1.08.2010

ޙައިޟުގެ ބަޔާން

އައްޝައިޚް މުޙައްމަދު އިބްރާހިމް، ނައިފަރު
حيض ގެ ލުޢަވީމާނައަކީ ފެންހިނގާހިނގުމެވެ. ނުވަތަ ދެމޭދެމުމެވެ. ނުވަތަ އޮހޮރޭއޮހޮރުމެވެ. އަދި ޝަރުޢީމާނައަކީ އަންހެނާގެ ފަރުޖުން އޭނާގެ ފުރިހަމަ ޞިއްޙަތާއެކު، އެއްވެސްބައްޔަކާނުލައި އަދި ވިހެއުމަކާނުލައި ލޭއައުމެވެ.
حيض ގެ ވަގުތު
ގިނަޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި އަންހެންކުއްޖަކަށް ނުވައަހަރު ފުރުމުގެކުރިއަކުން އެކުއްޖާ ޙައިޟެއްނުވާނެއެވެ. އަދި އެ ޢުމުރުގެކުރިން ލޭއައިސްފިނަމަ އެއީ ޙައިޟުގެ ލެއެއްނޫނެވެ. އަދި ކިއެއްތަ! އެއީ ކޮންމެވެސް ބަޔެއްގެސަބަބުން އައިލެއެކެވެ. އަދި ބައެއްފަހަރު ޙައިޟުގެ ލޭއައުން، އަންހެނާގެ އެންމެފަހު ޢުމުރާހަމައަށް ދެމިގެންދެއެވެ. އެހެނީ ޙައިޟުގެ އެންމެފަހު މުއްދަތު ބަޔާންކުރަނިވި އެއްވެސްދަލީލެއް ވާރިދުވެގެން އައިސްފައެއްނުވެއެވެ. ފަހެ ޢުމުރުންދުވަސްވެފައިވާ އަންހެނެއްގެ ކިބައިން ލޭފެނުނުކަމުގައިވިޔަސް އެއީ ހަމަޙައިޟުގެލެއެވެ.
حيض ގެ ކުލަ
ޙައިޟުގެލޭގައި އަންނަނިވި ކުލަތަކުން ކުލައެއްހުރުމަކީ ޝަރުޠުކުރެވިގެންވާ ކަމެކެވެ.
(1)ކަޅުކުލަ. މާތްﷲ ރުއްސުންލެއްވި فاطمة بنت أبي حبيش ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން އެކަމަނާއަކީ އިސްތިޙާޟާވާ ބޭކަނބަލެކެވެ. ފަހެ އެކަމަނާއަށް رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ. "ޙައިޟުގެލޭކަމުގައިވާނަމަ، ހުންނާނީ ކަޅުކުލައިގައެވެ. އަންހެނުންނަށް ރަނގަޅަށް އެނގޭނެއެވެ. ފަހެ އެލޭއަންނަދުވަސްވަރު ނަމާދުން ތިބާ އެއްކިބާވާށެވެ.
ދެން (އެލޭކެނޑި) އަނެއްލެއަށް ބަދަލުވާހިނދު ފަހެ ތިބާ ވުޟޫކުރާށެވެ. އަދި ނަމާދުކުރާށެވެ. އެހެނީ ހަމަކަށަވަރުން އެއީ (ޙައިޟުގެ ލެއަށްފަހު އަންނަލެއަކީ) ނާރަކުން އަންނަލެއެކެވެ." (رواه أبو داود والنّسائى وابن حبّان والدّار قطني)
(2)ރަތްކުލަ. އެހެނީހަމަކަށަވަރުން އެއީ ލޭގެއަސްލުކުލައެވެ.
(3) ރީނދޫކުލަ. އެއީ ފާދިޔަހުންނަކަހަލަގޮތަކަށް ރީނދޫކުލައަށްބުރަކޮށް ހުންނަލެއެވެ.
(4) އަޅި ނުވަތަ ކިލަނބުކުލަ. އެއީ ހުދުކުލައާ ކަޅުކުލައާ ކަޅުކުލައާ ދެމެދުގެ ކުލައެއްގައި ނުވަތަ ކިލަނބުފެން ހުންނަކަހަލަ ގޮތެއްގައި ހުންނަލެއެވެ. علقمة بن أبي علقمة އޭނާގެ މަންމަ مرجانة ގެ ކިބައިން ރިވާކުރައްވައެވެ. مرجانة ވިދާޅުވިއެވެ. "އަންހެންބޭކަނބަލުން، ރީނދޫކުލައިގެ ލޭޖެހިފައިވާ އެކަނބަލުންގެ ކަފަގަނޑު ކޮތަޅަކަށްލައި ބަންދުކޮށްފައި އެއީ ޙައިޟުގެލޭތޯ ބެލުމަށްޓަކައި ޢާއިޝަތުގެފާނުގެ އަރިހަށް ފޮނުވައެވެ. ފަހެ ޢާއިޝަތުގެފާނު ވިދާޅުވެއެވެ. ޠުހުރު (ހުދުފެން) ފެނިއްޖައުމަށްދާންދެން ތިޔަކަނބަލުން އަވަސްވެނުގަންނާށެވެ." (رواه مالك وعلّقه البخاري) ރީނދޫކުލައާއި ކިލަނބުކުލައިގެ އެއަންނަލޭފޮދު ޙައިޟުގެލޭކަމުގައި ހިމެނެނީ ޙައިޟުގެދުވަސްވަރު އައިސްފިނަމައެވެ. އަދި ޙައިޟުގެދުވަސްވަރުނިމި ޠުހުރު (ހުދުފެން) ފެނުމަށްފަހު އެދެކުލައިގެއެއްޗެއް އަޔަސް އެއީ ޙައިޟުގެލޭކަމުގައި ނުހިމެނޭނެއެވެ. މާތްﷲ ރުއްސުންލެއްވި أمّ عطيّة ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. "ޠުހުރަށްފަހުގައި އަންނަ ރީނދޫކުލައިގެ އަދި އަޅިކުލައިގެ ލޭފޮދު އެއީ ޙައިޟުގެލޭކަމުގައި އަހުރެމެންނުހިމަނަމުއެވެ." (رواه أبو داود والحا كم )
حيض ގެ މުއްދަތު.
ޙައިޟުގެ މުއްދަތުގެ މަދުމިނާއި ގިނަމިން ކަނޑައަޅައިފައިވާ އެއްވެސްދަލީލެއް ވާރިދުވެގެން އައިސްފައެއްނުވެއެވެ. މިކަމުގައި އިތުބާރުކުރެވިގެންވަނީ އަންހެނާގެ އާދަތަށެވެ. މާތްﷲ ރުއްސުންލެއްވި أم سلمة ގެ ކިބައިން ރިވާވެގެންވެއެވެ. ލޭފައިބާ އަންހެނާއާބެހޭގޮތުން، އެކަމަނާ رسول الله صلّى الله عليه وسلّم އާ ސުވާލުކުރެއްވިއެވެ. ފަހެ އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. "އޭނާ އާދައިގެމަތިން މައްސަރުން ޙައިޟުވާ ދުވަސްތަކުގެ ޢަދަދަށް ބަލާށެވެ. އަދި އެދުވަސްތަކުގައި އޭނާ ނަމާދުކުރުން ދޫކޮށްލާށެވެ. ދެން އޭނާ ހިނައިގަންނާށެވެ. އަދި ލޭއަންނަތަން ކަފަގަނޑެއްފަދަ އެއްޗަކުން ބަންދުކޮށްލާށެވެ. ދެންނަމާދުކުރާށެވެ." (رواه أحمد وأبو داود والنّسائى وابن ماجه) އަދި އާދަތެއް ކަނޑައެޅިފައިނުވާ އަންހެނާ ދަންނައެވެ. އޭނާ ލެއިން ޙާޞިލުވާ ޤަރީނާތަކަށް ރުޖޫޢަވާހުށިކަމެވެ. އެބަހީ ލޭގެ ވަހަށާއި ކުލައަށްބަލައި އެއިން ދެނެގަންނަހުށިކަމެކެވެ. މާތްﷲ ރުއްސުންލެއްވި فاطمة بنت أبي حبيش ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން އެކަމަނާއަކީ އިސްތިޙާޟާވާ ބޭކަނބަލެކެވެ. ފަހެ އެކަމަނާއަށް رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ. "ޙައިޟުގެލޭކަމުގައިވާނަމަ، ހުންނާނީ ކަޅުކުލައިގައެވެ. އަންހެނުންނަށް ރަނގަޅަށް އެނގޭނެއެވެ. ފަހެ އެލޭއަންނަދުވަސްވަރު ނަމާދުން ތިބާ އެއްކިބާވާށެވެ. ދެން (އެލޭކެނޑި) އަނެއްލެއަށް ބަދަލުވާހިނދު ފަހެ ތިބާ ވުޟޫކުރާށެވެ. އަދި ނަމާދުކުރާށެވެ. އެހެނީ ހަމަކަށަވަރުން އެއީ (ޙައިޟުގެ ލެއަށްފަހު އަންނަލެއަކީ) ނާރަކުން އަންނަލެއެކެވެ." (رواه أبو داود والنّسائى وابن حبّان والدّار قطني) ޙަދީޘްފުޅުން އެނގި ބަޔާންވާގޮތުގައި ޙައިޟުގެލެއަކީ އެހެންލޭތަކާ މުޅިންތަފާތުލެއެކެވެ. އަންހެނުންނަށް އެކަން ރަނގަޅަށް އެނގޭނެއެވެ. މިބާޔާންކުރެވުނީ މިމައްސަލައިގައި ރާޖިޙުވެގެންވާގޮތެވެ. އަދި ބައެއް ޢިލްމުވެރިން އެބޭކަލުންގެ އިޖުތިހާދާއި ތަޖުރިބާގެދަށުން އަންހެނާ ޙައިޟުވާމުއްދަތުގެ މަދުމިނާއި ގިނަމިން ބަޔާންކުރައްވާފައިވެއެވެ. ފަހެ މައުލޫމާތަށްޓަކައި މިތާނގައި ބަޔާންކޮށްލަމެވެ. إمام شافعي އާއި إمام أحمد ގެ އަރިހުގައި ޙައިޟުގެ މުއްދަތުގެ މަދުމިނީ ރެޔަކާއި ދުވާލެވެ. އަދި ގިނަމިނީ ފަނަރަދުވަހެވެ. އަދި إمام أبو حنيفة ގެ އަރިހުގައި މަދުމިނީ ތިންރޭ ތިންދުވާލެވެ. އަދި ގިނަމިނީ ދިހަދުވަހެވެ. އަދި إمام مالك ގެ އަރިހުގައި މަދުމިނަކަށް މުއްދަތެއްނެތެވެ. ލޭތިއްކެއްއަޔަސް ޙައިޟުކަމުގައި ބެލެވޭނެއެވެ. އަދި ގިނަމިނީ ފަނަރަދުވަހެވެ.
ދެ حيض ގެ ދެމެދުގައި طهر ގެ މުއްދަތު.
ދެޙައިޟުގެ ދެމެދުގައިވާ ޠުހުރުގެ މުއްދަތުގެ ދިގުމިނުގައި އެއްވެސްޙައްދެއް ނުވާކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވެއެވެ. އަދި މަދުމިނުގައިވަނީ އިޚުތިލާފުވެވަޑައިގެންފައެވެ. إمام مالك ގެ ކިބައިން ތިންގޮތަކަށް ރިވާވެގެން އައިސްފައިވެއެވެ. އެއީ ފަނަރަދުވަހާއި، ދިހަދުވަހާއި އަށްދުވަހެވެ. އަދި إمام أبو حنيفة އާއި إمام شافعي ގެ އަރިހުގައި މަދުމިނީ ފަނަރަދުވަހެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ތޭރަދުވަހެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ސަތާރަދުވަހެވެ. ރާޖިޙުވެގެންވާގޮތަކީ މަދުމިނަކަށްވެސް ވަކިޙައްދެއް ކަނޑައަޅައިފައިވާ ދަލީލެއް ވާރިދުވެގެން އައިސްފައެއްނުވެއެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

2 comments:

  1. ޙައިޟު ނިމުމުން ހިނައިގަންނަގޮތް ގެނެސްދެއްވާނެ ކަމަށް އުއްމީދުކުރަން

    ReplyDelete
  2. ޙައިޟު ނިމުމުން ހިނައިގަންނަގޮތް ގެނެސްދެއްވަ ފާނަންތޯ....

    ReplyDelete