8.23.2012

ގޭތެރޭގައި

އަލްއަޚް ޢަބްދުއްރަޙީމް މުޙައްމަދު
ޖިސްމާނީގޮތުން ފިރިހެނާއަކީ ބާރުގަދަ މީހެއްކަމުގައި ވާއިރުގައިވެސް، ގޭތެރޭގެ މަސައްކަތްތައް ކުރުމުގައި އަންހެނާއަކީ ޖިސްމާނީ ގޮތުންވެސް އަދި ތަބީޢީގޮތުންވެސް އެކަމަށް އެންމެ ކުޅަދާނަ ފަރާތެވެ. މާބަނޑުވުމާއި، ވިހެއުމާއި އަދި ދަރިފުޅުގެންގުޅުމާއި އަދި އެދަރިފުޅަށް ގާތުން ކިރުދިނުމުގައި ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަށް ކުރެވޭނެ ހަމައެކަނި ފަރާތަކީ އަންހެނާއެވެ.

އަދި ޠަބީޢީގޮތުން އެކަނބަލުންގެ މިޒާޖުގައި ހުންނަ ސިފަތަށް ކަމަށްވާ، އޯގާތެރި އަޅާލާ ހިތްހެޔޮ އަދި އަމިއްލަނަފުސު ދަރިންނަށްޓަކައި ފިދާކޮށްލުން ފަދަ ސިފަތަކަކީ ދަރިންބެލުމާއި އަދި ގޭތެރެ އިންތިޒާމުކޮށް ބެލެހެއްޓުމުގެ މައިގަނޑު އަސާސް ތަކެވެ. ޙަޤީޤަތަށް ބުނާކަމުގައިވާނަމަ، އަންހެންކަނބަލުން ގޭގައި ތިބެގެން ކުރާ މިހުރިހާ ކަމެއްގެ ޙައްޤު ދަރަޖަ އެކަނބަލުންނަށް ދެވެންޖެހޭނެއެވެ. މިޒަމާނުގެ ނޫސްތަކުންނާއި އަދި މުޖުތަމަޢު ތެރެއިން މިފަދަ އަންހެންކަނބަލުންގެ އަގު ވައްޓާލަނީ އެއީ ގޭތެރޭގައި ތިބޭ އަގެއްނެތް ބައެއްކަމަށް ބުނަމުންނެވެ. އެކަނބަލުންގެ ޙަޤީޤީ ދައުރަކީ ކޮބައިކަމާއި އުފުލަމުންދާ ބޮޑެތި މަސްއޫލިއްޔަތުތައް އެއްފަރާތްކޮށްލުމަށް އަގުވައްޓާލަން މިފަދަ ޕުރޮޕަގެންޑާތައް ފެތުރުމަކީ އެއްވެސް އިންސާފެއްނޫނެވެ. އަންހެން ކަނބަލުންނަކީ މިއަދުގެ ޖީލު ބިނާކުރަމުންދާ އަދި ތަރުބިއްޔަތުކުރަމުންދާ އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ ފަރާތެވެ. އެއީ ފިރިހެނުންނަށްވެސް އެއާއި އެއްފަދަ ދައުރެއް އަދާ ނުކުރެވޭފަދަ މަތިވެރި މުހިއްމު ދައުރެކެވެ. މިކަމުގެ ސަބަބުން އިސްލާމްދީނުގައި ބައްޕައަކަށްވުރެ މަންމައެއް ވަނީ ތިންގުނައަށް މާތްކުރައްވާފައެވެ. އެޙަދީޘް ކުރީބައިގައި ބަޔާންވެއްޖެއެވެ. ފިރިހެނުންނާއި އަންހެނުންގެ ދައުރު ބަޔާންކޮށްދެއްވަމުން ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِلْغَيْبِ بِمَا حَفِظَ اللَّهُ وَاللاَّتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلا تَبْغُوا عَلَيْهِنَّ سَبِيلاً إِنَّ اللَّهَ كَانَ عَلِيّاً كَبِيراً - النساء: ٣٤
މާނައީ: "ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމްވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެބައިމީހުންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް ﷲ އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ. އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞީޙަތްދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިޔަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، ﷲއީ އެންމެ މަތިވެރި، އެންމެ ބޮޑު އިލާހު ކަމުގައިވެއެވެ."

މިއާޔަތުގައި ފިރިހެނާ ސިފަކޮށްފައިވަނީ ރައްކައުތެރިކޮށް ބަލަހައްޓާ ފަރާތުގެ ގޮތުގައެވެ. قوامون އަދި އަންހެނާ ސިފަކޮށްފައިވަނީ حافضات للغيب ސިއްރުތައް ފޮރުވާ ރައްކާތެރިކުރާ ފަރާތުގެ ގޮތުގަޔާއި އަދި قانتات ކިޔަމަންތެރި ފަރާތެއްގެ ގޮތުގައެވެ. މިއާޔަތުގައި ފިރިހެނާ ރައްކައުތެރިކޮށް ބަލަހައްޓާ ފަރާތެއްގެ ގޮތުގައި ގެނެސްދީފައިވާ ދެސަބަބެއް ބަޔާންކުރައްވައެވެ.

ފުރަތަމަކަމަކީ "އެދެބައިމީހުން އެއްބައެއްގެ މައްޗަށް އަނެއްބަޔަކު މާތް ﷲ މާތްކުރައްވާފައިވާ ކަމަށްޓަކައެވެ." އެޖުމްލައިގެ މުރާދަކީ ފިރިހެނާ ޖިސްމާނީގޮތުން ބާރުގަދަ ކުރައްވައި މަސައްކަތް ކުރުމުގެ ބާރު އޭނާއަށް ދެއްވުމެވެ. ތާރީޚީގޮތުން އިންސާނާ ދިރިއުޅެން ފެށީއްސުރެ ފެންނަ ޙަޤީޤަތަކީ މިއެވެ. މުޖުތަމަޢުގެ ހުރިހާ ދާއިރާތަކެއް ބަލަހައްޓަމުން އައީ ފިރިހެނުންނެވެ. ކާއެއްޗެހި ހޯދުމާއި، މުޖުތަމަޢުގެ ޤަވާޢިދުތައް ހިންގުމާއި، ދުޝްމަނުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމާއި، އާ ބިންތައް ހޯދައި ވަޒަންވެރިވުމާއި، ޚަޒާނާތަކާއި ބިމުގެ އަޑީގައިވާ މަޢުދަންތައް ހޯދުމާއި މިފަދަ އެތައްކަމަކީ ފިރިހެނުންނަށް ޚާއްޞަ ދާއިރާތަކެވެ. އަދި އަންހެން ކަނބަލުން އަބަދުވެސް ތިބީ ގޭގައި ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައެވެ. އެކުދިންނަށް ބޭނުންވާ ކަންތައްތައް އެންމެ ރަނގަޅަށް އެނގޭ ފަރާތަކީ އެކުދިންގެ މައިންނެވެ.

ދެވަނަ ސަބަބަކީ "އަދި އެމީހުންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ." އެއީ މާލީގޮތުން ޢާއިލާއަށް ބޭނުންވާ ހުރިހާކަމެއް ފުރިހަމަކުރުމަކީ ފިރިހެނާގެ ޒިންމާއެކެވެ. އަދި ކައިވެނި ކުރާއިރު ރަނުގެގޮތުގައި އަނބިމީހާއަށް، ރަން އަދާކުރާ ފަރާތަކީވެސް ފިރިހެނާއެވެ. ކޮންމެ ގެއެއްގައިވެސް ފިރިހެނާއަކީ އަމުރު މަޢުރޫފު ހިންގާ ފަރާތެވެ. އަދި އެހުރިހާ ކަމެއް ބަލަހައްޓާ އަދި ކަންތައްތައް ރަނގަޅަށް ހިންގާ ފަރާތަކީ އަނބިމީހާއެވެ. އަނބިމީހާއަކީ އާޢިލާގައި ތަނބެއްފަދަ ފަރާތެކެވެ. އެއްވެސް ތަނެއްގައި ދެވެރިން ނުތިބޭފަދައިން، ޢާއިލާއެއްގައިވެސް ވެރިފަރާތަކީ ފިރިހެނާއެވެ. ނަމަވެސް ގެއާއި ޢާއިލާގެތެރޭގައި ހުރިހާ ކަމެއް ހިންގައި ބަލަހައްޓާ ފަރާތަކީ އަންހެނާއެވެ. މިސާލަކަށް ޤާނޫނީ ގޮތުން ދިވެހިރާއްޖޭގެ ހުރިހާ ބާރެއް އޮންނާނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށެވެ. ނަމަވެސް ސަރުކާރާއި ދިވެހި ދަޢުލަތުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ރައްޔިތުން އިޚްތިޔާރުކުރާ ރައްޔިތުންގެ މަންދޫބެކެވެ. އަދި ޤާނޫނުތައްވެސް ހަދަމުންދާނީ ރައްޔިތުންގެ މަންދޫބުންނެވެ. ޢާއިލާއެއްގައިވެސް ކަންތައް އޮތީ ހަމަ މިޢުޞޫލުންނެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment: