12.04.2009

އަސްމާ ބިންތު ޔަޒީދު ރަޟިޔަﷲ ޢަންހާ

އައްޝައިޚް ފާރޫޤް ޙަސަން
ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާއިން މަދީނާއަށް ހިޖްރަޔަށް ވަޑައިގަތުމާއިއެކު މަދީނާގެ އަންޞާރުންކުރެ އަޤަބާގެ ބައިޢަތުގައި ބައިވެރިވެ ވަޑައިގަތުމުގެ ނަޞީބު ލިބިވަޑައި ނުގަންނަވާ ބޭބޭކައުކަނބަލުން ބައިޢަތުގެ ބާއްޖަވެރިކަން ހޯއްދަވަން އަވަސްވެ ވަޑައިގެންނެވިއެވެ.
އެދުވަސްވަރު އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީންނާއެކު މަޖްލިސެއްގައި އިންނަވަނިކޮށް އަންހެނުންގެ ޖަމާޢަތެއް އަރިހަށް ޙާޟިރުވެއްޖެއެވެ. އޭގެ ތެރެއިން އެކަކު ކުރިޔަށް ޖެހިލައި، އިތުރު ސާހިބާއާ މުޚާޠަބުކޮށް ދެންނެވިއެވެ. އޭ މާތްﷲގެ ރަސޫލާއެވެ! އަޅުގަނޑުގެ މަންމައާއި ބައްޕަ ކަލޭގެފާނަށްޓަކައި ޤުރްބާނެވެ. އަޅުގަނޑު މިއައީ މުސްލިމް އަންހެނުންގެ ފަރާތުން ތިޔަ ސާހިބާގެ އަރިހަށް މެސެޖަކާއިގެންނެވެ. އަރަހުށި މާތްﷲ ކަލޭގެފާނު ފޮނުއްވި ފިރިހެނުންނާއި އަންހެނުންގެ ހިދާޔަތު ދެއްކެވުމަށްޓަކައެވެ. އަޅުގަނޑުމެންވެސް ކަލޭގެފާނަށް އީމާންވެއްޖައީމެވެ. ނަމަވެސް އަންހެނުންނާއި ފިރިހެނުންގެ ޙާލަތު ވަރަށް ތަފާތެވެ. އަންހެނުން ތިބޭނީ ގޭގޭ ހަތަރު ފާރުގެ ތެރޭގައެވެ. ފިރިހެނުންނެކޭ އެއްގޮތަށް ނަމާދުގެ ޖަމާޢަތަކަށް ޙާޟިރެއް ނުވެވެއެވެ. ހުކުރު ނަމާދަށާއި، ކަށުނަމާދަކަށްވެސް ޙާޟިރެއް ނުވެވެއެވެ. ޢާންމުކޮށް ޙައްޖާއި ޖިހާދުގައިވެސް ބައިވެރިއެއް ނުވެވެއެވެ. ޝައްކެއް ނެތެވެ. ފިރިހެނުން ބޭރުގައި އުޅޭއިރު އަޅުގަނޑުމެން އެމީހުންގެ ދަރީން ބަލައި ބޮޑުކުރަމުއެވެ. އެބައިމީހުންގެ މުދާ ރައްކައުތެރިކޮށް ބަލަހައްޓަމުއެވެ. އެބައިމީހުންގެ މުދާ ރައްކައުތެރިކޮށް ބަލަހައްޓަމުއެވެ. އެބައިމީހުންގެ ޢާއިލާތަކަށްޓަކައި އުއިކޮށައި ފޭރާން ވިޔަމުއެވެ. އެހެންވީއިރު ފިރިހެނުން ކުރާ ހެޔޮ ކަންތައްތަކުން އަންހެނުންނަށްވެސް ދަރުމައާއި ޘަވާބު ލިބޭނެތޯއެވެ؟
އެކަމަނާގެ ފަޟާޙަތްތެރިކަމާއި ބަސްމޮށުންތެރިކަމުގެ ކުޅަދާނަފުޅު ކަމާމެދު އިތުރު ސާހިބާގެ ހިތްޕުޅުގައި ވަރަށް ބޮޑަށް ތާރީފު އުފެދުނެވެ. އެކަލޭގެފާނު ޞަޙާބީންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ.
ތިޔަ ބޭކަލުން ދީނާއި ބެހޭގޮތުން އެއްވެސް އަންހެނެއްގެ މިފަދަ ވާހަކަތަކެއް އަޑު އެއްސެވީމުތޯއެވެ؟
ޞަޙާބީންގެ އެންމެ ބޭކަލުން އެއްއަޑުފުޅުން ވިދާޅުވިއެވެ.
އަންހެނަކަށް މިހާ ފުރިހަމައަށް ވާހަކަ ދެއްކިދާނެކަމަކަށް އަޅުގަނޑުމެން ހިތަށްވެސް ނާރައެވެ.
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާއާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ.
އަންހެނަކަށް އޭނާގެ ފިރިމީހާގެ ރުހުން ވަރަށް މުހިއްމެވެ. އަންހެނަކު އަނބެއްގެ ޙައްޤު އަދާކޮށް ފިރިމީހާއާ އެއްބައިވެ، ކިޔަމަންތެރިކަން އަދާކުރާނަމަ އެމީހަކަށްވެސް ފިރިހެނުންނާ އެއްވަރަށް ދަރުމައާއި ޘަވާބު ލިބޭނެއެވެ.
ކައުސާހިބާގެ ވާހަކަފުޅު އަޑުއިވުމުން އެވާހަކަފުޅު ދެއްކެވި ކަމަނާއާއި އެކަމަނާގެ އަރިހުގައި ތިއްބެވި އެހެން ބޭކަނބަލުންނަށް ލިބިވަޑައިގެންނެވި އުފާފުޅުން އެބޭކަނބަލުންގެ ފައިންޕުޅުންވެސް ބިންމަތީގައި ހަރެއް ނުވެއެވެ.
އެބޭކަނބަލެއްގެ ދޫފުޅު ފަސޭހަކަމާއި، ވާހަކަ ދެއްކެވުމުގެ ކުޅަދާނަފުޅުކަމާއި، ބަޔާން ކުރެއްވުމުގެ އަސަރުގަދަ ކަމާމެދު، ރަސޫލުންގެ ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހިތްޕުޅު ތާރީފުން ފުރިގެންދިޔާ އެމަތިވެރި ޞަޙާބިއްޔާއަކީ އައްސައްޔިދާ އަސްމާއު ބިންތު ޔަޒީދު ރަޟިޔަﷲ ޢަންހާއެވެ.
ޚާންދާން
އައްސައްޔިދާ އަސްމާއު ބިންތު ޔަޒީދު ރަޟިޔަﷲ ޢަންހާއަކީ އަންޞާރިއްޔަ ބޭކަލުންކުރެ އިންތިހާ ދަރަޖައިގެ ޤަދަރު މަތިވެރި ބޭކަނބަލެކެވެ. އެކަމަނާއަކީ އައުސު ވަންހައިގެ ބަނުލް އަޝްހަލު ޚާންދާނުގެ ބޭކަނބަލެކެވެ. ބަނުލް އަޝްހަލު ވަންހައަކީ އައުސު ވަންހައިގެ އެންމެ ޢިއްޒަތްތެރި ވަންހައެވެ. މުޅި ޤަބީލާގެ ވެރިކަމާއި ސިޔާދަތު ވާރުތަކުރަމުން އައީ އެވަންހައިންނެވެ. ސައްޔިދުލް އައުސް އަދި ޞިއްދީޤުލް އަންޞާރު ސަޢުދުބުނު މުޢާޛް ރަޟިޔަﷲ ޢަންޙުއަކީ އެޢާއިލާގެ ބޭކަލެކެވެ.
އެކަމަނާއަކީ އަސްމާ ބިންތު ޔަޒީދުބުނުއްސަކަނު ބުނު އިމްރައުލް ޤައިސް ބުނު ޒައިދު ބުނު ޢަބްދުލް އަޝްހަލެވެ. އެކަމަނާގެ ނަޞަބުފުޅު ސަޢުދު ބުނު މުޢާޛު ރަޟިޔަﷲ ޢަންހުއާ ގުޅެނީ އިމްރައުލް ޤައިސްއާ ހަމައިންނެވެ. ޤަދަރު މަތިވެރި، ދަރަޖަ އަރައި ހުންނެވި ޞަޙާބީއެއް ކަމުގައިވާ އަސްޔަދު ބުނު ޙުޟައިރު ރަޟިޔަﷲ ޢަންހުއާ ގުޅެނީ ރާފިޢުއާ ހަމައިންނެވެ. ސަޢުދު ބުނު މުޢާދު ރަޟިޔަﷲޢަންހު އަކީ އެކަމަނާގެ ބޮޑުބޭބޭފުޅެކެވެ. އަސްޔަދު ބުނު ޙުޟައިރު ރަޟިޔަﷲޢަންހު އަކީ އެކަމަނާގެ ކޮއްކޯފުޅެކެވެ.

އިސްލާމްވެ ވަޑައިގަތުން
ޢާއްމު ރިވާޔަތްތަކުގައި ވާގޮތުން އައްސައްޔިދާ އަސްމާއު ބިންތު ޒަޔީދު އިސްލާމްވެ ވަޑައިގަތީ ކައު ސާހިބާ މަދީނާއަށް ހިޖްރަޔަށް ވަޑައިގެންނެވި ފަހުންނެވެ. ނަމަވެސް ބައެއް ހެކިތަކުގެ މައްޗަށް ބިނާކުރައްވައި ޢިލްމުވެރިން ލަފާ ކުރައްވާ ގޮތުގައި އެކަމަނާ އިސްލާމްވެ ވަޑައިގެންފައިވާނީ ހިޖްރައިގެ ކުރީންނެވެ.
އެހެނީ ސީރަތު ޢިލްމުގެ އެންމެހައި މުޙައްޤިޤުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ޢަޤަބާގެ ދެވަނަ ބައިޢަތުގެ ކުރީން މުޞްޢަބު ބުނު ޢުމައިރު ރަޟިޔަﷲ ޢަންހުގެ ދީނަށް ގޮވައިލެއްވުމަށް ސައްޔިދުލް އައުސް ސަޢުދު ބުނު މުޢާޛު ރަޟިޔަﷲ ޢަންހުއާއި، އައުސު ވަންހައިގެ ދެވަނަޔަށް އެންމެ އިސްވެރިޔަކަށް ހުންނެވި އަސްޔަދު ބުނު ޙުޟައިރު ރަޟިޔަﷲ ޢަންހުއާ ދެބޭކަލުން ވަނީ އިސްލާމްވެ ވަޑައިގެންފައެވެ. އެދެބޭކަލުންނަށް އައުސު ވަންހައިގައި ލިބިވަޑައިގެންފައިވާ ކަމޭހިތުމާއި، ޤަދަރާއި، އިޙްތިރާމުގެ ސަބަބުން މުޅި ޢަބްދުލް ޢަޝްހަލް ވަންހަ އެކަށްވަނީ އިސްލާމްވެފައެވެ. އިތުރު ސާހިބާ މަދީނާއަށް ވަޑައިގެންނެވިއިރު އެވަންހައިން އިސްލާމް ނުވެހުރީ އެންމެ މީހެކެވެ. އެމީހަކީ އުޞައިރިމް (ޢަމްރު ބުނު ޘާބިތު) އެވެ. އެކަލޭގެފާނު އިސްލާމްވެ ވަޑައިގަތީ އުޙުދު ހަނގުރާމައިގެ ދުވަހުއެވެ. އެހެންކަމުން ސަޢުދު ބުނު މުޢާޛު ރަޟިޔަﷲ ޢަންޙު އާއި، އަސްޔަދު ބުނު ޙުޟައިރު ރަޟިޔަﷲ ޢަންޙުގެ ނުހަނު ތިމާގެފުޅު އުޚުތަކު އިސްލާމްވެ ވަޑައިނުގެން ހުންނެވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ހަމައެފަދައިން މިމަޒުމޫނުގެ ފެށުމުގައި ބަޔާން ކޮށްފައި އެވާ ޙާދިޘާއަކީވެސް ކައުސާހިބާގެ ހިޖްރައިގެ ވަރަށް ކުރީކޮޅުގައި (މަދު ދުވަސްތަކެއްގެ ތެރޭގައި) ހިނގާފައި އެވާ ޙާދިޘާއެކެވެ. އައްސައްޔިދާ އަސްމާގެ ތަޤްރީރުން އެނގޭ ގޮތުގައި ވެސް އިތުރު ސާހިބާގެ އަރިހަށް ވަޑައިގެންނެވިއިރު ވެސް އެކަމަނާއަކީ މުސްލިމާއެކެވެ.
އެއްރިވާޔަތެއްގައި އަސްމާ ބިންތު ޔަޒީދުގެ ބައްޕާފުޅު ޔަޒީދު ބުނުއް ސަކަނުއަކީ ވެސް ޞަޙާބީއެއް ކަމުގައި ބަޔާން ކުރެވިފައި ވެއެވެ. ނަމަވެސް ޢާއްމު ގޮތެއްގައި ސީރަތު ފޮތްތައް އޭނާއާމެދު ވަނީ ހަނުހިމޭންކޮށެވެ. އެހެންކަމާއެކު އޭނާއަކީ ޞަޙާބީއެއް ކަމަށް ކަށަވަރު ކަމާއެކު ބުނެވޭކަށެއް ނެތެވެ. އެކަމަކު އަސްމާގެ ބޮޑުބޭބޭފުޅު (ޔަޒީދުގެ އަޚު) ޒިޔާދު ބުނުއް ސަކަނުއަކީ ޞަޙާބީއެއް ކަމާމެދު ޝައްކެއް ނެތެވެ. ހަމައެފަދައިން ޒިޔާދުގެ ދަރިކަލުން ޢައްމާރާބުނު ޒިޔާދަކީވެސް ނުހަނު އިޚްލާޞްތެރި އަދި އަންޞާރުންކުރެ އިސްލާމްކަން އިސްވެގެންވާ ޞަޙާބީއެކެވެ. އެއް ރިވާޔަތެއްގައިވާ ގޮތުން އަސްމާގެ އުޚުތު އުއްމު ބުޖައިދު ބުނު ޙައްވާ ބިންތު ޔަޒީދު ބުނުއްސަކަނު ވެސް އެކަމަނާގެ އަރިހުގައި އިސްލާމްވެ ވަޑައިގެންނެވިއެވެ. އެކަމަނާއަކީ ބައިޢަތުއް ރިޟުވާނުގައި ބައިވެރިވެ ވަޑައިގެންނެވި މަދު ޞަޙާބިއްޔާއިންގެ ތެރެއިން އެއް ބޭކަނބެލެކެވެ.
އައްސައްޔިދާ އަސްމާ ރަޟިޔަﷲ ޢަންހާގެ އިސްވެދެންނެވި ވާހަކަފުޅާއި އިތުރު ސާހިބާ ޞައްލަﷲ ޢަލައިހިމްގެ ޖަވާބަށްފަހު އަސްމާ ރަޟިޔަﷲ ޢަންހާ އާއި އެކަމަނާގެ އަރިހުގައި ވަޑައިގެންނެވި ބޭކަނބަލުން ބައިޢަތުއް ހިއްޕަވަން އެދިވަޑައިގެންނެވިއެވެ. އެބޭކަލުން ވިދާޅުވިއެވެ. އޭމާތްﷲގެ ރަސޫލާއެވެ! ކަލޭގެފާނުގެ އަތްޕުޅު ދައްކަވާށެވެ.
އިތުރު ސާހިބާ ޙަދީޘް ކުރެއްވިއެވެ. އަޅުގަނޑު ހިލޭ އަންހެނުންނާ އަތާއި އަތް ޖޯޑެއް ނުކުރަމެވެ. ތިޔަ ކަނބަލުން އަޅުގަނޑު މިދަންނަވާ ކަންތައްތަކަށް އިޤްރާރްވެ ވަޑައިގަތުމުން ބައިޢަތު ހިފުނީއެވެ.
1. ދަރިން ޤަތުލު ނުކުރާނޫއެވެ.
2. ވައްކަން ނުކުރާނޫއެވެ.
3. އެއްވެސް އެއްޗަކާ މާތްﷲއާ ޝަރީކު ނުކުރާނޫއެވެ.
4. ޒިނޭއާ ދުރުހެލިވާނޫއެވެ.
5. އެއްވެސް މީހެއްގެ ބޮލުގައި ދޮގު ތުހުމަތެއް ނާޅުވާނޫއެވެ.
6. ހެޔޮ ކަންތައްތަކަށް ކުރެވޭ އަމުރުތަކާއި ކުރެވޭ އަމުރުތަކާ ދެކޮޅެއް ނަހަދާނޫއެވެ.
އައްސައްޔިދާ އަސްމާ ބިންތު ޔަޒީދު ރަޟިޔަﷲ ޢަންޙާ އާއި އެކަމަނާގެ އަރިހުގައި ވަޑައިގެންނެވި ބޭކަނބަލުން ހިތްޕުޅުގެ އަޑީން އެކަންކަން ޤަބޫލު ކުރައްވައި އެކަންކަމަށް އިޤްރާރުވެ ވަޑައިގެންނެވިއެވެ. އެއަށްފަހު އެކަނބަލުންގެ ގޭގެއަށް ވަޑައިގެންފިއެވެ.
އުއްމުލްމުއުމިނީން ރަސޫލާގެ ގަނޑުވަރަށް ގެންނެވުން
ހިޖްރައިން އެއްވަނަ އަހަރު، އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އެކަމަނާގެ ބައްޕާފުޅުގެ ގެކޮޅުން އިތުރު ސާހިބާގެ ގަނޑުވަރަށް ގެންނެވި އަންޞާރިއްޔާ ބޭކަނބަލުންގެ އިސް ބޭކަނބަލަކަށް އިންނެވީ އައްސައްޔިދާ އަސްމާ ރަޟިޔަﷲ ޢަންޙާއެވެ.
އައްސައްޔިދާ އަސްމާ އަންޞާރުންގެ ބައެއް އެހެނިހެން ބޭބޭކަނބަލުންނާއެކު އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ގަނޑުވަރަށް ވަޑައިގެން އުއްމުލް މުއުމިނީން ނަލަހައްދަވައި ޒީނަތްތެރި ކުރައްވައިގެން އިތުރު ސާހިބާގެ ގަނޑުވަރަށް ގެންދެވިއެވެ. އެއަށްފަހު އިތުރު ސާހިބާއަށް އެޚަބަރު ދެންނެވިއެވެ. އިތުރު ސާހިބާ ވަޑައިގެންނެވިއިރު ކިރުތަށިކޮޅެއް މެނުވީ އެ ގެކޮޅުގައި މެހްމާނަކަށް ދެއްވާނެ އެއްޗެއް ނެތެވެ. އަންޞާރުންގެ ތެރެއިން ކޮންމެވެސް ބޭކަނބަލެއް އިތުރު ސާހިބާއަށް އެކިރުތަށިކޮޅު އެރުއްވިއެވެ. އިތުރު ސާހިބާ އެއިން އެތިފޮދެއް ހިއްޕަވައިފައި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންޙާއަށް ދެއްވިއެވެ. ނަމަވެސް އުއްމުލް މުއުމިނީން ލަދުފުޅުން އެތަށިކޮޅު ނުހިއްޕެވިއެވެ. އިސްދަށަށް ޖައްސަވައިލައްވައިގެން އިންނެވިއެވެ.
އެވަގުތު އައްސައްޔިދާ އަސްމާ، އުއްމުލް މުއުމިނީންގެ އަރިހުގައި ވިދާޅުވިއެވެ.
ރަސޫލޫﷲ ޢަލައިހި ވަސައްލަމަ ދެއްވާ އެއްޗެއްގައި ހިއްޕަވާށެވެ.
އައްސައްޔިދާ އަސްމާ ނަސޭހަތްޕުޅުގެ ގޮތުން އެހެން ވިދާޅުވުމުން އުއްމުލް މުއުމިނީން ވަރަށް ލަދުފުޅުން އިންނަވައި އެ ތަށިކޮޅުގައި ހިއްޕަވައި އެއިން ކިރުފޮދެއް ހިއްޕަވައިލައްވައިފައި ތަށިކޮޅު ބެހެއްޓެވިއެވެ.
ސަޞީޙުލް ބުޚާރީގައި ވެއެވެ. އަންޞާރިއްޔާ ބޭކަނބަލުން (އޭގެ ތެރޭގައި އަސްމާވެސް ހިމެނިވަޑައިގަންނަވައެވެ.) އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންޙާ ބައްލަވައި އަބޫބަކުރު ރަޟިޔަﷲ ޢަންޙުގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. އައްސައްޔިދާ އުއްމު ރައުމާން ރަޟިޔަﷲ ޢަންހާ، ޢާއިޝަތުގެފާނުގެ މޫނުފުޅު ދޮންނަވައި އެކަމަނާގެ އިސްތަށިފުޅު އޮމާންކޮށް ދެއްވިއެވެ. އެއަށްފަހު އެކަމަނާގެ އަތްޕުޅުގައި ހިއްޕަވައިގެން ވަޑައިގެންނެވީ އަންޞާރިއްޔާ ބޭކަނބަލުން އެކަމަނާގެ އިންތިޒާރުގައި ތިއްބެވި ކޮޓަރިކޮޅަށެވެ. އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންޙާ އެ ކޮޓަރިކޮޅުގެ ތެރެއަށް ވަދެވަޑައިގަތުމުން އެބޭކަނބަލުން އެކަމަނާއާ އިސްތިޤުބާލު ކުރެއްވިއެވެ. "ކަމަނާގެ ވަޑައިގަތުން ހެޔޮކަމާއި ބަރަކާތްތެރިކަމާ އެކުގައެވެ. ހެޔޮފާލާ އެކުގައެވެ." މިހެން ވިދާޅުވުމުންނެވެ.
ޚުދު އައްސައްޔިދާ އަސްމާއު ބިންތު ޔަޒީދުގެ އަރިހުން ރިވާވެފައިވެއެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންޙާ އިތުރު ސާހިބާގެ ގަނޑުވަރަށް ވަޑައިގެންނެވުމަށްފަހު އިތުރު ސާހިބާ އެ ގަނޑުވަރަށް ވަޑައިގެންނެވިއިރު އަހަރެންވެސް އެތާނގައި އިނީމެވެ. އިތުރު ސާހިބާ ކިރުތަށިކޮޅަކުން އެތިފޮދެއް ހިއްޕެވުމަށްފަހު ޢާއިޝަތުގެފާނަށް ދިއްކޮށްލިއެވެ. އެކަމަނާއަށް ލަދުފުޅުން އެތަށިކޮޅުގައި ހިއްޕަވާކަށް ކެރިވަޑައެއް ނުގެންނެވިއެވެ. އެވަގުތު އަހަރެން ދެންނެވީމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްވި އެއްޗެއް އަނބުރައި ރައްދު ނުކުރައްވާށެވެ.
އެކަމަނާ ލަދުފުޅުން އިންނަވައި ކިރުތަށިކޮޅު އަތުލެއްވިއެވެ. އެއިން ކޯވަރެއް ހިއްޕަވާފައި ތަށިކޮޅު ބެހެއްޓެވިއެވެ. އިތުރު ސާހިބާ ޢާއިޝަތުގެފާނަށް ޙަދީޘް ކުރެއްވިއެވެ. ކަމަނާގެ އެކުވެރީންނަށްވެސް ދެއްވާށެވެ. އަހަރެމެން ދެންނެވީމުއެވެ. އޭ މާތްﷲ ގެ ރަސޫލާއެވެ! މިވަގުތަކު އަޅުގަނޑުމެން ބަނޑުހައެއް ނުވެއެވެ. އިތުރު ސާހިބާ ޙަދީޘް ކުރެއްވިއެވެ. ދޮގު ނަހަދާށެވެ. އިންސާނާ ހަދާ ކިތަންމެ ކުޑަ ދޮގެއްވެސް ދޮގެއްގެ ގޮތުގައި ލިޔުއްވޭނެއެވެ.
މިރިވާޔަތުން އެނގޭ ގޮތުގައި އަސްމާ ބިންތު ޔަޒީދު ރަޟިޔަﷲ ޢަންހާއަކީ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝަތު ޞިއްދީޤާ ރަޟިޔަﷲ ޢަންހާގެ އެކުވެރިއެކެވެ.
އަސްމާގެ ޢާއިލާގެ ޤުރުބާނީ
އައްސައްޔިދާ އަސްމާއު ރަޟިޔަﷲ ޢަންހާއާއި އެކަމަނާގެ މުޅި ޢައިލާ އިތުރު ސާހިބާދެކެ އިންތިހާ ދަރަޖައަށް ލޯބިފުޅުވެއެވެ. އެބޭކައުކަނބަލުން އަބަދުވެސް ތިއްބަވަނީ ޙައްޤު ދީނަށްޓަކައި އެބޭބޭކައުކަނބަލުންގެ ފުރާނަފުޅާއި، އަތްޕުޅުގައި ވާހައި އެއްޗެއްސެއް ޤުރްބާން ކުރައްވަން ތައްޔާރަށެވެ.
ހިޖްރައިން ދެވަނަ އަހަރު ބަދުރު ހަނގުރާމަ ކުރިމަތިވުމުން މުޅި ޢަބްދުލް އަޝްހަލު ވަންހަ އޮތްގޮތަށް އެ ހަނގުރާމައިގައި ބައިވެރިވެއެވެ. އޭގެރޭގައި އައްސައްޔިދާ އަސްމާއު ރަޟިޔަﷲ ޢަންހާގެ ވަރަށް ތިމާގެފުޅު ބޭކަލުންވެސް ހިމެނިވަޑައިގެންނެވިއެވެ.
އުޙުދު ހަނގުރާމައިގައިވެސް ހަމަ އެފަދަ އިޚްލާޞްތެރިކަމާއެކު އެވަންހައިގެ ބޭކަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަސްމާއުގެ ބޮޑު ބޭބޭފުޅު ޒިޔާދު ބުނު ސަކަނުއާއި، ބޮޑުބޭބޭފުޅުގެ ދަރިކަލުން ޢައްމާރާ ބުނު ޒިޔާދު އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށްޓަކައި އެދެބަފައިކަލުންގެ ފުރާނަފުޅު ޤުރްބާން ކުރެއްވީ އެބޭކަލުންގެ މަޤާމުގައި ވެވަޑައިގަތުމުގެ އެދުންފުޅު ކޮންމެ ޞަޙާބީއެއްގެ ހިތްޕުޅުގައިމެ ކެކިއުތުރި އަރާފަދަ މަތިވެރި ގޮތެއްގައެވެ.
އުޙުދު ހަނގުރާމައިގައި މުޝްރިކުން ތިބީ ރިސާލަތުގެ ދަންމަރު އަބަދަށްޓަކައި ނިއްވައިލުމުގެ ޢަޒުމުގައެވެ. އެ މުޑުދާރު މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި އެއުރެން ގެންދިޔައީ އިތުރު ސާހިބާއަށް މެދުކެނޑުމެއްނެތި ޙަމަލަ ދެމުންނެވެ. މުސްލިމުންގެ ތީރުވެރީންނަށް ކުރެވުނު އިއްތިފާޤީ ކުށެއްގެ ސަބަބުން ހަނގުރާމައިގެ މައިދާނުގެ އޮއިވަރު ބަދަލުވި ވަގުތަކީ މުޝްރިކުންނަށް ލިބުނު ރަނުގެ ފުރުޞަތެކެވެ. އެފުރުޞަތުގެ ބޭނުން ކޮށް އެބައިމީހުން އިތުރު ސާހިބާ ވަށައިލީ ވަރަށް ނުރައްކައުތެރި ގޮތަކަށެވެ. އެވަގުތު އިތުރު ސާހިބާ ޙަދީޘް ކުރެއްވިއެވެ.
މިތިބަ ދުޝްމިނުންތައް ދިފާޢު ކުރުމަށްޓަކައި މާތްﷲގެ މަގުގައި އެބައެއްގެ ފުރާނަ ވިއްކައިލާނީ ކޮންބައެއްހެއްޔެވެ؟
އެވަގުތު އަންޞާރިއްޔަ ބޭކަލުންކުރެ ފަސްބޭކަލަކު ކުރިޔަށް ނިކުމެވަޑައިގެން ނުހަނު ފިރިހެންވަންތަ ކަމާއެކު ހަނގުރާމަ ކުރައްވައި މާތްﷲގެ ރަސޫލާއަށްޓަކައި އެބޭކަލުންގެ ފުރާނަފުޅު ޤުރްބާން ކުރެއްވިއެވެ. ރިސާލަތުގެ ބައްތިއަށްޓަކައި ޤުރްބާންވެ ވަޑައިގެންނެވި އެފަސް ޕަރުވާނާއިންގެ ތެރެއިން އެއްބޭކަލަކީ ޒިޔާދު ބުނު ސަކަނުއެވެ. ޒިޔާދުގެ ދަރިކަލުން ޢައްމާރާ ވެސް ނުހަނު ހިއްވަރުފުޅާއި ސާބިތުކަމާއެކު ހަނގުރާމަ ކުރެއްވިއެވެ. އެކަލޭގެފާނުގެ ހަށިކޮޅުގައި ވަރަށް ނުރައްކައުތެރި ތޭރަ ޒަޚަމް އުފެދުމުންވެސް ކުޑަކޮށް ވެސް ފަހަތަކަށް ޖެހިވަޑައެއް ނުގެންނެވިއެވެ. ސާދަވަނަ ޒަޚަމާއެކު އެކަލޭގެފާނުގެ ބާރުފުޅު ހަށިކޮޅާ ވަކިވެ ވެއްޓިވަޑައިގެންފިއެވެ. ޞަޙާބީން ހީފުޅު ކުރެއްވީ އެކަލޭގެފާނު އަވަހާރަވެއްޖެ ކަމުގައެވެ. އިތުރު ސާހިބާގެ އަރިހުގައި އެވާހަކަ ދެންނެވުމުން ވިދާޅުވިއެވެ.
އައްމަރާގެ ހަށިކޮޅު އަހަރެންގެ ގާތަށް ގެންނާށެވެ.
ޞަޙާބީން އަވަސް އަވަހަށް އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ބެއްލިވިއިރު އަދި ފުރާނަފުޅު ހުއްޓެވެ. ޞަޙާބީން އެކަލޭގެފާނު ނަންގަވައިގެން ގެންނަވައި އިތުރު ސާހިބާގެ ކުރިފުޅުމަތީގައި ބޭއްވިއެވެ. އޭރު ވާހަކަ ދެއްކޭވަރެއް ނުވެއެވެ. އެކަލޭގެފާނުގެ ލޯފުޅު ޙާލުގެ ދުލުން ދަންނަވާކަހަލައެވެ.
އޭ މާތްﷲގެ ރަސޫލާއެވެ! މިއަޅާ މިޤުރްބާން ކުރީ އެންމެ ފުރާނައެކެވެ. ހާސް ފުރާނަ ލިބިފައިވިނަމަ އެހުރިހައި ފުރާނަތަކެއްވެސް ސާހިބާއަށް ވެދުން ކުރީމުހެވެ. ޢައްމާރާ އެކަލޭގެފާނުގެ ކޯތާފަތްޕުޅު އިތުރު ސާހިބާގެ ފައިތިލަފުޅުގައި ޖައްސަވައިލެއްވިއެވެ. އެކަލޭގެފާނުގެ ފުރާނަފުޅު ހަށިކޮޅާ ވަކިވީ އެގޮތުގައި އޮންނަވައެވެ.
އައްސައްޔިދާ އަސްމާއު ބިންތު ޔަޒީދު ރަޟިޔަﷲ ޢަންހާއަކީ އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެ އިންތިހާ ދަރަޖައަށް ލޯބިފުޅުވާ އަދި އެކަލޭގެފާނަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރައްވައި ކަމޭހިއްތަވާ ބޭކަނބަލެކެވެ. އިތުރު ސާހިބާގެ އަރިހަށް ވަރަށް ގިނައިން ވަޑައިގެން ދީނީ މަޢުލޫމާތާއި ޢިލްމީ ފައިދާތައް ހޯއްދަވައެވެ.
އަސްމާއު ރަޟިޔަﷲ ޢަންހާ އެއްފަހަރަކު އިތުރު ސާހިބާގެ ޖަމަލުކޮޅުގެ ލަގަނުގައި ހިއްޕަވައިގެން ހުންނަވަނިކޮށް އިތުރު ސާހިބާއަށް ވަޙީ ލިބިވަޑައިގެންނެވިއެވެ. އައްސައްޔިދާ އަސްމާއު ރަޟިޔަﷲ ޢަންހާ ބަޔާން ކުރައްވާފައިވެއެވެ. ޖަމަލުކޮޅަށް ބުރަވެގެންގޮސް އޭގެ ފައި ބިންދައިގެން ނުދާނެބާވައޭ ތިމަންކަމަނާގެ ހިތްޕުޅަށް އެރިއެވެ.
އަސްމާއު ރަޟިޔަﷲ ޢަންހާ އެއްފަހަރަކު ޞަޙާބިއްޔާތުންގެ އެހެން ބައެއް ބޭކަނބަލުންނާއި އިތުރު ސާހިބާގެ އަރިހަށް ވަޑައިގެންނެވިއެވެ. އިތުރު ސާހިބާ ޙަދީޘް ކުރެއްވިއެވެ.
ބައެއް އަންހެނުންނާއި ބައެއް ފިރިހެނުން ދެމަފިރީންގެ ގުޅުމާބެހޭ ވާހަކަތައް އެހެން މީހުންނަށް ޚަބަރުދީ އުޅޭކަން ނޭނގެއެވެ.
ޞަޙާބިއްޔާތުން ހިމޭނުން ތިއްބަވާން ފެއްޓުވުމުން އައްސައްޔިދާ އަސްމާއު ވިދާޅުވިއެވެ.
"އާދޭހެވެ. އޭ މާތްﷲގެ ރަސޫލާއެވެ. ބައެއް ފިރިހެނުންނާއި ބައެއް އަންހެނުންނާއި ތިޔަ ވިދާޅުވިގޮތަށް ކަންތައްކޮށް އުޅެއެވެ."
އިތުރު ސާހިބާ ވިދާޅުވިއެވެ.
ފަހަރެއްގައިވެސް އެގޮތަށް ކަންތައް ނުކުރާށެވެ! އެފަދަ މީހުންގެ މިސާލަކީ ކޮންމެވެސް ޝައިޠާނީ އަންހެނަކާއެކު އެންމެންގެ ކުރިމަތީގައި އަނބިފިރިކަން ކޮށްއުޅޭ ޝައިޠާނެއްގެ މިސާލެވެ.

ޖިހާދުގެ މައިދާނުގައި
ޚުލަފާއުއްރާޝިދޫންގެ ދައުރުގައި މުސްލިމުންނާއި ރޫމީންނާ ދެމެދު ޝާމްކަރައިގެ މައިދާނުގައި ޖިހާދު ކުރެވެން ފެށުމުން އައްސައްޔިދާ އަސްމާއު ބިންތު ޔަޒީދު ރަޟިޔަﷲ ޢަންހާއަށް ޖިހާދުގައި ބައިވެރިވެ ވަޑައިގަންނަވާ ހިތްޕުޅުން ރަށުގައި ވަޑައިގެނެއް ނުއިންނެވުނެވެ. އެކަމަނާގެ ޢާއިލާގެ ބޭފުޅުންގެ އަރިހުގައި ޔަރްމޫކުގެ މައިދާނަށް ވަޑައިގެންނެވިއެވެ.
އެ ހަނގުރާމައިގެ ތެރޭގައި އެއް ފަހަރަކު ކްރިސްތިޔަނުން މުސްލިމުން ފަހަތަށް ކޮއްޕަމުން އަންހެނުންގެ ފޭލިގެތަކާ ހަމައަށް ފަހަގަށް ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމު އަންހެނުން ޖޯޝާއި ފޯރިއާއެކު ހަނގުރާމައިގައި ބައިވެރިވެއެވެ. އައްސައްޔިދާ އަސްމާ ރަޟިޔަﷲ ޢަންހާއާއި މުސްލިމް އެހެނިހެން އަންހެން ބޭފުޅުން ފޭލިގެތަކުގެ މުޑިތައް ލުއްސަވައިގެން ރޫމީންނާ ޙަމަލަ ދެއްވައި ރޫމީން ފަހަތަށް ޖެއްސެވިއެވެ. ސީރަތުގެ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އައްސައްޔިދާ އަސްމާ ރަޟިޔަﷲ ޢަންހާ އެކަމަނާ ގެންގުޅުއްވި މުޑިން ޙަމަލަ ދެއްވައި ރޫމީންގެ ނުވަ މީހުން ޤަތުލު ކުރެއްވިއެވެ.
* * * *
އައްސައްޔިދާ އަސްމާ ބިންތު ޔަޒީދު ރަޟިޔަﷲ ޢަންޙާއަކީ މެހެމާނުންނަށް ކަމޭހިއްތެވުމުން ވަރަށް ބޮޑު ހިއްޕުޅު ހަމަޖެހުމެއް ލިބިވަޑައިގަންނަވާ ބޭކަނބަލެކެވެ. މަޝްހޫރު ޠާބިޢީ ބޭކަލެއް ކަމުގައިވާ ޝަހުރު ބުނު ޙައުޝަބްއަކީ އެކަމަނާގެ ދަރިވަރެކެވެ. އެކަލޭގެފާނު އެއްފަހަރަކު އެކަމަނާގެ އަރިހަށް ވަޑައިގަތުމުން ނުހަނު އޯގާވެރިކަމާއެކު އެކަލޭގެފާނަށް ފަރީއްކޮޅު އެރުއްވިއެވެ. އެކަލޭގެފާނު ފަރީއްކުޅުއްވުމާމެދު ޢުޛުރުވެރިވެ ވަޑައިގެންނެވުމުން އައްސައްޔިދާ އަސްމާ އެކަލޭގެފާނަށް، އިތުރު ސާހިބާގެ ޙަޔާތްޕުޅުގެ ޙާދިޘާއެއް ވިދާޅުވެ ދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. "ދެނެއް ކަލޭގެފާނުގެ ޢުޛުރެއް އޮވެގެނެއް ނުވާނެއެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. "މަންމާއެވެ! ދެނެއް އެފަދަ ކުށެއް ނުކުރާނަމެވެ.
އައްސައްޔިދާ އަސްމާ ބިންތު ޔަޒީދު ރަޟިޔަﷲ ޢަންހު އަވަހާރަވީ ޔަރުމޫކު ހަނގުރާމައިގެ ފަނަރަ އަހަރު ފަހުންނެވެ. އެކަމަނާ ބައެއް ޙަދީޘްފުޅުތައްވެސް ރިވާކުރެއްވިއެވެ. އެކަމަނާގެ ބޭފުޅުންނާއި އެކަމަނާއާ ބެހޭ އެހެނިހެން ތަފްޞީލުތަކެއް ލިބޭކަށެއް ނުހުރެއެވެ.
އަރަހުށި މާތްﷲ އެމާތް ޞަހާބިއްޔާއަށް ރުއްސުން ލައްވާށިއެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment