1.08.2011

ބުރުގާއަށް ކުރެވޭ ކޮންމެ މަލާމަތެއް ރައްދުވާނީ އެޙުކުމް ބާވައިލެއްވި ފަރާތަށް

އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް
ކޮންމެ ޖަމާޢަތަކަސް، ޖަމްޢިއްޔާއަކަސް މުއައްސަސާ އަކަސް، ސްކޫލަކަސް، އިދާރާއަކަސް އެތަނެއް އޭގެ ޒަރީއާއިން ފާހަގަ ކުރެވޭ، ޝިޢާރެއް ލޯގޯއެއް ބެޖެއް، ނިޝާނެއް ކަނޑައެޅިފައި އޮވެއެވެ. އެއަރލައިން އޮފީހަކަށް ވަންނައިރު އެތަނުގެ ދަތުރު ފަތުރު ހުރި މަގުތައް ކުރެހިފައިވާ ޗާޓް ފެންނަންހުރެއެވެ. އެއަށް ބަލައިލާއިރު ދިގު ޓަވަރެއްގެފޮޓޯއެއް ހުރެއެވެ. އެއިން އަހަރެމެނަށް އެއީ ޕެރިސްކަން ފާހަގަ ކުރެވެއެވެ. ބްރިޖެއްގެ މަންޒަރު ފެނުމުން އެއީ ލަންޑަންކަން ދެނެގަނެވެއެވެ. ދުރުން ފެންނަ ރަށެއް ކުރަހާ މީހަކު ރަށުގެ މޭގައަކަށް އިސްލާމީ މަރުކަޒުގެ ގުއްބު ކުރަހައިފިނަމަ އެއީ މާލެކަމުގައި ފުރަތަމަ ނަޒަރުން ސިގްނަލު ލިބެއެވެ. ކޮންމެ ސްކޫލަކަށް ވަކިބެޖެކެވެ. އެބެޖާއި ޔުނިފޯމުގައި ހުރެ ކުރާކޮންމެ ކަމެއްގެ ރަނގަޅުނަމާއި ބަދުނާމު ނިސްބަތް ކުރެވޭނީ އެތަނަކަށެވެ.

ގްރީކްގެ ފަލްސަފާގެ ބައްޕަ ކަމުގައިވާ އަރުސްޠޫ (އެރިސްޓޯލް) އެކަށައަޅައިލި މަންތިޤީ ޤަވާއިދު ތަކުގައިވެސް އެއްޗަކަށް ޙުކުމް ކުރުމުގެ ކުރީން އޭގެ ތަޞައްވުރަށް ލާޒިމް ކަމުގައި ބުނެވެއެވެ. އަދި ތަޞައްވުރަށް ދަލީލު ކޮށްދޭ ދަލާލަތުގެ ބައިތައް ގެނެސްފައިވާއިރު އޭގެ މިޘާލެއްގެގޮތުން އަލިފާނުގެ ދަލީލަކަށް ދުން ގެނެސްފައިވެއެވެ. ދުރުން ދުން ފެންނަނަމަ އެތާ އަލިފާން ހުރެދާނެކަމަށް ބެލެވެއެވެ. އަދި އަލިފާން ހުރިނަމަ އިންސާނަކުވެސް އެތާހުރެދާނެކަމަށް ބެލެވެއެވެ. މާދިގުކުރާކަށް މިސާލު ޖަހާނެކަމެއް ނެތެވެ. މިއީ ހައްތަހާވެސް ފިޠުރަތުގެ ސަލާމަތުންހުރި ބުއްދި ޤަބޫލުކުރާ އުޞޫލެކެވެ. އެގޮތުންބަލާއިރު މާތްﷲ ބާވައިލެއްވި މާތްވެގެންވާ އިސްލާމްދީނަކީ ވެސް ޝިޢާރުތަކާއި އިންތަކެއް، އަދި ފާހަގަތަކެއް ކަނޑައެޅިފައިވާ ދީނެކެވެ.
އެގޮތުން މިސްކިތާއި، ފިރިހެނުންގެ ތުބުޅިއާއި، އަންހެނުންނަށް ބުރުގާއާއި، އަދި ބޮލުގައި އަޅާއެއްޗެހިން މުސްލިމުން ފާހަގަ ކުރެވޭކަމީ މަޢުރޫފް ވެފައިވާ ފާޅުކަމެކެވެ. މިއީ އިސްމުންގެ ޝިޢާރުތައް ކަމުގައި ވަނީ ބަލައިގަނެވިފައެވެ. މިކަން ތަޖުރިބާ ކުރެވޭނީ ހުރިހާ ދީނެއް އޮންނަ ޤައުމުޤައުމަށް ގޮސް، އުޅެވިފައިވާ މީހުންނަށެވެ.

ދިވެހިރާއްޖޭގައި މި ޙުކުމްތައް އޮޅުވައިލެވިފައިވުމާއި، މިކަންކަމުގެ މަޢުލޫމާތު ހުރިވަރު މަދުކަމުން ބަޔަކަށް ނޭގުމީ މިކަންދަންނަ، އެނގޭ މީހުންނަށް އެ ޙުކުމްތަށް ބަދަލުވެ އޮޅިގެންދާނޭ ކަމެއްނޫނެވެ. ފަހެ ބުރުގާގެ ޙުކުމަކީ މާތްﷲ ބާވައިލެއްވި ހުކުމެކެވެ' އާދަމް ޢަލައިހިއްސަލާމްއާއި ޙައްވާގެފާނަށް ކުރެއްވުނު ފާފައިގެ ޢުޤޫބާތެއްގެ ގޮތުގައި އެއުރެންގެ ޢަޥްރަ ކަޝްފުވެގެންދިޔައެވެ.

އާދެ! ޢަޥްރަ ކަޝްފުވުމަކީ ކޯފާއެކެވެ. ފަހެ ޢަޥްރަ ކަޝްފުވުމުގެ އުޤޫބާތު އިންސާނީ ދަރިފަސްކޮޅުގެ ފެށުން ކަމުގައިވާ އާދަމް ޢަލަހިއްސަލާމް އާއި ހައްވާއަށް ލިބިފައިވަނީ އިބްލީސްގެ ވަސްވާހަށް ހެއްލިވަޑައިގަތުމުގެ ސަބަބުންނެވެ. އެ ޢުޤޫބާތް އަޅުގަނޑުމެން މުސްލިމުން ކަމުގައި ވެގެން ތިބެ ބަލައިމިގަންނަނީ ފެޝަނެއްގެގޮތުގައިއެވެ. ތަހުޒީބުގެ ގޮތުގައެވެ. ތަރައްޤީގެ ގޮތުގައެވެ.

ދަންނައެ! ދީނުގެ ޝިޢާރަކަށް މަލާމާތްކޮށް ފުރައްސާރަކުރުމީ، މީހާ އިސްލާމްދީނުގެ އިމުން ބޭރުވެ މުރުތައްދުވާނެކަމެކެވެ. އަދި އެފަދަ ކަންކަމަށް މީހާގެ ނިޔަތް ރަނގަޅޭ، ނޫނީ ޤަޞްދުގައެއް ނުކުރަމޭ، ބުނުމީ ޢުޒުރުވެރި ވާނޭ ކަންކަމެއް ނޫނެވެ. އީމާންކަމަކީ އިޢްތިޤާދާއި، ބަހާއި، ޢަމަލާއި، މި ތިން ކަމުން އެކުލެވޭ ކަމަކަށް ވީއިރު ކާފިރު ވުމަށްވެސް މިއިން ކަމެއް މެދުވެރި ކޮށްފާނެއެވެ. ނަމަވެސް ހުރިހާކަމެއް ނޫނެވެ.

މިކަން ވާނީ މުޅި އިސްލާމީ އުއްމަތުގެ އެހާރާއި މިހާރުގެ أهل السنّة والجماعة ގެ މީހުން އިއްތިފާޤުވެފައެވެ. އެގޮތުން ތިމާގެ ހިތް ކޮންމެ ގޮތަކަށް އޮތޭ ބުންޏަސް ބޭރުފުށުންދައްކާ ޢަމަލުން ކާފިރު ވާނެގޮތްތައް ޢިލްމުވެރީން ވަނީ ބަޔާން ކުރައްވާފައެވެ. އޭގެތެރޭގައި އަމިއްލަ އިޚްތިޔާރުގައި ބުދަކަށް ސަޖިދަ ކުރުންހިމެނެއެވެ. ކީރިތި ޤުރްއާންކަން އެގިހުރެ ފާޚާނާ ތެރެއަށް އެއްލައިލުން ހިމެނެއެވެ. އިބްލީސް ކާފަރުވީކަމަށް މާތްﷲއަށް ނުކިޔަމަންތެރިކަން ދެއްކުން ނޫންކަން އޭނާގެ ބަޔާނުން އެނގެއެވެ. އޭނާގެ މާތްކަމުން ދެރަމީހަކަށް ސަޖިދަ ޖެހުމީ ނިކަމެތިކަމަކަށް ބަލައިގެންނެވެ. މައްކާގެ މުޝްރިކުންވެސް އެމީހުންނަށް މުޝްރިކުންނޭ މާތްﷲ ވަޙީކުރައްވާފައިވަނީ އެމީހުން އަޅުކަންކުރަނީ މާތްﷲއަށް ކަމަށާއި، އެބުދުތަކަކީ ހަމަ އެކަނި މެދުވެރިންކަމަށް އެމީހުން ބުނެ އިޢުތިރާފު ވަމުންދިޔަ ހިނދުގައެވެ. އެކަން ކީރިތި ޤުރްއާނުގައި ވަރަށް ޞަރީޙަކޮށް ބަޔާން ކުރައްވާފައިވެއެވެ. މިކަމުގެ ސާފުކަން ތައުބާ ސޫރަތުގެ 65-66 މިދެއާޔަތުގެ ސަބަބަށް ބަލައިލުމުން ވަރަށް ރީތިކޮށް ފާޅުވެއެވެ.

އިސްލާމުންގެ ނަމުގައި އިސްލާމީ މުޖުތަމަޢުތެރޭ ޝާމިލްވެގެން މަދީނާގައި އުޅެމުންދިޔަ ބަޔަކު ރަސޫލުﷲޞައްލަﷲގެ އަޞްޙާބު ބޭކަލުންނަށް ނިސްބަތްވާނެހެން ބުނިކަމަށް އިބުނު ޖަރީރު ރިވާ ކުރައްވާފައިވެއެވެ. "އަހަރެމެންގެ މިޤުރްއާން ކިޔަވާއުޅޭ (ޢިލްމު ދަންނަ) އަޞްޙާބުންނަށްވުރެން ކެއުމަށް ވަރުހުންނަ، ބަސްދޮގު، ހަނގުރާމައިގާ ފިނޑިބަޔަކު އަހަރެމެނަކު ނުދެކެމުއެވެ. (މި ރިވާޔަތް އިބްނު އަބީ ޚާތިމާއި އިބްނު މުރްދަވައިހި އާއި އަދި އެނޫން ބޭކަލުންވެސް ރިވާކުރައްވާފައިވެއެވެ.)

މިބައިމީހުން ހަމައެކަނި މިފަދަ ބަސްކޮޅެއް ބުނެލުމުން މާތްﷲ އެމީހުންގެ މައްޗަށް ކާފިރުކަމުގެ ވަޢީދު ބާވާލައްވާ ފަޟީޙަތް ކުރެއްވިއެވެ. އަހަރެމެންގެ މިދުވަސްވަރު ކުރާ މަލާމާތަށް ބަލާނަމަ މިއީ އަދި ހަމަ އަދަބުވެރި ބަސްބަހުގައި ހިމެނޭނެތޯއްޗެކެވެ.

ކޮންމެއަކަސް އެމީހުންގެ މިވާހަކަތައް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ހަމައަށް އައިއިރު ކީރިތި ޤުރްއާން ވަނީ ޚަބަރައިގެން އިސްވެގަނެފައެވެ. އެހިނދު އެހެން ބުނި މީހާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް އާދޭސް ކުރާ ޙާލު ޢުޒުރު ބަޔާން ކޮށްފައިވަނީ މިފަދައިންނެވެ. މިއީ އަހަރެމެން ދަތުރު ކުރުކޮށްލުމަށް ދައްކާލި މަޖާ ވާހަކަ ކޮޅެކެވެ. (އާދެ! އެއްވެސް ޙާލެއްގައި ހިތުގައި އެއްޗެއް އޮތަތީ ކީއެއްޗެހިތަކެއް ނޫނެވެ.) މާތްﷲ ވަޙީކުރައްވާފައި ވެއެވެ. (وَلَئِنْ سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ قُلْ أَبِاللَّهِ وَآَيَاتِهِ وَرَسُولِهِ كُنْتُمْ تَسْتَهْزِئُونَ (65) لاَ تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ إِنْ نَعْفُ عَنْ طَائِفَةٍ مِنْكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ ) (التوبة: 65-66) މާނައީ: " އަދި އެމީހުނާ ކަލޭގެފާނު ( އެކަމާ ބެހޭގޮތުން) ސުވާލުކޮށްފިނަމަ ކަނޑައެޅިގެން އެމީހުން ބުނާނީ 'އަހަރެމެން ވާކަން ކަށަވަރީ އަނގަ މަޖާކޮށް ސަޅިވާހަކަ ދައްކާ ބަޔަކު ކަމުގައެވެ'. ކަލޭގެފާނުވިދާޅުވާށެވެ. ތިޔަބައިމީހުން ފުރައްސާރަކޮށް މަޖާކުރަނީ މާތްﷲއާއި އެކަލާނގެ އާޔަތްތަކާއި، އަދި އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟ ބަހަނާ ދައްކަން ނަހަދާށެވެ. ތިޔަބައި މީހުން އީމާން އީމާން ކަމަށްފަހު ތިޔަތިބީ ކާފިރު ވެފައެވެ" މިއެވެ.

ވީމާ މާތްﷲ ބާވައިލެއްވި ކޮންމެ ޙުކުމަކީ އެއަށް ޤަދަރު ދޭންޖެހޭ ކަމެކެވެ. މާތްﷲއަށް ޤަދަރު ކުރުމުގެ ގޮތުންނެވެ. އެކަލާނގެ ޙައިޘިއްޔަތާއި ޢިއްޒަތްވަންތަ ކަމަށް ޢިއްޒަތްވަންތަ ކަމަށް އީމާންވެ ހިތުގައި ބިންވަޅު ނެގުނުގެ ގޮތުންނެވެ. މިއީ ތައުޙީދުގެ އެއްބައެވެ.

އާދެ! މިވާހަކަ ލިޔަންޖެހުނީ 20 މާރޗް 2006ގެ "ހަވީރު" ނޫހުގައި ކުރަހާފައިވާ ކާޓޫނެއްގެ އަމާޒު އިސްލާމްދީނުގެ ޝިޢާރަކަށް ކުޑައިމީސް ގޮތަކަށް ނިސްބަތް ވާތީއެވެ. ބޭއަދަބީކޮށް ފުރައްސާރައަކަށް ވެފައިވާތީއެވެ. އޭގެފަހުން އެތައް އަޚުންނެއްގެ މަސައްކަތުން އެކަމަށް ޢުޒުރު ބަޔާންކޮށް ނޫހުގައި ބުނެފައިވަނީ "20 މާރޗް 2006 ދުވަހުގެ ހަވީރުގެ 6ވަނަ ޞަފުޙާގެ ކާޓޫނު ކޮލަމްގައި 'ބިރުނުގަނެ ހިނގާބަލަ! އެއީ ބްލެކް ވިޑޯއެއް ނޫނޭ' މިހެންލިޔެފައިވާ ކާޓޫނުގެ ސަބަބުން މޫނުބުރުގާ އެޅިމީހުންނަށް މަލާމާތް ރައްދުވާކަމަށް ބައެއް ފަރާތް ތަކުން މާނަކުރާތީ، އެފަދަ މާނައެއްދޭ ހަވެދާނެފަދަ ކާޓޫނެއް ހަވީރުގައި ޖެހުނީތީ ހަވީރާއި ކާޓޫނުކުރެހި ކުރެހުންތެރިޔާގެ ނަމުގައި މަޢާފަށް އެދެމެވެ. އެކާޓޫނު ކުރެހީވެސް އަދި ޝާއިޢުކޮށްފައި ވަނީވެސް އެމާނައިގައި ނޫންކަމަށް...: މިހެންނެވެ.

އެއްޗެއްގެ މާނަ ކުރުމަކީ މަޤާމާއި ޙާލަތުގެ ގޮތުން ތަފާތުވާނެ ކަމެއްކަން ހަމަބުއްދިހުރި ކޮންމެ މީހަކަށް އެނގޭނެއެވެ. އަދި ބައެއް އެއްޗެއްސަކީ އެނޫންމާނައެއް ގަދަކަމުން ނޫނީ ނުނެގޭނެ އެއްޗިއްސެވެ. އެގޮތުން ތަންތަނުގެ ޝިޢާރު ތަކާއި މޮޓޯ އަދި ލޯގޯ ހިމެނެއެވެ.

ޞަލީބު ކަރުގައި އަޅައިގެން އަންނަމީހަކު ދުރުން ފެންނަ އިރަށް ފުރަތަމަ އެއީ އިސްލާމެކޭ ހިތަށް އަރާނެތޯއެވެ. އެހެނީ ޞަލީބަކީ ކްރިސްޓިޔަނުންގެ ޚާއްޞަ ޝިޢާރެކެވެ. އަދި އަޅައިގެންހުރި މީހާއަށް އެޅިއިރު ޞަލީބު ނުފެނި ނުވަތަ އެއީ ކޮންއެއްޗެއްކަން ނޭނގުނު ކަމުގައިވިއަސް އިސްލާމީ ޢާއްމު މުޖުތަމަޢުގެ ލޮލުން އެމީހަކާ ދިމާލަށް ބަލާލާނީ ކްރިސްޓިއަނެއްގެ ލޮލުންނެވެ. ހަމަ އެގޮތަށް ޤައުމުގެ ވެރިމީހާގެ ފާޑުފާޑުގެ ކާޓޫނާއި ގޮތްގޮތަށް ގުޅާލެވިފައިވާ ފޮޓޯތައް ޑިމޮކްރަސީ ނުވަތަ މިނިވަން ނޫސްވެރިކަމުގެ ދަށުންނޭ ކިޔާ ހަދަމުން ދިޔަސް އެއީހަމަ ކުރެވޭ ފުރައްސާރައަކަށްނޫން ކަމަކަށް ވާނެތޯއެވެ. މިސާލަކަށް ހަވީރު ނޫހުގެ ކައްކަކާކޯ ކުރަހާ އަޙްމަދު ނަޢީމްގެ ކާޓޫނެއް ކުރަހާފައި، ކައިރީގައި "މިއީ ވަލުޖަނަވާރެއް ނޫން- ހަމަ އިންސާނެއް ބިރުނުގަނޭ" މިފަދައިން ލިޔެފިނަމަ އެއީ އޭނާއަށް ކުރެވޭ އިޙްތިރާމްތޯއެވެ. ނޫނެކެވެ. ހިލާ އެހެއްނެއް ނުވާނެއެވެ. އެއީ ހަމަ އޭނާއަށް ކުރެވޭ ފުރައްސާރައެވެ. ބުނެވޭ ކުޑައިމީސް ބަހެކެވެ.

އަޅުގަނޑުގެ ޑައިރީތެރެއިން ހަވީރު ނޫހުގެ ތާރީޚަށް ބަލާއިރު ޢާއްމުކޮށް ދީނާއި ޚިލާފަށް އަދި ޚާއްޞަކޮށް ބުރުގާއަށް އަމާޒުކޮށް ސީދާ ކޮށާއި ނުސީދާކޮށް ލިޔުންތަކާއި ފޮޓޯތައް ފެނިފައެބަހުއްޓެވެ. މިކަމުގެހެކި ކުރީގެ "ހަވީރު" ނޫސްތައް މުޠާލިޢާ ކުރެއްވުމުން ލިބޭނެއެވެ. އޭރުގެ ޙާލަތު ހުރިގޮތައް ބަލާއިރު ދީނާ ޚިލާފަށް ލިޔެފައިވާ ލިޔުމަކާއި އިދިކޮޅަށް ވައްކަޅިންވެސް ބަލައިލެވޭނީވެސް ކުޑަގޮޅީގައި ކުރިން އޮވެގެންނެވެ. ނަމަވެސް މިފަހަރު މިވަރަށްވެސް މަޢާފު އެދުމުގެ އިޝާރާތެއް ވަނދު ޢިބާރާތަކުން ނަމަވެސް އައުމީ މުސްތަޤުބަލަށް އުފާވެރި އުއްމީދެކެވެ. މާތްﷲ އަހަރެމެންގެ ޖާހިލުކަން ފިއްލަވައި އިސްލާމީ ރިވެތި އަދަބުން އަދަބުވެރި ކުރައްވާށިއެވެ! آمين

ތައުބާއަށް އަވަސް ވެގަންނަން ވީއެވެ. މާތްﷲއީ އަޅުތަކުންގެ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ.
..................
ދަރުމަ މަޖައްލާއިން ނަގާފައިވާ ލިޔުމެއް

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment:

  1. މުޙައްމަދުJanuary 9, 2011 at 12:09 AM

    ޝައިޚް ޢަބްދުﷲ ގެ ލިޔުންތައް ވަރަށް މޮޅު މާޝާ ﷲ. ވަރަށް ފުރިހަމަ އާރޓިކަލްއެއް.

    ReplyDelete