7.20.2012

ރޯދަމަހާއި އުޚްތުން

އަލްއުޚްތު އުއްމު ޙަނީން
ﷲގެ އިސްމުފުޅުން ފަށަމެވެ. ހުރިހާ ނިޢުމަތްތަކެއްގެ ވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދުކުރަމެވެ. އެއިލާހުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލާވާތާއި ސަލާމްލެއްވުމަށް އެދި ދުޢާކުރަމެވެ. އާދެ! އެހެނިހެން އުންމަތްތަކުގެ މީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެއްވުނު ފަދައިން މާތް ﷲ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އުންމަތުގެ މީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެއްވިއެވެ. އެއީ އެކަލާނގެއަށް ބިރުވެތިވެ ތަޤުވާވެރިވުމަށެވެ. އަޅުގަނޑުމެން މުސްލިމުންގެ މާތް މަސް ކަމުގައިވާ ރަމަޟާން މަސް އައިސް ޖެހިއްޖެއެވެ. މި މާތް މަހަށް ތައްޔާރުތޯއެވެ؟ މި މަތިވެރި މަހުގައި ﷲ ތަޢާލާ އެންގެވި ގޮތަށް އުޅެވޭތޯ ބަލަމާ ހިނގާށެވެ.

މައިންބަފައިންނަށް ކަމޭހިތައި ފިރިމީހާ އާއި ކުދިންނަށް ހެޔޮކޮށް ހިތޭތޯ މަސައްކަތް ކުރަމާ ހިނގާށެވެ. ރެއާ ދުވާލު ބަދިގޭގަ ކެއްކުމުގައި ވަގުތު ހޭދަކުރުމަށް ފަހު ވަރުބަލިވެގެން މުޅި ދުވަހު ނިދަންއޮތުމަށް ވުރެ ގިނައިން ހެޔޮ ޢަމަލުތައް ކުރުމުގައި ވަގުތު ހޭދަކުރެވޭތޯ ބަލަމާ ހިނގާށެވެ. ކޮންމެ ޢަމަލެއް ވެސް ﷲ އަށް ޓަކައި ކުރާށެވެ. އޭރުން އެކަމުގެ ހެޔޮ ޖަޒާ އެކަލާނގެ އަހަރެމެންނަށް ދެންވާނެއެވެ. ރޯދަ ވީއްލުމަށްފަހު ވީހާވެސް ގިނައިން މީރު ކާއެއްޗެހި ކަމުން ހަށިގަނޑު ލޮޑު ކޮށްލުމަކީ ރޯދައިގެ މާތް މަޤްޞަދު ގެއްލޭ ކަމެކެވެ. އެފަދަ ބައެއް މީހުން ރޯދައަށް ތިބޭ ވަގުތުގައިވެސް ގިނަ ފަހަރަށް ބަނޑުހައި ހޫނުކަން އިހްސާސެއް ނުކުރާނެއެވެ. އަޅުގަނޑުމެން ރޯދައަށް ތިބޭ އިރު ބަނޑުހައި ހޫނު ކަމުގެ އިހްސާސް ލިބިގަންނަން އެބަޖެހެއެވެ. އަދި އެކަމަށް ކެތްތެރިވާންއެބަޖެހެވެ. ދުނިޔޭގައި ނުކައި ނުބޮއި މުޅި އުމުރު ހޭދަކުރަނީ ކިތައް މީހުންނާއި ކުޑަކުދިންތޯއެވެ؟ އެފަދަ ހާލުގަ ޖެހިފަ ތިބޭ މީހުންގެ މަތިން ހަނދާން ކުރުވާ ފަދަ މި މާތް ޢަމަލު އަޅުގަނޑުމެން މުސްލިމުން ކޮންމެ އަހަރަކު އަދާކުރަމެވެ. ނަމަވެސް މިކަން ތަޖުރިބާކުރުމަށްފަހުގަވެސް މިކަން އިހްސާސްވެ ފަޤީރުންނަށް އެހީގެ އަތެއް ދިއްކޮށްލަނީ މަދު ބަޔެކެވެ.

ރޯދަ މަހަކީ ހެޔޮ ޢަމަލްތައް ކޮށް އުޅޭ އަޅުތަކުން ނަރަކައިން ސަލާމަތް ކުރުވާ މަހެކެވެ. ހުރިހާ އަޅުކަމެއްގެ ޘަވާބާއި ދަރުމަ އެތައް ގުނަޔަކަށް އިތުރު ވެގެންދާފަދަ މި މަތިވެރި މަހުގައި ގިނަގިނައިން ހެޔޮޢަމަލުތައް ކުރުމުގައި ވަގުތު ހޭދަކުރާށެވެ. މިގޮތުން ފަސް ނަމާދު ކުރުމާއި ސުންނަތް ނަމާދުތައް ކުރުން، ގިނަގިނައިން ޤުރްއާން ކިޔެވުން، ދީނީ ޢިލްމު އުނގެނުން، ޞަދަޤާތްކުރުން ފަދަ ކަންތައްތައް ކުރުމަށް ވަކިން ޚާއްސަ ސަމާލުކަމެއް ދޭށެވެ. އަދި ރޯދަވީއްލާނެ އެއްޗެހި މީހުންނަށްދީ ހަދާށެވެ. އެއީ އެއިން ރޯދަވީއްލާ މީހާގެ ޘަވާބު އެމީހާއަށް ލިބޭފަދައިން ތިމާ އަށްވެސް އެމީހާ އެހިފި ރޯދައިގެ ޘަވާބުލިބިގަތުމަށެވެ. ތަޙައްޖުދު ނަމާދުކުރުމާއި އިޢްތިކާފަށް އިނުމަކީވެސް ގަދަވެގެންވާ ސުންނަތެކެވެ.

އަންހެނުން މިސްކިތަށް ދިޔުމަކީވެސް މަނާކަމެއް ނޫނެވެ. މިގޮތުން ތަރާވީސް ނަމާދު ޖަމާޢަތުގައި ކުރަންދާ އުޚްތުން ސަމާލުވާންޖެހޭ ކަންކަން އެބަހުއްޓެވެ. އަޅުގަނޑުމެން މިސްކިތަށް ދާންވާނީ އަޅުގަނޑުމެންނަށް އެންމެ ރައްކާތެރި ވެގެންވާ ރިވެތި ގޮތުގައެވެ.
މިގޮތުން މިސްކިތަށް ދިއުމުގެ ކުރިން ވިސްނާލަންޖެހޭ ބައެއް ކަންކަން ހިމަނާލާނަމެވެ.
• ފިރިމީހާގެ ހުއްދަޔާއެކު ދިޔުން.
• އިސްލާމީ ފުރިހަމަ ޖިލްބާބުން ނިވާވެގެން ދިޔުން.
• ސެންޓާއި އަތަރުލައިގެން މަގުމަތިން ނުދިޔުން.
• ފިޔަޔާއި ލޮނުމެދު ކަހަލަ އެއްޗެއް ކައިފައި ވާނަމަ ދަތްއުނގުޅުން.
• މަހްރަމަކާ އެއްކޮށް ދިޔުން.
• ގެއިން ނިކުންނަމުން ކިޔާ ދުޢާ ކިޔުން.
• ބެލުން ތިރިކުރުން.
• މަގުމަތިން ދާ ހިލޭ ފިރިހެނުންނަށް އިވޭވަރަށް ހީސަމާސާ ކޮށް ތުއި އަޑުން ވާހަކަދައްކާ ނުހެދުން.
• މިސްކިތަށް ވަނުމުގެ ކުރިންނާއި ނިކުންނަމުން ދުޢާ ކިޔުން.
• މިސްކިތަށް ވަންނަމުން ކަނާތްފައި އިސްކުރުން އަދި ނިކުންނަމުން ވާތްފައި އިސްކުރުން.
• ކުޑަ ތުއްތު ކުދިން މިސްކިތަށް ނުގެންގޮސް ވޭތޯ ބެލުން.
• ޙައިޟު ނުވަތަ ނިފާސް ވެރިއެއްނަމަ މިސްކިތަށް ނުދިޔުން.

އިންސާނުންނަކީ ކުށް ކުރެވޭ ބައެކެވެ. ރޯދަ މަހުގައި ފާފަތައް ކުރުން ހުއްޓައިލައި ފާފަ ފުއްސެވުމަށް އެދި ގިނަގިނައިން އިސްތިޢުފާރުކުރުންމަތީ ދެމިހުންނާށެވެ. އަދި ގިނަގިނައިން ތައުބާވެށެވެ. އިންޝާ ﷲ މިމަހުގައި އަހަރެމެންގެ ވެރި ރައްބު އަހަރެމެންގެ ފާފަތައް ފުއްސަވައި ތައުބާ ޤަބޫލުކުރައްވާނެއެވެ. މިގޮތުން ކެއްކުމާއި ގޭގެ އެހެނިހެން ކަންކަމުގައި މަޝްޢޫލު ވެގެން އުޅޭ އިރުވެސް ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރު ކުރުން މަތީ ދެމިހުންނާށެވެ. އަދި ޤުރްއާން އަޑުއަހައި ދީނީ ދަރުސްތައް ޖަހައި އީމާންތެރިކަން ވަރުގަދަ ކުރެވޭނެ ކަންކަން ކުރުމަށް މަސައްކަތްކުރާށެވެ.

ލޮބުވެތި އުޚްތުންނޭވެ. އަޅުގަނޑުމެންގެ ދަރިންވެސް ރޯދަހިފުމަށް އާދަކުރުވަން އެބަޖެހެއެވެ. އެކުދިން ބާލިޢު ނުވަނީސް މިކަންތައް ކުރުވަން ފަށާށެވެ. އެކުދިން ކުރާ ހެޔޮ ޢަމަލުތަކުގެ ސަބަބުން އެކުދިންނަށާއި އަޅުގަނޑުމެންނަށްވެސް ޘަވާބުލިބޭނެއެވެ. ބައެއް ޢިލްމު ވެރިން ދެކޭ ގޮތުގައި 10 އަހަރުގެ ކުޑަކުދިންނަށް ރޯދަ ހިފޭވަރު ވާނަމަ އެކުދިން ލައްވާ ރޯދަހިފުވަން ވާނެއެވެ. އަޞްޙާބު ބޭކަލުން ވަނީ އެބޭކަލުންގެ ދަރިން ރޯދަ ހިފަން އާދަކުރުވުމުގެ މާތް މަޤްޞަދުގައި މިކަން މިގޮތަށް ކުރައްވާފައެވެ. މިގޮތުން އެކުދިންނަށް ހިތްވަރުދީ އިނާމުތައް ދީ ހެދިދާނެއެވެ. އަދި އެކުދިންނަށް ރޯދައިގެ މާތްކަމާއި ފައިދާތައް ބުނެދޭށެވެ. ނަމަވެސް ބަލިކަށި ކުދިން ލައްވާ ގަދަކަމުން ރޯދަ ހިފުވުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެހެނީ އެއީ އެކުދިންނަށް އަދި ވާޖިބު ކަމެއްނޫނެވެ.

ރޯދަވެރިޔާ ހާރުކެއުން އެއީ ސުންނަތްވެގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَة" (رواه البخاري ومسلم) (މާނައީ: "ތިޔަބައިމީހުން ހާރު ކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތްތެރި ކަމެއްވެއެވެ."ހާރުކެއުން ލަސްކޮށްލުންވެސް ސުންނަތްވެގެންވެއެވެ. އަދިރޯދަވެރިޔާ ރޯދަ ވީއްލާއިރު ކިޔާނެ ދުޢާ އެއްވެސް ވެއެވެ. އެއީ
"ذَهَبَ الظَّمَأُ، وَابْتَلَّتِ الْعُرُوْقُ, وَثَبَتَ الْأَجْرُ إِنْ شَاءَ اللهُ". "ކަރުހިއްކުން ފިލައްޖެއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި މާތްﷲ ގެ އިރާދަފުޅުން އަޖުރު ޘާބިތުވެއްޖެއެވެ".

މިރޯދަމަހަކީ އެހެން މަސްތަކާއި ޚިލާފަށް، ތިމާގެ ނަފްޞު ޠާހިރުކޮށްލުމަށް، ހެޔޮކަމަށް ރުޖޫޢަވުމަށް، ޙަޔާތުގެ އައު ޞަފްޙާއެއް އެއްލުމަށް މަސައްކަތްކުރާ ވަޤުތަކަށް ހަދަމާތޯއެވެ. ޔަޤީނުން އެނގޭ ކަމަކީ މިރޯދަމަހެއް ތިބާއަށް ދެނެއް ނުލިބޭނެކަމެވެ. ޢުމުރުގެ ބާކީ އޮތް ދުވަސްތަކުން އެއްރޯދަމަސް އުނިވަނީއެވެ. ކަންދިމާވާގޮތުން ތިބާއާ ބައްދަލުވާ އެންމެ ފަހު ރޯދަމަހަކީ މިރޯދަމަސް ކަމުގައިވެސް ވެދާނެއެވެ. ތެދުވާށެވެ. ހެޔޮކަންތަކުގައި މަޝްޣޫލު ވާށެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment:

  1. jazakillah khairan ukhthi for a benefical article..may Allah forgive us all..aameen

    ReplyDelete