10.08.2012

ތަރުބިއްޔަތު ކުރުމުގައި އާޚިރަތް ދުވަހަށް އީމާންވުމުގެ މުހިންމުކަން

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ
ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން އުފައްދަވާފައި ވަނީ ވަރަށް މަތިވެރި މަޤުޞަދަކަށް ޓަކައެވެ. ނެތުމުގެ ތެރެއިން އިންސާނަ އުފައްދަވައި، އެކަލާނގެ އުފެއްދެވި ގިނަ މަޚުލޫޤުންނަށްވުރެ އޭނަ މަތިވެރި ކުރެއްވިއެވެ. މިބިމުގައި އެކަލަނގެ ލައްވާފައިވާހާ އެއްޗެއް އުފެއްދެވީވެސް އޭނާ އަށްޓަކައެވެ. މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. هُوَ الَّذِي خَلَقَ لَكُم مَّا فِي الأَرْضِ جَمِيعاً - البقرة 29 މާނައީ: "އެކަލާނގެއީ ތިޔަބައިމީހުންނަށްޓަކައި ބިމުގައި ވާހާއެއްޗެއް އުފެއްދެވި ރަސްކަލާނގެއެވެ." 

ނަމަވެސް އިންސާނާއަށް ދެއްވާފައިވާ މި މަތިވެރި މަޤާމު އޭނާއަށް ލިބުންހުރީ ﷲސުބުޙާނަހޫ ވަތަޢާލާ އޭނާ ވުޖޫދަށް ގެންނެވިއިރު އެކަލާނގެ އޭނާއާ ޙަވާލު ކުރައްވާފައިވާ އަމާނާތް ފުރިހަމައަށް އަދާކުރާހާ ހިނދެއްގައެވެ. އަދި އެއީ އެކަލާނގެ އޭނާ ވުޖޫދަށް ގެންނެވި މަޤްޞަދުވެސް މެއެވެ. އެއީ އެކަލާނގެ އެންގެވި ގޮތުގެ މަތިން މި ދުނިޔެ ތަޢުމީރު ކުރުމެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ އެކަލާނގެ އެންގެވި ގޮތަށް އުޅުމަށެވެ. އެކަލާނގެ ރުއްސަވާވޮޑިގެންނުވާ އެންމެހާ ކަންތައްތަކުން ދުރުހެލިވެ އުޅުމެވެ. ނަމަވެސް މިކަން ހަނދާން ނައްތާލާ ތިމާގެ ހަވާނަފްސަށް އަޅުވެތިވެ އަމިއްލަ ބުއްދިއަށް ފެނުނުހައި ގޮތަކަށް މިދުނިޔޭގައި އުޅެން ދިމާކޮށްފިނަމަ ﷲގެ ޙަޟްރަތުގައި އޭނާގެ ދަރަޖަ ޖަނަވާރުންނަށް ވުރެ ދަށްވެގެން ހިނގައި ދެއެވެ. 

އިސްވެ ދެންނެވުނު މަތިވެރި މަޤްޞަދަށްޓަކައި އިންސާނާ މިދުނިޔެއަށް ފޮނުއްވާފައި ވާއިރު އޭނާގެ އެންމެހަ ޢަމަލުތައް މާތްﷲ ދެނެވޮޑިގެން ވުމާއެކުވެސް، އެކަލާނގެ ވަނީ އެހުރިހާ ކަމެއް، އަންނާނެ ދުވަހަކަށް ޓަކައި، ފެންނަން ހުންނާނެ ގޮތުގެ މަތިން ލިޔުއްވުމަށް، މަލާއިކަތުން ލައްވާފައެވެ. އެދުވަހު، އެބައިމީހުންގެ ތެރެއިން ހެޔޮކަމެއް ކުޅަ މީހަކަށް އެކަމުގެ ހެޔޮ ޖަޒާ އަދި ނުމައި ކަމެއް ކުޅަ މީހަކަށް އެކަމުގެ ނުބައި ޖަޒާ ލިބޭނެ ކަމަށްވެސް އެކަލާނގެ ވަޢުދުވެ ވޮޑިގެންފައި ވެއެވެ. 

ޤިޔާމަތް ދުވަހަކީ އަންނާނޭ ދުވަހެއް ކަމާމެދު އެއްވެސް ޝައްކެއްވާ ދުވަހެއް ނޫނެވެ. ބުއްދީގެ ހަމައިން ވިސްނި ކަމުގައި ވިޔަސް، އަޅުތަކުންގެ ޢަމަލުތަކުގެ ހިސާބު ބެލެވި، އެޢަމަލު ތަކަށް ލިބެންވާ ޖަޒާ ފުރިހަމައަށް ލިބޭނޭ ދުވަހެއް އައުން ލާޒިމު ކުރެއެވެ. އެހެނީ ދުނިޔެމަތީގައި ދޮގުހެކި ދީގެންނާއި ރިޝްވަތު ދީގެންނާއި އަދިވެސް އެނޫން ތަފާތު އެކި އެކި ވަޞީލަތްތައް ބޭނުން ކޮށްގެން ވިޔަސް، ޙައްޤުތަކެއް ގެއްލި ގޮސްފައި ވަނީ ކިތައް މީހުންގެ ތޯއެވެ؟ އެބައިމީހުންގެ ގެއްލިފައިވާ ޙައްޤުތައް އެބައިމީހުންނަށް ލިބޭނޭ ގޮތަކާއި އެކަން ވާނޭ ދުވަހެއް އައުމަކީ ކޮންމެހެންވެސް ލާޒިމުކުރާ ކަމެކެވެ. އެދުވަހަކީ ޝައްކެއް ނެތްގޮތުގައި ޤިޔާމަތް ދުވަހެވެ.

 ޤިޔާމަތް ދުވަހަކީ ޢަދުލު އިންސާފުގެ ދުވަހެވެ. ކީރިތިޤުރުއާނުގައި ވަރަށް ގިނަ އާޔަތް ތަކުގައި އެދުވަހުގެ ޢަދުލުވެރިކަމާ ބެހޭގޮތުން އައިސްފައި ވެއެވެ. އަލް އަންބިޔާއު ސޫރަތުގެ 47 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلَا تُظْلَمُ نَفْسٌ شَيْئًا - الأنبياء 47 މާނައީ: "ޤިޔާމަތްދުވަހު ޢަދުލުވެރިކަމުގެ މީޒާން ތިމަން ރަސްކަލާނގެ ލައްވާ ހުށީމެވެ. ފަހެ (އެދުވަހު) އެއްވެސް ނަފްސަކަށް އަނިޔާވެރިއެއް ނުވެވޭނެއެވެ." 

އިންސާނުން މަރުވުމަށްފަހު އަލުން ދިރުއްވައި އެބައިމީހުން ދުނިޔެ މަތީގައި ކުޅަ ޢަމަލުތަކާމެދު ހިސާބު ބެލެވޭނޭ ދުވަހެއް އަންނާނޭ ކަމަށް ޢީމާންވުމީ މީހާގެ އުޅުމާއި ސުލޫކު ވަކި ޙައްދެއްގެ ތެރޭގައި ހިފަހައްޓާ ކަމެކެވެ. އެހެނީ އޭނާއަށް ތިމާ ކުރާ ޢަމަލުތަކުގެ ޖަޒާ ފުރިހަމައަށް ލިބޭނޭ ދުވަހެއް ވާކަން ޤަބޫލުކުރެވޭ ނަމަ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމަށް ފަސްޖެހޭނެއެވެ. އަދި އެހެން މީހުންނަށް ނުފެންނަ ތާނގައި ވިޔަސް ހިތަށް އެރިހާ ގޮތަކަށ ކުރަންވެސް ފަސްޖެހޭނެއެވެ. އެހެންކަމުން އިސްލާމީ ތަރުބިއްޔަތުގެ އެންމެ މުހިންމު އެއް ބިންގަލަކީ ޤިޔާމަތް ދުވަހަށް ޢީމާންވުން ކަމުގައި ހިމެނިގެން ވެއެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment