1.13.2010

އިސްލާމުންގެ ކައިވެނި ވަލީމާ

އަލްއުޚްތު އުއްމު ޙަނީން
މުސްލިމުންގެ ކައިވެނި ވަލީމާތައް ބާއްވަންޖެހޭނީ އިސްލާމްދީނުގައި އަންގަވާފައިވާ ހަމަތަކާއި އުޞޫލުތަކަށް ފެތޭގޮތަށެވެ. އެއީ ދީނުގައި ނަހީކުރައްވާފައިވާ ހުރިހާ ކަމަކުން ދުރުހެލިވެގެންނެވެ.

ނަމަވެސް ދިވެހި މުޖްތަމަޢުގައި ކައިވެނިކުރާ ވަރަށް ގިނަމީހުން އެކަންކަމަށް އެއްވެސް ސަމާލުކަމެއް ދޭތަނެއް ނުފެނެއެވެ. މިއީ ވަރަށް ދެރަކަމެކެވެ.

ކައިވެންޏަކީ ވަރަށް މާތް ގުޅުމެއްގެ ބިންގަލެވެ. އޭގެ ސަބަބުން މުޖްތަމަޢަށް ތާޒާކަމާއި އާރޯކަން ގެނެސްދޭނެ އެތައް މޭވާތަކެއް އަޅާނޭ ގަހެކެވެ. އެހެންކަމުން މިފަދަ ގުޅުމެއްގެ ފެށުން ބިނާވެފައި އޮންނަންވާނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ނިވަލުގައި ތިބެގެން އެފަރާތަށް އުރެދޭ އެންމެހާ ކަންތައްތަކުން ދުރުހެލިވެ، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގެ ރިވެތި ނަމޫނާގެ މައްޗަށެވެ.

ިވެހި މުޖްތަމަޢުގެ ގިނަ ވަލީމާތަކަކީ މިއަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށްވުރެ ބޮޑަށް އިސްލާމްދީނުގެ ޢަދުއްވުން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންގެ އެފަދަ ޙަފްލާތަކާ ކައިރި ޙަފްލާތަކެކެވެ. އިސްލާމީ ޘަޤާފަތާ ބީރައްޓެހި ވަރަށް ގިނަ ކަންތައްތަކެއް ކައިވެނީގެ ވަލީމާގެ ތެރެއަށް ވަދެ އެފަދަ ކަންތައްތަކަކީވެސް ދިވެހީންގެ އާދަކާދަތައް ކަމުގައި ބައެއްމީހުން ޤަބޫލުކުރަން ފަށައިފިއެވެ. އެގޮތުން ޚާއްޞަކޮށް އަންހެނުން ރީތިވުމަށްޓަކައި ހިލޭ ފިރިހެނުން މަސައްކަތްކުރާ ސެލޫން ފަދަ ތަންތަނަށް ދިޔުމަކީ މިފަހަކަށްއައިސް ވަރަށް ޢާއްމުކަމެކެވެ. އަދި ފާޑުފާޑުގެ ގޮތްގޮތަށް އިސްތަށިގަނޑު ސުޓައިލްކޮށްހެދުމާއި، ބުމަ ހެދުމުގެ ގޮތުން ފާޑު ފާޑުގެ ކޫރުޖެއްސުމާއި، ބުމައިގެ އިސްތަށިބާލާ ހެދުމާއި، ޓެޓޫ ޖެހުމާއި ނަކަލީ އިސްތަށިގަނޑެއް ޖެހުމާއި، އަދިވެސް ވަރަށްގިނަ މިފަދަ ދީނާ ޚިލާފު ކަންތައްތައް ވަރަށް ގިނަ މީހުން ދަނީ ކުރަމުންނެވެ.
މިއީ ޙަރާމްކަންތައްތަކެއްކަން ބަޔާންކުރައްވައި ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީތް ކުރެއްވިއެވެ.
"عبد الله بن مسعود رضي الله عنه ގެ އަރިހުން مسلم ރިވާކުރެއްވިއެވެ. ((لَعَنَ اللَّهُ الْوَاشِمَاتِ وَالْمُسْتَوْشِمَاتِ وَالنَّامِصَاتِ وَالْمُتَنَمِّصَاتِ وَالْمُتَفَلِّجَاتِ لِلْحُسْنِ الْمُغَيِّرَاتِ خَلْقَ اللَّهِ)) މާނައީ: " ޓެޓޫ ޖަހާ މީހާއާއި ޓެޓޫ ޖަހުވާ މީހާ، އަދި ބުމަހަދާ މީހުންނާއި ބުމަ ހަދުވާ މީހުން، އަދި ޒީނަތްތެރިކަމަށް ޓަކައި ދަތް ހަދާ މީހުންނާއި ﷲގެ ޚަލްގު ބަދަލު ކުރާ މީހުނަށް ﷲ ލަޢުނަތް ލައްވާށިއެވެ." އަދި އެއަށް ފަހު ވިދާޅުވިއެވެ. އިތުރުއެކަލޭގެފާނު އެބައިމީހުނަށް ލައުނަތް ލެއްވިއެވެ."
ބުމަ ހަދައިދޭމީހާއި ބުމަ ހަދާމީހާ އެކުރަނީ ބޮޑުވެގެންވާ ފާފައެކެވެ. އަދި ވަލީމާގައި ލާ ޚާއްސަ ހެދުމަކީ އަންހެނާގެ ޒީނަތްތެރިކަން އިތުރަށް ދައްކައިދޭ އަދި އެހާމެ ގިނަ ޚަރަދެއް ކޮށްފައިވާ ގިނައަދަދެއްގެ ފައިސާ ބޭކާރު ކޮށްފައިވާ ހެދުމަކަށްވާނަމަވެސް އެއީ އިސްލާމްދީން ކުރުމަށް އަންގަވާފައިވާ ކަންތައްތަކުން ބޭރުވެ، އަމިއްލަ ނަފްސުގެ އަގު މީހުންގެ ކުރިމަތީގައި ހާމަކުރުމަށްޓަކައި ނުވަތަ ތިމާގެ މުއްސަނދިކަން ނުވަތަ ރީތިކަން އެހެންމީހުންނަށް ދެއްކުމަށްޓަކައި ކުރެވޭ ކަމެކެވެ. އަދި ބޮޑުވެގެންވާ އިސްރާފެކެވެ. އިސްރާފުކުރުމަކީ އިސްލާމްދީން ނަހީކުރައްވާފައިވާ ކަމެކެވެ.
ފިރިހެނުންނަށް ކުރެވޭ ޙަރާމްކަންތައްތަކުގެ ތެރޭގައި ކައިވެނިވަލީމާއަށް ތައްޔާރުވުމުގެ ގޮތުން ތުނބުޅި ބާލައި އިތުރަށް ރީތިވުމަށްޓަކައި މަސައްކަތްކުރުމާއި ފޭރާން ފައިގެ ތަނބިކައްޓަށްވުރެ ތިރީގައި ބެހެއްޓުން ހިމެނެއެވެ. މިއީ ހައްތަހާވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި ޚިލާފު ޢަމަލުތަކެވެ. މިފަދަ ޢަމަލުތަކުން އެއްކޮށް ދުރުވެގެން މެނުވީ އަޅުގަނޑުމެންނަށް ދީނަށް އެންމެ ފުރިހަމަގޮތުގައި ޢަމަލުކުރާ ބަޔަކަށް ނުވެވޭނެއެވެ.
ކައިވެނި ވަލީމާގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންނަށް ކުރެވޭ ބައެއް ޙަރާމް ކަންތައްތައް
1. އަންހެނުނާއި ފިރިހެނުން މަސްހުނިވުން: މިކަމުގެ ސަބަބުން ކުރެވޭ ޢަމަލުތަކުގެ ތެރޭގައި ހިލޭ އަންހެނުންނާއި ފިރިހެނުން އަތާއަތް ޖޯޑުކޮށް ސަލާމްކުރުން، އަދި އަންހެނުންނާއި ފިރިހެނުން އެކީގައިނެށުން، މިއީ މުޅިންވެސް ޙަރާމް ކަންތައްތަކެވެ. އަދި މިފަދަ މަސްހުނިވުންތަކުގެ ސަބަބުން އަންހެނުންނާއި ފިރިހެނުން އެއްބަޔަކު އަނެއްބަޔަކަށް ބެލުމާއި، ފާޙިޝްކަންތައްތަކަށް މަގުފަހިވުން ހިމެނެއެވެ.
2. ފޮޓޯނެގުން: ދެ ޖިންސު މަސްހުނިވެގެން ވިޔަސް އަދި ވަކި ވަކިން ވިޔަސް ޟަރޫރީ ޙާލަތެއް މެދުވެރިވެގެން ފިޔަވައި ބޭކާރުގޮތުގައި ފޮޓޯ ނެގުމަކީ ދީނުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި ޙަރާމްކަމެކެވެ. އެހެންކަމުން އަހަރެމެންގެ މައްޗަށް އައުލާވެގެންވަނީ ދީނުގައި ހަރުކަށި ވައީދުގެ ބަސްފުޅު އައިސްފައި ހުރި މިފަދަ ކަންތައްތަކުން ދުރުހެލިވެ، އަހަރެމެންގެ ނަފްސުތައް ޠާހިރު ކުރުމަށްޓަކައި މަސައްކަތްކުރުމެވެ. އޭރުން "ޠާހިރު" ދިރިއުޅުމަކަށް މަގުފަހިވެގެންދާނެ ކަމާމެދު ޝައްކެއްނެތެވެ.
3. ރާބުއިމާއި އޫރުމަސް ކެއުން.
4. ލަވައާއި މިއުޒިކް ޖެހުން. ކައިވެނީގެ ޙަފްލާތަކުގައި މިއުޒިކްގެ ތެރެއިން ރަޞޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘުން ޘާބިތުވާގޮތުގައި ހުއްދަ މިންވަރަކީ ހަމައެކަނީ ތާރަ ބޭނުންކުރުމެވެ. އަދި ތާރަ ބޭނުންކުރިކަމުގައިވިޔަސް ދެޖިންސުގެ މީހުން މަސްހުނިކޮށް ލަވަ ކިޔުމާއި މަދަޙަ ކިޔުން ފަދަ ކަންތައްތަކީ ހުއްދަކުރެވޭނޭ ކަންކަމެއްނޫނެވެ.
5. އަންހެނުންގެ ތެރޭގައިވެސް އަންހެނުން މާ ގަޔަށްބާރު ނުވަތަ މާ ކުރުހެދުން އެޅުން. އަދި ޚާއްޞަކޮށް ޒީނާތްތެރިކަން މާބޮޑަށް ފާޅުވާގޮތަށް ހުންނަ ހެދުންތަކާއި، ޕާރޓީއަށް ދިޔުމަށްޓަކައި ވަކި ކުލައެއްގެ ހެދުން މިސާލަކަށް ރަތްކުލައިގެ ހެދުންލުމާއި، ނިވާކަން ކުޑަކޮށް ހެދުން އެޅުމަކީ އަހަރެމެން އެކަންކަމުން ދުރުހެލިވާންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
6. ކައިވެނި ވަލީމާގައި އިސްރާފު ކުރުމާއި ދެއްކުންތެރިކަން ހިމެނިގެން ނުވާނެއެވެ. އެއީވެސް މާތްﷲ ގެ ރުއްސެވުމުން މަޙުރޫމު ވެދާ ފަދަ ވަރަށް ނުބައި ޢަމަލެކެވެ.
7. ކައިވެނިކުރެވޭ ދެމީހުންގެ އިނގިލީގައި ކައިވެނިކުރުމުގެކުރީން ދެމީހުން ދެމީހުންނަށް އަނގޮޓި އަޅައިދިނުމަކީ ވެސް ޙަރާމްކަމެކެވެ. މިކަން ބައެއް މީހުންކުރަނީ ދެމީހުން ދެމީހުންގެ ދެމެދުގައި އޮންނަ ލޯބި އެކަމުގެ ސަބަބުން އިތުރުވާނެ ކަމަށް އެމީހުންނަށް ހީކުރެވޭނެތީއެވެ. އެހެންނަމަވެސް އެއީ ކުށްހީއެކެވެ. ދެމީހުންގެ ދެމެދުގައި ލޯބި ލައްވަވާ ފަރާތަކީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެހެންކަމުން ﷲ ސުބުހާނަހޫ ވަތަޢާލާ އަހަރެމެންގެ ރަސޫލުﷲ ޞައްލަﷲ މެދުވެރިކުރައްވައި އެކަންކަމާ ދުރުހެލިވުމަށް އެންގެވި ކަންތައްތަކުގެ ތެރޭގައި ޔަހޫދީންނާއި ނަޞާރާއިންނާ ވައްތަރުވުން ހިމެނެއެވެ. އެހެންކަމުން ﷲ ގެ އަށް އުރެދުމެއްވާ މިފަދަ ކަންކަމުގައި އެއިލާހުގެ ރަޙުމަތް އަހަރެމެންނަށް ލިބޭނީ ކޮންފަދައަކުންތޯއެވެ؟

ކައިވެނި ކުރެވޭ ދެފަރާތަށްވެސް އެނގެންޖެހޭ މުހިންމުކަމަކީ އިސްލާމް ދީނުގައިވާ ގޮތްތަކަށް ކިޔަމަންތެރިވެގެން އެކައިވެންޏެއް ކުރިޔަށް ގެންދާނަމަ ބޮޑަށް އެކައިވެންޏެއްގައި ބަރަކާތް ލައްވާނެކަމެވެ. އަދި ދިރިއުޅުމުގައި ޖެހޭ މައްސަލަތައް ކުޑަވާނެ ކަމެވެ. ޙަރާމް ކަންތައްތަކާއި އެކު ﷲގެ އަމުރުފުޅުތަކާއި ޚިލާފްވެފައިވާ ކައިވެންޏަކުން ފެށި ދިރިއުޅުމެއް ކައިވެންޏަށްފަހު ކާމިޔާބުވާނެހެއްޔެވެ؟ ވަރަށްގިނަ ކައިވެނިތައް ޙަރާމްކަންތައްތަކުން ފެށުމުގެ ސަބަބުން ދުވަސްކޮޅަކުން ރޫޅިފައި ވެއެވެ. އެތައް ހާސް ރުފިޔާ ޚަރަދުކޮށްފައި ވަލީމާތައް ބާއްވާފައި ހަފްތާއެއްގެ ތެރޭގައިވެސް ކައިވެނިތައް ރޫޅިފައި އެބަހުއްޓެވެ. އެއްވެސް އިޚްލާޞްތެރިކަމެއް ނެތި ދެއްކުންތެރިކަން ކުރިޔަށް ނެރުމުގެ ސަބަބުން ނުކުންނަ ނަތީޖާ މިހިރީއެވެ. ދިވެހިބަހުގެ މުހާވިރާއެއްގައި ވާފަދައިން ކައްޗަށް އެޅި ބިންގަލެއް ކެއްޗާއި ހަމަޔަށް ނެގިޔަސް އޮންނާނީ ކައްޗަށެވެ. ވީމާ ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާ އުސޫލުން ރައްކާތެރިވުން ބުއްދިވެރިއެވެ.
ކައިވެނި ވަލީމާތައް ބޭއްވުމުގައި ﷲ އަށް ބިރުވެތިވާށެވެ. ޙަރާމް ކަންތައްތަކުން ސަލާމަތްވެފައިވާ ވަލީމާއަކަށް އެވަލީމާހަދާށެވެ. މާތްﷲ ގެ ރުއްސެވުން އެ ދެކަނބަލުންނަށް ލިބޭނެއެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment:

  1. ވަރަށް ރަނގަޅު ވާހަކައެއް. މިއީ ހޭލުންތެރި ކުރުވަން ޖެހިފައިވާ ކަމެއް. މިހާރު ކައިވެނިތައް މިއޮތީ އަނެއް ކޮލަށް ގޮސްނިމިފަ. އިސްލާމީ ކައިވެންޏެއް ހަމަ އެއްގޮތަކަށްވެސް ނުފެނޭ. ގިނަ ކުދިން ބޮޑު ޚަރަދު ކޮށްފައި ދަރުބާރުބޭގައި ދުނިޔޭގެ ފެންވަރުގެ ޕާރޓީތައް ބާއްވަނީ. ދެދުވަސްނުވޭ ކައިވެނި އޮންނަނީ ރޫޅިފަ.

    ReplyDelete