2.07.2012

ކަނބަލުންނޭވެ! ވަގުތު ޖެހެނީއެވެ. ތައްޔާރުވާށެވެ

އަލްއުޚްތު އުއްމު އީތޫ
އަހަރެމެންގެ މި އިސްލާމްދީން ވުޖޫދަށް އައުމުގެ ކުރިން ދުނިޔޭގެ ތަފާތު އެކި އެކި ދީންތަކުގައި އަންހެނުންނާމެދު ދެކެވެމުން އައީ ވަރަށް ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައެވެ. އަންހެނުންނާއިމެދު އަމަލު ކުރެވެމުން އައިސްފައި ވަނީ ވަރަށްވެސް އިހާނެތިގޮތަކަށެވެ. ދިރިހުއްޓާ ވަޅުލުމާއި އުފަންވާ ހިސާބުން މަރާލުމާއި ވާރުތަ މުދާއިން ބައި ނުލިބޭގޮތަށް ހެދުމާއި ފިރިމަރުވެ ހުވަފަތްވެފައި ތިބޭ އަންހެނުން ފިރިހެންމީހާގެ ވާރުތަވެރިންނަށް ވާރުތަ ކުރުން ފަދަ ކަންކަމަކީ އަންހެނުންނަށް އިހާނެތިކަން ލިބޭ ގޮތަށް ޖާހިލުކަމުގައި އަނދިރީގައި ތިބި އިންސާނުން ކުރަމުން އައިސްފައިވާ ކަންކަމެވެ. މިހުރިހާ ކަމަކަށް ނިމުން ގެނުވީ އިސްލާމީ ނޫރުން މިދުނިޔޭގެ ބިމަށް އަލިކަން ފެތުރުމުންނެވެ.

މާތްﷲ ޞުބްޙާނަހޫ ވަތަޢާލާ އެކަލާނގެ މުޅި އިސްލާމީ އުއްމަތަށް ރަޙްމަތެއްކަމުގައި ކައު ކުރެއްވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މެދުވެރި ކުރައްވާ އެންމެހާ މީސްތަކުންނަށް އެކަލާނގެ ބަސްފުޅު ފޯރުކޮށްދެއްވުމުންނެވެ. އިސްލާމްދީނުގައި އައިސްފައިވަނީ ސަލާމަތާއި ހަމަހަމަކަމެވެ. އަމާންކަމާއި ރައްކާތެރިކަމެވެ. ވަޙީ ބާވާލައްވަންފެށިތާ ތޭވީސް އަހަރު ފަހުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މިފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކިޔާފައިވަނީ އެންމެ މަތިވެރިވެގެންވާ ޤާނޫނު ފުރިހަމަކޮށްދެއްވާ މީސްތަކުންނާއި ހަމައަށް ގެނެސްދެއްވާފައެވެ.

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަހަރެމެންނާއި ހަމައަށް ގެނެސްދެއްވި ފޮތުގައި މުސްލިމް އަންހެނަކަށް ލިބިގެންވާ ޙައްޤުތަކާއި މުސްލިމް އަންހެނެއްގެ އުޅުމާއި ގުޅުންތައް ބަހައްޓަންވީ ގޮތާއި އަދި މިނޫންވެސް މިފަދަ ހުރިހާ ކަމެއްވެސް ސާފުކޮށް އައިސްފައިވެއެވެ. އެއްވެސް ޙާލެއްގައި އަންހެނެއްގެ ރީތިކަމަކީ އެއްވެސް ކަހަލަ ފިތުނައަކަށް މަގުފަހި ކުރުވާ ކަމަކަށް ވެގެން ނުވާނެއެވެ. މިފަދަ ފިތުނަތަކުން އަހަރެމެންގެ އަމިއްލަ ނަފްސާއި އެހެން މީހުން ސަލާމަތް ކުރުމަށް މާތް ﷲ ވަނީ އަހަރެމެންނަށް ނިވާވެ ތިބުމަށް އަމުރު ކުރައްވާފައެވެ. ކީރިތި ޤުރުއާންގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
وَقَرْ‌نَ فِي بُيُوتِكُنَّ وَلَا تَبَرَّ‌جْنَ تَبَرُّ‌جَ الْجَاهِلِيَّةِ الْأُولَىٰ ۖ (سورة الأحزاب 33)
މާނައީ: އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ޤަރާރުވެ ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ!

يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ۚ ذَٰلِكَ أَدْنَىٰ أَن يُعْرَ‌فْنَ فَلَا يُؤْذَيْنَ ۗ وَكَانَ اللَّـهُ غَفُورً‌ا رَّ‌حِيمًا ﴿الأحزاب ٥٩ ﴾
މާނައީ: އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.

އަހަރެމެން އަޅާ ހެދުމަކީ އިސްލާމީ ހެދުމެއްކަމުގައި ހަމަ ކޮންމެހެންވެސް ވާން ޖެހެއެވެ. އަހަރެމެންގެ ހެދުމުން ފޮރުވެން ޖެހޭ ބައިތައް ފޮރުވާ އަހަރެމެންގެ ޢައުރަ ފުރިހަމައަށް ނިވާކުރަންޖެހެއެވެ. މުސްލިމް އަންހެނެއްގެ ހެދުމުގެ ސިފަތަކުގެ ތެރެއިން ބައެއް ސިފަތައް ދަންނަވާލާނަމެވެ.

1. މޫނާއި ދެއަތްތިލަ ފިޔަވައި އަންހެނާގެ ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ނިވާވާ ހެދުމަކަށްވުން. ނަމަވެސް ފިތުނައިން ސަލާމަތްވުމަށްޓަކައި ބުއްދިވެރިގޮތަކީ މޫނާއި ދެއަތްތިލަވެސް ނިވާކުރުމެވެ. އެހެނީ މިއަދުގެ މި މުޖްތަމަޢުގައި ގިނަވެފައިވާ ޒިނޭފަދަ ބަދުއަޚްލާޤީ އެންމެހާ ބަލިތަކުން ސަލާމަތްވުމަށް މިއަށްވުރެ ރައްކާތެރި ގޮތެއް ނެތެވެ.

2. އަޅާ ހެދުމަކީ އޭގެޒާތުގައި މީސްތަކުންގެ ހިތް ދަމައިގަންނަފަދަ ޒީނަތްތެރިކަމެއް ހުރި ހެދުމަކަށް ނުވުން.

3. އަޅާ ހެދުމަކީ އޭގެ ތުނިކަމުން ހަށިގަނޑުގެ ވަނާތައް ފާޅުވާ ހެދުމެއް ކަމުގައި ނުވުން.

4. އަޅާ ހެދުމުގެ ބާރު ކަމުން ހަށިގަނޑުގެ ވަނާތައް ފާޅުވާފަދަ ހެދުމަކަށް ނުވުން.

5. ފިރިހެނުން އަޅާ ޒާތުގެ ހެދުމަކަށް ނުވުން.

6. މީހުންގެ ސަމާލުކަން ހޯދާފާނެފަދަ މީރުވަސް ހުންނަ ހެދުމެއްކަމުގައި ނުވުން.

އަދި މިނޫނަސް މީހުންގެ ތެރެއަށް ނުކުންނައިރު އަޅާފައި ހުންނަ ހެދުމުގެ ސަބަބުން އެހެން މީހުންގެ ސަމާލުކަން ލިބި ފިތުނައަށް މަގުފަހިވާނަމަ އެފަދަ ހެދުން އަޅައިގެން ހިލޭ މީހުންގެ ކުރިމައްޗަށް ނުދިއުމަށް އަންގަވާފައިއެވެ. އައްނޫރު ސޫރަތުގެ 59 ވަނަ އާޔަތުގެ މާނައިގައި އައިސްފައިވެއެވެ.

"އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޙުންނަށް، ނުވަތަ އެކަނބަލުންގެ އަޙުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚްތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ ޢައުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ!"

އަހަރެމެން ހެދުން އަޅަންވީ ގޮތް އިލާހީ ބަސްފުޅުން މިހާ ސާފުކޮށް އެނގެން އޮތްއިރުވެސް މިއަދު އަހަރެމެންގެ މި މުޖްތަމަޢުގައި ބުރުގާގެ ނަމުގައި ފެންނަމުންދާ ބައެއް މަންޒަރުތައް ފެނުމުން ލަދުން އިސްޖަހާލަން ޖެހޭ ވަރުވެއެވެ. އުޚްތުންނޭވެ! ބުރުގާއަކީ ރީއްޗަކަށް ކަރުގައި އޮޅާލާ ރީތިގޮތަކަށް ހަދާލާފައި އޮންނަ ފޮތިކޮޅެއް ނޫނެވެ. އެ ފޮތިކޮޅުގެ ކުޑަކަމުން މޭމައްޗާއި ކަރުވަޅު ނިވާނުވެއެވެ. ތުނިކަމުން ނިވާކޮށްފައި އޮންނަ ތަންކޮޅުވެސް ހާމަވާން އޮވެއެވެ. ބޮލުގައި އޮޅާލާފައި އޮންނަ ބުރުގަލަކީ ހެދުމާއި ގުޅޭ ބުރުގަލަކަށް ވުމުން ފުދުނީއެވެ. ނޫންނަމަ ރީތިކޮށްލަން ލާފައި ހުންނަ ހެދުމުގެ ނުވަތަ ފައި ފޮރުވަން ލާފަ ހުންނަ އެއްޗެހީގެ ބާރުކަމުން ގައިގައި ދަވާދު ލާފައި ހުންނަހެން ހީވާ ފަހަރުވެސް އާދެއެވެ. ހެދުމުގެ އަތް، އަތްދަނޑި މަތިން ކަހާލާ އަތްދަނޑި އެއްކޮށް ހާމައަށް ބެހެއްޓުމުން ރީތިވަނީ ކޮން ގޮތަކުން ބާއެވެ؟

އުޚްތުންނޭވެ! އަހަރެމެން އަންހެނުންނަކީ ވަރަށްވެސް ރައްކާތެރި ކުރެވިގެންވާ ބައެކެވެ. އަހަރެމެންނަކީ ހިލޭ މީހުންގެ ހިތްހަމަ ޖައްސަން ގެންގުޅޭ ގޮނޑި ކޮއްކޮތަކެއް ނޫނެވެ. އަހަރެމެންނަކީ ޙަޔާތުގެ ކޮންމެ ދުވަހެއްގައިވެސް ކޮންމެވެސް މީހެއްގެ ހިމާޔަތް ލިބި އަމާންކަން ލިބިގެންވާ ބައެކެވެ. ބައްޕައެއްގެ ހިމާޔަތެވެ. ބޭބެއެއްގެ ހިމާޔަތެވެ. ނުވަތަ ފިރިއެއްގެ ހިމާޔަތެވެ. ވީއިރު އަހަރެމެންގެ ޢިއްޒަތާއި އަބުރު މަގުމަތީގައި އިޝްތިހާރު ކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ އެންމެ މީހެއްގެ ރާނީއަށް ވުމަށް ވުރެ އެންމެންގެ ފައިފުއްސަކަށް ވުން ރަނގަޅީތޯއެވެ؟

އުޚްތުންނޭވެ! ކަލަކު ވޮޑިގެންވެއެވެ. ހުރިހާ ޢަމަލެއް ލިޔެވެމުން އެބަދެއެވެ. މަޙްޝަރު ކުރެވޭނެއެވެ. ސުވާލު ކުރެވޭނެއެވެ. ޖަވާބު ދޭން ތައްޔާރުތޯއެވެ؟ ކަނބަލުންނޭވެ! ވަގުތު ޖެހެނީއެވެ. ތައްޔާރުވާށެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment:

  1. ވަރަށް އިބްރަތްތެރި ލިޔުމެއް

    ReplyDelete