11.07.2012

އިސްލާމް މަންމައެއްގެ ވާޖިބު

އަލްއަޚް ޢުމަރު ޢީސާ

މަންމައެއްގެ ޝަރަފުވެރިކަން، ލިބިލައްވާއިރަށް ތިޔައިން ކޮންމެ ބޭކަބަލަކުމެވާނީ އެބޭކަބަލަކުގައި ހުރިއްޔާ ހުރި ނުބައި، ހުތުރު ޚަޞީލަތްތަކުން ދުރުހެލިވެ އެއްކިބާތަށް އަރުއްވާށެވެ.

އަލުން އިތުރު ޙިލްމުވެރިކަމާއި މުރޫއަތް ތެރިކަމެއް ގެންނަވައިގެން ހުރިހާ ރިވެތި އަޚްލާޤަކުން ކުއްޖާއަށް ނަމޫނާ ދައްކަވައި،މާތް ސަޙިއްޔާތަކަށް އޭނާގެ ޠަބީޢަތް ލަންބުވާލައްވާށެވެ.

މާތް އަޚްލާޤު ހައްތާމެ ދަށަށްޖެހެމުން، މިދާ ދުވަސްވަރުގައި ލޯބިވާ ދަރިން، ނުބައި އެކުވެރިންނާއެކު ވަގުތު ފާއިތު ކުރަމުން އެންމެ ލޯބިވާ އެއްޗަކީ ތާސްބައެއް ކަމުގައި ހަދަމުން، އިސްކަމަކީ، ބެރުޖަހާތަނަށް ދިއުން ކަމުގައި ބަލަމުން އެންމެ ބޮޑު ޚިޔާލަކީ ޖިންސީ ޚިޔާލުކަމުގައި ދެކެމުން ދާނޭ މަގު ދަރިންނަށް ތަނަވަސްކޮށް ނުދެއްވާށެވެ.

ޅައިރުގައި ދަރިންނަށް ޤުރުއާން ކިޔަވައިދެއްވަމުން، އެއިން ކުޅަދާނަވާ މިންވަރެއް ދަސްކުރުން މަޖުބޫރު ކުރައްވަމުން ތަޤުވާވެރި ވުމުގެ ޚިޔާލު ލައިދީ ނަގަހައްޓުވަމުން، މާތް ރަސޫލާގެ ސީރަތަށް ލޯބި އެކުއްޖާގެ ހިތުގައި އަށަގަންނަވަމުން ގެންދެވޭތޯ ބައްލަވާށެވެ. ރަސޫލާގެ ސީރަތަކީ، ހުރިހާ މޮޅު ނަމޫނާ އަކާއި، ރިވެތި އުސޫލެއް، މަތިވެރި އަޚްލާޤަކާއި، ހަރުދަނާ މިސާލެއް، ފެންނަން އޮތް ކީރިތި މޫރިތި ދަރުސްތަކެއްކަން އޭނާގެ ހިތަށް އިހްސާސް ކޮށްދެއްވާށެވެ.

ނަސޭހަތާއި މަޥްޢިޡާ ތަކުގެ ތެރެއިން ހެޔޮކަން ބޮޑީ ތެދުމަގު އަލިކޮށްދީފަނިވި ތަކެއްޗެވެ. ރަސޫލާ ހިއްޕެވި މަގުތަކަށްވުރެ ތަނަވަސްކަން ބޮޑު އަލި މަގުތަކެއް ކޮބައިތޯއެވެ؟ އެކަލޭގެފާނުން ޢަމަލު ކުރަންވަމުން ގެންދެވި ޢަމަލުތަކަށްވުރެ ހެޔޮލަފާ ޢަމަލެއް ކޮބައިތޯއެވެ.؟ އެމާތް ސާހިބާގެ ސީރަތަށްވުރެ ޠާހިރު އަބުރުވެރި ސީރަތެއް ފަހެ އޮންނާނެތޯއެވެ.؟ ނެތްކަން ހަމަ މުޅީންމެ ޔަޤީނެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment