1.04.2010

ދެމަފިރިން ދެމެދު ފަސާދަ ކުރުމަކީ އިންސާނިއްޔަތަށް ކުރެވޭ ޖަރީމާއެއް

އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް
މުޖުތަމަޢުތައް ބިނާ ވަނީ ޢާއިލާ ތަކަކަނުންނެވެ. ޢާއިލާތައް ބިނާވަނީ އަންހެނަކާއި ފިރިހެނެއްގެ ދެމެދު ގުޅައިދޭ ކައިވެނީގެ މުޤައްދަސް ގުޅުމަކުންނެވެ. ވީމާ މުޖުތަމަޢުތައް ހެޔޮވުމާއި ނުވުން ބިނާވެގެންވަނީ ޢާއިލާތަކުގެ މައްޗަށެވެ. އެ މުޖުތަމަޢަކީ ކައިވެނީގެ މަޤުޞަދު ރަނގަޅަށް ދަންނަ ބަޔަކު އުޅޭ މުޖުތަމަޢެއްކަމުގައި ވާނަމަ އެ މުޖުތަމަޢެއްގެ އަހުލުވެރިން އުޅެމުން ދާނީ އުފާ ފާގަތިކަމުގައެވެ. އެފަދަ ތަނެއްގައި އެކަކު އަނެކަކަށް ރަޙުމް ކުރާނެއެވެ. އެއްބަޔަކު އަނެއް ބަޔަކަށް އަޅާލައި އޯގާތެރި ވާނެއެވެ. ދަރިންނާއި މައިން ބަފައިންގެ މެދުގައި ލޮތްބާއި ކުލުނު އޮންނާނެއެވެ. އެހެނީ ދަރިން ލޮތްބާއި ކުލުނު ދަސްކޮށްފައި ވަނީ މަންމައާއި ބައްޕަ އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވާތަން ދެކިގެންނެވެ.

ދެމަފިރިންގެ ދެމެދު ގުޅޭ ގުޅުމަކީ މިހާ މުހިންމު ގުޅުމަކަށް ވީއިރު އެދެމެދު ފަސާދަ ކުރުމުމުގެ ނުބައިކަން އެއްވެސް މީހަކަށް އޮޅިފައި ނުވާނެކަން ޔަޤީނެވެ. އެހެނީ އެދެމެދު ފަސާދަ ކުރުމަކީ ބިން ފަސާދަކުރުމެވެ. މާތް ﷲ ވަނީ ބިމުގައި ފަސާދަ ނުކުރުމަށް އަމުރު ކުރައްވާފައެވެ.

ނަމަވެސް ހިތާމަކުރަން ޖެހެނީ ބައެއް މީހުން އެއްވެސް ވިސްނުމަކާއި ނުލައި އަނބި މީހާ އާއި ފިރި މީހާ ދެމެދެ މައްސަލަ ޖެހޭ ފަދަ ވާހަކަތައް ދައްކައި އެންމެ ފަހުން ދެމީހުންނާއި ދެމީހުންގެ ޢާއިލާ، ފޮނި އުންމީދުތަކާކާއި އެކު ގުޅުނު ،ގުޅުން ކެނޑި ދެމީހުން ވަކިވެ ދާން ޖެހުމެވެ. މިފަދަ ޙާލަތެއް ގައި ދަރިން ބިކަވެ އަޅާލާނެ މީހަކު ނެތި މުޖުތަމަޢުގައި އުޅެން ޖެހުމުގެ ސަބަބުން ނާއި އެ ކުއްޖާގެ ބައްޕަ ނުވަތަ މަންމަ ފިޔަވައި އެހެން މީހެއްގެ ދަށަށް އެކުއްޖަކު ދާންޖެހުމުގެ ސަބަބުން އެކުއްޖަކަށް ލިބޭ އަނިޔާ ތަޙައްމަލު ކުރާނީ ކާކު ހެއްޔެވެ؟ އެކުދީންގެ ބައްޕައާއި މަންމަގެ އޯގާތެރި ފިރުމުންތަކުން އެކުދީން މަޙްރޫމުވެގެން އެދިޔައީ ތިމާގެ ސަބަބުން ކަމުގައި ވާ އިރު ތިމާ އެ އަނިޔާ ތަކުގެ ފާފަ އުފުލަން ނުޖެހޭނެކަމުގައި ހީވަނީ ހެއްޔެވެ؟ ހަމަ ހިލާ އެހެންނަކުން ނުވާނެއެވެ. އެކައިވެނި ރޫޅުމުގެ ސަބަބުން އެ ދަރީންނަށް ލިބޭ ހުރިހާ ނިކަމެތި ކަމަކާއި އަނިޔާއެއްގެ ޒިންމާ ދުނިޔޭގައިވެސް އަދި އާޚިރަތުގައި ވެސް އުފުލަން ޖެހޭނީ ހަމަ ތިމާއެވެ. އަދި އެ ދަރީންގެ ސަބަބުން މުޖުތަމަޢަށް ގެއްލުމެއް ލިބުނަސް އެކަމުގެ ހުރިހާ މަލާމާތެއް ދުނިޔެއާއި އާޚިރަތުގައި ވެސް އުފުލަން ޖެހޭނީތިމާއެވެ.

ކަމަކީ އެއްވެސް ޙާލެއްގައި އާދައިގެ ކަމެއް ނޫނެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. " ليس منا من خبب امرأة على زوجها .... " ( سنن أبي داود ) މާނައީ " މީހެއްގެ ފިރިމީހާގެ މައްޗަށް އެމީހާގެ އަނބި މީހާ ފަސާދަކޮށްފި މީހަކީ ތިމަންމެންގެ ތެރެއިން ވާ މީހެއް ނޫނެވެ."

ބައެއް މީހުން މިފަދަ ކަންކަން ކުރަމުން ދަނީ އަނެކާ އަށް ހެޔޮ އެދިގެންކަމުގައި ދެކިގެންނެވެ. ނަމަވެސް އެއީ އެއްވެސް ޙާލެއްގައި ހެވެއް ނޫނެވެ. ދެމަފިރިން ދެމެދު މައްސަލަ ގޯސްވާނަމަ ދެން ތިބި މީހުންގެ ޝަރުޢީ އަދި އިންސާނީ ވާޖިބަކީ އެދެމެދު އިޞްލާހު ކުރުމެވެ. އެކަމަށް ޓަކައި އެދެމީހުންގެ އެކުވެރިންނާއި ގާތް ތިމާގެ މީހުން ވެވެން އޮތް ހުރިހާ ކަމެއް ކުރަން ޖެހޭނެއެވެ. ދެމަފިރިން އެކައިވެނި ބާއްޖަވެރި ކުރުމަށްޓަކައި ދޭން ޖެހިއްޖެ ކޮންމެ ޤުރުބާނެއް ދޭން ޖެހޭނެއެވެ. އެއްވެސް ހާލެއްގައި އެ ގުޅުން ހަލާކު ކުރަން މަސައްކަތް ކޮށްގެން ނުވާނެއެވެ.

މަޤުބޫލު ސަބަބަކާއި ނުލައި ވަރިޔަށް އެދުމުގެ ފާފަ އެހާ ބޮޑުވަނީ ކަމުގެ ނުރައްކާތެރި ކަމުންނެވެ. ސަލާމާއި ޞަލަވާތް ލެއްވި ލޮބުވެތި ނަބިއްޔާގެ ބަސްފުޅަށް ބަލާށެވެ! " أيما امرأة سألت زوجها طلاقا في غير ما بأس فحرام عليها رائحة الجنة " . رواه أحمد والترمذي وأبو داود وابن ماجه والدارمي މާނައީ " މަޤުބޫލު ޢުޛުރަކާއި ނުލައި އެމީހެއްގެ ފިރި މީހާ ގާތުން ވަރިޔަށް އެދިއްޖެ އަންހެނެއްގެ މައްޗަށް ސުވަރުގޭގެ ވަސްވެސް ޙަރާމް ވެގެން ވެއެވެ. " ހަމަ އެފަދައިން މަޤުބޫލު ސަބަބަކާއި ނުލައި އޭނާގެ އަނބި މީހާ ވަރިކުމަކީ ފިރި މީހާ ކުރާ ވަރަށް ބޮޑު ފާފައެކެވެ.

ކަން މިހެން ހުރިއިރު މައްސަލައެއް ޖެހުމުން އެކަމުގެ ޙައްލުހޯދައި ގޯހެއް ވާނަމަ އިޞްލާޙުކުރަން ތައްޔާރަށް އެކަކު ހުއްޓައި އެކައިވެނި ބާއްޖަވެރި ކުރުމަށް ހުރި މަގުތައް ބަންދުވެފައި ވާކަމަށް ދެއްކުމަކީ ކިހާބޮޑު ނުބައި ކަމެއް ހެއްޔެވެ؟ އަދި ތިބާ ފިރި މީހާގެ ގާތުން ވަރިޔަށް އެދުނު ސަބަބަކީ ހަމަ ހަޤީޤަތުގައި ވެސް މަތިވެރި ވަންތަ މާތް ﷲ ގެ ޙަޟްރަތުގައި މަޤުބޫލު ޢުޛުރަކަށް ނުވެއްޖެ ނަމަ ތިބާ ސުވަރުގޭގެ ވަސްނުދެކި އޮންނަށް ޖެހިދާނެކަމުގެ ވަޢީދު އައިސްފައިވާ އިރު ވިސްނާލުން ހުއްޓެވެ.

ރަނގަޅެވެ ! ކޮންމެ މީހެއްގައިވެސް ޢައިބު ހުންނާނެއެވެ. އުނިކަންތައް ހުންނާނެއެވެ. ނަމަވެސް އެކަންކަމަށް ކެތްތެރި ވާންޖެހޭނެއެވެ. އެއީ އެ މުޤައްދަސް ގުޅުމުގެ ޙައްޤުގައެވެ. ލިބިފައިވާ ދަރިންގެ ޙައްޤުގައެވެ.

ވީމާ މި ގުޅުމަށް އެއްވެސް ހީނަރުކަމެއް އައުން އެކަށީގެންވާ ގޮތަކަށް ޢަމަލުކުރުމަކީ އެއްވެސް މީހަކު ކޮށްގެން ވާނެކަމެއް ނޫނެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅުގައި ވަނީ މިފަދައިންނެވެ.
"لا خَيْرَ فِي كَثِيرٍ مِنْ نَجْوَاهُمْ إِلا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلاحٍ بَيْنَ النَّاسِ وَمَنْ يَفْعَلْ ذَلِكَ ابْتِغَاءَ مَرْضَاتِ اللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا "( ނިސާ 114) މާނައީ " ޞަދަޤާތަކަށް އަމުރު ކުރުމާއި، ނުވަތަ ހެޔޮކަމަކަށް އަމުރުކުރުމާއި، ނުވަތަ މީސްތަކުންގެ ދެމެދު އިޞްލާޙުކުރަން މެނުވީ އެމީހުންގެ ގިނަ ސިއްރު ބައްދަލުވުންތަކުގައި އެއްވެސް ހެވެއް ނުވެއެވެ. މާތް ﷲ ގެ ރުއްސެވުން އަދައިގެން އެކަންކަން ކުރާ މީހާ އަށް ފަހެ ތިމަން ރަސްކަލާނގެ ބޮޑުވެގެންވާ ދަރުމަ ދެއްވާހުށީމެވެ" ވީމާ މިފަދަ ނުބައި ކަންތަކުން ދުރުވުމަށް އެންމެ ތަކުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.
وصلى الله على نبينا محمد وعلى آله وصحبه أجمعين

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment