2.18.2010

ކުޅުމުގެ ތެރެއިން ތުއްތު ކުދިންނަށް އުނގަންނައިދިނުން

ޑރ.ޢަބްދުލް މުޙްސިން މުޙައްމަދު
އިންސާނާ ކުރާ ކޮންމެ ކަމަކުން ވެސް އުނގެނެއެވެ. ގަސްތުގަޔާއި ބޭއިޚްތިޔާރުގައެވެ. ނަމަވެސް އެންމެ ފޫހި އުނގެނުމަކީ އެ އުނގެނުމަކުން ކުރާނޭ ފައިދާއެއް ނޭނގި، އުނގެނެން ޖެހޭ އުނގެނުމެވެ. އެންމެ ޅަފަތުގައި އަކުރު ދަސްކޮށްދޭން ކުރެވޭ މަސައްކަތަކީ ގިނަ ކުދިންނަށް ވަރަށް ފޫހި ކަމަކަށް ވެދެއެވެ. އެއީ ކުރެވޭ ފައިދާ އެކުދިންނަށް ނުވިސްނޭތީއެވެ. ޝައުގުވެރިވާ ކަމެއް ކުރަން ދާން ބޭނުންވާތީއެވެ. ކުޅެން ދާން ބޭނުންވާތީއެވެ.
ކިޔަވައިދިނުމުގައި ފޮޅުވަތް އަޅުވާ، އަނގައިން އަނގައަށް އަޅައިދޭންވެސް ޖެހެއެވެ. ވިސްނައިގެން ފިކުރުކޮށް ދަސްކުރާންވެސް ޖެހެއެވެ. ލެކްޗަރުދީ ތަމުރީނު ހައްދާންވެސް ޖެހެއެވެ. ވަކި ތަނެއްގައި މަޑުމަޑުން އިނދެ ކިޔަވާން ދަސްކޮށްދޭންވެސް ޖެހެއެވެ. ނަމަވެސް ޅަފަތުގައި މުހިއްމީ މިހުރިހާކަމެއްވެސް މަޖުބޫރެއް ނެތި އަމިއްލަ އިޚްތިޔާރުން ކުރާފަދަ ޝައުގުވެރިކަމެއް ކިޔެވުމަށްޓަކާ، އުނގެނުމަށްޓަކާ އުފެއްދުމެވެ. އެ ޝައުގުވެރިކަން އުފެއްދިއްޖެނަމަ މީހެއްގެ ބާރަކާ ނުލައި އަމިއްލައަށް އުނގެނޭނެއެވެ. އަދި މުޅި އުމުރަށްވެސް މިޝައުގުވެރިކަން ދެމިގެން ދާނެއެވެ.
އެންމެ ބޮޑެތި މީހުންނަށް ވެސް ކުޅުމުގެ ތެރެއިން ކިޔަވައިދޭން ފަސޭހައެވެ. ވީއިރު އެ ކުރެވޭ ކަމުގެ ފައިދާ ނުވިސްނޭ ތުއްތުކުދިންނަށް ކުޅުން މެދުވެރިކޮށް ކިޔަވައިދިނުން މާ ފަސޭހަވެއެވެ. ކިޔަވައިދޭން އުޅޭ މައިންބަފައިންނަށް ލިބޭ އުފަލާ ހިތްހަމަޖެހުންވެސް މިގޮތުގައި އިތުރުވެއެވެ. ރުޅިއައިސް އަޑުލާންޖެހުން މަދުވެއެވެ. ކުއްޖާއާ އޮންނަ ގާތްގުޅުން ބަދަހިވެއެވެ.
ތުއްތު ދަރިފުޅު ކުޅޭ ކޮންމެ ކުޅިވަރަކުން ވެސް އެއްޗެއް ނުވަތަ ކަމެއް އުނގެނޭނެއެވެ. ވީއިރު އަޅުގަނޑުމެން ބޭނުންވާ ތަކެތި ކުޅުމުގެ ތެރެއިން ކިޔަވައި ދެވިދާނެއެވެ. ކުއްޖާ ކުޅޭއިރު އަޅުގަނޑުމެން ބައިވެރިވެގެންނެވެ. އެކުޅުމުގެ ތެރެއަށް އަޅުގަނޑުމެން ބޭނުން ބައިތަކެއް އިތުރުކޮށްގެންނެވެ. މިބައިތައް އިތުރުކުރާނީ ކުއްޖާގެ އުމުރާއި ދަސްކޮށްދޭން އުޅޭ ހުނަރަކާ ގުޅޭގޮތުންނެވެ.
ބަސްދަސްކޮށްދޭ ބައެއް ކުޅިވަރު
އެންމެ ޅަފަތުން ފެށިގެންވެސް ވާހަކަ ކިޔައިދިނުމަކީ ބަސް ދަސްކޮށްދޭން ވަރަށް ފައިދާހުރި ކުޅިވަރެކެވެ. ފޮޓޯ ފޮތަކުން ބަލައިގެން ވާހަކަ ކިޔައިދިނުމުން ފޮތް ގެންގުޅޭން ދަސްކޮށް ދެވެއެވެ. ކިޔުމުގެ ޝައުގު އަށަގެންނެވެއެވެ. ކިޔައިދޭ ވާހަކައިގައި އުޅޭ ބައެއްމީހުން ގެ ނަން ނުވަތަ ފެންނަ ބައެއް ތަކެތީގެ ނަން ފާހަގަކޮށް ދެއްކުމުން ލިޔެފައި އޮންނަ ލިޔުމާމެދު ޝައުގުވެރިވެ އަކުރު ކިޔާން މަސައްކަތް ކުރެއެވެ. ތަންކޮޅެއް ބޮޑެތި ކުދިންނަށް އާއްމުކޮށް ފެންނަން ހުންނަ ތަކެތީގެ ގެ ފޮޓޮއާ އެކު ނަން ލިޔެފައި ހުންނަ ކާޑުބޭނުން ކުރެވިދާނެއެވެ. މިނަން ކާޑުތައް ގެތޭރޭގައި ހުންނަ ތަކެތި ކައިރީގައި ބަހައްޓާ ކުޅިވަރުވެސް ކުޅެވިދާނެއެވެ. ނުވަތަ އެފަދަ ތަކެތި އެކި ބަޔަށް ބަހާ ހެދިދާނެއެވެ. ބޮޑެތި އަދި ކުދި އެއްޗެއްސަށް ބައި ކުރެވިދާނެއެވެ. އެއް ކުލައިގެ އެއްޗެތި ފާހަގަ ކުރެވިދާނެއެވެ. އެކި ކުލައިގެ އެއްޗެތި ފާހަގަ ކުރެވިދާނެއެވެ. އެކި ކުލަތަކަށް ކިޔާ ނަން ދަސްކޮށްދެވިދާނެއެވެ.
މިގޮތަށް ބޭނުންކުރާ ކާޑު ކުއްޖާއާއެކު ގޭގައި ތައްޔާރު ކުރުމުގެ ފައިދާ ބޮޑެވެ. ތައްޔާރީ ކާޑާއި ބުލޮކުވެސް ލިބޭން ހުރެއެވެ. ނަމަވެސް އަމިއްލައަށް ކަފާ ހިއްޕަވައިގެން ތައްޔާރުކުރުމުން ކުއްޖާ އަތުން މަސައްކަތްކުރުމަށް ހިތްވަރުދެވެއެވެ.
އެކަށީގެން ވާ ލަވަ ކިޔުމާއި އެފަދަ ލަވަ އަޑުއެހުމާއި، އެފަދަ ފިލްމު ބެލުމާއި، ކުއްޖާއާއެކު ކުދި ޑުރާމާ ކުޅުމަކީ ވެސް ބަސް ދަސްކޮށް ދޭން ކުރެވިދާނޭ ކަންކަމެވެ.
ބަސް ދަސްކޮށް ދިނުމުގައި ކުއްޖާއާ ވާހަކަދެއްކުން ވަރަށް މުހިއްމެވެ. ކުއްޖާއަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދީގެންނެވެ. އެކި ކަންކަމާމެދުގައެވެ. ވާހަކަ ފޮތުގައި އުޅޭ މީހަކާ ދޭތެރޭގައެވެ. އަތުގައި އޮތް ކުޅޭއެއްޗަކާ ދޭތެރޭގައެވެ. ފެންވަރުވާއިރުގައެވެ. އުރާލައިގެން އިންނައިރުގައެވެ. ކުއްޖާއަށް ރަގަޅަށް ވާހަކަ ނުދެއްކުނަސް އޭނާ ލައްވާ އަޑުތަކަކީ ވާހަކަދެއްކުން ކަމަށް ބަލަން ޖެހެއެވެ. ބޭނުމަކީ ކުއްޖާ ލައްވާ ވާހަކަ ދެއްކުވުމާއެކު އޭނާއަށް ވާހަކަ ދައްކާނޭ ގޮތުގެ މިސާލު ދެއްކުމެވެ. ތުއްތު ކުދިންނާ ވާހަކަދައްކާއިރު ލަސް ލަހުންބަސް ތަކުރާރުކުރަމުން ވާހަކަދެއްކުމުގެ ފައިދާ ބޮޑެވެ.
ލިޔަން ދަސްކޮށްދޭ ބައެއް ކުޅިވަރު
ގާތްގަނޑަކަށް 20 މަހުގެ ކުއްޖާ އެއްޗިހީގައި ހިފަން ފަށާނެއެވެ. އެއްޗިހީގައި ހިފެން ފެށުމުން ފަންސުރުން ކުރަހާ ކުޅިވަރު ކުޅުވިދާނެއެވެ. ނަމަވެސް ފުރަތަމަ އަކުރުއަޅުވަން އުޅޭކަށް ނުވާނެއެވެ. އެންމެ ފުރަތަމަ އަމާޒަކަށް ވާންވާނީ ފަންސުރަކީ ރޮނގު އެޅޭއެއްޗެއްކަން އޭނާއަށް ދަސްކޮށްދިނުމެވެ. ފަންސުރުގައި ހިފެހެއްޓެން ފެށުމުން ކުރަހާ ހަދަން ފަށާނެއެވެ.
އެ ކުރަހާ ކުރެހުމާ ބެހޭގޮތުން ކުއްޖާއާ ވާހަކަ ދެއްކުން މުހިއްމެވެ. އަދި އެ ކުއްޖާ ބުނާ ބައެއް ބަސް ބަސް ލިޔެދީ ވަކި ގޮތަކަށް ކުރަހާފައިވާ ރޮނގުތަކެއްގައި މާނަ އެކުލެވޭކަން ކުއްޖާއަށް ވިސްނައިދެވިދާނެއެވެ. މިގޮތުން ގޭތެރޭގައި ހިފާގެންގުޅޭ ބައެއް ސާމާނު ކުރަހައިދީ އޭގެ ނަން ލިޔެދީ ހެދިދާނެއެވެ.
ލިޔަން ފަށައިގަނެވޭނީ ލިޔުމަށް އިނގިލިތައް ތައްޔާރުވުމުންނެވެ. ކުރެހުމަކީ މިކަމަށް މަގުފަހިކޮށްދޭ ކަމަކެވެ. މީގެ އިތުރުން ކަތުރުން ކަފާ ކުލަޖައްސާ ހެދުމަކީ ވެސް ލިޔަން އެހީތެރިވެދޭ ކަންކަމެވެ. މިފަދަ ކަންކަން އެކުލެވޭގޮތައް ކުޅިވަރު ކުޅުވުމުން ލިޔަން ފަށައިގަތުމަށް އެހީތެރި ވެދެއެވެ.
އަކުރުއަޅަން ފަށައިގަނެވުމުން ތަފާތު މަންޒަރު ކުރައްސާ އެ މަންޒަރާ ބެހޭ ޢިބާރާތެއް ކުއްޖާލައްވާ ބުނުވުމަށްފަހު އެ ޢިބާރާތުން ފޮޅުވަތެއް އަޅައިދޭ ލިޔުއްވިދާނެއެވެ.
ހިސާބު ދަސްކޮށްދޭ ބައެއް ކުޅިވަރު
ހިސާބުގެ އެންމެ އަސާސީ ހުނަރަކީ ގުނުމެވެ. ވާހަކަ ދައްކަން ފަށައިގެންފައި ވާ ކުއްޖާ ކުޅުމުގެ ތެރޭން ގުނަން ދަސްކޮށް ދެވިދާނެއެވެ. އުނގުގައި އިންނައިރު އަތުގެ އިނގިލިތައް ގުނައިދެވިދާނެއެވެ. އެއްމެ ފުރަތަމަ މަދު އަދަދުކޮޅުކެވެ. ކުއްޖާއަށް ވިސްނައިގަނެވޭ ވަރަށެވެ. އެއް ބޯޅަ ގެނެސް ދޭން ބުނުމާއި، އަދި ބޯޅައެއް އިތުރުކުރުމުން ދެ ބޯޅަ ވާކަމާއި، މިފަދަ ގުނުމަށް މަގުފަހިކޮށްދޭ ކުޅިވަރު ކުޅެވިދާނެއެވެ.
ކުޅިވަރުގެ ތެރެއިން އެއްޗެތީގެ ސައިޒާއި ކުޑަ ބޮޑު ވަކިކުރަން ދަސްކޮށް ދެވިދާނެއެވެ. ކުޑަކުދިން ޝައުޤުވެރިވާ ތަފާތު ކަންތައްތައް ހޯދާ ދެނެގަތުމާއި ތަޖުރިބާ ކުރުމުގެ ބޭނުމުގައި ކުޅެއެވެ. މިފަދަ ކުޅިވަރުގައި އަޅުގަނޑުމެން ބައިވެރިވެ، އަޅުގަނޑުމެން ބޭނުން މިޞްރާބަށް މި ކުޅިވަރު ގެންދިޔުމުން އަޅުގަނޑުމެން ބޭނުން ކަންތައްތަކެއް ކުއްޖާއަށް ދަސްކޮށްދެވިދާނެއެވެ. ޅަފަތުގެ މިމުހިއްމު ފުރުޞަތުގެ ބޭނުން އަޅުގަނޑުމެން ބެލެނިވެރިން ހިފައިގެން އުނގެނުމުގެ ބިންގާ އަޅުގަނޑުމެން ބޭނުންވާ ގޮތަށް އަޅަމާތޯއެވެ؟

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment