2.06.2011

ޒަވާޖީ ޙަޔާތަށް ނުކުތާތަކެއް

ސައްލޭ
ޒަވާޖީ ޙަޔާތަކީ މީހެއްގެ ދިރިއުޅުމުގައި އަންނާނެ އެންމެ މުހިންމު ދައުރު ކަމުގައި ގިނަބަޔަކު ޤަބޫލުކުރާނެއެވެ. ތިމާ ކައިވެނީގެ އާ ބިންގާއެއް ފަށަން ހިތުއަޅާ ހިސާބުން ފެށިގެން ފިކުރުކުރެވެމުންދާނީ، ކައިވެންޏަށްފަހު ތިމާއާއި ކުރިމަތިވާނެ ކަންތައްތަކާއި ދޭތެރޭގައެވެ. މިގޮތުން ޒަވާޖީ ޙަޔާތެއްގެ ފެށުމަށް ތިމާ ފޫގަޅާއިރު ތަފާތު ސިފަތަކުގެ ހުވަފެންތައް ދުށުމަކީ ނުވެނުދާނެ ކަމެކެވެ. އަދި ޙަޔާތުގެ މަންޒިލްތަކާއި މަޤުޞަދުތަކާއިމެދު ފިކުރުހިންގާ ދިރިއުޅުން ރޭވުމުގައި ތިމާގެ ޟަމީރު މަސްޣޫލުކުރުވައެވެ. އަދި ކައިވެނީގެ ފެށުމަކީ ބައެއް މީހުންގެ ހިތްނުތަނަވަސް ވާ އެތައްކަމަކާއި ކުރިމަތިލާންޖެހޭ ކަމެއްކަންވެސް އަހަރުމެން ދަންނަމުއެވެ. އަޅުގަނޑު ނަޒަރު ހިންގާލަން މި ގަސްތުކުރަނީ ޒަވާޖީ ޙަޔާތް ބާއްޖަވެރި ކުރުމަށް ޓަކައި ދެމަފިރިން ވިސްނަންޖެހޭ ބައެއް އަސާސްތަކުގެ މައްޗަށެވެ. އުންމީދުކުރަނީ މި މަޒުމޫނުގެ ސަބަބުން ކިއުންތެރިންނަށް ފައިދާތަކެއް ލިބިގެން ދިއުމެވެ.

ތިމާގެ ޒަވާޖީ ޙަޔާތުގެ ނައުގެ މިސްރާބު ހޯދުމަށްޓަކައި ރާސްތާތައް ގިރާކުރުމުގެ މަރުޙަލާގައި ސިކުނޑިސުމަކަށް ދިއުމުން ހަތަރު އުދަރެސް ފެނުޖެހިއްޖެއޭ ބުނާބުނުމާމެދު ފިކުރުހިންގާލުން ހުއްޓެވެ. ހަތަރުއުދަރެސް ފެނުޖެހެން ދިމާވި ސަބަބަކީ ކޮބައި ކަމާމެދު ފިކުރުކުރަނީ ކިތައް މީހުންބާއެވެ؟ ޒަވާޖީ ޙަޔާތެއްގެ ބިނާ ފުރިހަމަ ނުވެ ދިރިއުޅުން ގަޑުބަޑުވެގެން ދާންޖެހެނީ ކޮން ސަބަބުތަކަކާއި ހުރެހެއްޔެވެ؟ މިއީ ވިސްނާލަންޖެހޭ މުހިންމު ދާއިރާއެއްކަމުގައި އަޅުގަނޑު ދެކެމެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ދެމަފިރިންވެސް ޤަބޫލުކުރަންޖެހޭނެ ޙަޤީތެއް އަޅުގަނޑު ހާމަކޮށްލާނަމެވެ. ޒަވާޖީ ޙަޔާތެއް "އަދި އުފާވެރި ނުވެ" އޮތުމަކީ މުސްތަޤުބަލުގެ ތަޤްދީރު ޔަޤީންކުރަންވީ ސަބަބެއްކަމުގައި ދެމަފިރިންކުރެ އެކަކުވެސް ނިންމައިގެން ނުވާނެއެވެ. ދަތިތައް ތަހަންމަލް ކުރުމުގެ ބަދަލުގައި " މިނޫން ގޮތެއް އަހަރެންނަކަށް ނެތޭބުނެ ކަރުއެލުވައިލާ އަމިއްލަ ނަފްސާއި ހެއްދެވި ފަރާތްމަތިން މާޔޫސްވެ އިތުބާރު ގެއްލުވާލުމަކީ "ޙަޔާތް ދާއިމީ ރޮއްވުމަކުން ރޮއްވާލުމަށް" މަގުއަލިކޮށްލުމެވެ. ހިތާމައެއް ކުރިމަތިވާ ކޮންމެ ފަހަރަކު ދެމަފިރިންކުރެ ނަފްސެއް ކުށްވެރިވުމަކީ ޙަޔާތުގެ ޤާނޫނެއްނޫނެވެ. ދެނެގަންނަންވީ، ކޮންމެ ހުރަހަކާއި ހިތާމަޔަކީ އިމްތިޙާނެއްކަމެވެ.
ވަރިޔަކީ ނިސްބަތުން ގިނަ އެއްޗެއްކަމުގައި މިއަދު ވެފައިވާއިރު، އާ ޙޔާތެއް ނުވަތަ އަލަތު ކައިވެނިން ގުޅޭ ދެހިތެއްގެ ހިތުގައި ނަފްސާނީ ބިރުވެރިކަމެއް އުފެދެއެވެ. ތިމާމެންގެ މިކައިވެންޏަކީ ކިހާމުއްދަތަކަށް ދެމިހުންނާނެ ކައިވެންޏެއްބާއޭ ހިތައްއަރައި ހިތުގައި ބިރުވެރިކަމުގެ ވިންދު ޖަހާލަޖަހާލާ ހުރެއެވެ. ކައިވެނި ރޫޅިދާނެކަމުގެ ބިރު އަބަދުވެސް ހިތުގަ އޮންން މީހުން ގިނައެވެ. މިފަދަ ޝައްކާއި ވަހުމްތައް ހިތުތެރެއަށް ގެނެސް ޙަޔާތް ގަޑުބަޑުކޮށްލުމުގައި ނުބައި ޝައިޠާނާ އަވަދިނެތި މަސައްކަތްކުރަމުންދާކަން އަހަރެމެން ދެނެގަންނަންޖެހެއެވެ.
ޤަބޫލުކުރަންޖެހޭ އަނެއް ޙަޤީޤަތަކީ، އުޅަނދެއްގެ ޙަޤީޤަތް ނޭނގި އުޅަނދު ދުއްވަން އުޅުމަކީ އެކަމުގެ ސަބަބުން ދުއްވާމީހާއާއި އުޅަނދު ހަލާކުވެގެން ދާނެ ކަމެއްކަމެވެ. ހަމަ މިބީދައިން، ޒަވާޖީ ޙަޔާތެއް ފަށާއިރު ފުރަތަމަ މިއީ ކޮންއެއްޗެއްކަން ދެނެގަންނަން ޖެހެއެވެ. ޒަވާޖީ ޙަޔާތުގެ މުހިންމުކަމާއި އޭގެ މާތްކަމާއި، ދެމަފިރިންގެ މަސްއޫލިއްޔަތު ތަކާއި ޙައްޤުތަކަކީ ކޮބައިކަން ދެނެގަނެ އަމިއްލައަށް މިޢިލްމު ތިމާ އުނގެނިގަންނަން ޖެހެއެވެ. ޒަވާޖީ ޙަޔާތުގެ ޙަޤީޤީ މަޤުޞަދު ރަނގަޅަށް ހިތުގައި ބިންވަޅު ނެގި ރޯފިލަންދެން ތިމާ އެކަން ދެނެގަންނަން ޖެހެއެވެ. އޭރުން ތިމާމެންގެ ޙަޔާތް ދެކޭމީހުންނަށް "ކުކުޅެއް ރޯމަސްކާން އުޅޭ ބީދައިން" ޙަޔާތް ދުށުމަށް އެއްވެސް މީހަކަށް ފުރުސަތެއް ނުލިބޭނެއެވެ.
ދެމަފިރިން އެކަކު އަނެކަކު ދައްކާ ވާހަކަ އަޑުއެހުމަކީ ވަރަށްވެސް މުހިންމުކަމެކޭ ބުނާއަޑު އަހަން ދޮގެއްތޯއެވެ. ނަމަވެސް މިކަން އޮންނަނީ ގިނަމީހުންނަށް ވަރަށް އުނދަގޫ ކަމަކަށްވެފައެވެ. ރުޅިއަންނަހިނދު "ފޮޅާލުމަކީ" ގިނަ މީހުންގެ އާދައެވެ. އެފަދަ ޙާލަތެއްގައި ކާކު ކީކޭތޯ ކިޔަނީވެސް އަހައިލުމަކީ ނާދިރުކަމަކަށް އޮންނަނީ ވެފައެވެ. އެހެންނަމަވެސް ނިކަން މަސައްކަތް ކޮށްލަބަލާށެވެ. ރުޅިއަޔަސް އެކަނބުލޭގެ ދައްކާ ވާހަކަ ކަނުލައި އަހާށެވެ. ފިރިސޮރު ބުނާ ބަސްތައް ނިކަން ކަނުލާ އަހާށެވެ. ވާހަކަ ދައްކާށެވެ. ނިކަން އަހާހިތްވާ ޢިބާރާތްތަކުން ހިތައް ފިނިކަން ލިބިދިނުން ގާތްވާނެއެވެ. ހިތް މަޑުވެ މައްސަލައިގެ ހައްލާއި ދިމާލަށް ދަތުރުކުރާތަން ތިބާ ދެކޭނެއެވެ. ރުޅިއަންނަހިނދުވެސް ބައިވެރިޔާއާއި ދުރަށް ދިއުމުގެ ބަދަލުގައި ގާތުގައި ވުމަށް މަސައްކަތް ކުރާށެވެ. ތިމާގެ އަމިއްލަ ނަފްސުގެ ކޮންޓްރޯލް ނެތި ލަގަން އޮތަސް އަސް ކޮންޓްރޯލް ކުރަން ތިބާއަށް ކުޅަދާނައެއް ނުވާނެއެވެ.
ކައިވެންޏެއް ވައިނޮޅިއަށް އެޅުމުގެ ކުރިން ސަލާމަތް ކުރުމަށްޓަކައި އެހާމެ މުހިންމު އަނެއްކަމަކީ ތިމަތިމާމެންގެ އުޅުން އިސްލާޙު ކުރުމެވެ. ތިމާއަށް އުޅެވެމުން ދާ މަގަކީ ކޮބައިތޯ ނިކަންހުރެ ވިސްނާށެވެ. ތިމާގެ އަޚުލާޤީ މިންގަނޑާއި މެދު ފިކުރުކޮށް ނުރަނގަޅު އާދަތަކާއި ދުރުވުމަށް މަސައްކަތްކުރާށެވެ. ދީނުގެ ކަންކަމަށް ޙުރުމަތްތެރިވުމާއި، މުޚާތަބުކުރާ ބަސްމަގާއި، އަޅާލުމާއި، ތެދުވެރިކަމާއި ވަފާތެރިކަމާއި، ހިތްހެޔޮކަމާއި ދީލަތިކަންފަދަ ސިފަތައް ތިބާގެ ކިބައިގައި ހުރިތޯ ބަލާށެވެ.
އިތުރަށް އަހަންމިއްޔަތުކަން ބަހައްޓަންޖެހޭ ކިތަންމެ ކަމެއް އެބަހުއްޓެވެ. ބައިވެރިޔާގެ ގޯސް ކަންތައްތައް މަތިން އަބަދާއި އަބަދު ހަނދާން ނުކޮށްދޭށެވެ. މާޒީގެ ހިތ ހަންދާންތައް އޭނާއަށް އާނުކޮށްދޭށެވެ. މީގެ ބަދަލުގައި، ބައިވެރިޔާގެ ރަނގަޅު ކަންކަމަށް ތައުރީފުކުރާށެވެ. މިކަމުގައި ޙައްދުފަހަނަޅާ ނުދާށެވެ. އަދި ބައިވެރިޔާ ތިމާއަށް ލިބުމަކީ ތިމާގެ ނަސީބުރަނގަޅުކަން ކަމުގައި ބުނެދޭށެވެ. އަދި ޙަޔާތުގައި ލިބިފައިވާ އުފާވެރި ދުވަސްތައް ހަނދުމަ އާކޮށްދޭށެވެ. އޭރުން ހިނިތުންވުމަށް ފުރުޞަތުލިބޭނެއެވެ.
ބައިވެރިޔާއަށް އަބަދުވެސް މިސާލަކަށް ވާށެވެ. ތިމާގެ ބައިވެރިޔާގެ އުޅުން ބައްޓަން ކުރަން ބޭނުންވާ ގޮތައް ތިމާގެ އުޅުން ހުރިތޯ ބެލުމަކީ ވަރަށް މުހިންމުކަމެކެވެ. އޭރުން ޝަކުވާކުރާނެ ފުރުސަތެއް ނުލިބޭނެއެވެ.
އަބަދުވެސް ބައިވެރިޔާދެކެ ލޯބިވާކަމުގައި ބުނެއުޅޭށެވެ. "ވަރަށް ލޯބިވެއޭ" ބުނެލުމަކީ ހިތަށް ދެވޭ ކާނާއެކެވެ. "ލޯބީ، ދޫނީ" މިފަދަ ލޮބުވެތި ބަސްތަކުން މުޚާތަބު ކުރުމުން ހިތައް ލިބޭ ފިނިކަން ކޮންމެ މީހަކުމެ ބޭނުންވާނެއެވެ. އެހެންނަމަވެސް ޢާންމު ތަންތާ ބައިވެރިޔާ ލަދުގަންނަފަދަ ގޮތަކަށް މިފަދަ ބަސްތައް ބޭނުން ނުކުރާށެވެ. މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑަށް ސަމާލުވާންޖެހޭނެއެވެ. އެހެންނޫނީ މިކަމުގެ ސަބަބުން މައްސަލަ ކުރިމަތިވުމަކީ އެކަށީގެންވާކަމެވެ.
އެންމެ ފަހު ކަމެއްގެ ގޮތުން އަޅުގަނޑު ބުނެލާނީ، ތިބާގެ ނަފްސައް ލިބުމަށް އެދޭ ކޮންމެ ހެޔޮކަމެއް ތިބާގެ ބައިވެރިޔާއަށްވެސް އެދޭށެވެ. ތިބާގެ ދުޢާގައި ބައިވެރިޔާ ހިމަނާށެވެ. ހެޔޮލަފާ ބައިވެރިޔަކަށް ތިބާގެ ބައިވެރިޔާ ވުމަށް އެދި ދުޢާކުރާށެވެ. އަބަދުވެސް ﷲ އަށް އިތުބާރުކުރާށެވެ. ހަމައެކަނި ﷲ އަށް ވަކީލުކުރާށެވެ. މިންވަރުކުރައްވާ ގޮތަށް ކެތްކުރުމާއި އެކު ދިރިއުޅުމާއިގެން ކުރިޔަށްދާށެވެ. އޭރުން ތިބާގެ ޙަޔާތް ކާމިޔާބުވުން ގާތްވާނެއެވެ.
..................................
މަނަދޫލައިވް އިން ނަގާފައިވާ ލިޔުމެއް

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment