11.17.2009

އެންމެ ރައްކާތެރި އައްޑަނަ

އަލްއުޚްތު އުއްމު ޙަނީން
އަންހެނުންނަށް އެންމެ ބޮޑު ރައްކާތެރިކަމެއް ދީފައިވާ ދީނަކީ އިސްލާމްދީނެވެ. އެދީނުގައި އަންހެނާގެ ޙައްޤުތައް މަތިވެރިއެވެ. އެދީނުގައި އަންހެނާއަކީ ޤަދަރު ދެވިގެންވާ ޢިއްޒަތްތެރިއެކެވެ. ހެޔޮކޮށްހިތޭ ފަރާތެކެވެ. އޯގާތެރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތެކެވެ. އިހާނެތިވެދޭނޭ ހުރިހާ ކަމަކުން އިސްލާމްދީންވަނީ އަންހެނުން ސަލާމަތްކޮށްދިފައެވެ.

ދީނުގައި އަންހެނުންނަށްޓަކައި ޝަރުޢުކުރައްވާފައިވާ ކޮންމެ ކަމަކީ އޭނާގެ ޢިއްފަތްތެރިކަމާއި އަބުރު ހިމާޔަތްކުރުމަށްޓަކައި، އަދި އިސްލާމްދީނުގެ ހެޔޮލަފާ ތަރުބިއްޔަތުން ތަރުބިއްޔަތު ލިބިފައިވާ ޖީލެއް އުފެއްދުމަށްޓަކައި ޝަރުޢުކުރެވިފައިވާ ކަންތައްތަކެވެ. އެއީ ޙިޖާބު ކަމުގައިވިޔަސް އަދި ބެލުން ތިރިކުރުމާއި، ތިމާގެ ފަރުޖު ރައްކާތެރިކުރުން ކަމުގައިވިޔަސްމެއެވެ.
އިސްލާމްދީނުގެ ފޮނި މީރުކަން މުޖްތަމަޢަކަށް ލިބޭނީ އެ މުޖްތަމަޢެއްގެ އަންހެންތަކުން އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އެބައިމީހުންގެ ހެދުން އެޅުމާއި، ގުޅުންތަކާއި އުޅުންތައް ބަހައްޓައިގެންނެވެ. އެހެނީ އިސްލާމްދީނުގެ އެއްބައިކަމުގައިވާ ތަރުބިއްޔަތުގެ މައިދާނުގައި އެންމެ ފުރިހަމަ ކާމިޔާބީއެއް އުއްމަތަށް ޙާޞިލްކޮށްދެވޭނީ އިސްލާމީ ތަރުބިއްޔަތުގެ ޢިލްމަށް އެންމެ ޤާބިލް، އަދި އިސްލާމީ ތަރުބިއްޔަތުގެ ޢިލްމާ އެންމެ ރައްޓެހި އަންހެންތަކުންނަށެވެ.
އެހެންކަމުން، މުޖްތަމަޢުގެ ތެރޭގައި އުޅޭއިރު ރައްކާތެރިކަމާއި އޯގާތެރިކަން ލިބިގަތުމަށްޓަކައި އަދި އުނދަގޫކުރުންތަކާއި ދިމާކުރުންތަކާއި، އެންމެހާ ފާފަތަކާއި މުންކަރާތްތަކުން ތިބާގެ ނަފްސު މިންޖުކުރުމަށްޓަކައި ތިބާއީ އީމާންކަމުގެ ފޭރާމުން ފޭރާން ލާފައިވާ އަދި ޢިއްފަތްތެރިކަމުގެ އަގު ވަޒަންކުރާ އުޚްތަކަށް ވާން އެބަޖެހެއެވެ. ހަމަކަށަވަރުންވެސް އަންހެނާގެ އެންމެ އަގުބޮޑު އުންޞުރަކީ އޭނާގެ ޢިއްފަތްތެރިކަމެވެ. ލަދުވެތިކަމާއި ނިޔަނެތިކަމެވެ. އަބުރުވެރިކަމެވެ.
އަންހެނުންގެ ޢިއްފަތްތެރިކަން ރައްކާތެރިކުރުމުގައި ޙިޖާބަށްވުރެ ވަކިން މޮޅު އައްޑަނައެއް ނުވެއެވެ. އެހެނީ އެއީ "ދަހިވެތި" ލޯތަކަށް ހެރޭ "ތޫނު ކަށި" ތަކެކެވެ. އިސްލާމީ ފުރިހަމަ ޙިޖާބުން ތިބާ ނިވާވާށެވެ. އޭރުން ތިބާގެ ނަފްސު އެންމެހާ ގޯސްކަންތައްތަކުން ނިވާވާނެއެވެ. އަދި ފާފަތަކަށް ދެވޭ ދަޢުވަތުތަކުން ސަލާމަތްވާނެއެވެ. އެހެނީ ބަރަހާނަކަން މަތީގައި ހުންނައިރު ތިބާއަކީ ނީލަމެއްގައިވާ ފިނިފެންމަލެކެވެ. ބޭނުން "މާބުރެއް"، "ބަޅިނދެއް" "ކޮކާލެއް" ބޭނުން އިރަކު "ފޮނިބުއިމަށް" "ހުޅުވާލެވިފައިވާ" "މީރުވަސްދުވާ" "ރީތި" "މަލެކެވެ". ތިބާގެ ޢިއްފަތްތެރިކަމުގެ އަގަކީ ހާދަހާ ބޮޑު އެއްޗެކެވެ. ތިބާގެ ހަށިގަނޑަށާއި ނަފްސަށް ހިތްހަމަޖެހުމާއި ތަސައްލީ އަދި ފުރިހަމަ ރައްކާތެރިކަމެއް އިޙްސާސްކުރަން ބޭނުންނަމަ ރައްކާތެރިކަމުގެ އައްޑަނާގައި ހިފާށެވެ. އެއީ ތިބާގެ ދާ އޮހޮރުވުމަކާ ނުލައި އޭގެ އަމިއްލަ ޒާތުގައި ތިބާ ދިފާޢުކޮށްދޭ އައްޑަނައެކެވެ. އިސްލާމީ ފުރިހަމަ ޙިޖާބުން ނިވާވާށެވެ. ތިބާގެ ރައްކާތެރިކަމަކީ އެއީއެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment