2.21.2010

ޒަވާޖީ ޙަޔާތުގެ ނައު

އަލްއަޚް މުޙައްމަދު ސިރުޙާން
ސިއްތިފުޅު ވިހެއީ ހުކުރުގައި، ނަންއެކީ ހޮނިހިރުގައޭ، މީހަކާއި ކައިވެނިކުރީ އާދިއްތާގައޭ، ހޯމަ ދުވަހު ބަލިވެއްޖެޔޭ، އަންގާރަދުވަހު ޙާލެއްނެތޭ، ބުދަދުވަހު މަރުވެއްޖެޔޭ، ވަޅުލީ ބުރާސްފަތި ދުވަހުގައޭ." މިއީ އަހަރެމެންގެ ޙަޔާތުގައި ދިމާވާ ތަފާތު ކަންކަމެވެ. މީގެ ތެރެއިން އެންމެ މުހިއްމު ދުވަސްވަރަކީ ކައިވެނީގެ ދުވަސްވަރެވެ. އެދުވަސްވަރަކީ އުފާވެރި ދުވަސްވަރަކަށް ވެއްޖެނަމަ މިދުނިޔަވީ ޙަޔާތް ކާމިޔާބުވީއެވެ.

ކައިވެންޏަކީ ނަބީންނާއި ރަސޫލުންގެ ސުންނަތެކެވެ. އެއީ ﷲ ގެ ހެކިތަކުގެ ތެރެއިން ވާ ހެއްކެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.

" وَمِنْ آَيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لأَََيَاتٍ لِقَوْمٍ يَتَفَكَّرُونَ (سورة الروم :21) "

"ތިޔަބައިމީހުންނަށް ޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން ފިކުރުހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ."

ޒަވާޖީ ޙަޔާތުގެ ނަވަށް މަރުޙަބާއެވެ. މުޙައްމަދާއި އޭނާގެ ޙަޔާތުގެ ބައިވެރިޔާ ފާތުން އާ ދެމީހުންގެ ކައިވެނީގެ ޙަޔާތުގެ ނައުގެ ދަތުރު ފެށުނީ އެ ދެ މީހުން ކައިވެނި ކުރި ވަޤުތުން ފެށިގެންނެވެ. ކޮންމެ ދަތުރަކަށްވެސް ދަތުރުކުރާނެ އުޅަނދެއް ބޭނުންވެއެވެ. ޝައުޤުވެރިވާ އުޅަނދެއް ހޯދަންޖެހެއެވެ. ކޮންކަހަލަ އުޅަނދެއްތޯ ބަލަންޖެހެއެވެ. މުޙައްމަދުގެ ދެމަފިރީން ކައިވެނި ކުރީ ދެމީހުން ރުހި ޤަބޫލުވެގެންނެވެ. ޝައުޤުވެރިވެގެންނެވެ.

1- ޝައުޤުވެރިވުން

ދެމަފިރީންގެ ދެމެދުގައިވާ ޝައުޤު ވެރިކަމަކީ ޒަވާޖީ ޙަޔާތުގެ ނައުގެ ދަތުރު ފެށުމަށްޓަކައި ބޭނުންވާ ފުރަތަމަ ކަމެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަބޭފުޅުންނަށް ދިމާވާ ގޮތަކީ ކައިވެނިކޮށް މާ ގިނަދުވަސްތަކެއް ނުވަނީސް މިދެންނެވި ދެމަފިރީންގެ މެދުގައިވާ ޝައުޤުވެރިކަން ފަނޑުވާން ފަށަނީއެވެ. އެގޮތަށް ފަނޑުވަމުންގޮސް ޝައުޤުވެރިކަން އެކީ ގެއްލިގެން ވެސް ހިނގައިދާނެއެވެ. މިކަމުގެ ސަބަބުން ކައިވެނި ރޫޅިގެން ދަނީވެސް މަދުފަހަރަކު ނޫނެވެ. ކައިވެންނެއްގެ މިސާލަކީ ދިއްލާލެވިފައިވާ ހުޅުކޮޅެއްގެ މިސާލެވެ. އެ ހުޅުކޮޅު ކަނިވަމުން ކަނިވަމުންގޮސް އެއްކޮށް ނިވެނީއެވެ. އާދެ ޒަވާޖީ ޙަޔާތުގެ ނައުތައް ކަނޑުގެ އަޑިއަށް ދަނީއެވެ. ތިބާއަށްވެސް މިގޮތަށް ކަންދިމާވެފައިވުން އެކަށީގެންވެއެވެ. މާބޮޑަށް ފިކުރު ނުކުރައްވާށެވެ. އެއްވެސް ޝަރުޠެއްނެތި ތިމާގެ ޙަޔާތުގެ ބައިވެރިޔާއަށް ޝައުޤުވެރިވާށެވެ. ތިމާގެ ނަފްސާއި މުޚާތަބުކޮށް ބުނާށެވެ. "އަހަރެން އަހަރެންގެ ޙަޔާތުގެ ބައިވެރިޔާއަށް ޝައުޤުވެރިވަމެވެ."

ކޮންމެ ދަތުރަކަށްވެސް ދަތުރުކުރާ މަންޒިލެއް ވާންޖެހެއެވެ. ނުވަތަ މަޤްސަދެއް ވާންޖެހެއެވެ.

2- މަޤްޞަދު

މާތް ﷲ އިންސާނާ ދުނިޔޭގައި ލައްވަވާފައިވަނީ އެއިލާހަށް އަޅުކަން ކުރުމަށް ޓަކައެވެ. ވީމާ އެއިލާހުގެ ރުހިވޮޑިގަތުން ހޯދުމަކީ އަޅުގަނޑުމެންގެ ޙަޔާތުގެ އެންމެ ފުރަތަމަ މަޤްޞަދަށް ހަދަންޖެހެއެވެ. އެފަރާތުގެ ރުހިވޮޑިގަތުން ހޯދުމަށް ތިމާ ކުރާ ކޮންމެ ކަމެއް ވާނީ އަޅުކަމަކަށެވެ. ﷲ ގެ ރުހިވޮޑިގަތުން އަހަރެމެންނަށް ލިބިއްޖެނަމަ އެއިލާހުގެ ރަޙްމަތުގެ ގޮވަތި ސުވަރުގެއަށް އަހަރެމެންނަށް ވާޞިލްވެވޭނެއެވެ. ދެމަފިރިއަކު މިދެންނެވިގޮތަށް ﷲ ރުއްސަވާމަގުގައި ދުނިޔޭގެ ޙަޔާތް ހޭދަކޮށްފިނަމަ އެ ދެމީހުން ސުވަރުގޭގައިވެސް ދެމަފިރިންގެ ގޮތުގައި ﷲ ލައްވަވައެވެ. އަހަރެމެންގެ ކައިވެނީގެ ޙަޔާތުގައި ދިމާވާ މައްސަލަތަކުގެ އަޞްލަކީ ﷲ ނުރުއްސަވާ ގޮތްގޮތަށް އަހަރެމެންނަށް އުޅެވުމެވެ. އަހަރެމެން ކުރާ ހުރިހާ ޢަމަލެއް ﷲ ބައްލަވާވޮޑިގެންވާކަމާއި ބުނާ ހުރިހާ ބަހެއް އައްސަވާވޮޑިގެންވާކަން އަހަރެމެން އަބަދުވެސް ހަނދާންކުރާނަމަ އެއިލާހު ނުރުއްސަވާ އެއްވެސް ކަމެއް އަހަރެމެންނަށް ކުރެވޭނެތޯއެވެ؟

ކޮންމެއަކަސް މުޙައްމަދުގެ ދެމަފިރީން ދަތުރުގެ މަޤްސަދު ކަނޑައަޅައިފިއެވެ. އަދި ދަތުރުގެ މަންޒިލް މަޤްޞޫދާ ހަމައަށް ވާޞިލްވުމަށް ޓަކައި ވަކި މަގެއް ކަނޑައަޅަން ޖެހެއެވެ. މިގޮތުން ދަތުރުކުރާ މަގު ބެލުމަށް ޓަކައި ގެންގުޅޭ ވަޞީލަތަކީ ސަމުގާއެވެ. ސަމުގާގެ ކަށި އަބަދުވެސް ހުއްޓިފައި ހުންނަނީ އުތުރަށެވެ.

3- ސަމުގާ

ދަތުރު ކުރަމުން ދާއިރު ރަނގަޅު މަގުން ކަސިޔާރު ވެގެން ދެވޭކަން އެނގެނީ ސަމުގާ ބެލީމައެވެ. އަހަރެމެންގެ މިޙަޔާތުގައި ރަނގަޅު މަގުދައްކައިދޭ ސަމުގާ އަކީ ކީރިތި ޤުރްއާނާއި ލޮބުވެތި ނަބިއްޔާގެ ސުއްނަތެވެ. ޤުރުއާނާއި ސުއްނަތަށް އެނބުރި ދިޔުމުން އަހަރެމެންނަށް ހައްޤުގެ މަގާ ދުރަށް ދެވިފައިވަނީ ކިހާވަރަކަށްކަން އެނގެއެވެ.

މުޙައްމަދުގެ ދެމަފިރީން ނައުގެ އިންޖީނުގެއަށް ވަދެ އިންޖީނު ބަލާލިއެވެ. އެ އިންޖީނު މަސައްކަތްކުރަނީ ޑީސަލް އަކުން ނުވަތަ ޕެޓްރޯލަކުން ނޫނެވެ. އެއިންޖީނަށް ބޭނުންވާ ތެލަކީ އެނައުގައި ދަތުރުކުރާ ދެމީހުންގެ ދެމެދުގައި އުފެދޭ ލޯތްބެވެ. ދެމީހުންގެ މެދުގައި ލޯބި ވަރުގަދަވެއްޖެނަމަ އިންޖީނު ބާރަށް ހިނގައެވެ. އަދި އޭގެ ސަބަބުން ނައުގެ ދުވެލި ހަލުއިވެއެވެ.

4- ލޯބި

ކައިވެނީގެ ޙަޔާތް އުފާވެރިކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންވާ އެންމެ މުހިއްމު އެއްޗަކީ ދެމަފިރީންގެ ދެމެދުގައިވާ ވަރުގަދަ ލޯތްބެވެ. ލޯބި ވަރަށް ގިނަ ގޮތްގޮތަށް މީހުން މާނަކޮށް އުޅެއެވެ. " ލޯތްބަކީ އެއީ ދެމަފިރީން އެކަކު އަނެކަކަށް އިޚްލާސްތެރިވުން " މިއީ އަހަރެންނަށް ފެނުނު އެންމެ ރަނގަޅު މާނައެވެ. ތިމާގެ ޒަވާޖީ ޙަޔާތުގެ ބައިވެރިޔާގެ ކުރިމައްޗަށް ގޮސް ލޯބިވާކަން ބަޔާން ކުރާށެވެ. ދުލުންބުނާށެވެ. ދެން އޯގާތެރިވެ ކަމޭހިތާށެވެ.

މުޙައްމަދުގެ ޒަވާޖީ ޙަޔާތުގެ ނައު ދުއްވުމަށްޓަކައި ރިޔާ ބޭނުމެއް ނުކުރެވެ. ރިޔަލަކީ ވައިން ދޯނި ދުއްވުމަށްޓަކައި ބޭނުންކުރާ ވަޞީލަތެކެވެ. އެއީ ދޯނީގެ ބޭރުން އަންނަ އެއްޗެއް ކަމަށް ވާތީއެވެ. އެހެނީ މުޙައްމަދުގެ ދެމަފިރީންގެ ޒަވާޖީ ޙަޔާތުގެ ނައު ދުވަނީ ބޭރުން އަންނަ އެއްޗެއްގެ ސަބަބަކުންނޫނެވެ. މުޖުތަމަޢުގެ ނުފޫޒަކުންނޫނެވެ. ކައިވެނީގެ ޙަޔާތް ކުރިއަށް ދަނީ މުޖުތަމަޢުދެކެ ގަންނަ ލަދަކުން ވެސް ނުމެނޫންމެވެ.

ކޮންމެއަކަސް މުޙައްމަދާއި ފާތުންގެ ނައު ނެރުން ނެރެ ދަތުރު ފަށައިފިއެވެ. ފާތުން ގޮސް ދުރުމި ނެގިއެވެ. ދުރުމި ނަގައި ކުރިމަތީން ފެންނަން އޮތް ރަށާ ދިމާއަށް ބަލާލިއެވެ. މުޅި ޖައްވު ފެނުނީ ރަތްކުލައިގައެވެ. މުހައްމަދު ވެސް ދުރުމި އަޅާލިއެވެ. ތެދެކެވެ. ފެންނަނީ ރަތް ކުލައިގައެވެ. މުޙައްމަދު ދުރުމީގެ ކުރީ ބިއްލޫރިގަނޑު ބަލާލިއެވެ. އޭގައި ހުރީ މަހުލޭ އުނގުޅިފައެވެ. ލޭތައް ފޮހެލުމަށް ފަހުބަލާލިއެވެ. ވަރަށް ސާފުކޮށް އެރަށް ފެންނަން އޮތެވެ.

5- އަނެކާގެ ލޮލުން ބަލާށެވެ.

ތިމާގެ ޙަޔާތުގެ ބައިވެރިޔާ ކަންކަމާމެދު ދެކޭގޮތް ނުވަތަ ޙާލަތު ދެނެގަތުމަށްޓަކައި އެންމެފުރަތަމަ ބައިވެރިޔާ ތަޞައްވަރު ކުރާގޮތް ބަލާށެވެ. މިއީ ކައިވެނީގެ ޙަޔާތް އުފާވެރިކަމާއި އެކު ގެންދިޔުމަށްޓަކައި އެންމެ ބޮޑަށް ސަމާލުވާންޖެހޭ އެއްކަމެވެ.

އަހަރެން އެއްދުވަހަކު މަދީނާގެ ގެއަކަށް ކުރަހައިދޭން ދިޔައީމެވެ. އަހަރެން ދިޔައީ ދިވެހިރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ޕޯސްޓުކާޑުތަކެއް ހިފައިގެންނެވެ. އަހަރެން އެ ގޭގެ ވެރިމީހާއަށް އެ ޕޯސްޓުކާޑުތައް ދެއްކީމެވެ. އޭނާ އޭގެތެރެއިން އެންމެ ގަޔާވީ އިރުއޮއްސޭ މަންޒަރާއެވެ. އެގެއެއްގައި ކުރަހާނީ އެގެއެއްގެ ވެރިމީހާއަށް ރީތިއެއްޗެކެވެ. އޭނަގެ ލޮލަށް ރީތި މަންޒަރެކެވެ. އަޅުގަނޑަކަށް އެގޭގައި ކުރަހާނެ އެއްޗަކާ މެދު މާގިނައިރަކު ވިސްނާކަށް ނުޖެހުނެވެ.

އަދި އެއްދުވަހަކު އަހަރެން ރެސްޓޯރަންޓަކަށް ދިޔައީމެވެ. އަހަރެންނަށް ޚިދުމަތް ކޮށްދޭން އައީ ބަނގްލަދޭޝްގެ ވޭޓަރެކެވެ. ނަމާއި ރަށާ، އޭނާ ޝައުޤުވެރިވާ މިފަދަ ސުވާލުތަކާއި ވާހަކަތައް އަހަރެން އޭނައާ ދެއްކީމެވެ. އޭނާ ވަރަށް ޝައުޤުވެރިކަމާއެކު އަޑުއެހިއެވެ. އަދި އަހަރެންނަށް އޭނާގެ ޚަރަދުގައި ކޮފީ އަކަށް ދަޢުވަތުވެސް ދިނެވެ.

ކޮންމެއަކަސް މުޙައްމަދުގެ ނައު ކަނޑުގައި ދަތުރުކުރަމުން ދެއެވެ. މުޙައްމަދު މާސިންގާ ކަނޑަށް ނަޒަރު ހިންގާލިއެވެ. މުޙައްމަދުގެ ނަޒަރުގޮސް ހުއްޓުނީ މާވަހަރެއް ކަހަލަ އެއްޗަކާ ދިމާލަށެވެ. އޭނާ ނަވަށް އެއެއްޗެއް ނެގިއެވެ. އަސްތާ! އެއީ މާވަހަރެކެވެ. މާވަހަރަކީ މަހެއްގެބަނޑުން ނުކުންނަ އެއްޗެކެވެ. އެމަހަށް އެއީ އެއްވެސް އަގެއްހުންނަ އެއްޗެއް ކަމަކަށް ނުވެއެވެ. އެކަމަކު އިންސާނުންނަށް އެއީ ވަރަށް އަގު ހުރި އެއްޗެކެވެ.

6- އަގު ވަޒަންކުރުން

މީހަކު ތިމާއަށް ކޮށްދޭ ކިތަންމެ ކުޑަ ކަމެއްގެވެސް އަގުވަޒަންކުރާށެވެ. ތިމާއާއި އެމީހާގެ ގުޅުން އިތުރަށް ބަދަހިވާނެވެ. ދެމަފިރީން އެކަކު އަނެކެއްގެ އަގުވަޒަން ނުކުރުން އެއީ ކައިވެނިތައް ރޫޅި ކައިވެނީގެ ކަވާސާ ގޮއްތައް މޮހޭ އެންމެ ބޮޑު އެއްސަބަބެވެ.

އަހަރެންގެ ރައްޓެއްސަކު އޭނަގެ އަނބިމީހާ ގޮވައިގެން ބޭރު ޤައުމަކަށް އަނބިމީހާގެ ލޮލުގެ އޮޕަރޭޝަނެއް ކުރުމަށްގޮސްފައި އައިސް އަހަރެންނަށް ފޯނުކުރިއެވެ. އަހަރެމެން ރަޙުމަތްތެރިކަމުގެ އެކި ވާހަކަތައް ދެއްކީމެވެ. އަދި އޭނައަށް އެދަތުރުން ވަރަށް ޢިބުރަތްތެރި ފިލާވަޅެއް ލިބުނުކަމަށް ބުންޏެވެ. އޭނަގެ އަންހެނުންގެ އޮޕަރޭޝަނަށް ގާތްގަނޑަކަށް ދެހާސް އެމެރިކާ ޑޮލަރު ޚަރަދުވިއެވެ. އަންހެނުންގެ ގާތު އެއީ މުޅިންވެސް އޭނާއަށްޓަކައި ކުރާ ޚަރަދު ކަމަށް ވެސް ބުންޏެވެ. އޮޕަރޭޝަން ކުރިދުވަސްކޮޅު ދަރިފުޅުބަލަން ޖެހުނީ އަހަރެންގެ ރަޙުމަތްތެރިޔާއަށެވެ. އޭނާއަށް އަންހެނުން އުފުލާ ބުރަ މައްސޫލިއްޔަތު އިޙްސާސް ކުރެވުނެވެ.

އަންހެނަކު، ނަފްސު ތަރުބިއްޔަތު ކުރާ ކޯހެއްގައި ބައިވެރިވިއެވެ. ރަނގަޅު އަންބަކަށް ވުމަށްޓަކައެވެ. އެހެން ކަމުން ރަނގަޅު އަންބަކަށް ވުމަށްޓަކައި އޭނާ އިޞްލާޙްކުރަންޖެހޭ ހަ ސިފައެއް ބަޔާން ކޮށްދިނުމަށް ފިރިމީހާގެ ކިބައިން އެދުނެވެ. އަނބިމީހާ ރަނގަޅު ކުރަންޖެހޭ އެތައްކަމެއް ހުއްޓެވެ. އެކަމަކު ފިރިމީހާ ކަންތައްކުރީ މުޅީން ތަފާތު ގޮތަކަށެވެ. އަނެއްދުވަހު ހެނދުނު ވިސްނާލާފައި ޖަވާބު ދޭނެކަމުގައި ބުންޏެވެ. ފިރިމީހާ އެދުވަހު ވަރަށް އަވަހަށް ހޭލިއެވެ. އަދި ހަ ފިނިފެންމާ ކުޑަ ނޯޓަކާއި އެކު އަނބިމީހާއަށް ފޮނުވިއެވެ. ނޯޓުގައި ލިޔެފައި އޮތީ "އަހަރެންނަކަށް، ކަލާ ގެ ކިބައިގައި ރަނގަޅު ކުރަންޖެހޭ އެއްވެސް ސިފައެއް ހުރިކަމަކަށް ނުފެނެއެވެ. އަދި ކަލާ މިހާރު ތިޔަހުރި ޙާލަތަށް އަހަރެން ކަލާދެކެ ލޯބިވަމެވެ." އެދުވަހު ހަވީރު ފިރިމީހާއަށް ގެއިން މަރުހަބާކީ ކާކުތޯއެވެ؟ ތިޔަހީވީ ރަނގަޅަށެވެ. ފިރިމީހާއަށް މަރުޙަބާ ކިޔުމަށް ޓަކައި ދެލޮލުން އުފާވެރި ކަމުގެ ކަރުނަ އޮހޮރޭ ޙާލު، ގޭ ދޮރުމަތީ ހުރީ ލޯބިވާ އަނބީމީހާއެވެ.

ތިބާގެ ކައިވެނީގެ ޙަޔާތް ބާއްޖަވެރި ކުރުމަށްޓަކައި ކެތްތެރިކަމާއި ޢަޒުމުގައި، ހިތްވަރާއެކު މަސައްކަތް ކުރާށެވެ. ބައެއްފަހަރު މިކަހަލަ ގޮތަކަށްވެސް ކަންތައް ދިމާ ވެދާނެއެވެ. " ކަލާ ހަނދަށް ވުރެ ރީއްޗެވެ " މި ޖުމްލައަކީ ޙަޔާތުގެ ބައިވެރިޔާއާ ދިމާލަށް ބުނެފި ނަމަ ވަރަށް އުފާވާ ޖުމްލައެކެވެ. މިގޮތުން :-

މީހަކު އޭނާގެ އަނބިމީހާގެ ރީތިކަން އޭނާގެ އަނބިމީހާއަށް ބަޔާން ކުރުމަށްޓަކައި ހަނދުވަރުދޭ ރެއެއްގައި އަނބިމީހާ އެކު އަތިރިމައްޗަށް ނުކުތެވެ. ހަނދަށް ބަލައިލާފައި ފިރިމީހާ އަނބިމީހާއަށް ބުންޏެވެ. އެހެރަ ފެންނަ ރީތި ހަނދު ފެނޭހެއްޔެވެ؟ އަނބިމީހާ ޖަވާބު ދިނެވެ. " ކަލޭ ހީކުރީ އަހަރެން އަނދިރި ކަމަށްހެއްޔެވެ؟ "

މިފަދަ ކަންތައްތައް ތިމާއަށް ކުރިމަތިވިޔަސް ކެތްތެރިކަމާއި ހިތްވަރާއި އެކު ކުރިޔަށް ދާށެވެ. ހަނދަށްވުރެ އޭނާ ރީތިކަމަށް ބުނާށެވެ.

ކޮންމެއަކަސް މުޙައްމަދުގެ ނައު އެލިބުނު މާވަހަރާއެކު ދަތުރުކުރަމުން ދެއެވެ. މުޙައްމަދު ހުރީ ލައިގެން ކާނެ އެއްޗެއް ލިބޭތޯ ނަނު އެއްލައިގެންނެވެ. މާގިނައިރުތަކެއް ނުވަނީސް މަހެއް ބޭނިއްޖެއެވެ. މަސްނަގައި ނަވަށް ލިއެވެ. މުޙައްމަދު މަހަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ހިތަށް އެރިއެވެ. މަސްމަހާމެހި ހިނިތުން ނުވަނީ ކީއްވެ ހެއްޔެވެ؟ ފާތުންނާއި ދިމާއަށް ބަލާލައިފައި މުޙައްމަދު ހިނިތުންވެލިއެވެ.

7- ހިނިތުންވުން

އަހަރެމެން ދުވާލުގެ ބުރަ މަސައްކަތަށްފަހު ގެޔަށް އަންނައިރު ގިނަދުވަސްދުވަހު ހުންނަނީ ވަރަށް ވަރުބަލިވެފައެވެ. ގޭތެރެއިން ކިރިޔާވެސް ހިތްހަމަނުޖެހޭކަމެއް ފެނިއްޖެނަމަ ހުރެވެނީ ރުޅި އާދެވި މޫނު ކުނިކުރެވިފައެވެ. އަނބިމީހާއަށް އޭގެ ވަރު ބާލާލެވެނީއެވެ. ތިމަންނާ ހެއްދެވުނީ ހުދުސިމެންތިން ހެން ހީވާކަހަލައެވެ. އަދި އަނބިމީހާ ހެއްދެވުނީ މަށީން ހެން ހީވާކަހަލައެވެ.

ކޮންމެދުވަހަކުވެސް ގެއަށް ވަންނައިރު ހިނިތުންވެހުރެ ވަންނާށެވެ. އަނބިމީހާއަށް ރީތި ނަމަކުން ގޮވާލައި ލޯބިވާކަން ބަޔާންކުރާށެވެ.

މިހާރު އަހަރެންނަށް މިވާހަކަ މާދިގުވާހެން ހީވާން ފަށައިފިއެވެ. ތިބާގެ އަނބިމީހާގެ ކައިރީގައި ހޭދަކުރައްވަން ޖެހޭވަގުތުކޮޅު މިވާހަކަ ކިޔަން ހޭދަވަނީއެވެ. އަހަރެންނަށް މާފުކުރައްވާށެވެ. ވީހާވެސް ކުރުކޮށްލެވޭތޯ ބަލާނަމެވެ.

މުޙައްމަދުގެ ދެމަފިރީންގެ ނައު ވަރަށް ހަލުވި ސްޕީޑެއްގައި ދުވެފައިދެއެވެ. ދަތުރުމަތީގައި ގާތްގަނޑަކަށް އަހަރެއްވުމާއި ގާތްވަނީއެވެ. މިއަދަކީ މުޙައްމަދާއި ފާތުންގެ ޙަޔާތުގައި އައި އެންމެ އުފާވެރި އެއްދުވަހެވެ. އެދެމަފިރީންނަށް ދަރިއަކުލިބުނީއެވެ. ދެމަފިރީން އެ ބޮޑު ނިޢުމަތް ދެއްވި ﷲ އަށް ޝުކުރުކުރިއެވެ.

8- ހަދިޔާ ބަދަލުކުރުން

ތިމާގެ އަހުލުވެރީންނަށް އެބައިމީހުން ޝައުޤުވެރިވާކަހަލަ ހަދިޔާ ގެނެސްދޭށެވެ. ހަދިޔާ ބަދަލުކުރުމަކީ ލޯބި އިތުރުވާ ކަމެކެވެ. ލޮބުވެތި ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން (އެކަކު އަނެކަކަށް) ހަދިޔާ ބަދަލުކުރާށެވެ. އޭރުން ތިޔަބައިމީހުންގެ މެދުގައި ލޯބި އިތުރުވާނެއެވެ."

މުޙައްމަދުގެ ދެމަފިރީންނަށް ލިބުނު މިއުފަލުގައި އެދެމަފިރީންގެ ޢާއިލާއާއި ބައެއް ރަހުމަތްތެރީން ބައިވެރިވިއެވެ. އެތައްބަޔަކު އެ ދެމަފިރީންގެ ނަވަށް ޒިޔާރަތްކުރިއެވެ. ކަނޑު ގަދަވާން ފެށީ އެދުވަސްވަރުއެވެ. މޫސުން ގޯސްވާ އަތަށް އަޅަންފެށިއެވެ. އަދި ތޫފާންތައްވެސް ބޯމަތިވާން ފެށިއެވެ. ކަނޑުގެ ބާނިތައް ބޮޑުވެ، އެކަމުން ނަވަށް އެނގުންވާން ފަށައިފިއެވެ. އިސާހިތަކު ނައުގެ ހަލުވި ދުވެއްޔަށް އޭގެ އަސަރުކުރަން ފަށައިފިއެވެ.

9- ޢާއިލާގެ ގުޅުމަށް ބޭރުމީހުންގެ ނުފޫޒު ފޯރުވިޔަ ނުދޭށެވެ.

އާއިލާގެ ގުޅުމަށް ބުރޫއަރާކަހަލަ ވާހަކަދައްކާ މީހުންގެ ވާހަކަތަކަށް ބީރުކަންފަތެއް ދޭށެވެ. އެފަދަ މީހުންގެ ނުފޫޒު ޢާއިލާގެ ތެރެއަށް ފޯރުވިޔަ ނުދޭށެވެ. އެފަދަމީހުން ދެނެގަންނާށެވެ. އެކަހަލަމީހުން ވަރަށް ގިނައިން ދެމަފިރީންގެ ކިބައިގައި ހުންނަ ކުށްތައް ހާމަކުރަން މަސައްކަތް ކުރާނެއެވެ. ގޭތެރޭގެ އެކިކަންކަމަށް ފާޑު ކިޔާނެއެވެ.

މުޙައްމަދުގެ ނަވަށް ދިމާވެގެން މިއުޅެނީ މިކަހަލަ ގޮތެކެވެ. ބޭރުންއައި މެހުމާނުން ދެއްކި ބައެއް ވާހަކައިގެ ސަބަބުން އެދެމަފިރީންގެ ގުޅުމަށް ކުޑަކުޑަ ލޮޅުމެއް އެރީއެވެ. ނަމަވެސް އެދެމަފިރީން ވަރަށް ޙިކުމަތްތެރިކަމާއެކު އެމައްސަލަ ޙައްލުކުރިއެވެ. ދެމަފިރީންވެސް އެކަކު އަނެކާގެ ވާހަކަތައް ކަނުލައި އަޑުއެހިއެވެ.

10- ކަނުލައި އަޑުއަހާ މީހަކަށް ވާށެވެ.

ކަނުލައި އަޑުއެހުމަކީ މައްސަލަތައް ޙައްލުކުރުމުގައި އެންމެބޮޑަށް އެހީވެދޭ އެއްކަމެވެ. މީހުން ދައްކާ ވާހަކައަށް ޝައުޤުވެރިކަމާއެކު އަޑުއެހުމަކީ އެމީހުންގެ ލޯބި ލިބޭކަމެކެވެ. ދަރީންނާވެސް ގިނައިން ވާހަކަ ދައްކާށެވެ. އެކަމުގެ ސަބަބުން އެކުދީންނަށް ދިމާވެފައިހުންނަ އެކިއެކި މައްސަލަތައް އެނގޭނެއެވެ. ބުނަން ނުކެރި ހުންނަ ކަންކަންވެސް ކިޔައިދޭނެއެވެ. މީހަކު ވާހަކަދައްކާއިރު އެވާހަކަ ކުރިޔަށް ގެންދިޔުމަށްޓަކައި "އާދެ، އާދެ" ، "ދެން ކިހިނެއްވީ" ، ދެންކޮންތާކަށް ދިޔައީ" މިފަދަ ޢިބާރާތްތައް ބޭނުން ކުރާށެވެ. އޭރުން އަނެކާގެ ވާހަކަ އިތުރަށް ކުރިޔަށް ގެންދަން އޭނައަށް މަގުފަހުވާނެއެވެ.

މުޙައްމަދު، ފާތުންގެ ވާހަކަ އަޑުއަހަން އިނދެ އޮރެންޖެއްގެ ތޮށި ނޮޅާލިއެވެ. ފާތުންނަށް އޭގެން ފަޅިއެއް ދިއްކޮއްލިއެވެ. ނަމަވެސް ފާތުން އޭގައި ހިފުމަށް އިންކާރު ކުރިއެވެ. ދެން މުޙައްމަދު އޭގައި ހުރި އޮށްތައް ނަގާފައި އަނެއްކާވެސް ފާތުންއަށް ދިއްކޮލިއެވެ. ދިއްކޮއްލުމާއެކު ފާތުން ރުހުމުގައި، އޭގައި ހިފާ މީރުކޮށް އެއޮރެންޖު ފަޅި ކާލިއެވެ.

11- ދެމީހަކު ދޭތެރޭ މައްސަލައެއް ޖެހިއްޖެ ނަމަ އެ މައްސަލަ ޖެހުނުގޮތާއި ސަބަބު ދިރާސާ ކުރާށެވެ.

މި ޕޮއިންޓާއި ދެންބާކީހުރި ޕޮއިންޓުތަކަށް ﷲ އިރާދަކުރެއްވިއްޔާ މިވާހަކައިގެ ދެވަނަބައިގައި އަލި އަޅުވާލާނަމެވެ. ދެންހުރިބައިތަކުގެތެރޭގައި ( ޒުވާބުކުރުމާއި ރުޅިވެރިކަމާއި ޖަދަލުކުރުން ފަދަކަންކަމަށް އާއިލާ ތެރޭގައި ޖާގަ ނުދިނުން ) ، ( ފެންނަ މަޒަރުތަކަށް އަވަހަށް ޖަޖުމެންޓު ނުދިނުން ) ،( އާއިލާގެ މެމްބަރުންނާއިއެކު ވަޤުތު ހޭދަކުރުން ) . ( ތިމާއަށް ކުށެއް ކުރެވިއްޖެނަމަ އަވަހަށް ކުށަށް އިއުތިރާފުވެ މާފަށް އެދުން ) ، ( ކުށްތައް އިޞްލާޙު ކުރާނެ ބައެއް ޤަވާއިދުތައް ). މިފަދަ މުހިންމު ޕޮއިންޓުތައް ހިމަނާނަމެވެ.

އެކަމަކު ނިއްމާލުމުގެ ކުރީން ވަރަށް މުހިންމު އެއްޕޮއިންޓު ގެނެސް ދޭނަމެވެ.

މުޙައްމަދުގެ ނައު އަނެއްކާވެސް ކުރީގަ ދުވި ހަލުވި ސްޕީޑުގައި ދުވަންފަށައިފިއެވެ. ރޭގަނޑުގެ އަދިރިކަން އަލީގެ މައްޗަށް ގަދަވެގެންފިއެވެ. މުޙައްމަދު ނައުގެ ލައިޓުތައް ދިއްލިއެވެ. އެލައިޓުތަކުގެ ސަބަބުން އެނައުގެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރަށް ފަސޭހަވެގެން ދިޔައެވެ.

12- އެހެން މީހުންނަށް އެހީތެރިވާށެވެ

ތިމާގެ ޢާއިލާގެ މެންބަރުންނާއި އެހެނިހެން އާއިލާތަކުގެ މެންބަރުންނަށް އެހީތެރިވާށެވެ. އެހީތެރިވުމަކީ ދޭދޭ ފަރުދުންގެ މެދުގައިވާ ގުޅުންތައް ވަރުގަދަވާ ކަމެކެވެ.

މީހަކު ތުއްތުކުދީންނަށް ހިތްވަރުދިނުމާއި ޢަޒުމް ވަރުގަދަ ކުރުމާއި ކެރިގެން ކަންކަމާކުރިމަތިލުމަށް ކުޑަކުދީންނަށް ދަސްކޮށްދޭ ޕްރޮގުރާމެއް ހިންގިއެވެ. މި ޕްރޮގުރާމު ނިމުމުން ޕްރޮގުރާމުގައި ބައިވެރިވި ކުދީންނަށް މެޑެލްތައް ދިނެވެ.

ޓީޗަރު މީހާ މެޑެލްތައް ދީ މުޅި ޕްރޮގުރާމު ނިމުމުން އޭނަ ހުންނަ ހޮޓަލަށް ދިޔައެވެ. ނިދިނިދި އޮއްވައި ދޮރުގައި މީހަކު ޓަކިދިނެވެ. އޭނަގެ ހިތަށް އެރިއެވެ. މި ދަންވަރު އަނެއްކާ ކާކުބާއެވެ!

ދޮރު ހުޅުވާލިއިރު ފެނުނީ ޕްރޮގުރާމުގައި ބައިވެރިވި ތުއްތުކުއްޖެކެވެ. އެކުއްޖާގެ ކައިރީގައި އަދި އެހެން ތުއްތު އަންހެން ކުއްޖަކު ހުއްޓެވެ. އެ އަންހެންކުއްޖާއަށް ހުރީ ރޮވިފައެވެ. އެކުއްޖާ ގެއަށް ނުދާން ވެގެން އުޅޭތީވެ ޓީޗަރުގެ ކައިރިއަށް އައީއެވެ. ޓީޗަރު އޭނާގެ ކޮޓަރިއަށް އެދެކުދިން ވެއްދިއެވެ. ކުޑައިރުކޮޅަކުން ގެއަށް ދާނީ ކަމުގައި ޓީޗަރުމީހާ ބުންޏެވެ. އެތުއްތު އަންހެން ކުއްޖާ ގެއަށް ނުދާން އެއުޅެނީ އޭނަގެ ގޭގައި އުޅޭ ޢާއިލާގެ ފިރިހެނަކު އެތުއްތު އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރާތީކަމުގައި ޓީޗަރުގެ ކައިރީ ބުންޏެވެ. އެވާހަކަ އަޑުއަހާފައި ޓީޗަރު މީހާ އެކުއްޖާއަށް ހިތްވަރާއި ޢަޒުމް ވަރުގަދަ ކުރުމަށް ނަޞީޙަތްދިނެވެ. އެނަޞީޙަތުގެ ސަބަބުން އެ އަންހެންކުއްޖާއަށް ހިތްވަރު ލިބުނެވެ. އެހެން ކަމުން ފޯނު ނަގައި ވަރަށް ކެރިހުރެ އެ ނުބައި ފާޙިޝް ޢަމަލު ހިންގާ ބޭބެއަށް ގުޅިއެވެ. އެކުއްޖާ އޭނާގެ ބޭބެ ކައިރީ ބުންޏެވެ. " އަހަރެން މިއަންނަނީ ގެއަށް، ދެން އެކަހަލަ ޢަމަލެއް ހިންގަން ނޫޅޭތި، އުޅެފި ނަމަ ޖެހޭނީ މުޅި ޢުމުރު ޖަލުގަ ހޭދަކުރަން" ކެރިހުރެ އޭނަގެ ބޭބެއަށް އިންޒާރު ދިނެވެ. އަދި ފޯނު ބޭއްވިއެވެ. ދެކުދީންނަށް އުފަލުން ރޮވުނެވެ. އެފަދަ ހިތްވަރެއް ލިބުނީތީއެވެ. އަދި ޓީޗަރަށް ވަރަށް ޝުކުރު އަދާކުރިއެވެ. ކަރުގައި އޮތް މެޑެލްނަގައި ޓީޗަރު ކަރުގައި އެޅުވިއެވެ. މިވާހަކަތައް އަޑުއަހަން ހުރި ޓީޗަރުގެ އަނބިމީހާއަށް ހުރީ ޓީޗަރުފަދައިން ރޮވިފައެވެ. އަދި އޭނަގެ ފިރިމީހާގެ ކައިރީ ބުންޏެވެ. " ކަލާގެ ޢަމަލުތައް ހާދަ ގަބޫލުކުރަން އުނދަގުލެވެ. " ފިރިމީހާ ޖަވާބު ދިނެވެ. " އެފަދަ ހިތްވަރު ދިނުމުގެ ހުނަރު ހުރި ކޮންމެ މީހަކަށް ވެސް އެކުއްޖާއަށް އެހީ ވެވޭނެއެވެ." އަނބިމީހާ ޖަވާބުދިނެވެ. " އާއެކެވެ، އެހެން މީހުންގެ ގައިގާވެސް އެފަދަ ހުނަރު ހުރެދާނެއެވެ. އެކަމަކު ކަލާ އެހުނަރުގެ ބޭނުން ހިފައިފީމެވެ."

މުޙައްމަދުގެ ނައު ކަނޑުގައި ދަތުރު ކޮށްފައި ދެއެވެ. މިހާރު މުޙައްމަދު ތިބާއާ މުޚާތަބު ކުރަނީއެވެ. " އަހަރެންގެ މިވާހަކަ އަކީ ތާނަ އަކުރުތަކަކުން އަތުރާލެވިފައިވާ ވާހަކައެކެވެ. ވަކި ގޮތަކަށް އެއަކުރުތައް އަތުރާލުމުން ލަފްޒުތަކަކުން ޖުމްލަތަކަކަށް ބަދަލުވެ ތިބާއަށް އޭތި ވިސްނި ޢިބުރަތްލިބޭ ގޮތަށް އަތުރާލެވިފައި ވަނީއެވެ. މިވާހަކައިން ލިބުނު ޢިބުރަތްތައް މިއަދުން ފެށިގެންވެސް ތިބާގެ ކައިވެނީގެ ޙަޔާތުގައި ބޭނުން ކުރެވޭތޯ ބަލާށެވެ. ﷲ އިރާދަކުރެއްވިއްޔާ ތިބާގެ ކައިވެނީގެ ޙަޔާތުގެ ނައުވެސް ބާރު ސްޕީޑެއްގައި ހަލުވިކޮށް ދަތުރު ކުރާނެއެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment