12.10.2009

އަންހެނުންގެ މިނިވަންކަން

އައްޝައިޚް އިދްރީސް ޙުސައިން ، އިބްނުލް ޖުޒުރު
އާދެ! އަޅުގަނޑުމެން އިމާރާތަކަށް ނިސްބަތްކޮށް ޤައުމެއްގެ މިޡާލު ޖަހާނަމަ ޤައުމުގެ އަފުރާދުންގެ މެދުގައި ޤާއިމްވެ ހިގަމުންއަންނަ ދެމަފިރިވަންތަކަމުގެ ދިރިއުޅުން ބެލެވޭނީ އެޤައުމުގެ ބިންގާކަމުގައެވެ. އުޅަނދަކަށް ނިސްބަތްކޮށް މިޡާލު ޖަހާނަމަ ދެމަފިރިވަންތަކަމުގެ ދިރިއުޅުން ބެލެވޭނީ ފަށަންކަމުގައެވެ.މިނަޒަރުން ބަލާއިރު ޤައުމުގެ ހަރުދަނާ ކަމާއި، އަދި ޤައުމުގެ ކުރިއެރުމަށްޓަކައި އެޤައުމުގެ ބިންގާ، ނުވަތަ ފަށަން ހަރުދަނާކޮށް ވަރުގަދަ ކުރަން ޖެހުމަކީ ވަންހަނާވެގެންވާ ކަމެއްނޫނެވެ.


ކުޑަވެސް ޝައްކެތްނެތެވެ! ދެމަފިރިވަންތަކަމުގެ ދިރިއުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމަށްޓަކައި އެންމެ މުހިއްމު ރޯލެއް އަދާކުރަން ޖެހޭ ބަޔަކީ އަންހެނުންނެވެ. ކޮންމެ އަންބަކީ އެކަނބުލޯގެ ފިރިމީހާގެ ލޮލުގެ ފިނިކަން، ހިތުގެ އުފާ، އަދި ހަށިގަނޑުގެ އަރާމުކަމުގައި ވެގެންނޫނީ ދެމަފިރިވަންތަކަމުގެ ޙަޔާތް ހަރުދަނާވެ ވަރުގަދަ ނުވަނެއެވެ. މިނަޒަރުން ބަލާއިރު ކޮންމެ އަންހެނަކުވެސް ދިރި އުޅެންޖެހޭނީ ލަދުވެތިކަމުގެ ކިއްލާގައި، އިއްފަތުގެ ކަމަރުބަންދު ބަނދެގެން، ވަފާތެރިކަމުގެ ސާލު އޮޅާލައިގެންނެވެ. މިގޮތަށްދިރިއުޅެމުންދާ އެއްވެސް މިނިވަން އަންހެނަކު އެކަނބުލޭގެ ދެތުންފަތާ،ނޭފަތާއި، އަދި ދެކޯތާފަތް އެކަނބުލޭގެ ފިރިމިހައި ފިޔަވާ ދެވަނަ އެހެން އެއްވެސް ހިލެ ފިރިހެނަކަށް ދައްކަން ހަމަހިލާ ނުރުހޭނެ އެވެ. މިހެނީ މިގުނަންތަކަކީ އަނބިފިރިކަމުގެ ދާއިރާގައި އެންމެ އިސްކަންދެވޭ ގުނަންތަކެވެ، މިގުނަންތައް ލަދުވެތިކަމުގެ ކިއްލާގައި ނިވައިކުރުމުގެ މިނިވަންކަން ޤާނޫނުގައި ކޮންމެއަންހެނަކަށްމެލިބެންޖެހެއެވެ. މިއީ މިނިވަން އަންހެނުންގެ މިނިވަންކަމުގެ ޙައްޤުތަކުގެ ތެރެއިން ޙައްޤެކެވެ. މިޙައްޤުން އައްހެނުން މަޙުރޫމުކޮށްފަނިވި މާއްދާއެއް ދުނިޔޭގެ އެއްވެސް ޤައުމެއްގެ ޤާނޫނުގައި ނުވެއެވެ.
ވަކިމީހަކު ނެއެގޭގޮތަށް ފޭރާންލުން ޤާނޫނުގައި ފިރިހެނުންނަށް މަނާކުރެވިދާނެއެވެ. ނަމަވެސް އައްހެނުންނަށް އެކަނބުލެންގެ ލަދުވެތިކަމުގެ ކިއްލާ ފުނޑުފުނޑުކޮށް، އިއްފަތުގެ ކަމަރުބަނދު ކުދިކުދިކޮށް، ވަފާތެރިކަމުގެ ސާލުސުންނާފަތިކޮށްލަން މަޖުބޫރުކުރާ ޤާނޫނެއް އެއީ ޤާނޫނެއްނޫނެވެ. އަދި އެއީ ފަހަރެއްގައިވެސް ސަލާމަތް ބުއްދީގެވެރިބަޔަކު ކުރާނެކަމެއް ނޫނެވެ. މިހެނީ އެއިގެ ސަބަބުން ޤައުމުގެ އަންހެނުންނަށް ޒިނޭގެދޮރުހުޅުވާލުމަށް އަމުރުވެވެނީއެވެ. އެކަނބަލުންނަށް ލަދުވެތިކަމުގެ ކިއްލާ ފުނޑުފުނޑުކޮށް، އިއްފަުގެ ކަމަރުބަނދު ކުދިކުދިކޮށް، ވަފާތެރިކަމުގެ ސާލުވީދާލައި، މުޖުތަމަޢުގައި ޒީނޭޢާއްމުކުރުމަށް ގޮވާލެވެނީއެވެ.
ބައްލަވާށެވެ! އޭޑްސްގެ ނުރައްކާތެރި ބަލި ޖެހެނީ ނަހަމަގޮތުގައި ޖިންސީގުޅުން ހިންގާކަމަށްބުނެ އޭޑްސް އިންރައްކާތެރިވުމަށްޓަކައި ހުރަސްތައް ބޭނުން ކުރާށޭ ކިއައި ޤައުމަށް ގޮވާލުމުން އެގޮވައިލެވެނީ ނަހަމަގޮތުން ޖިންސީގުޅުން ހިންގުން ހުއްޓާނުލުމަށް ކަމުގައި ނުވޭތޯއެވެ؟ ޤައުމުގެ އަފުރާދުންނަށް މިފަދަ ގޮވުމެއް ފަހަރެއްގައިވެސް ސަލާމަތް ބުއްދިގެވެރިޔަކު ގޮވާލާނެތޯއެވެ؟
ނިކަންވިސްނަވާ ބައްލަވާށެވެ! އިނސާނުން ވަނީ އެބައިމީހުންނަށް މަނާކުރެވޭ ކަންތަކަށް ދަހިވެތިވެގެންފައިކަމަށްވާތީ ޤައުމުގައި ވަންކަންކުރުމުގެ ދާއިރާ ފުޅާވިޔަނުދީ، ވަންކަންކުރާމީހުން މަދުކުރުމުގެ ގޮތުން މުދާވެރިންނާއި، ތަނަވަސްކަމުގެ އަހުލުވެރިންނަށް އެބައިމީހުންގެ މުދާތައް ބަންދުތަންތަނުގައި ރައްކާކުރުން މަނާ ކުރާޤާނޫނެއް އަދިމިހާތަނަށް ދުނިޔޭގެ އެއްވެސްބަޔަކު ހަދާފައިވޭތޯއެވެ؟ ކަނޑައެޅިގެންމިއީ ބުއްދިސަލާމަތުންވާ ބަޔަކު ކުރާނެކަމެއްނޫނެވެ.
ދަންނަވަންތޯއެވެ! ރަނާއި، މުތާއި، ޖަވާހިރަށްވުރެން ހަޤީޤަތުގައި އަގުމާތްވެގެންވަނީ އެއިގެ ގަހަނާ ތަކުން ޒީނަތްތެރިވެއުޅޭ އަންހެނުންނެވެ. މިހެންކަމުން ރަނާއި، މުތާއި، ޖަވާހިރަށްވުރެން ބޮޑަށް ރައްކާކުރެވެން ޖެހޭނީ އަންހެނުންނެވެ. މިއީ ކޮންމެސަލާމަތްބުއްދީގެ ވެރިއަކުވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ. މިހަޤީޤަތުގެ ނަޒަރުންބަލާއިރު ކޮންމެ އަބްހެނަކަށްވެސް އެކަނބުލޯގެ ވަނާތަށް ނިވައިވާ ފޭރާންލުމާއި، އަދިކާކުކަންނޭގޭ ގޮތަށް ޙިޖާބަ އެޅުމުގެ ފުރިހަމަ މިނިވަންކަން ލިބެންޖެހެއެވެ. މިއީ އެކަނބުލެންގެ އަސާސީޙައްޤެކެވެ. މިއަދާއި ހަމައަށް މިޙައްޤު ދުނިޔޭގެ އެއްވެސް ޤައުމެއްގެ ޤާނޫނުގައި ފޭރިގަންފައި ނުވެއެވެ.
ނަމަވެސް މިފަދަޤާނޫނެއް އެންމެފުރަަތަމަ ފާސްކޮށް ނެރުނުބަޔަކަށް ވުމުގެ ފަޚުރުލިބިގަތުމުގެ އެދުމުގައި، މުދަލާއި، ޖާހުގެ ދަހިވެތިކަމުން މަސްތުވެ، ހިތާއި ސިކުނޑި ހަލާކުވެފައިވާބަޔަކު ޤައުމުގައިވެސް ނަގައިގެން އުޅޭއިރު، އިންސާނިއްޔަތާ، ޤައުމަށް ލޯބިވާފަރުދުންތައް ކުޅިބަލަންތިބުމީ ބުއްދިވެރިކަމެއްނޫނެވެ. ވަކިންޙާއްސަކޮށް އަންހެނުންގެ އަސާސީ ޙައްޤެއްފޭރިގަނެވޭނެ މާއްދާއެއް ޤާނޫނުގައި އޮތުމަށް ޤައުމުގެ އަންހެނުން ރުހިޤަބޫލުވުމީ ކަނޑައެޅިގެން މޮޔަކަމެކެވެ. ޤައުމުގައި އޮރިޔާމުން އުޅޭ އަންހެނުންވެސް މިފަދަ މާއްދާއަކަށް ރުހިގެންނުވާނެއެވެ. މިއީ ޤައުމުގެ ހަލާކެވެ.
ﷲ ސުބުހާނަހޫ ވަތަޢާލައި މިނުއްރާކަތެރި ކަމުން ދިވެހި އުއްމަތް ސަލަމަތްކުރައްވަވައި، ރައްކަތެރިކުރައްވަވާށިއެވެ. އާމީން.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment