2.02.2011

ޙައިޟު ފަސްކުރުމާއި މަނާކުރުން

އައްޝައިޚް އިބްރާހިމް ރަޝީދު މޫސާ
ތަފާތު ސަބަބުތަކަށްޓަކައި އަންހެނުން، އެ ކަނބަލުންގެ ޙައިޟުވުން (ނުވަތަ މައްސަރު ކަންތައް) ފަސްކުރަން ނުވަތަ ވަގުތީގޮތުން ހުއްޓުވާލުމަށް މަސައްކަތްކުރާތަން ފެނެ އެވެ. އެކަނބަލުން މިކަންތައްކުރަނީ؛

1. ރަމަޟާންމަހުގެ ހުރިހާދުވަހެއްގައި ރޯދަހިފުމަށްޓަކައި ކަމުގައި ވެދާނެއެވެ.
2. ޙައްޖުގެ ދުވަސްވަރުގައި ޙައްޖުގެ ހުރިހާ ފަރްޟުތަކެއް އަދާކުރުމަށްޓަކައި ކަމަށް ވެދާނެ އެވެ.
3. ކައިވަނިކުރަން އެދޭ އަންހެނަކު ކައިވަނިކުރާތަނާ ޙައިޟުވެދާނެތީ، ކައިވެނީގެ އަލަތުކޮޅުގައި އެކަން ފަސްކުރަން ބޭނުންވުން ކަމަށް ވެދާނެ އެވެ.
4. ޢިއްދާގައި އިންނަދުވަސްވަރު ޚަރަދުދޭންޖެހޭ އަންހެނަކު ވަރިކުރިމީހާ އަށް ގެއްލުމެއް ދިނުމަށްޓަކައި ޢިއްދާގެ މުއްދަތު ދިގުކުރަންވެގެން ޙައިޟު ލަސްކުރަން ބޭނުންވެދާނެ އެވެ.

ޙައިޟު މަނާ ކުރުމުން ލިބިދާނެ ގެއްލުންތައް
ޙައިޟަކީ ޢިލްމުވެރިން ވިދާޅުވާގޮތުގައި އަންހެނަކު ޞިއްޙަތު ސަލާމަތުން ހުރިކަން އަންގައިދޭ ޠަބީޢީ ލެއެކެވެ. ޠަބީޢީގޮތުން ހިނގާ އެއްވެސްކަމަކަށް ހުރަސްއެޅުމަކީ އެކަމުގެ ސަބަބުން ގެއްލުންތަކެއްކޮށްފާނެ ކަމެކެވެ. ރަށްރަށުގައި ފަޅުފުންކުރުމާއި ތޮށިލުމުގެ ސަބަބުން އޮއިވަރުގެ ހިނގުމަށް ބަދަލުއާދެ އެވެ. ރަށް ގިރާތަންއާދެ އެވެ. ހަމަ އެފަދައިން ހިސާބަށްވުރެ ބޮޑަށް ގަސްތައް ކެޑުމުން ބިން ސަހަރާވެ، ޖައްވުގެ ހޫނުކަން އިތުރުވެ އެވެ. އެހެންކަމުން ޙައިޟު މަނާކުރުމަކީ ނުވަތަ ފަސްކުރުމަކީ، އެކަމުގެ ސަބަބުން އަންހެނާގެ ހަށިގަނޑަށް ގެއްލުންތަކެއް ކޮށްފާނެކަމެކެވެ. ނަމަވެސް މި ގެއްލުމުގެ އަސަރު އެކިއަންހެނުންނަށް ކުރާނީ އެކި މިންވަރަށެވެ. މިކަމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުގެ ތެރޭގައި މި އަންނަ ކަންތައްތައް ފާހަގަކުރެވެ އެވެ.

1- ޙައިޟު މަނާކުރުމަކީ ނުވަތަ ފަސްކުރުމަކީ ފިޠުރަތާ ޚިލާފުކަމެކެވެ. ޙައިޟުވުމަކީ، މާތްﷲ އަންހެނާގެ ޠަބީޢަތުގައި ލައްވާފައިވާ ކަމެކެވެ. އަންހެނާ އަށް އޮތީ ﷲގެ ޙަޟްރަތުން މި ކަމަށް ސަވާބު އަދައި ކެތްތެރިވުމެވެ.
2- ޙައިޟު މަނާކުރުމުގެ ސަބަބުން ނުވަތަ ފަސްކުރުމުގެ ސަބަބުން އަންހެނާގެ މައްސަރު ކަންތައް ގަނޑުބަޑުވެދާނެ އެވެ. އެހެން ވެއްޖެނަމަ އޭނާ އަށް އުޅެންޖެހޭނީ ހާސްކަމެއްގެ ތެރޭގަ އެވެ. އޭނާގެ ނަމާދާ މެދު ޝައްކު އުފެދޭގޮތަށް އޭނާގެ ފިރިމީހާއާ އެކު ބާއްވަންޖެހޭ ގުޅުމާ މެދުގައި ވެސް ޝައްކު އުފެދިދާނެ އެވެ.
3- މިކަމުގެ ސަބަބުން ރަޙިމު ފާރުވެދާނެއެވެ.
4- މިކަމުގެ ސަބަބުން ކުރިމަގުގައި ލިބޭ ދަރިންގެ ހަށިގަނޑުން ޖިސްމާނީ އުނިކަންތައްތަކެއް ފެނިދާނެ އެވެ.
5- މިކަމުގެ ސަބަބުން ދަރިމައިނުވާމީހަކަށް އެ އަންހެނާ ވެދާނެ އެވެ.

ޙައިޟްފަސްކުރުމާއި އަވަސްކުރުމުގެ ޙުކުމް
އިސްލާމްދީނަކީ ލުއިފަސޭހަ ދީނެކެވެ. އެ ދީނުގައި އިންސާނަކަށް ބުރަވާ ފަދަ އެއްވެސް ކަމެއް ކުރަން އަންގަވާފައެއް ނުވެ އެވެ. އެހެންކަމުން ރަމަޟާން މަހު ރޯދަހިފަން ވެގެން ޙައިޟުގެ ލޭ ކަނޑުވާލުމުގެ ބުރަ އުފުއްލަން އަންހެނާއަކަށް ނާންގަވަ އެވެ. އެކަމަކު އޭނާއަށް އަންގަވަނީ ޙައިޟުގެ ސަބަބުން ގެއްލުނު ރަމަޟާންމަހުގެ ރޯދަތައް ފަހުން ޤަޟާކުރުމަށެވެ. ހަމައެފަދައިން ޙައިޟުގެ ދުވަސްވަރުގައި ނަމާދު ނުކުރެވޭތީ، ނަމާދު ކުރުމަށްޓަކައި ޙައިޟުނުވާގޮތް ހަދާކަށް ވެސް ނާންގަވަ އެވެ. ޙައިޟުގެ ދުވަސްވަރު ގެއްލޭ ފަރުޟުނަމާދުތައް ޤަޟާކުރާކަށް ވެސް ނުޖައްސަވަ އެވެ. އެއީ އެ ކަން ބުރަކަމަކަށް ވެދާނެތީ އެވެ.

މިހެންވެ އިސްލާމީ ފިޤްހުވެރިން އަޅުކަންކުރުމަށްޓަކައި ޙައިޟު ފަސްކުރުމާއި އަވަސްކުރުމާ ބެހޭގޮތުން ތަފްޞީލީގޮތަކަށް ވާހަކަފުޅު ދައްކަވައިފައެއް ނުވެ އެވެ. އިމާމު އަޙްމަދު ވިދާޅުވާގޮތުގައި ޙައިޟު ހުއްޓުވުމަށްޓަކައި އޭގެ ޚަބަރު އެނގޭބޭހެއް ބޭނުންކުރުމުގައި މަސްއަލައެއް ނެތެވެ.(1) އިމާމު މާލިކުގެ އަރިހުން ނަކަލުކުރެވިފައިވާ ބަސްފުޅެއްބުނާގޮތުގައި ޙައިޟުހުއްޓުވުމަށްޓަކައި ބޭސް ބޭނުންކުރުމަކީ މަނާކަމެކެވެ. މި ބަސްފުޅު ޝަރަޙަކުރައްވަމުން އިބްނު ރުޝްދު ވިދާޅުވެފައިވަނީ އެކަން މަނާކަމަކަށް ވާނީ އެކަމުގެ ސަބަބުން އޭނާއަށް ގެއްލުންލިބޭނެ ނަމަ އެވެ. (2)

މި ޒަމާނުގެ ދީނީޢިލްމުވެރީން ވިދާޅުވާ ގޮތުގައި އަންހެންމީހާއަށް ގެއްލުމެއް ނުލިބޭނަމަ މިފަދަ ބޭސްތައް ބޭނުންކޮށްގެން އަޅުކަންތައް އަދާކުރުމަށްޓަކައި ޙައިޟު ފަސްކުރުމަކީ ދީން މަނާކުރާކަމެއް ނޫނެވެ. ޙައިޟުގެ ލޭ ކަނޑުވައިލުމުން އެ އަންހެނާގެ މައްޗަށް ޠުހްރުގެ ޙުކުމްތައް ހިނގާނެކަމަށް ވެސް އެބޭކަލުން ވިދާޅުވެ އެވެ. ޠަވާފުކޮށް ނިމެންދެން ޙައިޟު ލަސްކުރުމަށްޓަކައި ބޭހެއް ބޭނުންކުރުމާ ބެހޭގޮތުން އިބްނު ޢުމަރަށް ސުވާލު ދެންނެވުމުން އެއީ ހުއްދަކަމެއްކަމަށް ވިދާޅުވި އެވެ. ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ދާއިމީސިފައެއްގައި ޙައިޟު ނުވާގޮތް ހެދުމަކީ ވެސް ހުއްދަކަމެކެވެ. އެކަމަކު މިކަމުގައި ޟަރޫރަތްތެރިކަމެއް ނެތްނަމަ، ޙައިޟު ގެ ލޭ ލަސްކުރުން ހުއްދަވެގެންނުވެ އެވެ. މީގެ އިތުރަށް މިކަން ކުރަންވާނީ އިތުބާރު ހުރި ޑަކްޓަރެއްގެ މަޝްވަރާ ހޯދައިގެންނެވެ. މިކަމުން އޭނާގެ ޞިއްޙަތަށް ގެއްލުމެއް ނުލިބޭނެ ނަމަ އެވެ.

މި މަސްއަލައަށް ބަލާއިރު އޭގައި ދެބައެއް ހިމެނެއެވެ.
1- ޙައިޟުގެލޭ ކެނޑުމުގެ މުއްދަތު ހަމަނުވަނިސް ލޭ ހުއްޓުވުމަށްޓަކައި އަންހެނަކު ބޭހެއް ބޭނުންކޮށްފިނަމަ އެ އަންހެނާ ޠާހިރުވާނެ ހެއްޔެވެ؟ ޙައިޟުގެ ސަބަބުން މަނާވި ކަންތައްތައް ހުއްދަވާނެ ހެއްޔެވެ؟
2- ޙައިޟުގެ ލޭ އައުމުގެ ވަގުތު ނުޖެހެނިސް ބޭހެއް ބޭނުންކޮށްގެން އެ ލޭ ނެރެފިނަމަ، މި ލޭ ޙައިޟަށް ވާނެ ހެއްޔެވެ؟ ޙައިޟުގެ ސަބަބުން ހަރާންވާ ކަންތައްތައް އޭރުން ހަރާންވާނެ ހެއްޔެވެ؟

ފުރަތަމަ ބައި
ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ޙައިޟުވުމަށް އާދަވެފައިވާ ވަގުތުގައި އެކަން ވިޔަނުދިނުމަށްޓަކައި ބޭހެއް ބޭނުންކޮށްގެން އެކަން ހުއްޓުވައިފި ނަމަ އެ އަންހެނާ ޠާހިރުކަމަށް ޙުކުމް ކުރެވޭނެ އެވެ. އިބްނު ކިނާނާ ވިދާޅުވާ ގޮތުގައި 8ދުވަހު ޙައިޟުވުމަށް އާދަހިފިފައިވާ އަންހެނަކު ތިންދުވަސްފަހުން ބޭހެއް ބޭނުންކޮށްގެން ލޭ ކަނޑުވާލައިފިނަމަ އެ އަންހެނާ ޠާހިރުކަމަށް ބެލެވޭނެ އެވެ. ނަމަވެސް އިބްނު ފަރްޙޫން މިކަމާ އެއްބަސްވެ ވަޑައެއް ނުގަންނަވަ އެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި މިއީ މަކްރޫހަ ކަމެކެވެ. އެއީ އެކަމުން އޭނާއަށް ގެއްލުމެއް ލިބިދާނެތީއެވެ. (3)

މި ބަސްފުޅުތަކަށް ބަލާއިރު އެއީ މަކްރޫހަކަމެއްކަމުގައި ވިޔަސް އެ އަންހެނާ އަކީ ޠާހިރުމީހެއްކަމުގައި ބެލޭނެ އެވެ. އޭނާ ގަވާއިދުން ނަމާދުކުރަން ޖެހޭނެ އެވެ. އަދި ރަމަޟާން މަހުގެ ރޯދަ ވެސް ހިފަންޖެހޭނެ އެވެ. ޙައިޟުގެ ސަބަބުން އޭނާގެ މައްޗަށް ހަރާންވި ހުރިހާ ކަމެއް ހުއްދަވާނެ އެވެ.

އިބްނު ފަރްޙޫން ވިދާޅުވާ ގޮތުގައި ބޭހެއް ބޭނުންކޮށްގެން ޙައިޟު ހުއްޓުވައިލުން ހުއްދަވެގެންނުވެ އެވެ. އެހެންކަމުން އޭނާ ވިދާޅުވާގޮތުގައި ޙައިޟުގެ ލޭ ނުކުންނަނިކޮށް އެ ލޭ ހުއްޓުވާލިޔަސް އެ އަންހެނާ ޠާހިރެއް ނުވާނެ އެވެ.

އިސްލާމްދީނުގެ ލުއިފަސޭހަކަމާ ގުޅެނީ ފުރަތަމަ ރައުޔެވެ. މިއީ ޙައްޖުގެ ފަރީޟާ އަދާކުރާ އަންހެނުންނަށް ވަރަށް މުހިއްމު ރައުޔެކެވެ. ޙައްޖުގެ މަނާސިކުތައް އަދާކުރަމުންދަނިކޮށް ޙައިޟުވުމުގެ ސަބަބުން ޙައްޖުގެ ރުކްނެއް ފާއިތުވެގެން ހިގައިދާނެއެވެ. މި ޒަމާނުގައި ޙައްޖުމޫސުމުގައި ދަތުރުފަތުރު ހަމަޖެހިފައިވާ ގޮތުން އެ އަންހެނާ އަށް އެކަނި މަޑުކުރެވޭކަށް ނޯންނާނެ އެވެ. ފުރުމުގެ ކުރިން ލޭ ކެނޑޭނެ ކަމެއް ނުވަތަ ނޫންކަމެއް އޭނާ އަކަށް ނޭނގެ އެވެ. އެހާ ބޮޑުޚަރަދެއްކޮށްފައި ޙައްޖުވުމަށް ގޮސް ޙައްޖުގެ މަނާސިކުތައް ފުރިހަމަނުކޮށް ފުރަންޖެހުމަކީ ވަރަށްބޮޑު ހިތްހަމަ ނުޖެހުމެއް ތަޙައްމުލުކުރަން ޖެހޭނެކަމެކެވެ. އެހެން ކަމުން ބޭހެއް ބޭނުންކޮށްގެން ލޭ ކަނޑުވައިލެވިއްޖެނަމަ އޭނާއަށް ޠަވާފުލްއިފާޟާ ކުރެވި ޙައްޖު އަދާކުރެވޭނެ އެވެ.

ދެވަނަ ބައި
ދެވަނަބަޔަކީ އާދަކޮށް ޙައިޟުގެ ލޭ ނުކުންނަ ވަގުތު އައިސްޖެހުމުގެ ކުރިން އެ ލޭ އަންނަގޮތް ހެދުމެވެ. ނުވަތަ ޙައިޟު އަވަސްކުރުމެވެ. މާލިކީ މަޛްހަބުގެ ދަންނަބޭކަލުން ވިދާޅުވާގޮތުގައި މިއީ މަކްރޫހަކަމެކެވެ. އަދި އަލްއަޖްހޫރީ ވިދާޅުވާގޮތުގައި، ޢިއްދާ އަށާއި އިސްތިބްރާ އަށް ބަލާއިރު އެއީ ޙައިޟެއްނޫނެވެ. އޭނާ ވިދާޅުވާގޮތުގައި ލޭ ގެ މުއްދަތުގެ ތެރޭގައި އޭނާ ނަމާދުކޮށްގެން ނުވާނެ އެވެ. އަދި ރޯދަހިފުންވެސް ޙަރާންވާނެ އެވެ. ނަމަވެސް އޭނާގެ ދަރިވަރު ޚަލީލު ވިދާޅުވާ ގޮތުގައި އެ އަންހެނާގެ މި ލެއަކީ ޙައިޟެއް ނޫނެވެ.

ޙައިޟުގެ ލޭ ނުކުންނަ ވަގުތު އެ ލޭ ނެރުމަށްޓަކައި ބޭހެއް ބޭނުންކޮށްފިނަމަ އެލޭވާނީ ޙައިޟަށެވެ. އެހިނދު ، ޙައިޟުވެރިޔާގެ ޙުކުމް އެ އަންހެނާގެ މައްޗަށް ވެސް ހިނގާނެ އެވެ.

ކީރިތިރަސޫލާގެ ޒަމާނަށް ބަލާއިރު ޙައްޖުގެ އަޅުކަންތައް އަދާކުރައްވަމުން ގެންދަވަނިކޮށް ޢާއިޝަތުގެފާނު ޙައިޟުވެ ވަޑައިގަތެވެ. އެކަމާމެދު ރަސޫލުﷲގެފާނަށް ދެންނެވުމުން ޙަދީޘްކުރެއްވީ "افْعَلِي مَايَفْعَلُ الْحَاجُّ غَيْرَأَنْ لَا تَطُوفِي بِالْبَيْتِ حَتَّى تَطْهُرِي'' (4) - ޠަވާފުކުރުން ފިޔަވާ، ޙައްޖުވެރިން ކުރާ ހުރިހާކަމެއް ކުރައްވާށެވެ. "އަސްމާއު ބިންތު ޢުމައިސު، ޙައްޖުގެ މަނާސިކުތަކުގެ ތެރޭގައި ޙައިޟުވެ ވަޑައިގަތުމުން ރަސޫލުﷲގެފާނު ޙަދީޘްކުރެއްވި އެވެ. افعلي كلَّ ما يفعل الحاج، غير أن لا تطوفي بالبيت، ولا تَسْعَيْ بين الصفا والمروة" ގެފުޅުގެ ވަށައިގެން ޠަވާފުކުރުމާއި ޞަފާއާއި މަރްވާ އާދެމެދުގައި ސަޢުޔުކުރުން ފިޔަވާ، ޙައްޖުވެރިން ކުރާ އެންމެހާ އަޅުކަންތައް ކުރާށެވެ! "

މި ކަންކުރާނީ ކިހިނެއް؟
ޑަކްޓަރުން ބުނާ ގޮތުގައި ޙައިޟުވުމުގެ ލޭ ފެށުން ހަފުތާއެއްގެ މުއްދަތަށް ފަސްކުރެވިދާނެ އެވެ. އެއީ މާބަނޑުވުން މަނާކުރާ ބޭސްކައިގެންނެވެ. އޭނާ ކުރަން ބޭނުންވާ އަޅުކަންތައް ކޮށްނިމެންދެން ދުވާލަކު ގުޅައެއް ކަމުން ގެންދާނީ އެވެ. މި ބޭސް ކެއުން ހުއްޓާލާތާ ތިންދުވަހުގެ ތެރޭގައި ޙައިޟުވާން ފަށާނެ އެވެ. ޑަކްޓަރީ މައިދާން މިއަދު ދެކެމުންދާ ކުރިއެރުމުގެ ސަބަބުން އިތުރު ވަސީލަތްތައް ދަނީ އީޖާދު ކުރެވެމުންނެވެ.

ޚުލާޞާ
އިސްވެ ދެންނެވުނުވާހަކަތަކަށް ބަލާއިރު ޙައިޟު ފަސްކުރުމާއި އަވަސްކުރުމަކީ ތިން ޝަރްޠެއްގެ މަތިން ހުއްދަކަމެކެވެ.

1- މިކަމުގެ ސަބަބުން (އެބަހީ ބޭސް ބޭނުންކުރުމުގެ ސަބަބުން) ގެއްލުމެއް ނުލިބުން
2- މިކަންކުރުމުގެ ކުރިން ޑަކްޓަރުގެ ލަފާހޯދުން.
3- މީހަކާ އިނދެގެންއުޅޭ އަންހެނެއް ނަމަ ފިރިމީހާގެ ހުއްދަ ހޯދުން.
ހަވާލާ؛
1- المغنى
2- انظر البيان والتحصيل
3- بلغة السالك
4- موطأ مالك والكتب الستة

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment