2.12.2010

ކާމިޔާބު އަންބަކަށް ވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް

އަލްއުޚްތު ޢާއިޝަތު ޢަފާ މުޙައްމަދު
1. ފިރމީހާގެ ހިތް އަތުލުމަށްޓަކައި ތިބާގެ ޒީނަތްތެރިކަން ބޭނުންކުރާށެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ ތިބާއަށް ޒީނަތްތެރިކަން ދެއްވާފައެވެ. އެއީ ތިބާއަށް ލިބިފައިވާ ވަރަށްބޮޑު ނިޢުމަތެކެވެ. އެއިލާހު ތިބާއަށް ދެއްވާފައިވާ ރީތިކަމުގެ ބޭނުން ހިފައިގެން ފިރިމީހާގެ ރުހުން ހޯދާށެވެ. އެއީ ތިބާގެ ފިރިމީހާގެ ކުރިމަތީގައި ފައުޅުކުރުމަށް ދެއްވާފައިވާ ޒީނަތްތެރިކަމެކެވެ.

2. ތިބާގެ ފިރިމީހާ ގެއަށް އައުމުން، އޭނާއާ ފުރިހަމައަށް އިސްތިޤްބާލުކުރާށެވެ.
ވިސްނާލާށެވެ. ފިރިމީހާ ގެއަށް އަންނައިރު ސާފު، ރީތި ގެއަކަށް ވަދެވުމާއި، ރީތިކޮށް ނަލަހެދިފައިހުރި އަންބެއް ފެނުމާއި، ލޯތްބާއި އެކު ކާން ތައްޔާރުކޮށްފައި ހުރުމާއި، ދަރިންތައް ފެންވަރައި ރީތިކޮށް ހުރުމާއި، ސާފު ރީތި ކޮޓަރިއެއް ހުރުމުން ފިރިމީހާގެ ލޯތްބަށް ވާނީ ކިހިނެއް ހެއްޔެވެ؟ ކިހާބޮޑަށް އޭނާ ހިތްހަމަ ޖެހޭނެހެއްޔެވެ؟ ހަމައެގޮތަށް މީގެ އިދިކޮޅަށް ކަންތައްވުމުން ވާނޭގޮތް ހިތަށް ތަޞައްވަރު ކޮށްލައްވާށެވެ.

3. އަޚްލާޤީ ރިވެތި ސިފަތަކުން ޒީނަތްތެރިވާށެވެ.
ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ މާތް ރިވެތި އަންހެންތަކުންގެ ސީރަތާމެދު ވިސްނާށެވެ. އެބޭކަލުންގެ ޙަޔާތުގެ ޞަފްޙާތަކުން ޢިބްރަތް ޙާޞިލްކުރާށެވެ. އެކަނބަލުންނަށް ލިބިގެންވީ ސިފަތައް ތިބާގެ ނަފްސުގައިވެސް ހަރުލެއްވޭތޯ މަސައްކަތްކުރާށެވެ. ހެދުން އެޅުމާއި ފިރިމީހާއާ މުޢާމަލާތު ކުރުމުގައި އެންމެ ރިވެތި ގޮތް އިޚްތިޔާރުކުރާށެވެ.

4. ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ.
ސާފުތާހިރުކަމަކީ އިންސާނާގެ ޠަބީޢަތާ ގުޅިފައި ހުންނަކަމެވެ. ކޮންމެމީހަކުވެސް ސާފުތާހިރުކަމަށް ލޯބިކުރެއެވެ. އެހެންކަމުން ލޯބިވެރި އޯގާތެރި، އަޅާލާ މާޙައުލެއް އުފެއްދުމަށްޓަކައި ސާފުތާހިރުކަމަކީ ވަރަށް މުހިއްމުކަމެކެވެ. ދިރިއުޅޭ ތަނާއި ވެށި ސާފުތާހިރުކޮށް ބެލެހެއްޓުމުގެ އިތުރަށް ތިމާގެ ހަށިގަނޑާއި ފޭރާން ސާފުތާހިރުކޮށް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއްދޭށެވެ.

5. ފިރިމީހާއާ އެއްކޮށް ސަކަރާތްޖަހާ މަޖާކޮށް ހަދާށެވެ.
ދެމަފިރިންގެ ދޭތެރޭގައި އޮންނަންޖެހޭ ލޯތްބާއި ކުލުނުވެރިކަމާއި އޯގާތެރިކަމަކީ ވަރަށް މުހިއްމުކަމެކެވެ. އެހެންކަމުން ބައެއް ފަހަރަށް މިފަދަ ކަންތައްތައް އުފެއްދުމަށްޓަކައި ހީ ސަމާސާ ކޮށްލުންވެސް އެއީ ގޯސްކަމެއް ނޫނެވެ. ދީނީ ޙުދޫދުގެ ތެރޭގައެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖާބިރުގެފާނަށް ކައިވެނި ކުރެއްވުމަށް އަމުރު ކުރެއްވީ އެ އަންހެނަކު ޖާބިރުގެފާނު ހިނިތުންކުރުވާ އަދި ޖާބިރުގެފާނު އެއަންހެނަކު ހިނިތުން ކުރުވާ މީހަކާއެވެ.

6. ފިރިމީހާ ކުރާ ރަނގަޅު ކަންތައްތަކަށް އަބަދުވެސް ޝުކުރުވެރިވާށެވެ.
މިކަމަކީ ކާމިޔާބު އަންބަކަށްވުމަށްޓަކައި އެންމެ މުހިއްމު އެއްކަމެވެ. އެހެނީ މީގެ އިދިކޮޅަކީ ނަރަކާގައިވާ އަންހެނުންގެ ސިފަތަކުގެ ތެރެއިން ސިފައެކެވެ. ހިތްހަމަ ނުޖެހޭ ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެކަމާ ރުޅިއައިސް އެއްޗެތި ކިޔުމުގެ ބަދަލުގައި ފިރިމީހާ ކޮށްދީފައި ހުރި ރަނގަޅުކަންތައްތަކުގެ މަތީންވެސް ހަނދާންކުރާށެވެ. އިންސާނުންނަށް ކުށްކުރެވޭނެއެވެ. ކުށެއް ކުރެވުމަކީ އެމީހެއްގެ ހުރިހާ ހެޔޮކަމެއް ފުހެވުމެއް ނޫނެވެ. ޝުކުރުގެ ލޮލަކުން ބަލާށެވެ. ޙަޔާތް ބާއްޖަވެރި ވާނެއެވެ.

7. ފިރިމީހާ ޒުވާބު ނުކުރާށެވެ.
ފިރިމީހާއާ ޒުވާބުކުރުމަކީ އަލިފާން ގަނޑަކަށް ދަރު އެޅުން ފަދަ ކަމެކެވެ. "އަހަންނަށް މާފުކުރާށޭ، ރައްޓެހިވަމާ ހިނގާށޭ" މިހެން ބުނުމުން ޒުވާބު ހުއްޓޭލެއް އަވަސްކަން ނިކަންބަލާށެވެ. ތިމާގެ ކުށެއް ނެތްކަމުގައި ވިޔަސް މަޢާފަށް އެދޭށެވެ.

8. ސުވަރުގެއަން ވާޞިލުވާން އޮތް ތަޅުދަނޑިއަކީ ތިމާގެ ފިރިމީހާ ކަމުގައިވާއިރު، އަބަދުވެސް އޭނާ ހިތްހަމަ ޖެއްސޭތޯ ބަލާށެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަހަރެމެންނަށް އުނގަންނައި ދެއްވާފައިވަނީ އަންހެނަކު އޭނާގެ ފިރިމީހާގެ ރުހުމުގައި މަރުވެއްޖެނަމަ އޭނާ ސުވަރުގެއަށް ވަންނާނޭ ކަމަށެވެ. އެހެންކަމުން ފިރިމީހާ ހިތްހަމަޖައްސައި ދޭށެވެ.

9. ފިރިމީހާގެ ބަސް އަޑުއަހާ ކިޔަމަންވާށެވެ.
ފިރިމީހާއަށް ކިޔަމަންވުމަކީ ވާޖިބެކެވެ. ތިމާގެ ފިރިމީހާއަކީ ގޭގެ އަމީރެވެ. އޭނާއަށް އެޙައްޤާއި އިޙްތިރާމް އަދާކުރާށެވެ.

10. ތިމާގެ ކައިވެންޏަކީ ކާމިޔާބު ކާއިވެންޏަކަށް ވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާށެވެ.
ހުރިހާ ކާމިޔާބެއް ވަނީ ﷲގެ ޙަޟްރަތުންނެވެ. މިދުނިޔެއިން ފަށައިގެން ޖަންނަތާ ހަމައަށް ދާ ކާމިޔާބު ކައިވެންޏެއް ގެ ގޮތުގައި ތިބާގެ ކައިވެނި ލެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާށެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

2 comments:

  1. ވަރަށް ފުރިހަމަ ލިޔުމެއް މާޝާﷲ....

    ReplyDelete