2.20.2010

ފިރިމީހާގެ ޙައްޤުގެ ބޮޑުކަން

އިބްނު މާޖާގައްޔާއި އަދި ޞަޙީޙު އިބްނު ޙިއްބާނުގައި އިބްނު އަބީ އައުފާގެ ކިބައިން ރިވާވެގެންވެއެވެ. އެއްދަތުރަކު މުޢާޛު ބުނު ޖަބަލު ޝާމުކަރައިން ވަޑައިގެން ދަރުބާރު ނަބަވީއަށް ވަޑައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި އެކަލޭގެފާނަށް ސަޖިދަ ކުރައްވަން އުޅުއްވިއެވެ. އެހިނދުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ.

އޭ މުޢާޛެވެ! ތިޔައީ ކޮންކަމެއްހެއްޔެވެ؟ އެހިނދު މުޢާޛު އިބްނު ޖަބަލު ދަންނަވައިފިއެވެ. ޝާމުކަރައިގެ މީހުން އެއުރެންގެ ބޮޑެތި ފާދިރީންނަށް ސަޖިދަކޮށް އުޅޭތީ ދުށީމެވެ. ވީއިރު ކަލޭގެފާނަށް ސަޖިދަ ކުޅައުމުގެ އައުލާކަން އަޅުގަނޑުމެންނަށް ބޮޑުވެގެންވެއެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. އޭ މުޢާޛެވެ! އާދަމްގެ ދަރިއަކަށް ތިޔަކަހަލަ ކަންތައް ކުޅައުމީ ޙައްޤުވެގެން ނުވާކަމެކެވެ. އަޑު އައްސަވާށެވެ. އެއްވެސް އާދަމްގެ ދަރިއަކަށް ސަޖިދަކުޅައުމަކީ އެކަށީގެންވާކަމެއް ކަމުގައިވާނަމަ އަނބިމީހާ ފިރިމީހާއަށް ސަޖިދަކުޅައުމަށް ތިމަންކަލޭގެފާނުން އަމުރުކުރެއްވީމުހެވެ. ތިމަންކަލޭގެފާނުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ގަންދީ ހުވައިކުރަމެވެ. ފިރިއާގެ ޙައްޤު އަދާކޮށްފުމަށް ދާންދެން، އެކަނބުލޭގެ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙައްޤު އެކަނބުލޭގެއަށް، އަދާނުވެވޭނެތެވެ.
ދަންނެއެވެ. މިމާތް ޙަދީޘްފުޅުން ދަލީލުކުރަނީ ފިރިމީހާގެ ޙައްޤަކީ ވަރަށްބޮޑު ޙައްޤެއް ކަމުގައެވެ. ސަބަބަކީ، އެކަނބުލޭގެ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙައްޤުއެކަނބުލޭގެއަށް އަދާވެވޭ ކަމުގައިވަނީ ފިރިމީހާގެ ޙައްޤު އަދާކުޅައުމުންނެވެ. ވީއިރު އަންހެނުން ފިރީންގެ ޙައްޤާއި މެދުގައި ވީހައި ރައްކައުތެރިވެ އުޅުން ވާޖިބުވެގެން ވެއެވެ.
=ދަރުމަ މަޖައްލާއިން ނަގާފައި=

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment