1.10.2010

ޢާއިލީ ގުޅުން ބަދަހި ކުރަމާތޯ؟

ޑރ.ޢަބްދުލް މުޙްސިން މުޙައްމަދު
ޢާއިލާއަކީ މުޖްތަމަޢުގެ އަސާސެވެ. ތަފާތު ގިނަ ޢާއިލާތަކެއް އެކުވެގެން މެނުވީ މުޖްތަމަޢެއް ނުއުފެދެއެވެ. ވަކިވަކި ޢާއިލާތަކުގެ ހަރުދަނާކަމަކީ މުޖްތަމަޢުގެ ހަރުދަނާކަމެވެ. ވަކިވަކި ޢާއިލާތަކުގެ ތިޔާގިކަމާއި ހަމަޖެހުމަކީ މުޖްތަމަޢުގެ ތިޔާގި ކަމާއި ހަމަޖެހުމެވެ. މިފަދަ މުހިންމު "ބަހާ" އަކަށް ޢާއިލާ ވާއިރު، ޢާއިލީ ގުޅުން ބަދަހިކުރަން މަސައްކަތް ކުރުމަކީ މުޖްތަމަޢުގެ ކޮންމެ ފަރުދެއްގެ އިޖްތިމާޢީ ވާޖިބެކެވެ. އިންސާނާގެ ފަރުދީ ދިރިއުޅުމަށް ޢާއިލާ ބޭނުންވެއެވެ. ބަލިވާހިނދު، ދެރަވާހިނދު، ހާލުގައިޖެހޭހިނދުު ޢާއިލާގެ މުހިއްމުކަން ވަކިންބޮޑަށްް އިޙްސާސްވެއެވެ. މިފަދަ މުހިންމު ކަމަކަށް ޢާއިލީ ގުޅުންތައް ވާއިރު އެގުޅުންތަކާމެދު ފަރުވާތެރިވެ، އެގުޅުންތައް ބަދަހިކުރަން މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ އަމިއްލަ ފައިދާއަށާއި މުޖްތަމަޢުގެ ފައިދާއަށްޓަކައި މުހިންމު ކަމެއްކަމަށް ޤަބޫލު ކުރެވެއެވެ.
ޢާއިލާ އަކީ ކޮބައިތޯ؟
ޢާއިލާ އަކީ ގެއެއްގެ ގޭބީސީ ނުވަތަ އެގެއެއްގައި ދިރިއުޅޭ، އެކުގައި ކައްކާ ކައިއުޅޭ، އެއްފުރާޅެއްގެ ދަށުގައި އުޅޭ އެންމެންކަމަށް ބަޔަކު ބަލާއިރު އަނެއްބަޔަކު ދެކޭގޮތުގައި ޢާއިލާއަކީ ކައިވެނީގެ ގޮތުން ތިމާގެ މިހުންނެވެ. ޢާއިލީ ދަރިފަސްކޮޅެވެ. ދަރިން، މައިންބަފައިން، ކާފަމާމައިން، މުނިމާމަ ކާފައިން، މިގޮތުންގޮސް ދަރިފަސްކޮޅެވެ.
ޢާއިލާގެ މާނައާ ދޭތެރޭ ވިސްނާލުމުން، ފާހަގަކުރެވޭކަމަކީ ޢާއިލާގައި ޢާންމުކޮށް ފެނިދެނިވެ އަބަދު ބައްދަލުވާ ބަޔަކު ތިބޭކަމާއި، ދުރުގައިވާ ބަޔަކުވެސް ތިބެދާނެކަމެވެ. ޢާއިލީ ގުޅުން ބަދަހިކުރުމުގައި މިބަޔަށްވެސް ފަރުވާތެރިވާން ޖެހޭނެއެވެ.
ޢާއިލީ ގުޅުމަކީ ކޮބައިތޯ؟
"ގުޅުން" މިބަހުގެ މާނައަކީ އެކުލެވުމެވެ. ނުވަތަ އެއްކުރުމެވެ. ނުވަތަ އެއްޗެއް އަނެކައްޗާ ލައިމެހުމެވެ. ނުވަތަ އެކުވެރިވުމެވެ.
"ގުޅުން" މިބަހުގެ މާނައަށް ބަލާއިރު ޢާއިލީ ގުޅުމަކީ ތަބީޢީ ކަމެއްކަން ފާހަގަވެއެވެ. އެއީ ޢާއިލާގެ މެމްބަރުންގެ މެދުގައި އޮންނަ "އެކުލެވުން" ނުވަތަ އެއްބައިވަންތަކަން ނުވަތަ ތިމާގެކަން ކަމަށް ބެލެވޭތީއެވެ. ހަމަ މިފަދައިން ޢާއިލީ ގުޅުމަކީ ޢާމަލީ ގޮތުން ކަންތައްތަކެއް ކޮށްގެން އުފައްދާ، ދަމަހައްޓަންޖެހޭ ކަމެއްކަން ހާމަވެއެވެ. އެއީ "ގުޅުން" މިބަހުގެ މާނައިގައި "އެއްކުރުން" ނުވަތަ ބަޔަކު އެކުލަވާނޭ ނުވަތަ ލާމަހާނޭ ގޮތްތަކެއް ފަހިކުރުމުގެ މާނަ ހިމެނޭތީއެވެ.
ޢާއިލީ ގުޅުން ބަދަހި ކުރާނީ ކިހިނެއް؟
"އާއިލީ ގުޅުން" މި ބަހުގެ ލަފްޒީ މާނައިން ދޭހަވާގޮތުގައި ޢާއިލީ ގުޅުން ބަދަހިކުރުމަށްޓަކާ ދެކަމެއް ކުރަންޖެހެއެވެ.
ފުރަތަމަކަމަކީ ޢާއިލީ ގުޅުމަކީ މުހިންމު ގުޅުމެއްކަން ޤަބޫލުކުރުމެވެ. ޢާއިލީ ގުޅުމަކީ ޠަބީއީ ގުޅުމެކެވެ. އެގުޅުން ދިރުވުމަށް މަސައްކަތްތަކެއް ކުރަންޖެހެއެވެ. މިގޮތުން ކުރަންޖެހޭ އެއްމެ އިސްކަމަކީ ޢާއިލީ ގުޅުމުގެ މުހިންމުކަން ޤަބޫލުކުރުމެވެ. އެއީ މުހިންމު ގުޅުމެއްކަން ޤަބޫލުކުރެވިއްޖެެނަމަ އެގުޅުން ދިރުވަން ވަގުތު ހުސްކުރެވޭނެއެވެ. އެގުޅުން ދިރުވަން މަސައްކަތް ކުރަންވާނެއެވެ.
ދެވަނަ ކަމަކީ ޢާއިލީ ގުޅުން ދިރުވަން މަސައްކަތްކުރުމެވެ. މިގޮތުން ފެނިދެނިވާނޭ ގިނަގުނަ ފުރުޞަތުތަކެއް ހޯދިދާނެއެވެ. މިމޭރުމުން ތަފާތު ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ.
ހުކުރުދުވަހުގެ މެންދުރު ކެއުމަށް އެއްމެން އެއްތަންވުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެކެވެ. ހަފްތާގެ އެއްފަހަރު ނުވަތަ ދޭތެރެދޭތެރެއިން ޢާއިލާގެ ދުރުތިބީން އެއްތަންވުމަކީ ގުޅުންތައް ބަދަހިވެ އޯގާތެރިކަމާ އަޅާލުން ފައުޅުކުރުމަށްލިބޭ ވަރަށް މުހިއްމު ފުރުޞަތެކެވެ. ހަމައެފަދައިން ކައިވެނީގެ ޙަފްލާތަކަކީވެސް ޢާއިލީ ގުޅުން ބަދަހިކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެކެވެ. މިފަދަ އެއްވުންތަކަށް ހާޒިރުވުމަކީ ޢާއިލީ ގުޅުންތަކުގެ ނަމުގައްޔާއި، މުޖްތަމަޢުގެ ހަމަޖެހުމުގެ ނަމުގައި ލާޒިމްކަމެކެވެ. މިފަދަ ފުރުޞަތުތަކުގެ ބޭނުން ނުހިފޭވަރަށް "ބިޒީ" ވާ ވަގުތު ހަމަޖެހިލައި ވިސްނާލުން މުހިއްމެވެ. ތިމާއަށް އާއިލާގެ އެހެން މެމްބަރުންގެ ބޭނުމެއް މިވަގުތުނެތް ކަމުގައިވިޔަސް އެމީހުންގެ ބޭނުންހިފަންޖެހޭނެ ވަގުތު އަންނާނެކަން ކަށަވަރެވެ. މިކަމަށްޓަކާ ޢާއިލި ގުޅުން ބަދަހިކުރުމަށްޓަކާ ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމަކީ، އަހައްމިއްޔަތުކަންދޭ ކަންތައްތަކުގެ ލިސްޓުގެ ކުރިއަށް ޖައްސަންޖެހޭ ކަމެކެވެ. ބޭބެ ދައްތަގެ ކައިވެނި ޕާޓީއަށް ނުދެވޭވަރަށް "ބިޒީ" ނުވާށެވެ. ބޮޑުދައިތައަށް ގޮވާލަން ހޮސްޕޓަލަށް ނުދެވޭ ވަރަށް "ބިޒީ" ނުވާށެވެ.
ޢާއިލާގެ މެމްބަރަކު ބަލިވުން، ނުވަތަ އެނޫންވެސް ދެރަގޮތެއް ދިމާވާ ވަގުތަކީ ޢާއިލާގެ އެހެން މެމްބަރުންގެ ހަމްދަރުދީއާ، ލޯތްބާ، އަޅާލުން އެންމެ ބޭނުންވާ ވަގުތެވެ. މިފަދަވަގުތުތަކުގައި ދިރިއުޅުމުގެ ހަލުވި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވާ މިޒަމާނުގައިވެސް ބައެއްކަންކަން ފަސްކޮށް ޢާއިލާއަށްޓަކައި ވަގުތު ހުސްކުރަން ޖެހެއެވެ.
އާދެ، ޢާއިލީ ގުޅުމަކީ މުޖްތަމައުގެ ފޭރާމެވެ. މިގުޅުން ބަދަހިނަމަ، މުޖްތަމައު ބަދަލުވެދެއެވެ. ހަމަ އެފަދައިން ޢާއިލީ ގުޅުމަކީ ދިވެހީންގެ ޒަމާންވީ ނުރަސްމީ "ވެލްފެއަރ" ސިސްޓަމެވެ. މިސިސްޓަމަކީ ރަސްމީ "ވެލްފެއަރ" އަށްވުރެ މާ ބާރުގަދަ އަވަސް ނަތީޖާ ގެނެސްދީފައިވާ ނިޒާމެއްކަން ކަށަވަރެވެ. ވީއިރު ޢައިލީ ގުޅުން ބަދަހިކުރުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ 'ބިޒީ" އެޖެންޑާތަކުގައި އިސްކަންދޭ ކަމަކަށް ހަދަމާތޯއެވެ؟ އަޅާލާ މުޖްތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބެމާތޯއެވެ؟ އަޅުގަނޑުމެން ޅަދަރީންނަށް މި ހަރުދަނާ އުސޫލުތައް ނަމޫނާ ދައްކައިގެން ދަސްކޮށްދެމާތޯއެވެ. އެހެން ނޫންނަމަ އަޅުގަނޑުމެންގެ ދަރިން ބޮޑެތިވުމުން ޚުދު އަޅުގަނޑުމެންގެ މަތިން ހަނދާން ނެތިދާނެއެވެ. ބިޒީކަމުންނެވެ. ވަގުތުނުވެގެންނެވެ.....އެހެންވާން ބޭނުންތޯއެވެ؟

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment