12.23.2009

ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަށް ވަޞިއްޔަތްކުރަމެވެ

އަލްއަޚް މުޙައްމަދު އަނީލް
ޢާޝޫރާ ދުވަހަކީ ހިޖުރީ ގޮތުން ފުރަތަމަ މައްސަރު - މުޙައްރަމް މަހުގެ (10) ދިހަވަނަ ދުވަހެވެ. އެއީ މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ޤައުމު ފިރުޢައުނުގެ ކިބައިން ސަލާމަތްކުރައްވައި ފިރުޢައުނާއި އޭނާގެ ލަޝްކަރު ކަނޑަށް ޣަރަޤު ކުރެއްވި ދުވަހެވެ.

ޔަހޫދީންނާއި ތަފާތުވުމުގެ ގޮތުން އެދުވަހުގެ ރޯދަ ހިފުމަށް ރަސޫލުﷲ صلى الله عليه وسلم އިރުޝާދު ދެއްވާފައިވަނީ ތިރީގައި މި ދަންނަވާ ދެގޮތުގެ ތެރެއިން ގޮތަކަށް އެ ރޯދަ ހިފުމަށެވެ. އެހެނީ ޔަހޫދީން ރޯދަ ހިފައި އުޅުނީ މުޙައްރަމް މަހުގެ 10ވަނަ ދުވަހުއެވެ.

1- މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10ވަނަ ދުވަހު ރޯދަ ހިފުން. ނުވަތަ

2- މުޙައްރަމް މަހުގެ 10 ވަނަ ދުވަހާއި 11 ވަނަދުވަހު ރޯދަ ހިފުން.

3- މުޙައްރަމް މަހުގެ 9 ، 10 އަދި 11 މި ތިން ދުވަހު ރޯދަ ހިފުން.


މިއަހަރުގެ ކަލަންޑަރު ބުނާގޮތުން ޢާޝޫރާ ދުވަސް (މުޙައްރަމު މަހުގެ 10 ވަނަ ދުވަހާއި ) ދިމާ ވަނީ 2009 ޑިސެމްބަރު މަހުގެ 27 ވާ އާދީއްތަ ދުވަހާއެވެ. އެހެން ކަމުން މި މަތިވެރި ސުއްނަތް އަދާކުރުމަށް އަޅުގަނޑުމެން އަވަސްވެގަންނަން ވީއެވެ.

އެއް ގޮތަކީ ޑިސެމްބަރު މަހުގެ 26 ވާ ހޮނިހިރު ދުވަހާއި 27ވާ އާދީއްތަ ދުވަހު (އެއީ މިއަހަރުގެ މުޙައްރަމް 9ވަނަ ދުވަހާއި 10ވަނަ ދުވަހު) ރޯދައަށް ހުރުމެވެ. އަނެއް ގޮތަކީ ޑިސެމްބަރު 27 ވާ އާދީއްތަ ދުވަހާއި 28 ވާ ހޯމަ ދުވަހު (އެއީ މިއަހަރުގެ މުޙައްރަމް 10ވަނަ ދުވަހާއި 11ވަނަ ދުވަހު) ރޯދައަށް ހުރުމެވެ.

ނުވަތަ ޑިސެމްބަރު މަހުގެ 26 ވާ ހޮނިހިރު ދުވަހާއި 27ވާ އާދީއްތަ ދުވަހާއި 28 ވާ ހޯމަ ދުވަހު ރޯދަ ހިފުމެވެ. (އެއީ މުޙައްރަމް 9، 10، 11 މި ތިން ދުވަހެވެ.)

އިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވާ ގޮތުން، އެންމެ ރައްކާތެރި ގޮތަކީ 3 ދުވަހު ރޯދަހިފުމެވެ. އެއީ މުޙައްރަމް 9، 10 އަދި 11 މި ތިން ދުވަހެވެ. ސަބަބަކީ އެއީ އެންމެ ރައްކާތެރި ގޮތެވެ. އޭރުން ޢާޝޫރާ ދުވަސް ލިބުމުގެ ފުރުޞަތު ބޮޑުވާނެތީއެވެ.

وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ "

މިދުވަހުގެ ރޯދައާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައި ވަނީ: އަދި ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ، ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވާނެ ކަމަށް ތިމަން ކަލޭގެފާނު އުއްމީދު ކުރައްވަމެވެ. (މި ޙަދީޘް ރިވާ ކުރެއްވީ އިމާމް މުސްލިމް އެވެ)

އެހެން ކަމުން ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚްތުން މި މަތިވެރި ސުއްނަތް އަދާކުރުމަށް އަވަސްވެވަޑައިގެންނެވުމަށް ނަސޭހަތްތެރިވަމެވެ. އަދި ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރިންނަށް މިދުވަހުގެ ރޯދަ ހިފުމަށް ބާރު އަޅުއްވައި އިރުޝާދު ދެއްވާށެވެ.

ހެޔޮ ކަމަކަށް އަމުރު ކޮށްފި މީހާއަށް އެ ހެޔޮކަމެއް ކުރާ މީހާއަށް ލިބޭ މިންވަރަށް ސަވާބާއިދަރުމަ ލިބޭނެއެވެ. އެއީ އެ ޢަމަލު ކުރާމީހާގެ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ ޙާލުގައެވެ.

އެހެންކަމުން ތިމާއަށް ވީ މިންވަރަކުން، ބޭނުން ކުރެވުނު ކޮންމެ ވަޞީލަތެއް ބޭނުންކޮށްގެން، މި ހެޔޮކަމަށް މީސްތަކުންނަށް މަގު ދައްކާށެވެ.

އީމެއިލް ކުރާށެވެ. އެސްއެމްއެސް ފޮނުވާށެވެ. ފޯނުން ގުޅާށެވެ. މި ޕޯސްޓަރުތައް ޕްރިންޓް ކޮށް މީހުންނަށް ފެންނަ ހިސާބުގައި ބަހައްޓާށެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮކަންތައް ކުރުމުގެ ތައުފީޤް ދެއްވާށި! އާމީން

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment