12.27.2010

ތާރީޚުގެ ތެރެއިން ދިވެހި އަންހެނުންގެ ހެދުން

އަލްއަޚް އަޙްމަދު ޝަފީޤް
އަންހެނުންގެ ފޭރާމަކީ ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމްދީނަށް އެނބުރުމަށްފަހުން އެޒަމާނެއްގެ ފަނޑިޔާރެއްގެ އަމުރުގެ މަތީން މޫނުން ފެށިގެން ތަންބާހަމައަށް ނިވާވެގެންވާ ހެދުމަކަށްވުމަށް ބާރުއެޅުނެވެ.

ބޮޑުބުރުގާ:
މިއީ ފަނޑިޔާރު ބޭކަލުންގެ އަނބިއަނބި ކަނބަލުންނާ މަތީފެންވަރުގެ ދީދީންނާއި ހަމައިން ފެށިގެން ބޮޑު މުސްކުޅި ބޭކަލުންގެ އަނބީންގެ ނިވާ ބުރުގާއެވެ. މިއީ ބޯމަތީން ފެށިގެން ތަންބާހަމައަށް މުޅީން ނިވާވާ ފޮތިގަނޑެކެވެ. މޫނާވީ ހިސާބުން ދަތްދޮޅު ދަށަށް ބާރުވާގޮތަށް (ފޮތިގަނޑު) ކުރިމަތިން ފަހާފައި، އެފެހުން އެންމެ ތިރިއަށް ނިންމާފައިހުރެއެވެ. މޫނުމަތިން ބުރުގާގެ ބޭރުކައިރީގައި ތުނި ފޮތިކޮޅެއްގުޅާ މޫނު މައްޗަށް ވައްޓާފައިއޮވެއެވެ. ދުވާލުގެ މަގުހިނގުމުގައި ނިވަލަކަށް ބޭނުންކުރާ މިބޮޑު ބުރުގާއަކީ އެދަރަޖައިގެ ބޭބޭކަނބަލުންގެ އަންހެން ދަރީންގެވެސް ނިވާވާ ފަރުދާއެވެ.

ބޮޑުބުރުގާއަކީ ޙައްޖަށްދާ އަންހެނުން މައްކާއިން އެތަނުގައި އުޅޭ އާދައިގެ އަންހެނުން ބޭނުންކުރި ހެދުމެއް އެބޭކަނބަލުން ރާއްޖެދުރުވެ މަގުމަތީ އުޅުއްވުމުގައި ބޭނުންކުރެއްވީކަމަށް ނުބުނެވެއެވެ.

ބުރުގާގެ ނަމުން ފުރަތަމައަށް ދިވެހި އަންހެނުންގެ މޫނުފިޔަވައި ބޮލާއި ކަރާއި މޭމަތިން ފެށިގެން ފަޔާއި ހަމައަށް ނިވާވާގޮތަށް "ނިވާ ފަރުދާ" އެއް އަޅަންފެށީ ދިވެހިރާއްޖޭގެ ވެރިކަން ލިޔެވިގެންވާ ޤާނޫނު އަސާސީއެއް ހިންގުމުގެ ދެތިން އަހަރެންގެ ކުރިންނެވެ. އެއިރުގެ ފަނޑިޔާރު ބޭކަލެއްގެ އަމުރަށެވެ. ވަރަށްކުރީ ޒަމާނުގައިވެސް މަލިކާއި މާލޭގެ އަންހެނުންގެ ކުރީސަފުގެ ބަޔަކު މިގޮތަށް ބުރުގާ ބޭނުންކުރިއެވެ. އެއީވެސް އެކިޒަމާނުގެ ދީނީ އެދުރުންގެ އަމުރާއި ނަޞީޙަތަށެވެ. ފަނޑިޔާރު ބޭކަލަކު އަހަރަކު އެއްފަހަރު "ނައިބުކަމާއި ހިނގުން" މިނަމުގައި މާލޭގައި (ރަޖަބު މަހުގެ ހަވަނަދުވަހު) ޖަމާޢަތެއްނެރެ ފަނޑިޔާރުމީހާގެ ނަޞީޙަތުގެ ފަތެއް އިއްވާނެއެވެ. މީގައި އަންހެނުން "ދޮޅި ފޭލި ބުރުގާ އެޅުން" މިހެން އޮވެއެވެ.

މަތީގައި ބަޔާންވެދިޔައީ ދުރު ޒަމާނާ ގުޅިގެން ދިވެހި އަންހެނުންގެ ހެދުމާ ގުޅޭގޮތުން ބައެއްވާހަކައެވެ. ދިރިއުޅުމުގެ އެތައްކަމެއްގެ ތެރެއިން އައި ބަދަލުތަކެއްގެ ތެރޭގައި ދިވެހި އަންހެނުންގެ ހެދުމަށްވެސް ބަދަލުއައެވެ.

"ދިވެހި އަންހެނުންގެ ހެދުން" އަޙްމަދު ޝަފީޤު ދަރުމަ 2002 ފެބްރުއަރީ

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment:

  1. thauleemuh dhiyaanaa gaives onnanee anhenaage aurayakee mulhi hashigandu kameve.

    ReplyDelete