2.17.2010

މުތެއް އުފެދި ބޮޑުވަމުން އަންނަ ގޮތް - މުސްލިމް އަންހެނުންނަށް ވާ ޚުޠުބާއެއް

ތަރުޖަމާ: އަލްއަޚް ޢަލީ ނިޝާމް
އަބަދުވެސް ދީނީ ދަރުސްތައް، ޚުތުބާތައް، އަދިވެސް އެހެނިހެން ދީނީ ވާހަކަތައް ވަނީ މުސްލިމް ފިރިހެނުންނަށް އަމާޒު ކުރެވިފައެވެ. އަހަރަމެންގެ ރަސޫލާ (صلي الله عليه وسلم) ގެ هدي (ދެއްކެވިގޮތް) ވަނީ ހަނދާންނައްތާލެވިފައެވެ. އެކަލޭގެފާނު ކޮންމެ ހަފްތާއަކުވެސް ކޮންމެވެސް އެއްދުވަހެއް އަންހެނުންނަށް އުނގަންނައިދިނުމަށް ޚާއްޞަ ކުރައްވިއެވެ. އަންހެން ބޭކަނބަލުން އެކަލޭގެފާނުގެ ކިބައިން ދީނުގެ ކަންތައް އޮޅުން ފިލުވުމަށް ޙައްޖުގައިވެސް އަދި މަގުމަތިންވެސް އަދި ކިއެއްތަ ގެއަށްވެސް އާދެއެވެ. ޢީދު ނަމާދުގައި އެކަލޭގެފާނު ފިރިހެނުންނާ މުޚާތަބު ކުރެއްވުމަށްފަހުގައި އެކަލޭގެފާނު އަންހެން ބޭކަނބަލުން ތިބޭ ތަނަށް ވަޑައިގެން އަންހެން ބޭކަނބަލުންނާ މުޚާތަބު ކުރައްވައެވެ. ﷲ، النساء (އަންހެނުން) މިނަމުގައި ސޫރަތެއްވެސް ބާވައިލެއްވިއެވެ. އަދި އެހެން ސޫރަތެއް مريم މިނަމުގައި ވެސް ބާވައިލެއްވިއެވެ. އަދި އެހެން ސޫރަތެއް المجادلة މިނަމުގައި ވެސް ބާވައިލެއްވިއެވެ. އިތުރު އެކަލޭގެފާނުގެ ޠާހިރު ސުންނަތް ދިރުވުމުގެ ގޮތުން މިއަދު އަހަރެން މި ވާހަކަ އަމާޒުކުރާނީ މުއުމިން އަންހެނުންނަށެވެ. المؤمنات ންނަށެވެ.


އިސްލާމްދީން ފުހެލަން ނަޞާރާއިންގެ ލަޝްކަރު އެއްވި ޚަބަރު އަބޫ ޤުދާމަ އައް-ޝާމީ އަށް ފޯރުމުން އެކަލޭގެފާނު މިސްކިތުގެ މިންބަރަށް އަރާވަޑައިގަތެވެ. އަދި ވަރަށް ވަރުގަދަ އަދި އަސަރުން ފުރިގެންވާ، މީސްތަކުންގެ އިޙްސާސްތަކާ ކުޅެލާފަދަ ނަޞީޙަތެއް ދެއްވިއެވެ. އެމީހުންގެ ހިތުގައި އެމީހުންގެ ބިން ރައްކާތެރިކުރުމުގެ ޖޯޝާއި ޝައުޤު އުފެއްދިއެވެ. އެއީ ﷲ ގެ މަގުގައި ޖިހާދުކުރުމުގެ ޖޯޝާއި ފޯރިއެވެ. އެކަލޭގެފާނު މިސްކިތުން ފައިބާވަޑައިގެން އަނދިރި އަދި ވަކިން އޮތް މަގަކުން ވަޑައިގަންނަވަނިކޮށް އަންހެނަކު އެކަލޭގެފާނު ހުއްޓުވިއެވެ. އަދި ސަލާމްގޮވާލިއެވެ. السلام عليكم ورحمة الله އަބޫ ޤުދާމާ ހުއްޓި ވަކި ޖަވާބެއް ނުދެއްވައި މަޑުކުރެއްވިއެވެ. އެ އަންހެން މިހާ އޭނާގެ ސަލާމް ތަކުރާރު ކުރިއެވެ. އިތުރަށް ވިދާޅުވިއެވެ. "ތިޔައީ ޞާލިޙް މީހުން ކަންތައް ކުރަން ވާނެގޮތެއް ނޫނެވެ." އެ އަންހެންމީހާ ހިޔަނީގެ ތެރެއިން ކުރިއަށް ޖެހިލާފައި ބުންޏެވެ. "އަހަރެން އަޑު އެހިން ތިބާ މުއުމިނުތަކުންނަށް ޖިހާދަށް ދާން ގޮވާލަނިކޮށް، އަހަރެން އަތުގައި ދެވެން އޮތީ މި އެކަންޏެވެ..." ދެން އެ އަންހެންމީހާ އެކަލޭގެފާނަށް ގަތާފައިވާ ދިގު ދެ އިސްތަށިގަނޑު ދިއްކޮށްލިއެވެ. އަދި ބުންޏެވެ. "ތިބާގެ އަހުގެ ލަގަން ކަމުގައި މީތި ބޭނުން ކުރާށެވެ. އަދި އެހެންމެ ތިމަންނާއަކީ ވެސް ޖިހާދަށް ދިޔަ މީހަކު ކަމުގައި މާތްﷲ ލިޔުއްވަފާނެތެވެ."

އޭގެ އަނެއް ދުވަހު މުސްލިމުންގެ މީހުން ޞަލީބީންގެ ލަޝްކަރާ ކުރިމަތިލާން ނުކުތް ތަނާހެން، ޒުވާން ކުއްޖެއް، ގޮސް އަބޫ ޤުދާމާގެ އަހުގެ ކައިރީގައި ހުރެ ބުންޏެވެ. "ﷲ އަށްޓަކައި މިލަޝްކަރުގައި އަހަރެން ބައިވެރި ކޮށްދިނުމަށް ތިބާގެ ގާތުން އެދެމެވެ."

އެގޮތަށް ބުނުމުން އުމުރުން ދޮށީ ބައެއް ހަނގުރާމަވެރިން އެކުއްޖާއާ ދިމާލަށް ހީ މަލާމާތް ކޮށްފައި ބުންޏެވެ.
"އަސްތައް ކަލޭގެ ގައިމައްޗަށް އަރައި ޗިސްކޮށްލަފާނެ" އެވެ.

އަބޫ ޤުދާމާ އެކުއްޖާގެ ލޮލަށް ބަލައިލިއެވެ. އެހިނދު އެކުއްޖާ އަނެއްކާވެސް ބުންޏެވެ. "އަހަރެން ތިބާގެ ގާތުން މިއެދެނީ ﷲ އަށްޓަކައެވެ. އަހަރެން މިލަޝްކަރުގައި ބައިވެރި ކޮށްދެއްވާށެވެ."

ދެން އަބޫ ޤުދާމާ ވިދާޅުވިއެވެ. "އެއީ ޝަރުތެއްގެ މަތިންނެވެ. އެ ޝަރުޠަކީ ތިބާ މަރުވުމުން ތިބާ އާ އެއްކޮށް ތިމަންނާވެސް ސުވަރުގެ އަށް ގޮވައިގެން ދިޔުމެވެ. އެއީ ތިބާއަށް ޝަފާޢަތްތެރި ވެވޭނެ މީހުންގެ ތެރެއިންނެވެ."

އެކުއްޖާ ހިނިތުންވެލާފައި ބުންޏެވެ. "އެކަމަށް ވަޢުދު ވެއްޖައީމެވެ."

ދެ ލަޝްކަރު ބައްދަލުވެ ހަނގުރާމަ އެންމެ ހޫނުވެގެން ދިޔަ ވަގުތު، އަބޫ ޤުދާމާގެ އަހުގެ ފަހަތުގައި އެކުއްޖާ އިނދެ އެދުނެވެ. "ﷲ އަށްޓަކައި އަހަރެން ތިބާގެ ކިބައިން އެދެމެވެ. އަހަރެންނަށް 3 ދުނި ދޭށެވެ."

"ތިބާއަށް އެމީހުންގެ ގަޔަށް އެ ދުނި ނުޖެހޭނެއެވެ." އަބޫ ޤުދާމާ ބުންޏެވެ.

އަނެއްކާވެސް އެއްޖާ އެބަސް ތަކުރާރު ކުރިއެވެ. "ﷲ އަށްޓަކައި އަހަރެން ތިބާ ގާތުން އެދެމެވެ. އަހަންނަށް އެ ދޭށެވެ."

އަބޫ ޤުދާމާ އެކުއްޖާއަށް 3 ދުނި ދިނެވެ. އެކުއްޖާ (ތީރު) އަމާޒު ކޮށްފައި ބިސްމި ކިޔާފައި ދޫކޮށްލިއެވެ. އެ ދުނިން ރޯމަނުންގެ މީހެއް މަރުވިއެވެ. ދެވަނަ ފަހަރަށްވެސް ބިސްމި ކިޔާފައި ދޫކޮށްލި ދުނިން ދެވަނަ މީހާވެސް މަރުވިއެވެ. (ހަމައެގޮތަށް) ތިންވަނަ ފަހަރު ބިސްމި ކިޔާފައި ދޫކޮށްލި ދުނިން ތިންވަނަ މީހާވެސް މަރުވިއެވެ. ދެން އެކުއްޖާގެ މެއަށް ދުންޏެއް އައިސް ވަނެވެ. އެކުއްޖާ އަހުން ވެއްޓުނެވެ. އަބޫ ޤުދާމާ އަހުން ފުންމާލައިގެން ގޮސް އެކުއްޖާގެ އެއްފަރާތުގައި އިށީނެވެ. އެކުއްޖާގެ އެންމެ ފަހުނޭވާތަކުގައި އެކުއްޖާއަށް ހަނދާން ކޮށްދެމުން ދިޔައެވެ. "މަށަށް ވީ ވަޢުދު ހަނދާން ނައްތާ ނުލައްޗެވެ!"

އެކުއްޖާ އޭނާގެ ޖީބަށް އަތްލާފައި ކުޑަ ދަބަހެއް ނެގިއެވެ. އަދި ބުންޏެވެ. "(މި ދަބަސް) މަގޭ މަންމަ އަށް ރައްދު ކޮށްދޭށެވެ."

އަބޫ ޤުދާމާ ސުވާލުކުރިއެވެ. "ތިބާގެ މަންމަ އަކީ ކާކުހެއްޔެވެ؟"

"އެއީ އިއްޔެ ތިބާއަށް ދެ އިސްތަށިގަނޑު ދިން މިހާއެވެ." އެ ކުއްޖާ ޖަވާބުދިނެވެ.

އޭ އަޚުންނާއި! އޭ އުޚުތުންނޭވެ! އަޅެ މި މުސްލިމް އަންހެން މީހާ އާއި މެދު ވިސްނާލަބަލާށެވެ. އޭނާ ތަޤުވާވެރިކަމުގައި މިފަދަ މަތިވެރި ދަރަޖައަކަށް ދިޔައީ ކިހިނެއްތޯއެވެ؟ އެއީ އޭނާގެ އިސްތަށިގަނޑުވެސް އަދި ކިއެއްތަ އޭނަގެ ފިރިހެން ދަރިފުޅުވެސް ޤުރުބާން ކުރީއެވެ. ޔަޤީނެވެ. އޭނާގެ ޙަޔާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި ހޭދަކުރީއެވެ. އަދި އިމްތިޙާން ކުރިމަތި ވުމުން ފާސްވެސް ވިއެވެ. ހަމައެކަނި އޭނާ ފާސްވީކީ ނޫނެވެ. އޭނާގެ ދަރިންވެސް އެފަދަ ރީތި އީމާނަކުން ވިދާ ބެބުޅިއެވެ. އެއީ އޭނާ ތަރުބިއްޔަތުކޮށްފައިވާ ދަރިންނެވެ.

އަބަދުވެސް ދީނީ ދަރުސްތައް، ޚުތުބާތައް، އަދިވެސް އެހެނިހެން ދީނީ ވާހަކަތައް ވަނީ މުސްލިމް ފިރިހެނުންނަށް އަމާޒު ކުރެވިފައެވެ. އަހަރަމެންގެ ރަސޫލާ (صلي الله عليه وسلم) ގެ هدي (ދެއްކެވިގޮތް) ވަނީ ހަނދާންނައްތާލެވިފައެވެ. އެކަލޭގެފާނު ކޮންމެ ހަފްތާއަކުވެސް ކޮންމެވެސް އެއްދުވަހެއް އަންހެނުންނަށް އުނގަންނައިދިނުމަށް ޚާއްޞަ ކުރައްވިއެވެ. އަންހެން ބޭކަނބަލުން އެކަލޭގެފާނުގެ ކިބައިން ދީނުގެ ކަންތައް އޮޅުން ފިލުވުމަށް ޙައްޖުގައިވެސް އަދި މަގުމަތިންވެސް އަދި ކިއެއްތަ ގެއަށްވެސް އާދެއެވެ. ޢީދު ނަމާދުގައި އެކަލޭގެފާނު ފިރިހެނުންނާ މުޚާތަބު ކުރެއްވުމަށްފަހުގައި އެކަލޭގެފާނު އަންހެން ބޭކަނބަލުން ތިބޭ ތަނަށް ވަޑައިގެން އަންހެން ބޭކަނބަލުންނާ މުޚާތަބު ކުރައްވައެވެ. ﷲ، النساء (އަންހެނުން) މިނަމުގައި ސޫރަތެއްވެސް ބާވައިލެއްވިއެވެ. އަދި އެހެން ސޫރަތެއް مريم މިނަމުގައި ވެސް ބާވައިލެއްވިއެވެ. އަދި އެހެން ސޫރަތެއް المجادلة މިނަމުގައި ވެސް ބާވައިލެއްވިއެވެ. އިތުރު އެކަލޭގެފާނުގެ ޠާހިރު ސުންނަތް ދިރުވުމުގެ ގޮތުން މިއަދު އަހަރެން މި ވާހަކަ އަމާޒުކުރާނީ މުއުމިން އަންހެނުންނަށެވެ. المؤمنات ންނަށެވެ.

އޭ އަހަރެންގެ ލޮބުވެތި އުޚުތުންނޭވެ! މަންމައިންނޭވެ! އަދި އަންހެން ދަރިންނޭވެ!. މިއަދު އެންމެންވެސް މަސައްކަތް ކުރަނީ އުފާވެރިކަމާއި މަޖަލާއި ހިތްހަމަޖެހުން ހޯދުމަށެވެ. މިކަމުގައި ތިބާވެސް އިސްތިސްނާވެގެން ނުދާނެކަން އަހަރެންނަށް ޔަޤީނެވެ. އެހެންނަމަވެސް، އެ އުފަލާއި ހިތްހަމަޖެހުން އަޅެ ކޮބައި ތޯއެވެ؟ ތިބާ އެ އުފާވެރިކަން ބޭނުމީ ކޮންއިރަކުތޯއެވެ؟ ތިބާ ބޭނުން ވަނީ އެ "އުފާވެރިކަން" ހޯދުމުގައި އާޚިރަތުގެ (އުފާވެރިކަމުން) ތިބާ މަޙްރޫމް ވެގަންނަންތޯއެވެ؟ ނޫނީ ތިބާ ބޭނުމީ ﷲ އާ ބައްދަލުކުރާއިރު އާޚިރަތުގައި ތިބާ އުފަލުގައި ވުމަށްތޯއެވެ؟

ތިބާ ދާ ކޮންމެ ތަނެއްގައި ތިބާ އަށް ފެންނާނީ މީހުންނާއި މީޑިޔާ އަދި ޘަގާފަތް ވެސް، ޙަޤީޤީ އުފަލަކީ ދުނިޔޭގެ އުފާ ކަމުގައި ބުނަމުން ދަނިކޮށެވެ. އެކަމަކު ޙަޤީޤީ އުފާވެރިކަމަކީ އެއީތޯއެވެ؟ ކުރި ޢަމަލުތަކަށް ބަދަލު ދެވޭ ދުވަހުގައި، ދުނިޔޭގައި އުޅުނު "އެންމެ އުފާވެރި" ކާފިރު މީހާ ﷲ ނަންގަވާނެއެވެ. އަދި އޭނާ ކުޑަ ހިނދުކޮޅަކަށް ޖަހަންނަމަ އަށް ގަންބާލެވޭނެއެވެ. ދެން އޭނާއާ ސުވާލު ކުރެވޭނެއެވެ. ކަލޭ ދުވަހަކުވެސް އުފާވެރިކަން ދުށިންހެއްޔެވެ؟ (އިޙްސާސް ކުރިންހެއްޔެވެ؟) އޭނާ ބުނާނެއެވެ. "ނޫނެކެވެ. ދުވަހަކުވެސް ނުދެކެމެވެ."

ދަންނާށެވެ! ހަޤީޤީ އުފާވެރިކަމަކީ އާޚިރަތުގެ އުފާވެރިކަމެވެ. އެއީ ކޮންމެ ފަދަ ގޮތެއް ދުނިޔޭގައި ވީ ކަމުގައި ވެސް މެއެވެ. ބަދަލުތައް ދެވޭ ދުވަހުގައި ދުނިޔޭގައި އެންމެ ގިނަ އިމްތިޙާންތަކާ ކުރިމަތިވި މީހާ ﷲ ގެންނަވާނެއެވެ. އަދި އެނާ (ކުޑަ ހިނދުކޮޅަކަށް) ސުވަރުގެއަށް ވައްދާލެވޭނެއެވެ. ދެން އޭނާއާ ސުވާލު ކުރެއްވޭނެއެވެ. "ތިބާ ދުވަހަކުވެސް ހިތާމަވެރިކަމެއް ދުށިންތޯއެވެ؟ (އިޙްސާސްކުރިންތޯއެވެ؟) އެ މީހާ ޖަވާބުގައި ބުނާނެއެވެ. "ނޫނެކެވެ. ދުވަހަކުވެސް ނުދެކެވެ."

ﷲ މި ދެއްވާ އުފަލާއި ހިތްހަމަޖެހުން ވަނީ ހަމައެކަނި އާޚިރަތުގައި ކަމަށް ހީނުކުރާށެވެ. އެ އުފަލާއި ހިތްހަމަޖެހުން ވަނީ މި ދިރިއުޅުމާވެސް ވަރަށް ބޮޑަށް ގުޅިފައެވެ. ވިސްނުންތެރިކަމާއެކު ﷲ ގެ މިބަސްފުޅާމެދު ފިކުރުކޮށްލަބަލާށެވެ.


مَنْ عَمِلَ صَالِحاً مِنْ ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ (النّخل 97)

މާނައީ: "މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙް ޢަމަލު ކޮށްފިމީހާ (ދަންނާށެވެ!) ފަހެ!، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލު ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ." (سورة النحل – آية 97)

އޭ އުޚުތާއެވެ! ތިބާވެސް އަދި އެހެން މީހުންވެސް ނަރަކައަށް ވަންނަން ޖެހިދާނެކަން ތިބާ ވިސްނަން ޖެހޭނެއެވެ. ﷲ ގަންދީ ބުނަމެވެ. އަހަރަމެން ފާޠިމާ ރަޟިޔަﷲ ޢަންހާއަށް ވުރެ ވަކި ރަނގަޅު ވެގެން ނުވެއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދަރިކަނބަލުންނެވެ. އެކަލޭގެފާނު އެކަމަނާ އާ މުޚާތަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ. "އޭ ފާޠިމާއެވެ. ތިމަންކަލޭފާނުގެ މުދަލުން ތިބާ ބޭނުންވާ އެއްޗަކަށް އެދޭށެވެ. އެކަމަކު ތިމަންކަލޭގެފާނަށް، ކަމަނާއަށް އެއްވެސް އެއްޗަކުން ﷲ ހަޟްރަތުގައި ފައިދާއެއް ނުދެވޭނެވެ. މާނައަކީ، ކަމަނާއަކީ ތިމަންކަލޭގެފާނުގެ ދަރިކަނބަލުން ކަމުގައި ވިޔަސް، ކަމަނާވެސް ސުވަރުގެ ހޯދަން މަސައްކަތް ނުކުރާ ކަމުގައި ވަނީނަމަ، ﷲ ހަޟްރަތުގައި ކަމަނާ، ތިމަންކަމަނާގެ ބައްޕައަކީ މިވެނި އެވެނި މީހެކޭ ބުނެގެން ފައިދާ އެއް ނުކުރާނެއެވެ."

އިސްލާމްދީނުގެ ތާރީޚު ވަނީ ﷲ އަށް ތަޤުވާވެރިވި އެތައް މުއުމިން އަންހެނުންގެ ވާހަކަ ތަކުން ފުރިފައެވެ. ތިބާގެ ވަށައިގެންވާ އެހެން ކުދީން. ކާފިރު ލަވަކިޔުންތެރިންނާއި، ކުޅުންތެރިންނާއި، ފިލްމު ކުޅުންތެރިންގެ ޕޯސްޓަރުތައް ހިތްޕާއިރު، ތިބާ ޖެހޭނީ ތިބާގެ ހިތުގައި ފާޠިމާ ރަޟިޔަﷲ ޢަންހާއާ އަދިވެސް އެފަދަ އެހެނިހެން ބޭކަނބަލުންގެ ޕޯސްޓަރުތައް ހިއްޕާށެވެ.

މީގެތެރެއިން އެކަކީ ޖައްބާރު ފިރުޢައުން ގެ އަނބިކަނބަލުން އާސިޔާއެވެ. އެކަމަނާ ﷲ އަށް އީމާންވީ އެމީހަކު ތިމަންނާއީ ތިޔަބައިމީހުންގެ ކަލާނގެއޭ، އެންމެ މަތިވެރި ކަލާނގެއޭ ބުނި މީހެއްގެ ހިޔާވަހިކަމުގައި ވީހިނދުގައެވެ. ފިރިޢައުނަށް އޭނާގެ އަނބިމީހާގެ އީމާންކަމުގެ ޚަބަރު ލިބުމުން އެކަމަނާއަށް ވަރަށް އަނިޔާ ކުރިއެވެ. އަދި އޭނާގެ ސިފައިންނަށް ވެސް އެކަމާނާގެ ހަށިކޮޅުގައި ތަޅަން އަމުރު ކުރިއެވެ. އަދި އެބައިމީހުން އެކަމަނާ ރަތްދައްކާ ބާރު އަތްވަށް ނެރުނެވެ. އަދި ދެއަތާއި ދެފައި ބަނދެ ހުއްޓުމެއް ނެތި އަނިޔާ ކުރިއެވެ. އެކަމާނާ އެވަޤުތު އެހީތެރިކަމަށް އެދުނީ ކޮންފަރާތަކުންކަން ތިބާއަށް އެނގޭހެއްޔެވެ؟ އެކަމަނާ އެދުނީ ﷲ ގެ ހަޟުރަތުންނެވެ. އެކަމަނާ ދުޢާ ކުރެއްވިއެވެ. "އޭ ތިމަންކަމަނާގެ ރައްބެވެ! ތިމަންކަމަނާއަށްޓަކައި ސުވަރުގޭގައި ތިމަންނާއަށް ގަނޑުވަރެއް ބިނާ ކޮށްދެއްވާނދޭވެ! ފިރުޢައުނާއި އޭނާގެ ޢަމަލުތަކުން ރައްކާތެރިކޮށްދެއްވާނދޭވެ! އަދި އަނިޔާވެރިންގެ ކިބައިން ސަލާމަތް ކޮށް ދެއްވާނދޭވެ!"

އަދި ރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ މިފަދައިން ދުޢާ ކުރެއްވުމުން، އެކަމަނާއަށް އުޑު ހުޅުވުނެވެ. އަދި އެކަމަނާއަށް އެކަމަނާއަށްޓަކައިވާ ސުވަރުގޭގެ ގަނޑުވަރު ދައްކާލެވުނެވެ. އެހިނދު އެކަމަނާ ހިނިތުންވިއެވެ. ބާރަށް ތަޅަމުން ދިޔައިރުވެސް އެކަމަނާ ހިނިތުންވުމާއެކު ތަޅަމުންދިޔަ ސިފައިން ވަރަށް ޢަޖައިބުވިއެވެ. އެހެނީ އެކަމަނާއަށް އަނިޔާކުރަމުން ދާއިރު އެކަމަނާ ހިނިތުންވެފައި ވުމުންނެވެ. ފިރުޢައުނު އެންގިއެވެ. ބޮޑު ހިލައެއް ގެނެސް އާސިޔާގެ މައްޗަށް ވައްޓާލައި ޗިސްކޮށްލާށެވެ. އެހެންނަމަވެސް އެހިލަ ގެނައުމުގެ ކުރިން ﷲ އެކަމަނާގެ ފުރާނަ އުފުއްލަވައިފިއެވެ. އަދި އެކަމަނާ ވެގެން ދިޔައީ މުއުމިން ފިރިހެނުންނާއި އަންހެނުންނަށް ވާ ލާމަސީލް ނަމޫނާއަކަށެވެ. ތާރީޚުގައި އެކަންޏެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މިދުނިޔެ ނިމުމާ ހަމައަށެވެ.

وَضَرَبَ اللَّهُ مَثَلاً لِلَّذِينَ آمَنُوا اِمْرَأَةَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِنْدَكَ بَيْتاً فِي الْجَنَّةِ وَنَجِّنِي مِنْ فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنْ الْقَوْمِ الظَّالِمِينَ

މާނައީ: "އަދި ފިރުޢައުން ގެ އަނބިކަނބަލުންގެ ވާހަކައިން، އީމާންވި މީހުންނަށް ﷲ، މިޘާލެއް ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވިހިނދުގައެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާއަށް އިބަރަސްކަލާނގެ ހަޟްރަތުގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި ފިރުޢައުނާއި، އޭނާގެ (ނުބައި) ޢަމަލުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި ޤައުމުގެ މީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާންދޭވެ!" (سورة التحريم – آية 11)

އަހަރަމެން ޖިހާދު ކުރުމާ އަދި ޝަހީދުންގެ ވާހަކަ ދައްކާއިރު، އެންމެ ފުރަތަމަ ﷲ ގެ މަގުގައި ޝަހީދުވީ ކޮން މުސްލިމެއް ކަން ތިބާއަށް އެނގޭހެއްޔެވެ؟ އެއީ ޢައްމާރު ގެ މަންމަ ސުމައްޔާ އެވެ. އެކަމަނާ އާއި އެކަމަނާގެ ފިރިކަލުން ޔާސިރު އަދި އެކަމަނާގެ ދަރިކަލުން ޢައްމާރު އިސްލާމްވީ ޚަބަރު އަބޫޖަހުލަށް ލިބުމުން އެމީހުން ގައިގާ ތަޅައި ވަރަށް އަނިޔާ ކުރިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެބޭކަލުންނަށް މިއިމްތިޙާން ކުރިމަތިވެފައިވާ ހިނދު އެބޭކަލުންގެ ގާތަށް ވަޑައިގެންނެވިއްޖެނަމަ ވިދާޅުވެއެވެ. "ކެތްތެރިވާށެވެ. ޖަންނަތެވެ. (ސުވަރުގެއެވެ.)"

އަދި އެއްދުވަހަކު އަބޫޖަހުލު، ސުމައްޔާއަށް އަނިޔާކުރުމުންވެސް އެކަމަނާ އިސްލާމްދީން ދޫކޮށްލަން ދެކޮޅު ހެއްދެވިއެވެ. އެކަންތައްވީ އަބޫ ޖަހްލު ވަރަށް ރުޅިއައި ކަމަކަށެވެ. އެކަމަނާ ހޫނުގަދަ ފަސްތަކުގެ މަތީގައި އުއްޑުން ބާއްވައި އަބޫ ޖަހްލު ލޮންސިއެއް ނަގައި އެކަމަނާގެ ހަށިގަނޑުގެ މެދަށް ހަރާލައި ޝަހީދު ކޮށްލިއެވެ. އެކަމަނާ ވެގެންދިޔައީ އެކަމަނާގެ ޢާއިލާގެ އެންމެ ފުރަތަމަ އަދި މުޅި މިއުއްމަތުގެ ވެސް އެންމެ ފުރަތަމަ ޝަހީދެއްގެ ގޮތުގައި ﷲ އާއި ބައްދަލު ކުރެއްވި އިންސާނާކަމުގައެވެ.

އޭ ލޮބުވެތި އުޚުތުންނޭވެ! އަހަރަމެންނަށް ޤުރުއާނުގައި ނަމޫނާތަކެއްވެއެވެ. ކުޑަ ކުއްޖަކާއި ރަސްކަލެއްގެ ވާހަކަ ތިބާ އަޑު އަހާފައިވެދާނެއެވެ. އެވާހަކާއިގައި އެންމެ ކުއްޖެއްގެ މަރުގެ ސަބަބުން މުޅި ރަށުގެ އެންމެން އިސްލާމްދީން ޤަބޫލު ކުރިއެވެ. އެހެންކަމުން ރަސްގެފާނު އަމުރު ކުރީ ބޮޑު އަލިފާންގަނޑެއް ރޯކުރުމަށެވެ އަދި އެންގިއެވެ. އިސްލާމް ދީން ދޫކޮށްނުލައިފި މީހަކު ދިރިހުއްޓާ އަލިފާންގަނޑުގެ ތެރޭގައި އަންދާލާނަމެވެ. މުއުމިން އަންހެނެއް އެއަންހެންމީހާގެ ކުޑަ ކުޑަ ދަރިފުޅާއެކު އެ އަލިފާންގަނޑުގެ ކައިރީގައި ހުއްޓުނެވެ. އެ އަންހެންމީހާ ކުޑަ ކުޑަ ދަރިފުޅަށް ބަލައިލިއެވެ. އެކުއްޖާގެ ބަލިކަށިކަމާއި މައުސޫމްކަން ހިތަށްވަދެގެން ދިޔައެވެ. އަދި އެވަޤުތު އެ އަންހެންމީހާ އެނބުރި ދިޔުމަށް ނިންމިއެވެ. އެ ހިނދު އެކުއްޖާގެ މަންމަ އަށް އެކުއްޖާ ބުންޏެވެ. "މަންމާއެވެ! ތިޔަ މަޑުކުރައްވަނީ ކީއްކުރަންތޯއެވެ؟ ކުރިއަށް ދާށެވެ! މަންމަ ތިޔަވަނީ ހައްޤުގައެވެ." އެ އަންހެންމީހާގެ އަތުގައި އެކުއްޖާ ވަނިކޮށް އެއަންހެންމީހާ އަންދާލުމަށްޓަކައި އަލިފާންގަނޑުގެ ތެރެއަށް އެއްލާލެވުނެވެ"

وَمَا نَقَمُوا مِنْهُمْ إِلاَّ أَنْ يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ (8) الَّذِي لَهُ مُلْكُ السَّمَوَاتِ وَالأَرْضِ وَاللَّهُ عَلَى كُلِّ شَيْءٍ شَهِيدٌ (9)

މާނައީ: "އަދި ޢަޒީޒުވަންތަ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ ﷲ އަށް އެއުރެން އީމާންވާކަމަށްޓަކައި މެނުވީ، އެ ކާފަރުން އެއުރެންނާ މެދު ނުރުހުންތެރިއެއް ނުވެތެވެ. އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެވޮޑިގެންވާ ރަސްކަލާނގެއެވެ. ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ." (سورة البروج – آية 8 – 9)

އޭ ލޮބުވެތި އުޚުތުންނޭވެ! ތިބާއަށްޓަކައި ވާ ނަމޫނާތައް މިއަދު ވެސް އެބަހުއްޓެވެ. އަހަރަމެންނަށް މަންމައެއްގެ ލޯބިވާ ދަރިފުޅު ކިޔައިދިނެވެ. މުސްލިމް ޤައުމެއްގައި އުޅުނު ދުވަސްވެފައިވާ އަންހެނެކެވެ. އަންހެނުން އެއްވެ ބާއްވާ ޖަލްސާތަކުގައި މުނިފޫހިފިލުވުމޭ ކިޔައިގެން ކުރެވޭ ބޭކާރު ކަންތައްތަކަކީ އޭނާ އެކަމުގައި ބައިވެރިވާން ނުޖެހޭ ކަންތައްތަކެއް ކަމުގައި ދެކި އެކަމުން ދުރުވުމަށް އޭނާ ނިންމިއެވެ. އޭނާ ނަމާދު ކުރުމުގައި ވަޤުތު ހޭދަކުރިއެވެ. ދުވަސްވެފައިވާ ޙާލުގައިވެސް ދަމުނަމާދުވެސް ކުރިއެވެ. އެއްރެއަކު އޭނާގެ ދަރިފުޅަށް ނަމާދުކުރާ ކޮޓަރިން ގޮވާލިއެވެ. އޭނާގެ ދަރިފުޅު ކިޔައިދިނެވެ. "އަހަރެން އަވަސްއަވަހަށް ކޮޓަރިއަށް ވަނީމެވެ. މަންމަ އޮތީ ސަޖިދާގައެވެ. މަންމަ ބުންޏެވެ. މަންމަ މިއޮތީ ވާގިގޮސްފައެވެ." މަންމަ ގޮވައިގެން ދަރިފުޅު ޑޮކްޓަރަށް ދިޔައެވެ. އަދި ރަގަޅު ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު އެކަމުގެ އުއްމީދު ވަރަށް ކުޑައެވެ. އެހެންވެ އޭނާ ބޭނުންވީ ގެއަށް ދާށެވެ. ގެއަށް ދާންބޭނުންވާ ވާހަކަ ދަރިފުޅުކައިރީ ބުންޏެވެ. އޭނާގެ ނަމާދު ކޮޓަރިއަށެވެ. އޭނާ ސަޖިދައިގައި އޮތް ޙާލަށެވެ.

أَسْتَوْدِعُكُمُ اللهَ الَّذِيْ لاَ تَضِيْعُ وَدَائِعُهُ

"އަހުރެން، ތިޔަބައިމީހުން މާތްﷲއާ ހަވާލުކުރަމެވެ. އެފަރާތަކީ އެފަރާތާ ހަވާލުކުރެވޭ އެއްޗެއް ގެއްލިގެންނުދާ ފަރާތެވެ."

އޭނާ ނިޔާވީ ސަޖިދާގައި އޮއްވައެވެ. އޭނާގެ ގައިގެ މަސްތައް، އޭނާ ސަޖިދާގައި އޮއްވާ ގަނޑުވިއެވެ. އެހެންކަމުން އެމީހުން އޭނާ ހިނެވީ ވެސް ސަޖިދާގައިވާ ޙާލުގައެވެ. އަދި އެމީހުން އޭނާއަށް ކަށުނަމާދު ކުރީވެސް ސަޖިދާގައި ވާ ޙާލުގައެވެ. އޭނާ ސަހަރާއަށް ގެންދިޔައީވެސް ސަޖިދާގައި ވާ ޙާލުގައި ވަނިކޮށެވެ. އަދި ހަމައެފަދައިން ވަޅުލެވުނީވެސް ސަޖިދާގައިވާ ޙާލުގައިވަނިކޮށެވެ. ރަސޫލާ (صلي الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. އަހަރަމެން އަލުންދިރުއްވެވޭނީ އަހަރަމެން މަރުވާ އިރުވާ ޙާލުގައެވެ. ޤިޔާމަތްދުވަހުން އޭނާ ދިރުއްވެވޭނީ ﷲ - جل جلاله و تقدس أسماءه - އަށް ސަޖިދަކޮށްގެންވާ ޙާލުގައެވެ.

އަދިވެސް އެތައް ހިތްވަރުގަދަ މުއުމިން މަންމައިންނާއި، އަނބިންނާއި އަދި އުޚުތުންގެ ވާހަކަތައް ވެއެވެ. އަދި ހަމައެކަނި ﷲ ދެނެވޮޑިގެންވާ ވާހަކަތައްވެސް ވެއެވެ. ޙަލަޤާ އެއް އޮވެއްޖެނަމަ އެތަނަށް ޙާޟިރުވާ މުސްލިމް އަންހެނުން މުސްލިމް ފިރިހެނުންނަށް ވުރެ ގިނައެވެ. އަޅެ އިސްލާމް ޓީޗަރުންގެ ނުވަތަ މަދަރުސާތަކުގެ ބައްދަލުވުމަކަށް ވިޔަސް، ނޫނީ ދަރުސްއަކަށް ދިޔަޔަސް ފިރިހެނުންނާއި އަންހެނުން އެއްވަރު ނުވާނެކަން އެނގޭނެއެވެ. ބައެއްފަހަރު ގިނަ މުސްލިމް އުޚުތުންގެ ކިބައިގައި ހުންނަ ކެރުމާއި ހިތްވަރު އަޚުންގެ ކިބައި ނުހުރުމުން ވަރަށް ދެރަވެއެވެ. އެކަމަކު މީގައި ރިވެތި ނަމުނާއެއްވާނަމަ، إن شاء ﷲ އެ އުޚުތުން، އަންނަ ޖީލުތަކުން ބޮޑު ލަޝްކަރެއްގެ މުއުމިން ފިރިހެނުންނާއި އަންހެނުން ތަރުބިއްޔަތު ކުރާނެއެވެ.

އިމާމް އަޙުމަދު ވަރަށް ކުޑަ އިރު އެކަލޭގެފާނުގެ ބައްޕަ ނިޔާ ވެއްޖެއެވެ. އެކަލޭގެފާނުގެ ދަރިވަރުންގެ ގާތުގައި، މަންމާފުޅު އެކަލޭގެފާނު ތަރުބިއްޔަތު ކުރެއްވުމަށްޓަކައި ކުރެއްވި މަސައްކަތް ކިޔައިދިނެވެ. އަދި އެކަލޭގެފާނު އެކަމަނާއަށް ދުޢާ ކުރެއްވިއެވެ. ބަޣްދާދުގައި، ފިނި ރޭތަކުގައި، އެކަލޭގެފާނު ނިދިން ތެދުވުމުގެ މާކުރިން އެކަލޭގެފާނުގެ މަންމަ ނިދިން ތެދުވާނެއެވެ. އެއީ އެކަލޭގެފާނު ފަތިސްނަމާދަށް ވުޟޫ ކުރެއްވުމަށް ފެން ހޫނުކުރުމަށެވެ. ދެން އެކަމަނާ އެކަލޭގެފާނު ގައިގައި ރަޖާ އަޅުއްވައިގެން، އެކަމަނާ ހަމައެކަނި ޖިލްބާބު ތުރުކުރައްވައިގެން ރޭގަނޑުގެ އަނދިރީގައި އެކަލޭގެފާނު ގޮވައިގެން ފިނިކަމުގެ ތޭގައި ބަޣުދާދުގެ މަގުތަކުން ދުރުވާނެއެވެ. އެއީ ފަތިސް ވުމުގެ ވަރަށް ކުރިންނެވެ. ސަބަބަކީ ކުލާހުގެ ރަގަޅު ޖާގައެއް އެކަލޭގެފާނަށް ހޯދައިދިނުމެވެ. އެކަމަނާގެ ދަރިފުޅު، އިމާމް އަޙްމަދު އުމުރުން ގްރޭޑް 2 ނުވަތަ 3 ގައި އުޅޭވަރުގެ ކުއްޖެއްކަމުގައި ވިޔަސް އެކަލޭގެފާނު މުޅި ދުވަސް އެއްކޮށް ޤުރުއާނާއި ސުންނަތް އުނގެނުމުގައި ހޭދަކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ މަންމަ އެކަލޭގެފާނު ނިމެންދެކަށް މަޑު ކުރެއްވިއެވެ. އެއީ އެކަލޭގެފާނު ގެއަށް ރައްކާތެރިކަމާއެކު ގެންދިއުމަށެވެ. އުމުރުން 16 އަހަރު ވުމުން، އެކަމަނާ އެކަލޭގެފާނަށް، ކާނެ އެއްޗިއްސާއި އަދި ލާރި ހޯދާދީފައި އެކަލޭގެފާނަށް ވިދާޅުވިއެވެ. "ދަރިފުޅު ޢިލްމު ހޯދުމަށް ދަތުރުކުރައްވާށެވެ." އެކަލޭގެފާނު މައްކާއާއި މަދީނާއަށް އަދިވެސް އެތައް ތަނަކަށް ދަތުރު ކުރެއްވިއެވެ. އަދި އެތައް ޢިލްމުވެރިންނާ ބައްދަލު ކުރެއްވިއެވެ. އެކަމަނާ އަޙްމަދު ތަރުބިއްޔަތު ކުރެއްވިގޮތް ވިސްނަވާލައްވާށެވެ! އެކަލޭގެފާނު ވެގެންދިޔައީ އިސްލާމީ އުންމަތުގެ އެންމެ ބޮޑު ހަތަރު އިމާމުން ކުރެ އެއްބޭކަލަކަށެވެ.

އޭ ލޮބުވެތި އުޚުތާއެވެ! މިހުރިހާ ވާހަކައަށް ފަހު، އަޅެ ތިބާ މުސްލިމް ނޫން މީހެއްގާތުގައި އަހާބަލާށެވެ. އޭނާ ތިބާ ގެ ގާތުން އެދެނީ ކޮންކަމެއްތޯއެވެ؟ އަޅެ އޭނާ ބޭނުންވަނީ ތިބާ މިނިވަނަކަށް ހަދަންހެއްޔެވެ؟ އެއީ ކޮންކަމަކުން މިނިވަން ކުރަންހެއްޔެވެ؟ ﷲ އާއި އެއިލާހުގެ ރަސޫލާ (صلي الله عليه وسلم) ގެ ކިބައިން ހެއްޔެވެ؟ ނޫނީ ޤުރުއާނާއި ސުންނަތުންހެއްޔެވެ؟ ނޫނީ ޖަންނަތުން ހެއްޔެވެ؟ ނޫނީ ﷲ ތިބާ އަށް އެކަށައަޅުއްވާފައިވާ މި ދީނުންހެއްޔެވެ؟

އަދި އޭގެ ބަދަލުގައި އޭނާ ތިބާ އަށް ދޭނީ ދެންފަހެ އަޅެ ކޮން އެއްޗެއް ހެއްޔެވެ؟ އުފާވެރިކަން ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. ތިބާއަށް ދޭނޭ އެއްވެސް އުފާވެރިކަމެއް އޭނާ އަށް މިލްކުވެގެން ނުވެއެވެ. ނޫނީ އޭނާ ތިބާއަށް ދޭނީ ލޯބިހެއްޔެވެ؟ އަދި ކަށްވަޅުގެ އަޛާބުންނާއި ނަރަކައިގެ ދޮރުވާނުންނާއި މަރުން އަޅެ އޭނާ ތިބާ ރައްކާތެރި ކޮށްދޭނެހެއްޔެވެ؟ ތިބާ ކަހަލަ ރީތި އަންހެން ކުދިންނަށް އެބުނާ މިނިވަންކަން ދޭން އެމީހުން އެ އުޅެނީ އަޅެ ކީއްވެހެއްޔެވެ؟ ޢުމުރުން ދުވަސްވެފައި ތިބޭ މީހުނަށް މިނިވަންކަން ހޯދައި ނުދެނީ ކީއްވެހެއްޔެވެ؟ މިނިވަން ނުވެގެން އުޅޭ ޤައުމުތަކުގެ އަހުލުވެރިންނަށް ތިޔަބުނާ މިނިވަންކަން ހޯދައި ނުދެނީ ކީއްވެހެއްޔެވެ؟ ޖަލުގައި ތިބޭމީހުނަށް ތިޔަބުނާ މިނިވަންކަން ހޯދައި ނުދެނީ ކީއްވެހެއްޔެވެ؟ އެމީހުން އެހޯދައިދޭ މިނިވަންކަން، ޒުވާން ހިކި އަދި ދިގު އަންހެންކުދީންނަށް އަމާޒުކުރެވިފައި އެވަނީ ކީއްވެބާއެވެ؟ އެމީހުންގެ އެންމެ ފުރަތަމަ ގޮވާލުމަށް ޙިޖާބު ނެގުމަށް އެބުނަނީ ކީއްވެބާއެވެ؟

ތިބާ ހަނދާންކުރާށެވެ. އެފަދައިން ބުނާ ރައްޓެހިމީހާއާމެދު ފުންކޮށް ވިސްނައިފިނަމަ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، ބަދަލުތައް ދެވޭ ދުވަހުގައި އޭނާ ވާނީ ތިބާގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ ކަމުގައިކަން ތިބާއަށް އިނގޭނެއެވެ.

الأَخِلاَّءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلاَّ الْمُتَّقِينَ (سورة الزخرف – 67)

މާނައީ: "އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ ދުޝްމަނުން ކަމުގައެވެ. ތަޤުވާވެރިން މެނުވީއެވެ." (سورة الزخرف – 67)

ކާފިރު އަންހެނެއް އެނާ އަންހެނުންނާ މެދު ދެކޭ ގޮތް އޭނާ ބަޔާންކުރިއެވެ. "އެމީހުންގެ ގާތުގައި ތިބާ އަކީ ތިބާގެ ނަފްސެއް ނޫނެވެ. ތިބާ އަކި ތިބާ ތިޔަ ލާ ހެދުންތަކެވެ. އަދި ތިބާ ގެ ބޭރު ސޫރައެވެ!"

އަދި ފައިބާން ނަމަކަށް ފްރާންސް ގެ މޮޑެލް އެއް، ފެޝަން އިންޑަސްޓްރީ އަށް ހަޖޫ ޖެހުމުގެ ގޮތުން ބުނެފައިވާ މި ބަހަށް ބަލާލަބަލާށެވެ. އޭނާ ބުނެފައިވެއެވެ. "ފެޝަން ކުރާ ތަންތަން، ތިމަންނައަކީ ކުޅޭ ބުދަކަށް ހަދައިފިއެވެ. އެމީހުންގެ ލަނޑުދަނޑިއަކީ ހިތްތަކަށް ވަސްވާސް ވައްދައި، މީހުންގެ ވިސްނުން ބަދަލުކޮށް ލާ ފިކުރުތައް އަނބުރާލުމެވެ. އަހަރެންނަށް ދަސްވީ އަގެއްނެތް މީހެއް ފަދައިން ވާށެވެ. އެތެރޭގައި އެއްވެސް އެއްޗެއް ނެތްފަދައިން އުޅޭށެވެ. އަހަރެމެން ދިރިއުޅެމުން އައީ ހަޑިމުޑުދާރު ކަމުގެ ދުނިޔެއެއްގައެވެ."

ރަސޫލާ (صلي الله عليه وسلم) ޢަރާފާތު ބިމުގައި ހުންނަވައި ދެއްވި ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި، އުއްމަތާ މުޚާޠަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ. "އަންހެނުންނާއި މެދު އޯގާތެރިކޮށް ކަންތައް ކުރާށެވެ!" ހަމަ އެއަހަރު، އިސްލާމްދީން މިފަދައިން ބުނަމުންދިޔަ އިރު ޔޫރަޕުގައި ނަޞާރާއިންގެ ފާދިރީން ބަޙުޘް ކުރަމުން ދިޔައީ އަންހެނުންނަކީ އިންސާނުންތޯ ނުވަތަ އެމީހުންނަކީ ޖަނަވާރުންތޯ އެވެ!!!" އެ ފާދިރީންނަކީ މިއަދު ތިބާމެން މިނިވަން ކުރަން އުޅޭ ކާފަރުންގެ ކާބަފައިންނެވެ.

މިގޮތަށް ބަޔާން ކުރެވޭ ވަރަށް ވުރެ މާގިނަ ވާހަކަތައް އެބަހުއްޓެވެ. މި ވާހަކަކޮޅު ނިންމާލާނީ ރަސޫލާ (صلي الله عليه وسلم) ކޮންމެ މުސްލިމް މަންމަ އަކަށް، އަދި ކޮންމެ މުސްލިމް އަންހެން ދަރިފުޅަކަށް، އަދި ކޮންމެ މުސްލިމް އަންބަކަށް ދެއްވި އަގުމާތްވި އިރުޝާދަކުންނެވެ.

"އަންހެނަކު ފަރުޟު ފަސް ނަމާދުކޮށް، (ރަމަޟާން) މަހު ރޯދަ ހިފައި، (ޒިނޭ އިން) އޭނާގެ ނަފްސް ރައްކައުތެރި ކޮށް {އެބަހީ: އިއްފަތްތެރިވެ}، އޭނާގެ ފިރިމީހާ އަށް ކިޔަމަންވާނަމަ އޭނާ އަށް ދެންނެވޭނެއެވެ. ތިބާ އެދޭ ދޮރަކުން ސުވަރުގެއަށް ވަންނާށެވެ."

يَا أَيُّهَا الَّذِينَ آَمَنُوا اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ وَاعْلَمُوا أَنَّ اللَّهَ يَحُولُ بَيْنَ الْمَرْءِ وَقَلْبِهِ وَأَنَّهُ إِلَيْهِ تُحْشَرُونَ

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ދިރުންދޭ ކަމަކަށް ރަސޫލާ (صلي الله عليه وسلم) ތިޔަބައިމީހުންނަށް ގޮވައިލައްވާހިނދު، ﷲ އަށާއި، ރަސޫލާ އަށް ތިޔަބައިމީހުން އިޖާބަ ދޭހުށިކަމެވެ! އަދި ތިޔަބައިމީހުން ދަންނާށެވެ. ހަމަކަށަވަރުން، ﷲ، އިންސާނާއާއި، އޭނާގެ ހިތުގެ އެދުންތަކާ ދެމެދު ހުރަސްއަޅުއްވަތެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން (ޤިޔާމަތް ދުވަހުން) އެއްކުރައްވާހުށީ، އެކަލާނގެ ހަޟުރަތަށެވެ." (سورة الأنفال – آية 24)

ﷲ އާއި އެއިލާހުގެ ރަސޫލާ (صلي الله عليه وسلم) ތިބާ އަށް އެގޮވަނީ ދިރުމަކަށެވެ. އޭ ލޮބުވެތި އުޚުތާއެވެ. އިޖާބަދެއްވާށެވެ.

ނޯޓް: މިއީ http://khutbah.com/en/soc_issue/women.php އިން ނަގާފައިވާ ޚުޠުބާ އެއްގެ ނުރަސްމީ ތަރުޖަމާއެކެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

3 comments:

  1. Subhan Allah! Kon fadha reethi misaaluthakeh..Jazak Allah Khairan yaa Akhee

    ReplyDelete
  2. varah varh muhimmu vaahaka thakeh..

    ReplyDelete