3.25.2011

ދެމަފިރިންގެ އައުފޯވަހި

عبد الحكيم النيفرى- رحمه الله -
ދެމަފިރިކަމުގެ ބޭނުމަކީ، ދުނިޔެ ޢިމާރާތްކުރުމެވެ. ދުނިޔޭގައި ފޮރުވިފައިވާ ޚަޒާނާތައް ހާމަކޮށް އެތަކެތީން ބޭނުން ހިފުމަށް ދަރިފަސްކޮޅު އައުކޮށް އާލާކުރުމެވެ.

ދެމަފިރި ކަމުގައިވާ ލައްޒަތަކީ، ދަރިފަސްކޮޅު ދެމެހެއްޓުމަށާއި، ގިނަކުރުމަށް ޤުދުރަތް މެދުވެރި ކުރި އެންމެ ވަރުގަދަ މެދުވެރިޔާއެވެ. އަދި ދިރިއުޅޭ ކޮންމެ މަޚްލޫޤެއް ހުލިވެ ހުސްވިޔަ ނުދީ ހިފަހައްޓާ ގަދަފަދަ ބާރު މެއެވެ.

ނަމަވެސް . . . ކަމުގެ ޙަޤީޤީ ސިއްރަކީ ބަލައި ވިސްނާއިރު ދެމަފިރި ކަމުގެ ފޮނި ލައްޒަތުގެ ތެރޭގައި، ފޮރުވިފައި ވަނިކޮށް ފެނުނީ ހަށިގަނޑުން ފެލައިލެވޭ ޖައުހަރު ޙަޔާތުގެ ދިޔަވަރެވެ. ދެންކުރިމަތިލާން ޖެހޭ ދަތި މަސައްކަތް ތަކެވެ. ތަރުބިއްޔަތު ކުރާން ޖެހިފައިވާ ޅަ ދަރީންތަކެވެ. ޝައްކެއްނެތެވެ! މި ފޮނި ފޮނި ޙައިވާނީ މަޖާ ދެމަފިރިކަމުގައި އެކުލެވިފައި ނުވާނަމަ މަދުބަޔަކު މެނުވީ ތިމާމެންގެ ނަސްލު ދެމިއޮތުމަށް ފަރުވާލެއް ނުބެހެއްޓީހެވެ.

ވިސްނާވާކަށް ނުވޭތޯއެވެ؟ މި ފޮނިފޮނި ލައްޒަތު ޙާޞިލްކުރުމުގައި ހައްދު ފަހަނައަޅައި ގޮސް ބުންވަރު ހުސްކޮށްލައިގެން ވެސް ވާކަށެއް ނެތް ނޫންތޯއެވެ؟ ނަމަވެސް ބައެއްމީހުން ޚާއްޞަކޮށް އަލަށް މީހުންނާއިންނަ ކުދީން، މިކަމުގެ ޙަޤީޤީ ސިއްރަށް ވިސްނުމަކާއި ނުލައި ދެމަފިރިކަމުގެ ލައްޒަތަކީ ހުރިހާ ކަމެއްގެ ނިމުން ކަމަށް ދެކެތެވެ. ހިތުނިޔަތާއި، އެކުގައި ކުރިމަތިލާ ޤިބުލަ ކަމަށް ހަދައި މި ލައްޒަތު ގެ ތެރެއަށް ފީނައި ބުންވަރު ހުސްކޮށްލަތެވެ. ލަސްތަކެއް ނުވެ އެތަނުން ބައްދަލު ކުރަނީ ހީކެރުވުމާއި ކުކުރުމެވެ. ވޭނާއި ރިއްސުމެވެ.

މާތް ޅެންވެރިޔާއި މި ފަންޑިތަ ބަސް ހަނދުމަ ކުރުން ހުއްޓެވެ.
"كم حسنت لذّة للمرء قاتلة
من حيث لم يدر انّ السّمّ في الدسم"

މިލައްޒަތުގެ ގެއްލުން
ހުވަފެނެއް ފަދަ މިޝަހުވާނިއްޔަތުގެ ތެރޭގައި ގެނބި ހައްދު ފަހަނަ އަޅާ މީހާގެ ޙާލު ސިފަކުރުމުގައި މިޒަމާނުގައި ކާމަސްތުރާ ޢިލްމު ގެ މާހިރުން ބުނަނީ މިއީ ބަވަތެއްގެ ޖުނޫނެއް ކަމެވެ. މިޖުނޫނު (މޮޔަބަލި) ފެށިގެން އަންނަނީ، ޒުވާންކަމުގެ ފޯއްދުން ހަށިގަނޑު ގެ ނާރުތަކުގައި ހިގައި ގަންނަ ދުވަސްވަރުގައި ކަމަށެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ އުމުރުން 15 އަހަރާއި 19 އަހަރާއި ދެމެދުގައެވެ.

އާދެ! މިކަމުގެ ޢިލްމުވެރީން ބުނަނީ މިފުރާވަރުގައި ވަރަށް ހަރުދަނާ ތަރުބިއްޔަތެއް ލިބިފައިވާ ކުއްޖެއްމެނުވީ ތިމާއަށް އަމިއްލަޔަށް، ނުވަތަ އެހެންމީހަކު ލައްވާނަމަވެސް ތިމާގެ މަނި ނެރެލުމަށް މަސައްކަތް ކުރާނެއެވެ. ދެން މިކަމުން ލިބިގަތުމުގައި އާދަ ކުރަމުން ގޮސް މޮޔަވަނީ އެވެ.

މިޖުނޫނަކީ މަތިމަތީން ބަލައިލާ ޖާހިލުންގެ ނަޒަރުގައި ޖުނޫނެއް ނޫނެވެ. ނަމަވެސް ކަމުގެ ޙަޤީޤަތަށް ވިސްނާ ވިސްނުންތެރީންގެ ނަޡަރުގައި ވަރުގަދަ ޖުނޫނެކެވެ. ނަތީޖާ އަކަށް ވަނީ ފަލަނާރުތައް ޅަވެހުއްޓައި އެއިން ދިޔަ ފެލެވި އެނާރުތަކުން ސިކުޑީގެ ހިމަހިމަ ނާރުތަކަށާއި ޙިއްސު ތަކުގައި ކަވިހޮޅިތަކަށް ލިބޭންވީ ބާރު އެދެވޭގޮތުގައި ނުލިބުމެވެ. ތޫނު ވިސްނުމާއި ވަރުގަދަ ހިތްވަރުގެ ނޫރާނީ އަލިކަން ނެތިދިޔުމެވެ.

މިއީ އަޅުގަނޑުމެންގެ ޢާއްމުން ވިސްނައި އުޅޭ، ހިސާބެއް ނޫނެވެ. ވިސްނައި އުޅޭ ހިސާބުން ފެންނަނީ ހަށިގަނޑުގެ ލެއިމަދުވެ ޟަޢީފުވެ ނުރައްކާތެރި ކިހުނާއި ކެއްސުންބަލި ފަދަ ބަލިބައްޔަށް ހަށިގަނޑު ތައްޔާރުވާތީއެވެ. ވިސްނުމާއި ހަނދާނުގެ ބާރު، ދެރަވުމުގެ ސަބަބުން އަދާކުރާން ޖެހިފައިވާ ދުނިޔަވީ ވާޖިބުތަކާއި ދީނީވާޖިބުތައް ރަނގަޅަށް އަދާނުކުރެއްވިދާތީއެވެ. ވަޢުދު ފުއްދުމާއި ތެދުވެރިކަމަށް ޚިޔާނާތްތެރިވެވޭތީއެވެ.

މިލައްޒަތުގެ މެދުމިން
ވިސްނުންތެރި ކޮންމެ ކުއްޖަކު ތިމާގެ ހަށިގަނޑު ޞިއްހަތާއި ބުއްދީގެ ބާރާއި އަޚްލާޤު އައުކުރުމުގެ މައްޗަށް ހިއްމަތާއި އެކު މަސައްކަތް ކުރުން ވާޖިބެވެ. އެއީ ދެމަފިރިކަމުގެ ލައްޒަތު ލިބިގަތުމުގައި ހަށިގަނޑާއި އެކަށީގެންވާ މެދުމިނެއްގައި މެނުވީ އެކަންތައް ޙާޞިލްނުކުރުމެވެ. ސަލާމަތް ދިރިއުޅުމެއް ތިމާއަށާއި ޢާއިލާއަށް ލިބުން އޮތީ އެއިރުންނެވެ. މިކަމުގެ މެދުމިން ހުއްޓި ފައިވަނީ މީހާގެ މުޅި ހަށިގަނޑުގައި ހުރި ޞިއްޙަތަކާއި އާރާއި ބާރެއްގެ މައްޗަށެވެ. ފިރިހެން ބޭހެއް ކައިގެން ނުވަތަ ބޮއިގެން ލިބޭ ވަގުތީ ބާރެއްގެ މައްޗަކަށް ނޫނެވެ. އޭގެ ނަތީޖާ އަކީ ވަރުގަދަ ވިހައެކެވެ. މިކަމުގެ މެދުމިނަކީ ޞިއްހަތު ސަލާމަތުން ހުރި ދެމަފިރިން ބައްދަލުވާއިރު ދެމީހުންނަށް މެ ލައްޒަތު ޙާޞިލްކުރުގެ ބާރު އަންނަ ނަމަ ހަފުތާއެއްގައި ތިންފަހަރަށް ވުރެ ގިނަ ނުކުރުމެވެ. ރަނގަޅީ ދެފަހަރު ނުވަތަ އެއްފަހަރުއެވެ.

އޭ! އައުކައިވެނީގެ ދެކުދީންނޭވެ! އަޅުގަނޑު މިނަންގަތްރޮގުން މިކަން ގެންދަނަމަ ތިޔަދެކުދިންނަށް ލިބޭނީ ރަނގަޅު ޞިއްޙަތެކެވެ. ބުއްދިޔާއި ވިސްނުމަށް ލިބޭނީ، އިތުރު ބާރެކެވެ. އަދަބާއި އަޚްލާޤަށް އަންނާނީ މާތްސިފަތަކެކެވެ. މުސްކުޅިވާއިރު ދެކޭނީ ހުސްނުވެ ހުރި ޚަޒާނާއެކެވެ.

ޝައްކެއް ނެތެވެ! ޅަފުރާއިން ފެށިގެން މި ޖިންސީ މަޖާ ޙާޞިލު ކުރުމުގައި ގޮތެއް ނެތި ޖައުހަރިއްޔާތުން އިސްރާފު ކުރަމުން ދާމީހުން އުމުރުން ދުވަސްކޮޅެއް ވާއިރަށް ގައިބާރު ދެރަވެ، ތަނާސުލީ ބާރު ހުސްވެ، ޝަކުވާތައް ގިނަވެ ވެއެތުވެ ދިޔަ ދުވަސްކޮޅުގެ މައްޗަށް ހިތާމަ ކުރެތެވެ.

ނަމަވެސް އިހަށް ނުވިރައްކަލެއް ފަހުން ވެވޭން ނޯންނާނޭ ކަން ތިޔަކުދީންނަށް ވެސް އެނގޭނެއެވެ.
..........................
(އިންސާނީ މަތިވަރުގެ ސަލާމަތް)
ދަރުމަ މެއި 2006އިން ނަގާފައި.

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment:

  1. މާޝާ ﷲ ސަޅި ލިޔުމެއް. ބައެއް ބަސްތައް ތިލަނޫންވީމަ ބުނާ އެއްޗެއް ނޭނގޭ

    ReplyDelete