3.17.2010

ޒަވާޖީ ޙަޔާތް ކާމިޔާބު ކުރަމާތޯ؟

އަލްއުޚްތު އަނާރާ ނަޢީމް
ހަލަބޮލި ކާރޫބާރުބޮޑު މަގެކެވެ. އެމަގުގެ މެދެއްހާ ހިސާބުގައި ލޯފަންމީހަކު، އޭނާއަށް އެމަގުން ސަލާމާތްވާނޭ މަގުދައްކައިދޭނޭ އެއްވެސްދަލީލެއް ނެތްހާލުގައި ހުއްޓެވެ. އޭނާގެ ވަށައިގެން ފަރާތަކުންވެސް ބޮޑެތިލޮރީތަކާއި ކާރުތަކާއި ސައިކަލްތައް ދުއްވަމުންދެއެވެ. އެފަދަ ހާލުގައި އެނިކަމެތި މީހާ އުނދަގުލާއި ނާއުއްމީދު އެކުލެވޭ ހާލު އެނުރައްކާތެރި ތާނގައި ހުއްޓެވެ. ކުރިޔަށް ނުވަތަ ފަހަތަށް ޖެހިލިޔަސް ވަނީ ނުރައްކަލެވެ.

މިފަދަ ހިތްދަތި ޙާލެއް ޖެހިފައިވުމުން އޭނާ ވިސްނާލިއެވެ. އަހަރެން މިގޮތަށް އުޅޭތާ ކިހާދުވަހެއްހެއްޔެވެ. އަހަރެންނަށް މިފަދަ ނުރައްކާތަކުން ސަލާމަތްވެވެން އޮތީހަމަ އެންމެ ދެގޮތެކެވެ. ފުރަތަމަގޮތަކީ: ލޮލުގެ އޮޕަރޭޝަންކުރާ މޮޅު ޑޮކްޓަރެއްގެ ކައިރިން ފަރުވާކޮށް ﷲގެ ވާގިފުޅާއެކު އަހަރެންގެ ލޮލަށް ޝިފާލިބުމެވެ. އެއިރުން އަހަރެންގެ ލޯ އަނބުރާ ލިބުނީއެވެ. އަދި އެފަދަ ނުރައްކާތަކުން ސަލާމަތް ވާނެއެވެ. ދެވަނަގޮތަކީ: އަހެންމީހަކު އައިސް އަހަރެންގެ އަތުގައި ހިފައިގެން އަމާންތަނަކަށް އަހަރެން ގެންގޮސްދިނުމެވެ. އެއިރުން އަހަރެންނަށް އަމާންކަން ލިބޭނެއެވެ. މިދެގޮތްނޫން އެހެން ކޮންމެގޮތެއް ޚިޔާރުކުރިޔަސް އޭނާއަށް ނުރައްކަލާ ކުރިމަތިވާނެކަމަށް އޭނާދެކެއެވެ. އޭނާގެ ޚިޔާލު ވަރަށް ތަނަވަސް އެހެން ނޫންތޯއެވެ.

މިދަންނަވާލީ ކަމަކާ އެއްފަދަ ކުރުމުގެގޮތުން ޖަހާލި މިސާލު ޙާދިޘާއެކެވެ. އަސްލު މައުޟޫ އައިގެން ކުރިޔަށް ދާނަމެވެ. އެޙާދިޘާގައި އުޅުނު ލޯފަންމީހަކީ ޤުރުއާނާއި ރަސޫލާގެ ސުންނަތުގެ ނޫރުން އަލިކަން ނުލިބިވާ ކޮންމެ މީހެކެވެ. އެފަދަ މީހުންނަށް އިޝާރާތް ކުރައްވައި ކީރިތި ޤުރުއާނުގައި ބަޔާންކޮށްފައިވެއެވެ. "(ކާފިރުކަމުން) މަރުވެފައިވަނިކޮށް (ތެދުމަގު ދެއްކެވުމުން) ތިމަން ރަސްކަލާނގެ އެމީހަކު ދިރުއްވައި މީސްތަކުންގެ ތެރޭގައި އެނޫރެއްގެ އަލީގައި ހިނގާނޭ ނޫރެއް ލެއްވި މީހަކާއި އަނދިރީގެތެރޭގައި ނުނުކުމެ ހުންނަ މީހަކާއި އެއްފަދަވާނޭ ހެއްޔެވެ؟ ހަމައެފަދައިން ކާފިރުންނަށް އެމީހުންކޮށްއުޅުނު ޢަމަލުތައްވަނީ ޒީނަތްތެރިކޮށްދެވިފައެވެ." (ސޫރަތުލް އަންޢާމް:221).

އިސްވެ ދެންނެވުނު އާޔަތުގައި ބަޔާންކޮށްފައިވާ ނޫރަކީ ކީރިތި ޤުރުއާނެވެ. އެއާޔަތުގައިކޮށްފައި އެވަނީ ތަފްސީލީ ޖަވާބެއް ބޭނުންވާފަދަ ސުވާލެކެވެ. އަދި އެގޮތުން އޭގެ ނަތީޖާއާ ހަމައަށް ވާސިލްވެވޭނެއެވެ. އިސްވެދަންނަވާލެވުނު މިސާލީ ވާހަކަގައި އޭނާހުރި މަގުން، ދުއްވާފައިދިޔަ ބޮޑެތި ޕިކަޕްތަކާއި ކާރުތަކާއި ސައިކަލްތަކަކީ ދިރިއުޅުއްވުމުގެ ޙަޔާތުގައި ކުރިމަތިވާ އެންމެހާ މައްސަލަތަކެވެ. ކީރިތި ޤުރްއާނާއި ރަސޫލާ ޞައްލައްﷲ ޢަލައިހިވަސައްލަމްގެ ސުންނަތް ރަނގަޅަށް ނުދަންނަ މީހާ އެ މައްސަލަތަކާއި ކުރިމަތިލުމަށް ވަރަށް ބޮޑު ދަތިތަކާއި އުނދަގޫ އުފުލަންޖެހެއެވެ. އަދި ތާކުންތާކު ނުޖެހޭ ކުޑަކުޑަކަމެއް ބޮޑު މައްސަލައަކަށް ހަދާލެވެއެވެ. އެހެނީ އޭނާއަށް ކުރިމަތިވަމުންދާ އެންމެހާ މައްސަލަތަކުގެ ޙައްލުކަމުގައި (ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތް) އޭނާވަނީ ދޫކޮށްލާފައެވެ.

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޙަޔާތުގައި ދިމާވާ މިފަދަ މައްސަލަތަކުގެ ތެރެއިން މައްސަލައަކަށް އަލިއަޅުވާލާނަމެވެ. މިސާލަކަށް ވަރީގެ މައްސަލައަށް ބަލާލަމާ ހިނގާށެވެ. ކައިވެނީގެ ފުރަތަމަ 2 ތިން އަހަރުތެރޭގައި ވަރިކުރާ ނިސްބަތް އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގައި މިވަނީ ވަރަށް ބޮޑުތަން މައްޗަށްގޮސްފައެވެ. އެކަމުގެ ސަބަބަކީ ކޮބައިކަން އެނގިލައްވާތޯއެވެ؟ ސަބަބަކީ ކައިވެނިކުރާ ދެމަފިރިން އެ ކައިވެނިން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ އިސްލާމްދީން ރުހޭފަދަ ލަނޑުދަނޑިއަކަށް ނުވުމެވެ. އަދި ފިރިމީހާ އަނބިމީހާ އިޚްތިޔާރުކުރާގޮތާއި، އަދި އަނބިމީހާ ފިރިމީހާ އިޚްތިޔާރުކުރާގޮތްވެސް ބިނާވެފައިއޮންނަނީ އިސްލާމްދީން ރުހޭގޮތަކަށް ނުވުމެވެ. އެހެންކަމުން އަނބިމީހާއާއި ފިރިމީހާގެ ގުޅުން ކިލަނބުވެ ހައްދުފަހަނައަޅާދެއެވެ. ފިލިޖެހިފައިނުވާ އަކުރުތަކެއްފަދައިންނެވެ. ހުރިހާކަންތައްތަކެއް އޮޅުންބޮޅުންވެ މަސްހުނިވެއެވެ. އަދި އެކަމުން ރައްކާތެރިވުމަށް ބޭނުންކުރެވެނީ މާނައެއްނެތް ލަފްޒުތަކެކެވެ. ނުވަތަ ޙައްދުފަހަނައަޅާފައިވާ ބަސްތަކެކެވެ. މިހާހިސާބަށް ކަންތައްދިޔުމުން ފިރިމީހާ އޭނާއަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފަންފަށައެވެ. އަދި އަނބިމީހާއަށް، ކައިވެންޏަކީ ހުރަގެއްގައި ބަންދުވުންކަމުގައި ހީކުރެވި، އެކަމުން ސަލާމަތްވާން ބޭނުންވެއެވެ. އަދި އެކަމުން ސަލާމަތްވުމަށް މަސައްކަތްފަށައެވެ. މިދެންނެވި ދެގޮތަކީ ކީރިތިޤުރުއާނާ ރަސޫލާގެ ސުންނަތުގައިވާގޮތާ ޚިލާފު ދެގޮތެކެވެ.

ވިސްނުމަކާނުލާ ކަންތައްތައްތައް ކުރުމުން ޢާއިލީ ޖައްވުގައި ދިމާވާ ކުދިކުދި ކަންތައްތައް ބޮޑެތި މައްސަލަތަކަށް ބަދަލުވެއެވެ. އަދި ގޮތްދޫނުކުރުމުގެތާޖު ބޮލުގައި އެޅެއެވެ. އަދި އެކަކު އަނެކަކަށް އޯގާތެރިވެ ރަހުމްކުރުމުން މަނާވެ ގަނެއެވެ. އަދި އެމާތް މަތިވެރި ގުޅުން ބަރުބާދުވުމަށް މަގުތަނަވަސްވަމުންދެއެވެ. އަންހެނަކާއި ފިރިހެނަކާއި ދެމެދުވާ ގުޅުމުގެ ނަމަކަށް އިސްލާމްދީން ނަންދީފައިވާ "ވަރުގަދަ އަޙުދު" ގެ އަގު ދަށްވެގެންދެއެވެ.

ކައިވެނީގެ ޙަޔާތުގެ ލަނޑުދަނޑިއަކީ އަންހެނަކާ ފިރިހެނަކާ ދެމެދު އޯގާތެރިކަމާއި، ލޯތްބާއި، ހަމަހިމޭންކަންއޮތުމެވެ. އަދި ކައިވެނީގެ ގުޅުމަށް އިސްލާމްދީނުގައި ކަނޑައަޅާފައިވާ އަސާސްތަކާއިނުލާ އެލަނޑިދަނޑި ޙާޞިލެއްނުވާނެއެވެ. އަދި އެ އަސާސްތަކާނުލާ މިފަދަބޮޑުކަމަކާ ކުރިމަތިވުމުން އެއީ ނުބައި ހުވަފެނަކަށް ނުވަތަ ނުރައްކާތެރި އެކްސިޑެންޓަކަށް ވެދާނެއެވެ. އެ އެކްސިޑެންޓުގެ ސަބަބުން އާއިލާގެ ހުރިހާ އަފްރާދުންނަށް ގެއްލުންލިބެއެވެ. އަނބިމީހާއާ ފިރިމީހާއާ ހިސާބުން ފެށިގެންގޮސް ހުރިހާ މައްސަލައެއް ނިމޭހިސާބަކީ ދަރިންކަމުގައިވެއެވެ.

އަދި މިފަދަ ޙާލެއްޖެހިފައިވާ މީހަކަސް، ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ އަލީގައި އަލިމަގެއް ފެނިދާނެއެވެ. އެއީ އިސްވެ ބަޔާންކުރެވުނު ލޯފަންމީހާ ފަދައިން އަމިއްލަ ނަފްސަށް ޤުރުއާނާއި ރަސޫލާގެ ސުންނަތް އުނގަންނައިދީ ތަންދޮރުދަންނަ މީހަކަށްވެގެންނެވެ.

އަދި ހަމައެފަދައިން ޢާއިލާތައް ހަރުދަނާކުރުމަށްޓަކައި މުސްލިމް އަންހެނުންނަށްވެސް ކުރެވިދާނެ ވަރަށް ގިނަކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން އިސްލާމީ އުއްމަތުގެ މުސްތަޤުބަލަށްޓަކައި ކޮންމެ ދުވަހަކުވެސް ވަޤުތުކޮޅެއް ހޭދަކުރެވިދާނެއެވެ. އެގޮތުން އިސްލާމީ މުޖުތަމަޢަށް ކުރިމަތިވެފައިމިވާ މައްސަލަތަކުން މީސްތަކުން ސަލާމަތްކުރުމަށްޓަކައި އެހީތެރިވުމުގެގޮތުން ކައިވެނިކުރާ އުމުރުގެ އަންހެންކުދިންނަށް ކައިވެންޏާބެހޭގޮތުން އިސްލާމްދީނުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ދެވިދާނެއެވެ. އަދި ކައިވެނިކޮށްގެން އުޅޭ އަންހެނުންނަށާއި އެހެން އަންހެނުންނަށް އިސްލާމްދީނުގެ ދެ އަޞްލުކަމުގައިވާ ޤުރުއާނާއި ސުންނަތުން ކައިވެނީގެ ޙުކުމްތައް ބުނެދީ، އަމިއްލައަށް އެ ޙުކުމްތައް ދެނެގަންނަން މަސައްކަތް ކުރުމަށް އިރުޝާދު ދެވިދާނެއެވެ. މިގޮތުން ގެއެއްގައި ކުޑަމަޖްލިސެއް ހަދާލައި، ނުވަތަ ފޯނުންވިޔަސް ބުނެދެވިދާނެއެވެ. އެހެން ބަޔަކަށް ބުނެދޭއިރު އެންމެ އިސްކަމެއްދޭންޖެހޭނެކަމަކީ އެ ދެވޭ ނަސޭޙަތަކީ ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ މައްޗަށް ބިނާވެފައިވާ އެއްޗަކަށްވުމެވެ.

މީހަކު ބުނުން އެކަށީގެންވެއެވެ. "އެހެންމީހަކަށް ބުނެދެވޭވަރަށް ތިމަންނައަކަށް ކައިވެނީގެ ޙުކުމްތަކެއް ނޭނގެއެވެ." މައްސަލައެއް ނެތެވެ. ތިބާ އެ ޙުކުމްތައް ދަސްކުރާށެވެ. ކޮންމެ ހަފްތާއެއްގައިވެސް 3 ގަޑިއިރެއްހާއިރު ކައިވެނީގެ ޙުކުމްތައް ދަސްކުރާށެވެ. އެއީ ފޮތަކުން ނުވަތަ ޓީވީއިން ނުވަތަ ރޭޑިއޯއިން ކަމުގައި ވިޔަސް އެންމެ ރަނގަޅެވެ. އަދި އުނގެނުނު އެއްޗެއް އެހެންމީހުންނަށް ބުނެދިނުމަށް ހަފްތާއަކު 4 ގަޑިއެއްހާއިރު ހޭދަކުރާށެވެ.

އަދި އެހެނިހެން ރޮނގު ރޮނގުންވެސް ޢިލްމު އުނގެނޭށެވެ. މުހިއްމުކަމަކީ އެހެންމީހުންނަށް ތެދުމަގު ދައްކައިދުނުމުގައި ތިބާ ބައިވެރިވުމެވެ. އަދި މުޖުތަމަޢުން ވަރީގެ މައްސަލަ ކުޑަކުރުމެވެ. ޤުރުއާނާއި ސުންނަތުގައި ކައިވެނީގެ ޙުކުމްތަކޭ ބުނި ބަހުގެ މާނައަކީ: ކައިވެނީގެ ލަނޑުދަޑިތަކާއި ކައިވެނި ޞުލްޙަވުމުގެ ޝަރުޠުތަކާއި، ކައިވެނީގެ ޙައްޤުތަކާއި ވާޖިބުތަކާއި، އަދަބުތަކާއި ކައިވެނީގެ ހުރިހާ މަރުޙަލާއެއްގައިމެ ހުންނާނޭ ސިފަތަކެވެ. މިގޮތުން ކައިވެނިކުރަންބޭނުންވާ ދެމީހުން ފުރަތަމަ ބައްދަލުވެ ތަޢާރަފްވީއްސުރެ ކައިވެނީގެ ހުށަހެޅުން ޤަބޫލުކުރުމާއި ކައިވެނީގެ އެއްބަސްވުމާއި އަކައިވެނި ބިނާކުރުމެވެ. ހަމައެފަދައިން އެކިއެކި މައްސަލަތައް ކުރިމަތިވާހިނދު އެކަންހައްލުކޮށް، މައްސަލަތައް ދުރުކުރުމަށް މަސައްކަތްކުރާ މިންވަރު އެކަކު އަނެކެއްގެ ކިބައިން ދެނެގަތުމެވެ. އިސްލާމީ އުއްމަތަށް ކުރިމަތިވެފައިމިވާ މައްސަލަތަކު ތެރެއިން ވަރީގެ މައްސަލަވެސް މިވަނީ ބޮޑު މައްސަލައަކަށްވެފައެވެ. ޚާއްޞަކޮށް ވަރިވުމުގެ އަޞްލު ސަބަބަކީ އަނިޔާވެރި މައްސަލަތަކެއް ނުވަތަ ދާއިމީ ދެބަސްވުންތަކެއްގެ ސަބަބުން އެއްވެސް އިޚްތިރާމަކާނުލާ ކުރެވުނު ވަރިއެއްނަމަ އެކަމުގެ ސަބަބުން ހިތާމައާ ހިތްދަތިކަމާ ކުރިމަތިލާންޖެހިފައިތިބި ޅަދަރީންތަކެއް ވާނެއެވެ. އަދި އެކުދީންނަކީ ކުދިކުދި ކަންތަކާ ބިރުގަންނަ، މުޖްތަމަޢާ ރައްޓެހިނޫން މުޖުތަމައާ ޢަދާވާތްތެރި ބަޔަކަށްވުމީ ވަރަށް ގާތުގައިވާކަމެކެވެ. ނުވަތަ ވިސްނުމާ ސުލޫކަށް ނޭދެވޭ އަސަރުކޮށްފައިވާ ބަޔަކަށް ވެދާނެކަމަށް ނަފްސާނީ ޢިލްމުވެރިން ވިދާޅުވެއެވެ.

އެއީ އެކުދިން ކުޑައިރު ޢާއިލީ މާޙައުލުން ކުރި ނޭދެވޭ އަސަރުގެ ސަބަބުންނެވެ. އެކަމަކު ހިތާމައަކީ މިކަންތައްތައް މިދެންނެވިފަދަގޮތަކަށް ވަމުންދާކަމެވެ.

މުޖުތަމަޢު ބޭނުންވަނީ ވަރި މަދު ކުރާށެވެ. އަދި އަންހެނުންނާއި ފިރިހެނުންވެސް ދިރިއުޅުމުގެ މައްސަލަތައް ޙައްލުކުރާނެގޮތް ދެނެގަނު އެކަމުންރައްކާތެރިވާށެވެ.

ވަރީގެ ސަބަބުން ދަރިންނަށްކުރާ ނޭދެވޭ އަސަރުތަކުން އެދަރިފުޅުގެ މައިންބަފައިންނަށް ބަރީއައެއް ނުވެވޭނެއެވެ. އަދި ވަރިވާ އަންހެނާއަށާ ފިރިހެނާއަށްވެސް ނޭދެވޭ އަސަރު ކުރެއެވެ. އަދެމީހުންނަށްމެ ބާއްޖަވެރި އައުޒަވާޖީ ޙަޔާތެއް ފެށުމަށް އުނދަގޫވެއެވެ. އެއީ ކައިވެނީގެ ޙަޔާތުގައި ހިތި ތަޖުރިބާއަކާ ކުރިމަތިވެފައިވާތީއެވެ. އަދި އޭނާއަކީ މީހަކާއިނދެ ވަރިކޮށްފައިވާ މީހަކަށްވާތީއެވެ.

އިސްވެ ދެންނެވުނު ވާހަކަތަކާމެދު ފުންކޮށް ވިސްނާލާށެވެ. އަދި އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީންނާއި މުޖްތަމަޢާއި، ޤައުމާއި އުއްމަތުގެ މުސްތަޤުބަލް އުޖާލާކުރުމަށްޓަކައި، ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ސުންނަތުގެ އަލީގައި ޢާއިލާ ބިނާކުރަމާތޯއެވެ. އަދި ކައިވެނީގައި ހިތި ތަޖުރިބާއެއް ކުރެވިފައިވާ މީހެއްނަމަ، އިސްލާމްދީން އަންގަވާފައިވާގޮތަށް އަލުން އާ ފެށުމަކާއެކު ފަށަމާހިނގާށެވެ. އެކަން އެގޮތަށް ކުރަންތިބި ބަޔަކީ ހަމަ އަޅުގަނޑުމެންނެވެ.

=ދަރުމަ މަޖައްލާގެ 2005 ގެ ނޮވެމްބަރު މަހުގެ ޢަދަދުން ނަގާފައި=

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment