12.22.2011

ދީނުގައި ކުރަން އަންގަވާފައިވާ ކަންތައްތަކާއި ކުރެވޭ ކުށްތަކަށް ދެވޭ އަދަބުތަކުގައި، އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި ހުރި ހަމަހަމަކަން

އަލްއަޚް ޢަބްދުއްރަޙީމް މުޙައްމަދު ޅޮހީ
ރޫޙާނީގޮތުންބަލާއިރު އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުން އެއްވެސް ޙާލެއްގައި އެއްވެސްކަހަލަ ތަފާތެއް ނުކުރެއެވެ. ދެޖިންސުގައިވެސް ފުރާނަ ވަނީ އަޅުއްވާފައެވެ. ދެޖިންސުގެ އިންސާނުންނަކީވެސް ހަމަ އެއްމަޤުޞަދެއްގައި ހައްދަވާފައިވާ މަޚުލޫޤުންނެވެ. ދީނުގައި ކުރަންއަންގަވާފައިވާ ވާޖިބުތަކަކީ ދެފަރާތުންވެސް ކުރަންޖެހޭ ކަންތައްތަކެވެ. އަދި ދެޖިންސުގެ ޢަމަލުތައްވެސް ބައްލަވާ ވޮޑިގެން ހިސާބުބައްލަވާނީ ހަމަ ﷲ ޢައްޒަވަޖައްލައެވެ. އަދި ޘަވާބުދެއްވުމާއި ޢަޛާބުދެއްވުމުގައިވެސް ވަކި ޖިންސެއްގެ ތަފާތެއްނެތެވެ.

ކީރިތި ޤުރުއާނުގައި ހެޔޮޢަމަލުތަކާއި އަދި އަޅުވެރިކަމުގެ ސަބަބުން ސުވަރުގެއަށް ވަންނަމީހުންގެ ނަންގަނެވޭ ކޮންމެ ތަނެއްގައި ބާޔާންކުރައްވަނީ ފިރިހެނުންނާއި އަންހެނުންގެ ވާހަކަ އެއްކޮށެވެ. "وَمَنْ يَعْمَلْ مِنَ الصَّالِحَاتِ مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَأُولَئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا" النساء: ١٢٤ މާނައީ: "އެމީހަކު އީމާންވެގެން ޞާލިޙް ޢަމަލުކޮށްފި ކޮންމެ މީހަކު އެއީ ފިރިހެނަކުނަމަވެސް ނުވަތަ އަންހެނަކު ނަމަވެސް ފަހެ އެމީހުން ސުވަރުގެ ވަންނަހުއްޓެވެ. އަދި ނަޤީރެއްގެ މިންވަރު (ކިތަންމެ ކުޑަ މިންވަރު) އަނިޔާވެސް އެމީހުންނަށް ނުވެވޭނެއެވެ." އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ." مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ" النحل: ٩٧ މާނައީ: "ފިރިހެނަކު ނަމަވެސް އަދި އަންހެނަކު ނަމަވެސް އެމީހަކު އީމާންވެގެންވާ ޙާލު، ޞާލިޙު ޢަމަލުކޮށްފިމީހާ (ދަންނައެވެ!) ފަހެ ހަމަކަށަވަރުން ތިމަންއިލާހު އެމީހަކަށް ރަނގަޅުވެގެންވާ ޙަޔާތެއް ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެމީހުން ދުނިޔޭގައި ކުރި ޢަމަލުތަކަށްވުރެ މާ ރަނގަޅު ދަރުމައާ ޘަވާބު އެމީހުންނަށް ތިމަންއިލާހު ދެއްވާހުށީމެވެ." އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ أُولَئِكَ سَيَرْحَمُهُمُ اللَّهُ إِنَّ اللَّهَ عَزِيزٌ حَكِيمٌ" التوبة: ٧١ މާނައީ: "އަދި މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންނީ އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެމީހުން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރެތެވެ. އަދި އެމީހުން ނަމާދު ޤާއިމްކުރެއެވެ. އަދި އެމީހުން ޒަކާތްދެއެވެ. އަދި އެމީހުން ﷲ އަށާއި އެއިލާހުގެ ރަސުލާއަށް ކިޔަމަންތެރިވެއެވެ. އެމީހުންނަށް ނިކަންހުރެ ﷲ ރަޙްމަތްލައްވާނެއެވެ. ހަމަކަށަވަރުން ﷲއީ ގަދަފަދަވަންތަ ޙިކްމަތްވަންތަ ކަލާނގެއެވެ." އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُمْ مَغْفِرَةً وَأَجْرًا عَظِيمًا" الأحزاب: ٣٥ މާނައީ: "ހަމަކަށަވަރުން މުސްލިމު ފިރިހެނުންނާއި މުސްލިމު އަންހެނުން، މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުން އަދި ކިޔަމަންތެރި ފިރިހެނުންނާއި ކިޔަމަންތެރި އަންހެނުން، އަދި ތެދުވެރި ފިރިހެނުންނާއި ތެދުވެރި އަންހެނުން، އަދި ކެތްތެރި ފިރިހެނުންނާއި ކެތްތެރި އަންހެނުން، އަދި ބިރުވެތިވެ ތަވާޟުޢުވެރިވާ ފިރިހެނުންނާއި ބިރުވެތިވެ ތަވާޟުޢުވެރިވާ އަންހެނުން، އަދި ޞަދަޤާތްދީ ޒަކާތްދޭ ފިރިހެނުންނާއި ޞަދަޤާތްދީ ޒަކާތްދޭ އަންހެނުން، އަދި ރޯދަހިފާ ފިރިހެނުންނާއި ރޯދަހިފާ އަންހެނުން، އަދި ތިމާމެންގެ ލަދުވެތި ގުނަވަންތަކަށް ރައްކާތެރިވާ ފިރިހެނުންނާއި ރައްކާތެރިވާ އަންހެނުން، އަދި ގިނަ ގިނައިން ﷲ ހަނދާންކޮށް ޛިކްރުކުރާ ފިރިހެނުންނާއި އަދި ގިނަގިނައިން ﷲ ހަނދާންކޮށް ޛިކްރުކުރާ އަންހެނުން، މި މީސްމީހުން ދަންނައެވެ. ހަމަކަށަވަރުން ﷲ އެމީހުންގެ ފާފަފުއްސެވުމާއި އަދި ބޮޑުވެގެންވާ ދަރުމަ ތައްޔާރުކޮށްދެއްވިއެވެ."

ޤިޔާމަތްދުވަހުން އަންހެނުންނާއި ފިރިހެނުންނަށް އެމީހުންގެ ޢަމަލުތަކަށް ހިސާބުބެއްލެވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ކޮންމެ މީހަކުވެސް އެމީހަކު ޒައްރެއްގެ މިންވަރުގެ ހެޔޮކަމެއް ކުރިނަމަވެސް އެކަންދެކޭނެއެވެ. އަދި ޒައްރެއްގެ މިންވަރުގެ ނުބައިކަމެއް ކޮށްފިމީހާ އެކަންވެސް ދެކޭނެއެވެ. އަންހެނެއް ކަމުގައިވުން ނުވަތަ ފިރިހެނެއްކަމުގައި ވުން އިސްލާމްދީނުގައި ތަފާތެއްނުކުރެއެވެ. ކޮންމެމީހަކުވެސް ﷲ ޢައްޒަވަޖައްލައަށް ކިޔަމަންތެރިވީ މިންވަރަކުން އެމީހަކަށް ހެޔޮޖަޒާ ދެއްވާނެއެވެ.
މާތް ﷲ ޢައްޒަވަޖައްލަ ޒަލްޒަލާ ސޫރަތުގެ ފަހު ދެއާޔަތުގައި ވަޙީކުރައްވާފައިވެއެވެ. "فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ * وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ" الزلزلة: ٧ - ٨ މާނައީ: "ފަހެ ހެޔޮކަމުގެ ތެރެއިން ޛައްރެއްގެ މިންވަރުގެ ކުޑަ ޢަމަލެއްކޮށްފައިވާ މީހަކުވެސް އެ ހެޔޮކަންދެކޭނެއެވެ. އަދި ނުބައިކަމުގެ ތެރެއިން ޛައްރެއްގެ މިންވަރުގެ ކުޑަ ޢަމަލެއްކޮށްފައިވާ މީހަކުވެސް އެކަން ދެކޭނެއެވެ."

އާދެ އެއީ ކޮންމެ ޖިންސެއްގެ މީހެއްކަމުގައި ވިޔަސްމެއެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment