2.04.2011

ފެށިގެން ނިމެންދެން ކިޔާލާށެވެ

އަހަރެން ދުނިޔެއަށް ފުރަތަމަ ނޭވާއެއްލީ ބާރަށް ރޮއެގަންނަމުންނެވެ. މުޅި ދުނިޔެއާއި މުޅި ދުވަހުން ހަމަހިމޭންކަމުގެ މައްޗަށް ހަލަބޮލިކަން ވެރިވަމުން އައި ތެތްފިނި ފަތިހެއްގައެވެ. އެދުވަހެއްގެ ޛިކުރާތަކާއި ޙާދިޘާތަކުގެ މަށްޗަށް މިއަދު ހިރުފަސް އެޅި، ވަޅުޖަހާ ގެއްލިފައިވާ ދުވަހެއްގައެވެ. އަހަރެން ވަށައިގެންނާއި، ތިރިންނާއި މަތިން، ކުޅަދުންވަންތަ ކަލެއްގެ ކުޅަދުންވަންތަ ކަމާއި ޤުދުރަތްތެރިކަން ހާމަ ވެވޭ ހުއްޓެވެ. ގަސްގަހާގެހީގެ ފެހިކަމާއި އެގަސްތަކުގައި އަޅަމުންދާ މޭވާތަކުންނެވެ. އިރުހަނދާ ތަރިތަކުންނެވެ. އިރު އޮއްސުމާއި، އަލިވިލުމުންނެވެ. ވާރެއާއި އަވިންނެވެ. ހިމުން ދޮންވެލިގޮނޑުދޮށްތަކުންނާއި އެ ގޮނޑުދޮށްތަށް ހިމާޔަތްކުރާ މާސިންގާ ފަރުތަކުންނެވެ. ގޮނޑުދޮށަށް ބީއްސަމުންދާ އަދި ފަރަތަކަށް މުގުރަމުންދާ ރާޅުތަކުންނެވެ. ކަނޑާއި އެ ކަނޑުން ލިބެމުންދާ ރޯދިންނެވެ. އެހުރިހާ ދިމާޔަކުންވެސް ހާމަވަނީ އިންސާނާ ނުކުޅެދޭކަން ކަށަވަރުކޮށްދޭ ކުޅަދުންވަންތަކަމެވެ. ހުދު އަހަރެންގެ އުފެދުމާއި، ހެދި ބޮޑުވަމުންދާ ހަށިގަނޑުންވެސް މެއެވެ.
ކޮންމެއަކަސް އިރުއަރާ އޮއްސެމުން ދިޔައެވެ. ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ދިޔަ ދިޔަހެން އަހަރެންވެސް ކިރުތުނބުން ވީއްލި، މައިންބަފައިންގެ ލޯތްބައި، އަޅާލުމާއި، އޯގާތެރިކަމާއެކު ދުޅަހެޔޮ ޞިއްހަތާއި ޢާފިޔަތުގައި ބޮޑުވަމުން ދިޔައެވެ. މައިންބަފައިންގެ ފަރާތުންނާއި މުދައްރިސުންގެ ފަރާތުން ތަޢުލީމާއި، ތަރުބިއްޔަތު އަހަރެންނަށް ލިބެމުން ދިޔައެވެ. ޢަމުރުތަކާއި ނަހީތަށް ކިޔައިދެވުނެވެ. ކުރަންވީކަންތައްތަކާއި، ކޮށްގެން ނުވާނެ ކަންތައްތައް ބުނެދެވުނެވެ. ބީރައްޓެހިންނާއި ރައްޓެހިވެވި، ނުދަންނަ މީހުން ދެކެފަރިތަ ވަމުން ދިޔައެވެ. ދުނިޔެއަށް ލޯހުޅުވެވި، އިޖުތިމާޢީގޮތުން ހޭލުންތެރިވަމުން ދިޔައެވެ. މީހާ ފުރިހަމަ މީހަކަށް ވަމުން ދިޔައެވެ. މިއީ ހަނދާނުން ފިލުވާލަންދަތި ، ހަޔާތުގެ އެންމެ އުފާވެރި ދުވަސްވަރެވެ.
ދުނިޔެގެ ކަންކަން އެނބުރެމުން ސެނބުރެމުން ރޭދުވާ ބަދަލުވުން ތަކުރާރުވަމުން ދިޔައެވެ. އަހަރެންވެސް ހަޔާތުގެ ތޮށަލި ދުޅައިގެ އުޞޫލުން އަޑިގަނޑުތަކާއި ، އުސްގަނޑުތަކުން ހިނގަމުން ދިޔައީމެވެ. މިހާރު އަރެންނަކީ ނޫކަށި ފުރައިގެ ޒުވާނެކެވެ. ފުރާވަރުން ޢަލްވަދާއު ކިޔަމުން ދިޔަ ދުވަސްވަރުގައި ލޯބިވާ މައިންބަފައިން އެކަކަށްފަހު އަނެކަކު ދާދި ކައިރީގައި ދުނިޔެއާއި ޢަލްވަދާއު ކިޔައިފިއެވެ. ލިބުނު ބޮޑު ހިތާމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލުއި ވެއްޖެއެވެ. ހަނދާނުގެ ކަސިޔާރުކަމާއި ނުސިޔާރު ކަމުންނެވެ. މިތަންވަޅު ނިކަން ހިތްވަރު ކޮށްފައި، އަމިއްލަ ފައިމައްޗަށް ތެދުވީމެވެ. ދުނިޔޭގެ އެތަން މިތަނުން ސަނަދުތަކާއި ފާސްތައް އެއްކޮށް ތަޢުލީމީގޮތުން ޤާބިލުމީހަކަށްވީމެވެ. އެގޮތް މިގޮތުން މުދަލާއި ފައިސާ ހޯދައި ޤަދަރުހުރި މުއްސަންޖަކަށް ވީމެވެ. ޒަވާޖީ ގުޅުމެއްފަށައި ކުޑަކުޑަ ޢާއިލާއެއް ބިނާ ކުރީމެވެ. ހުރިހާގޮތުންވެސް މުޖްތަމައަށް ބޭނުންތެރި މީހަކަށް ވީމެވެ. އަހަރެންނަކީ ލިބޭ މިންވަރަށް ޝުކުރުކުރާ އަދި ލިބޭ އެއްޗަކުން ފުދި އިތުރުވާ މީހެކެވެ. ހަޔާތުގެ މިދައުރުގައި ހުރިހާ ރަހައެއްލައެވެ. މުނިފޫހިފިލުވުމާއި، މަޖަލެވެ. އުފަލާއި އަރާމެވެ. ބަރުކަމާއި ވަރުބަލިކަމެވެ. ހިތްދަތިކަމާއި ހިތާމައެވެ. ކާމިޔާބާއި ނާކާމިޔާބެވެ.
ކޮންމެ އެއްޗެއް ފުރިހަމަ ވުމަށްފަހު ދެން އެއަށް އަންނަން ފަށަނީ އުނިކަމެވެ. މި އުސޫލުން އަހަރެންވެސް ދެބައި އުމުރު ފަހަނަޅައި ޒުވާންކަން އޮއްސި ހަށިގަނޑުގެ އާރާއި ބާރު، ގެއްލިއްޖެއެވެ. ކުރުގޮތަކަށް ބުނާނަމަ މުސްކުޅި ވެއްޖެއެވެ. ކާފަ، މުނިކާފަ ދަރިން ދުށުމުގެ އުފާ ޙާޞިލްވެއްޖެއެވެ. ދޭތެރެ ދޭތެރެއިން ބަލިބޮޑުވެ، ހޮސްޕިޓަލަކީ ޢާއްމުކޮށް ވަދެ ނުކުމެ އުޅޭ ތަނަކަށް ވެއްޖެއެވެ.އަހަރެންގެ ނިމުމަކީ މި ދުވަސްވަރުގެ ނިމުމެވެ. "
މިއަދު އަހަރެންގެ ވަގުތީ ހަޔާތް ނިމި ދާއިމީ ހަޔާއް ފެށުނީއެވެ. ހުދުފޮތިން އަހަރެން ކަފުން ކުރެވުނެވެ. މިއަދު އަހަރެންގެ މުދަލާއި، ފާސްތަކާއި، ތަޖްރިބާއާއި އަނބިދަރިން ދޫކޮށް އަހަރެންގެ އަސްލުކަމަށްވާ ވެލީގެ ދާނަށް ރުޖޫޢަވަނީއެވެ. އަހަރެންގެ ސަންދޯއް އެއާއި އެއްވަރުގެ ހަނި ވަޅަކަށް ތިރިކުރެވުނެވެ. އަބަދުގެ އަބަދަށެވެ. އެއްމެން އަހަރެންގެ ވަޅަށް ފަސް އަޅަމުން ދިޔައެވެ. އެއްމެ ގާތް ރަޙުމަތްތެރިންނާ ލޯބިވާ މީހުންވެސް މެއެވެ. އެއަށްފަހު ސަހަރާއަށް އަހަރެން އެކަނި ދޫކޮށްފައި އެއްމެން ދިޔައެވެ. ފަސްއެނބުރި ބަލައިލީވެސް މަދުމީހެކެވެ.
އަހަރެން ހަޔާތް ފެށިގެން ނިމުނީއެވެ. އެއް ދުވަސް ފާއިތުވިލެއް އަވަހެވެ.އަހަރެންނަށް ދުވާލަކު ލިބުނީ ހަމަ 24 ގަޑި އިރެވެ. ދުވަހަކު 3/1 ގައި ނިދަމެވެ. އެއީ 8ގަޑި އިރެވެ. އަހަރެންގެ އުމުރަކީ 70 އަހަރެވެ. އެއީ ގާތްގަނޑަކަށް 25000 ދުވަހެވެ. ގާތްގަނޑަކަށް އުމުރުގެ 8000 ދުވަސް ވަންދެން އޮތީ ނިދާފައެވެ. ބާކީ ދިރި އުޅުމަށް ލިބުނީ 7000 ދުވަހެވެ. ތިބާގެ އުމުރަކީވެސް 70 އަހަރު ކަމަށް އުއްމީދު ކުރަށްވަން ތޯއެވެ. އެހެންކަމަށްވާނަމަ ތިބާގެ ލޯ ދެންޖަހާނޭ އެސްފިޔަ ޖެހުމާ ހަމަޔަށް ދުނިޔޭގައި ހުންނާނެ ކަމުގެ ކިތައް ޕަސެންޓް ޔަޤީންކަން ތިބާގެ އަމިއްލަ ނަފުސަށް އެބައޮތްތޯއެވެ؟

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment