12.13.2009

ބާއްޖަވެރި ޒަވާޖީ ޙަޔާތެއްގައި ހުންނާނެ ސިފަތައް

އަލްއުޚްތު އަނާރާ ނަޢީމް
ޒަވާޖީ ޙަޔާތް ބާއްޖަވެރިކުރުމަކީ ވަރަށް ގިނަ ބަޔަކު އެދޭނެކަމެކެވެ. އަދި ޒަވާޖީ ޙަޔާތް ކާމިޔާބު ގޮތުގައި ހޭދަކުރުމުގެ މުހިއްމުކަން ވިސްނޭ މީހުން، އެކަމަށް ގަދައަޅައި މަސައްކަތް ކުރާކަން ފާހަގަކުރެވެއެވެ. އެފަދަ މީހުންނަކީ ވިސްނުން ރަނގަޅު ތަހުޒީބު މީހުންނެވެ.
އުފާވެރި ޢާއިލާއަކީ، އެ ޢާއިލާއެއްގައި ޞުލްޙަވެރިކަމާއި ހަމަޖެހުން އެކުލެވިފައިވާ ޢާއިލާއެކެވެ. އަދި ޢާއިލާއެއް އުފާވެރިކަންމަތީ ދެމެހެއްޓުމަކީ ޢާއިލާއާއި މުޖްތަމަޢުގެ އަފްރާދުން ކާމިޔާބަށް ވާޞިލްވުމަށްޓަކައި ކޮށާލެވޭ ތަނަވަސް މަގެކެވެ. އެހެންކަމުން މި ލިޔުމުގައި އަޅުގަނޑު އަލިއަޅުވާލަން ޤަޞްދުކުރާ މައުޟޫއައިގެން ކުރިއަށް ދާނަމެވެ. ބާއްޖަވެރި ޒަވާޖީ ޙަޔާތެއްގައި ހުންނާނެ ސިފަތަކުގެ ތެރެއިން ބައެއް މުހިއްމު ސިފަތައް މިދަންނަވާލަނީއެވެ.
1 – ދެމަފިރިން އެކަކު އަނެކަކަށް އިތުބާރުކުރުން:
ދެމަފިރީން އެކަކު އަނެކަކަށް ޝައްކުނުކޮށް، ފުރިހަމަ އިތުބާރާއެކު ޒަވާޖީ ޙަޔާތް ވޭތިކުރަމުން ދިޔުން އެއީ އުފާވެރި ޒަވާޖީ ޙަޔާތެއްގައި ހުރުން ލާޒިމު ސިފައެކެވެ. އަދި އެކަކު އަނެކަކަށް އިތުބާރު ކުރެވޭނީ، އިތުބާރު ލިބޭނޭ ގޮތަށް ދިރިއުޅުމުގެ ކަންތައްތައް ބަހައްޓައިގެންނެވެ.
2 – އޯގާތެރިކަމާއި އިޙްތިރާމާއެކު ވާހަކަދައްކާ މުޢާމަލާތު ކުރުން:
ދުރުމީހުންނާއި ރައްޓެހި ރަޙުމަތްތެރިންނާ އޯގާތެރިކަމާއި އިޙްތިރާމާއެކު ވާހަކަދެކެވޭ އިރު ވާހަކަދެކެވޭއިރު، ފިރިމީހާ ނުވަތަ އަނބިމީހާއާއި ދަރީންނާ އެގޮތަށް ވާހަކަ ނުދެއްކޭންވީ ސަބަބެއް ނެތެވެ. މިހެން މިކަން އޮތްއިރު މިއަދުން ފެށިގެން، ވިސްނުމާ އޯގާތެރިކަމާ އިޙްތިރާމާއެކު ޙަޔާތުގެ ބައިވެރިޔާއާއި ދަރީން އަދި ޢާއިލާ މީހުންނާއެކު ވާހަކަދެއްކުމަށް ހިތުގައި ޢަޒުމް ކަނޑައަޅާށެވެ. އަދި ދައްކާ ވާހަކަތައް ތަކުރާރު ނުކުރާށެވެ. އަދި އެމީހުންނަށް ބިރު ނުދައްކާށެވެ. އެހެނީ ބިރުދެއްކުމުން އިތުރު މައްސަލަތައް ޖެހުން ނޫންކަމެއް ނުވާނެއެވެ. އަދި ޖަދަލުނުކޮށް، ޙަޔާތުގެ ބައިވެރިޔާއަށާއި ދަރީންނަށް ގިނަގިނައިން ނަޞީޙަތްތެރިވެ، އެކަމުގެ ފައިދާ ތަޖުރިބާކޮށްލާށެވެ.
3- ކައިވެނިވެގެން ކިތަންމެ ގިނަ ދުވަހެއް ވޭތުވެގެން ދިޔަޔަސް ތިބާގެ ހަށިގަނޑު ލޫޅާފަތިކޮށް ބެހެއްޓުމަށާއި، ހަށިގަނޑާއި ފޭރާން އަދި ދިރިއުޅޭ ވެށި ސާފުތާހިރުކޮށް ބެހެއްޓުމަށް ސަމާލުކަން ދޭށެވެ. އަދި ޚާއްޞަކޮށް ނިދާކޮޓަރީގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއްދޭށެވެ. އެގޮތުން އެހާ ގިނަދުވަސްނުކޮށް ނިދާކޮޓަރީގެ ތަރުތީބު ބަދަލުކޮށްލާހަދާށެވެ. އަދި އެކަމަށް ސަމާލުކަންދީ ޙަޔާތުގެ ބައިވެރިޔާއަށާއި ދަރީންނަށްޓަކައި ތިބާ ހޭދަކުރާ ވަޤުތަކީ ބޭކާރު ވަޤުތެއްކަމަށް ނުވިސްނާށެވެ. އަދި އެމީހުންނާ ދޭތެރޭ ރުޅި އިސްނުކުރާށެވެ. އެހެނީ އެންމެ ވަރުގަދަ މީހަކީ ރުޅިއަންނަ ވަޤުތު ނަފްސު ކޮންޓްރޯލްކުރާ މީހާއެވެ.
4- ދެމަފިރީންގެ ސިއްރުތައް ފާޅުނުކުށާށެވެ.
ބައިވެރިޔާގެ ކަންތައްތައް ހުންނަ ގޮތާމެދު ހިތްހަމަނުޖެހުނު ކަމުގައިވިޔަސް، އޭނާގެ ކިބައިގައި ހުންނަ އުނި ސިފަތަކުގެ ވާހަކަ އެހެން މީސްމީހުންގެ ކައިރީގައި ނުދައްކާށެވެ. އެހެނީ އެކަމުން ވިއްޔާ ވާނީ ގެއްލުމެކެވެ. އަދި އެއީ އެހެންމީހުންގެ ކުރިމަތީގައި ތިބާގެ އަގުވެއްޓޭފަދަ ކަމެކެވެ. އަދި ދަރީންގެ ކުރިމަތީގައި ދެމަފިރީން އަރާރުންވެ ޖަދަލުކޮށް ނުހަދާށެވެ. އަދި ޙަޔާތުގެ ބައިވެރިޔާ އެހެންމީހުންގެ ކުރިމަތީގައި ލަދުގަންނަންޖެހޭފަދަ ކަމެއް ތިބާގެ ފުށުން ވިޔަ ނުދޭށެވެ.
5- "ވަރި" މިލަފްޒު ތިބާގެ ދުލަށް ނުގެނެސްވޭތޯ ބަލާށެވެ.
އެހެނީ ވަރިއަކީ ހަމަޖެހުމެއް ނޫނެވެ. ޚާއްޞަކޮށް ދަރިން ލިބުމަށްފަހު ވަރިކުރުމަކީ ކުރުން އެދެވިގެންވާ ކަމެއް ނޫނެވެ. އަދި އަނބިމީހާ ނުވަތަ ފިރިމީހާގެ ފަރާތުން ވަރިއަށް އެދިއެދި ހުންނަނަމަ ނުވަތަ ފިރިމީހާ ވަރިކުރާނެކަމުގެ އިންޒާރުދީދީ ހުންނަނަމަ ދަރީންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. އަދި އެކުދީންގެ މަންމައާއި ބައްޕަ ވަކިވެދާނޭކަމުގެ ބިރު އަބަދާއި އަބަދު އެކުދީންގެ ސިކުނޑީގައި ހަރުލާފައި ހުރެއެވެ. ނަތީޖާއަކަށްވަނީ އެކުދީންގެ ކުރިމަގަށް ހުރަސް އެޅުމެވެ. އަދި ކާމިޔާބީތަކަށް ވާޞިލްވުމަށް ނުކުޅެދުމެވެ.
6- ދޮގުނުހަދާށެވެ. ﷲ ޙަރާމްކުރެއްވި ކަމެއްގައި މެނުވީ ޙަޔާތުގެ ބައިވެރިޔާއަށް ކިޔަމަންތެރިވެ ތެދުބުނާށެވެ.
އަދި ކަމަކާ އޭނާ ރުޅިއައިސްފާނެކަމަށް ހީވާނަމަ، އޭނާ ހިތްހަމަޖެހިފައި ހުންނަ ވަޤުތަކު އެވާހަކަ ދައްކާށެވެ. އަދި އެފަދަ ވަޤުތުތަކުގައި މައްސަލަ ޙައްލުކުރަން މަސައްކަތްކުރާށެވެ. އަދި ތިބާއަށް ކުށެއްކުރެވިއްޖެނަމަ ބުނާށެވެ. އަހަރެންނަށް މިގޮތަށް ކުށެއް ކުރެވިއްޖެކަމަށް އެއްބަސްވަމެވެ. އަދި އެކަމަށް އަދަބު ނުދޭށެވެ. އޭރުން އެފަދަކަމެއް ފަހުން ނުކުރުމަށް ބާރު އެޅޭނެނޫން ހެއްޔެވެ؟ މިފަދައިން ކަންތައްކުރުމުން އޭނާއަށް ވިސްނޭނެއެވެ. އަދި ދަރީންގެ ކުރިމަތީގައި ޙައްޤުބަސް ބުނާނަމަ، ދަރީންވެސް ވާނީ ޙައްޤުބަސްބުނާ ސާދާ ބަޔަކަށެވެ. ޙައްޤަށް އިޢުތިރާފުވުމަކީ ހެޔޮކަމެކެވެ.
7- ހަފުތާއަކު އެއްފަހަރުނަމަވެސް ޢާއިލާގެ ހުރިހާ މެންބަރުން އެއްތަނަކަށް ޖަމާވެ، ވާހަކަ ދައްކާލުމަށް ސަމާލުކަން ދޭށެވެ.
އަދި މަންމައާއި ބައްޕަގެ ޚިޔާލު ފާޅުކުރާށެވެ. އަދި ދަރީންނަށްވެސް އެކުދީންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދޭށެވެ. އަދި އަބަދު އެކުދީންގެ އުނި ސިފަތަކުގެ ވާހަކަ ނުދައްކާށެވެ. އެހެނީ އޭރުން އެކުދީންގެ އުނިކަން އަބަދު އިޙްސާސްކުރެވޭގޮތް ވެއެވެ. އެހެންކަމުން ކަންތައްތައް ކުރަންވާގޮތާއި ރަނގަޅުގޮތްތައް ބުނެދީ، އެގޮތަށް ދަރީން ކަންތައްތައް ކުރުމުން އެކަމަށް ތަޢުރީފުކުރާށެވެ. އަދި އަބަދުމެ ﷲ ދެއްވި ނިޢުމަތްތަކަށް ޙަމްދުކުރަން ޢާއިލާގެ މެންބަރުންނަށް ހަނދާންކޮށްދީ، ﷲ ހަނދުމަކުރާށެވެ. އޭރުން، ޢާއިލާގެ ނިޢުމަތް ދެއްވިކަމަށްޓަކައި، ﷲ އަށް ޙަމްދުކުރެވޭނެއެވެ. އަދި ހިތްހަމަޖެހުމާއި އުފާލިބި ﷲ މަތިން ހަނދުމަކުރެވޭނެއެވެ. އަޅުގަނޑު މިލިޔުން ނިންމާލާނީ އެންމެހާ މުސްލިމް ޢާއިލާތަކަކީ އުފާވެރި ބާއްޖަވެރި ޢާއިލާތަކެއް ކަމުގައި ލެއްވުމުގެ ތައުފީޤު ދެއްވުން އެދެމުންނެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment