4.19.2010

ތެދުމަގު ހޯދަންކުރި ދަތުރު

ޑރ. އިބްރާހީމް ޝިހާމް
އެމެރިކާގެ މިއަންހެން (މާރިޔާ) ޑޮކްޓަރު ޤުރްޢާނުގެ ތަރުޖަމާ ކިޔަވަންފެށީ އެފޮތަށް ގޮންޖަހާލެވޭފަދަ ކުށްތަކެއް އެފޮތުން ހޯދުމުގެ ބޭނުމުގައެވެ. ޤުރްޢާނުގެ ކޮންމެ ޞަފްޙާއެއް ކިޔަންފަށަނީ އެ ޞަފްހާއަކުން ހުޅަނގުގެ މީހުން އެދައްކާވާހަކަތައް ފެންނާނެކަމުގެ ކުށްހީއާއި އެކުގައެވެ. ނަމަވެސް މާތްﷲގެ ކުޅަދުންވަންތަކަން ދެކޭށެވެ. އޭނާއަށް އެފޮތުންފެނުނީ އޭނާ ހޯދަންއުޅުނު ކުށްތަކެއްނޫނެވެ. އޭނާއަށް އެފޮތުންފެނުނީ ޙައިރާންކުރުވަނިވި ޢިބާރާތްތަކަކާއި ސިއްސުވާލާފަދަ ޖަވާބުތަކެކެވެ. އާދެ! ހެޔޮނުބައި ވިސްނޭން ފެށި ދުވަހުން ފެށިގެން އޭނާގެ ސިކުނޑީގައި އުފެދެމުން އައި ސުވާލުތަކުގެ ޖަވާބު ތަކެވެ. އެ ސުވާލުތަކުގެ އެންމެ ހިތްހަމަޖެހޭ އެންމެ ފުރިހަމަ ޖަވާބު އެފޮތުން ލިބެންފެށުމުން އޭނާގެ ޙައިރާންކަން އިންތިހާއަށް އިތުރުވެގެން ދިޔައެވެ. މީގެ ނަތީޖާއަކަށްވީ އޭނާ އިސްލާމްދީން ޤަބޫލު ކުރުމެވެ.

ފަންސަވީސް އަހަރުގެ ޒުވާން އަންހެން ޑޮކްޓަރު އިސްލާމްދީން ޤަބޫލްކުރަން މެދުވެރިވި ސަބަބު އެނާ ކިޔައިދިނެވެ. އަހަރެން (މާރިޔާ) އުފަންވީ އެމެރިކާގެ ރަށެއްކަމަށްވާ ކްލީވް ލޭންޑަށޭވެ. އަހަރެންގެ ޢާއިލާ މީހުންނަކީ މަޒުހަބީބައެކެވެ. ޤަވާއިދުން ކެތޮލިކް މަޒުހަބުގެ ޙުކުމްތަކަށް ޢަމަލުކުރަމުން އަންނަބައެކެވެ. އަހަރެން މަތީ ތަޢުލީމު ޙާޞިލްކުރަންފެށީ ނަފްޞާނީ ޢިލްމުގެ ރޮނގުންނެވެ. އެ ރޮނގުން ބީ.އޭ ފާސް ހޯދީމެވެ. އެއަށްފަހު މެޑިކަލް ކޮލެޖަށް ކިޔަވަންވަނީ ޑޮކްޓަރުކަން ކިޔަވާހިތުންނެވެ. ކޮލެޖަށް ވަންތާ ދުވަސްކޮޅެއްފަހެވެ. އަހަރެން ދިޔައީ އެމް އޭ އަށް ތައްޔާރުވުމުގެ ގޮތުން އެކަމަށް ލިޔަންޖެހޭ ފޮތް ލިޔަމުންނެވެ. ހަމަ އެދުވަސްކޮޅު އާ ހޯދުންތަކެއް ހޯދާހިތް އަހަރެންގެ ހިތަށް ވެރިވާންފެށިއެވެ. ކަންތައްވީގޮތަކީ އަހަރެންގެ ހިތުގައި ދީނާއި ޢަޤީދާ ޢާއި މެދު ނުތަނަވަސް ޚިޔާލުތަކެއް އުފެދެން ފެށީއެވެ. ދުވަހެއް ދުވަހަކަށް މި ނުތަނަވަސްކަން ދިޔައީ ބޮޑުވަމުންނެވެ. އަދި އަހަރެމެން ނަޞާރާއިންގެ ތަޘްކީޘްގެ ޢަޤީދާ އާއި އެ ޢަޤީދާގެ ޙަޤީޤަތާއި މެދު އެތައްބައިވަރު ސުވާލުތަކެއް އުފެދެމުން ފުނިޖެހެމުން ދިޔައެވެ.

ކުރިސްޓިއަނިޓީ ނުވަތަ ޢީސާއީ ދީން ތިންބަޔަކަށް ބެހިގެންގޮސް ކެތޮލިކް އާއި ޕްރޮޓިސްޓެންޓް އަދި އޯރތޮޑޮކްސްގެ ގޮތުގައި ބައިބައިވެފައިވަނީ ކީއްވެގެންބާއެވެ؟ އަދި މިތިންބައިމީހުން ކަލާނގެއާއި މެދު ދެކޭގޮތް ބަދަލުވުމުގެ ސަބަބަކީ ކޮބައިބާވައެވެ؟ މިފަދަ އެތައް ސުވާލެކެވެ. އޭރުވެސް ﷲގެ އެއްކައުވަންތަ ކަމަށް އަހަރެން އީމާންވަމެވެ. ތެދާއި ދޮގަކީ ކޮބައިކަމާއި ޙައްޤާއި ބާޠިލަކީ ކޮށްއެއްޗެއްކަން ވިސްނޭވަރަށް އަހަރެންވެސް ހުރީ ބޮޑުވެފައެވެ. އެހެން ނަމަވެސް އިސްލާމްދީނާއި މެދު ކުޑަކޮށްނަމަވެސް ފުން ނަޒަރަކުން ވިސްނާލުމުގެ ފުރުޞަތެއް އަހަރެންނަކަށް ލިބިފައެއްނެތެވެ. ޙައްޤުދީނަކީ އިސްލާމްދީންކަމަށް ދެކެ އެދީނަށް ބޯލަނބާ ކިޔަމަންވާވަރުގެ ދީނެއްކަމަށް ދުވަހަކުވެސް ނުދެކެމެވެ.

އޭރު އަހަރެންނަސް ވިސްނޭގޮތުގައި އިސްލާމްދީނުގެ އޮނިގަނޑަކީ މަގު ފޭރުމާއި ތަޅާފޮޅުމެވެ. އަދި އެއީ ބިރު ދެއްކުމުގެ ދީނެވެ. އަދި އެދީނުގައި އެކުލެވިގެންވަނީ އަމިއްލަ އެދުމާއި އަނިޔާވެރިކަމެވެ. އަދި އެ ދީނަށް ތަބައަވާ މުސްލިމުންނަކީ މީހުން މަރާ ވަޙްޝީން ނޫން އެހެން ބައެއް ނޫނެވެ. މާރިޔާ އޭނާ އިސްލާމްދީނަށް އެނބުރުނު ގޮތް އިތުރަށް ތަފުޞީލް ކޮށްދިނެވެ.

އަހަރެން ހިތުގައި އިސްލާމްދީނަށް ލޯބިޖެހެންފެށުނީ ޔުނިވަރސިޓީއަށް ވަންދުވަސްވަރުގައެވެ. އެދުވަސްވަރު ތަޙްޤީޤީ ނަޒަރަކުން ޤުރްޢާން މުޠާލަޢާ ކުރަން އަހަރެން ފެށީމެވެ. މަޤްޞަދަކީ އިސްލާމްދީނަކީ ޙައްޤުދީނެއްތޯ ނުވަތަ ބާޠިލް ދީނެއްތޯ ހޯދާ ބެލުމެވެ. އެ ހޯދުންތަކުން އަހަރެންނަށް އެނގުނު ގޮތުގައި އިސްލާމްދީނުގެ ޢަޤީދާ އަކީ އޭގައި އެއްވެސް ކިލަބުކަމެއް ނުވާ ސާފުސީދާ ތެދުމަގު ކަމާއި އަދި އިސްލާމް ދީނަކީ މި ދުނިޔެ މަތީގައިވާ އެންމެ ޙައްޤު ދީންކަން އަދި މިކަމުން އަހަރެންނަށް ލިބުނު އުފަލާއި ހިތްހަމަ ޖެހުމަކީ ބަޔާން ކުރެވޭނޭ ކަމެއް ނޫނެވެ. މި ދީނުގައި ކަލާނގެ އާއި ބެހޭގޮތުން ބަޔާންކޮށްފައިވާ ވާހަކަތަކަކީ އޭގައި އެއްވެސް ކަހަލަ ނުސާފުކަމެއް ނުވާ ސާފުސީދާ ތެދު ވާހަކަތަކެކެވެ. އަޅުކަން ޙައްޤުވެގެންވާ އިލާހަކީ ހަމަ އެންމެ އިލާހެކެވެ.

ޤުރުޢާނުގެ މުޠާލަޢާ އަށްފަހު އަހަރެންގެ ހިތަށާއި ސިނކުޑިއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އެއީ ހިތުގެ ތެރޭގައި ކުޑައިރުން ފެށިގެން އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު އެފޮތުން އަހަރެންނަށް ލިބުމުންނެވެ. އެދުވަހަށްފަހު އަހރެންގެ ހުސްވަގުތުތަށް ފުރާލުމުގެ ބައިވެރިއަކަށް ހެދީ ޤުރުޢާނުގެ ތަރުޖަމާ ކިޔުމާއި އިސްލާމްދީނާއި ބެހޭގޮތުން ލިޔެވިފައިވާ އެހެނިހެން ފޮތްތައް ކިޔުމެވެ. އިސްލާމްދީން ރަނގަޅަށް ހޯދާބެލުމަށްޓަކައި އެތައް ބައިވަރު ފޮތެއް އަހަރެން މުޠާލަޢާ ކުރީމެވެ. އެގޮތުން ރަސޫލުﷲ ޞައްލަﷲ އަލައި ވަސައްލަމަގެ ސީރަތާއި އެކަލޭގެފާނުގެ އަރިސްބޭފުޅުންކަމަށްވާ މާތް ޞަޙާބީންނާއި ބެހޭގޮތުން ލިޔެވިފައިވާ އެތައް ފޮތެއް ކިޔުމުގެ ފުރުޞަތު ލިބުނެވެ.

އަހަރެންގެ ޙައިރާންކަން އެންމެ ބޮޑުވެގެންދިޔައީ އިސްލާމްދީނުގައި މީގެ އެތައް އަހަރުތަކެއް ކުރިންފެށިގެން އަންހެނުންނަށް ދީފައިވާ މަތިވެރި މަޤާމް އެނގުމުންނެވެ. އެއާ ޚިލާފަށް އެމެރިކާގައި އަންހެނުންގެ ޙައްޤުތަކޭ ކިޔައިގެން މިއުޅޭމީހުންނަކީ ދާދި މިދާކަށްދުވަހުގެ ބައެއް ނޫންތޯއެވެ؟

އާދެ އެމީހުން އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އަދި އެބައިމީހުންނަކީ މުޖުތަމަޢުގައި ހަމަހަމަ ބައެކޭ ކިޔާ އަޑު ގަދަކުރަން ފެށިފަހުން އަދި ގިނަޒަމާންތަކެއްވީ ބައެއްނޫނެވެ.

ގިނަ ޢަދަދެއްގެ ފޮތްތައް ކިޔުމުގެ ސަބަބުން އިސްލާމްދީނުގެ ރިވެތި އަދަބުތަކުގެ ތެރެއިން ވަރަށްގިނަ އަދަބުތައް ވަނީ އަހަރެމެންނަށް ވެސް އެނގިފައެވެ. ދެންއަހަރެން ކުރަންފެށިކަމަކީ މުސްލިމުންގެ ގެވެހި އަދި ޢާއިލީ ދިރިއުޅުމާއި ބެހޭގޮތުން ބަލާހޯދުމެވެ. އަދި އަޅާކިޔުމުގެ ނަޒަރަކުން މުސްލިމް ޢާއިލާތަކާއި އެމެރިކާގެ ކާފިރު ޢާއިލާތަކުގެ މެދުގައި ދިރިއުޅުމުގެ ވައްޓަފާޅީގައި ހުރި ތަފާތުތައް ހޯދާ މުޠާލަޢާ ކުރުމެވެ. މިކަމުގެ ތެރެއަށް ވަދެ މަސައްކަތް ފެށިތާ ކުޑަދުވަސްކޮޅެއްގެ ތެރޭ އަހަރެންނާ ބައްދަލުވީ ދީނަށް ލޯބިކުރާ މަޑުމައިތިރި އެހާމެ މާތް ގެވެހި ޢާއިލާތަކަކާއެވެ. މީ މިކަމަށް މަގުފަހިވުމުގައި އަހަރެންގެ ނަސީބޭވެސް ދެންނެވިދާނެއެވެ. މި ޢާއިލާތަކުގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، އަދި ބޭރާއި ގޭތެރޭގައި އެބައިމީހުން އަނެކުންނާމެދު މުޢާމަލާތް ކުރާއިރުގައި އެބައިމީހުންގެ ޢަމަލުތައް ހުރީ އަހަރެން އޭގެ ކުރިން ހީކުރަމުން އައި ގޮތަކަށް ނޫނެވެ. ކުޑަކުދިން ތަރުބިއްޔަތު ކުރުމާއި އެކުދިން އަދަބުވެރި ކުރުވުމުގެ އިތުރަށް އެކުދިންނަށް އެހުންނަ އޯގާތެރިކަމަކީ އަޅުގަނޑުގެ ހިތް އިސްލާމްދީނަށް ބޮޑަށް ލޯބި ޖެހުމަށް މެދުވެރިވި ކަމެކެވެ.

އަހަރެންނަށް ފެނުނު ގޮތުގައި އެ ޢާއިލާތަކުގެ ތެރޭގައި ދެމަފިރިންގެ މެދުގައި އޮންނަންވީ ފުރިހަމަ ގުޅުން އޮވެއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ދޭ ލޯތްބާއި އިޙްތިރާމަކީ އޭގެ ދެވަނަ މިސާލެއް ނުފެންނާނެ ކަންތައްތަކެވެ. އަދި ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ އުފުލަނީ ޒިންމާދާރު މީހެއްގެ ގޮތުގައެވެ. ޢާއިލާގެ ކޮންމެ ފަރުދަކު ކުރާ ކަމަކަށް ވެސް އަނެކާ އިޙްތިރާމާއި ލޯބީގެ ނަޒަރަކުން ބެލުމީ އެމެރިކާގެ އެހެން ޢާއިލާތަކުން ފެންނަންވެސް ނުހުންނަ ކަންތައްތަކެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

3 comments:

  1. Allah Akbar!..Mifadha ethah etha haadhisaa eh hingaa.ekamakau mikanthah hulhangun vany foruvan varah massahkai koffa. Jazak Allah Khairan...varah ibraitheri article eh

    ReplyDelete
  2. Jazak Allah Khairan for this beautiful article... :D

    ReplyDelete
  3. allah akbar..allah emeehakah thedhumagu dhekkumah amurukuravvaa hindhunu emeehaku magu furadhdhaaane ekakuves nuveyey....allah akbar..allah akbar..mi vaahakaiga eulhey anhenaa ah suvarugeyge mathiveri dhaaimee niumeh dhevvaandheyve..aamen

    ReplyDelete