1.05.2011

ޅަފަތުގައި ދަރިންނަށް ރަގަޅު ތަރުބިޔަތު ދިނުމުގެ މުހިއްމުކަން

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ
بسم الله الرحمن الرحيم ، الحمد لله رب العالمين ، والصلاة والسلام على قدوتنا وحبيبنا ونبينا محمد وعلى آله وأصحابه أجمعين ، أما بعد! السلام عليكم ورحمة الله وبركاته!
އާދެ! މިހާރަކަށް އައިސް ބޮޑުވަމުން އަންނަ ކުދިންނާއި ޒުވާނުންގެ އަޚްލާޤީ ފެންވަރު ދަށްވަމުންދާކަމީ، އަޅުގަނޑުމެންކުރެ ހަމަ ކޮންމެ މީހަކަށްވެސް އިޙްސާސްކުރެވޭ ކަމެއް. ޝައްކެއްނެތްގޮތުގައި މިއީ އަޅުގަނޑުމެން އެންމެންވެސް ކަންބޮޑުވާ ކަމެއް. އާދެ! ހަމަ ކޮންމެ މީހެއްގެވެސް ޝަކުވާއަކީ މިހާރަކަށް އައިސް ބޮޑެތި ވަމުންއަންނަ ގިނަކުދިން މުޖްތަމަޢުގެ އަދަބުތަކުގައި ނުހިފަހަށްޓާ ވާހަކަ. މައިންބަފައިންނަށް ކަމޭ ނުހިތާވާހަކަ، މުދައްރިސުންނަށް އިޙްތިރާމް ނުކުރާވާހަކަ، އަމުރުވެރިންނަށް ކިޔަމަން ނުވާވާހަކަ، ބޮޑެތި މީހުންނަށް އިޙްތިރާމް ނުކުރާވާހަކަ، އަވަށްޓެރިންނަށް އިޙްތިރާމް ނުކުރާވާހަކަ. ކުޑަކުދިންނަށް އޯގާތެރިނުވާ ވާހަކަ، މަގުމަތީގެ އަދަބުތަކުގައި ނުހިފަހައްޓާ ވާހަކަ . އާދެ! މިހީ އެންމެންގެ ވެސް ޝަކުވާ.
މީގެއިތުރުން، މަސްތުވާތަކެތި ބޭނުންކުރުމާއި، ވައްކަންކުރުމާއި، މީހުންނަށް އަނިޔާކުރުމާއި، މާރާމާރީ ހިންގުމާއި، ބަދުއަޚްލާޤީ ޢަމަލުތައް ހިންގުންފަދަ ކަންތައްތައް ދަނީ، ދުވަހުން ދުވަހަށް އިތުރުވަމުން ޢާއްމުވަމުން. މިފަދަކަންތައް މިވަނީ އަތްނުފޯރާ ފަށަށް ގޮސްފައި.

އެންމެންގެވެސް ސުވާލަކީ މިކަންތައް ހުއްޓުވޭނީ ކިހިނެއްތޯ ؟ މިކަމުގެ ފަރުވާއަކީ ކޮބައިތޯ؟
މިސުވާލުގެ ޖަވާބަކަށް ދިއުމުގެ ކުރިން އަޅުގަނޑު ކޮށްލަން ބޭނުން ސުވާލަކީ، މިކަންތައްތައް މިހިސާބަށް ދިޔައީ ކޮންކޮން ސަބަބުތަކާ ހުރެތޯ، ހޯދާ ބަލަން އަޅުގަނޑުމެން މަސައްކަތެއް ކޮށްފީމުތޯ؟ އާދެ! ކަމެއްގެ ޙައްލު ހޯދޭނީ އެކަމެއް މެދުވެރިވާން ދިމާވި ސަބަބު އެގިގެންކަން ކަށަވަރު.

ބޭސްފަރުވާގެ ވެސް އެންމެބޮޑު ބަޔަކީ ތަފާތު ތަޙްލީލުތައް ކޮށްގެން، ބައްޔާއި ބަލިޖެހެން މެދުވެރިވި ސަބަބު ހޯދުން. ފަރުވާދެނީ އެއަށްފަހު. ހަމައެފަދައިން ބަލީގެ މަސްދަރު ހޯދުމަކީވެސް ވަރަށް މުހިއްމުކަމެއް. އެއީ، އެހެންމީހުންނަށް އެބަލި ޖެހިޔަނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި. އާދެ! މިއަށް ވެކްސިން ދިނުމޭ ކިޔައިއުޅޭ.

ޝައްކެއްނެތް ގޮތުގައި، ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ކުށެއްނެތް މަޢުސޫމު ކުއްޖެއްގެ ގޮތުގައި. އެއަށްފަހު، އެކުއްޖަކު އެކިގޮތްގޮތަށް ބައްޓަންވެގެންދަނީ އެކުއްޖަކު ގެންގުޅެވޭ ގޮތަކުން. އެކުއްޖަކަށް ދެވޭ ތަރުބިޔަތަކުން. އެކުއްޖަކަށް ފޯރުކޮށްދެވޭ މަޢުލޫމާތަކުން. އެކުއްޖަކު ދިރިއުޅޭ މާޙައުލެއްގެ ސަބަބުން. މިއީ ހައްތާވެސް ކުދިންގެ އުޅުމާއި އަޚްލާޤާއި ސުލޫކަށް ބަދަލުތައް އަންނަ ވަސީލަތްތަކުގެތެރޭގައި ހިމަނޭ ކަންތައްތައް.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘުކުރައްވާފައިވޭ "كُلُّ مَوْلُودٍ يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ" [اَلْبُخَارِيْ وَمُسْلِمٌ] މާނައީ "ކޮންމެ ކުއްޔަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. އެއަށްފަހު އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞްރާނީއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޔާގެ މައިންބަފައިންނެވެ.

އާދެ! މިޙަދީޘުން ދޭހަވާ ގޮތުގައި ކުދިންގެ އުޅުމަށާއި އަޚްލާޤަށް ބަދަލުތައް އަންނަ ކަންތައްތަކުގެ ތެރޭގައި އެކުއްޖަކު ގެންގުޅޭ ގޮތަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމެއް. މީގެ އިތުރުންވެސް ކުދިންގެ އުޅުމަށް ބަދަލުތައް އަންނަކަންތައްތަކުގެ ތެރޭގައި، ކުދިން ގެންގުޅެވޭ މާހައުލާއި އުނގަންނައި ދެވޭ ދިނުމާއި މިބާވަތު އެތައްކަމެއް ހިމެނިގެންވޭ.
މީގެ ތެރެއިން މިތާގައި އަޅުގަނޑު ފާހަގަކޮށްލަން ޤަސްދުކުރަނީ ތަޢުލީމުދިނުމާއި ތަރުބިއްޔަތު ކުރުމުން ކުދިންގެ އުޅުމަށާއި އަޚްލާޤަށް އަންނަ ބަދަލު.

އާދެ! މިހާރަކަށް އައިސް ބޮޑުވަމުން އަންނަ ކުދިންނާއި ޒުވާނުންގެ އަޚްލާޤީ ފެންވަރު ދަށް ވަމުންދާކަމީ ހަމަކޮންމެ މީހަކަށްވެސް އިޙްސާސްކުރެވޭނޭ ކަމެއް. އަދި މިއީ މިހާރު އަޅުގަނޑުމެން އެންމެންވެސް ކަންބޮޑުވާ ކަމެއް.

ދަރިންގެ އަޚްލާޤު ފާސިދުވާން މެދުވެރިވާ ބައެއް ސަބަބު :
- ދިރިއުޅުމުގެ ދަތިކަމާއި، ޢާމްދަނީ ލިބޭ ވަސީލަތްތައް މަދުކަން. ނަތީޖާއަކަށްވަނީ މައިންބަފައިން އާދެ! ގިނަފަހަރަށް މަންމައާއި ބައްޕައާއި ދެމީހުން އެއްފަހަރާ ޢާމްދަނީ ހޯދުމަށް ގިނަވަގުތު ގެއިން ބޭރުގައި އުޅެން މެދުވެރިވުން. އެހެންކަމުން ދަރިންނާ އަޅާލެވޭވަރު ކުޑަވުން.

- ޢާއިލާތައް ރޫޅެން ދިމާވުން، އާދެ! ވަރިގިނަވުމަކީވެސް އޭގެ ސަބަބުން ދަރިންނަށް ބޮޑެތި އަސަރުތަކެއް ކުރާކަމެއް. ޢާއިލާ ރޫޅެން ދިމާވާ ސަބަބުތަކަކީވެސް ވަކިން ބަޙުޘުކުރަން ޖެހޭ ކަމެއް، ދެމަފަރިންކުރެ އެކަކަށްވެސް ތިމާގެ ބައިވެރިޔާގެ ފަރާތުން ލިބެންޖެހޭ ޙައްޤާއި ހިތްހަމަޖެހުން ނުލިބޭ ކަމީ މީގެ ތެރޭގައި ހިމެނޭ ކަމެއް. އާދެ! ދީނުގައި ކަނޑައެޅިފައިވާ އިމުން ބޭރުވުން. ކޮންމެއަކަސް މިއީވެސް ވަކި މައުޟޫއެއް އެހެންކަމުން މިވަގުތު އެމައުޟޫޢަށް ދާކަށް އަޅުގަނޑު ނެތިން.
- މަސްތުވާތަކެތި ބޭނުން ކުރުން. އާދެ! މަސްތުވާ ތަކެއްޗަކީވެސް އަޅުގަނޑުމެންގެ ރާއްޖޭގައި އިންދައިގެން އުފައްދާ އެއްޗެއް ނޫން. އެހެންކަމުގައިވާނަމަ އަޅުގަނޑުމެންގެ ތެރެއަށް މިއެއްޗެހި އެތެރެވަނީ ކިހިނެއްތޯ؟ އެކަންތައްތައް ބަލައި އިޚްލާޞްތެރިކަމާއެކު އެކަމަށް ފިޔަވަޅުތަކެއް ނޭޅޭހާ ހިނދަކު މަސްތުވާތަކެތި ބޭނުންކުރާމީހުންނަށް ފަރުވާ ދިނުމުގެ މާނައެއްނެތް. އޭގެ މިސާލަކީ ފޫނެތް ފަޔަކަށް ފެން ފުރުމުގެ މިސާލު.

* ދަރިން ތަރުބިޔަތު ކުރުމުގައި ޅަފަތުގައި ކުރަން ޖެހޭ ބައެއް ކަންތައްތައް
- ނަމާދު ކުރަން ދަސްކޮށް ދިނުމާއި ނަމާދު ކުރުން އާދަކުރުވުން.
- އަންހެން ކުދިން ޚާއްޞަގޮތެއްގައި، ގޭތެރޭގެ ކަންކަމުގައި އެހީތެރިވެ އުޅުމަށާއި ގެވެހިކަމަށް ތަމްރީނު ކުރުވުން
- ދީނީ ވާޖިބުތަކަށް ޙުރުމަތްތެރިކޮށް ހިތުން.
- ދީނުގައި އައިސްފައިވާ ރިވެތި އަދަބުތަކުގައި ހިފެހެއްޓުމަށް ބާރު އެޅުން. މިސާލަކަށް: ކެއުން ބުއިމުގެ އަދަބުތަކާއި، ކާން ފެށުމުގެ ކުރިން އަތް ދޮވުމަށާއި ބިސްމި ކިޔުމަށާއި ކަނާއަތުން ކެއުމަށާއި ކައިނިމިގެން ﷲ އަށް ޙަމްދު ކުރުމަށް އާދަކޮށް ދިނުން.
- ފުރާވަރަށް އަރަމުންދާ އަންހެން ކުދިންނަށް ބާލިޣުވުމާއި އެކަމާއި، ގުޅިގެން ކުރަން ޖެހޭ ކަންތައްތައް ދަސްކޮށް ދިނުން.
- ކުޑަ އިރުއްސުރެ ޢައުރަ ނިވާކުރަން އާދަކުރުވުން. ކުދިން ބޮޑުވުމުން މިކަން ކުރުވަން އުޅުނަސް އޭރުން ވަރަށް އުނދަގޫ ކަމަކަށް މިކަން ވާނެ.
- ބައެއްގެ ތެރޭގައި ކަމެއް އާދަ ވެއްޖެނަމަ، އެއީ ހުތުރު ކަމެއްކަމުގައި މުޖްތަމަޢަކުން ނުދެކޭނެ. އަދި ދުވަސްކޮޅަކުން މުޖްތަމަޢުން އެކަން ބަލައިގަންނާނެ ވެސްމެ.
މިސާލު: ޢައުރަ ނިވާނުކޮށް އުޅުން. ދެޖިންސުގެ ޒުވާނުން އެކުގައި ނެށުން. ހިތާވެގެން އުޅޭ ކުދިން އެކުގައި ޕިކްނިކް ދިއުމާއި، ޕާޓީތަކަށް ދިއުމާއި ފުރަފުރައިގެން ތަންތަނަށް ދިއުން ފަދަ ކަންކަން.
- ދިވެހި ރާއްޖޭއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއް. ރާއްޖޭގައިވާ ހުރިހާ ސްކޫލް މަދުރަސާތަކަކީވެސް ވާންވާނީ ދިވެހިންގެ ދީން ކަމުގައިވާ އިސްލާމް ދީނާމެދު ލޯބިޖެއްސުމަށް ބާރުއަޅާ ސްކޫލްތައް.

ބުރުޤާ އަޅަން ޖެހެނީ ހަމައެކަނި ޢަރަބިއްޔާގައި ކިޔަވާކުދިންނެއް ނޫން. މުސްލިމުން ކަމުގައިވާނަމަ ކޮންމެ އެއްޗެއް ކިޔެވިއަސް، އިސްލާމް ދީނުގެ ޙުކުމްތަކަށް ތަބާވާން ޖެހޭ. ޢައުރަ ނިވާކުރުމީ ހަމަކޮންމެ މުސްލިމެއްގެ މައްޗަށްމެ ވާޖިބުވެގެންވާ ކަމެއް.

ދުނިޔޭގެ ބައެއް ޤައަމުތަކުގައި ކުރެވިފައިވާ ދިރާސާތަކަށް ބަލާއިރު، އަންހެންކުދިން ކުރު ހެދުން ލައިގެން ކިޔަވަންދާ ސްކޫލްތަކާއި ހަރުވާޅު ލައިގެންދާ ސްކޫލް ތަކުގައި ޙާޞިލު ކުރެވޭ ނަތީޖާ ތަފާތުކަން ފާހަގަ ކުރެވިފައިވޭ. ސަބަބަކީ، ކުރު ހެދުން ލައިގެން ތިބޭއިރު، ހަށިގަނޑުން ބައެއް ކަޝްފުވެދާނެ ކަމަށް އެކުދިންގެ ވިސްނުން އަބަދު އެދިމާލަށް ހުއްޓިފައި ހުރުމުން ކިޔެވުމަށް ދޭންވާ ސަމާލުކަން ފުރިހަމަ ގޮތުގައި ނުދެވޭކަން. ވަކިން ޚާއްޞަކޮށް ދެޖިންސުގެ ކުދިން އެކުގައި ކިޔަވާ ތަންތަނާއި، އަންހެން ކުދިންނަށް ފިރިހެން ޓީޗަރުން ކިޔަވައިދޭން ދާ ތަންތާގައި މިކަން އިތުރަށް ފާހަގަ ކުރެވިފައިވޭ. އެހެންކަމުން، އިނގިރޭސި ވިލާތުގެ ބައެއް ސްކޫލް ތަކުގައިވެސް ކުރު ސްކާޓް ލުން މަނާކޮށް ހަރުވާޅު ލާން އަންގާފައިވޭ.

މާތް ﷲ ވަޙީކުރައްވާފައިވޭ. يَا أَيُّهَا النَّبِيُّ قُلْ لأزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِنْ جَلابِيبِهِنَّ ذَلِكَ أَدْنَى أَنْ يُعْرَفْنَ فَلا يُؤْذَيْنَ وَكَانَ اللَّهُ غَفُورًا رَحِيمًاá [الأحزاب 59] މާނައީ"އޭނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާއި ކަލޭގެފާނުގެ ދަރިދަރި ކަނބަލުންނާއި އެންމެހައި މުއުމިނު އަންހެންތަކުން، އެކަނބަލުންގެ ފޭރާންތަކުން ނިވާވެތިބުމަށް އަންގަވާށެވެ! އެއީ، އެކަނބަލުންނީ ޢިއްފަތްތެރި އަބުރުވެރި ބަޔަކުކަން އެނގިގެން ވުމަށާއި، މީސްތަކުންގެ އުނދަގުލުން އެކަނބަލުން ސަލާމަތްވެ ތިބުމަށެވެ. ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، އޯގާވަންތަވެ ވޮޑިގެންވާ އިލާހެވެ."

- ދަރިން ސީދާމަގުން ކަސިޔާރުވެގެންދާ ސަބަބުތައް
- މައިންބަފައިންގެ މެދުގައި ޒުވާބު ކުރުމާއި އަރައިރުން ވުން
- ޢާއިލާ ރޫޅުން
- ފުރާވަރަށް އަރަމުންދާ ކުދިންނަށް ހުސްވަގުތު މާގިނައިން ދެވިފައިވުން، ވަގުތުގެ ބޭނުން ރަގަޅު ގޮތުގައި ހިފުމަށް، ކުދިންނަށް މަގު ދައްކުވައި ދެވިފައި ނުވުން.
- ނުބައި ރަޙްމަތްތެރިންނާއި އެކީގައި އުޅެން ދިމާވުން
- މައިންބަފައިން ދަރިންނާ މެދު ހަރުކަށިކޮށް ނުވަތަ ނުރަގަޅު ގޮތްތަކަށް މުޢާމަލާތު ކުރުން.
- ބޭއަދިބީ ފިލްމުތައް ބަލުމާއި އެބާވަތުގެ ލަވަ އަޑު އަހައި ހެދުމާއި، އަޚްލާޤީގޮތުން ދަށްފެންވަރުގެ މަޖައްލާފަދަ އެއްޗެހި ބަލައި ހެދުން، ވަކިން ޚާއްޞަކޮށް އިންޓަނެޓް ފަދަ ވަސީލަތްތަކުން ލިބެން ހުންނަ، އަޚްލާޤީގޮތުން ދަށްފެންވަރުގެ ސައިޓްތަކަށް ވަދެ އުޅުން.

މައިންބަފައިން ދަރިން ތަރުބިޔަތު ކުރުމުގައި އިހްމާލުވުން. މަންމަ އާއި ބައްޕަ ބޭރުތެރޭގައި އަވަދިނެތި އުޅެން މެދުވެރިވުން. ތިމާގެ ދަރިން އުޅޭނޫޅޭ ގޮތް ބަލައިލާނެ ފުރުސަތެއް ދެމީހުން ކުރެ އެކަކަށްވެސް ނުލިބުން.
......................
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ރަސްމީ ވެބްސައިޓުން ނަގާފައި

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment