1.14.2011

އިސްލާމްދީނުގައި އަންހެނުންނަކީ ޝަރަފުވެރި ދިރިއުޅުމެއްގެ ވެރިބައެކެވެ

އަލްއަޚް ޢަބްދުﷲ ޝާކިރު މުޙައްމަދު
وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُقِيمُونَ الصَّلاَةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ أُولَئِكَ سَيَرْحَمُهُمُ اللَّهُ إِنَّ اللَّهَ عَزِيزٌ حَكِيمٌ
"މުއުމިން ފިރިހެނުންނާއި، މުއުމިން އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް އަމުރުކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު ޤާއިމްކޮށް، ޒަކާތްދީ، ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވެތެވެ. އެއުރެންނަށް ﷲ ރަޙްމަތް ލައްވާހުއްޓެވެ. ހަމަކަށަވަރުން، ﷲ އީ، އަޒީޒްވަންތަ ހަކީމްވަންތަ ރަސްކަލާނގެއެވެ." (التّوبَة 71)
وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلاَ يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلاَ يُبْدِينَ زِينَتَهُنَّ إِلاَّ لِبُعُولَتِهِنَّ أَوْ ءَابَائِهِنَّ أَوْ ءَابَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَى عَوْرَاتِ النِّسَاءِ وَلاَ يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ
"އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުމަތީގައި އަޅައި ނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެންދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެންދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެންދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚްތުންގެ ފިރިހެންދަރިންނަށް ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ގެންގުޅޭމީހުންނަށް، ނުވަތަ އަންހެނުންގެ އައުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބުލިބިގަތުމަށްޓަކައެވެ." (النُّور 31)

މުސްލިމް އަންހެނާގެ ދައުރު އިސްލާމްދީނުގައިވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން އެކަނބަލުން އެކަނބަލުން ހެއްދަވާ ގެންގުޅުއްވާ އެއްކައުވަންތަ މާތްﷲ އަށް އަދާކުރަންޖެހޭ ހައްޤުތަކާއި، އެކަނބަލުންގެ ދަރިންނާއި ފިރިމީހާގެ މައްޗަށްވާ ހައްޤުތަކާއި، އާއިލާގެ އެހެންމެމްބަރުންގެ މައްޗަށްވާ ހައްޤުތަކާއި، އެކަނބަލުންދިރިއުޅޭ މުޖުތަމައަށްޓަކައި އަދާކުރަންޖެހޭ ހައްޤުތަކާއި އަދި އެކަނބަލުންގެ އަމިއްލަ ނަފްސުތަކަށް އަދާކުރަންޖެހޭ ހައްޤުތައް އިސްލާމްދީނުގައިވަނީ ކަނޑައެޅިބަޔާންވެވިގެންނެވެ. މާތްﷲ އީ އެކަލާނގެ ޚަލްޤުކުރެއްވި ހުރިހާ މަޚްލޫގާތަކަށް އޯގާވެވޮޑިގަންނަވާ ރަޙްމާންވަންތަ ރަޙީމްވަންތަ ކަލާނގެ ކަނމުގައިވީހިނދު އެކަލާނގެ ޚަލްޤުތަކުގެ ތެރެއިން އެންމެ މާތް މަޚްލޫޤު ކަމުގައިވާ އިންސާނުންނަށް އޯގާތެރިވެވޮޑިނުގަންނަވާނޭތޯއެވެ؟
ތެދުތެދައް ދަންނަވަނީނަމަ މުސްލިމް އަންހެނުން އެކަނބަލުންގެ އީމާންތެރިކަމާއި ތަޤުވާވެރިކަމުން މެނުވީ އެއީ މުސްލިމް އަންހެނެއްކަން ދެނެގަތުމަކީ އުނދަގޫކަމެއްކަމުގައިވާނެއެވެ. އެހެނީ މުސްލިމް އަންހެނާގެ ހެދުމާއި އެކަނބަލުންގެ އުޅުމާއި ގުޅުމުންނާއި މާތްﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެނެސްދެއްވި މަތިވެރި ދީނުގައި ގެނެސްދެއްވި އެންމެހައި ކަންކަން ފުރިހަމަކުރުމުގައި އެކަނބަލުން ސާބިތުވާ ސާބިތުވުމުން އެކަން ފުރިހަމަގޮތުގައި ސިފަވެގެންދާނެއެވެ. އެކަނބަލުން އެކަނބަލުންގެ އައުރަ ނިވާކޮށް ފަރުދާވެގެންތިބެނީ ފަޚްރުވެރިކަމާއިއެކުގައެވެ. އަދި އޭގެސަބަބުން އެހެންމީހުންގެ ފުށުން ރައްކާތެރިކަމާއި އިޚްތިރާމް ލިބިގެންވާ ހާލުގައެވެ.

މުސްލިމް އަންހެނާ އެކަނބަލުންގެ ފިރިމީހާއާއި އާއިލާގެ އެހެންމެންބަރުންނާއިމެދު ވާގުޅުންވެސް މާތްﷲ ކީރިތި ޤުރުއާނުގައި ވަނީ ބަޔާންކޮށްދެއްވާފައެވެ. އެކަނބަލުންނަކީ ލޯބިވެތި އަންބެކެވެ، މަންމައެކެވެ، އެކަނބަލުންގެ ގޭގެކަންކަން ބެލެހެއްޓުމުގައި ޒިންމާދާރު ފަރާތެކެވެ، މައިންބަފައިންނަށް އިޚްތިރާމްކޮށް ގަދަރުކުރާ ދަރިއެކެވެ، އެހީތެރި ދައްތައެކެވެ، އަދި އެކުވެރި އަވަށްޓެރިއެކެވެ. އަދި ހަމައެފަދައިން އެކަނބަލުންނަކީ އެމީހުންގެ މައްޗަށްވާ މުދައްރިސެކެވެ، އެހީތެރި ނަރުހެކެވެ، އަދި އިރުޝާދުދޭ ކައުންސެލަރެކެވެ. އެކަނބަލުން ނިސްބަތްވާ އާއިލާތަކުގެ ބޭނުންތައް ފުރިހަމަކޮށްދިނުމަކީ އެކަނބަލުންެގެ މައްޗަށްވާ ޒިންމާއެކެވެ. އަދި އެކަނބަލުންގެ ފިރިންނަށްވާ އޯގާތެރި ރަހުމްހުރި ލޯބިވެރިއެކެވެ. އެކަނބަލުންގެ ފިރިންގެ ގެ ރައްކާތެރިކޮށް ބަލަހައްޓައިދޭ ފަރާތެކެވެ. އެހެނީ އެކަނބަލުންގެ ފިރިންވާންޖެހޭނީ ކޮންމެ ހާލަތެއްގައިވެސް އެކަނބަލުން ރައްކާތެރިކޮށް ހިމާޔަތްކޮށްދޭ ބައެއްކަމުގައެވެ.
الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنْفَقُوا مِنْ أَمْوَالِهِمْ فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِلْغَيْبِ بِمَا حَفِظَ اللَّهُ وَاللاَّتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلاَ تَبْغُوا عَلَيْهِنَّ سَبِيلًا إِنَّ اللَّهَ كَانَ عَلِيًّا كَبِيرًا
"ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމްވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ..." (النِّسَاء 34)
އިސްވެދެންނެވުނު ސަބަބުތަކައްޓަކައި މުސްލިމް އަންހެނާއަށް އެކަނބަލުންގެ ރައްކާތެރިކަން އެކަނބަލުންގެ ފިރިމީހާގެ ފަރާތުން ފުރިހަމަގޮތުގައި ލިބޭނޭކަމުގެ ޔަޤީންކަން ލިބިފައިވުމާއެކު އެކަނބަލުން ފިރިހެނުންފަދައިން އާންމު އިޖްތިމާއީ މައިދާންތަކުގައި ނުކުމެ މަސައްކަތްކުރުމަކީ ކޮންމެހެން ކުރާންޖެހޭނޭ ކަމެއްނޫނެވެ. އެހެންނަމަވެސް އެފަދަ މަސައްކަތްތަކުގައި ގެއާއި ގެއިން ބޭރުގައި އެކަނބަލުން މަސައްކަތްކުރުމަކީ އެކަނބަލުންގެ މައްޗަށް މަނާވެގެންވާކަންކަމެއްނޫނެވެ. އިސްލާމްދީން ހުއްދަކުރާ ޙަލާލުގޮތުގައި އެކަނބަލުންވެސް މަސައްކަތްކޮށް އާއިލާއަށް ފައިސާގެގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެކަނބަލުންގެ މައްޗަށް މަނާވެގެންވާކަމެއްނޫނެވެ. އެހެންނަމަވެސް އަންހެނުންނަށް އެކަނބަލުންގެ އާއިލާއަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ލާޒިމްކަމަކަށް ނުވާހިނދު އެކަނަބަލުން އެފަދަ މަސައްކަތްތަކުގައި ޝާމިލްވެގެން އުޅޭކަށް ނުޖެހޭނެއެވެ. އަދި އެގޮތުން އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭކަށްވެސް ނުޖެހޭނެއެވެ.
وَقَرْنَ فِي بُيُوتِكُنَّ وَلاَ تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الأُولَى وَأَقِمْنَ الصَّلاَةَ وَءَاتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا
"އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރިނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު ޤާއިމްކުރާށެވެ! އަދި ތިޔަކަނބަލުން ޒަކާތްދޭށެވެ! އަދި ﷲ އާއި، އެކަލާނގެ ރަސޫލާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ އަޙްލުބައިތުންނޭވެ! ﷲ އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ ޠާހިރުކުރެއްވުމަކުން ތިޔަބައިމީހުން ޠާހިރުކުރެއްވުމަށެވެ." (الاٴحزَاب 33)
يَاأَيُّهَا النَّبِيُّ قُلْ لأَِزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِنْ جَلاَبِيبِهِنَّ ذَلِكَ أَدْنَى أَنْ يُعْرَفْنَ فَلاَ يُؤْذَيْنَ وَكَانَ اللَّهُ غَفُورًا رَحِيمًا
"އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ." (الاٴحزَاب 59)
އިސްލާމްދީނުގައިވަނީ އަންހެނުން ގޭގައި އެބައިމީހުންގެ އާއިލާބެލެހެއްޓުމުގެ ޒިންމާ އަދާކުރުމަށް ބާރުއަޅުއްވާފައެވެ. އެހެންނަމަވެސް އޭގެ މާނައަކީ މުސްލިމް އަންހެނުންނަށް ބައެއްކަހަލަ ހާއްޞަ ބޭނުންތަކަށްޓަކައި ބޭރަށްނުކުމެއުޅުން މަނާވުމެއްނޫނެވެ. އެހެނީ މުސްލިމް އަންހެނުންނީ ހަމައެކަނި ގޭގައި ފޮރުވިގެން ތިބެންޖެހޭބައެއްކަމުގައި ވީނަމަ އެކަނބަލުންނަށްޓަކައި ބޭރަށްނުކުމެ އުޅުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކެއް ކަނޑައަޅުއްވާފައިނުވީހެވެ. އޮގޮތުން ހެދުންއެޅުމާއި ވާހަކަދެއްކުމާއި އެކަކު އަނެކަކާއި މުޢާމަލާތުކުރުމުގައި މުސްލިމް އަންހެނުން ތަބާވާންޖެހޭ އުޞޫލުތަކެއް އިސްލާމްދީނުގައި އެކަށައަޅުއްވާފައިވެއެވެ. އެހެންނަމަވެސް ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ހަދީސްފުޅުތަކުގައިވެސް ގޭގައި ތިބެގެން އެބައިމީހުންގެ ދިރިއުޅުމުގެ ކަންތައްތައް ފުރިހަމަކުރާ އަންހެން ކަނބަލުންނަށް ތަޢުރީފްގެ ބަސްފުޅުތައް ހަދީސްފުޅުކުރައްވާފައިވެއެވެ.
މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަދީސްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން އެކަނބަލުންގެ އާއިލީ ޒިންމާތައް ފުރިހަމަކުރުމުގައި ގޭގައި އިންނަ އަންހެނަކަށް މާތްﷲ ގެ މަގުގައި ޖިހާދުކުރާ މުޖާހިދަކަށް ހުރި ދަރުމަ ލިބޭހުއްޓެވެ." އަދިވެސް އިތުރު އެކަލޭގެފާނު ހަދީސްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންގެ އަނބިންގެތެރެއިން ބޭކަނބަލަކު މިސްކިތައް ދިއުމަށް އެދިއްޖެނަމަ އެކަނބުލޭގެ ނުހުއްޓުވާހުށިކަމެވެ"
މުސްލިމް އަންހެނުންނަށް ވަކި ޚާއްޞަ ހާލަތްތަކެއްގައި އިސްލާމްދީން ހުއްދަކުރާ ތަފާތު މަސައްކަތްތަކުގައި ގޭންބޭރުގައި މަސައްކަތްކުރެވިދާނެއެވެ. އެހެންނަމަވެސް އެފަދަ މަސައްކަތްތަކަކީ އެކަނބަލުންނަށް އިސްލާމްދީން ހުއްދަކުރާގޮތަށް ފުރިހަމައަށް ނިވާވެގެންތިބެ ކުރެވޭ މަސައްކަތެއްކަމުގައި ވާންޖެހޭނެއެވެ. އަދި ހިލޭ ފިރިހެނަކާއިއެކު އެކަހެރިވާންޖެހޭފަދަ މަސައްކަތަކަށްވެސް ވެގެންނުވާނެއެވެ. އަދި ވަކިން ޚާއްޞަ ގޮތެއްގައި މިފަދަ މަސައްކަތްތަކުގައި އެކަނބަލުން ބައިވެރިވެ އުޅެންޖެހޭނީ އެކަނބަލުންގެ ފިރިންގެ ފަރާތުން ހުއްދަ ލިބި އަދި އާއިލާގެވެސް ރުހުމާއިއެކުގައެވެ. އަދި އެފަދަ މަސައްކަތްތަކަކީ ގޭގައި އެކަނބަލުން އަދާކުރަންޖެހޭ ޒިންމާތަކާއި ފުށުއަރާ މަސައްކަތްތަކަކަށް ވެގެންނުވާނެއެވެ. އެހެނީ އެކަނބަލުންގެ ފުރަތަމަ ޒިންމާއަކީ އާއިލީ މަސައްކަތްތަކާއި ދަރިންނާއި ފިރިމީހާގެ މައްޗަށް އަދާކުރަންޖެހޭ ހައްޤުތަކެވެ. މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަދީސްފުޅު ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "އަންހެނުންނަކީ އެކަނބަލުންގެ ފިރިމީހާގެ އާއިލާއާއި އެކަނބަލުންގެ ދަރިންގެމައްޗައްވާ ބެލުންތެރިއެކެވެ. އަދި އެކަމާއިމެދު އެކަނބަލުންނާއި ސުވާލުކުރެވޭ ހުއްޓެވެ."
އަޅުކަމުގެ ދާއިރާގައްޔާއި އީމާންތެރިކަމުގައި އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަބައެކެވެ. އެގޮތުން ކީރިތި ޤުރުއާނުގެ އެތައްއާޔަތެއްގައި އަންހެނުންނާއި ފިރިހެނުންނަށް އެކުގައި އިޝާރާތްކުރައްވާފައިވެއެވެ. ކަން މިހެން އޮތްނަމަވެސް މިއަދުގެ މުުތަމަޢުގައި އަޅުގަނޑުމެންނަށް ފެންނަމުންދަނީ ތަފާތު މަންޒަރުތަކެކެވެ. އަންހެނުން އެކަނބަލުންގެ ހަޤީޤީ މަޤާމު ހަނދާންނައްތާލާ އިސްލާމީ އުޞޫލުތަކާއި ޚިލާފަށް ތަފާތު ކަންކަމުގައި ދެޖިންސު އެކުވެ މަސްހުނިވާކަންކަމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ސިޔާސީ މައިދާންތަކުގައްޔާއި އިޖުތިމާއީ އެހެނިހެން މައިދާން ތަކުގައި އަންހެނުން ހަރަކާތްތެރިވަމުންދަނީ އިސްލާމްދީން އެބައިމީހުންނަށް އަމުރުކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށެވެ. ސިޔާސީ ކަންކަމުގައި ބޭއްވޭ ވާދަކުރުންތަކުގައި އެކަނބަލުން ހަރަކާތްތެރިވަމުންދާއިރު އިސްލާމްދީން އެކަނބަލުންނަށް އަމުރުކޮށްފައިވާފަދައިން ފުރިހަމަ ގޮތުގައި ނިވާނުވެއެވެ. އަދި ހަމަ އެހެންމެ އެކަނބަލުން އެކަނބަލުންގެ އަޑުތަކުން އާންމު ސްޓޭޖްތަކާއި މާލަމްތަކުގައި އަޑުއުފުލަމުންގެންދަނީވެސް އިސްލާމީ ރިވެތި އުޞޫލުތަކުން ބޭރުގައި ކަމުގައި ދަންނަވަންޖެހެއެވެ. ހަމައެއާއިއެކު މިއަދު އަޅުގަނޑުމެންގެ ތެރެއިން ފެންނަމުންދާ ބައެއް ޓީވީ ޕްރޮގްރާމްތަކުގައި އެކަނބަލުން ހަރަކާތްތެރިވަމުންދާއިރު އެއީ އިސްލާމީ ރިވެތި އަޚްލާގުގެ ފޭރާމުން ފޭރާންލިބިފައިވާބައެއްކަމުގައި ދެންނެވޭނޭ އެއްވެސް ޖާގައެއްނެތެވެ. ނިވާކަންކުޑަ ހެދުންތަކާއި އެހެންމީހުންގެ ހިތްތަކަށް ޖިންސީ އެދުންވެރިކަން ގެނެސްދޭ ތަފާތު ހަރަކާތްތައް އެކަނބަލުން ކުރަމުންދާއިރު އެކަނބަލުންނައްޓަކައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މުހިންމު މަޤާމް އެއްގޮތަކަށްވެސް ހަނދާންހުނަކަމުގައި ނުބުނެވޭނެއެވެ. މިއީ މިއަދު އަޅުގަނޑުމެންގެ މުޅި މުޖުތަމަޢު ވިސްނާ ފިކުރުކޮށް މިކަމަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރަންޖެހިފައިވާކަމެކެވެ. މައިންބަފައިން އެބައިމީހުންގެ ޅަދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލުވާންޖެހެއެވެ. ޚާއްޞަގޮތެއްގައި އަންހެންދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމަކީ މައިންބަފައިން އުފުލަން ޖެހޭ ބޮޑު ޒިންމާއެކެވެ.
މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ރަޙްމަތްލައްވާ އެކަލާންގެ ރުހިވޮޑުގެންވަ މަގުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތަޢުފީޤު މިންވަރުކުރައްވާށިއެވެ. އާމީން

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment