1.02.2011

އެއްދާން ކުރުމުގެ އަދަބުތައް

އައްޝައިޚް އިބްރާހިމް ފަރީދު އަޙްމަދު
1- ތައުބާވުމާއި ފާފަ ފުއްސަވައި ދެއްވުމަށް އެދި ދެންނެވުން
އެއްދާން ކުރުމުގެ ރޭގައި ކައިވެނިވާ ދެމީހުންގެ އެތެރެފުށް ސާފުކޮށް ޠާހިރު ކުރުން ވާޖިބެވެ. އަދި އެންމެހައި ކުށްފާފަތަކާއި ނުބައި ކަންތައްތަކުން ސަލާމަތްވުމަށް ތައުބާގެ ފޭރާމުން ޒީނަތްތެރިވުން ވެސް ހުއްޓެވެ. އެއީ އެދެމީހުން މާއްދީ ގޮތުންނާއި މާނަވީގޮތުން ސާފުޠާހިރު ވެގެންވާ ޙާލު އެއްދާން ކުރުމަށްޓަކައެވެ. ކައިވެނި ކުރުމުގެ ސަބަބުން މާތް ﷲ އެދެމީހުންގެ ދީނުގެ އެއްބައި ފުރިހަމަ ކޮށްދެއްވާނެ ކަމުގެ އުންމީދުގައެވެ. މިލިޔާ ޙަދީޘްގައިވާ ފަދައިންނެވެ.
އަނަސްގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "مَنْ رَزَقَهُ اللهُ امْرَأَةٌ صَالِحَةً فَقَدْ أَعَانَهُ عَلَى شَطْرِ دِيْنِهِ فَلْيَتَّقِ اللهَ فِى الشَّطْرِ الْبَاقِيْ" (رواه الطبراني، والحاكم) މާނައީ: "މާތް ﷲ އެމީހަކަށް ޞާލިޙު އަންބަކު ދެއްވައިފިމީހާ، ފަހެ އެކަލާނގެ އޭނާގެ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ކުރުމަށް ވާގިދެއްވައިފިކަން ކަށަވަރެވެ. ދެން، އަނެއްބައި ހޯދުމަށްޓަކައި މާތް ﷲ އަށް ތަޤްވާވެރި ވާހުށިކަމެވެ."

2- ގެއަށް ވަންނަ ހިނދުގައިވެސް ސުންނަތަށް ތަބާވުން.
މިގޮތުން ދެމީހުންމެ ވާތުފައިގެ މައްޗަށް ކަނާތުފައި އިސްކުރަން ވާނެއެވެ. ދެން ދުޢާ ކުރަންވެސް ވާނެއެވެ.
أبو مالك الأشعري ގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "إِذَا وَلِجَ الرَّجُلُ بَيْتَهُ فَلْيَقُلْ:" "މީހަކު އޭނާގެ ގެއަށް ވަންނަހިނދު ކިޔާހުށިކަމެވެ." "اللَّهُمَّ إِنِّيْ أَسْأَلُكَ خَيْرَ الْمَوْلِجَ، وَخَيْرَ الْمَخْرَجِ، بِسْمِ اللهِ وَلَجْنَا، وَبِسْمِ اللهِ خَرَجْنَا، وَعَلَى اللهِ رَبِّنَا تَوَكَّلْنَا" "ދެން އެމީހެއްގެ އަހުލުވެރިންނަށް ސަލާންގޮވުން ހުއްޓެވެ." (أخرجه أبوداود: 5085)

3- ދެމަފިރިން އެކީގައި ނަމާދުކުރުން.
އެދެމީހުން އެކީގައި ދެރަކުޢަތް ނަމާދެއް ކުރުމަކީ މުސްތަޙައްބު ވެގެންވާ ކަމެކެވެ. ކުރީގެ ހެޔޮލަފާ ބޭކަލުންގެ ފަރާތްޕުޅުން ނަގުލުވެފައިވާ ގޮތަކީ އެއީއެވެ.
ހ. أبو أسيد ގެ ސާހިބާ أبو سعيد ވިދާޅުވިއެވެ. އަޅެއްގެ ގޮތުގައި ތިމަން ވަނިކޮށް ކައިވެނި ކުރީމެވެ. ދެން رسول الله صلى الله عليه وسلم ގެ ބައެއް އަޞްޙާބުންނަށް ތިމަން ދަޢުވަތު ދިނީމެވެ. އެބޭކަލުންގެ ތެރޭގައި ابن مسعود ގެފާނާއި أبو ذرّ ގެފާނާއި، حذيفة ގެފާނު ހިމެނިވަޑައިގަންނަވައެވެ. أبو سعيد ވިދާޅުވި އެވެ. އެހިނދު ނަމާދަށް ޤަމަތް ދެވިއްޖެއެވެ. أبو سعيد ވިދާޅުވި އެވެ. ދެން أبو ذرّ ގެފާނު (ނަމާދުގައި އިމާމަކު ކަމުގައި ވުމަށް) އިސްވެވަޑައިގަތުމަށްޓަކައި ދިމާކުރެއްވި ހިނދު އެބޭކަލުން ވިދާޅުވިއެވެ. ކަލޭގެފާނު ދުރަށް ޖެހިވަޑައިގަންނަވާށެވެ! أبو سعيد ވިދާޅުވިއެވެ. އެކަން އޮތީ ހަމަ އެގޮތަށް ތޯއެވެ؟ އެބޭކަލުން ވިދާޅުވިއެވެ. އާދޭހެވެ. މިތަނުގައި އެހެން ވިދާޅުވުމުން އިޝާރާތް ކުރައްވަނީ އެމީހެއްގެ ގޭގައި ނަމާދުކުރުމަށް ބަލާއިރު ބޭރުން ޒިޔާރާތް ކުރާމީހާ އިމާމުވެ ނަމާދުކުރުމެއް ނުއޮންނާނެ ކަމެވެ. (އެއީ) އެމީހަކަށް ނަމާދު ކުރުމުގެ އިޛްނަ ދެވިއްޖިއްޔާ މެނުވީއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ކަމަށްޓަކައެވެ. "لاَيَؤُمُّ الرَّجُلُ فِيْ بَيْتِهِ وَلاَ فِيْ سُلْطَانِهِ" (رواه مسلم: 594) މާނައީ: "އެމީހެއްގެ ގޭގައި، އަދި އެމީހެއްގެ ބާރުގެ ދަށުގައިވާ ތަނުގައި އިމާމަކު ކަމުގައި ވުމަށް އެހެންމީހަކު އެމީހެއްގެ މައްޗަށް އިސްވުމެއް ނެތެވެ." أبو سعيد ވިދާޅުވިއެވެ. ދެން ތިމަން މިލްކުވެގެންވާ އަޅެއް ކަމުގައި ވީހިނދުވެސް އެބައިމީހުންގެ އިމާމަކަށް ވުމަށް އިސްވީމެވެ. އަދި އެބޭކަލުން ތިމަންނާޔަށް އުނގަންނައިދެއްވައި ވިދާޅުވިއެވެ. "ކަލޭގެފާނުގެ އަހުލުވެރިޔާ (އެބަހީ: އަނބިމީހާ) ކަލޭގެފާނުގެ އަރިހަށް ވަދެއްޖެނަމަ، ފަހެ ދެރަކުޢަތް ނަމާދެއް ކުރައްވާ ހުށިކަމެވެ! ދެން ކަލޭގެފާނުގެ އަރިހަށް އޭނާ ވަނުމުގެ ހެޔޮގޮތަށް ﷲ ގެ ޙަޞްރަތުން އެދިލައްވާށެވެ! އަދި އެކަމުގެ ނުބައިކަމުން ސަލާމަތް ކުރެއްވުމަށް ވެސް އެކަލާނގެ ޙަޞްރަތުން އެދިވަޑައިގަންނަވާށެވެ. ދެން ތިބާގެ ކަންތަކާއި ތިބާގެ އަނބިމީހާގެ ކަންތައް ކުރިއަށް ގެންދާނީއެވެ." (أخرجه أبوبكر بن أبي شيبة، وعبد الرزاق)
ށ. سقيف ގެ އަރިހުން ރިވާވެގެން ވެއެވެ. "أبو حريز ކިޔާ ބޭކަލެއް ވަޑައިގެން ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަން ބިކުރުވެރި، ޒުވާން ޖާރިޔާއަކާއި ކައިވެނި ކޮށްފީމެވެ. ނަމަވެސް ތިމަން ބިރުހީވަނީ ތިމަންނާޔަށް އޭނާ ނަފްރަތު ކޮށްފާނެތީއެވެ." ދެން عبد الله بن مسعود ވިދާޅުވިއެވެ. "ހިތްހަމަޖެހުން އަންނަހުށީ ﷲ ގެ ޙަޞްރަތުންކަން ކަށަވަރެވެ. ނަމަވެސް ރުޅިވެރިކަން އަންނަހުށީ ޝައިޠާނާގެ ފަރާތުންނެވެ. މާތް ﷲ ތިޔަބައިމީހުންނަށް ޙަލާލު ކޮށްދެއްވި ކަންތައްތަކަށް ނަފްރަތު ކުރުވަން އެޝައިޠާނާ ބޭނުންވާނެއެވެ. ފަހެ، އެއަންހެނާ ތިބާގެ ކައިރިޔަށް އަންނަހިނދު، ތިބާގެ ފަހަތުގައި ދެރަކުޢަތް ނަމާދެއް ކުރަން އޭނާއަށް އަމުރު ކުރައްވާށެވެ.!"
ابن مسعود ގެ އަރިހުން ވާރިދު ވެގެންވާ އެހެން ރިވާޔަތެއްގައި އިތުރަށް އައިސްފައި ވެއެވެ. "ތިބާ މިހެން ކިޔާށެވެ!" "اللَّهُمَّ بَارِكْ فِيْ أَهْلِيْ، وَبَارِكْ لَهُمْ فِيَّ، اللَّهُمَّ اجْمَعْ بَيْنَنَا مَاجَمَعْتَ بِخَيْرٍ، وَفَرِّقْ بَيْنَنَا إِذَا فَرَّقْتَ إِلَى خَيْرٍ" (أخرجه ابن أبي شيبة، وعبد الرزاق، والطبراني)

4- އަނބިމީހާ އެކަނި ފިލުވާލައި ތާޒާ ކޮށްލުން.
ފިރިމީހާ ނަމާދުކޮށް، ދުޢާކޮށް ނިމުމަށްފަހު އަނބިހާއާއި ކުރިމަތިލައި އޭނާއަށް ސަލާމްގޮވައި އުފާވެރިކަން ލިބިދޭ ވާހަކަދައްކައި ހަދަންވާނެއެވެ. އަދި ޖައްވު ތާޒަ ކޮށްލުމުގެ ގޮތުން އޭނާއަށް ބުއިމެއް ނުވަތަ ފޮނި ކާއެއްޗެއް ވިޔަސް ދިނުން ހުއްޓެވެ.
أسماء بنت يزيد بن السكن ވިދާޅުވިއެވެ. "ހަމަކަށަވަރުން ތިމަން رسول الله صلى الله عليه وسلم ގެ އަރިހަށް ގެންދިއުމަށްޓަކައި ޢާއިޝާގެފާނު ޒީނަތްތެރި ކޮށްދިނީމެވެ. ދެން ތިމަން އެކަލޭގެފާނުގެ އަރިހަށް އައިސް، އެކަލޭގެފާނުގެ އަރިހުގައި އެކަމަނާ ކަޝްފު ކުރެވިގެންވާ ޙާލު، ބައްލަވާލެއްވުމަށް ދެންނެވީމެވެ. ދެން އެކަލޭގެފާނު ވަޑައިގެން އެކަމަނާގެ އަރިހުގައި އިށީނދެވަޑައިގެން އިންނަވައިފިއެވެ. ދެން ބޮޑު ކިރުތަށްޓެއް ގެންނަވައި އެއިން ހިއްޕެވިއެވެ. ދެން نبي صلى الله عليه وسلم އެކަމަނާއަށް އެއިން ދެއްވިއެވެ. ދެން އެކަމަނާ އިސްތަށިފުޅު ތިރިކުރެއްވިއެވެ. ފަހެ ތިމަން އެކަމަނާއަށް ބާރަށް އެއްޗެއް ދެންނެވީމެވެ. އަދި ތިމަން އެކަމަނާއަށް ދެންނެވީމެވެ. نبي صلى الله عليه وسلم ގެ އަތްޕުޅުން ހިއްޕަވާށެވެ! أسماء ގެފާނު ވިދާޅުވިއެވެ. ދެން އެކަމަނާ އެތަށިން މިންވަރެއް ހިއްޕެވިއެވެ. نبي صلى الله عليه وسلم އެކަމަނާއަށް ވިދާޅުވިއެވެ. ކަމަނާގެ އެކުވެރިޔާއަށް ވެސް ދެއްވާށެވެ! أسماء ގެފާނު ވިދާޅުވިއެވެ. ދެން ތިމަން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! އަދި ކިޔެއްތޯއެވެ؟ ކަލޭގެފާނު އެތަށި ނަންގަވައި އެއިން ހިއްޕަވާށެވެ. ދެން (އެއަށްފަހު) ކަލޭގެފާނު އެތަށި ނަންގަވައި، އެއިން މިންވަރެއް ހިއްޕެވުމަށްފަހު އަހުރެންނަށް ދެއްވިއެވެ. أسماء ގެފާނު ވިދާޅުވިއެވެ. ދެން ތިމަން އިށީނދެ، ތިމަންގެ ކަކޫ މަތީގައި އެތަށި ބަހައްޓައިފީމެވެ. އެއަށްފަހު، އެބުއިމާގެން ކުރިއަށް ދިއުމަށްޓަކައި އެތަށި ނަގައި ކޮންމެހެންވެސް نبي صلى الله عليه وسلم ހިއްޕެވި އެއްޗަކުން (އެ ހިއްޕެވި ދިމާއަކުން) ބުއިމަށްޓަކައި އޭގައި ތުންފަތް ޖެހީމެވެ. ދެން އެއަށްފަހު ތިމަންގެ ކައިރީގައި ތިބި އަންހެން ތަކުންނަށް (ނިސްބަތް ކުރައްވައި) އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އެކަނބަލުންނަށް ވެސް ދެއްވާށެވެ. ދެން އެކަނބަލުން ދެންނެވިއެވެ. އަޅުގަނޑުމެން އެ ބޯހިތެއް ނުވެއެވެ. ދެން نبي صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ބަނޑުހައި ހޫނުކަމާއި ދޮގުހެދުމާއި (ދެކަން) އެއް ނުކުރައްވާށެވެ!" (أخرجه الإمام أحمد، وأشار المنذري، ورواه الحميدي)

5- އަނބިމީހާގެ ބޯމަތީގައި އަތް ބާއްވާލައި، އޭނާއަށް ހެޔޮ ދުޢާ ކުރުން.
رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "إِذَا تَزَوَّجَ أَحَدُكُم امْرَأَةً، أَوِاشْتَرَى خَادِمًا، فَلْيَأْخُذْ بِنَاصِيَتِهَا وَلْيُسَمِّ اللهَ عَزَّوَجَلَّ، وَلْيَدْعُ بِالْبَرَكَة، وَلْيَقُلْ" މާނައީ: "ތިޔަބައިމީހުންކުރެ މީހަކު ކައިވެންޏެއް ކޮށްފިނަމަ ނުވަތަ ޚާދިމަކު ގަނެފިނަމަ ފަހެ، "بِسْمِ الله" ކިޔައި، ބަރަކާތްލެއްވުމަށް އެދި ދުޢާ ކުރާށެވެ. އަދި ކިޔާށެވެ. "اللَّهُمَّ إِنِّيْ أَسْأَلُكَ مِنْ خَيْرِهَا وَخَيْرِ مَا جَبَلْتَهَا عَلَيْهِ، وَأَعُوْذُبِكَ مِنْ شَرِّهَا وَشَرِّ مَا جَبَلْتَهَا عَلَيْه"، އަދި އޭނާޖަމަލެއް ގަތްނަމަ، އޭގެ ބޮލުގައި ހިފައިވެސް، ހަމަ މިފަދައިން ކިޔާހުށިކަމެވެ." (أخرجه البخاري، وأبوداود: 2160، وابن ماجة: 1918)

6- ޖިމާޢު ވާހިނދު ހުރިހާ ފޭރާމެއް ބޭލުން.
މި އުޞޫލުން ފޭރާން ބޭލުމުގައި ފައިދާތަކެއް ވާކަން ކަށަވަރެވެ. އޭގެ ތެރޭގައި ދުވާލުގެ ހޫނުން ހަށިގަނޑަށް އަރާމު ލިބިދިނުން ހިމެނެއެވެ. އަދި ކަނާތްފަރާތަށާއި ވާތްފަރާތަށް ފުރޮޅުމަށް ފަސޭހަވުން ވެސް ހިމެނިގެން ވެއެވެ. އަދި ލިބޭ އަރާމު އިތުރުވުންވެސް ހިމެނިގެން ވެއެވެ.

7- އަނބިމީހާގެ ކުރިމަތީގައި ޢައުރަ ނެތުން.
معاوية بن حيدة القشيري ގެ އަރިހުން ރިވާވެގެން ވެއެވެ. "ތިމަން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުމެންގެ عورة ގެ ތެރެއިން ގެނެސް ގަންނަންވީ އަދި ދޫކޮށްލަންވީ ޢައުރަ އަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "احْفَظْ عَوْرَتَكَ إِلاَ مِنْ زَوْجَتِكَ أَوْ مَا مَلَكَتْ يَمِيْنُكَ" މާނައީ: "ތިބާގެ އަނބިކަބަލުންނަށް ނުވަތަ އަޅު އަންހެނުންނަށް ފިޔަވައި (އެހެންމީހުންނަށް) ތިބާގެ ޢައުރަ ނިވާކުރައްވާށެވެ!" މުޢާވިޔަތުގެފާނު ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! ގިނަ ބަޔަކު އެއްބަކު އަނެއްބަޔެއްގެ ތެރޭގައި ތޮށްޖެހިފައި ވާނަމަ، (ހަދާނީ ކިހިނެއްތޯއެވެ؟) އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "إِنِ اسْتَطَعْتَ أَنْ لاَّ يَرَيَنَّهَا أَحَدٌ، فَلاَ يَرَيَنَّهَا" މާނައީ: "ތިބާއަށް އެއަންހެނާ އެކަކަށްވެސް ނުދައްކައި ވަންޏާ، ފަހެ، އެކަކަށްވެސް އޭނާ ނުދައްކާށެވެ!" މުޢާވިޔަތުގެފާނު ވިދާޅުވިއެވެ. އަހުރެން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުމެންކުރެ މީހަކު (އެހެން މީހަކަށް ނުފެންނަ) ހުސްތަނެއްގައި ހުރިއްޔާ (އޮތީ ކޮންގޮތެއް ތޯއެވެ؟) އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ." "اللهُ أَحَقُّ أَنْ يَسْتَحْيِيْ مِنْهُ مِنَ النَّاس" މާނައީ: "މީސްތަކުންނަށްވުރެ ބޮޑަށް، އެފަރާތަކަށް ލަދުވެތިވުން ޙައްޤުކަން ބޮޑުވެގެންވާ ފަރާތަކީ މާތް ﷲ އެވެ." (أخرجه أبوداود: 4010، والترمذي، وابن ماجة، والنسائي، والروياني، وأحمد، والبيهقي، وصححه الحاكم، و وافقه الذهبي)

8- ލޯބި ކުރުމުގެ ގޮތުން ބޮސްދިނުމާއި ވާހަކަ ދައްކާލުން.
ޖިމާޢު ވުމުގެ ކުރިން އަނބިމީހާއާއި ސަމާސާކޮށް، މަޖާކޮށްލައި، ބީހިލައި، ބައްދާލައި، ބޮސްދީހަދަން ވާނެއެވެ. އަދި ނުވިސްނާ އިންދައި ކުއްލިއަކަށް ޖިމާޢުވާން ނުފަށާށެވެ.
رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "لاَ يَقَعْنَ أَحَدُكُمْ عَلَى امْرَأَتِهِ كَمَا تَقَعُ الْبَهِيْمَةُ، لِيَكُنْ بَيْنَهُمَا رَسُوْلٌ" قِيْلَ: "وَمَا الرَّسُوْلُ؟" قَالَ: "الْقُبْلَةُ وَالْكَلامُ" (أخرجه البيهقي) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް ޖަނަވާރެއް ޖޯޑުވާފަދައިން އެމީހެއްގެ އަނބިމީހާއާ ޖިމާޢު ނުވާށެވެ! އެދެމީހުންގެ ދެމެދުގައި ރަސޫލަކު ވާހުށިކަމެވެ! ދެންނެވުނެވެ. އަދި އެރަސޫލަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ބޮސްދިނުމާއި ވާހަކަ ދެއްކުމެވެ."
އަދި އެހެން ޙަދީޘެއްގައި ވެއެވެ. "ނުކުޅެދުންތެރިކަމުގެ ތެރޭގައި ހިމެނޭ ތިންކަމެއް ވެއެވެ. (އެއްކަމަކީ:) އެމީހަކީ ކާކުކަން އެނގެން ބޭނުންވާ މީހަކާއި ބައްދަލުވެ، އެމީހެއްގެ ނަމާއި، ނަސަބު އެނގުމުގެ ކުރިން ވަކިވުމެވެ. (ދެވަނަ ކަމަކީ:) އެމީހެއްގެ އަޚާ، އެމީހަކަށް ދީލަތިކަމާއިއެކު މާތްކޮށް ހިތުމުން އޭނާގެ ދީލަތިކަން އަނބުރާ ރައްދުކުރުމެވެ. (އެބަހީ: އަނެކާ ދީލަތި ނުވުމެވެ.) (ތިންވަނަ ކަމަކީ:) އެމީހެއްގެ ޖާރިޔާއާ (އެބަހީ: ޒުވާން އަނބިމީހާއާ) ވާހަކަދައްކައި، ފޫހިފިލުވައި، ތަންމަތީގައި ބާއްވައި ހެދުމުގެ ކުރިން އެއަންހެނާއާއި ޖިމާޢުވުމަށްޓަކައި ކައިރިވެގަތުމެވެ. އަދި އެއަންހެނާ އެދުން ފުއްދުމުގެ ކުރިން އެމީހަކު އެދުން ފުއްދައި ނިންމާލުމެވެ." (أخرجه الديلمي)
މިފަހަކަށް އައިސް ނަފްސާނީ ޢިލްމުގައިވެސް މިފަދަ ކަންކަން ހަމަ މިނަންގަތް ގޮތަށް އައިސްފައިވާތީ ފެނެއެވެ

9- ޖިމާޢުވާއިރު ކިޔަން ވާރިދު ވެފައިވާ ދުޢާ ކިޔުން.
ابن عباس ގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ. نبي صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "لَوْ أَنَّ أَحَدَهُمْ إِذَا أَرَادَ أَنْ يَأْتِيَ أَهْلَهُ قَالَ:" "ތިޔަބައިމީހުންކުރެ މީހަކު އެމީހެއްގެ އަނބިމީހާއާ ޖިމާޢުވާން ބޭނުން ވެއްޖެހިނދު ކިޔާށެވެ!" "بِسْمِ اللهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ، وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا" (ދެން ޙަދީޘް ކުރެއްވިއެވެ.) "فَإِنَّهُ إِنْ يُقَدَّرْ بَيْنَهُمَا وَلَدٌ فِيْ ذَالِكَ لَمْ يَضُرَّهُ شَيْطَانٌ أَبَدًا" މާނައީ: "ފަހެ އެފަހަރު ޖިމާޢުވެގެން އެދެމީހުންގެ ދެމެދުން ދަރިޔަކު އުފަންވުމަށް މިންވަރުފުޅު ވެއްޖެނަމަ، އެކުއްޖާކާއި ދުވަހަކުވެސް ޝައިޠާނަކު ގާތެއް ނުވާހުއްޓެވެ." (رواه البخاري: 6388، والترمذي: 2092، وأبوداود: 2161، و عبد الرزاق، والطبراني، وهو مخرج في الإرواء)
بِسْمِ اللهِ ކިޔަންޖެހެނީ ކީއްވެ؟
الخطيب ރިވާކުރެއްވި އެވެ. نبي صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "كُلُّ أَمْرٍ ذِيْ بَالٍ لاَ يَبْدَأُ فِيْهِ بِبِسْمِ اللهِ فَهُوَ أَبْتَرُ" މާނައީ: "ރަނގަޅު ކޮންމެ ކަމެއް ފަށައިގަތުމުގައި "بِسْمِ اللهِ" ނުކިޔާނަމަ، ފަހެ، އެއީ ހެޔޮކަން ކެނޑި ނިކަމެތިކަން ބޮޑުވެގެންވާ ކަމެކެވެ. (އެބަހީ: އެއީ ބަރަކާތް ކެނޑި ހަލާކު ލިބެނިވި ކަމެކެވެ.)"

10- ޖިމާޢުވާނީ ކިހިނެއް؟
الله تعالى ވަޙީ ކުރެއްވިއެވެ. ﴿أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَى نِسَآئِكُمْ هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ(سورة البقرة: 187) މާނައީ: "ރޯދަޔަށް ތިބޭ ރޭ ތިޔަބައިމީހުންގެ އަނބީންގެ ގާތަށްގޮސް ރޭކުރުން ތިޔަބައިމީހުންނަށް ހުއްދަ ކުރެވިގެން ވެއެވެ. އެކަނބަލުންނަކީ ތިޔަބައިމީހުންނަށްވާ ފޭރާމެކެވެ. އަދި ތިޔަބައިމީހުންނަކީ އެކަނބަލުންނަށްވާ ފޭރާމެކެވެ. (އެބަހީ: ތިޔަބައިމީހުންނަކީ، ފޭރާން ހަށިގަނޑާ އެކުވާ ފަދައިން ތިޔަބައިމީހުންގެ އަނބީންނާއި އެއްވެ މަސްހުނިވާ ބަޔެކެވެ.)"
އަދިވެސް الله تعالى ވަޙީ ކުރެއްވިއެވެ. (نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّى شِئْتُمْ) (سورة البقرة: 223) މާނައީ: "ތިޔަބައިމީހުންގެ އަނބީންނަކީ ތިޔަބައިމީހުންނަށްޓަކައިވާ ގޮވާން ކުޅައުމުގެ ބިމެކެވެ. ވީއިރު ތިޔަބައިމީހުން ގޮވާން ކުޅައުމުގެ ބިމަށް، ތިޔަބައިމީހުން ބޭނުން ގޮތަކަށް އައިސް (ޖިމާޢުވެ) އުޅޭށެވެ."
އަދި އެމީހަކު ބޭނުން ފަރާތަކުން، ފުރަގަހުން ވިޔަސް ކުރިމަތިން ވިޔަސް، ފިރިހެނާ އޭނާގެ އަނބިމީހާގެ ކުރިމަތި ފަރާތު ދޮރަށް ޖިމާޢުވުން ހުއްދައެވެ.
ހ. جابر رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. "كَانَتِ الْيَهُوْدُ تَقُوْلُ: إِذَا أَتَى الرَّجُلُ امْرَأَتَهُ، مِنْ دُبُرِهَا، فِيْ قُلُوْبِهَا، كَانَ الْوَلَدُ أَحْوَلَ، فَنَزَلَتْ (نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّى شِئْتُمْ)" މާނައީ: "ޔަހޫދީން ބުނެއުޅުނު ކަމަށްވިއެވެ. ފިރިހެނާ އޭނާގެ އަނބިމީހާއާއި ޖިމާޢު ވާއިރު، ފުރަގަހުން ގެނެސް ކުރިމަތި ފަރާތު ދޮރަށް ޖިމާޢު ވެއްޖެނަމަ، ލިބޭ ކުއްޖާގެ ލޯ (އައިބުވެ) އަވަރު ވާނެއެވެ. ދެން (މިއާޔަތް) ބާވާލައްވައިފި އެވެ. (نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّى شِئْتُمْ) މާނައީ: "ތިޔަބައިމީހުންގެ އަނބީންނަކީ ތިޔަބައިމީހުންނަށްޓަކައިވާ ގޮވާން ކުޅައުމުގެ ބިމެކެވެ. ފަހެ، ތިޔަބައިމީހުން ގޮވާން ކުޅައުމުގެ ބިމަށް، ތިޔަބައިމީހުން ބޭނުން ގޮތަކަށް އައިސް (ޖިމާޢުވެ) އުޅޭށެވެ." ދެން رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. "مُقْبِلَةً وَمُدْبِرَةً إِذَا كَانَ ذَالِكَ فِى الفَرْجِ" މާނައީ: "ފަރުޖަށްނަމަ (އެބަހީ: ކުރިމަތި ފަރާތު ދޮރަށްނަމަ) ކުރިމަތިން ވިޔަސް، އަދި ފުރަގަހުން ވިޔަސް (ޖިމާޢު ވެވިދާނެއެވެ.)" (رواه البخاري: 4528، ومسلم 3521، و أبوداود: 2163، والترمذي: 2978، وابن ماجة: 1925، و النسائى في "العشرة")
ށ. މީހާ އޭނާގެ އަނބިމީހާ އާއި ޖިމާޢުވާއިރު، އަނބިމީހާގެ މޫނުވަތަށް ބާއްވައިގެން ޖިމާޢުވުމާ ބެހޭގޮތުން أم سلمة رضي الله عنها ގެ އަރިހުގައި އަންހެނަކު ސުވާލު ދެންނެވިއެވެ. (އަދި عياض ވިދާޅުވިއެވެ. އެކަންވާނީ ދެގޮތަކަށެވެ. އެއްގޮތަކީ އަންހެނާ ކޮޅަށްހުރެ ރުކޫޢުގައި އޮންނަގޮތަށް ގުދުވެ، އޭނާގެ ދެއަތް ދެކަކޫ މަތީގައި ބާއްވައިގެން އޮތުމެވެ. އަނެއްގޮތަކީ އަންހެނާ މޫނު ދަށަށް ވާގޮތަށް ބަނޑު ޖަހާގޮތަށް ތިރިވެ އޮތުމެވެ.) ދެން އެކަމާއި ބެހޭގޮތުން أم سلمة، رسول الله صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. (نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّى شِئْتُمْ) މާނައީ: "ތިޔަބައިމީހުންގެ އަނބީންނަކީ ތިޔަބައިމީހުންނަށްޓަކައިވާ ގޮވާން ކުޅައުމުގެ ބިމެކެވެ. ވީއިރު ތިޔަބައިމީހުން ގޮވާން ކުޅައުމުގެ ބިމަށް ތިޔަބައިމީހުން ބޭނުން ގޮތަކަށް އައިސް (ޖިމާޢުވެ) އުޅޭށެވެ."( (މިއާޔަތުގައި އެވަނީ) އެއްތަނަކަށް (އެބަހީ: ކުރިމަތި ފަރާތު ދޮރަށް) ޖިމާޢުވާ ވާހަކައެވެ." (أخرجه أحمد، والترمذي: 2979، وصححه أبو يعلى)
ނ. ابن عباس رضي الله عنهما ގެ އަރިހުން ރިވާވެގެން ވެއެވެ. "إِنَّ ابْنَ عُمَرَ وَاللهُ يَغْفِرُ لَهُ- أَوْهَمَ إِنَّمَا كَانَ هَذَا الْحَيُّ مِنَ اْلأَنْصَارِ وَهُمْ أَهْلُ وَثَنٍ مَعَ هَذَا الْحَيِّ مِنْ يَهُوْدَ وَهُمْ أَهْلُ كِتَابٍ وَكَانُوْا يَرَوْنَ لَهُمْ فَضْلاً عَلَيْهِمْ فِى الْعِلْمِ، فَكَانُوْا يَقْتَدُوْنَ بِكَثِيْرٍ مِنْ فِعْلِهِمْ، وَكَانَ مِنْ أَمْرِ أَهْلِ الْكِتَابِ أَنْ لاَ يَأْتُوا النِّسَاءَ إِلاَّ عَلَى حَرْفٍ، وَذَالِكَ أَسْتَرُ مَاتَكُوْنُ الْمَرْأَةُ، فَكَانَ هَذَا الْحَيُّ مِنَ اْلأَنْصَارِ قَدْ أَخَذُوْا بِذَالِكَ مِنْ فِعْلِهِمْ، وَكَانَ هَذَا الْحَيُّ مِنْ قُرَبْشٍ يَشْرَحُوْنَ النِّسَاءَ شَرْحًا مُنْكَرًا، وَيَتَلَذَّذُوْنَ مِنْهُنَّ، مُقْبِلاَتٍ وَمُدْبِرَاتٍ وَمُسْتَلْقِيَاتٍ، فَلَمَّا قَدِمَ الْمُهَاجِرُوْنَ الْمَدِيْنَةَ تَزَوَّجَ رَجُلٌ مِنْهُمُ امْرَأَةً مِنَ اْلأَنْصَارِ، فَذَهَبَ يَصْنَعُ بِهَا ذَالِكَ فَأَنْكَرَتْهُ عَلَيْهِ وَقَالَتْ: إِنَّمَا كُنَّا نُؤْتَى عَلَى حَرْفٍ فَاصْنَعْ ذَالِكَ، وَإِلاَّ فَاجْتَنِبْنِي حَتَّى شَرِيَ أَمْرُهُمَا، فَبَلَغَ ذَالِكَ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَأَنْزَلَ اللهُ عَزَّ وَجَلَّ: (نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّى شِئْتُمْ) أَيِّ مُقْبِلاَتٍ وَمُدْبِرَاتٍ وَمُسْتَلْقِيَاتٍ يَعْنِيْ بِذَالِكَ مَوْضِعَ الْوَلَدِ" (رواه أبوداود: 2164) މާނައީ: "ހަމަކަށަވަރުން ابن عمر ވިދާޅުވި ވާހަކައިން ތަންކޮޅެއް އުނިކަމާމެދު ޝައްކުވީހެވެ. -މާތް ﷲ އެކަލޭގެފާނުގެ ފާފަ ފުއްސަވާނެތެވެ.- އެމީހުންނަކީ ތަކެއްޗަށް އަޅުކަންކުރުމުގެ އަހުލުވެރީން ކަމުގައި ވާޙާލު އަންޞާރުންގެ މިއަވަށަކީ ފޮތުގެ އަހުލުވެރީންގެ ތެރެއިން ޔަހޫދީން ތަކެއްވެސް އުޅެމުންދާ އަވަށެއް ކަމުގައި ވިއެވެ. ވުމާއެކު ޢިލްމީ ގޮތުން އެޔަހޫދީންގެ މާތްކަން އެ އަވަށުގެ އަންޞާރުންގެ މައްޗަށް އޮތްކަމަށް އެބައިމީހުން ދެކެއެވެ. އެހެންވެ، އެޔަހޫދީންގެ ގިނަ ޢަމަލުތައް ނަކަލު ކުރާ ބަޔަކު ކަމުގައި މިބައިމީހުން ވިއެވެ. ފޮތުގެ އަހުލުވެރީންގެ މިފަދަ ޢަމަލުތަކުގެ ތެރޭގައި، އެމީހުންނަކީ އަންހެނުން އުޑުތިލަމަތިން، އޮށޯވެ އޮވެގެން ނުވަތަ އަރިޔަށް ބާއްވައިގެން ނޫންގޮތަކަށް ޖިމާޢުވެ އުޅޭ ބަޔެއް ނޫންނެވެ. އެގޮތަކީ އަންހެނާ މާނިވާކަން ބޮޑުގޮތެއް ކަމުގައި ވާނެއެވެ. ދެން މިއަވަށުގެ އަންޞާރުން މިކަން މިގޮތަށް ކުރުމުގެ އާދަ އެޔަހޫދީންގެ ޢަމަލުތައް ބަލައިގެން ހިފައިއުޅުނެވެ. ކަން މިހެން ހުރިއިރު ޤުރައިޝް ވަންހައިގެ މިވެނި އަވަށަކީ އަންހެނުންގެ ފުރަގަސް ފަރާތް ބޭނުންކޮށް އުޅުނު ބަޔެއްކަން ކަށަވަރެވެ. އަދި އެމީހުންނަކީ އަންހެނުންގެ ކުރިމަތިންނާއި ފުރަގަހުން އަދި އުޑުތިލައިން ބާއްވައިގެން އަރާމު ހޯދައި އުޅުނު ބަޔެކެވެ. ދެން މުހާޖިރުން މަދީނާއަށް ވަޑައިގަތް ހިނދު، އޭގެ ތެރެއިން ބޭކަލަކު، އަންޞާރުންގެ ބޭކަލަކާއި ކައިވެނި ކުރެއްވިއެވެ. އަދި އެބޭކަލަކު ކުރިން ދެންނެވި ބާވަތުގެ ޢަމަލުތައް މިއަންހެނާއާއި މެދު ކުރައްވަން ފައްޓަވައިފިއެވެ. އެހިނދު އެކަނބުލޭގެ އެކަމަށް އިންކާރުކޮށް އެބޭކަލަކަށް ނަންގަތެވެ. ތިމަންމެން ޖިމާޢުވެ އުޅޭގޮތް ކަމުގައި ވާކަން ކަށަވަރީ އަރިޔަށް އޮވެގެންނެވެ. ވުމާއެކު ކަލޭގެފާނުވެސް އެގޮތަށް ކަންތައް ކުރައްވާށެވެ! ނޫންނަމަ އަޅުގަނޑާއި ދުރުވެލައްވާށެވެ! މިކަން ބޮޑުވެގެން رسول الله صلى الله عليه وسلم ގެ އަރިހަށް މިޚަބަރު ގޮސްފިއެވެ. ދެން الله عز وجل މިއާޔަތް ބާވައިލައްވައިފި އެވެ. (نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّى شِئْتُمْ) މާނައީ: "ތިޔަބައިމީހުންގެ އަނބީންނަކީ ތިޔަބައިމީހުންނަށްޓަކައިވާ ދަނޑު ބިމެކެވެ. ފަހެ، ތިޔަބައިމީހުންގެ ދަނޑުބިމަށް ތިޔަބައިމީހުން ބޭނުންގޮތަކަށް ޖިމާޢުވެ އުޅޭށެވެ." (އެބަހީ: ކުރިމަތިންނާއި ފުރަގަހުންނާއި އުޑުތިލަމަތިން ބާއްވައިގެން ޖިމާޢުވެ އުޅޭންވީ ވާހަކައެވެ. އަދި އެއީ ދަރިން ލިބޭ ތަނަށް ޖިމާޢު ވުމެވެ.)

11- ފުރަގަސް ފަރާތު ދޮރު ބޭނުން ކުރުން ޙަރާމްވުން.
ހ. ابن عباس رضي الله عنهما ވިދާޅުވިއެވެ. "عمر بن الخطاب، رسول الله صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ތިމަން މިހުރީ ހަލާކުވެފައެވެ. ޙަދީޘް ކުރެއްވިއެވެ. އަދި އެކަލޭގެފާނު ހަލާކު ކުރުވީ ކޮންއެއްޗެއްތޯއެވެ؟ (ޢުމަރުގެފާނު) ދެންނެވިއެވެ. މިރޭ އަޅުގަނޑުގެ ސަވާރީ ސާމާނު ބަދަލު ކޮށްލައްވައިފީމެވެ. (އެބަހީ: ޖިމާޢުވެ އުޅޭގޮތް ބަދަލު ކޮށްލައްވައިފީމެވެ. ކުރިމަތިން ދިމާކުރެއްވުމުގެ ބަދަލުގައި ފުރަގަހުން ގެންގޮސް ކުރިމަތިފަރާތު ދޮރަށް ޖިމާޢު ވެވިއްޖެއެވެ.) ދެން ޖަވާބުގައި އެއްޗެއް ވިދާޅުނުވެ ހުންނަވައިފިއެވެ. އެއަށްފަހު رسول الله صلى الله عليه وسلم ގެ އަރިހަށް މިއާޔަތް ބާވައިލެއްވުނެވެ. (نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّى شِئْتُمْ) މާނައީ: "ތިޔަބައިމީހުންގެ އަނބީންނަކީ ތިޔަބައިމީހުންނަށްޓަކައިވާ ދަނޑު ބިމެކެވެ. ފަހެ، ތިޔަބައިމީހުންގެ ދަނޑުބިމަށް ތިޔަބައިމީހުން ބޭނުންގޮތަކަށް ޖިމާޢުވެ އުޅޭށެވެ." ވިދާޅުވި އެވެ. ކުރިމަތިންނާއި ފަހަތުން (ޖިމާޢުވާން) ދިމާކުރައްވާށެވެ! ނަމަވެސް ފުރަގަސް ފަރާތު ދޮރާއި ޙައިޟުގެ ދުވަސްވަރާއި (ދެކަމުން) ދުރުވެވަޑައިގަންނަވާށެވެ!" (أخرجه النسائي في "العشرة"، والترمذي: 2980، و ابن أبي حاتم، والطبراني، والواحدي)
ށ. خزيمة بن ثابت رضي الله عنه ގެ އަރިހުން ވާރިދުވެގެންވެއެވެ. "އަންހެނުންގެ ފުރަގަސް ފަރާތް ބޭނުން ކުރުމާއި ބެހޭގޮތުން ނުވަތަ ފިރިހެނާ އޭނާގެ އަނބިމީހާގެ ފުރަގަސް ފަރާތަށް ޖިމާޢުވުމާ ބެހޭގޮތުން ހަމަކަށަވަރުން މީހަކު رسول الله صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވިއެވެ. އެހިނދު نبي صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "حَلاَلْ" "ޙަލާލެވެ!" ދެން އޭނާ ދާން އެނބުރިލި ހިނދު އެކަލޭގެފާނު އޭނާއަށް ގޮވާލެއްވިއެވެ. ނުވަތަ އޭނާ ގެނައުމަށް އަމުރު ކުރައްވައި، ގޮވާލައްވައި ޙަދީޘް ކުރެއްވިއެވެ. "كَيْفَ قُلْتَ؟ فِيْ أَيِّ الْخَرْبَتَيْنِ؟ أَوْ فِيْ أَيِّ الْخَرَزَتَيْنِ أَوْفِيْ أَيِّ الْخَصْفَتَيْنِ أَمِنْ دُبُرِهَا فِيْ قُبُلِهَا؟ فَنَعَمْ! أَمَّا مِنْ دُبُرِهَا فِيْ دُبُرِهَا؟ فَلاَ؟ وَ إِنَّ اللهَ لاَ يَسْتَحْيِي مِنَ الْحَقِّ، لاَ تَأْتُوا النِّسَاءَ فِيْ أَدْبَارِهِنَّ" "ތިޔަ ބުނުއްވީ ކީކޭ ހެއްޔެވެ؟ އަޢުރައިގެ ކޮން ގުނަވަނަކަށް ހެއްޔެވެ؟ ނުވަތަ ކޮން ލޯވަޅަކަށް ހެއްޔެވެ؟ ނުވަތަ ކޮން ބާގަނޑަކަށް ހެއްޔެވެ؟ އެއަންހެނާގެ ފަހަތުން ގެންގޮސް ކުރިމަތި ފަރާތު ދޮރަށް ހެއްޔެވެ؟ އެހެން ވެއްޖެ ކަމަށްވާނަމަ ވިދާޅުވެވޭނީ އާނއެކެވެ. ނަމަވެސް އޭނާގެ ފުރަގަހުން ގޮސް، ފުރަގަސް ފަރާތު ދޮރަށް ޖިމާޢުވުން ދަންނައެވެ! ފަހެ ނޫނެކެވެ. އަދި، ޙައްޤު ފާޅުކުރެއްވުމަށް މާތް ﷲ ލަދުވެތިވެ ވޮޑިގެން ނުވެއެވެ. ތިޔަބައިމީހުން އަންހެނުންގެ ފުރަގަސް ފަރާތު ދޮރަށް ޖިމާޢު ނުވާށެވެ"!) (أخرجه الشافعي وقواه، والبيهقي، والدارمي، والطحازي)
ނ. އަދިވެސް رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "لاَ يَنْظُرُ اللهُ إِلَى رَجُلٍ يَأْتِى امْرَأَتَهُ فِيْ دُبُرِهَا" (أخرجه النسائي في "العشرة"، والترمذي وابن حبان) މާނައީ: "އެމީހެއްގެ އަނބިމީހާގެ ފުރަގަސް ފަރާތު ދޮރަށް ޖިމާޢު ވެއްޖެ ފިރިހެނާއަށް މާތް ﷲ ބައްލަވާވޮޑިގެން ނުވާހުއްޓެވެ!"

12- ޖިމާޢުވާ ގޮތާއި އޭގެ މަރްޙަލާތަކާއި، އަދަބުތައް.
ހ. އެމީހެއްގެ ބިކުރުވެރި އަނބިމީހާއާ ޖިމާޢުވާއިރު، ބައެއް މީހުން ހަދާހެން (މަނި ބޭރު ނުވަނީސް ލުހެލުން އެދެވިގެން ނުވެއެވެ.) މަނި ބޭރުވުމަށްފަހުގައި މެނުވީ ފިރިހެނާގެ ޖިންސީ ގުނަވަން އަންހެނާގެ ޖިންސީ ގުނަވަނާއި ވަކިކުރަން އުޅުން ރަނގަޅެއް ނޫނެވެ. އެއީ ބޭރުވި މަނި ރަޙިމުގެ ތެރެއަށް ދިއުން އަވަސް ވުމަށްޓަކައެވެ. އެއިން މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ދަރިފަސްކޮޅެއް މިންވަރު ވުމަށްޓަކައެވެ. ހަމަ އެހެންމެ އެފަހަރަކީ އެމީހެއްގެ އަނބިމީހާއާ ޖިމާޢުވެވޭ އެންމެ ފަހުފަހަރު ކަމުގައިވެސް ވެދާނެ ކަމަށްޓަކައެވެ. އެހެނީ އިންސާނާގެ ކައިރިޔަށް މަރު، ހަމަ ކޮންމެފަދަ ހިނދުކޮޅެއްގައި ވިޔަސް އަތުވެދާނެއެވެ. ހަމަ އެހެންމެ އެނޫން ގޮތަކަށް ޢަމަލުކޮށްފިނަމަ އެކަމަކީ އަންހެނާއަށް ނަފްސާނީ ގޮތުން ދެވޭ ވަރަށްބޮޑު ދެރަޔަކަށް ވެދާނެއެވެ. އެހެން ވެއްޖެނަމަ، އެއަންހެނާގެ ނަފްސުގައި ރުޅިވެރިކަމުގެ ޝުޢޫރުތައް އަށަގެންފާނެއެވެ.
ށ. މަނި ބޭރުކުރާހިނދު ފިރިހެން ގުނަވަނުގެ މައްޗަށް ވީވަރަކުން އަންހެނާގެ ޖިންސީ ގުނަވަން ފިއްތައި ބާރުކުރުމަކީ ބުއްދިވެރި ކަމެކެވެ. އެއީ އެކަމުގެ ސަބަބުން ދެމީހުންނަށް ވެސް އޭގެ ފުރިހަމަ ލައްޛަތާއި އަރާމު ލިއްބައިދޭ ކަމެކެވެ.
ނ. ފިރިމީހާ އޭނާގެ އަނބިމީހާގެ ކުރިން މަނި ބޭރުކުރިޔަސް، އަނބިމީހާ ބޭރުވަންދެން ނައްޓައިނުލައި ހިނދުކޮޅަކު މަޑުކޮށްލުމަކީ އެދެވިގެންވާ ކަމެކެވެ. ޙަދީޘްގައި ވާރިދު ވެގެންވާ ފަދައިންނެވެ. "ارْضُوْهُنَّ فَإِنَّ رِضَاهُنَّ فِيْ فُرُوْجِهِنَّ" މާނައީ: "ތިޔަބައިމީހުން އެކަނބަލުން ރުއްސާށެވެ! ފަހެ، ހަމަކަށަވަރުން އެކަނބަލުން ރުއްސުންވަނީ އެކަނބަލުންގެ ޖިންސީ ގުނަވަން ތަކުގައެވެ. ( އެބަހީ: އެދުން ފުއްދައި ދިނުމުގައެވެ.)"
އަދި ހަމަ އެފަދައިން މިގޮތަށް ކަންތައް ކުރުމުން ކަށަވަރު ކޮށްދެނީ އޭނާއާއި އޭނާގެ އަނބިމީހާއާ ދެމެދުގައި އޮންނަ ރޫޙާނީ އަދި ނަފްސާނީ އަދި ޖިސްމާނީ ގުޅުމުގެ ވަރުގަދަކަމެވެ.
ރ. ފިރިހެނާގެ މައްޗަށް އަނބިމީހާ އަށް އަދާކުރަންޖެހޭ ޙައްޤެއް ކަމުގައި ކޮންމެ ހަފްތާއަކު ދެފަހަރު ޖިމާޢުވުން ވެއެވެ. ނަމަވެސް އަންހެނާ ޢިއްފަތްތެރިކޮށް ދިނުމާއި އެދުން ފުއްދައި ދިނުމުގައި ބޭނުންވާ މިންވަރަކަށް ބެލުމަށްފަހު އިތުރަށްވެސް އަދި މަދުންވެސް ޖިމާޢު ވެވިދާނެއެވެ. އެހެނީ އަނބިމީހާ ޢިއްފަތްތެރި ކުރުވުމަކީ ވާޖިބެކެވެ. އެހެންކަމުން އަނބިމީހާ އަށް އެކަމުގެ ގެއްލުން ފޯރާވަރަށް މަދުކުރުން ހުއްދައެއް ނޫނެވެ. އަދި ފޫހި ވާވަރަށް ގިނަކުރުން ވެސް ހުއްދައެއް ނޫނެވެ.
ބ. އަނބިމީހާ ތާޒާ ކޮށްނުލައި އޭނާގެ ފިރިމީހާ، އޭނާ އާއި ޖިމާޢު ވުމަށް މަސައްކަތް ކުރުމަކީ މަކުރޫހަ ކަމެކެވެ. އެކަން އެގޮތަށް ކޮށްފިނަމަ، އެއަންހެނާގެ ދީންވެރިކަމާއި ބުއްދި ގޯސްކޮށްފާނެއެވެ. ހަމަ އެހެންމެ އަނބިމީހާ ނުދެނެހުއްޓައި އައިސް ޖިމާޢުވުން ވެސް ރަނގަޅެއް ނޫނެވެ.
ޅ. ހަމަ އެފަދައިން އެދެމީހުންގެ ދެ ޖިންސީ ގުނަވަން އެއްފޮތި ގަނޑަކުން ފުހުމަކީ ވެސް މަކުރޫހަ ކަމެކެވެ. އަދި އެދެވިގެންވާ ގޮތަކީ، ކޮންމެ މީހަކުވެސް އެމީހެއްގެ ޖިންސީ ގުނަވަން ފޮހުމަށްޓަކައި ފޮތިގަނޑެއް ތައްޔާރު ކުރުމެވެ.
ކ. އަދި ކަނާތުން ފިރިހެނާގެ ޖިންސީ ގުނަވަނުގައި ހިފުމާއި، (ނިދީގައި) މަނި ބޭރުވުމަށްފަހު އެމީހަކު ހިނައިގެންފުމަށް ދާންދެން ނުވަތަ އެމީހެއްގެ ޖިންސީ ގުނަވަން ދޮވެފުމަށް ދާންދެން އަނބިމީހާއާ ޖިމާޢުވުން ނަހީ ކުރެއްވިގެން ވެއެވެ.
އ. ހުރިހާ މަސްތަކާއި، ވަގުތު ތަކާއި، ދުވަސް ތަކުގައި އަދި ރެޔާއި ދުވާލުގެ ކޮންމެ ގަޑިއެއްގައި ވެސް ޖިމާޢުވުން ހުއްދައެވެ. އޭގެތެރެއިން ޙަރާމް ކުރެވުނު މިންވަރެއް މެނުވީއެވެ.
ވ. ބައެއް އިސްލާމީ ކަންކޮޅު ތަކުގައި ވަރަށް ހުތުރު އާދަތައް ހުރެއެވެ. އޭގެ ތެރެއިން އެއްކަމަކީ ކައިވެނިވި އަންހެނާގެ ފޭރާން ބޭލުމަށްޓަކައި ކައިވެނިކުރި ފިރިހެނާ ރަމްޒީ ފައިސާއެއް ދިނުމެވެ. މިކަމަކީ އެއްގޮތަކަށްވެސް ހުއްދަ ކަމެއް ނޫނެވެ. އަނބިމީހާ ފިރިމީހާއާއި އޭނާގެ ނަފްސު ޙަވާލު ކުރާމަތިން އެއްވެސް އެއްޗެއް ދިނުން ހުއްދައެއް ނޫނެވެ. އެހެނީ، އެކަން އެހެން ވެއްޖެނަމަ، ޒިނޭއަކާއި ވައްތަރު ވެދާނެއެވެ.
މ. ކައިވެނިވާ ދެމީހުންވެސް އެދެމީހުންގެ ދަތްތަކާއި އަނގަ ދޮވެ ސާފޮކޮށްލުމަކީ މުސްތަޙައްބު ކަމެކެވެ. ދެން އިތުރު ތާޒާކަމެއް ގެނެސްދިނުމަށްޓަކައި އަނގައިން މީރުވަސް ދުއްވާ އެއްޗެއްގެ ބޭނުން ކުރެވިދާނެއެވެ. އެހެނީ، އެއީ ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކޮށްދޭނެ ކަމެކެވެ. އަދި ލޯބި އިތުރު ކޮށްދޭނޭ ކަމެއްވެސް މެއެވެ.
މިކަމަކީ ހަމައެކަނި އާކައިވެނީގެ ރެއަށް އޮތް ކަމެއް ނޫނެވެ. އަދި ކީއްތޯއެވެ! ކޮންމެ ވަގުތެއްގައި ވެސް އެދެވިގެންވާ ކަމެކެވެ.
رسول الله صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. "لَوْلاَ أََنْ أَشُقَّ عَلَى أُمَّتِيْ َلأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ وُضُوْءٍ" މާނައީ: "ތިމަންކަލޭގެފާނުގެ އުންމަތަށް ބުރަކަމެއް ޖައްސަވާކަމަށް ނުވާނަމަ، ވުޟޫ ކުރާ ކޮންމެ ހިނދަކު ދަތް އުނގުޅުމަށް ތިމަން ކަލޭގެފާނު އަމުރު ކުރެއްވީމުހެވެ."
އަނގައަކީ ޖިމާޢު ވުމުގައި ވަރަށް މަތީ ދައުރެއް އަދާކުރާ ގުނަވަނެކެވެ. الإمام أبوداود ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. "أَنَّهُ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يُقَبِّلُ عَائِشَةَ رَضِيَ اللهُ عَنْهَا وَيَمُصُّ لِسَانَهَا" (أخرجه الإمام أحمد، و أبوداود: 2386) މާނައީ: "އެކަލޭގެފާނު صلى الله عليه وسلم ޢާއިޝަތުގެފާނަށް ބޮސްދެއްވަވައި، އެކަމަނާގެ ދޫފުޅު ހިއްޕަވައި ކަމުގައި ވިއެވެ."

ފޭސްބުކްގައި ޝެއަރ ކުރައްވާ

9 comments:

  1. މާޝާ ﷲ ވަރަށް ބޭނުންތެރި ވަރަށް ފުރިހަމަ އާރޓިކަލްއެއް. މިފަދަ ލިޔުންތައް ގިނައިން ފެންނާނެކަމަށް އުއްމީދުކުރަން. ވަރަށް ގިނަ މީހުންނަށް މިފަދަ ކަންތައްތައް ނޭނގޭ. ބައެއްމީހުން މިފަދަ މަޢުލޫމާތު ހޯދަން ލަދުގަންނަނީ. އަސްލު ޙަޤީޤަތުގައި ކައިވެނިތައް ރޫޅެނީވެސް ދީނީގޮތުން މިފަދަ ކަންތައްތައްކުރުމަށް އަންގަވާފަ އޮންނަ ގޮތަށް ނުކުރެވޭތީ. ދުޢާއަކީ ހުރިހާ މުސްލިމު އަޚުންނާއި އުޚްތުންނަށްވެސް ފުރިހަމަ ހިތްހަމަޖެހޭ އުފާވެރި ޒަވާޖީ ޙަޔާތެއް މިންވަރުކޮށްދެއްވުން. އާމީން

    ReplyDelete
  2. މިސައިޓަށް އަޅުގަނޑު ވަރަށް ގިނައިން ވަންނަން. މައްސަލައަކީ ގަވާއިދުން އަޕްޑޭޓްނުވާތީ. ވަރަށް ކިޔާހިތްވާ ކަހަލަ އާރޓިކަލްތައް ހުންނަނީ. އަޕްޑޭޓްވާނޭކަމަށް ހީކކުރުން.

    ReplyDelete
  3. ޑެންސިސްޓުFebruary 2, 2011 at 7:11 PM

    ދަތް އުނގުޅުމަކީ ވަރަށް މުހިއްމުކަމެއް. އަނގައިން ވަސްދުވުމުގެ ސަބަބުން ކައިވެނިތައް ރޫޅިފައިވެސް އެބަހުރި. ސަޅި އާރޓިކަލް އެއް. މާޝާ ﷲ

    ReplyDelete
  4. ވަރަށް ފުރިހަމަ އާރޓިކަލް އެއް

    ReplyDelete
  5. Dhua liyyuvvairu eyge maana aaieku liyuvvun varah bodah edhen. alhugadumenge therein ginameehunnakee hamaekani arabi bas kiyan egey, maana egey bayeh noon.

    ReplyDelete
  6. like it thankxxx

    ReplyDelete
  7. really like this article..i think there are lots of people who need those types of informationn. thank for presenting useful information n really appreciate this

    ReplyDelete
  8. Thank you my wife. She introduce this site to me. This is wonderful. M \y question is that why these important things did not teach us in school. I request Minister Shaheem to teach this in our schools. Do not hide our religion in the schools.

    ReplyDelete