8.13.2011

ދަރިފުޅު ބޮޑާ ނުހާކާށެވެ

އަލްއުޚްތު ޚަދީޖާ އިސްމާޢިލް
ފުރަތަމަ ދުވަހު ކުޅޭކުޅޭ ކާރެކެވެ. ދެވަނަ ދުވަހު ބޯޅައެކެވެ. ދެން އަތުކުރީ ގަޑިއެކެވެ. އެހިސާބުން ނިމުނީކީ ނޫނެވެ. އޮފީހުން ނިމިގެން ގެއަށް އަންނަ މަގުމަތީ ދަރިފުޅަށް ހަދިޔާ ގަތުން އައިސަގެ އާދައަކަށް ވިއެވެ. ހަދިޔާ ލިބުމުން ދަރިފުޅު އުފާވެއެވެ. އަދި އައިސަ ވެސް ހިތްހަމަ ޖެހެވެ. ކަންތައް ކުރެވެމުންދިޔަ ގޮތާ ދޭތެރޭ ވިސްނާލެވުނީ ހަދިޔާއެއް ނުލާ ގެއަށް އާދެވުނު ދުވަހު ދަރިފުޅު ހޭކި ބޮޑަލުންނެވެ. އައިސަ ކަންތައް ކުރަމުން އައި ގޮތުން ދަރިފުޅަށް ލިބެމުން އައީ ނުރަނގަޅު މެސެޖެއްކަން ވިސްނުނެވެ.

ތެދެކެވެ. ކުޑަކުދިންނަކީ އެއްޗިހި ބޭނުންވާ ބައެކެވެ. އެއްޗިއްސަށާއި ކަންތައްތަކަށް އަބަދު އެދި އެދި ތިބޭ ބައެކެވެ. ނަމަވެސް ދަރިފުޅުގެ ކޮންމެ އެދުމަކަށް އާއެކޭ ބުނުމުން ތިމާ ބޭނުން ކޮންމެ ކަމެއް ވާންޖެހޭނެކަމާއި ބޭނުން ކޮންމެ އެއްޗެއް ލިބެންޖެހޭނެކަމަށް ދަރިފުޅަށް ހީވާން ފެށުން އެއީ ކައިރިކަމެކެވެ. ދަރިފުޅުގެ ކޮންމެ އެދުމަކަށް އާނ ބަސް ބުނުމުގެ ބަދަލުގައި ބައެއް ފަހަރު ނޫނެކޭ ބުނުން އެއީ މުހިއްމު ކަމެކެވެ. އެއީ ދަރިފުޅުގެ އެދުންތަކަށް ނޫނެކޭ ބުނާ އަޑު އަހަން ދަރިފުޅަށް ދަސްކޮށްދޭން ޖެހޭތީއެވެ. ކޮންމެ ބެލެނިވެރިއަކުވެސް ތިމާގެ ދަރިފުޅު ބޭނުން އެއްޗިހި ހޯދައިދިނުމަށް އެދޭނެއެވެ. މައްސަލައަކީ ތަކެތި ހޯދައިދިނުމެއް ނޫނެވެ. ތިމާ ބޭނުން ކޮންމެ ކަމެއް ނުވާނެކަން ނުވަތަ ބައެއް ކަންތައް ކޮށްދީ އަދި ތަކެތި ހޯދައިދިނުމަކީ އޭގެ ރަނގަޅު ގޮތެވެ. ތިމާގެ ދަރިފުޅު ދެކެވާ ލޯބިން ދަރިފުޅު 'ހަލާކު' ކުރެވުނީތޯ ބަލާނަމަ ބަލަންޖެހޭނީ ދަރިފުޅަށް ދެވިފައިވަނީ ކޮންކަހަލަ މެސެޖެއްތޯ ވިސްނާލައިގެންނެވެ. ދަރިފުޅު ބޭނުންވި ކުޅޭ ސެޓު ނުލާ ގެއަށް އާދެވިއްޖެނަމަ ދަރިފުޅުގެ ފަރާތުން ބޮޑާ ހޭކުމާއި ރުޅިގަދަވުން ފެންނާނެކަން ތިމާއަށް ޔަޤީން ވާނަމަ ހަމަ ޔަޤީނުންވެސް އޭނާއަށް ލިބިފައި އެވަނީ ނުރަނގަޅު މެސެޖެކެވެ.

ތިމާގެ ދަރިފުޅަކީ ދަހިވެތި އަދި އަމިއްލަ އެދުން ބޮޑު ކުއްޖަކަށް ހެދުމަށް އެއްވެސް ބެލެނިވެރިއަކު ނޭދޭނެއެވެ. ނަމަވެސް ދިރިއުޅުމުގައި ކަންތައް ދިމާވާ ގޮތުން ދަރިފުޅުގެ އެއްވެސް އެދުމަކަށް ނޫނެކޭ ބުނަން ޖެހިލުން ވާފަދަ ގޮތް މެދުވެރިވާ ފަހަރު އާދެއެވެ. ނަމަވެސް މިފަދަ ދަނޑިވަޅުތަކުގައިވެސް ވަގުތީ ޙައްލެއް ހޯދުމުގެ ބަދަލުގައި ކުރިމަގަށް ވިސްނުމަކީ ބުއްދިވެރި ގޮތެވެ. މިސާލެއް ނަގަމާތޯއެވެ. އައިސަ އޮފީހަށް ދަމުން ދަނީ ދަރިފުޅު އޭނާގެ ބޮޑުދައިތަގެ ގެއަށް ލައިފައެވެ. ބޮޑުދައިތަ ގެޔަށް ދާން ނުވާކަމާ މަންމަ ކައިރީ ހުންނަން ބޭނުން ވާހަކަ ދަރިފުޅު ބުންޏަސް އައިސައަށް އެނޫން އެހެން ގޮތެއް ނޯވެއެވެ. ކޮންމެ ދުވަހަކު ހަދިޔާ ގެނެސްދޭން ފެށުނީ އޭގެ ބަދަލުގައި ދަރިފުޅު ހިތްހަމަ ޖެއްސުމަށެވެ.

މިފަދައިން ގިނަފަހަރު ދިމާވަނީ ގިނަ ވަގުތު މަސައްކަތުގައި އުޅޭ، ނުވަތަ ވަރިވެފައިވާ ބެލެނިވެރިންނަށެވެ. ބައެއް ބެލެނިވެރިން ބުނާގޮތުގައި މަސައްކަތުގެ ބުރައާއި ވަރުބަލިކަމަށްފަހު ދަރިފުޅާއިއެކު ހޭދަކުރުމަށް ލިބޭ ކުޑަ ވަގުތުކޮޅު ދެބަސްވުމާއި ހަމަނުޖެހުމުގައި ހޭދަކުރަން ބޭނުންނުވާތީ ދަރިފުޅުގެ ކޮންމެ އެދުމަކަށް އާއެކޭ ބުނެލަނީއެވެ. ފަހުން ފެނިދާނެ ނަތީޖާއަކަށް ވިސްނާނުލައެވެ. ދަރިފުޅާއެކު ހޭދަކުރަންޖެހޭ ވަގުތު ހޭދަ ނުކުރެވުމުން ލިބޭ އުނިކަން، ހޯދައިދެވޭ ތަކެތިން ފޫނުބެއްދޭނެކަން ޤަބޫލު ކުރާ ހިނދުވެސް ބައެއް ފަހަރު ތިމާއަށް ކަންކުރެވޭގޮތުން ދެވޭ މެސެޖަކީ އެއީއެވެ. ކުދިންނަކީ މިފަދަ މެސެޖް ފަސޭހައިން ނަގައިގަންނަ ބައެކެވެ. ކޮންމެ ދުވަހަކުވެސް ދަރިފުޅަށްޓަކައި ވަގުތު ހުސްކުރުން އެއީ މުހިއްމު ކަމެކެވެ. އެއީ އެވަގުތުގައި ތިމާގެ ހުރިހާ ސަމާލުކަމެއް ދަރިފުޅަށް ދެވޭނެ ގޮތަށެވެ. އަދި ދަރިފުޅަށްޓަކައި ޤަވާޢިދުތަކާއި ޙައްދުތައް ކަނޑައަޅައި ދަރިފުޅަށް އެ ޤަވަޢިދުތަކާއި ޙައްދުތަކާ އެއްގޮތަށް ކަންތައް ކުރަން އާދަކޮށްދެވިދާނެއެވެ. މިސާލަކަށް، ކުޅިވަރެއް ކުޅުމަށް ވަކިވަރަކަށް ވަގުތު ކަނޑައެޅިދާނެއެވެ. ކޮމްޕިޔުޓަރ ކައިރީ ގޭމްކުޅުމަށް ކުދިން ގިނަ ވަގުތު ހޭދަކުރާތީ އެކަމާ ބެލެނިވެރިން ޝަކުވާ ކުރާ އަޑު އަހަމެވެ. ނަމަވެސް މި ދެންނެވި ފަދައިން ވަކި ޤަވަޢިދުތަކެއް ހެދި، ދަރިންނަށް ވިސްނާދެވިފައިވާނަމަ މި ޝަކުވާ ކުރަން ޖެހޭނެބާވައެވެ. ތެދެކެވެ. ޤަވާޢިދު ތަކެއް ހެދިދާނެއެވެ. ޙައްދުތަކެއް ކަނޑަ އެޅިދާނެއެވެ. ނަމަވެސް އެހާވަރަކުން އަދި ނުފުދެއެވެ. އެންމެ މުހިއްމުކަމަކީ އެ ކަނޑައެޅޭ ގޮތެއްގައި ތިމާ ހިފެހެއްޓުމެވެ. ބޯޅަކުޅެވޭނީ ފިލާވަޅުތައް ދަސްކޮށްފައި ކަމުގައި ދަރިފުޅަށް އަންގައިފިނަމަ ދަރިފުޅަށް ބޯޅަ ކުޅެވެންވާނީ ފިލާވަޅު ދަސްކުރުމުންނެވެ. ކުދިންނަކީ އަބަދުވެސް ބޮޑެތި މީހުން އިމްތިޙާނު ކުރާ ބައެކެވެ. ބޮޑެތި މީހުން އެމީހުންގެ ބަހުގައި ހިފަހައްޓާ ވަރެއް އެކުދިން ބަލާނެއެވެ. ބައެއްފަހަރު ކުދިން ރޮއެ އަޑުގަދަ ކުރުމުން ބޮޑެތި މީހުން އެމީހުންގެ ގޮތް ދޫކޮށް ކުއްޖާ އެދޭ ގޮތަށް ކަންތައްކޮށްދެއެވެ. އެފަދައިން ބޮޑެތި މީހުން ކަންތައް ކުރާނަމަ ކިތައްމެ ޤަވާޢިދުތަކެއް ހަދާ ނިންމިޔަސް އެއިން އެކައްޗަކީވެސް ކުއްޖާއަށް މުހިއްމު އެއްޗިއްސެއްނޫނެވެ. އެއީ އެ ޤަވަޢިދުތަކާ އެއްގޮތަށް ކަންތައް ނުކޮށް ވާނެކަން އެނގޭތީއެވެ.

ކުޑަކުދިންނަކީ އެބަޔަކަށް ގިނަގިނަ އިޝްތިހާރުތައް އަމާޒުވާބައެކެވެ. ބައެއް ފަހަރު މަދަރުސާގައި އެކުގައި އުޅޭ ކުދިންގެތެރޭ ވަކި ވައްތަރެއްގެ ދަބަހެއް ނުވަތަ ބޫޓެއް ހޯދައިދިނުމަށް އެދިދާނެއެވެ. މިފަދައިން އެދިއްޖެނަމަ އެއީ ކޮންމެހެން ނުހޯދާ ނުވާނޭ އެއްޗެއްތޯ ވިސްނާލަން ޖެހެއެވެ. އޭނާގެ އެކުވެރިންތެރޭ ބާކީ ވަނީއޭ ދަރިފުޅަށް ހީވިޔެ ނުދިނުންވެސް އެއީ ތިމާ ވިސްނާލަން ޖެހޭނެކަމެކެވެ. އެހެންކަމުން ބައެއްފަހަރު އެ އެއްޗެއް ހޯދައިދިނުން އެއީ އެންމެ ރަނގަޅު ކަމެއް ކަމަށް ފެނެއެވެ. ކޮންމެ ކޮންމެ ފަހަރަކު ނޫނެވެ. ފައިސާއަކީ މަސައްކަތުން ހޯދާ އެއްޗެއްކަމާ ފައިސާ ޚަރަދު ކުރުމުގައި ބަލަންޖެހޭނެކަން ކުއްޖާއަށް ވިސްނައިދެވިއްޖެނަމަ އެއީ ހަމަ ޔަޤީނުންވެސް މުސްތަޤްބަލްގައި އެކުއްޖަކަށް ފައިދާ ކުރުވާނެ ކަމެކެވެ.

ލޯތްބަކީ ކޮންމެ އިންސާނަކަށްވެސް ބޭނުންވާ އެއްޗެކެވެ. އަދި ކުދިން ބޮޑެތިވަމުން އަންނައިރު އެކުދިންދެކެ ލޯބީވާކަމުގެ އިޙްސާސް ވުމަކީ ދިރިއުޅުމުގެ މައިދާނުގައި އިތުރު ހިތްވަރު ލިބި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑު ކޮށްދޭނެކަމެކެވެ. ނަމަވެސް ދަރިންނަށް ލޯބި ދިނުމަކީ އެކުދިންގެ ހުރިހާކަމެއް ކުރުމަށް ތިމާ އަބަދު ތައްޔާރަށް ހުރުމެއް ނޫނެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާ އެކީ އުޅެވޭނެ ބަޔަކަށް ދަރިން ހެދުމަށް އެދޭނަމަ އެފަދަ ތަރުބިއްޔަތެއް ދިނުން މުހިއްމެވެ. އެކުދިންނަށް ކުރެވޭ ވަރުގެ ކަންތަށް އެކުދިން ކުރުމަށް ދޫކޮށްލުމުގެ ބަދަލުގައި ތިމާ އެކަމެއް ކޮށްދެމުންދާނަމަ އެކުދިންނަށް އެކަންތައްތައް ދަސްކުރުމަށް އޮންނަ ފުރުސަތު ގެއްލިދެއެވެ. އަދި ކަންތައްތައް ދަސްކުރުމަކީ މުހިއްމު ކަމެއްކަމަށް ނުވެދެއެވެ. އެއީ ކޮންމެ ކަމެއް ކޮށްދިނުމަށް އަބަދުވެސް މައިންބަފައިން ނުވަތަ އެހެން މީހުން ތިބޭނެކަމަށް ވިސްނޭނެތީއެވެ. ނަމަވެސް އެކުދިންދެކެ ލޯބިވާކަން ހާމަ ކުރުމަށް ބައެއް ފަހަރު އެކުދިން އަމިއްލައަށް ކުރެވޭ ކަންތައްވެސް ކޮށްލަދެވިދާނެއެވެ. މިސާލަކަށް އެކަނި ބޮލުފުނާ އެޅޭ ކުއްޖަކު އެކަނި ފުނާއަޅަން ދޫކޮށްލިޔަސް ބައެއްފަހަރު އެކުދިންގެ ބޮލުގައި ފުނާ އަޅާ ދިނުމުން އެކުދިންދެކެ ލޯބިވާކަމުގެ އިޙްސާސް އެކުދިންނަށް ކުރެވޭނެއެވެ. ތިން ހަތަރު އަހަރަށްދާ ކުދިންނަށް ހިނގާފައި އުޅެވުނަސް ބައެއްފަހަރު އުރާލާ ހަދަންވާނެއެވެ. ޙާއްސަކޮށް ދުރުތާކަށް ހިނގުވާފައި ދާނަމަ ވަރުބަލި ފިލުވާލަދިނުމަށް އުރާލެވިދާނެއެވެ. ތިމާގެ ދަރިފުޅަށް ކިތައްމެ ކަންތައްކޮށްދޭ ހިތްވިޔަސް އެކުދިންނަށް ކުރެވޭވަރު ކަންތައް އެކުދިން ލައްވާ ކުރުވުމަކީ އެކުދިންނަށް ދެވޭ ރަނގަޅު ތަރުބިއްޔަތެކެވެ.

ބައެއް ބެލެނިވެރިން އެމީހުންގެ ދަރިން ބުނާހާ ކަމެއް ކޮށްދެނީ ދަރިންގެ ރުހުން ހޯދާށެވެ. ދަރިފުޅު އެދޭ ކަމަކަށް ނޫނެކޭ ބުނުމުން ތިޔައީ ގޯސް މަންމަ އެކޭ ނުވަތަ ގޯސް ބައްޕައެކޭ ދަރިފުޅު ބުނެފާނެއެވެ. މިފަދަ ބަހެއް އިވުމުން ދަރިފުޅުގެ ރުހުން ހޯދުމަށް އެ އެދުނު ކަމެއް ކުރުމަށް އަވަސްވެގަނެވެއެވެ. ރަނގަޅު ގޮތަކީ މިއީތޯއެވެ؟ ބޭނުންވަނީ ދަރިފުޅުގެ ވަގުތީ ރުހުން ތޯއެވެ؟ ނުވަތަ ހަރުދަނާ ގޮތުގައި ދަރިފުޅު ތަރުބިއްޔަތު ކުރުން ތޯއެވެ؟ ނޫނެކޭ ބުނާ އަޑު އަހަން ދަރިފުޅަށް ދަސްކޮށްދޭން ޖެހެއެވެ. ޤަވާޢިދުތައް ހަދާ އެއަށް ބޯލަނބަން ދަސްކޮށްދޭން ޖެހޭނެއެވެ. ތިޔައީ ނުބައި މަންމައެކޭ ނުވަތަ ބައްޕައެކޭ ބުންޏަސް އެކަމާ ހާސްވާކަށް ނުޖެހެވެ. ކަމުގެ މާހިރުން ބުނާ ގޮތުގައި މިފަދަ ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތަކީ ދަރިފުޅު އެނާގެ ރުޅި މަޑުކުރުމަށް ދޫކޮށްލުމެވެ. ތިމާގެ ބަހުގައި ތިމާ ހިފެހެއްޓުމެވެ. ނަމަވެސް ދަރިފުޅު ދެކެ ލޯބިވާކަން ހާމަކުރަމުންނެވެ.

ގިނަ ތަޖުރިބާކާރުން ބުނާގޮތުގައި ހަމަސް ނުފުރޭ ކުޑަކުދިން ކިތައްމެ ގިނައިން އުރާ، ކިތައްމެ ގާތްކޮށް ގެންގުޅުނަސް އޭގައި މައްސަލައެއްނެތެވެ. އެވަރު ތުއްތު ކުދިންގެ ބޭނުންތަކަށް އަޅާލާން ބެލެނިވެރިން އަބަދުވެސް ތައްޔާރަށް ތިބެންޖެހޭނެއެވެ. ރޯލާ ކޮންމެ ފަހަރަކު ލަސްނުކޮށް އުރާލާ އަދި ކިރުދީ ނުވަތަ ކާންދީ ހެދުމުން ބޮޑެތި މީހުންގެ މައްޗަށް އަދި ދުނިޔޭގެ މައްޗަށް އޮންނަ އިތުބާރު ބޮޑުވެ ދަރިފުޅާއި މައިމީހާގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށްދޭނެއެވެ. ނަމަވެސް ދަރިފުޅު ފިރުކެން ފަށާ ހިސާބުން ކަންތައްތައް ބަދަލުކުރަންޖެހެއެވެ. ކަންތައްތަކަށް ޙައްދެއް ކަނޑައަޅަން ޖެހެއެވެ. ބައެއް އެދުންތަކަށް ނޫނެކޭ ބުނާއަޑު އަހަން ދަސްކޮށްދޭން ޖެހެއެވެ. ފުރަތަމަކޮޅުގައި ދަތިވާނެއެވެ. އެފަދަ ކަންތައްތަކަށް ކުދިން ހޭނުމަކީ ދުވަސްތަކެއް ނަގާނޭ ކަމެކެވެ. ބެލެނިވެރިން ޖެހޭނީ ކެތްތެރިވާށެވެ. ކުދިން ބޮޑެތިވަމުން ދާވަރަކަށް ވިސްނެމުންދާނެއެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment: