3.10.2010

އިޝްޤީބަލީގެ ފަރުވާ

އައްޝައިޚް އިދްރީސް ޙުސައިން
ކޮއްކޯއެވެ! ކޮންމެ އަންހެންދަރިއެއްގެ ބޮލުގެ އިސްތަށިގަނޑުން ފެށިގެން ފައިގެ ބޮޑުވައި އިނގިއްޔާ ހަމައަށް މުޅިހަށިގަނޑު ވާންޖެހޭނީ ލަދުވެތިކަމުގެ ކިއްލާގައި ޢިއްފަތްތެރިކަމުގެ ގަހަނާއިން ނިވާވެފައެވެ. މިހެނީ ބަކަރީގެ މަސްގަނޑަށް މިނިކާވަގު ދަހިވެތިވެ ފާރަލާފަދައިން ފިރިހެނާ ހިލޭ އަންހެނާގެ ހަށިގަނޑަށް ދަހިވެތިވެ ފާރަލައެވެ. އެކަނބަލުންގެ ހަށިގަނޑުގެ ޗާލުކަމާއި ޒުވާންކަމުގެ ދުޅަހެޔޮކަމާއި ރީތިކަމުން އަރާމާއި ލައްޛަތު ލިބިގަތުމަށް އޭނާ ފާރަވެރިވެއެވެ. ކޮންމެ އަންހެންކުއްޖަކުމެ އައުކައިވެނީގެ ފުރަތަމަރޭ ތިމާގެ އިސްފިރިއަކަށް ހަދިޔާކުރުމަށްޓަކައި އޭނާގެ ލަދުވެތިކަމުގެ ކިއްލާގައި ޢިއްފަތްތެރިކަމުގެ ގަހަނާއިން ނިވައިކޮށް ފަރުދާކޮށްގެން ގެންގުޅޭ އަގުމާތްވި ހަދިޔާ، އާދެ، އޭނާގެ ބިކުރުވެރިކަން ލޫޓުވައިގަތުމަށްޓަކައި އެމީހުން އިބްލީހުގެ ވިހަގަދަ ތީރުގެ ބޭނުންކުރެއެވެ.

ގިނަގުނަ ޘަނާއާއި ޙަމްދު، ގަދަ ކީރިތިވަންތަ މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދަންނަވަމެވެ. ޞަލަވާތާއި ސަލާމް، އެއިލާހުގެ ލޮބުވެތި ޙަބީބު ސައްޔިދުނާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަށް އަރިސްކުރަމެވެ. އަދި މިޞަލަވާތުގައި އެރަސޫލާގެ ލޮބުވެތި މާތް ޞަޙާބީންނާއި ޤިޔާމަތާ ހަމައަށް އެރަސޫލާއަށް ތަބާވި އެންމެހާ މުސްލިމުން ޝާމިލުކުރަމެވެ.
އަންހެނުންނަކީ މުޖުތަމަޢުގެ އަސާސެވެ. ޤައުމުގެ ބިންގަލެވެ. އެޤައުމެއް ދެ ދުނިޔޭގެ ބާއްޖަވެރިވުމާއި ނުވުން އޮތީ އެކަނބަލުންގެ އަތްމަތީގައެވެ. މުޖްތަމަޢުގެ އަފްރާދުން ބިނާކުރަނިވި ބައެއްގެގޮތުގައި އުފެއްދުމުގެ ލިޔާޤަތާއި ކުޅަދާނަކަން އޮތީވެސް އެކަނބަލުންގެ ކިބައިގައެވެ. އެއަފްރާދުންގެ އާޚިރަތް ބާއްޖަވެރިވެ އެއުރެންނަށް ނިޢުމަތުގެ ގޮވައްޗަށް ދިއުމުގެމަގު ތަނަވަސްވެފައި ވަނީވެސް އެކަނބަލުންގެ ފައިތިލަ ދަށުންނެވެ.
އަޅުގަނޑުމެންގެ މިކުޑަކުޑަ ރިސާލާއިން ތިޔަ ކަނބަލުންނަށްޓަކައި ހުށަހަޅަނީ ދެދުނިޔޭގެ ކާމިޔާބު ލިބިއްޖެ އަންހެނަކީ ކޮބައިކަމެވެ. ލޯބީގެ ޙަޤީޤަތަކީ ކޮބައިކަމެވެ. އަދި ލޯބިކުރަންޖެހެނީ ކޮންފަރާތަކަށްކަމެވެ. އަޅުގަނޑުމެންގެ ލޯބި ޚާލިޞްވާން ޖެހެނީ ހަމައެކަނި މާތްﷲ އަށް ކަމެވެ. އެއީ އަޅުގަނޑުމެން ހައްދަވައި ގެންގުޅުއްވާ އަޅުގަނޑުމެންގެ ކަންތައް ރަނގަޅަށް ބަލަހައްޓަވަމުން ގެންދަވާ އަޅުގަނޑުމެންދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ކަށަކުޅަދުންވަންތަ މާތްﷲ އެވެ. އެއިލާހު ނޫން އެހެންފަރާތަކަށް ލޯތްބެއް ކުރަންވެއްޖެނަމަ އެލޯބި ﷲ އަށްޓަކައި ކުރެވޭ ލޯތްބަކަށް ނޫނީ ވެގެންނުވާނެއެވެ. މީހަކާ ރުޅިވެރި ވިކަމުގައިވިޔަސް ރުޅިވެރިވާން ޖެހޭނީވެސް ﷲ އަށްޓަކައެވެ. އަދި އެމީހާދެކެ ނުރުހުންތެރިވާން ޖެހޭނީވެސް އެއިލާހަށްޓަކައެވެ. މިގޮތްމަތީ ލޯބި ދެމިހުރެއްޖެނަމަ އެފަދަ ލޯތްބަކީ ޙަޤީޤީ ލޯތްބަކަށް ވާނެއެވެ. ތެދުވެރި ލޯތްބަކަށް ވާނެއެވެ. އާދެ، މިއީ ކާމިޔާބު ލޯތްބެކެވެ. ތިމާގެ ހިތަށް އުފާވެރިކަން ލިއްބައިދެނިވި ލޯތްބެކެވެ. އެއްވެސް މުޖްތަމައެއް ކާމިޔާބު ކުރަން އެދޭނަމަ އެބަޔަކަށް ޖެހޭނީ އެމުޖުތަމަޢުގައި މިބުނެވުނު ލޯބި ދަމަހައްޓަން މަސައްކަތް ކުރާށެވެ. ބަލިކަށި ލޯބި ނައްތާލާށެވެ. އެފަދަ ލޯތްބަކަށް ފަރުވާ ލިބިގަންނާށެވެ. ކާމިޔާބީ ލިބުން އޮތީ މިގޮތް މަތީގައެވެ.
އޭ އަހަރެންގެ ލޮބުވެތި ކޮއްކޯއެވެ! ކޮންމެ އަންހެނަކީ ރަނާއި، މުތާއި، ޖަވާހިރަށްވުރެ އަގުމާތް ވެގެންވާ މީހެކެވެ. މިހެނީ ޖަވާހިރާއި، މުތާއި، އަދި ރަނަކީ އަންހެނާގެ ބޭނުންތަކަށްޓަކައި ހޯދާ އެއްޗިއްސެވެ. ވީއިރު އެތަކެއްޗަށްވުރެ އޭނާގެ އަގު މާތްވެ މަތިވެރި ވުމަކީ ޝައްކެއް ހުރި ކަމެއްނޫނެވެ.
ކޮއްކޯއެވެ! ކޮންމެ އަންހެންކުއްޖަކީވެސް އޭނާގެ މައިންބަފައިންގެ އަބުރެވެ. ޢާއިލާގެ ޝަރަފެވެ. ތިމާގެ ޝަރަފާއި އަބުރު ނަގާލެވުނަނުދީ ރައްކާކުރުމަކީ ކޮންމެ އިންސާނަކުވެސް އޭނާގެ ކަރާމާތްކަމުގައި ދެކޭނެކަމެކެވެ. އަދި އެއީ ކޮންމެ މަޔަކާއި ބަފަޔަކު ފަޚުރެއްކަމުގައި ދެކޭނެ ކަމެއްވެސްމެއެވެ. އަދި އެއީ ތިމާ އެޢާއިލާއަކަށް ނިޞްބަތްވާ ޢާއިލާވެސް ފަޚުރެއްކަމުގައި ދެކޭނެ ކަމެއްމެއެވެ. މިހެންކަމުން އިންސާނީ ކަރާމަތާއި ތިމާމެންގެ ފަޚްރާއި ޝަރަފު ދެމެހެއްޓުމަށްޓަކައި ކޮންމެ ބަޔަކުވެސް ލެވުނުހައި ބާރެއްލައި ވެވެން އޮތްހާ މަސައްކަތެއް ކުރާނެއެވެ.
ކޮއްކޯއެވެ! ކޮންމެ އަންހެންދަރިއެއްގެ ބޮލުގެ އިސްތަށިގަނޑުން ފެށިގެން ފައިގެ ބޮޑުވައި އިނގިއްޔާ ހަމައަށް މުޅިހަށިގަނޑު ވާންޖެހޭނީ ލަދުވެތިކަމުގެ ކިއްލާގައި ޢިއްފަތްތެރިކަމުގެ ގަހަނާއިން ނިވާވެފައެވެ. މިހެނީ ބަކަރީގެ މަސްގަނޑަށް މިނިކާވަގު ދަހިވެތިވެ ފާރަލާފަދައިން ފިރިހެނާ ހިލޭ އަންހެނާގެ ހަށިގަނޑަށް ދަހިވެތިވެ ފާރަލައެވެ. އެކަނބަލުންގެ ހަށިގަނޑުގެ ޗާލުކަމާއި ޒުވާންކަމުގެ ދުޅަހެޔޮކަމާއި ރީތިކަމުން އަރާމާއި ލައްޛަތު ލިބިގަތުމަށް އޭނާ ފާރަވެރިވެއެވެ. ކޮންމެ އަންހެންކުއްޖަކުމެ އައުކައިވެނީގެ ފުރަތަމަރޭ ތިމާގެ އިސްފިރިއަކަށް ހަދިޔާކުރުމަށްޓަކައި އޭނާގެ ލަދުވެތިކަމުގެ ކިއްލާގައި ޢިއްފަތްތެރިކަމުގެ ގަހަނާއިން ނިވައިކޮށް ފަރުދާކޮށްގެން ގެންގުޅޭ އަގުމާތްވި ހަދިޔާ، އާދެ، އޭނާގެ ބިކުރުވެރިކަން ލޫޓުވައިގަތުމަށްޓަކައި އެމީހުން އިބްލީހުގެ ވިހަގަދަ ތީރުގެ ބޭނުންކުރެއެވެ. އެތީރަކީ ލޮލުގެ ބެލުމެވެ. އެހެންކަމުން އެތީރު ތިމާގެ މެޔަށް ހަރާލުމުގެ ކުޑަވެސް ފުރުޞަތެއް ހިލޭ ފިރިހެނަކަށް ލިބިޔަނުދޭށެވެ. އެތީރު ތިމާގެ މެޔަށް ހެރި ހިތަށް އެއިގެ ވިހަގަދަ އަސަރު ކޮށްފިނަމަ، އެއިން ސަލާމަތްވުމަކީ ފަސޭހަކަމެއްނޫނެވެ. ތިމާގެ މެޔަށް އެތީރު ހެރުމާއެކު ކުއްލި އަކަށް، ތިމާގެ އާރާއި ބާރު އަދި އިޚްތިޔާރު ތިމާގެ އަތުން ކެނޑިގެންގޮސް ބޮޑު ބައްޔަކާ ކުރިމަތި ލާން ޖެހިދާނެއެވެ. އެއީ އިޝްޤީބައްޔެވެ. މި ބަލި ޖެހުމުން ހިތާއި، ސިކުނޑިއަށް ވެރިވެގެންދަނީ އިބްލީހުގެ ވަސްވާސްތެރިކަމުގެ ޝުޢޫރާއި ޚިޔާލެވެ. ހަށިގަނޑަށް ވެރިވާނީ އެފަދަ އިޙްސާސާއި ލައްޛަތެވެ.
ކޮއްކޯއެވެ! އިޝްޤީބައްޔަކީ ވަރަށްވެސް ނުރައްކާތެރި އެހާމެ ބިރުހުރި، ގެއްލުންބޮޑު ބައްޔެކެވެ. މިބަލި ބޮޑުވެގެން ދިއުމުން އިބްލީހުގެ ވަސްވާސްތެރިކަމުގައި ޝުޢޫރާއި ޚިޔާލު ފިޔަވައި، އެހެން ހުރިހާ ޝުޢޫރުތަކާއި ޚިޔާލެއް ހިތާއި ސިކުނޑިން ބީވެ، ހިނގައިދާނެއެވެ. އެންމެފަހުން އިޝްޤީބަލި ޖެހިފައިވާ މީހާއަށް މައިންބަފައިންގެ އަބުރާއި، ޢާއިލާގެ ޝަރަފާއި، އިންސާނީ ކަރާމަތާއިމެދު ކުޑަވެސް ފަރުވާލެއް ނުބެހެއްޓޭނެއެވެ. އަދި ކުޑަވެގެން ތިމާގެ އަމިއްލަ ނަފްސާ މެދުވެސް ޚިޔާލުކޮށްލުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ހަމައެއާއެކު ލަދުވެތުކަމުގެ ކިއްލާއިން ބޭރުވެ، ޢިއްފަތްތެރިކަމުގެ ފަރުދާ ތިމާގެ އަމިއްލަ އަތުން ވީދާ ކުދިކުދި ކޮށް ލެވޭއިރުވެސް ނޭނގެއެވެ. އިބްލީހުގެ ވިހަގަދަ ހަތިޔާރު ބޭނުންކޮށްގެން ޝިކާރަ ކުރަން އުޅުނު މީހާގެ ކެހިވެރިކަމުން ފުރިގެންވާ މަކަރާއި، ޙީލަތުގެ މަޅީގައިޖެހި، ތިމާގެ ކައިވެނީގެ ފުރަތަމަރޭ ތިމާގެ އިސް ފިރިއަކަށް ހަދިޔާކޮށްލުމަށްޓަކައި ލަދުވެތިވިކަމުގެ ކިއްލާގައި ޢިއްފަތުގެ ފަރުދާއިން ނިވައިކޮށް ރައްކާތެރިކޮށް ގެންގުޅެންޖެހޭ, ރަނާއި ޖަވާހިރާއި، މުތައްވުރެ އަގުމާތްވި ތުޙްފާ (ތިމާގެ ބިކުރުވެރިކަން) އޭނާގެ ހަވަސްގެ ވަކިތަކުން ލޫޓުވައިގަނެވޭ އިރުވެސް ނޭނގޭނެއެވެ.
ކޮއްކޯއެވެ! މުތް އޮންނަނީ އިތާގެ ބަނޑުގައެވެ. އިތާ އޮންނާނީ މާކަނޑުގެ އަޑީގައެވެ. އިތާގެ ބަނޑުގައި އޮތް މުތުގެ ބޭނުމުގައި އިތާ ޙާޞިލްކުރަން ކަނޑުގައި ކަނޑުގެ އަޑިޔަށް ފީނަންޖެހެއެވެ. އިތާއަށް ޤަދަރު ކުރެވެނީ އޭގެ ބަނޑުގައި މުތް އޮންނާތީއެވެ. އެހެންކަމުން އުނދަގުލާއި ދަތިތައް އުފުލައިގެން އިތާ ޙާޞިލްކުރަން ކޮންމެ މީހަކުވެސް މަސައްކަތް ކުރެއެވެ. ނަމަވެސް އިތާގެ ބަނޑުން މުތް ބޭރުވާއިރަށް އޭގެ ބޭނުން ކެނޑިދެއެވެ. އާދެ، ޤަދަރު ކެނޑި ބޭކާރުވެފައި އޮންނަ އިތާ ޙާޞިލްކުރަން އުޅޭނީ ފަހެ ކާކުހެއްޔެވެ؟
ކޮއްކޯއެވެ! ބަލިތަކަށްބަލާއިރު، ކޮންމެ ބައްޔަކަށްވެސް ބޭހެއް އޮވެޔޭ ބުނެއެވެ. އަދި ހަމައެހެންމެ ކޮންމެ ބައްޔަކީވެސް ސަބަބަކާ ލައިގެން ޖެހޭ ކަމެކެވެ. މިގޮތުން ބަލިން ސަލާމަތްވެ އުޅެން ޤަސްދުކުރާ މީހަކަށް ޖެހޭނީ އެބަލި ޖެހޭ ސަބަބާ ދުރުހެލިވެ، ރައްކައުތެރިވާށެވެ. ނުވަތަ އެސަބަބެއް ނައްތާލާށެވެ. ބަލީގެ ނުރައްކާތެރި ޖަރާސީމުތަކުން އަސަރު ނުކުރާނޭހޭ ތަދްބީރުތައް ކުރާށެވެ. ބަލިޖެހުމުގެ ކުރިން ބަލީން ސަލާމަތްވެ ރައްކައުތެރިކަން ލިބިނެވި ތަދްބީރްތައްކޮށް، ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމީ މިއަދުގެ ދުނިޔެ ގޮވާލާ ގޮވުމެވެ. އަދި ބުއްދިވެރިއަކީ ބައްޔެއް ޖެހުމުގެ ކުރިން ބަލީން ސަލާމަތްވެ ރައްކާތެރިވެގަތުމަށް މަސައްކަތް ކުރާ މީހާއެވެ.
އިޝްޤީބަލި ޖެހުމުގެ ތަފާތު ސަބަބުތައް ވެއެވެ. އެސަބަބުތަކަކީ:
1. ހިލޭ ފިރިހެނުންނަށް ތިމާގެ ހަށިގަނޑުގެ ޒީނަތްތެރިކަން ފާޅުކުރުން.
2. ހިލޭ ފިރިހެނުންނަށް ތިމާގެ ވަނާތަކާއި ހަށިގަނޑުގެ ބައްޓަންދައްކައި ފާޅުކޮށް އުޅުން.
3. ބޮލުގެ އިސްތަށިގަޑު ގޮތްގޮތަށް ގަތައިގެން ބޯބުޅިކޮށްގެން ހިލޭފިރިހެނުންނަށް ތިމާގެ ކަނދުރާއާއި ބޯ ފަދަ ތަންތަން ދައްކައިގެން އުޅުން.
4. މީރުވަސްދުވާ ހުވަނދު ލައިގެން (ސެންޓް ޖަހައިގެން) ހިލޭ ފިރިހެނުންގެ ތެރެއަށް އައިސްގޮސް އުޅުން.
5. ހިލޭފިރިހެނުންނަށް ހަތަރު ކަޅި ހަމަކޮށް އުޅުން.
6. ފޭރާންލައިގެން އޮރިޔާމުން އުޅުން.
7. މަޙްރަމަކާނުލައި ހިލޭ ފިރިހެނަކާއެކު އެކަހެރިވުން.
8. މަޙްރަމަކާއިނުލައި ހިލޭފިރިހެނުންނާއެކު ދަތުރުކުރުން.

ކޮއްކޯއެވެ! ޢިޝްޤީބަލީގެ ޖަރާސީމުތައް ދައުރުކުރަނީ ހިލޭފިރިހެނުންނާއި ހިލޭއަންހެނުންގެ ލޮލުތެރޭގައެވެ. އެޖަރާސީމުތަކުގައި ވަނީ އިބްލީހުގެ ވަސްވާސްތެރިކަމުގެ ވިހަގަދަ ޝުޢޫރާއި ޚިޔާލެވެ. ހިތާއި ސިކުނޑިއަށް މީގެ އަސަރުކޮށްފިނަމަ ވަގުތުން މީހާގެ އަމިއްލަ އިޚްތިޔާރީ ބާރު ކެނޑިގެން ހިގައިދެއެވެ. ދެން ވެގެންދާގޮތް އިސްވެ ބަޔާންވެ ދިޔައީއެވެ. ނަމަވެސް ގިނަ ބަޔަކަށް ހީވެފައި އޮންނަނީ މިނުބައި ވިހަގަދަ ޝުޢޫރާއި ޚިޔާލަކީ ތާހިރު ލޯބިކަމުގައެވެ. މިއީ މުޅިން ކުށް ހީއެކެވެ.
ލޯބީގެ ވަރަށްގިނަ ދާއީރާތައްވެއެވެ. އިންސާނީ ދާއިރާތަކަށް ވަޔާއި ފެން ބޭނުންވާ ފަދައިން އެދާއިރާތަކަށް ލޯބި ބޭނުންވެއެވެ. ލޯތަބާއި ނުލައި އެއިން އެއްވެސް ދާއިރާއަކަށް ދިރުމެއް ނުވެއެވެ. ދާއިރާތަކަށް ބަލާލަމާހިނގާށެވެ.
1. އިލާހުވަންތަކަމުގެ ލޯބީގެ ދާއިރާ:
މިއީ ﷲ އެއިލާހުގެ ޚަލްޤުތަކުންގެ މައްޗަށް ލޯބިވެ ވޮޑިގަތުމުގެ ދާއިރާއެވެ. މިދާއިރާ އެކުލެވިގެންވަނީ ރަޙްމާއި، ދަރުމަވަންތަވެރިމަކާއި، ޢަފޫކުރެއްވުމާއި، ފާފަފުއްސެވުމާއި، ދީލަތިވަންތަކަމާއި، މިކަންކަމުގެ މައްޗަށެވެ. (ވެރީންގެ ހިތުގައި ރައްޔިތުންގެ މައްޗަށް ލޯބި އުފެދެންޖެހޭނީ މިދާއިރާއިންނެވެ.)
2. މަޚްލޫޤުވަންތަކަމުގެ ލޯބީގެ ދާއިރާ:
މިއީ މަޚްލޫޤުން ﷲ އަށް ލޯބިކުރުމުގެ ދާއިރާއެވެ. މިދާއިރާ އެކުލެވިގެންވަނީ ތަޢްޡީމާއި، ތަކްރީމާއި، ތަވާޟުޢުވެރިކަމާއި އަޅުވެތިކަމުގެ މައްޗަށެވެ. (ﷲގެ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމާއި، އެރަސޫލާގެ އާލު އަޞްޙާބުންނާއި ރަޟިޔަ ﷲ އަންހު އަދި ޤުރުއާން ފޮތާއި، ދީނީ ކަންތަކާއި މިފަރާތްތަކާއި، ކަންކަމަށް ލޯބި އުފެދެންޖެހެނީ މިދާއިރާއިންނެވެ.)
3. ދެމަފިރިވަންތަކަމުގެ ލޯބީގެ ދާއިރާ:
މިއީ ދެމަފިރިންގެ ދެމެދުގައި ހިނގާ ލޯބީގެ ދާއިރާއެވެ. މިދާއިރާ އެކުލެވިގެންވަނީ ރަޙްމާއި، ހަމްދަރްދީއާއި، އެހީތެރިވުމާއި، ކުށްތަކަށް މާފްކުރުމާއި، އެދުންވެރި ކަމުގެ މައްޗަށެވެ. (އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި ދެމަފިރިވަންތަކަމުގެ ގޮތުން ހިނގާ ލޯބީގެ ދާއިރާއަކީ މިއީއެވެ. މިލޯތަބަކީ ތާހިރު ލޯތްބެކެވެ. ޢާއްމު އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި މި ލޯބި ނުހިނގާނެއެވެ.)
4. މައިވަންތަކަމުގެ ލޯބީގެ ދާއިރާ:
މިއީ މައިން ދަރިންނަށް ލޯބިކުރުމުގެ ދާއިރާއެވެ. މިދާއިރާ އެކުލެވިގެންވަނީ ހަމްދަރްދީއާއި، އޯގާވެރިކަމާއި، އީޘާރު (އަނެކާއަށްޓަކައި ތިމަގެ ނަފްސު ޤްރުބާން ކުރުން- ތިމާގެ ނަފްސަށްވުރެ އަނެކާއަށް އިސްކަން ދިނުން) ވުމުގެ މައްޗަށެވެ. މުދައްރިސާއިންގެ ހިތުގައި ދަރިވަރުންނަށް ލޯބި އުފެދެންޖެހެނީ މިދާއިރާއިންނެވެ.)
5. ބަފައިވަންތަކަމުގެ ލޯބީގެ ދާއިރާ:
މިއީ ބައްޕައިން ދަރިންނަށް ލޯބިކުރުމުގެ ދާއިރާއެވެ. މިދާއިރާ އެކުލެވިގެންވަނީ ހަމްދަރްދީއާއި، އޯގާވެރިކަމާއި، އީޘާރު ވުމުގެ މައްޗަށެވެ. (މުދައްރިސުންގެ ހިތުގައި ދަރިވަރުންނަށް ލޯބި އުފެދެންޖެހޭނީ މިދާއިރާއިންނެވެ.)
6. ދަރިވަންތަކަމުގެ ލޯބީގެ ދާއިރާ:
މިއީ ދަރިން މައިންބަފައިންނަށް ލޯބިކުރުމުގެ ދާއިރާއެވެ. މިދާއިރާ އެކުލެވިގެންވަނީ ހަމްދަރްދީއާއި، އޯގާވެރިކަމާއި، އީޘާރުވުމުގެ މައްޗަށެވެ. (ދަރިވަރުންގެ ހިތުގައި މުދައްރިސުންނާއި މުދައްރިސާއިންނަށް ލޯބި އުފެދެންޖެހެނީ މިދާއިރާއިންނެވެ.)
7. އަޚްވަންތަކަމުގެ ލޯބީގެ ދާއިރާ:
މިއީ އެއްބަނޑު މީހުން އެކަކު އަނެކަކަށް ލޯބިކުރުމުގެ ދާއިރާއެވެ. މިދާއިރާ އެކުލެވިގެންވަނީ ހަމްދަރްދީއާއި، އޯގަވެރިކަމާއި، ވާގިވެރިވުމާއި، ކުށްތަކަށް މާފް ކުރުމާއި، އީޘާރުވުމުގެ މައްޗަށެވެ. (ގާތް ތިމާގެ މީހުންނާއި، ރަޙްމަތްތެރިންނާއި، އަދިވެސް މުސްލިމުންނަށް ލޯބިކުރަން ޖެހެނީ މިދާއިރާއިންނެވެ.)
ކޮއްކޯއެވެ! އިސްވެ، ބަޔާންވެގެން އެވަނީ ސާފްތާހިރު، ލޯބީގެ ދާއިރާތަކެވެ. އެދާއިރާތަކުގައި ހިނގާ ލޯތްބަކީ އިންސާނީ ޙަޔާތަށް ފެން ބޭނުންވާ ފަދައިން ކޮންމެ އިންސާނަކަށް ބޭނުންވާ ލޯތްބެކެވެ. މިދާއިރާތައް ފިޔަވައި ތާހިރު ލޯބި ދައުރުކުރާ އެހެންއެއްވެސް ދާއިރާއެއް ނުވެއެވެ. އަދި މި ދާއިރާތަކަށް ބަލާއިރު އެދުންވެރިކަން (ޝަޙްވަތުގެ ގޮތުން ) އައިސްފައިވަނީ ހަމައެކަނި އެންމެ ދާއިރާއެއްގައެވެ. އެއީ ދެމަފިރިވަންތަކަމުގެ ލޯބީގެ ދާއިރާއެވެ. މިނޫން ދާއިރާއެއްގައި އެދުންވެރިކަމުގެ ޝުޢޫރު އުފެދިއްޖެނަމަ އެދާއިރާގެ ލޯބި ފާސިދުވީއެވެ. އަދި ލޯބި ފާސިދުވުމުން، ހަމަ އެވަގުތުގައި ލޯބި ބަދަލުވެގެންދާނީ ވަޙްޝީ ބައްޔަކަށެވެ.
ކޮއްކޯއެވެ! ޢިޝްޤީބަލި ޖެހުމަށް ދިމާވާ ސަބަބުތަކުގެ ތެރެއިން، އިސްވެ ބަޔާންވެދިޔަ ސަބަބެއް ދިމާވެހުރެ ހިލޭފިރިހެނަކާއި އަންހެނަކާ ދެމެދު، ފަހަރެއްގައިވެސް ލޯތްބެއް ނޫފެދޭނެއެވެ. އާދެ، އުފެދެނީ ހަމައެކަނި ޢިޝްޤީ ލޯތްބެކެވެ. އާދެ، ޢިޝްޤީ ބައްޔެކެވެ. ފަހަރެއްގައިވެސް ޢިޝްޤީބަލި ޖެހިގެން އުފެދޭ، އިބްލީހުގެ ވަސްވާސްތެރިކަމުގެ ޝުޢޫރާއި، ޚިޔާލަކީ ލޯބިކަމުގައި ހީކޮށްގެންނުވާނެއެވެ. އެގޮތަށް ހީކުރާނަމަ އެއީ މުޅިން ކުށް ހީއެކެވެ. ގޯސް ޚިޔާލެކެވެ.
ކޮއްކޯއެވެ! ޢިޝްޤީބަލީގެ ގެއްލުމާއި، ނުރައްކާތައް ވަނީ، ހަމައެކަނި ބަލިޖެހުނު މީހާއަށް އެކަންޏެއް ނޫނެވެ. އެއިގެ ގެއްލުން މުޅި ޢާއިލާއާއި، މުޖްތަމަޢާއި، މުޅިގައުމަށް ޢާއްމުވެގެންދެއެވެ. އެބަލީގެ ސަބަބުން ޒަވާޖީ ހަޔާތް ބަރުބާދުވެ ޢާއިލާގެ ހަމަޖެހުމާއި، ހިމޭކަންގެއްލި، މުޖުތަމަޢުގެ އަޚްލާޤީ ނިޡާމު ފާސިދުވެ، ޤައުމުގެ ހަރުދަނާކަން ނެތިގެންދެއެވެ.
ކޮއްކޯއެވެ! ޢިޝްޤީބަލި ޖެހުމުގެ ސަބަބުތަކާހުރެގެން ޖެހެނީ ހަމައެކަނި ޢިޝްޤީ ބައްޔެއްނޫނެވެ. އެސަބަބުތަކާހުރެ ވަރަށްގިނަ އެހެނިހެން އިޖްތިމާޢީ ބަލިތައްވެސް ޖެހެއެވެ. ސާފްޠާހިރު ލޯބި، ފާސިދުވެ ވަޙްޝީ ބައްޔަށް އެކަން ބަދަލުވެގެން ދަނީވެސް ހަމަ އެސަބަބުތަކާ ހުރެއެވެ. އަޚްލާޤީ ފަސާދާ ބޮޑުވެ މުޖުތަމަޢުގައި ހަޑިހުތުރު ކަންތައް ޢާއްމުވެގެން ދަނީވެސް ހަމަ އެސަބަބުތަކާ ހުރެއެވެ. މީގެއިތުރަށް އިންސާނުންގެ އެންމެބޮޑު ޢަދާވާތްތެރިޔާ އިބްލީހަށް އޭތީގެ ވަސްވާސްތެރިކަމުގެ ތަފާތު އުކުޅުތައް ކާމިޔާބުކޮށްގަތުމަށް މަގުފަހިވަނީވެސް ހަމަ އެސަބަބުތަކާ ހުރެއެވެ.
ކޮއްކޯއެވެ! ޙަޤީޤަތުގައި ޢިޝްޤީބައްޔަކީ މުޅި އިންސާނިއްޔަތަށް ގެއްލުންބޮޑު ނުރައްކާތެރި ބައްޔެކެވެ. ބަލީގެ ޖަރާސީމުތަކުގައި ވަނީ އިބްލީހުގެ ޒަހަރުން ފުރިގެންވާ، ވިހަގަދަ ވަސްވާސްތެރިކަމެވެ. އެޖަރާސީމުތައް ދައުރުކުރަނީ ހިލޭފިރިހެނުންނާއި، އަންހެނުންގެ ލޮލުގައެވެ. ބަލީގެ ސަބަބުތައް ގުޅިފައިވަނީ އަންހެނުންނާއެވެ. ސަބަބުތައް ނައްތާލުމަށް ފުރިހަމަ އިޚްތިޔާރާއި ބާރު ލިބިގެންވާ ބަޔަކީވެސް އަންހެނުންނެވެ. އަދި ބަލީން ސަލާމަތްވެ ރައްކައުތެރިވެގަތުމަށްޓަކައި އިސްވެ މަސައްކަތްކުރަން ޖެހެނީވެސް ހަމަ އަންހެނުންނެވެ. އިންސާނުންގެ އެންމެބޮޑު ޢަދާވާތްތެރިޔާ، އިބްލީހަށް އެސޮރުގެ ވަސްވާސްތެރިކަމުގެ ތަފާތު އުކުޅުތައް ކާމިޔާބުވިޔަ ނުދިނުމަށްޓަކައި ފަސާދުގެ ކިއްލާގެ ދޮރުތައް ބަންދު ކުރެވެންއޮތީވެސް ހަމަ އަންހެނުންނަށެވެ. ސާފަތާހިރުލޯބި ފާސިދުވެ ވަޙްޝީ ބައްޔަކަށް ބަދަލުވެގެން ދިޔަނުދިނުމަށްޓަކައި ފާޙިޝްކަމުގެ އެންމެހާ ގޯޅިތަކެއް ބަންދުކުރެވެން އޮތީވެސް ހަމަ އަންހެނުންނަށެވެ. ކުރުގޮތަކަށް ބުނަނީނަމަ މުޅި އިންސާނިއްޔަތުގެ އެންމެހާ ނުރައްކަލުން އިންސާނާ ސަލާމަތްކޮށް ރައްކާތެރިކުރުން އޮތީ އަންހެނުންގެ އަތްމަތީގައެވެ. ޢާއިލާގެ ހިމޭންކަމާއި، މުޖުތަމަޢުގެ އަމާންކަމާއި، ޤައުމުގެ ހަރުދަނާކަމާއި އިންސާނީ ކަރާމަތް ވަނީ އެކަނބަލުންގެ އަތްމަތީގައެވެ. މިހެންކަމުން ކޮންމެ އަންހެނަކުވެސް ވާންޖެހޭނީ ހަމައެކަނި ތިމާގެ ލޮބުވެތި ފިރިމީހާގެ ލޮލުގެ ފިނިކަމާއި ހިތުގެ އުފަލާއި ހަށިގަނޑުގެ އަރާމުކަމުގައެވެ. މިއިން އެއްވެސް ކަމެއްގައި ދެވަނަ ފިރިހެނަކު ބައިވެރިވެވޭ އެއްވެސް ގޮތެއް ވިޔަ ދީގެން ނުވާނެއެވެ. އެއިރުން ރަނާއި، މުތާއި، ޖަވާހިރަށްވުރެ އަގުމާތްވެގެންވާނީ އަންހެނުންކަން ގައިމެވެ.

ނޯޓް: ޝައިޚް ލިޔުއްވާފައިވާ "އިޝްޤީ ބަލީގެ ފަރުވާ" މިފޮތުން ނަގާފައި. މިފޮތް ނޫރުލް އިސްލާމް ވެބްސައިޓުން ޑައުންލޯޑްކުރެއްވޭނެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment: