ޖަލެއް ބެލެހެއްޓުމުގެ އެންމެ އިސް މަޤާމްގައި ހުރި މީހަކު ކިޔައިދިން ވާހަކައެކެވެ. އެއްދުވަހަކު ޖަލަށް ޒުވާން އަންހެންކުއްޖަކު ގެނެވުނެވެ. އެކުގައި އުޅުން ފިރިހެނެއްގެ ގަޔަށް ފިސްތޯލައެއްގެ ވަޒަން ހުސްވަންދެން ޖަހައި އެމީހާ މަރާލުމުގެ ކުށުގައެވެ. ޖަލުގެ ވެރިޔާ އެއަންހެންކުއްޖާގެ ޙަޔާތުގެއާދަޔާ ޚިލާފް ވާހަކަ ކިޔައިދިނެވެ.
އެއަންހެންކުއްޖާ އުފަންވީ އިސްލާމީ ވެރިކަމެއްގެ ދަށުގައިވާ މުސްލިމު އާއިލާއަކަށެވެ. ކޮންފަދަ މުސްލިމުންނެތް ހެއްޔެވެ؟ ބައްޕައަކީ މިހާރު މިއުޅޭ ގިނަ މުސްލިމުން ފަދައިން ނަމާދުނުކޮށް ރޯދަ ނުހިފާއުޅޭ މީހެކެވެ. ދުވާލު ހަތަރުދަމު ދުނިޔަވީ މަސައްކަތުގައެވެ. ރޭގަނޑުގެ އެތައް ދަމެއްވަންދެން ރާބުއިމާއި، ޒުވާން އަންހެންކުދިންނާއިއެކު ނައިޓްކްލަބްތަކާއި، މިއުޒިކާއި ނެށުމުގައި ރޭތައް ހޭދަކުރުމުގައި ޙައްދުފަހަނައަޅާފައިވާ އިންސާނެކެވެ. އަންހެންކުއްޖާގެ މަންމަ ވަކި ލާހިކެއްނޫނެވެ. ހަށިގަނޑުގެ ޒީނަތްތެރިކަން ދެއްކުމާއި،ރޯމާދުވާލާއި ރޭގަނޑުގެ ހަތަރުދަމު އެތަކެއް ހިލޭ ފިރިހެނުން ގެއަށް ގެނެސްގެންނާއި، އެތަންމިތަނަށް ގޮސްގެން ފާޅުގައި އެމީހުންނާއިއެކު ވަޙުޝީ ޢަމަލުތައް ހިންގުމުގައި ޙައްދުން ނައްޓާލާފައިވާ އަންހެނެކެވެ.އެމީހުންގެ އަންހެން ދަރިފުޅުގެ ކުރިމަތީގައި މައިންބަފައިން އެއްވެސް ޖެހިލުމެއްނެތި އުޅެމުންދާ މުޑުދާރު އުޅުމުން އެދަރިފުޅު ތަރުބިއްޔަތުވަމުން ދާނެގޮތް ނިކަން ވިސްނަވާށެވެ.
މުސްލިމެއްގެ ގޮތުގައި ބޮޑުވެ އުރުން 23އަހަރު ފުރުނު އިރުވެސް އެއަންހެންކުއްޖާއަކަށް ނަމާދު ކުރާނޭގޮތެއް އަދި ދީނުގެ އެހެން އެއްވެސް ތަރުބިއްޔަތެއް ލިބިފައެއް ނުވެއެވެ. މައިން ބަފައިންގެ ތަނަވަސްކަމުގެ ސަބަބުން އެއްވެސް ބޭނުމަކު ގެއިން ބޭރަށް ދާކަށް ނުޖެހެއެވެ. އަންހެން ކުއްޖާއަކަށް އެއްވެސް ތައުލީމެއް ނުދެވެއެވެ. އޭގެ ބަދަލުގައި އެކުއްޖާ ތަރުބިއްޔަތުވަމުން ދިޔައީ އޭނާގެ މައިން ބަފައިންގެ އުޅުމުން ނަމޫނާ ބަލައިގެންނެވެ. ހިލޭ ފިރިހެނުން ގެއަށް ގެނެސްގެންނާއި އެމީހުންނާއި އެކު އެތަންމިތަނަށް ގޮސްގެން ވަޙުޝީ ޢަމަލުތައް ކުރަމުން ގެންދިޔައީ އެއްވެސް ފަރާތަކަށް ލަދެއް، ބިރެއްނެތިއެވެ. ފާފަތަކަށް އަރައިގަތުމުގައި އެއަންހެންކުއްޖާވެސް މައިންބަފައިން ފަދައިން ހައްދުފަހަނައަޅައި ދިޔައެވެ.
މިގޮތުން އަންހެންކުއްޖާ ވަހުޝީ ޢަމަލުތައް ކުރުމުގައި ބައިވެރިންގެ ގޮތުގައި ގްރޫޕެއް (ބޯއި ފުރެންޑުންތަކެއް) ގެންގުޅެމުންދިޔައެވެ. ވަރައް ގިނައިން މިފިރިހެނުންތައް އެއަންހެންކުއްޖާގެ ގެއަށް އައިސް އެންމެން އެކުގައި ރާބޮއި، ވަހުޝީ އަމަލުތައް ކުރަމުން ގެންދިޔައެވެ. އަދި އެއަންހެންކުއްޖާވެސް ގިނަގިނައިން މިމީހުންނާއިއެކު އެމީހުންގެ އަރާމުޚާނާ (ގެސްޓްހައުސް) ތަކަށް ގޮސް ރާބޮއި ބޮޑެތި ވަހުޝީ ޢަމަލުތައް އެމީހުންނާއިއެކު ހިންގަމުން ދިޔައެވެ.
މާތްﷲގެ މިންވަރުފުޅުގައި ވާގޮތެއް އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެއެވެ. ފާފަކުރުމުގައި ޙައްދުފަހަނައަޅާފައިވާ ނަފްސެއް ތައުބާވެ ސީދާމަގައް ރުޖޫޢަވުމުގެ ވަގުތު ޖެހިއްޖެ ނަމަ ލަހެއް ފަހެއް ނެތެވެ. މިގޮތުން އަންހެންކުއަޖާގެ މުޅި ދިރިއުޅުން އެފުއް މިފުށައް ޖެހެމުގެ ވަގުތު އަތުވެއްޖެއެވެ. އެހާދިޘާ ކުރިމަތިވެއްޖެއެވެ.
އަންހެންކުއްޖާ ގްރޫޕާއިއެކު އެމީހުންގެ އަރާމުޚާނާއަކަށް ދިޔަ ދުވަހެކެވެ. ކޮންމެއަކަސް އެދުވަހު އެންމެނަށް ރާބޯންދެމުން ދިޔައިރުވެސް އަންހެންކުއްޖާ ރަލެއް ނުބުއެވެ. ފިރިހެނުންތައް ރަލުގެ މަސްތުގައި ޣަރަޤުވަމުން އަންހެންކުއްޖާއަށް ރާބޯންދޭން މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް އަންހެންކުއްޖާ ރާބުއިމުގެ ޚިޔާލެއް އެދުވަހަކު ނުކުރިއެވެ. އެންމެފަހުން ފިރިހެނުންތައް މަސްތުވެގެން ވައްތަރު ޖައްސައި ފާޑުފާޑުގެ ވާހަކަތައް ދައްކަމުން ދިޔައެވެ. މިގޮތުން އަންހެންކުއަޖާއާއި އެންމެ ގާތްކަން އޮންނަ އަދި އެންމެ ގިނައިން ވަހުޝީ ޢަމަލުތައް ހިންގަމުންއައި ފިރިހެނަކު އަޑުގެ ކޮޅަށް ގޮވާލިއެވެ. " އަދި މިއަށްވުރެ މަޖާ ވާހަކައެއް އަހަރެން ކަލޭމެންނަށް ކިޔައިދޭން ހެއްޔެވެ؟ އަހަރެން އެގެއަށްގޮސް އެތަކެއް ފަހަރު ކަލޭގެ (އަންހެންކުއްޖާގެ) މަންމައާއި އެކުވެސް ޒިނޭކޮށްފީމެވެ."
އަންހެންކުއްޖާއަކީ ބޮޑެތި ފާފަކުރުމުގައި ޙައްދުފަހަނަ އަޅާފައިވާ ކުއްޖެކެވެ. އެއްވެސް އުޅުމެއް އަޚްލާގެއް ސުލޫކެއް ނެތެވެ. ލަދުހަޔާތަކީ ކޮންއެއްޗެއްކަން ޔޯލައަކަށްވެސް އެނގިފައެއް ނުވެއެވެ. ނަމަވެސް ތިމާއާއިއެކު ވަޙުޝީ ޢަމަލުތައް ކުރަމުންދާ މީހަކު އަދި ނުވިތާކަށް މަންމައާއި އެކުގައިވެސް ޒިނޭކުރި ވާހަކަ ބުނުމާއިއެކު އަންހެންކުއަޖާގެ ސިކުނޑި ހުއްޓިއްޖެ ކަހަލައެވެ. ޙަޔާތުގެ ފާފަވެރި ދުވަސްތައް ބޮޑު ސްކްރީނެއް ފަދައިން އެނބުރި އަންނަން ފަށައިފިއެވެ. ޠަބީޢަތުގައި ވަޅުލެވިފައިވާ ޣީރަތްތެރިކަން ކެކި އުތުރު އަރަން ފަށައިފިއެވެ. ނަފްރަތާއި ރުޅީގެ ސަބަބުން ތުރުތުރު އަޅަން ފަށައިފިއެވެ. ކިތަންމެ ބޮޑު ފާފަވެރިޔަކު ނަމަވެސް އިންސާނީވަންތަކަމުގެ ކަންފުޅެއް ވާ މީހަކުނަމަ ތިމާގެ ޒިނޭގެ ބައިވެރިޔާ އަމިއްލަ މައިމީހާއާއިއެކު ޒިނޭކުރާކަށް ނުރުހެވޭނެއެވެ. އެއީ ކެއްކުރެވޭވަރުގެ ކަމަކަށް ނުވާނެއެވެ. އަންހެންކުއަޖާއަށްވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ.
އަންހެން ކުއްޖާ ތެދުވެ ވަރަށް ބާރަށް ހިނގައިގެންފިއެވެ. މަސްތުވެފައިވާ ފިރިހެނުންތަކަށް ވާނުވާ ރޭކަނުލާކަހަލައެވެ. މި އިމާރާތުގެ ކޮންމެ ކަނަކީ، ކޮންމެ އެއްޗަކީ އެއަންހެން ކުއްޖާއަށް ފެނިދެނިވެ އެނގޭ ތަކެއްޗާއި ތަންތަނެވެ. އެހެންކަމުން އެދިޔަގޮތަށްގޮސް ކަބަޑެއް ހުޅުވާލައި ވަޒަން އަޅާ ފުރާފައިއޮތް ފިސްތޯލައެއް ނަގައިފިއެވެ. އަދި ހަމަ އެސިކުންތުގައި އައިސް އަންހެންކުއްޖާގެ ޒިނޭގެ ބައިވެރިޔާގެ މެއަށް އަމާޒުކޮށް ފިސްޓޯލައިގެ ހުރިހާ އުންޑަތަކެއް ހުސްކޮށްލައިފިއެވެ. އެހެން ފިރިހެނުންތައް ބިރުން ދުވެ ރައްކާވެއްޖެއެވެ. ޒުވާނާގެ ފުރާނަނެއް މަސްގަނޑު އޭނާގެ ލެއިން ކަޅިވެ ނިމިއްޖެއެވެ. އަންހެންކުއްޖާވެސް ވާގި ހުސްވެފައިވާ މީހަކު ފަދައިން ދެކަކޫމައްޗަށް ތިރިވެއްޖެއެވެ.
ޖަލުގެ ވެރިޔާ، ޖަލުގެ އަންހެނުންގެ ޑިޕާޓްމަންޓްގެ އިސް އޮފިޝަލް ގެ ފަރާތުން ކިޔައިދިނެވެ. އެއަންހެން ކުއްޖާ ފުލުހުންނަށް ގުޅައި ހަވާލުވީ އަމިއްލައަށެވެ. އަދި ޖަލުގެ އަންހެނުން ބައިތިއްބާ ބަޔަށް ގެނެސް ވެއްދުނެވެ. ޙައިރާންކަމާއި ކަންބޮޑުވުމާއި، އަދި މާޔޫސްކަމާއިއެކުގައެވެ. އިރުއޮއްސެމުންދިޔަ ވަގުތު ޖަލުގެ އަނދިރި ގޮޅިތަކުން ގޮޅިއެއްގައި ދެން ވާނޭގޮތެއް ނޭނގިފައި އިނެވެ. ދުނިޔެ އަނދިރިވަމުންދިޔަ ވަގުތު ޖަލުގައިތިބި އަންހެނުންތައް އަތްފައި ދޮވެ ހަދާތަން އަންހެންކުއްޖާއަށް ފެނެއެވެ. އާދަޔާއި ޚިލާފް ގޮތަކަށް ސަފުސަފަށް އެތުރި ލެނބި ގުދުވާތަނާއި، ބިންމަތީގައި އޮށޯންނަތަންވެސް ފެނެއެވެ. އަންހެން އޮފިޝަލް ކިޔައިދެމުން ބުންޏެވެ. "އެއަންހެންކުއްޖާ އަހަރެމެންނަށް ގޮވާލިއެވެ. އަހަރެމެން ދިއުމުން ނަމާދު ކުރަންތިބި މީހުންނަށް އިޝާރަތްކޮށް އެމީހުން އެކުރާ ކަމަކާއި ބެހޭގޮތުން ސުވާލުކުރިއެވެ. އަހަރެން ބުނީމެވެ. އެކުރަނީ ނަމާދެވެ. ކަލޭ ނަމާދު ނުކުރަން ހެއްޔެވެ؟ އަންހެންކުއްޖާ ބޯޖަހާލިއެވެ. އަހަރެން އަންހެންކުއްޖާއަށް ވުޟޫ ކުރާނޭގޮތާއި ނަމާދު ކުރާނޭގޮތް ކިޔައިދިނީމެވެ. އަންހެންކުއްޖާ ނަމާދުކުރިއެވެ. މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއި އެކުގައެވެ. އަދި ނަމާދުގައާއި ދުޢާކުރުމުގައި ލޮލުން ކަރުނަ އޮހޮރުވަމުން ރުޔެވެ. އެދުވަހަށްފަހު އަހަރެން އެއަންހެންކުއަޖާއަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކަންކަން ކިޔައިދީ އެކުއްޖާ އުޅޭ ނޫޅޭގޮތް ބަލަމުން ގެންދިޔައީމެވެ."
މުޅި އުމުރުގައި ފުރަތަމަ ފަހަރަށް އެއަންހެންކުއްޖާ ނަމާދުކުރިއެވެ. ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗެއް ހެއްދެވި ރަސްކަލާނގެއަށް ރުކޫކޮށް ސަޖިދަކުރިއެވެ. އެނަމާދު ކުރަމުން ދިޔައިރު އަންހެންކުއްޖާއަށް މީގެކުރީން ދުވަހަކުވެސް ނުކުރެވޭފަދަ އިޙްސާސްތަކެއް ކުރެވެމުން ދިޔައެވެ. ހިތައް ވަންނަމުންދިޔަ އީމާންކަމުގެ މީރުކަން އިޙްޞާޞްވަމުން ދިޔައެވެ. އޭނާގެ ރައްބުގެ އޯގާވަންތަކަމުން ފާފަކުރުމުގައި މިހުރިހާ ދުވަސް ވީއިރުވެސް ކޯފާއެއް ނުލެއްވިއެވެ. އެއީ ކިހާ އޯގާވަންތަ ރައްބެއް ހެއްޔެވެ. މުޅި ކައުނުގެ ވެރި ރަސްކަލާނގެއަށް ބިރުންނާއި، ކުރެވިފައިވާ ފާފަތަކުގެ މޮޅިޔާއި ހިތާމައިން ގިސްލަގިސްލާފައި އެތަށްއިރެއްވަންދެން ރޮއި ހިތާމަކުރިއެވެ.
އަންހެން އޮފިޝަލް ކިޔައިދިނެވެ. އެދުވަހަށްފަހު އެއަންހެންކުއްޖާ ރޮއި ހިތާމަކުރުމާއި އަޅުކަންކުރުމުގައި ވާތީ މެނުވީ އަހަރެމެން ނުދެކެވެ. ދީނުގެ ކަންތައްތައް މުތާލިއާކުރުމުގައި މުރާލިކަމާއިއެކު އަހަރެމެންނާއިއެކު އެތައް ވަގުތެއް ހޭދަކުރެއެވެ. އެއްވެސް ވަރުބަލިކަމެއްނެތި އެތައް ގަޑިއިރެއް ދީނީ ފޮތްތައް ދަސްކުރުމުގައި ހޭދަކުރެވެ. ކޮންމެ މެންދަމަކު ދަމުނަމާދުކޮށް ގިނަގިނައިން ރޯދަހިފައެވެ. މިހާހިސާބުން އަދި ނިމުނީކީ ނޫނެވެ. އެހެން މީހުންނަށް ނަސޭހަތްތެރިވުމާއި ހެޔޮކަންކަމަށް ގޮވާލުމުގައި ޖަލުގެތެރޭގައިވާ އެތައް ބަޔަކާއި ކޮންމެ ދުވަހަކުވެސް ބައްދަލުކުރެއެވެ. ދުވަސްކޮޅަކުން އަންހެނުންގެ ޖަލުގެ މާޙައުލު މުޅީން ބަދަލުވެއްޖެއެވެ. ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގެ މާޙައުލަކަށްވެއްޖެއެވެ. ފަރުޟު 5ނަމާދު ބަރާބަރަށް ވަގުތަށް އަދާކޮށްއުޅޭ ދީންވެރި އަންހެނުންގެ ޖަގަހައަކަށް ވެއްޖެއެވެ. އަލަށް ޖަލަށް ވައްދާ ކޮންމެ އަންހެނެއްގެ ގާތައް އަންހެންކުއްޖާ ދެއެވެ. ޖަލަށް ވަންނަ ގިނަ މީހުންނަކީ އެމީހުންގެ މުޅި އުމުރުގައިވެސް އިޚުލާސްތެރިކަމުގައި އެންމެ ފަހަރަކުވެސް ނަސޭޙަތެއް ދެވިފައިވާ ބައެއްނޫނެވެ. އެހެންކަމުން ޖަލުގެ މާޙައުލަކީ އެމީހުންނަށް ތައުބާވެ ސީދާމަގަށް ރުޖޫޢަވުމަށް ހުޅުވިފައިވާ ފުރުޞަތަކަށް ވެއެވެ. އެއަންހެންކުއްޖާ އަކީ ތެދުމަގަށް ގޮވާލާ އިޚްލާޞްތެރި ބައިވެރިއެކެވެ. ވަށައިގެންވާ މާހައުލުން އެމީހަކަށް ފެންނާނީ މުޅިންވެސް މާތްﷲއަށް އަޅުކަންކުރާ އިޚްލާޞްތެރި އަޅުންތަކެކެވެ. ކިތަންމެބޮޑު ފާފަވެރިއެއްގެ ގޮތުގައި ޖަލަތް ވަން މީހަކު ނަމަވެސް ޖަލުން ނިކުންނަނީ ތެދުވެރި އިޚްލާޞްތެރި މުސްލިމެއްގެ ގޮތުގައެވެ. އަދި ޖަލުން ނިކުތް،ކުރީގައި ފާފަކުރަމުންއައި އެތައްބަޔަކު ޢިލްމު އުގެނިގެން ދީނަށް ގޮވާލުމާއި އިސްލާޙްކުރުމުގައި މުޅި ގައުމުގައި ހަރަކާތްތެރިވާން ފަށައިފިއެވެ. މިއިން ކޮންމެ ދާޢީއެއްގެ ފަހަތުގައިވެސްވަނީ ހަމަ އެ އަންހެންކުއްޖާއެވެ.
ޖަލުގެ ވެރިޔާ ކިޔައިދިނެވެ. އެއަންހެންކުއްޖާއަކީ އަހަރެމެންނަށް ވަރަށް ފައިދާކުރަނިވި މީހަކަށްވެއްޖެއެވެ. ކުރީގައި އަންހެނުންގެ ޖަލުގައި ދިމާވަމުންއައި ތަފާތު މައްސަލަތައް މުޅީން ޙައްލުވެ ޖަލު ބަލަހައްޓާ މީހުންނަށް ވަރަށް ލުއިވިއެވެ. މިމުއްދަތުގެ ތެރޭގައި އެއަންހެންކުއްޖާގެ ކުށުގެ މައްސަލަވެސް ތަޙްޤީޤް ކުރެވެމުން ދިޔައެވެ. މީހުންމެރުމުގެ އެހެން މައްސަލަތަކާއި ޚިލާފަށް މިއަންހެންކުއްޖާގެ މައްސަލަ އާދަޔާއި ޚިލާފަށް ދިގުދެމި ލަސްވަމުން ގޮސްފައިވާކަމަށް ފާހަގަކުރެވެއެވެ. އެއީ އަހަރެމެންވެސް ބޭނުންވާގޮތެވެ. ނަމަވެސް...
އެއަންހެންކުއްޖާގެ މައްސަލަ ތަޙްޤީޤުކުރެވި ނިމިގެން ހުކުން ކަނޑައެޅިއްޖެއެވެ. ގަސްތުގައި މީހަކު މަރާލުމުގެ ކުށުގައި މަރަށް މަރު ހިފުމުގެ ޙުކުމެވެ. ޖަލުގެ ވެރިޔާއަށް މިކަމާ ބެހޭ ލިއުންތައް ލިބުމުން ވަރަށް ކަންބޮޑުވެ މާޔޫސްވިއެވެ. އެއަންހެންކުއްޖާ މަރާލެވޭކަށް ޖަލު ބަލަހައްޓާ މީހުންގެ ތެރެއިން އެކަކުވެސް، އަދި އެއްވެސް ކުއްވެރިޔަކުވެސް ބޭނުމެއްނުވާނެއެވެ. ނަމަވެސް އެޙުކުމުން ބަރީޢަކުރުމުގެ ބާރު ޖަލުގެ ވެރިޔާއަކަށް ލިބިގެނެއް ނުވެއެވެ. އެހެންކަމުން އޭނާއަށް ލިބިގެންވާ ހަމައެކަނި ބާރު، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ މަގްޞަދުގައި އެލިޔުންތައް މޭޒުގެ ވަތްގަނޑު އަޑީގައި ރައްކާކޮށް ދެނަހުރިކަމަށް ނަހަދާ ހުއްޓެވެ.
ޖަލުގެ ވެރިޔާއަށް އަންހެންކުއްޖާގެ ތަޙްޤީޤީ ލިއުންތައް އައިތާ 3ވަނަ ދުވަހު އަންހެންކުއްޖާ ޖަލުގެ ވެރިޔާއާއި ބައްދަލުކުރުމަށް އެދެފިއެވެ. ވަރަށް އުޒުރު ދައްކައިގެންވެސް ބައްދަލު ނުކޮށް ފަރުނުޖެހުމުން ބައްދަލުކޮށްފިއެވެ. އަންހެންކުއްޖާގެ ފުރަތަމަ އަދި ހަމައެކަނި ޝަކުވާއަކީވެސް " އަހަރެން ގެ ކުށުގެ ތަޙްޤީޤް އަދިވެސް ނުނިމެނީ ހެއްޔެވެ؟ އަހަރެންގެ މެރުމަށް އަދިވެސް ޙުކުމް ނީއްވާހެއްޔެވެ؟" ޖަލުގެ ވެރިޔާ ނަފްރަތުގެ ކުލަވަރު މޫނުމައްޗަށް ގެންނަމުން ބުންޏެވެ. "އެއީ ކަލެއާއި ބެހޭ ކަމެއްނޫނެވެ. އަހަރެމެންގެ މަސައްކަތް އަހަރެމެން ކުރިއަދޭށެވެ!" ނަމަވެސް އެއަންހެންކުއްޖާ ދުލެއް ނުކުރިއެވެ. އެތައް ޝަކުވާއަކާއި އާދޭހެއް ކުރިއެވެ. އަންހެންކުއްޖާއަށް އޭނާ ﷲ ޙަޟްރަތާ ބައްދަލުކުރުމުގެ ދައުވަތުގެ ޚަބަރު ލިބިފައިވާ ކަހަލައެވެ. އެންމެފަހުން ޖަލުގެ ވެރިޔާއަށް މަޖުބޫރުވެގެން ލިއުންތައް ނަގައި ދައްކައިފިއެވެ. އަދި ވަރަށް އާދޭހާއިއެކު ޖަލަށް އެއަންހެންކުއްޖާގެ ސަބަބުންވީ ފައިދާތަކާއި މީސްތަކުންނަށް ލިބޭ މަންފާތަކާއިބެހޭގޮތުން ވާހަކަ ދައްކައި ހެދިއެވެ. ނަމަވެސް އަންހެންކުއްޖާގެ އަޒުމު ވަރަށް ވަރުގަދައެވެ. އަންހެންކުއްޖާ ބުންޏެވެ. " އަހަރެންގެ މުޅި ޙަޔާތް ބަރުބާދުކޮށްލީ ފާފަތަކާއި ބިމުގައި ފަސާދަކުރުމުގައެވެ. މިއަދު އަހަރެން ބޭނުންވަނީ ތެދުވެރި ތައުބާއަކާއިއެކު އަހަރެންގެ ވެރިރަސްކަލާނގެއާއި ބައްދަލުކުރުމަށެވެ."
އަންހެންކުއްޖާއަށް ޙުކުމް ތަންފީޒްކުރުމުގެ ތާރީޙް ކަނޑައެޅި ނިމިއްޖެއެވެ. ޖަލުގެ ތެރޭގައި ހިމޭންކަމާއި ހިތާމައިގެ ހަމަހިމޭންކަމެއް ވެރިވެފައި ވެއެވެ. ތަޤްވާވެރި އެތަކެއް އަންހެނުން ހުއްޓާނުލައި އެއަންހެންކުއްޖާއަށްޓަކައި ދުޢާކުރަމުން ދިޔައެވެ. އިސާހިތަކު ވައިރޯޅިއެއް ފަދައިން މިޚަބަރު ފެތުރިގެން ހިނގައްޖެއެވެ. ޖަލުގެ ވެރިޔާ ކިޔައިދިނެވެ. އަންހެންކުއްޖާ ދަންޖެއްސުމަށްޓަކައި އެޙުކުމް ތަންފީޒުކުރުމަށް ކަނޑައެޅިފައިވާ މައިދާނަށް ގެންދެވިއްޖެއެވެ. އޭގެ ކުރީން ދުވަހަކުވެސް މީސްތަކުން އެހާގިނައިން އެތަނަށް އެއްވެފައި ވާތީއެއް ނުދެކެމެވެ. އަންހެނުންގެ އޮފިޝަލް ކިޔައިދިނެވެ. އެތަނަށް އެއްވެތިބި އެތައްހާސް މީހުންގެ ތެރޭގައި އެއަންހެންކުއްޖާގެ ސަބަބުން ތެދުމަގު ފެނި ޖަލުން ނިކުމެގެންދިޔަ އެތައް އަންހެނުންނެއް ވެއެވެ. އަދި އެއަންހެންކުއްޖާގެ ސަބަބުން ތެދުމަގުފެނި އަދި ޢިލްމުވެރިވެފައިވާ އެތަށް އަންހެނުންނަކާއި އެމީހުންގެ ފަރާތުން ތެދުމަގު ފެނިފައިވާ އެތަށް ބަޔަކުވެސް ވެއެވެ. ޖަލުން ނިކުތް މީހުންގެ ފަރާތުން އެއަންހެންކުއްޖާގެ ޚަބަރު ލިބިފައިވާ އެތަކެއް ބޮޑެތި އަންހެން، ފިރިހެން ޢިލްމުވެރިންނެއް އެއްވެފައި ވެއެވެ. އެ އެންމެންނަކީވެސް އެއަންހެންކުއްޖާގެ މައްޗަށް ކުލުނާއި ލޯތްބާއި ރަޙުމުގެ ހިތްތަކަކާއިއެކު އައިސްތިބި މީހުންނެވެ. އެއެންމެންވެސް ހިތުން ކުރަނީ އެންމެ ދުޢާއެކެވެ. " ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އެއަންހެންކުއްޖާއަށް ރަޙްމަތްލައްވައި ފާފަފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢްމަތް ދެއްވާނދޭވެ."
އެއަންހެންކުއްޖާ ހާޟިރުކުރެވިއްޖެއެވެ. ގަޑީގެ ކަށި ހުއްޓުމެއްނެތި ހިނގަމުންދިޔައެވެ. ވަގުތު ޖެހިއްޖެއެވެ. އަންހެންކުއްޖާ ދަންޖައްސާ ހަރަށް އެރުވުމުގެ އަމުރު އަތުވެއްޖެއެވެ. ހަރަށް އެރުމުގެ ކުރީން އަންހެންކުއްޖާ ދެރަކުޢަތް ނަމާދެއް ކުރަން ބޭނުންވެގެން އެފުރުޞަތު ދެވުނެވެ. ޞުބްޙާނަﷲއެވެ. އެއަންހެންކުއްޖާ އެންމެ ފަހުވަގުތުވެސް ތެދުވެރި ތައުބާއަކުން ތައުބާވިއެވެ. އަދި ދެއަތް އުފުލައި އަޑުގެ ކޮޅަށް ދުޢާކުރިއެވެ. ކޮންދުޢާއެއްބާވައެވެ. ކޮންމެ މަޔަކާއި ބަފަޔަކު އެދުޢާއަށްޓަކައި ރައްކާތެރިވެ ބިރުވެތިވުންހުރި ދުޢާއެވެ. ކޮންމެ މުސްލިމަކު އެފަދަ ދުޢާއަކުން ރައްކާތެރިކަން ހޯދަން އެދޭފަދަ ދުޢާއެކެވެ. " ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ މައިންބަފައިންނަށް ލަޢުނަތް ލައްވާނދޭވެ!އެމީހުންނީ މިއަޅާ ކުށެއްނެތްގޮތުގައި މުސްލިމެއްގެ ގޮތުގައި ދުނިޔެއަށް ފޮނުއްވުގެ މަސްޢޫލިއްޔަތު ހަވާލުކުރެއްވުމުން އެކަމަށް ހަރާމްކޯރުވީ މީހުންނެވެ.ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ މައިންބަފައިންނަށް ލަޢުނަތް ލައްވާނދޭވެ! އެމީހުންނީ މިއަޅާ ތަރުބިއްޔަތުކުރުމުގެ މަސްޢޫލިއްޔަތު އިބަރަސްކަލާނގެ ހަވާލުކުރެއްވުމުން އެކަމަށް ޚިޔާނަތްތެރިވީ މީހުންނެވެ.ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ މައިންބަފައިންނަށް ލަޢުނަތް ލައްވާނދޭވެ! އެމީހުންނީ މިއަޅާއަކީ ފާފަވެރި ނުކިޔަމަންތެރި އަޅެއްގެ ގޮތުގައި އިބަރަސްކަލާންގެއާއި ބައްދަލުކުރުމަށް ޖެއްސި މީހުންނޭވެ. ހައްދާ ބޮޑުކުރެއްވި ރަސްކަލާކޮ! ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ދިނުމުން އިޙްމާލުވެފައިވާ ހުރިހާ މައިންބަފައިންނަށް ލައުނަތް ލައްވާފާނދޭވެ." އެއްބަޔަކު ވާނުވާ ނޭންގި ތިބެ، އަދި އެކަކު އަނެކަކުގެ ފަރާތުން ހަބަރުއަހައިގެން މުޅި އެމައިދާން "އާމީން އާމީން" ގެ ބާރު އަޑުންނާއި ރުއިމުގެ އަޑުންގުގުމައިގެން ދިޔައެވެ.
މީހުން މެރުމުގެ ކަންތަކާއި ޙަވާލުވެހުރި ޖައްލާދު ކިޔައިދިނެވެ... "އަހަރެން އެތަކެއް މީހުންގެ ބޮލަށް ދަންޖައްސާ މަޅިގަނޑު ކޮއްޕާލީމެވެ. އެއްދުވަހާ އެތައް ބަޔެއް އަހަރެންގެ ކުރިމަތީގައި މަރަށް ތެޅިތެޅިފައި ފުރާނަ ދޫކޮށް ދިޔައެވެ. ބޮޑަތި މަހުޖަނުންނާއި، ބޮޑަތި ކުއްވެރިންނެވެ. ޒުވާން ފިރިހެނުންނާއި ރީތި ޒުވާން އަންހެނުންނެވެ. އެކަމަކު ދުވަހަކުވެސް އަހަރެންގެ ހިތަށް ކުޑަވެސް ރަހުމެއް ހަމްދަރުދީއެއް ނުވަދެއެވެ. ނަމަވެސް އެއަންހެންކުއްޖާގެ ކަރަށް މަޅިގަނޑު ވައްޓާލި ދުވަހު އަހަރެންނަށްވެސް ރޮވުނެވެ."
އެއަންހެންކުއްޖާ ދަންޖެއްސިއްޖެއެވެ. އަންހެންކުއްޖާގެ ފުރާނަ މިފަނާވަނިވި ދުނިޔެއާއި ވަކިވިހިނދު، ޢިލްމުވެރިންގެ ހެޔޮދުޢާތަކާއި، ދީންވެރި އަންހެނުންގެ އުދާސްތަކާއި، އެތަކެއް މުސްލިމުންގެކެކުޅުންތަކާއި ރުއިމުން މުޅިހިސާބު ގުގުމަމުންދިޔައެވެ. ލޮލުން ކަރުނަ ނުއޮހޮރޭ އެއްވެސް އިންސާނަކު އެވަގުތު އެމައިދާނަށް އެއްވި މީހުންގެ ތެރޭގައި ނުވެއެވެ. ބޮޑަތި ބޮޑަތި ޢިލްމުވެރިން އެއަންހެން ކުއްޖާހެ ޖަނާޒާގައި އިމާމްވެ ނަމާދުކުރުމަށް ހުށައަޅަމުންދިޔައެވެ. ސުބްޙާނަﷲއެވެ. ފާފަކުރުމުގައި މުޅި ޙަޔާތް ވޭތިކޮށްފައިވާ ނަފްސަކަށް ކަށުނަމާދުކުރުމަށް އެދެމުން އެދަނީ މުޅި އުމުރު ދީނަށްޓަކައި ހޭދަކޮށްފައިވާ އެތަކެއް ޢިލްމުވެރިންނެކެވެ. އެތައް ހާސް އިންސާނުންނެއް ތަޤްވާވެރިކަމާއިއެކު މަޑުކޮށްލައިގެން އެތިބީ އެ އަންހެންކުއްޖާގެ ކަށުނަމާދާއި ޖަނާޒާގައި ބައިވެރިވުމަށްޓަކައެވެ. ދުނިޔެމަތީގައި އަދާކޮށްދެވޭނެ އެންމެ ފަހުގެ ހެޔޮކަން އަދާކޮށްދިނުމަށްޓަކައެވެ. އެންމެންގެ ލޮލުގައިވެސް ވަނީ ކަރުނައެވެ.
ދުނިޔެމަތީގައި ވެރުވޭނޭ އެންމެ ފަހުގެ ފެނުން އެއަންހެންކުއްޖާ ފެންވެރުވިއްޖެއެވެ. ފަނާވަނިވި ދުނިޔޭގެ ލެވޭ އެންމެ ފަހުގެ ހުދުފޭރާން ލެއްވިއްޖެއެވެ. އެތައް ބަޔަކު ނަމާދު ނުކޮށް ޣާފިލުވެފައި ތިއްބާ އެމީހުންގެ މައްޗަށް ކުރެވޭ އެންމެފަހު، ކަށުނަމާދުވެސް ކުރެވިއްޖެއެވެ. އިސާހިތަކު ބިމުގެ ވެއްޔާއި ފަނިފަކްސާގެ ޝިކާރައަކަށް ވުމަށްޓަކައި އެހަށިގަނޑަށްވެސް ފަސްލައި ފޮރުވާލެވިއްޖެއެވެ. ނަމަވެސް ހުރިހާ ޢަމަލްތަކާއިއެކު ފޮރުވާލެވޭ ގިނަ އިންސާނުންނާއި ތަފާތު ގޮތެއްގައެވެ. ޒިކުރުގެ މަޖްލިސްތަކުގައި ކިޔައިދެވޭ ޢިބުރަތްތެރި ވާހަކައެއްގެ ގޮތުގައި ދާއިމަށް ދެމިހުންނަ ގޮތުގައެވެ. އެތަކެއް ހާސް މޭލު ދުރުން، ނުވެސް ދެކޭ ނުވެސް ދަންނަ އެތައްބައެއްގެ ހެޔޮ ދުޢާ ލިބިލިބިވާ ގޮތުގައެވެ. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އެއަނހެންކުއްޖާގެ ތައުބާ ޤަބޫލުކުރައްވާފާނދޭވެ. އަދި މިއަޅާގެ ތައުބާ ގަބޫލުކުރައްވާފާނދޭވެ! އަދި ޤިޔާމަތާ ޖެހެންދެން ތެދުވެރިގޮތުގައި އިބަރަސްކަލާނގެއަށް ތައުބާވާ އެންމެންނަށް ތައުބާ ލައްވާފާނދޭވެ! އާމީން.
11.14.2009
އަންހެން ކުއްޖެއްގެ ވާހަކަ
"އުމުރުން 23 އަހަރުވީއިރުވެސް އެންމެ ސަޖިދައެއްވެސް ނުޖަހައެވެ. ދުނިޔޭގައި ހެއްދެވިއްޔާ ހެއްދެވިހާ ފާޙިޝް ޢަމަލުތަކެއް ދިޔައީ ކުރަމުންނެވެ. ނަމަވެސް.......... އެއަންހެންކުއްޖާއަށް ކުރެވުނު ކުށުގެ އުޤޫބާތެއްގެ ގޮތުން ދަންޖައްސާ މަޅިގަނޑާދިމާލަށް ގެންދެވުނު އިރު މުޅިތަން ވަނީ މީސްތަކުންނާއިގެން ފުރިފައެވެ. އެ ފުރާނަ މިފަނާވަނިވި ދުނިޔެއާއި ވަކިވިހިނދު، ޢިލްމުވެރިންގެ ހެޔޮދުޢާތަކާއި، ދީންވެރި އަންހެނުންގެ އުދާސްތަކާއި،އެތަކެއް މުސްލިމުންގެކެކުޅުންތަކާއި ރުއިމުން މުޅިހިސާބު ގުގުމަމުންދިޔައެވެ."
އިސްލާމީ މުޖުތަމައުގެ ކޮންމެ ޙާދިޘާއަކީ ދިރިތިބީންނަށްޓަކައި ޢިބްރަތުން ފުރިގެންވީ ފިލާވަޅެކެވެ. މިފަދަ ޙާދިޘާތަކުގެ ތެރެއިން ވާހަކައެކެވެ.
ނޯޓް: މިލިޔުމަކީ ލިޔުންތެރިޔާ ނޭނގޭ ލިޔުމެކެވެ. ޢިބްރަތަށްޓަކައި ޝާއިޢުކުރީއެވެ. މާތްﷲ ލިޔުންތެރިޔާއަށް ހެޔޮޖަޒާ ދެއްވާށިއެވެ.
ސަބްސްކުރައިބްކުރައްވާ:
Post Comments (Atom)
assalaam alaikum, maashaa allah, nice and touching story, may allah bless you for the nice pot
ReplyDeleteމާޝާ ﷲ ވަރަށް އަސަރުގަދަ ވާހަކައެއް.
ReplyDeleteވަރަށް ޢިބުރަތްތެރި ވާހަކައެ. މިފަދަ އިތުރު ވާހަކަތައް އަދިވެސް ފެންނާނެ ކަމަށް އުއްމީދު ކުރަން.
ReplyDeletevarah ibrahtheri vaaahakaeh mifadha ehen vaaahaka akah inthizaaarukuran............
ReplyDeletevery very touching may god bless the girl and the writer. let us all learn a lesson from this and try to live our life as allah sw has ordered us.
ReplyDeleteSalamun Alaykum..its very nicely composed.. but its always good to note Allah Ta'ala asks human beings to honor our parents, ask to have mercy on them because, they raise us from infancy. Its a commandment from our Lord regardless of their belief. reflect on Prophet Abraham and his father's story to learn about what Islam directs us.. Peace be upon the messengers Praise be to Allah
ReplyDeletevarah asaru gadha vaahaka eh..minbafainnaku kaafarun kamugai viyas mainbafainnah ihusaan therivaan jehey..namaves allah ah urdhumeh vaakameh gai, eheves mahuloogakah kiyaman vaakah nujeheyne..
ReplyDeleteinsha allah...it was touching...got tears in eyes...heart got weaker..thank u for posting
ReplyDeleteInsha allah v touching story.. i have never read a story like this..may god bless her and the writer..looking forward for a story like this..
ReplyDeleteassalam alaikum. me reethi vaahaka eh...namaves meegaivaa fadhain alhugandumen alhugandu mene mainbafainn kithamme nubai viyas emeehunah launai lehvvun edhi dhuaa kurun rangalhu vaanebaa? ibrahim alaihissalam ge bappa fulhakee kaafareh kamugai vi ekam ves e bappa ah thedhumagu dhekkevumah edhi ekaleygefaanu dhuaa kurehvvi.alhamennge mainbafainnah rahmailahvvaandheve.(juliaa)
ReplyDeleteMaashaa allaah.e uhuthaa ah suvarugeyge niumai dhehvaashi amin.mi iburaitheri vaahakahfahu alhuganduves ithurah eemaantherikan varugadhakurumah azum kanda alhaifin.saalih alhehge gothugai allaah ge hazurathah dhiumah edheyhaalu.inshaa allaah.mifadha vaahakathah kuriah oythaangaves fennaanekamah umeedhukuran...mivaahaka alhugandumennaahama ah genesdhehvi beyfulhaa ahves heyo rahumai lahvaashi amin.
ReplyDeleteMasha allah e uhuthaa ah suvarugeyge niumai dhehvaashi aameen.
ReplyDeleteMasha Allah....v nice story.....May Allah bless us all....nd strengthn our faith in Islam....And grant us the holy Jannat...
ReplyDelete