1.31.2010

ޙަޤީޤީ ލޯތްބާއި މެދު ...

ޑރ. އިބްރާހީމް ޝިހާމް
ވަރަށް ފިނި ރެއެކެވެ. ޖެހެމުންދާ ވަޔާއި އެކު ގަނޑުފެން ކޮޅުކޮޅު އަންނަހެން ހީވާހާވެސް ވައިގެ ފިނިކަން ގަދައެވެ. ޚުރާސާނުގެ ކުޑަކުޑަ ޖިފުޓިގަނޑެއްގައި އަވަހާރަފުޅުލައްޕަވާން އޮންނެވީ މަޝްހޫރު ފަލްސަފާ ވެރިއެއް އަދި ބޭސް ވެރިއެއް ކަމަށްވާ އިބްނު ސީނާއެވެ. ހަމަ އެކޮޓަރީގެ ތެރޭގައި އޭނާ ޚާދިމެއްގެ ގޮތުގައި ގެންގުޅުއްވާ ކުއްޖަކުވެސް އޮތެވެ. އިބްނު ސީނާގެ ކަރުހިއްކުން ބޮޑުވެ ފެންފޮދެއް ގެނެސް ދިނުމަށް ޚާދިމް (އަބްދުﷲ) އަށް ވިދާޅުވިއެވެ. ޢަބްދުﷲ އޮތީ އެއްގޮތަކަށްވެސް އެނދުން ތެދުވާ ހިތެއްގައެއް ނޫނެވެ. ވީމާ ނިދާފައި އޮތްކަމަށް ހެދިގެން އޮތީއެވެ. ދެވަނަ ފަހަރަށް ވިދާޅުވުމުންވެސް އަޑުއިވޭކަމަކަށް ނުހެދިއެވެ. މިގޮތަށް އެތައް ފަހަރަކު ވިދާޅުވުމުން ހިތާއި ދެކޮޅަށް ތެދުވެ ޢަބްދުﷲ، އިބްނު ސީނާއަށް ފެންގެނެސްދިނެވެ.

ކުޑައިރުކޮޅެއް ފަހުން ޖައްވު ތެރެ ފުރިގެން ދިޔައީ ބަންގީގެ އަޑުންނެވެ. މި އަޑު އިވިވަޑައިގަތުމުން އަދި އަވަހާރަފުޅު ނުލައްޕަވާ އޮންނެވި އިބްނު ސީނާ ވިސްނަވަން ފެއްޓެވިއެވެ. ބަންގި ގޮވާ މީހާއާއި މެދުގައެވެ. އިބްނު ސީނާ ހިތަށް އަރާ ވަޑައިގަތެވެ. އަހަރެން ޚާދިމް ޢަބްދުﷲ އަކީ އަހަރެންނަށް ވަރަށް ޤަދަރުކުރާ އެހާމެ އަހަރެންދެކެ ލޯބިވާ މީހެކެވެ. އޭނާ އެހުންނަނީ އަބަދުމެ އަހަރެންނަށް ތަޢްރީފް ކޮށްކޮށެވެ. އަދި އަހަރެންނަށް ކަމެއް ކޮށްދޭން ފުރުޞަތަކަށް އޭނާ ހުންނަނީ އަބަދުމެ ބަލަބަލައެވެ. ނަމަވެސް މިރޭ ....، މިރޭ އޭނާ އަހަރެން ބޭނުން ފުއްދާދިނުމަށް ވުރެ އެ އިސްކަން ދިނި އޭނާގެ އަމިއްލަ އަރާމަށެވެ. އަނެއްކޮޅުން ބަންގި ގޮވާ އަޅާގެ ޙާލަކީ ކޮބައި ބާވައެވެ؟ މިއޮށް ފިނި ގަދަރޭ އޭނާގެ ހޫނު ތަންމަތީގެ އަރާމު ދޫކޮށް އޭނާ އެއައީއެވެ. ގަނޑުފެން ފަދަ ފިނި ފެނުން ވުޟޫ ކޮށްގެން އުސް މުންނާރަކަށް އަރާހުރެ އޭނާ ހަޤީޤަތުގައިވެސް ލޯބިވާ ފަރާތުގެ މާތްކަން ބަޔާންކޮށް ހެކިދެނީއެވެ.
ﷲ ފިޔަވައި ހައްޤު ގޮތިގައި އަޅުކަން ވެވޭ އިލާހަކު ނެތްކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ﷲގެ އަޅާކަމަށާއި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ.
އިބްނު ސީނާ ލިޔުއްވާފައިވެއެވެ. "ޙަޤީޤީ ލޯތްބަކީ ކޮބައިކަން މިރޭ އަހަރެންނަށް އެނގިއްޖެއެވެ. ފަހެ ފުރިހަމަ ލޯތްބަކީ ހުރިހާ ޙާލެއްގައިވެސް އަމިއްލަ ހިތް އެދޭ ގޮތް ފިޔަވާ އެ ލޯބިވާ ފަރާތުގެ އަމުރަށާއި އެދުމަށް ކިޔަމަންވުމެވެ." އާދޭހެވެ. ދިރި އުޅުމުގެ މި ހަލަބޮލި ކަމުގެ ތެރޭގައި ހޭބޯނާރާ، އެއްވެސް އަރާމެއް ނެތި އުޅެމުން ކުޑަ ހިނދު ކޮޅަކަށްވެސް ހުއްޓި ހުރެ ޤިބުލައަށް ކުރިމަތިލައިގެން ވަސްވާސްތަކާއި ޚިޔާލުތައް ހިތަށް ވަނަނުދީ ނަމާދު ކުރުމަކީ "އުނދަގޫ" ކަމެކެވެ. އަދި އެފަދަ ބުރަ ދުވަހެއް ހޭދަ ކުރުމަށް ފަހު އެނދުގައި ހަމަ ޖައްސާލާ ލޯމަރާލެވޭ ތަނާ އެއިވޭ ބަންގިއަށް އިޖާބަދީ ނަމާދަށް އެނބުރިގަތުންވެސް އެއީ "ފަސޭހަ" ކަމެއް ނޫނެވެ.
މިދެންނެވި ކަންތައްތައް ބައެއް މީހުންނަށް ފަސޭހަވެ އަނެއްބައި މީހުންނަށް އުނދަގޫވަނީ ކީއްވެ ބާއެވެ؟ ބައެއް މީހުންނަށް ކޮންމެ ޙާލަތެއްގައިވެސް ކުރަންޖެހޭ އަޅުކަންތައް ނުކޮށް ހުރުމަށްވުރެ އެއަޅުކަމެއް ކުރަން ފަސޭހަވަނީ ކިހިނެއްބާއެވެ؟ މަތީގައި ދައްނަވާލެވުނު ވާހަކައަކީ މި ސުވާލުތަކުގެ ފުރިހަމަ ޖަވާބަށް ނުވިނަމަވެސް ކޮންމެވެސް ވަރެއްގެ އައްޔެއް މިކަމަށް އަޅުވާލަދޭ ވާހަކައެވެ. ތިމާ އިސްކުރަނީ ކޮންފަރާތެއްގެ ލޯތްބެއްތޯއެވެ؟ ހައްދަވައި ދުނިޔެއަށް ފޮނުއްވާ ގިނަގުނަ ނިޢުމަތްތައް ދެއްވާ ތެދުމަގު ދެއްކެވި ﷲ ދެކެވާ ލޯބިތޯއެވެ؟ ނޫނީ އަމިއްލަ ހަށިގަނޑަށް ވަގުތީ އަރާމާއި އުފާ ލިބުމަށް ކުރާ ލޯބިތޯއެވެ؟
މެންދަމުން އަލިވެއްޖެއެވެ. އޮފީހުން ކުރަން ޙަވާލުކޮށްފައިވާ މަސައްކަތް ހަމަ ގާތްގަނޑަކަށް ނިމުނީއެވެ. "ބޮސް" ވަރަށް އުފާވާނެއެވެ. ވަފާތެރިކަމާއި މަސައްކަތަށް ބަހައްޓާފަރުވާ ރަމްޒު ކޮށްދޭކަމަކަށް ނޫނީ މިކަން ވެގެނެއްނުދާނެއެވެ. ހަމަގައިމުވެސް ގިނަވާނީ "ޑެޑް ލައިން" އަށް މަސައްކަތް ނުނިންމޭ މީހުންނެވެ. މި ޚިޔާލުތައް ވަނުމުން ހިތަށް ލިބުނު ހަމަޖެހުން އަދި އިހުނަށްވުރެ ބޮޑުވެއްޖެއެވެ. ލޮލަށް އަންނަމުންދާ ނިދި ގަދަވެއްޖެއެވެ. ގަޑި ބަލައިލައިފީމެވެ. ހަތަރެއް ޖަހައިފިއެވެ. އަދި ދެތިން ގަޑި ނިދާލާފައި އޮފީހަށްދެވޭހާ އިރު އެބަހުއްޓެވެ. އަސްތާއެވެ! ބައިގަޑިއިރެއްހާ އިރުތެރޭގައި ނަމާދަށް ގޮވާނެއެވެ. މިހާރު ނިދައިފިއްޔާ ހަމަ ގައިމުވެސް ނަމާދުގެ ވަގުތު ގެއްލޭނެއެވެ. އެކަމަކު އަންނަނީ ހާދަހާވާ ގަދަ ނިންޖެކެވެ. އަދި ބައިގަޑިއިރު އެބައޮތެވެ. ހަދާނީ ކިހިނެއްބާއެވެ؟ .... އަހަރެމެންނަށް ހަޤީޤީ ނަފާހުރީ ކޮން ގޮތެއްގައިކަން ދެނެގަނެ އެގޮތުގެ މަތީން ޢަމަލު ކުރުމުގެ ހެޔޮ ނަސީބު ލިބިގެންވާ ބައެއްކަމުގައި ލައްވާށިއެވެ. އާމީން

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment