2.24.2010

ތިމާގެ ލޯބިވާ ދަރިފުޅަށް އިސްލާމީ ތަރުބިޔަތު ދެއްވަން ބޭނުންފުޅުތޯ؟

އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ތަރުބިޔަތުގެ މާނައަކީ ކޮބާ؟
التربية މިއީ ޢަރަބި ލަފްޒެކެވެ. އަރަބި ބަހުގެ ޢިލްމުގައި ފުންނާބު އުސް ޢިލްމުވެރި ބޭފުޅެއްކަމުގައިވާ އަލްއިމާމު އިބުނު މަންޡޫރު އޭނާ ލިއުއްވާފައިވާ ލިސާނުލްޢަރަބި ގައި ވިދާޅުވެފައިވާ ގޮތުން التربية މި ލަފްޒުގެމާނައަކީ އިތުރު ވުމާއި، ހެދި ބޮޑުވުމާއި، ކާނާ ދިނުމާއި، ރިޢާޔަތް ކުރުމާއި، ރައްކާތެރި ވުމެވެ. އަދި މިލަފްޒު ނެގިފައިވަނީ { ربا } މި ލަފްޒުން ކަމުގައިވެސް އިބްނު މަންޡޫރު ވިދާޅުވެފައިވެއެވެ.

އަލްއިމާމުއްޒަމަޚްޝަރީ އަސާސުލް ބަލާޣާ ގައި ބަޔާންކުރައްވާފައިވާގޮތުން التربية މާނައަކީ އިތުރުވުމާއި ހެދިބޮޑުވުމެވެ. އަދި މަޖާޒީ ގޮތުން ތަހުޒީބު ވުމަށް ވެސް މިލަފްޒު ބޭނުން ކުރެވޭ ކަމުގައި ޒަމަޚްޝަރީ ވިދާޅުވެފައިވެއެވެ.
ތާޖުލްޢަރޫސްގައި އައްސައްޔިދު މުޙައްމަދު ރިޟާ އައްޒުބައިދީ ވިދާޅުވެފައިވާ ގޮތުން التربية ގެ އަސްލަކީ { رب ّ} މި ލަފްޒެވެ. { ربَا } މިލަފްޒެއްނޫނެވެ.
މިސާލަކަށް : { فلان ربَّ ولده } މީހަކު އޭނާގެ ދަރި ބޮޑުކޮށް، އެކުއްޖާގެ ކަންތައް ހެޔޮގޮތުގައި ކުރިއެވެ. އަދި { فلان ربَّ القوم } މީހަކު ޤައުމުގެ ކަންތައް އިޞްލާޙުގެ މަގުން ހިންގައިފިއެވެ.

އަދި ހަމަ އެހެންމެ ޤާމޫސުލްމުޙީޠުގައި، މަޖުދުއްދީން މުޙައްމަދު އަލްފައިރޫޒު އާބާދީ ވިދާޅުވެފައިވަނީ التربية ގެ މާނައިގެތެރޭގައި ކާނާ ދިނުމާއި، މަތިވެރިކަން ހިމެނެއެވެ.

ޢިލްމުވެރި ބޭފުޅުންގެ ވާހަކަތަކުން އެނގި ފާޅުވެފައިވާ ގޮތުން މި ލަފްޒުގެ ވަށައިގެން އެނބުރޭ މާނަތަކުގެ ތެރޭގައި އިތުރުވުމާއި، ހެދި ބޮޑުވުމާއި، ކާނާ ދިނުމާއި، ރިޢާޔަތް ކުރުމާއި، ރައްކާތެރިވުމާއި، އިޞްލާޙުގެ މަގުން ކަންތައް ހިނގުމާއި، ތަހްޒީބު ކުރުމާއި، މަތިވެރި ކުރުން ހިމެނެއެވެ.


އިސްވެ ބަޔާންވެގެންދިޔަ ގޮތުން ލުޣަވީގޮތުން التربية މާނައަކީ: ޝަރަފުވެރި، ހަރުދަނާ މީހަކަށް ކުއްޖާވެ، އެނާ އުޅޭ ކޮންމެތަނެއްގައި މަތިވެރިކަން ލިބިގެންވާ މީހަކަށް އެނާ ވުމައްޓަކައި އޭނާ އަށް ބޭނުންވާ އިންސާނީ ޘަޤާފަތްދިނުމާއި، އޭނާއަށް ބޭނުންވާ ޟަރޫރީ ކާނާ ހޯދައިދިނުމާއި، އޭނާ އާއި ކުރިމަތިވާ ހުރިހާ ނުރައްކާތަކަކުން އޭނާ ސަލާމަތްކުރުމާއި ، އޭނާއާ މެދު ރައްކާތެރިވުމާއި، އޭނާ ނަފްސާނީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، އަޚްލާޤީގޮތުން ތަހުޒީބު ކުރުމާއި، އަދި އެނާ އަކީ، ޖިސްމާނީގޮތުންނާއި، ބުއްދީގެ ގޮތުންން ފުރިހަމަ މީހަކަށް ހެދުމައްޓަކައި މިހުރިހާކަމަކަށް ރިޢާޔަތްކޮށް އޭނާ ތަރުބިޔަތު ކުރުމެވެ.
ތަރުބިޔަތާއި މިޒަމާނުގެ ފިލޯސަފަރުން
ޢިލްމީގޮތުން ތަރުބިއްޔަތު މާނަކުރުމުގައި، މުރައްބީންނާއި، ފިލޯސަފަރުންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. އެއީ އެއިން ކޮންމެ ބަޔަކުވެސް ތަރުބިޔަތުކުރުމަށްޓަކައި ކަނޑަ އަޅާފައިވާ ނަޒަރިއްޔާތައްވެސް ތަފާތުވެފައިވާ ފަދައިންނެވެ. މިހެންކަމުން ބައެއް ފިލޯސަފަރުން ތަރުބިޔަތު މާނަކުރާގޮތް މިތަނުގައި ހާމަކޮށްލުމަކީ މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.
މަޝްހޫރު ފިލޯސަފަރުންކަމުގައިވާ އަފްލާޠޫންއާއި، ޖޯންޖެކް އާއި، އަދި ވެސް އެހެނިހެން ބައެއް ފިލޯސަފަރުން ވިދާޅުވާގޮތުން ތަރުބިޔަތަކީ ބޭނުންވާ ވަކިގޮތަކަށް ކުއްޖާ ބިނާކުރުމައްޓަކައި ބޭނުންކުރެވޭ ވަސީލެތެވެ. އެއީ ޢިލްމީ ބިންގަލެއްގެ މާތީގައި އުނަގަންނައިދިނުން ކަމުގައިވިޔަސް، ނުވަތަ ވަކި ހަމަތަކެއްގެ މަތީގައި ކުއްޖާ އާދަކުރުން ކަމުގައި ވިޔަސްމެއެވެ.
އަދި އިބުނު ސީނާ ވިދާޅުވާގޮތުން ތަރުބިޔަތަކީ ކަމެއް އާދަކޮށް ކުރުމެވެ. އެއީ އެއްކަމެއް އެކިފަހަރުމަތިން ، ދިގުމުއްދަތެއް ވަންދެން ތަކުރާރުކޮށް ކުރުމެވެ.
އަދި ބައެއް ފިލޯސަފަރުން ތަރުބިޔަތު ކުރުމުގެ ބޭނުން ކުއްޖާ ދިރިއުޅެ، ހެދިބޮޑުވަމުންދާ މުޖުތަމަޢާއި ގުޅުވާފައިވެސް، ތަރުބިޔަތު މާނަ ކޮށްފައިވެއެވެ. އޭގެތެރޭގައި ޖޯން ޑޭވީ ހިމެނެއެވެ. އޭނާ ބުނާގޮތުން ތަރުބިޔަތުކުރުމޭ ބުނެވޭ ބަހުގެ މާނައަކީ އިޖުތިމާއީ ގޮތުން ކުއްޖާ ބިނާކުރުރުމެވެ. މިފަދަ އެތައްގޮތަކަށް ތަރުބިޔަތު ކުރުން މާނަކުރެވިފައިވެއެވެ. މިހުރިހައި މާނަތަކެއް ވެސް ކުއްޖާގެ ވަށައިގެން ދައުރުކުރެއެވެ. ބޭނުމަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުންނާއި ބުއްދީގެ ގޮތުންނާއި ، ރޫޙާނީގޮތުން ފުރިހަމަ އިންސާނަކު ބިނާކުރުމެވެ.
މާތްވެގެންވާ އިސްލާދީނުގެ ނަޒަރުގައި ތަރުބިޔަތު
އިސްލާމްދީނުގެ ފަލްސަފާއާއި، ނަޒަރިއްޔާތްތަކަށް ނަޒަރު ހިންގާލުމުން، ތަރުބިޔަތުގެ މާނައެއްގޮތުގައި ފެނިގެންދަނީ، ހުރިހާ ދާއިރާ އަކުން، ފުރިހަމަކަމާއި، ދުޅަހެޔޮކަން ލިބިގެންވާ އިންސާނަކު އުފެއްދުމެވެ. މިހެންކަމުން އިސްލާމްދީނުގައި ތަރުބިޔަތުކުރުމުގެ މާނައަކީ: ޞިއްޙީގޮތުންނާއި، ޢަޤްލީގޮތުންނާއި، ރޫޙާނީގޮތުންނާއި، އަޚްލާޤީ ގޮތުން، އިސްލާމްދީނުގައި އަންގަވާފައިވާ ހަމަތަކުގެމަތިން، ދީނުގެ އިރުޝާދުތަކުގެ އަލީގައި ކުއްޖާ ތަރުބިޔަތު ކުރުމެވެ.
ޞިއްޙީގޮތުން ތަރުބިޔަތު ކުރުމަކީ ކޮބާ؟
ޞިއްޙީގޮތުން ތަރުބިޔަތު ކުރުމޭ ބުނެވޭ ބަހުގެ މާނައިގައި ހަޤީޤަތުގައި ނަފްސާނީގޮތުން ތަރުބިޔަތު ކުރުމާއި، ޢަޤްލީގޮތުން ތަރުބިޔަތު ކުރުމާއި، ރޫޙާނީގޮތުން ތަރުބިޔަތު ކުރުން ޝާމިލުވެއެވެ. ސަބަބަކަށްވަނީ އެއްވެސް ޞިއްޙަތެއްނުވާ މީހެއްގެ ގައިގައި އެހެން އެއްވެސް ސިފައެއް ބިނާކުރުމަކީ ނުވާނެކަމެކެވެ. މިހެން ކަމުން އިސްލާމްދީނުގައި ކުއްޖާ ތަރުބިޔަތުކުރުމުގައި ވަރަށް ބޮޑަށް ޞީއްޙީ ދާއިރާ ރިޢާޔަތް ކުރައްވާފައިވެއެވެ. މިގޮތުން ޞިއްޙަތައް ގެއްލުންދެނިވި ކަންކަމުން އިންސާނާ ރައްކާތެރިވެ ހުރުމަށް އިސްލާމް ދީން ގޮވާލައްވާފައިވެއެވެ.
ބުއްދީގެ ގޮތުން ތަރުބިޔަތު ކުރުމަކީ ކޮބާ؟
ބުއްދީގެގޮތުން ތަރުބިޔަތުކުރުމުގައި ވަރަށް ފުރިހަމަ މަންހަޖެއް އިސްލާމްދީން ކަނޑައަޅުއްވާފައިވެއެވެ. ކަންކަމުގައި ވިންނައި ފިކުރުކޮށް މައިދާންތަކުގައި ކުރިއަރައި ދިއުމުގެ ހުނަރުވެރިކަން ކުއްޖާގެ ގައިގައި އަށަގެނުވުމަށް ވަރަށް ގިނަ އިރުޝާދުތައް އައިއސްފައިވެއެވެ.
ރޫޙާނީ ގޮތުން ތަރުބިތަރު ކުރުމަކީ ކޮބާ؟
ރޫޙާނީގޮތުން ތަރުބިޔަތު ކުރުމުގައި ވެސް އިސްލާމްދީނުގައި ކަނޑަ އަޅުއްވާފައިވާ ހަމަތަކަކީ، އެހެން އެއްވެސް ނިޒާމެއްގައި ކަނޑަ އަޅުއްވާފައިވާ ހަމަތަކެއް ނޫނެވެ. ނުބައި ނަފްސާނީ ބަދަލުތަކުން އިންސާނާގެ ހިތް ސަލާމަތް ކޮށް، ނަފްސު ޠާހިރު ކުރަން އަމުރު ކުރައްވާފައިވެއެވެ. އެހެނީ ބާއްޖަވެރި ޙަޔާތަކަށް މަގުދައްކާ ވަސީލަތަކީ ރޫޙާނީ ގޮތުން ކުރި އަރައިދިއުމެވެ. ބާއްޖެވރިކަމުގެ ތަޅުދަނޑިއަކީ އެއީ އެވެ.
އަޚްލާޤީ ގޮތުން ތަރުބިޔަތުކުރުމަކީ ކޮބާ؟
އަޚްލަޤީގޮތުން ތަރުބިއްޔަތު ކުރުމުގައި ވެސް އިސްލާމްދީން ވަނީ ވަރަށް ފުރިހަމަ މިންގަނޑެއް ކަނޑަ އަޅުއްވާފައިވެއެވެ. މިގޮތުން ބަދުއަޚްލާޤީ ހުރިހާކަމެއް ވަނީ އިސްލާމް ދީނުގައި ޙަރާމް ކުރެވިގެންނެވެ. މިހެން ކަމުން ތަރުބަވީ ނިޒާމަކަށް އެންމެ ފުރިހަމަ ނިޒާމަކީ މާތްވެގެންވާ އިންލާމްދީނުގައި ، ވާ ތަރުބަވީ ނިޒާމު ކަމާ މެދު އެއްވެސް ޝައްކެއްނެތެވެ.
ތަރުބިޔަތު ކުރުމަށް އިސްލާމްދީން ކަނޑަ އަޅުއްވާފައިވާ މަތިވެރި ނިޒާމަކީ އިންސާނިއްޔަތުގެ މީގެ އެތައް ހާސް އަހަރެއްގެ ތާރީޚުގައި އިންސާނުން ދެކިފައިވާ އެންމެ ފުރިހަމަ، އެއްމެ ޝާމިލް ނިޒާމެވެ. އެއީ ވަރަށް ގިނަ ސަބަބުތަކަށްޓަކައެވެ. އޭގެ ތެރޭގައި އިސްލާމީ ޢަޤީދާގެ މަތިވެރިކަމާއި، އެއީ ދެދުނިޔެ ކާމިޔާބު ކުރުމަށްޓަކައި ކުރެވޭ ތަރުބިއްޔަތަކަށް ވުމާއި ، އިސްލާމް ދީނަކީ ބުއްދި ޤަބޫލުކުރާ ހަމަތަކާއި އުޞޫލުތަކެއްގެ މަތީގައި ބިނާވެގެންވާ ދީނަކަށްވުން ހިމެނެއެވެ. އިސްލާމްދީނުގައި ވަކިކަމެއް ކުރުމަށް އަމުރުކުރުކުރައްވާފައިވާ ގޮތަކަށް އެކަމެއް ކުރެވިއްޖެނަމަ މުޖުތަމަޢަށް ގިނަގުނަ ފައިދާތަކެއް ކުރާކަން އިސްނާނުންގެ ތަޖުރިބާއިން ވަނީ އެނގިފައެވެ.
މިގޮތުން ބަލާއިރު މުޖުތަމަޢަކީ ޞާލިޙު، ރަނގަޅު، ފަސާދަ މަދު މުޖުތމަޢަކަށް ހެދުމައްޓަކައި، ދީނުގައި އަންގަވާފައިވާ އިރުޝާދު ތަކާއި އެއްގޮތަށް ދަރީން ތަރުބިއްޔަތުކޮށް، މުޖުތަމަޢުގެ އަފްރާދުންނަށް ނަސޭހަތްތެރިވުމާއި ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރަމަކީ އިސްލާމް ދީނުގެ އިޖުތިމާޢީ ރުކުންތަކުގެ ތެރެއިން ވާ މުހިންމު ރުކުނެކެވެ.
އިސްލާމީ ތަރުބިޔަތުގެ މުހިންމުކަން
އިސްވެބަޔާންވެދިޔަވާހަކަތަކުން އިސްލާމީ ތަރުބިޔަތުގެ މުހިންމުކަން ފާހަނގަވެގެންދެއެވެ. މިހެންކަމުން އެވާހަކަތަކުގެ އިތުރުން، އިސްލާމީތަރުބިޔަތުގެ މުހިންމުކަން ބަޔާންކުރުމަށްޓަކައި އަޅުގަނޑު ދެތިން ނުކުތާއެއް ފާހަގަކޮށްލާ ހިއްވެއެވެ:
• އިސްލާމީ ތަރުބިޔަތަކީ އިންސާނާ އާއި އޭނާގެ ޚާލިޤު ﷲ އާއި ވަރަށް ވަރުގަދައަށް ގުޅުވައިދޭ ތަރުބިޔަތެކެވެ، މިއީ އެހެން އެއްވެސް ތަރުބަވީ ނިޒާމެއްގައި ނުވާ އުސޫލެކެވެ. މިސާލަކަށް، ކައުނާއި، ކައުނުގައި ލެއްވިގެންވާ ތަންތަނާއި، ކަންތަތްއަތުގެ ޙަޤީޤަތާބެހޭގޮތުން އުންގަންނައިދެވޭއިރު، އެ އުގަންނައިދިނުމުގެ އިތުރުން އެތަކެތި ހެއްދި ފަރާތެއް ވާކަން އިންސާނާ އަށް އިސްލާމީ ތަރުބިޔަތު ބުނެދެއެވެ. ކަނޑައެޅިގެން އެނގޭގޮތުގައި ބިމަކީ ހަނަފަސްތަކެއްގެ ގޮތުގައި އޮތްތަނެކެވެ. ނަމަވެސް އެބިމަށް ދިރުންދެއްވީ ﷲ ކަމާއި އެތަނުން، މޭވާއާއި، ގޮވާން ނެރުއްވީ ވެސް ﷲ ކަން އިސްލާމީ ތަރުބިޔަތުގައި ބަޔާންކުރެއެވެ.
އެހެނިހެން ތަރުބަވީ ނިޒާމުތަކުން އަޅުގނަޑުމެންނަށް މިއުޞޫލެއްނުފެނެއެވެ. އެ ނިޒާމުތަކުގައި ހަމައެކަނި ކޮންމެ އެއްޗެއްގެވެސް ޙަޤީޤަތާބެހޭގޮތުން ހޯދެއެވެ. ނަމަވެސް އެއީ ޚާލިޤުވަންތަ ފަރާތެއްވާ އެއްޗެއްކަން ބުނެނުދެއެވެ.
އިސްލާމީތަރުބިޔަތު މުހިއްމުކަން ދެނީ ވަކި ކަމަކަށްނޫނެވެ. ހުރިހާގޮތަކުންވެސް ފުރިހަމަ، އިންސާނަކު ބިނާކުރުމަށް އިސްލާމް ދީން ބާރު އަޅުއްވައެވެ. އެންމެ ތުއްތު އިރުން ފެށިގެން ވެސް މުޖުތަމަޢަށް ނިކުންނައިރަށް އޭނާ ތައްޔާރު ކުރެއެވެ. ރޫޙާނީ ގޮތުންނާއި، އަޚްލާޤީގޮތުން ހަރުދަނާ ޝަޚްޞިއްޔަތަކަށް ހަދައެވެ. ރަނގަޅު ކާނާދީ ޞީއްޙީ ގޮތުން ފުރިހަމަ ކުރެއެވެ. ހެޔޮވިސްނުންދީ ޙަޔާތް އާރާސްތުކުރަން ދަސްކޮށްދެއެއެވެ.
އިސްލާމީ ތަރުބިޔަތުގެ މުހިންމުކަން ހާމަވެގެންދާ ކަންކަމުގެ ތެރޭގައި، ހިމެނޭ އެންމެ މުހިންމު ކަމަކީ އެއީ އަޚްލާޤުގެ އެންމެ މަތީދަރަޖައިގެ ސިފަތަކަށް މުހިންމުކަންދޭ ތަރުބިއްޔަތަކަށް ވުމެވެ. އަދި ޢަމަލީ ތަރުބިއްޔަތަކަށް ވުމެވެ. އިސްލާމްދީން އިސްނާގެ ކިބައިން އެދެނީ ހެޔޮ ރަނގަޅު ގޮތުގައި ވުމަށެވެ. އަދި އޭނާގެ ފުށުން އެހެންމީހުންނަށް ހެޔޮގޮތް ވާޞިލުކޮށްދިނުމަށެވެ. އިސްލާމްދީނުގައި ޢިލްމު އުގެނެނީ އެހެން މީހުންނަށް އުނގަންނައި ދިނުމަށެވެ. ހަމައެކަނި އޭނާ ގެ ފައިދާއަކަށް ނުހެދުމަށެވެ. ކީރިތި ރަސޫލާގެ ބަސްފުޅެއްގައިވެއެވެ: ''ޢިލްމުވެރިންގެ މައްޗައް ބޮޑާވެގުތުމަށާއި، ޖާހިލުންނާއި ޖަދަލުކުރުމަށާއި، މަޖްލިސްތަކުގައި ވާހަކަދައްކައި މޮޅުބައެއްކަން ބަޔާންކުރުމަށް ތިޔަބައިމީހުން ތަޢުލީމު ނުއުނގެނޭށެވެ. ފަހެ އެގޮތަށް ކަންތައް ކޮށްފިމީހަކަށް އަލިފާނެވެ. އަލިފާނެވެ.''
މިއިންދޭހަވަނީ އިސްލާމީ ތަރުބިޔަކީ، ރައްބާނީ، ތަރުބިޔަތެއްކަމެވެ. އަޚްލާޤީމަތިވެރި ސިފަތަކެއްގެމަތީގައި ބިންގާ އެޅޭ އަމަލީ ތަރުބިޔަތެއްކަމެވެ.
އިސްލާމީ ތަރުބިޔަތުގެ މުހިންމުކަން ފާޅުވެގެންވާ ނުކުތާތަކުގެ ތެރޭގައި އެއީ ޙިކުމަތާއި ގުޅިފައިވާ ތަރުބިޔަތަކަށް ވުން ހިމެނެއެވެ.
ޢިލްމު އުނގެނުމުގެ ސަބަބުން ވިސްނުންތަނަވަސްވެއެވެ. ޙިކުމަތުގެ ސަބަބުން އެވިސްނުން ހެޔޮގޮތުގައި ބޭނުން ކުރަން ދަސްވެއެވެ. ޙިކުމަތަކީ އުނގެނެވިދާނެ
މާތްވެގެންވާ އިސްލާމްދީނުގައި ދަރީން ތަރުބިޔަތުކުރުމުގެ މަރްޙަލާތައް
ޤައުމުގެ ދަރީން ރަނގަޅުގޮތުގައި ތަރުބިޔަތުކުރުމަކީ އިސްލާމްދިން އެކަމަށް އެންމެ ބާރު އަޅުއްވާފައިވާ އެއްކަމެވެ. ޤައުމެއްގެ މުސްތަޤްބަލު ރަނގަޅުވުމާއި ނުބައިވުން ބިނާވެގެންވަނީ އެޤައުމެއްގެ ދަރީންނަށް ދެވޭ ތަރުބިއްޔަތުގެ މައްޗަށެވެ.
ވަކިން ޚާއްޞަކޮށް ލާދީނީ ޚިޔާލުތަކާއި، އޮއިވަރުތައް އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރި ނުރައްކާތެރި ފިކުރީ ހަނގުރާމައެއްގެ ޙަމަލާތަކާއި އިސްލާމީ އުންމަތުގެ ދަރީން ކުރިމަތިލާންޖެހިފައިވާ މިފަދަ ދުވަސްވަރެއްގައި، ހަރުދަނާ ރަނގަޅު އިސްލާމީ ތަރުބިޔަތެއްގެ ރައްކާތެރިކަން އަޅުގަނޑުމެންގެ ދަރީންނަށާއި، ޒުވާނުންނަށް ހޯދައިދިނުމުގެ މުހިމުކަމަކީ ހެޔޮވިސްނޭ އެއްވެސް މީހަކު އިންކާރު ކުރާނެ ކަމެއްނޫނެވެ.
ކުދީންތަރުބިޔަތު ކުރުމުގައި ވަރަށް މުހިންމު ދެމަރުޙަލާއެއްވެއެވެ.
1. އޭގެތެރޭގައި ފުރަތަމަ މަރުޙަލާއަކީ ތުއްތުކުދިން މަދްރަސާއަށް ދާންފެށުމުގެ ކުރިއްސުރެފެށިގެން ފަށާ ތަޢުލީމުގެ އަހަރުތައް ނިމުމާދޭތެރޭގައި ހިނގާ އަހަރުތަކެވެ. މިއީ އެހާ މުހިއްމު މަރްޙަލާ އެއްކަމުގައިވަނީ އެދުވަސްވަރަކީ އެކިއެކި އާދަތައް ކުދިންނަށް ދަސްވެ، އަދި އެކުދިންގެ ޝަޚްޞިއްޔަތުގެ ބިންގާ އެޅޭ ދުވަސްވަރު ކަމުގައި ވާތީއެވެ. އެހެންކަމާއެކު ކުދިންގެ ސިކުނޑިއަށް ވަކިގޮތްތަކެއް ވިސްނައިދީ އެގޮތްތައް އެކުދިންގައި އަށަގެނުވުން އަވަސްކުރިވަރަކަށް އެކުދިން އެގޮތްތަކަށް ހޭނި، އެއީ ރަނގަޅުގޮތްތަކެއް ކަމުގައި ބަލައިގަންނަގޮތް ބޮޑުވާނެއެވެ.
2. ކުދިންތަރުބިއްޔަތުކުރުމުގެ ދެވަނަ މަރްޙަލާއަކީ: އެކުދިންބޮޑެތިވަމުން އައިސް ޒުވާންދުވަސްވަރާ ކުރިމަތިލާ އަހަރުތަކެވެ. އެއީ މިހާރު ތަޢުލީމީ ނިޒާމު ހަމަޖެހިފައިވާ ގޮތުންނަމަ ޘާނަވީ ތަޢުލީމު ލިބިގަންނަ އަހަރުތަކެވެ. މިމަރްޙަލާ މުހިންމު ވެގެންދަނީ މިމަރްޙަލާއަކީ ދުނިޔޭގެ ކަންތައްތަކާއި ދިރިއުޅުމުގައި އެކުދިންނަށް ފެންނަ މަންޒަރުތަކާމެދު އެކުދިން ވިސްނާ ފިކުރުކުރަން ފަށާ ދުވަސްވަރު ކަމުގައި ވާތީއެވެ.
ހަމަ އެފަދައިން މި މަރްހަލާއަކީ އެއުމުރުގެ ވަރަށް ގިނަކުދިން އެކުދިންގެ ނަމޫނާއެއްގެ ގޮތުގައި ކޮންމެވެސް މަޝްހޫރު މީހަކު އިޚްތިޔާރު ކުރާ މަރްޙަލާއެވެ. މިގޮތުން ކުޅިވަރުގެ ދަނޑުގައި މަޝްހޫރުވެފައިވާ ކޮންމެވެސް ކުޅުންތެރިޔަކު، ނުވަތަ މަޝްހޫރު ލަވަކިޔުންތެރިއަކު، ނުވަތަ މާރީތި ފިލްމީ ތަރިޔަކު އެއީ އެކުދިންގެ ކުރިމަތީގައި ވަރަށް މޮޅު ބަޠަލަކަށް ވެގެންހިނގައިދާނެއެވެ.
އިސްލާމީ ތަރުބިއްޔަތުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި، މި ދެމަރްޙަލާގެ ތެރެއިން ފުރަތަމަ މަރްހަލާގައި އިސްކަންދޭންޖެހޭނީ، އިންސާނާގެ ހަށިގަނޑާއި ގުނަވަންތައް އުފެދިފައިވާލެއް ފުރިހަމަކަމުގެ މައްޗައް އެކުދިންގެ ސަމާލުކަން ހޯދައިގަތުމަށެވެ. އަދި ހަމަ އެފަދައިން ވަށައިގެންވާ ތަންތަނާއި ކަންތައްތަކާއި އިރު، ހަނދާއި ތަރިކަތާ، ޖަނަވާރުތަކާއި، ކައުނުގެ އެހެނިހެން ކަންތައްތަކުގެ ވާހަކަ، އެކުދިންގެ ސިކުނޑިގެ ފެންވަރާ ގުޅޭގޮތަށް އަންގައި އެކުދިންގެ ޝައުޤުވެރިކަން ހޯދައިގަތުމަށެވެ.
އަދި ދުނިޔެއާއި ދުނިޔޭގައިވާ ތަކެއްޗެއް ހެއްދެވީ ﷲ ކަމަށް ބަޔާންކުރާ ކައުނީ ދަލީލުތައް އެކުދިންގެ ފެންވަރާ ގުޅޭގޮތަށް ހާމަކޮށްދިނުމަށްވެސް އިސްކަންދޭން ޖެހޭނެކަމަށް ޢިލްމު ވެރިން ވިދާޅުވެއެވެ. ކުޑަކުދިންގެ ހިއްތަކަށް އީމާންކަން ވައްދައިދިނުމުގެ މުހިންމުކަން ވަރަށް ޞަރީޙުކޮށް ބަޔާންކޮށްދޭ ޙަދީޘެއް އިބްނު މާޖާ ﷲ ރުއްސުންލެއްވި ޖުންދު ބުނު ޢަބްދުﷲ ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. '' އަހަރެމެންބޮޑެތިވަމުން އައި ދުވަސްވަރު ، ކީރިތި ރަސޫލާގެ އަރިހުގައި އުޅުނީމުއެވެ. އެދުވަސްވަރު އެކަލޭގެފާނުގެ އަރިހުން ޤުރްއާން އުނގެނިގަތުމުގެ ކުރިން އަހަރެމެން އުނގެނިގަތީ އީމާންކަމެވެ. އަހަރެމެން ކީރިތި ޤުރްއާން އުނެގނިގަތީ އޭގެފަހުގައެވެ. ފަހެ އެކަމުގެ ސަބަބުން އަހަރެމެންގެ އީމާންކަން ވަރުގަދަވެގެން ދިޔައެވެ.''
ކުދިންތަރުބިޔަތުކުރުމުގެ ދެވަނަ މަރްޙަލާގައި މުހިންމުކަން ދޭންވީ އެކުދިންނަސް ދުނިޔެ އުފެދުނު ގޮތާއި، ދުނިޔޭގެ އެކިކަންތައްތަކާއި ބެހޭގޮތުން އެކުދިންގެ ހިތުގައި އުފެދޭ ސުވާލުތަކަށް، އެކުދިން ހިންހަމަ ޖެހޭފަދަ ހަރުދަނާ ޖަވާބެއް ހޯދައިދިނުމަށެވެ. އަދި ހަމަ އެހެންމެ ކުރިންވެސް ދެންނެވި ފަދައިން މިއީ '' ބަޠަލަށް އަޅުކަންކުރުމުގެ '' ދުވަސްވަރެވެ، މިހެންކަމުން އެއީވެސް މައިންބަފައިންނާއި ތަރުބިއްޔަތުގެ ޒިންމާ އުފުލާ މީހުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. އިސްލާމީނަޒަރަކުން / މައުމޫން ޢަބްދުލްޤައްޔޫމް ، ޞ 49 – 58
ތަރުބިއްޔަތުގެ ޢިލްމުވެރިން ވިދާޅުވަނީ އެއުމުރުގެ ކުދިން އެކުދިންގެ ބަޠަލުންގެ ގޮތުގައި ގެންގުޅޭމީހުންނާއި، އަޅުގަނޑުމެންނާ ހުރިތަފާތު މި މަރްޙަލާގައި ބަޔާންކޮށްދިނުމީ މުހިއްމު ކަމެކެވެ. ހަމަ އެއާއެކު އިސްލާމީ ތާރީޚުގައި ފާހަނގަކޮށްލެވޭ އެކި އެކި ޒުވާން އަބްޠާލުންގެ ވާހަކަ އެކުދިންނަށް ކިޔައިދީ، އެބޭފުޅުން ކުރައްވާފައިވާ ޖިހާދާއި އެބޭފުޅުންގެ ހިއްވަރުގަދަކަމާއި ހޯދާފައިވާ ކާމިޔާބީތައް ބަޔާންކޮށްދިނުން ވެސް މުހިއްމުކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.
މިއުމުރުގައި ކުދިންތަރުބިއްޔަތު ކުރަން ޖެހޭނީ ވަރަށް ޙިކުމަތާއެކުގައެވެ. ޢޭރުން އަޅުގަނޑުމެން އުންމީދުކުރާ ފަދަ ޤަދަރުވެރި ޖީލެއް، މުޖުތަމަޢުން ފެނިގެން ދާނެކަން ކަށަވަރެވެ.
އިސްލާމީ ތަރުބިއްޔަތުގެ ވަސީލަތްތައް
ކޮންމެ ކަމެއްވެސް އެކަމެއްކުރަން އޮންނަ އެއްމެ ރަނގަޅަކަށް އެކަމެއް ކުރުމުން އެކަމަކުން ނުކުންނާނީ ވަރަށް އެދެވޭ ނަތީއްޖާއެކެވެ. އެހެން ނޫންނަމަ އެކަމުން ފަހަރެއްގައި ތިމާގެ މަޤްޞަދާ ނުގުޅޭ ނަތީއްޖާއެއްވެސް ނުކުމެދާނެއެވެ.
މިހެންކަމުން ކޮންމެ މުރައްބީއެއްވެސް އަބަދުވެސް މަސަކަތްކުރާނީ ތަރުބިޔަތު ކުރުމުގައި ވީހާވެސް ގިނަ ވަސީލަތެއްގެ ބޭނުން ހިފޭތޯއެވެ. މިހެންކަމުން މިބަޔާންކޮށްލަނީ އިސްލާމީ ތަރުބިއްޔަތު ދިނުމުގައި ބޭނުން ކުރެވިދާނެ ވަސީލަތްތަކެވެ :
1- ރީތި ނަމޫނާ ދައްކައިގެން ތަރުބިއްޔަތު ކުރުން .
2- އާދަކުރުވައިގެން ތަރުބިއްޔަތުކުރުން .
3- ވަޢުޡު ދީގެން ތަރުބިއްޔަތުކުރުން
4- ކުއްޖާއަށް ސަމާލުވެ ތަރުބިއްޔަތުކުރުން.
5- އަދަބުދީގެން ތަރުބިއްޔަތުކުރުން .
ކުރުގޮތަކަށް މިބައިތަކަށް އަލިއަޅުވާލުމަކީ މުހިންމުކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.
ރީތި ނަމޫނާ ދައްކައިގެން ތަރުބިއްޔަތު ކުރުން
ރީތިނަމޫނާ ދައްކައިގެން ތަރުބިޔަތުކުރުމީ، ތަރުބިޔަތުގެ އެންމެ ފުރިހަމަ، އަދި އެންމެ ކާމިޔާބު ވަސީލަތެވެ. ރީތީ ނަމޫނާއެއްދައްކާ އާއިލާގެތެރޭގައި ކުއްޖާ ބޮޑުވަމުން އަންނާނީ ވަރަށް ރަނގަޅު ތަރުބިއްޔަތެއްގެ މަތީގައެވެ.
ﷲ ތައާލާ އެކަލާނގެ އަޅުތަކުންނަށް ހިދާޔަތް ދައްކުވައި، އިރުޝާދު ދެއްވުމަށް ފޮނުއްވާ މާތް ނަބިއްޔުންނާއި ރަސޫލުންނަށް، ރީތި ރަނގަޅު ސިފަތައް ދެއްވައެވެ. އެބޭކަލުންނީ ޚުލުޤުފުޅު ރަނގަޅު ބޭކަލުންގެ ގޮތުގައިވިއެވެ. އެއީ އަޅުތަކުން، އެބޭކަލުންގެ ފުށުން އެކަންތައްތައް ދަސްކޮށް، ނަމޫނާ ލިބިގަތުމަށެވެ. ކީރިތި ރަސޫލާގެ ޝަޚްޞިއްޔަތުގައި ﷲ ތަޢާލާ އެންމެފުރިހަމަ ޝާމިލް ، ކާމިލް ސިފަތަކެއް ލައްވާފައިވެއެވެ. އެއީ އިސްލާމީ ތަރުބިއްޔަތައްޓަކައެވެ. އެއީ އެކަލޭގެފާނުގެ އަޞްޙާބުންނަށާއި ފަހުން އަންނަޖީލުތައް އެކަލޭގެފާނުގެ ޝަޚްޞިއްޔަތުން ފުރިހަމަ ނަމޫނާ ލިބިގަތުމައްޓަކައެވެ.
އުއްމުލްމުއުމިނީން ޢާއިޝަތުގެފާނާއި ކީރިތި ރަސޫލާގެ އަޚްލާޤާއި ބެހޭގޮތުން ސުވާލުކުރެވުނެވެ. އެކަމާނާ ވިދާޅުވީ ، '' އެކަލޭގެފާނުގެ ޚުލުޤުފުޅަކީ ކީރިތި ޤުރުއާނެވެ.'' އެބަހީ ، ޚުލުޤުފުޅު ހުންނަނީ ޤުރުއާނުގައި އަންގަވާފައިވާ ގޮތަށެވެ.
އެއީ ވަރަށް ފުރިހަމަ ޖަވާބެކެވެ. އޭގައި މުޅި ޤުރްއާނުގެ މަންހަޖު އެކުލެވިގެންވާ މާނައެކެވެ. އަދި އަޚްލާޤީ މަބާދިއުތަކާއި، އުޞޫލަތަށް އެކުލެވިގެންވާ ޖަވާބެކެވެ، އެއީ ޙަޤީޤަތެކެވެ. ކީރިތި ރަސޫލާއަކީ ޢަމަލީގޮތުން ޤުރްއާނުގެ މުތަރްޖިމެވެ. މިހެންކަމުން މީސްތަކުން އެކަލޭގެފާނުގެ ދަޢްވަތައް އިޖާބަދީ ، އެކަލޭގެފާނު ދެއްކެވި ނަމޫނާގެ ސަބަބުން އެކަލޭގެފާނަށް އީމާންވިއެވެ.
ކަންކަމަށް އާދަކުރުވައިގެން ތަރުބިއްޔަތުކުރުން
ކަންތައްތަކަށް އާދަކުރުވައިގެން ތަރުބިޔަތުކކުރުމަކީ އިސްލާމީ ތަރުބިޔަތުގެ އުޞޫލުތަކުގެ ތެރެއިންވާ އަސްލެކެވެ. ކޮންމެކުއްޖަކުވެސް ދުނިޔަށް އަންނަނީ ފިޠްރަތުގެ ސާފުކަންމަތީގައެވެ. މާތް ނަބިއްޔާގެ އަރިހުން އަލްއިމާމުލްބުޚާރީ ރިވާކުރައްވާފައިވެއެވެ. '' ކޮންމެކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠްތަރުގެ ސާފުކަން މަތީގައެވެ. ދެންފަހެ އެކުއްޖާ ޔަހޫދީއަކަށް ހަދަނީ، ނުވަތަ ނަޞްރާނީއަކަށް ހަދަނީ ، ނުވަނަތަ މަޖޫސީއަކަށްހަދަނީ އެކުއްޖާގެ މައިންބަފައިންނެވެ. '' މުރާދަކީ އެކަންތަކަށް އާދަކުރުވައި ތަރުބިޔަތުކުރަނީ މައިންބަފައިންނެވެ.
ކީރިތި ރަސޫލާގެ އަރިހުން އަލްއިމާމު އަބްދުއްރައްޒާޤު އެކަލޭގެފާނުގެ މުޞައްނަފުގައި ރިވާކުރައްވާފައިވެއެވެ. އިތުރު އެކަލޭގެފާނު ވިދާޅުވިއެވެ. ތިންކަމަކަށް ހާނުވައި އާދަކުރުވައި ތިޔަބައިމީހުންގެ ދަރީންތަރުބިއްޔަތު ކުރާށެވެ. '' އެއީ، ތިޔަބައިމީހުންގެ ނަބިއްޔާއަށް ލޯބިކުރުމަށާއި، އެކަލޭގެފާނުގެ އާލުބައިތުންނަށް ލޯބިކުރުމަށާއި، ޤުރުއާންކިޔެވުމަށެވެ. ''މިގޮތަށް ދަރީން ހާނުވައި ތަރުބިއްޔަތުކޮށްފިނަމަ، ކާމިޔާބު ޖީލެއްގެ ބިންގާ އެޅިދާނެއެވެ.
ވަޢުޡު ނަޞީޙަތް ދީގެން ތަރުބިއްޔަތުކުރުން
ކުދީންނަށް ރަނގަޅު ނަޞޭހަތާއި ވަޢުޡު ދީގެން ތަރުބިއްޔަތުކުރުމަކީ ވަރަށް ކާމިޔާބު އުޞޫލެކެވެ. މިކަމަށް ނަމޫނާއެއްގެ ގޮތުގައި ލުޤްމާނުގެ ފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ވަޢްޡު ފުދެއެވެ. ލުޤްމާން ސޫރަތުގެ ބާރަވަނަ އާޔަތުން ނަވާރަވަނަ އާޔަތަށް ބައްލަވާށެވެ.
ކުއްޖާއަށް ސަމާލުވެ ތަރުބިއްޔަތުކުރުން
ކުއްޖާއާމެދު ސަމާލުވެ ތަރުބިޔަތުކުރުމަކީ، އޭނާގެ ޢަޤީދާއާއި، އަޅްލާޣުގެ ބިންގާއެޅުމުގައި، ރަނގަޅަށް ސަމާލުވުމާއި، ނަފްސާނީގޮތުންނާއި އިޖުތިމާޢީގޮތުން އެނާއާމެދު ފަރުވާބަހައްޓައި، އަޅާލުމެވެ. އަދި އަބަދުވެސް އޭނާގެ ހުރިހާކަމަކާބެހޭގޮތުން އޭނާއާ ސުވާލުކޮށް ހެދުމެވެ. އޭނާ އުޅޭނޫޅެގޮތްބަލައިހެދުމެވެ. ނުބައިމަގަކުން ދާނަމަ ހެޔޮމަގު ދެއްކުމެވެ.
މިއީ ވަރަށް ކާމިޔާބު އުޞޫލެކެވެ. މިއުޞޫލަކީ ކީރިތި ޤުރްއާނުގައި ބޭނުންކުރެވިފައިވާ އުޞޫލެކެވެ. ކީރިތި ރަސޫލާ ވިދާލުވެފައިވެއެވެ . '' ކުއްޖާގެ އުމުރުން ހަތް އަހަރުން އޭނާއަށް ނަމާދު ދަސްކޮށްދޭށެވެ. އަދި އޭނާގެ އުމުރުން ދިހަ އަހަރުވުމުން އޭނާ ނަމާދު ނުކޮށްފިނަމަ، އޭނާއަށް އަދަބު ދޭށެވެ. ''
މި ގޮތަށް ދަރީން ތަރުބިޔަތުކުރެވިއްޖެނަމަ، ކާމިޔާބު ޖީލެއް އުފެއްދިދާނެކަން ހަމަ ޔަޤީނެވެ.
އަދަބުދީގެން ތަރުބިޔަތުކުރުން
އިސްލާމްދީނަކީ ފުރިހަމަ އުޞޫލުތަކެއްގެ މަތީގައި ބިނާވެގެންވާ ދީނެވެ. މިހެންކަމުން މުޖުތަމަޢު ރަނގަޅުގޮތުގައި އޮތުމަށްޓަކައި އުޤޫބާތްތަކެއްވެސް ކަނޑައަޅުއްވާފައިވެއެވެ.
މިސާލަކަށް މުރުތައްދުވާމީހާއަށް، މަރުގެ އަދަބު ދިނުމާއި، މީހެއްގެ ފުރާނައަށް ގެއްލުންދޭ މީހާގެ ކިބައިން ޤިޞާޞްހިފުމާއި، މީހުންގެ މުދާވަގަށް ނަގާމީހާގެ އަތްކެނޑުމާއި، ޤަޛްފުކުރާމީހާ އަށްޑިހަ އެތިފަހަރު ޙައްދު ޖެހުމާއި، އޭނާގެ ހެކިބަސް ޤަބޫލު ނުކުރުމާއި، ޒިނޭކުރާމީހާ އަށް ޙައްޤުވާ އަދަބު ދިނުމާއި، ރާބޯ މީހާ ސާޅީސް އެތިފަހަރުން ޙައްދު ޖެހުމާއި، މިފަދަ ޢުޤުބާތްތައް ވަނީ ކަނޑައަޅުއްވާފައެވެ. އަދި މިނޫނަސް ކުއްތަކަށް އަރައިގަންނަ މީހުންނަށް އަދަބުދީ ތަޢްޒީރުކުރުމުގެ ޙައްޤު ޙާކިމަށް ދެއްވާފައިވެއެވެ.
ކުޑަކުދީންނަށް އަދަބުދީ ތަރުބިޔަތު ކުރުމުގައި އިސްލާމްދީން ދައްކަވާފައިވާ މަގުކުޑަކުދިންނަށް އަދަބުދީގެން ތަރުބިޔަތުކުރުމުގައި އެކުދީންނާ މުޢާމަލާތް ކުރަން ޖެހޭނީ ބޮޑެތިމީހުންނާ މުޢާމަލާތްކުރާ ގޮތަކަށް ނޫނެވެ. ކުޑަކުދިންނާ މުޢާމަލާތް ކުރުމަށް މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް މަތިވެރި އުޞޫލުތަކެއް ކަނޑަ އަޅުއްވާފައިވެއެވެ . އޭގެތެރޭގައި :
1- އޯގާތެރިކަމާއި ލުއިފަސޭހަގޮތް ބޭނުންކުރުން ކީރިތި ރަސޫލާ ވިދާޅުވެފައިވެއެވެ. '' ތިބާގެ މައްޗައްވަނީ އޯގާތެރިކަމާއެކު މުޢާމަލާތްކުރުމެވެ. ހުތުރުބަސް ބުނުމާއި، ހަރުކަށިކަމުން އެއްކިބާވާށެވެ. ''
2- ކުއްޖާގެ ޠަބީޢަތަށް ބަލައި މުޢާމަލާތްކުރުން ކުދީންގެ ތެރޭގައި ތަފާތު މިޒާޖުގެ ކުދީންނާއި، ޞިއްޙީގޮތުން ތަފާތު ކުދިން ތިބޭނެކަން ކަށަވަރެވެ، މިހެންކަމުން އެކުދީންގެ ޠަބީޢަތް ރިޢާޔަތްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އިސްލާމްދީނުގައި އަދަބުދިނުންވަނީ، ދެން އެކަމުގައި އެހެންގޮތެއްނެތުމުންނެވެ. ތަރުބިއްޔަތުގެ ޢިލްމުވެރިން ކަމުގައިވާ، އިބުނު ސީނަޢާއި، އަލްޢަބްދަރީއާއި، އިބުނު ޚަލްދޫން ވިދާޅުވަނީ ، އެއްގޮތަކަށްވެސް ތަރުބިއްޔަތުކުރާ މުރައްބީ، ވަރަށް ޟަރޫރީ ޙާލަތެއްގައިނޫނީ އަދަބު ދީގެން ނުވާނެކަމުގައެވެ. އަދި ކުއްޖާގައިގައި ކުއްލިގޮތަކަށް ޖަހައިގެން ނުވާނެކަމަށެވެ. އޭނާއަށް އޭނާގެ ސިކުނޑިއާގުޅޭކަހަލަ އިންޒާރެއްދީ ނަފްސާނީގޮތުން ތައްޔާރުކުރަން ޖެހޭނެކަމުގައި މި ބޭފުޅުން ވިދާޅުވެފައިވެއެވެ.
3- ޢުޤުބާތްދިނުމުގައި ފުރަތަމަ ލުއިގޮތެއްގައި ހިފުން އެއަށްފަހު އުދަގޫ ގޮތަށް ދިއުން. މިހެންމިދައްނަވަނީ ކުއްލިގޮތަކަށް އެކުއްޖާއަށް ތަޙައްމަލް ނުކުރެވޭ ފަދަ އަދަބެއްދެވިއްޖެނަމަ އޭނާއަށް ގެއްލުމެއްވެދާނެކަމުގައެވެ.
ތަރުބިޔަތުކުރުމުގައި ކީރިތި ރަސޫލާ ގެންގުޅުއްވި އުޞޫލުތައް
1- އޯގާތެރިކަމާއެކު ކުށަށް އިޝާރާތްކުރެއްވުން.
2- އިޝާރާތުން އެއީ ގޯހެއްކަން ބުނެދެއްވުން.
3- އެއީ ކުށެއްކަން ބަޔާންކުރެއްވުން.
4- ކުށްކުރާމީހާ އާއި ވަކިމުއްދަތަކަށް ގުޅުން ކަނޑާލުން، މިސާލަކަށް، އެއްވެސް އުޒުރަކާ ނުލައި ތަބޫކު ހަނގުރާމައަށް ނުގޮސް، މަޑުކުރިމީހުންނާއި މެދު ކަންތައް ކުރެއްވި ގޮތް.
5- ބިރުވެރި ވަޢްޟުގެ ބޭނުން ކުރެއްވުން.
އަދަބު ދިނުމުގެ ޝަރުޠުތައް
1- ހުރިހާ ވަސީލަތެއްގައި ހިފައި ކާމިޔާބެއް ނުލިބުމުން މެނުވީ އަދަބު ނުދިނުން
2- ރުޅިއައިސްފައި ހުރެ ނުޖެހުން
3- ގެއްލުމެއްލިބިދާނެފަދަ ތަނެއްގައި ނުޖެހުން
4- ތަދުނުވާގޮތައް ޖެހުން
5- ފުރަތަމަ ކުށްކޮށްފިނަމަ، އޭނާ އިޞްލާޙުވާން ފުރްޞަތު ދިނުން
6- ތަރުބިއްޔަތުކުރާ މީހާ އަމިއްލައަށް ކުރުން
7- އިންޒާރުދިނުން، މިއީ ޤުރްއާނުގައި ވަރަށް ގިނައިން ބަޔާންކުރައްވާފައިވާ އުސްލޫބެކެވެ. ތިރީގައި އެވަނީ އެ އުސްލޫބު ބޭނުން ކުރެވިފައިވާ ބައެއް އާޔަތްތަކެވެ.
ތަރުބިޔަތު ކުރާމީހާގެ ގައިގައި ހުންނަންޖެހޭ ސިފަތައް
1- އިޅްލާޞްތެރިކަން
2- ތަޤްވާވެރިކަން
3- ތަޢުލީމު
4- ޙިލްމުވެރިކަން
5- ޙިކުމަތްތެރިކަން
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ކުއްޖާއަށް ރީތި ނަމޫނާ ދެއްކުމުގެ ސަބަބުން، އެންމެ ފަސޭހައިން ރަނގަޅުގޮތުގައި ތަރުބިޔަތުވާނެއެވެ. އަދި ކަންތައްތަކަށް އާދަކުރުވައި ތަރުބިޔަތުކުރުމުން އޭނާގެ ސުލޫކާއި ތަރުބިޔަތަށް ވަރަށް އެކަށީގެންވާ ބަދަލު އަންނާނެއެވެ. އަދި އޭނާ އަށް ވަޢްޡު ދީ ނަސޭހަތްތެރިވުމުން ހެޔޮގޮތްތައް ވިސްނޭނެއެވެ. އޭނާއާއި ސަމާލުވެ ބެހެއްޓުމުން، އޭނާ މަގުފުރެދިގެ ނުދާނެއެވެ. އޭނާއަށް އަދަބު ދީ ހެދުމުން، ނުބައި ސިފަތަކުން ދުރުވާނެއެވެ. މާތް ﷲ އާއި ވަކީލު ކޮށް މިގޮތަށް އަޅުގަނޑުމެންގެ ދަރީން ތަރުބިއްޔަތު ކުރަމާހިނގާށެވެ! މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ތަފްފީޤް ދެއްވާށިއެވެ! – އާމީން

ފޭސްބުކްގައި ޝެއަރ ކުރައްވާ

4 comments:

  1. maa dhigu.. kihiney thihaa dhigu eche kiyaanee? anyways good article. i read some here and some there. so next time please kurukon liuvvan aadhakuravvaathi! sahaabaain hajjathul vadhaauge huthubaa handhaan huri kamavvanee e huthubaa ge kuru kamun...

    ReplyDelete
  2. ވަރަށް ވެސް ފުރިހަމަ ލިޔުމެއް.

    ReplyDelete
  3. warah wes furiham liyumeh.kiyawai dhinumuge gadheemee mafhoom akee koba?

    ReplyDelete
  4. maa bodah dhigee..... ekam varah rangalhu

    ReplyDelete