11.15.2009

ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގައި ސަމާލުކަން ދެއްވަންވީ 29 ކަންތައް


ލަތީފާ ޤާސިމް

މުސްލިމަކަށްވުމުގެ މާނައަކީ ކޮބައިކަން ކުދިންނަށް އަންގައިދިނުމަކީ، ކޮންމެ މަންމައަކާއި ބައްޕައެއްގެ މަސްއޫލިއްޔަތެކެވެ. މިމަސްޢޫލިއްޔަތު އަދާކުރުމަށް އެހީވެދޭނެ 29 ކަމެއް މިތާގައި ހުށަހަޅާލާނަމެވެ.

1. މުސްލިމަކަށް ވީތީ ފަޚުރުވެރިވުމަށް ދަރިންނަށް ދަސްކޮށްދެއްވާށެވެ. މުސްލިމުންނަކީ މިބިންމަތީގައިވާ އެންމެ ނަސީބުވެރިންކަމާ، އިސްލާމްދީން ފެތުރުމަށް އަހަރުމެން މަސައްކަތްކުރަން ޖެހޭނެކަން ކުދިންނަށް ބުނެދެއްވާށެވެ.

2. ހުރިހާ ކަމެއްވެސް ޅައުމުރުގައި ފައްޓަވާށެވެ. މިގޮތުން ތަފާތު ޙާލަތްތަކުގައި، އެޙާލަތަކާ ގުޅޭ ދުޢާ އެންމެ ޅައިރުއްސުރެ ކުދިންނަށް ކިޔައިދެއްވާށެވެ. މިސާލަކަށް: ގެއިން ނުކުންނަމުން، ފޭރާންލަމުން، ނިދަން އޮށޯންނަމުން، ކިޔާނޭ ދުޢާތައް މާނައާއި، އެކަމުގެ ފައިދާއާއެކު ކުދިންނަށް ދަސްކޮށްދެއްވާށެވެ. އޭރުން އެކުދިން، ކީރިތި ޤުރުއާނާއި ދުޢާތަކަށް އަހުލުވެރިވެ، ރަނގަޅު އިސްމާޅީ ދިރިއުޅުމަކަށް ޝައުޤުވެރިވާނެއެވެ.

3. ގާތުން ކިރު ދެއްވާށެވެ. ޤުދުރަތުގެ މި މުއްސަނދި ހަދިޔާގައި ގިނަގުނަ ފައިދާއާއި ދަރުމަ ވެއެވެ. މައިމީހާގެ ކިރަކީ ކުޑަ ދަރިފުޅަށްޓަކައިވާ ހަމައެކަނި ކާނާއެއް ނޫނެވެ. އޭގެ އިތުރަށް އެއީ މައިމީހާއާއި ދަރިފުޅާއި ދެމެދުގައިވާ މައިވަންތަކަމުގެ ގުޅުން ބަދަހިކޮށް، ދެފަރާތުގެ ލޯބި ބަދަލު ކުރުމަށްޓަކައިވާ އަގުހުރި ވަސީލަތެކެވެ. އެހެންކަމުން ގާތުން ކިރު ދެއްވާ ވަގުތަކީ ލޯތްބާއި އޯގާތެރިކަމުން ދަރިފުޅުގެ ހިތް ފުރާލަދީ، ހަމައެކަނި ދަރިފުޅަށްޓަކައި ޚާއްޞަވެފައިވާ ވަގުތެއް ކަމުގައި ހައްދަވާށެވެ.

4. ދަރިފުޅަށްޓަކައި ރަގަނޅު ނަމޫނާއެއް ކަމުގައި ވެލައްވާށެވެ. ކުދިން ތަބާވާނީ އަޅުގަނޑުމެން ކުރާ ކަންތަކަށެވެ. ބުނާބަހަކަށް ނޫނެވެ.

5. ހެޔޮ ނުބައި ވަކިކޮށް ދެއްވުމުގައި ދީނުގައި އެކަން އޮތްގޮތް ކުއްޖާއަށް ބުނެދެއްވާށެވެ. މިސާލަކަށް: ތެދު ބުނުމަށް ކުއްޖާއަށް ބުނެދެއްވާއިރު ދީނުގައި އެކަން އޮތްގޮތް ކިޔައިދެއްވާށެވެ. އަދި ދީނުގައި އެކަމަށް ބާރު އަޅުއްވާފައިވާ މިންވަރު ކުއްޖާގެ ޢުމުރާ ގުޅޭ ގޮތުން ވިސްނައިދެއްވާށެވެ. ކޮންމެ ރަނގަޅު ކަމަކާ ގޯސް ކަމެއްވެސް މިގޮތަށް ކުއްޖާއަށް ބުނެދެއްވާށެވެ.

6. ހުރިހާ ކަމެއްގައިވެސް ކީރިތި ރަސޫލާގެ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ތަބާވުމުގެ މުހިއްމުކަން ކުދިންނަށް ވިސްނައިދެއްވާށެވެ. ފަރުޟުނަމާދުގެ އިސްފަހުގައި ކުރުމަށް އަންގަވާފައިވާ ސުންނަތް ނަމާދުތަކާއި، އެނޫން ސުންނަތް ނަމާދުތަކަށް ކުއްޖާ ހޭލުންތެރި ކުރުވާށެވެ. ސަލާމްކުރުމަށާއި، ރީތި ބަހުން މުޢާމަލާތް ކުރުމާއި، މީހުންނަށް ހެޔޮކޮށް ހިތުމާއި، ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން މަނާ ކުރުންފަދަ ކަންކަމަށް ކުއްޖާ ހޭލުންތެރި ކުރުވާށެވެ. އަދި ކީރިތި ރަސޫލާގެ ސުންނަތުގައި ހިމެނޭ މިފަދަ ހުރިހާ ކަމަކަށް ޢަމަލުކުރުމުގެ މުޙިންމުކަމާ އެކަންކަމުގެ ބޭނުން ކުއްޖާއަށް ބުނެދެއްވާށެވެ.

7. ވަގުތުން ވަގުތަށް ނަމާދު ކުރުމަށް ކުދިންނަށް އާދަކޮށް ދެއްވާށެވެ. ނަމާދަށް ތައްޔާރު ވުމާ ވުޟޫކުރުމާ ނަމާދާއި ގުޅިފައިވާ ހުރިހާ ކަމެއް ކުދިންނާއެކު ކުރައްވާށެވެ. އެހެންކަމުން ނަމާދުގެ މުހިއްމުކަން ކުދިންނަށް ވިސްނޭނެއެވެ. އަދި އެ މުހިއްމު އަޅުކަމުގައި އެކުދިން ބައިވެރި ކުރުމުން ޢާއިލާގައި އެކުދިންގެ ދައުރު އިޙްސާސް ކުރެވޭނެއެވެ. އަދި ނަމާދުކުރުމުގެ އާދަ އަށަގަންނާނެއެވެ. މިގޮތަށް ދީނުގެ ހުރިހާ އަޅުކަންތަކަށްވެސް ކުއްޖާ އާދަ ކުރުވާށެވެ.

8. އަނެކުންނަށް އިޙްތިރާމް ކުރަން ކުއްޖާއަށް ދަސްކޮށްދެއްވާށެވެ. ކުދިންގެ ފަރާތުން އިޚްތިރާމް ލިބިގަތުމަށްޓަކައި ކުދިންނަށް އިޙްތިރާމް ކުރައްވާށެވެ. ކުދިންގެ ވާހަކަ އަޑުއައްސަވާށެވެ. އަދި އެ ކުދިންގެ ބޭނުންތަކަށް އިޙްތިރާމް ކުރައްވާށެވެ. ކުދިންގެ ވާހަކަ އަޑުއައްސަވާށެވެ. އަދި އެކުދިންގެ ބޭނުންތަކަށް އިޙްތިރާމް ކުރައްވާށެވެ. ކުއްޖާ އެދޭ ކަންކަން ކޮށްދެއްވުމުގައި، އެ އެދުނުކަމަކީ ބޭނުންތެރި ކަމެއްތޯ ނުވަތަ ނޫންތޯ ކުއްޖާއާ ވާހަކަ ދައްކަވާށެވެ. ކޮންމެ ކަމެއް ކޮށްދެއްވުމުގައިވެސް އެކަމުގެ ބޭނުމާއި، އެކަމުގެ އަގު ކުއްޖާއަށް ބުނެދެއްވާށެވެ. އެއްވެސް މީހަކަށް، ބޭނުންވާ ހުރިހާ ކަމެއް ބޭނުންވާ ވަގުތު ނުވާނެކަން ލޯތްބާއިއެކު ކުއްޖާއަށް ވިސްނައިދެއްވާށެވެ.

9. ދަރިންނާއެކު ގާތް ގުޅުމެއް އުފައްދާށެވެ.
މައިންބަފައިން އެދޭ ކަންތައްތައް ކުދިންގެ ކިބައިގައި ހަރުލެއްވުމަށްޓަކައި މިއީ ވަރަށް މުޙިންމު ގުޅުމެކެވެ. މިވަރުގަދަ ގުޅުމުގެ ސަބަބުން، ކުދިން މައިންބަފައިންގެ ނަމޫނާ ބަލައިގަތުމުގެ ޝަޢުޤު އިތުރުވާނެއެވެ. އަދި ދެ ފަރާތުގެ ގުޅުން ބަދަހި ވީވަރަކަށް، ބުނާ ބަސް އަހައި ނަޞޭޙަތް ޤަބޫލު ކުރާނެއެވެ.

10. ކިޔަމަންތެރިކަން އަދާކުރުމުގެ މުހިންމުކަން ކުއްޖާއަށް ބުނެދެއްވާށެވެ. ﷲގެ ޙަޟްރަތަށް ކިޔަމަން ގަންނަން ކުއްޖާއަށް ދަސްކޮށްދެއްވާށެވެ. އަދި މައިންބަފައިންނާއި، ވެރިންނާއި، ތިމާއަށްވުރެ ބޮޑެތި މީހުންނަށް ކިޔަމަންތެރިވުމަށް ކުދިންނަށް ދަސްކޮށްދެއްވާށެވެ. މިހުރިހާ ފަރާތަކަށް ކިޔަމަންތެރިކަން އަދާކުރުމަށް ދީން ބާރުއަޅާ މިންވަރާއި، އެކަމުގެ ބޭނުން ކުއްޖާގެ ސިކުޑިއަށް ވިސްނޭ މިންވަރަކުން ބުނެދެއްވާށެވެ.

11. ކުއްޖާއާއެކު ޚިޔާލު ބަދަލުކޮށްލާ ވާހަކަ ދައްކާލާނެ ވަގުތުކޮޅެއް ކޮންމެ ދުވަހަކުވެސް ހޯއްދަވާށެވެ. މިވަގުތު ކޮޅުގައި ﷲއާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ބެހޭގޮތުން ކުއްޖާއާ ވާހަކަ ދައްކާށެވެ. އަދި އެކަންކަމާ ގުޅޭގޮތުން ކުއްޖާއާ ވާހަކަ ދައްކާށެވެ. އަދި އެކަންކަމާ ގުޅޭގޮތުން ކުއްޖާއާއި ސުވާލު ކުރައްވާށެވެ. މިސާލަކަށް: އިރާ ހަނދާ ތަރިތައް އުފެއްދެވީ ކޮން ފަރާތަކުންތޯ ސުވާލު ކުރެއްވިދާނެއެވެ. ކުއްޖާއަށް ރަނގަޅު ޖަވާބު ދެވުމުން އެކަމާ ފަހުރުވެރިވާން ދަސްކޮށްދެއްވާށެވެ.

12. ﷲގެ އުފެއްދެވުންތަކުގެ ފުރިހަމަކަން ކުއްޖާއަށް ކިޔައިދެއްވާށެވެ. ޚާއްޞަ ގޮތެއްގައި ސައިންސުގެ ފިލާވަޅުތައް ކިޔައި ދެއްވާއިރު ﷲގެ އުފެއްދެވުންތަކުގެ ފުރިހަމަކަމާ ރީތިކަމާ މޮޅުކަން ކުދިންނަށް ވިސްނައިދެއްވާށެވެ. މިކަންކަމުން ﷲގެ ކުޅަދުންވަންތަކަމާއި ޙިކުމަތްވަންތަކަން ކުދިންގެ ހިތްތަކަށް ވައްދައިދެއްވާށެވެ.

13. ޅައުމުރުގައި ޤުރުއާން ކިޔަވައި ދެއްވަން ފައްޓާވާށެވެ. މިގޮތުން ބޮޑުވާއިރު ކުއްޖާއަށް އެކަނި ޤުރުއާން ކިޔަވަން ދަސްވާނެއެވެ. އަދި ޤުރުއާނަށް ލޯބި ޖެހި ޤުރުއާން އުގެނުމުގެ ޝަރުޠު އިތުރުވާނެއެވެ.

14. ކުދިންނަށް ކީރިތި ޤުރުއާން އިއްވައިދެއްވާށެވެ. ނިދާވަގުތުގައްޔާއި އެނޫން ވަގުތުތަކުގައި ވެސް ކީރިތި ޤުރުއާން އަޑުއެހުމުގެ ފުރުޞަޠު ކުދިންނަށް ހޯދައި ދެއްވާށެވެ. ކެސެޓް ރޯލް ޖައްސަވައިގެން ވިޔަސް އެންމެ ރަނގަޅެވެ. ކުދިންގެ އުމުރާ ގުޅޭގޮތުން، ކީރިތި ޤުރުއާނާބެހޭ ވާހަކަތައް، ޚާއްޞަކޮށް ނިދާ ގަޑީގައި ކިޔައި ދެއްވާށެވެ.

15. ޛިކުރުކުރަން ކުދިންނަށް ދަސްކޮށްދެއްވާށެވެ. ޅަ ޢުމުރުގައި އިގިލި ބިންދައިގެން ޛިކުރުކުރުމާ ތަސްބީޙަ ކިޔަން ދަސްކޮށްދެއްވާށެވެ. އަދި ޤަޔާމަތްދުވަހު އަހަރެމެންގެ ގުނަވަންތައް، އަހަރެމެންނާމެދު ހެކިދޭނޭކަން ކުއްޖާއަށް ބުނެދެއްވާށެވެ. މިކަން، ކުއްޖާ ރަނގަޅު ކަންތައް ކުރުމަށް ބާރުއަޅާނެއެވެ. އަދި ނުބައި ކަންކަމުން ދުރުހެލި ކުރުވާނެއެވެ.

16. ރަނގަޅު ރަޙުމަތްތެރިން ކުއްޖާއަށް ހޯދައި ދެއްވާށެވެ. މިގޮތުން އެއްފުރާގެ ކުދިންނާއެކު އުޅުމުގެ ފުރުޞަތު ކުއްޖާއަށް ހޯދައި ދެވިދާނެއެވެ. އެކުދިންގެ ކުބައިން ކުއްޖާއަށް ރަނގަޅު ސިފަތައް ދަސްވާނެއެވެ. އަދި ރަޙުމަތްތެރިންނާއެކު އުޅެންވީ ރަނގަޅު ގޮތް އެގި، ރަޙުމަތްތެރިކަމުގެ އަގު ކުއްޖާއަށް ވަޒަންކުރެވޭނެއެވެ. އަދި އެހެން މީހުންނަކީ ތިމާއަށް ކިހާ މުހިންމު ބައެއްކަން ކުއްޖާއަށް އިޙުސާސް ކުރެވޭނެއެވެ.

17. ޅައުމުރުން ފެށިގެން ޒަމާނާމެދު ކުއްޖާ ހޭލުންތެރި ކުރުވާށެވެ. އެކަށީގެންވާ އަންނައުނު ކުދިންނަށް ހޯދައި ދެއްވާށެވެ. އަދި ހެދުން އެޅުމުގެ ރީތި އާދަތަކާ ރަނގަޅު ގޮތް ކުދިންނަށް ބުނެދެއްވާށެވެ. މުޖުތަމަޢު ތެރެއަށް ނުކުމެ އުޅުމުގައި ދީނާއި އަމިއްލަ ވަންތަކަން ހިފެހެއްޓުމަށް ކުއްޖާއަށް ބާރު އަޅުއްވާށެވެ. އަދި ބަޔަކު މީހުން އުޅޭހާ ގޮތެއް ކޮޕީ ކުރުމަކީ ހަރުދަނާ މީހުންގެ ގޮތެއް ނޫން ކަންވެސް ލޯތްބާއެކު ކުއްޖާއަށް ވިސްނައި ދެއްވާށެވެ.

18. ގޯސްކަންކަން ކުރާ ކުދިންނަށް ރަނގަޅު ނަމޫނާއެއް ކަމުގައި ވުމަށް ކުދިންނަށް ދަސްކޮށްދެއްވާށެވެ. އެކުގައި އުޅޭ ކުދިންގެ ތެރެއިން ކުއްޖަކު ގޯސް ކަމެއް ކުރާނަމަ އެކަން މަނާ ކުރާ ކުއްޖަކަށް ވުމަށް، ކޮންމެ ކުއްޖަކަށްވެސް ދަސްކޮށްދެއްވާށެވެ. އަދި އެފަދަ ކުދިންނަށް ރަނގަޅު ގޮތް ބުނެދޭ ކުއްޖަކަށްވުމަށް މައިންބަފައިން ދަރިންނަށް ބުނެދެއްވާށެވެ.

19. ޢިބްރަތްތެރި ވާހަކަކިޔުމުގެ އާދަ ކުދިންގެ ކިބައިގައި އަށަގަންނުވާށެވެ. މިގޮތުން ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ވާހަކަތަކާ، އިސްލާމީ ތާރީޚުގެ މުޙިއްމު ހާދިސާތައް، ކުދިންގެ ޢުމުރާ ގުޅޭ ގޮތުން ކިޔައި ދެއްވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އަދި ބޮޑެތި ކުދިން ލައްވާ، ކޮއްކޮމެންނަށް ވާހަކަ ކިޔައި ދިނުމާއި، އެކިއެކި ޢިބްރަތްތެރި ވާހަކަތަކުގެ ހަނދާން އާކުރުމަކީވެސް ގޭތެރޭގެ މާހައުލުގައި ކުރެވިދާނެ ކަމެކެވެ.

20. ކުއްޖާ ރުއްސައި ކުއްޖާއަށް ހިތްވަރު ދެއްވާށެވެ. ކުދިންގެ އާންމު ދިރިއުޅުމުގައި ބައެއް ފަހަރަށް، ކަމެއް ކުރަން ބޭނުންވެ، އެކަން ނުކުރެވިގެން ރުޅި ގަދަވެ، ނުތަނަވަސްވެގެން އުޅޭ ދަނޑިވަޅުތައް އާދެއެވެ. މިފަދަ ދަނޑިވަޅެއް ކުރިމަތިވެއްޖެނަމަ ކަންތައްކުރައްވާނީ ކިހިނެއްތޯއެވެ؟ ކުއްޖާ އަމިއްލައަށް އެކަން ހައްލު ކުރުމުގެ ފުރުޞަތު ކުއްޖާއަށް ހޯދައިދެއްވާށެވެ. އޭގެ ފަހުގައި އެކަމަށް އެހީތެރިވެ ދެއްވާށެވެ. އަދި ކަންކަން އަމިއްލައަށް ކުރުމާ، ޒިންމާދާރުވާން ކުއްޖާއަށް ދަސްކޮށްދެއްވާށެވެ.

21. ކޮންމެ ކުއްޖަކީވެސް އެހެން ކުދިންނާ ތަފާތު ކުއްޖެއްކަން ހަދުމަފުޅު ބަހައްޓަވާށެވެ. އެކި ކުދިންގެ ކިބައިގައި މާތްﷲ ލައްވާފައި ވަނީ އެކި ހުނަރުތަކެވެ. ކޮންމެ ކުއްޖަކީ ކިޔެވުމުގެ ގޮތުން ކްލާހުން އެއްވަނަ ހޯދޭނޭ ކުއްޖެއް ނޫނެވެ. އަދި އޭ ރިޕޯޓް ހޯދޭނޭ ކުއްޖެއްވެސް ނޫނެވެ. ކުއްޖާ އެންމެ ބޮޑަށް ޝައުގުވެރިވާ ކަމަކަށް ފުރުޞަތު ހޯދައި ދެއްވާށެވެ. އަދި ކުއްޖާއަށް ބުރައަކަށް ނުވާ ވަރަށް ކިޔެވުމަށްވެސް ބާރު އަޅުއްވާށެވެ. ތަފާތު ފަންނު ތަކުގައި ކުއްޖާ ހަރަކާތްތެރި ކުރުވާށެވެ. އެގޮތުން ކުއްޖާ އެންމެ ޝައުގުވެރިވާ ދާއިރާއެއް ބައްލަވައި އެ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދެއްވާށެވެ.

22. ރަނގަޅު އާދަތައް ދަސްކޮށްދެއްވުމުގައި އެކުގައި މަސައްކަތް ކުރުމަށް އާދަކުރައްވާށެވެ. ކުއްޖާ ގާތު މިވެނި ކަމެއް ކުރަން ދާށޭ ބުނުމަށްވުރެ، މިވެނި ކަމެއް ކުރަން ހިގާށޭ ބުނުން، އެކަމެއް ކުރުވަން ފަސޭހަވާނެއެވެ. ކަންކަން ކުރުމުގައި ބެލެނިވެރިޔާ ކުއްޖާއާ އެކު ބައިވެރިވާކަން އެގުމުން ކުއްޖާ އެކަން ކުރުމަށް އެޅޭ ބާރަކަށް ވާނެއެވެ. އަދި އެކަމެއް ކުރުމުގެ އެންމެ ރަނގަޅު ގޮތްތަކާ ރީތި އާދަތައް ބެލެނިވެރިޔާގެ ކިބައިން ކުއްޖާއަށް ދަސްވާނެއެވެ. މިސާލަކަށް: ކުއްޖާ ގާތު ފިލާވަޅު ހަދަން ދާށޭ ބުނުމުގެ ބަދަލުގައި ފިލާވަޅު ހަދަން ހިގާށޭ ބުނުއްވާށެވެ. ބެލެނިވެރިޔާ ކުއްޖާއާއެކު ބައިވެރިވުމުގެ ސަބަބުން ފޮތް ގެންގުޅެންވީ ގޮތާ ތަރުތީބު ކުރަންވީ ގޮތް ސާފުތާހިރުކޮށް ފޮތް ގެންގުޅުން ފަދަ ރީތި އާދަތައް ކުއްޖާއަށް ދަސްވާނެއެވެ.

23. އިޖުތިމާޢީ ގުޅުމުގެ މުހިއްމުކަން ކުދިންނަށް ބުނެދެއްވާށެވެ. މިސްކިތަށް ނަމާދަށް ވަޑައިގަންނަވާއިރު ކުއްޖާވެސް ގެންދަވާށެވެ. ހުކުރުނަމާދާއި ޢީދު ނަމާދު ފަދަ މުހިއްމު ދީނީ ޢިޖުތިމާޢީ އެއްވުންތަކުގައި ކުއްޖާ ބައިވެރި ކުރާށެވެ. އަދި ގާތް ތިމާގެ މީހުންގެ ތެރެއިން ހެޔޮ ލަފާ ދީންވެރި ރަނގަޅު އުޅުން އުޅޭ މީހުންގެ ގޭގެއަށް ކުއްޖާ ގެންދަވާށެވެ. މިކަން ކަމުން އިޖުތިމާޢީ ދިރިއުޅުމަށް ކުއްޖާ ލޯބި ޖެހޭނެއެވެ. އަދި ރަނގަޅު ނަމޫނާތައް ފެނި ކުއްޖާއަށް އެކަން ކަމުން ހެޔޮ އަސަރުތަކެއް ކުރުވާނެއެވެ. އަދި މީހުންގެ ތެރޭގައި އުޅެންވީ ރަނގަޅު ގޮތްތަކާ އަދަބުތައް ދަސްވާނެއެވެ.

24. އަނެކުންނަށް އެހީތެރިވާން ކުއްޖާއަށް ދަސްކޮށްދެއްވާށެވެ. ކުއްޖާ، މައިންބަފައިންނާއި އެނޫން ފަރާތްތަކުގެ އެހީތެރިކަމަށް ބޭނުންވާ ފަދައިން، އެ ފަރާތްތަކަށް ކުއްޖާގެ އެހީތެރިކަން ލިބެން ޖެހޭނެކަން ބުނެދެއްވާށެވެ. އިސްލާމްދީނުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ވަރަށް މާތް މަތިވެރި ކަމެއް ކަމާ އެކަމަށް ދީން ބާރިއަޅާ މިންވަރުވެސް ބުނެދެއްވާށެވެ. ގޭތެރޭގައި އެކިއެކި ކަންކަމުގައި އުޅުއްވާއިރު ކުއްޖާގެ އެހީތެރިކަން ހޯއްދަވާށެވެ. އެގޮތުން ކުދިންނަށް އެހީތެރިވާން ދަސްވާނެއެވެ. ކުއްޖާގެ ފަރާތުން ލިބޭ ކޮންމެ އެހީތެރިކަމެއް އުފަލާއެކު ބަލައިގަންނަވާށެވެ. އަދި އެކަމަށް ތަޢުރީފު ކުރައްވާށެވެ. އޭރުން އެހީތެރިކަމުގެ އަގު ކުއްޖާއަށް ވަޒަން ކުރެވޭނެއެވެ. އަދި އެކަމަށް ޝައުގުވެރިވާނެއެވެ.

25. ގޭގައި ނަސޭހަތް ދިނުމުގެ ބައްދަލުވުންތައް ބާއްވާށެވެ. ކުދިންނާއި މައިންބަފައިން، ހަފުތާގެ ތެރޭގައި ކުރެވުނު ކަންތައްތަކާމެދު ޚިޔާލު ބަދަލުކޮށްލާ ވާހަކަ ދައްކާލުމަށް އެއްވެލާށެވެ. މި ބައްދަލުވުމުގައި ރަނގަޅަށް ކުރެވުނު ކަންތައްތަކާއި ގޯސްކޮށް ކުރެވުނު ކަންތައްތަކާ މެދުވެސް ވާހަކަ ދައްކާށެވެ. އެކަންކަމާ ގުޅޭ ގޮތުން ކުއްޖާއަށް ނަސޭހަތްދީ ރަނގަޅު ގޮތް ބުނެދެއްވާށެވެ. އަދި ނަސޭހަތް އަޑުއެހުމުގެ ޝައުގު ކުއްޖާގެ ކިބައިގައި އަށަގަންނުވާށެވެ. މިކަމަށްޓަކައި، ނަސޭހަތް ދިނުމުގެ އެއްވުންތަކަށް ކުއްޖާ ގެންދަވާށެވެ. މިސްކިތް ފަދަ ތަނެއްގައި އޮތް އެފަދަ އެއްވުމެއްގައި ބައިވެރިވެއްޖެނަމަ ގެއަށް އަންނަ މަގުމަތީގައި އެ ދެކެވުނު ވާހަކައާމެދު ކުއްޖާއާ ޚިޔާލު ބަދަލު ކުރައްވާށެވެ.

26. ކީރިތި ޤުރުއާނާއި ތަފާތު ދީނީ މަޢުލޫމާތުތައް ހިމެނޭ ކުދިކުދި މުބާރާތްތައް ގޭގައި ބާއްވާށެވެ. އަންމާ ފޮތުގެ ސޫރަތްތައް ހިތުދަސް ކުރުމާއި، ނަމާދު އެއްޗެހި ދަސްކުރުމުގެ މުބާރާތްތައް ކުދިންގެ މެދުގައި ބޭއްވިދާނެއެވެ. ތަފާތު ހާލަތްތަކުގައި ކިޔާ ދުޢާތައް ދަސްކުރުމާ ތަޖުވީދު މަގުން ޤުރުއާން ކިޔެވުން ފަދަ މުބާރާތްތައްވެސް ބޭއްވިދާނެއެވެ. އަދި ބެލެނިވެރިންމި މުބާރާތްތަކަށް އިނާމު ހުށަހަޅުއްވައި އެކަންކަމުގައި ކުދިންނާއެކު ބައިވެރިވެލައްވާށެވެ.

27. ﷲއާމެދު އަބަދުވެސް ރަނގަޅަށް ހީކުރުމަށް ކުދިންނަށް ދަސްކޮށްދެއްވާށެވެ. ހުރިހާކަމަކީ ވެސް ﷲގެ ޙަޟްރަތުން ލިބޭ ކަންތައްތައްކަން ކުއްޖާއަށް ބުނެދެއްވާށެވެ. އެކަލާނގެ އެއްވެސް އަޅަކަށް ދެރަގޮތެއް އިރާދަ ނުކުރައްވާކަމާއި، ދޫކޮށްނުލައްވާނެކަން، ކުއްޖާއަށް ވިސްނޭ ގޮތަށް ބުނެދެއްވާށެވެ. ކޮންމެ ކަމަކަށްވެސް ރަނގަޅަށް އުންމީދު ކުރުމަށް ކުއްޖާއަށް ބުނެދެއްވާށެވެ. އަދި ކޮންމެ ކަމަކަށްވެސް ގަދައަޅާ މަސައްކަތް ކޮށް، އެކަމެއް ހާސިލުވުން އަދި ﷲ އަށް ދުޢާ ކުރުމުގެ މުހިންމުކަން ބުނެދެއްވާށެވެ. އަދި އެކަމަށް ބާރުއަޅުއްވާށެވެ.

28. ޖިހާދުގެ މުހިއްމުކަން ކުއްޖާއަށް ބުނެދެއްވާށެވެ. އެންމެ ފުރަތަމަ ޖިހާދަކީ ނުބައި ކަންކަމުން ނަފްސު ސަލާމަތް ކުރުމަށްޓަކައި ކުރާ ޖިހާދެވެ. އެގޮތުން ދޮގު ހެދުމާ ވަގުތު ބޭކާރު ކުރުން ފަދަ ނުރަނގަޅު ސިފަތަކުން ދުރުހެލިވުމަށް މަސައްކަތް ކުރަން ޖެހެއެވެ. އަދި ޒަމާނާއެކު އަންނަ ނުރަނގަޅު އާދަތަކަށް ނުހެއްލި ދީނުގެ ހަމަތަކުގައި ހިފެހެއްޓުމަށްވެސް ހިންމަތާއެކު ޖިހާދުކޮށް މަސައްކަތް ކުރަން ޖެހޭނެކަން ބުނެދެއްވާށެވެ. ކޮންމެ ކުއްޖަކީވެސް އަމިއްލަ ދީނާ، ގައުމާ، މިނިވަންކަން ރައްކާތެރި ކުރުމުގެ ޒިންމާ އުފުލަން ޖެހޭނެ ކުއްޖެއްކަން ވިސްނައި ދެއްވާށެވެ. މި މުހިއްމު މަސްއޫލިއްޔަތު އަދާކުރުމަށް އިސްލާމްދީން ބާރު އަޅާ މިންވަރު ކުއްޖާއަށް ބުނެދެއްވާށެވެ.

29. ގިނަވަގުތު ތަކެއް ވުމަށްފަހު ކުއްޖާއި ބައްދަލުވެއްޖެ ހިނދެއްގައި އުފާވެރި ވަގުތު ކޮޅެއް ކުއްޖާއާއެކު ހޭދަކޮށްލައްވާށެވެ. ބެލެނިވެރިޔާ ދުރުގައި ވީނަމަވެސް، މާތްﷲ ހުރިހާ ވަގުތަކު ކުއްޖާއާއިއެކު ވޮޑިގެންވާނެކަން ކުއްޖާއަށް ބުނެދެއްވާށެވެ. ﷲއީ އެންމެ ހެޔޮ އަދި އެންމެ އޯގާވަންތަ ބަލަދުވެރިޔާކަންވެސް ކުއްޖާއަށް ވިސްނައި ދެއްވާށެވެ. ހުރިހާ ކަމެއްގައި ﷲއަށް ވަކީލުކުރުމަށް ކުދިންނަށް ދަސްކޮށްދެއްވާށެވެ. އަދި ދުނިޔޭގެ މި ޙަޔާތަކީ ކުރު ހަޔާތެއްކަން ބުނެދެއްވާށެވެ. އަހަރުމެންނަށް އެގުމަކާއި ނުލައި މި ޙަޔާތް ނިމިގެން ހިނގައިދާނެކަމާއި، އާޚިރަތުގެ ޙަޔާތަކީ އަބަދަށް ދެމިތިބޭ ޙަޔާތެއްކަން ކުއްޖާއަށް ވިސްނޭ ގޮތަށް ބުނެދެއްވާށެވެ.
އާޚިރަތަށްޓަކައި ރައްކާ ކުރެވުނީ ކޮން އެއްޗެއްތޯ ކޮންމެ ދުވަހަކުވެސް އަމިއްލަ ނަފުސާ ސުވާލު ކުރައްވާށެވެ.

ނޯޓް: މިލިޔުމަކީ ދަރުމަ މަޖައްލާއިން ނަގާފައިވާ ލިޔުމެކެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment