8.09.2010

އަންހެނުންނާއި ކުޑަ ކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުން

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ
އިސްލާމީ ޝަރީޢަތުގެ މައިގަނޑު މަޤްޞަދަކީ މީސްތަކުންގެ މަޞްލަޙަތު ރައްކާތެރިކުރުމާއި، އެބައިމީހުންނަށް ގެއްލުންހުރި އެންމެހައި ކަންތައްތައް ދުރުކޮށްދިނުމެވެ. މުޅި އިސްލާމީ ޝަރީޢަތް އައިސްފައިވަނީ މި މަޤްޞަދު ފުރިހަމަކުރުމަށެވެ. އެހެނަސް މިއެންމެހައި ކަންތައްތަކުގެ ތެރެއިން ޚާއްޞަ ސަމާލުކަމެއް ދެވިފައިވާ ފަސްކަމެއް ވެއެވެ. މިފަސްކަމަށް ޝަރީޢަތުގައި ކަޔަނީ، "ކޮންމެހެން ރައްކާތެރިކުރެވެންޖެހޭ ފަސްކަންތައްތަކެވެ." އެއީ، މީސްތަކުންގެ ފުރާނަ ރައްކާތެރި ކުރުމާއި، އަބުރާއި ނަސަބު ރައްކާތެރި ކުރުމާއި، މުދާ ރައްކާތެރިކޮށްދިނުމާއި، ދީން ޙިމާޔަތްކުރުމާއި، ބުއްދި ޙިމާޔަތް ކުރުމެވެ.


މީގެ ތެރެއިން މި ލިޔުމުގައި ބަލާލާނީ، އަބުރު ރައްކާތެރި ކުރުމަށް އެޅިފައިވާ ފިޔަވަޅުތަކަށެވެ. މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައިފިނަމަ، އޭނާގެ މައްޗަށް ޤަޛުފުގެ ޙައްދު ކަނޑައެޅިފައިވެއެވެ. ހަމައެހެންމެ ޒިނޭކުރުމުން ލިބޭ އަދަބުތަކެއް ވެސް ކަނޑައެޅިފައިވެއެވެ.

މިކަންކަމީ ބޮޑު ފާފައިގެ ތެރެއިން ވާކަންތައްތަކެއް ކަމުގައިވީނަމަވެސް، ގަދަކަމުން މީހުންނާ ދޭތެރޭ ބަދު އަޚްލާޤީ ޢަމަލު ހިންގުމުގެ ނުބައިކަން މާބޮޑަށް އިތުރުވެގެންވެއެވެ. ގިނަބަޔަކު ވެގެން، މަގުން ހިނގާފައި ދިޔަ އަންހެން ކުއްޖަކު ހިފަހައްޓައި ހައްޔަރުކޮށް، މަސްތުވާ އެއްޗެއްދީ، އޭނާއާއެކު ބަދު އަޚްލާޤީ ޢަމަލު ހިންގާފައިވާ ކަމުގެ ވާހަކަ މިދޭތެރޭގައި އަޅުގަނޑުމެންނަށް މީޑިޔާގެ ވަސީލަތްތަކުންވަނީ އިވިފައެވެ. މިއީ، އާދައިގެ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ޙާލަތު މިހިސާބަށް ގޮއްސިނަމަ، އަންހެން ކުދިން އެކަނި ސްކޫލަށާއި ތަންތަނަށް ގޮސް އުޅޭނީ ކިހިނެއްތޯއެވެ.

މިފަދަ ޢަމަލުތައް ހިންގާ މީހުންނަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ލިބެންޖެހެއެވެ. އިސްލާމީ ޝަރީޢަތުގައި މިފަދަ ޢަމަލުތައް ހިންގާ މީހުންނަށް ކަނޑައެޅިފައިވާ ޢުޤޫބާތަކީ، ބިމުގައި ފަސާދަ އުފައްދާ މީހުންގެ ޢުޤޫބާތެވެ. މާތް ﷲ ވަޙީކުރައްވައެވެ. (إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الأرْضِ فَسَادًا أَنْ يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُمْ مِنْ خِلافٍ أَوْ يُنْفَوْا مِنَ الأرْضِ ذَلِكَ لَهُمْ خِزْيٌ فِي الدُّنْيَا وَلَهُمْ فِي الآخِرَةِ عَذَابٌ عَظِيمٌ) [المائدة 33] މާނައީ" ﷲއާ އެއިލާހުގެ ރަސޫލާއާ ހަނގުރާމަކޮށް، ބިމުގައި ފަސާދަ އުފައްދާމީހުންގެ ސަޒާއަކީ، އެބައިމީހުން ޤަތުލު ކޮށްލުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ އަތްފައި ތަފާތުކޮށް ބުރިކޮށްލުމެވެ. ނުވަތަ އެހެން ރަށަކަށް އަރުވާލުމެވެ. މިއީ ދުނިޔެމަތީގައި އެބައިމީހުންނަށް ހުރި ސަޒާއެވެ. އަދި އާޚިރަތުގައި އެބައިމީހުންނަށް ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ."

އިސްލާމީ ތަރީޚުގެ ފައްފުށްތަކަށް ނަޒަރު ހިންގާލާއިރު އަޅުގަނޑުމެންނަށް ފެންނަ އެއް ޙާދިޘާއަކީ، ހިޖްރައިން 223 ވަނަ އަހަރު، ޢައްބާސީ ޚަލީފާ އަލްމުޢުތަޞިމް ބިﷲ ގެ ދުވަސްވަރު ރޯމަނުންގެ ބަޔަކު މުސްލިމު އަންހެނަކަށް ގޯނާކުރުމުން، އެހީއަކަށް އެދި އެކަނބުލޭގެ ޚަލީފާއަށް ގޮވާލިއެވެ. އެއަންހެންމީހާއަށް ނަސްރު ދިނުމަށް ލަޝްކަރެއް ތައްޔާރު ކުރައްވައިގެން ޚުދް ޚަލީފާ ވަޑައިގަތެވެ. އިސްލާމީ ތާރީޚުގައި ނަން މަޝްހޫރު، "ޢައްމޫރިއްޔާ" ފަތަޙަ ކުރެވުނީ، މިޙާދިޘާއާ ގުޅިގެން ކަމުގައި ތާރީޚް ޢިލްމުވެރިން ލިޔުއްވާފައިވެއެވެ. ހަމަ މިގޮތަށް، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަޔާތްޕުޅުގައި ޔަހޫދީންގެ ބަޔަކު މަދީނާގެ އަންހެނަކަށް، މިބާވަތުގެ ގޯނާއެއް ކޮށްގެން އެޤަބީލާގެ މީހުންވެސް މަދީނާއިން ބޭރު ކުރެއްވިއެވެ. މިބާވަތުގެ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޢަމަލު ކުރެވިފައިވާގޮތް ތާރީޚުންވެސް އަޅުގަނޑުމެންނަށް މިފެންނަނީއެވެ.

އެހެންކަމުން މިރާއްޖޭގައި، ޚާއްޞަކޮށް ކުޑަ ކުދިންނަށާއި އަންހެނުންނަށް މިބާވަތުގެ އަނިޔާ ކުރާ މީހުންނަށް ދީނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ކަނޑައެޅޭނެ ގޮތަކަށް ވިސްނަން ވެއްޖެއެވެ.


ނޯޓް: މިއީ ހިދާޔަތުގެ އަލިން ނަގާފައިވާ ލިޔުމެކެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment