަތަ ކޮންމެހެން ބޭނުންޖެހިގެން ފެޅޭ ފެޅުންތަކެއް ނޫނެވެ. އެކަމުގެ އަސްލު ލަނޑުދަނޑިއަކީ ﷲ ހައްދަވާފައިވާ ސިފަ ބަދަލު ކުރުމެވެ. އަދި އެމީހަކު ބޭނުންވާހާ ގޮތަކަށް އެސިފަ ބަދަލުކޮށް އެއާ ކުޅުމެވެ. އެހެންކަމުން އެއީ ހުއްދަ ފެޅުމެއް ނޫނެވެ. އަންނަނިވި ދަލީލު ތަކުން އެކަމަށް ހުއްޖަތް ލިބެއެވެ.
1.އިބްލީސް ބުނިކަމަށް އަންގަވައި ސޫރަތުއްނިސާގެ 119 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (އަދި ﷲ ގެ ޚަލްޤުކުރެއްވުން ބަދަލު ކުރުމަށްވެސް އެބައިމީހުންނަށް ތިމަން އަމުރު ކުރާހުށީމެވެ.) މި މާތް އާޔަތުގައި ވާރިދުވެގެންވަނީ އާދަމުގެ ދަރިންގެ ތެރެއިން ﷲ އަށް އުރެދޭ މީހުންނަށް ޝައިތާނާ ޒީނަތްތެރިކޮށް ދައްކާ ހަރާމް ކަންތައްތަކެވެ. އޭގެ ތެރޭގައި ﷲގެ ޚަލްޤުކުރެއްވުމަށް ބަދަލުގެނައުން ވެއެވެ. ހަށިގަނޑު ރީތިކުރުމުގެ ގޮތުން ފެޅޭ މިފަދަ ފެޅުންތަކަކީ ﷲ އިންސާނާއަށް ދެއްވި ސިފަ ބަދަލުކޮށް އޭނާގެ ގިތް އެދޭހާ ގޮތަކަށް ބަދަލު ކުރުމަށް ކުރެވޭ ކަމެކެވެ. އެހެން ކަމުން އެކަމަކީވެސް ޙަރާމް ކަމަކަށް ވެގެންދާނެއެވެ.
2. (ފަރިވުމަށްޓަކައި ﷲ ގެ ޚަލްޤުކުރެއްވުމަށް ބަދަލު ގެނެސް އިސްތަށި އުފުރާ އަންހެނުންނާއި ދަތްތަކަށް ބަދަލުގެންނަ އަންހެނުނަށް ލަޢުނަތް ލެއްވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ކުރައްވަނިކޮށް އަޑުއެއްސެވިކަމަށް ޢަބްދުﷲ ބުނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.) މިފަދަ ޢަމަލުތައް ކުރާ މީހުންނަށް ލަޢުނަތް ލެއްވިގެންވާ ކަން މި ޙަދީޘުން ދޭހަވެއެވެ. ސިފަ ބަދަލު ކުރުންކަން ވެސް އެގެއެވެ. އަދި އެއީ ރީތިވުމަށްޓަކައި ކުރެވޭ ކަމެއްކަންވެސް އެނގެއެވެ. ކުރިން ދެންނެވި ފެޅުމުގައިވެސް މި ދެމާނަ އެކުލެވެއެވެ. އެހެނީ ސިފައަށް އެ ގެނެވޭ ބަދަލަކީ ރީތިކަން އިތުރު ކުރުމުގެ ނިޔަތުގައި ކުރެވޭ ކަމެކެވެ.
3. ޓެޓޫ (ކައްޓަކުން ހަމުގެ ތެރެއަށް ކުލަ ދުއްވައިގެން އެކި މަންޒަރު ސިފަވާގޮތަށް ކުރަހާ ކުރެހުން) ކުރުމާއި އިސްތަށި އުފުރުމާއި ދަތްކެނޑުން ހުއްދަނުވާ ފަދައިން ރީތިވުމަށްޓަކައި ފެޅޭ ފެޅުންތައް ހުއްދައެއް ނުވާނެއެވެ. އެ ދެގޮތުގައިވެސް ރީތިވުމާއި ޗާލުވުމުގެ ބޭނުމުގައި ﷲގެ ޞޫރަ ކުރެއްވުމަށް ބަދަލުގެނައުން އެކުލެވޭ ކަމަށްޓަކައެވެ.
4. މިބާވަތުގެ ގިނަ ފެޅުންތަކަކީ އެކަމުން މަކަރާއި އޮޅުވާލުމަށް މަގުފަހިކުރާ ފެޅުންތަކެކެވެ. އެއީ ދީނުގައި ހުއްދަ ކަންކަމެއް ނޫނެވެ. މިސާލަކަށް ޒުވާންވުމަށް ފެޅޭ ފެޅުންތަކަކީ ކައިވެނި ކުރުންފަދަ ކަންކަމުގައި އޮޅުވާލުމަށްޓަކައި ކުރެވޭ ކަންކަމަށްވެސް ވެދާނެއެވެ.
5. މިފެޅުންތައް ފެޅުމުގައި ހުއްދަ ނޫން ބައެއް ކަންކަމަށް އަރައިގަނެވެއެވެ. އެއީ މިސާލަކަށް ހޭނެއްތުން ފަދަ ކަންކަމެވެ. ހޭނެއްތުމަކީ އަސްލުގައި ދީނީގޮތުން ޙަރާމް ކަމެކެވެ. އަދި އެކަން ހުއްދަވާފަދަ ސަބަބެއް މިދެންނެވިފަދަ ފެޅުންތަކުގައި ނުވެއެވެ. އެހެންކަމުން އޭގެ ޙަރާމްކަން ކުރިން އޮތްގޮތަށް އޮންނާނެއެވެ. އަދި ހިލޭ ފިރިހެނުންގެ ފެޅުންތައް އަންހެނުން ފެޅުމާއި ހިލޭ އަންހެނުންގެ ފެޅުންތަކުގައި ފިރިހެނުން މަސައްކަތް ކުރުމަކީވެސް މިކަމުގައި ވެދާނެ ކަމެކެވެ. މިކަމުގައި އައުރައަށް ބެލުމާއި ހިލޭ މީހަކާއެކު އެކަހެރިވުމާއި މިފަދަ ކަންކަން ހިމެނެއެވެ. މިކަންކަންވެސް ހުއްދަ ކުރެވޭނަމަ ހުއްދަކުރެވެނީ ޟަރޫރީ ބޭނުމަކަށްޓަކައެވެ. ނަމަވެސް މިފަދަ ފެޅުންތަކުގައި އެފަދަ ބޭނުމެއް ނުވެއެވެ. އެހެންކަމުން އެއީ ޙަރާމް ކަމެކެވެ.
6. މިފަދަ ގިނަ ފެޅުންތަކަކީ ނުރައްކާތަކާއި ގެއްލުންތަކުން ހުސްވެގެންވާ ކަންކަމެއް ނޫނެވެ. އަދި އެކަށީގެންވާ އެއްވެސް ބެނުމެއްނެތި އަމިއްލައަށް ނުރައްކަލުގެ ތެރެއަށް ހުށަހޮޅިގަތުމަކީ ހުއްދަ ކަމެއްނޫނެވެ.

2.ޖިންސް ބަދަލުކުރުމަށް ފެޅޭ ފެޅުންތައް
މިއީ އަންހެނުން ފިރިހެނުންނަށް ބަދަލުވުމަށްޓަކައި ނުވަތަ ފިރިހެނުން އަންހެނުންނަށް ބަދަލުވުމަށްޓަކައި ފެޅޭ ފެޅުންތަކެވެ. މިގޮތުން އެމީހެއްގެ އަޞްލު ގިންސީ ގުނަވަން ނަގައި އެޖާގައިގާ އޭނާ ބޭނުންވާ އަނެއް ޖިންސުގެ ޖިންސީ ގުނަވަން އިންދައެވެ. އަދި އެމީހެއްގެ ކިބައިގައިވާ އޭނާގެ އަޞްލު ޖިންސުގެ ހުރިހާ އަލާމާތްތަކެއް ނައްތާލައެވެ. އެއާއެކު ޚާއްޞަ ނަފުސާނީ ފަރުވާ އާއި ހޯމޯންގެ ފަރުވާ ދެވެއެވެ.
މިބާވަތުގެ ފެޅުންތަކަކީ ފަހަކަށްއައިސް ކާފިރުންގެ ތެރޭގައި ފެތުރިފައިވާ ކަންތައްތަކެކެވެ. އެކަމަށް ބޭނުންވާ ސަބަބެއްކަމަށް ބުނަނީ ތަފާތު ސަބަބުތަކަށްޓަކައި ތިމާ އެޖިންސެއްގެ މަތީ އުފަންވީ ޖިންސަށް ނަފުރަތު ކުރެވި ނުރުހެވުމެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އެއީ އުމުރުގެ ވަރަށް ކުރީއްސުރެ ތަރުބިއްޔަތު ކުރެވޭ ގޮތަކުން ދިމާވާ ކަމެކެވެ. އަދި މިގޮތަށް ޖިންސް ބަދަލު ކުރަން ބޭނުންވާ މީހުންނަކީ ޚުންޘާއިންނާއި ޚިލާފަށް ސިފަ ނުވަތަ ގުނަވަންތަކުން ވިޔަސް އެމީހުންގެ ޖިންސް ވަކިކުރުމަށް އެއްވެސް އޮޅުމެއް ނާރާ ބައެކެވެ. މިއީވެސް އިސްލާމްދީނުގައި ހުއްދަނޫން ފެޅުމެކެވެ. އެއީ އަންނަނިވި ދަލީލުތަކުގެ މައްޗަށް ބިނާކޮށެވެ.
1. ކުރީގައި ބަޔާންވެ ދިޔަ އާޔަތް، ބޭކާރު ގޮތުގައި ކުޅިވަރަށްﷲ ގެ ޚަލްޤު ކުރެއްވުމަށް ބަދަލު ގެނައުން ޙަރާމް ކަމުގެ މައްޗަށް ދަލީލު ކުރެއެވެ. މިފަދަ ފެޅުމަކީ މިދެންނެވި ބީދައިން ކުރެވޭ ކަމެކެވެ. އެހެނީ އެފަދަ ފެޅުންތަކުގައި ޑޮކްޓަރުން އަންހެނާގެ ނުވަތަ ފިރިހެނާގެ ޖިންސީ ގުނަވަންތައް ކަނޑައި ވަކިކުރުމެވެ.
2.(ޢަބްދުﷲ ބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ފިރިހެނުންގެ ތެރެއިން އަންހެނުންނާއި އެއްގޮތް ވެގަންނަ މީހުންނަށާއި އަންހެނުންގެ ތެރެއިން ފިރިހެނުންނާއި އެއްގޮތްވެގަންނަ މީހުންނަށް ﷲ ގެ ރަސޫލާ ލަޢުނަތް ލެއްވުން އެދި ދުޢާފުޅު ކުރެއްވިއެވެ.) މި ޙަދީޘުން ފިރިހެނުން އަންހެނުންނާ އެއްގޮތްވެގަތުމާއި އޭގެ އިދިކޮޅުވެސް ޙަރާމްވެގެންވާ ކަމަށް ދަލީލު ކުރެއެވެ.
3. މިބާވަތުގެ ފެޅުމަކީ ޝަރުޢީ ގޮތުން ހުއްދަނޫން ކަންތައްތަކެއް އޭގައި ހިމެނިގެންވާ ފެޅުމެކެވެ. އެއީ ޢައުރަބެލުން ފަދަ ކަންކަމެވެ.
4. ޑޮކްޓަރުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި މިފަދަ ފެޅުންތަކަކީ ބޭސްވެރިކަމުގެ ބަލާއިރު އެކަން ކުރުމަށް އެއްވެސް ސަބަބެއް ނެތް ބޭނުމެއްނެތް ކަމެކެވެ. އޭގައިވަނީ ހަމަ އެކަނިﷲ ލެއްވި ޖިންސް ފިޔަވައި އެހެން ޖިންސަކަށް ބަދަލުވެގަތުމުގެ އެދުމެކެވެ.
5. އިންސާނުން ކާސިކުރުމަކީ ހުއްދަ ނޫން ކަމެއްކަމުގެ މައްޗަށް ޙިޖާޒާއި ކޫފާގެ ފިޤުހުވެރިން އެއްބަސްވެ ވަޑައިގަންނަވާ ކަމުގައި އަލްއިމާމުލް ޤުރުޠުބީ ވިދާޅުވިއެވެ. ކާސިކުރުމަކީ ޖިންސީ ގުނަވަނުގެ މަސައްކަތް ބޭކާރުކޮށްލުން ކަމަށްވާއިރު އެމުޅި ގުނަވަން ނަގައި މުޅިން ބަދަލުކުރުން ހުއްދަ ނުވުން އައުލާކަން ބޮޑުވެގެންވެއެވެ.

3. ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ފެޅޭ ފެޅުންތައް:
މިއީ ކުރިމަގުގައި ހިނގާފާނެ ކަމަށް ހީވާ ނުރައްކަލުން ދިފާޢުވުމަށްޓަކައި ފެޅޭ ފެޅުމެވެ. މީގެތެރެއިން ގެއްލުން ލިބޭނެކަމަށް ޔަޤީނާ ގާތަށް ހީވެގެން ފެޅޭ ފެޅުމަކީ ހުއްދަ ފެޅުމެކެވެ. މިތާނގައި ބަލައިލާނީ ހީވާ ހީވުން އެ ދަރަޖައަށް ނުދަނީސް ފެޅޭ ފެޅުންތަކާ މެދުގައެވެ. މިސާލަކަށް އެޕެންޑިކްސް ނުވަތަ ޓޮންސިލް ނުވަތަ ދަތެއް ހަމަ ސަލާމަތުން އޭގެ މަސައްކަތް ކޮށްކޮށް ހުއްޓާ، ފަހުން މަސްއަލައެއް ޖެހިދާނެކަމުގެ އެއްވެސް ދަލީލެއް ނެތި ހީވާ ހީވުމެއްގެ މައްޗަށް ބިނާކޮށްފައެވެ. އެހެންކަމުން މިއީވެސް ހުއްދަ ފެޅުމެއްނޫނެވެ.
އެއީ އަންނަނިވި ދަލީލުތަކުގެ މައްޗަށް ބިނާކޮށެވެ. ފުރަތަމައަށް އެފަދަ ގުނަވަނެއް ކަނޑައި ނެގުމަކީ އެކަމަށް ބޭނުންވާ އެކަށީގެންވާ ބޭނުމެއްނެތި ﷲގެ ޙުލްޤު ކުރެއްވުމަށް ގެނެވޭ ބަދަލަކަށް ވާކަމެވެ. ދެވަނައަށް އެގުނަވަންތައް ﷲ ލައްވާފައިވަނީ ބޭކާރު ގޮތެއްގައެއް ނޫނެވެ. އޭގައި ކޮންމެވެސް ފައިދާތަކެއް ވެއެވެ. ނަމަވެސް ކުރެވޭ ވަހުމުތަކެއްގެ މައްޗަށް ބިނާކޮށް އެތަކެތި ނެގުމުން އޭގެ ފައިދާއާއި ބޭނުން ބޭކާރުކޮށްލެވެނީއެވެ.
އިސްވެ ދެންނެވުނު ނަޤުލީ އަދި ބުއްދީގެ ދަލީލުތަކާއި ޙުއްޖަތްތަކަށް ބަލައިލުމުން މިދެންނެވި ތިންބާވަތުގެ ފެޅުންތަކަކީ ހުއްދަ ފެޅުންތަކެއް ނޫންކަން އެނގެއެވެ. އެހެންކަމުން މިފަދަ ފެޅުމަކަށް ނޫނެވެ. ހަމައެހެންމެ އެކަން ކުރުމަކީ ޑޮކްޓަރަކަށްވެސް ހުއްދަވާނެ ކަމެއް ނޫނެވެ. އަދި އެފަދަ ކަންތައްތައް ކުރާ މީހުން އެކަމަށް ދައްކާ ބަހަނާއަކީ އެކަން ހުއްދަކުރުމަށް އެކަށީގެންވާ ޙުއްޖަތެއް ނޫނެވެ.

ވަސީލަތް: ދަރުމަ މަޖައްލާ

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment