11.12.2012

އުނގެނުމަށް ދަތިވުން


އުގެނުމަށް ދަތިވުން ނުވަތަ(ލަރނިނގް ޑިސްއެބިލިޓީޒް) އަކީ ކުއްޖާ އުފަންވާއިރުވެސް އުފެދުމުގައި އެކުއްޖާގެ "ނާރުތަކާއި ބެހޭ ނިޒާމު" ނުވަތަ ސިކުނޑިއާއި ހަށިގަނޑުގެ އެހެންބައިތަކާއި ގުޅުވައިދޭ މުވާސަލާތީ ވިއުގަ، އުފެދި ފައި ހުންނަގޮތުން ކުދިންނަށް ދިމާވާކަމެކެވެ. އެހެންކަމުން އުނގެނުމުގެ އެކި މަރުހަލާތަކުގައި އަޑުއެހުމާއި، ވާހަކަ ދެއްކުމާއި، ބަލއަިގެން ކިޔުމާއި، ހިސާބު ހެދުމާއި، ވިސްނުން ބޭނުންކޮށްގެން ކުރަންޖެހޭ ކަންކަން ކުރަން އުދަގޫވެއެވެ.

މިފަދަ ކުދިންނަކީ ބަލާބެލުމަށް ބޭރުފުށުން އެއްވެސް 'އުނި' ސިފައެއް ނެތް ކުދިންނެވެ. އަދި މި ކުދިންނަކީ އާދައިގެ މިންވަރަކަށް، މެދު މިންވަރަކަށް ނުވަތަ ވަރަށް މަތީ ފެންވަރަކަށް ތޫނު ފިލިކަން ހުންނަ ކުދިންނެވެ. ނަމަވެސް މިފަދަ ކުދިން ކުރިއަރާ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި އެތަށްގުނަ އިތުރަށް މަސައްކަތްކުރަންޖެހެއެވެ.

އެއްވެސް ތަފާތުކަމެއް، ނުވަތަ އާދަޔާ ޚިލާފް ކަމެއް ބަޭރުން ފެންނަން ނެތުމުން އެކުދިންނަށް ދިމާވާ ދަތިކަން ބެލެނިވެރިންނާ ޓީޗަރުންނަށް ފާހަގަ ނުކުރެވި ބައެއް ފަހަރު ނޭދެވޭ ބަސްބަސް ބޭނުންކުރެވޭތަން އާދެއެވެ. އަދި އެކުދިން ފާހަގަކުރެވި މިސާލުޖެހެނީ ކަންނެތް، ބަސްނާހާ، ކިޔެވުމަށް ދެރަ ކުދިންގެ ގޮތުގައެވެ. އެހެންކަމުން ކުއްޖާ މަސައްކަތްކުރަން ފޫހިވެ ހާސްކަން އިތުރުވެ މާޔޫސްވެއެވެ. އާދަޔާ ޚިލާފަށް ރުޅިގަދަވުމާއި، މާޔޫސްވުން އިތުރުވެ ނަފްސާނީ ގޮތުން ކުއްޖާ ބަލިކަށި ވެއެެވެ. އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެއްލޭގޮތް މެދުވެރިވެއެވެ.

އުގެނުމުގެ ދަތިކަން ދިމާވާ ސަބަބުތައްކަމަށް މިހާތަނަށް ހޯދުނު ޢިލްމީހޯދުންތަކުންނާއި ލިބެން ހުރި މައުލޫމާތުގެ އަލީގައި ފާހަގަ ކުރެވޭ ކަަންކަމަކީ:-

1- އާއިލީގޮތުން ވާރުތަ ކުރުން.

2- ބަލިވެއިނުމާ، ވިހެއުމުގައި ދިމާވާ ދަތިކަމެއްގެ ސަބަބުން ނުވަތަ ދުވަސް ނުފުރާ ވިހާކުދިންނަށް މިހެން ދިމާވުން ގާތް.

3- މާބަނޑު ދުވަސްވަރު އެކަށީގެންވާ ރަގަޅުކާނާ ނުކެވުމުގެ ސަބަބުންނާއި، ބާރުގަދަ ބޭސް، މަސްތުވާފަދަ ތަކެތި އަދި ދުންފަތުގެ އިސްތިއުމާލުކުރުންފަދަ ކަންކަން ކުރުމުން.

4- މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމުގެ ތެރޭގައި ދަރިފުޅަށް ބޭނުންވާ އޮކްސިޖަން ނުލިބުމުގެ ސަބަބުން..

5- ވިހެއުމުގެ ތެރޭގައި ކުއްޖާގެ ބޮލަށް ގެއްލުމެއް ލިބުން، އަދި ތުއްތު ކުއްޖާ އާދަޔާ ޚިލާފަށް ގަދައަށް ހުން އައުމުން.

6- ކުއްޖާ ތުއްތު ދުވަސްވަރު ވިހަ ދުމާއި، ލެޑް، އެލުމިނިއަމް، މަރކަރީފަދަ މާއްދާއަކަށް ހާމަވުން.

(މި ލިޔުމަކީ ތިރީގައި ބަޔާންކޮށްފައިވާ ފޮތުގެފުރަތަމަ ޗެޕްޓަރގައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚުލާސާ ލިޔުމެކެވެ.)

Harwell, J.M & Jackson, R.W. The Complete Learning Disabilities Handbook, third edition. SanFrancisco: Jossey-Bass. 2008 Print

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment