3.08.2010

ހުވަފެނުގެ ތަޢުބީރު

ހުވަފެނެއްގައި މީހަކަށް އޭނާގެ ފަހަތުން ސިންގާއެއް ދުވަނިކޮށް ފެނުނެވެ. ސިންގާ ފެނުމުން އޭނާ ގަހަކަށް އަރާ ގޮފިގަނޑެއްގައި އިށީނދެއްޖެއެވެ. ތިރިއަށް ބަލާލިއިރު އޭނައަށް ފެނުނީ ގަހުގެ ތިރީގައި އޭނާ ފައިބާނެ ކަމަށް ސިންގާ އޮތަތީއެވެ. އޭނާ އިށީނދެގެން އިން ގޮފިގަނޑު، ގަސްގަނޑާއި ގުޅިފައިވާ ތަނަށް ބަލާލިއިރު ދެމީދާ އޮފިގަނޑު، ވަށައިގެން އެނބުރެމުން، ކަމުންދެއެވެ. އެއް މީދާ ކަޅެވެ. އަނެއް މީދާ ހުދެވެ. މީދާތައް ކާ ވަރުން ގަހުގައި އޮފިގަނޑު މާ ގިނައިރު އިންނާނެހެނެއް ހިއެއް ނުވެއެވެ.
ސިންގާ ކޮބައިތޯ ބަލާލިއިރު އޭނާއަށް ފެނުނީ ކަޅުކުލައިގެ ހަރުފައެއް އައިސް އޭނާ އިށީނދެގެން އިން އޮފިގަނޑާއި ސީދާ ތިރީގައި ޖައްސާލިތަނެވެ. ހަރުފަ އޭތީގެ ބޮޑު ކަޅު އަނގަ ހުޅުވައިގެން އޭނާއަށް އިންތިޒާރު ކުރާކަހަލައެވެ. ގަތްބިރުން ހިފަހައްޓާނެ އެހެން އޮފިގަނޑެއް އިންތޯ މަތި ބަލާލިއިރު، މާމުއި ކުޅަނދުރު ހަތައެއް ބޯމަތީގައި އިން އޮފިގަނޑުގައި އިންދާ ފެނިއްޖެއެވެ. ހަތައިން ވާ ދެމެމުން މާމުއިތަށް ތިރިއަށް ތިކިތަޅައެވެ. މާމުއިގެ ރަހަބަލައިލުމަށް ދޫ ނެރެ، ތިއްކެއްގައި ޖައްސާލިއިރު މާމުއި ވަރަށް ފޮނިކަމަށް ފެނުނެއެވެ. މާމުއި ބޯހިތުން، ތިކިތަޅާދިމާ ތިރިއަށް ދޫ ނެރެގެން އެކަމާ މަޝްއޫލުވުމުން، ހަރުފަމަތިން ހަނދާންނެތިއްޖެއެވެ. އަދި ސިންގާއާއި މީދާމަތިންވެސް ހަނދާން ނެތިއްޖެއެވެ.
ފަތިހު ހޭލެވުމުން، މިސްކިތުންއައި މަގުމަތީގައި އޭނާއަށް މުދިމާއި ދިމާވިއެވެ. ފެނުނު ހުވަފެން ކިޔާދިނުމަށްފަހު، އޭގެ ތަޢުބީރަކީ ކޮބައިތޯ ސުވާލު ކުރިއެވެ. މުދިމު ބުންޏެވެ. "ހަރުފައަކީ ކަލޭގެ މަރެވެ. ދާ ކޮންމެ ތަނަކަށް ފަހަތުން އޭތި ދާނެއެވެ. ކަޅުމީދަލަކީ ރޭގަނޑެވެ. ހުދުމީދަލަކީ ދުވާލެވެ. މިދޭތި ދައުރުކުރަމުން، ކަލޭގެ އުމުރު ހުސްކުރަމުން މަރާއި ކައިރި ކުރަމުން ދެއެވެ. އަނގަ ހުޅުވައިގެން އިން ސިންގާ އަކީ ކައްވަޅެވެ. އެއިންތިޒާރު ކުރަމުން ދަނީ އޭގެ ތެރެއަށް ކަލޭ ވެއްޓޭނޭ ވަގުތަކަށެވެ. ހަތަޔަކީ މި ދުނިޔެއެވެ. މާމުޔަކީ ދުނިޔޭގެ އުފާތަކެވެ. އެ އުފާތަކުގެ ތެރެއަށް މާބޮޑަށް ގެއްލިއްޖެނަމަ އަހަރެމެންގެ އުމުރުގެ މަތިން ހަނދާންނެތެއެވެ. މަރުގެ މަތިން ހަނދާންނެތެއެވެ. ކައްވަޅުގެ މަތިން ހަނދާންނެތެއެވެ."

ފޭސްބުކްގައި ޝެއަރ ކުރައްވާ

2 comments: