11.14.2011

ކުޑަކުދިން ދޮގު ހަދަނީ ކީއްވެ ؟

އިރާކް
ައަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދަރިން އާދައިގެ ކުދި ކުދި ކަންތައްތަކުގައި ވަރަށް ދޮގު ހަދާކަން އެނގޭ ހެއްޔެވެ؟.

ކުޑަކުދިން ދޮގު ހެދުމަށް އެންމެ ފުރަތަމަ ފެށިގެން އަންނަނީ އޭނާގެ ޚިޔާލީ ވާހަކަ ތަކުންނެވެ. މިކަންތައް ތަކަކީ މައިންބަފައިން ވަރަށް ސަމާލުކަން ދޭންޖެހޭ ކަންތައްތަކެކެވެ. ސަބަބަކީ އަޅުގަނޑުމެންގެ ދަރިން ދޮގު ހަދާ ކުއްޖެއްގެ ގޮތުގައި ބޮޑުވެގެން ދިއުމަށް ނޭދެވޭތީއެވެ. ވަގުތު ފާއިތުވުމުގެ ކުރިން މިފަދަ ކަންކަމުން ދަރިން ސަލާމަތް ކުރަމާތޯއެވެ؟. މިކަމުގެ ހައްލަކަށް ދިއުމުގެ ކުރިން، ކުޑަކުދިން ދޮގު ހަދާ ސަބަބު ކޮންމެވެސް ވަރަކަށް ހާމަކުރެވޭތޯ މަސައްކަތް ކޮށްލާނަމެވެ.
އާންމުކޮށް ކުޑަކުދިން އެކުދިންގެ ޅައުމުރުގެ ދުވަސްވަރުގައި ކޮންމެވެސް ހިސާބަކުން ދޮގު ހަދާނެއެވެ. އެކުދިންނަކަށް ރަނގަޅު ކަންތައްތަކާ ގޯސް ކަންތައްތަކެއް ފާހަގަ ނުކުރެވޭތީ ޤަބޫލުކުރަން ފަށަނީ ދޮގު ހެދީމަ މީހުންގެ ސަމާލުކަންލިބި ވާ ތަޖުރިބާ, ނުވަތަ ދިމާވާ ކަންތައްތައް ތެދު ހެދުމަށްވުރެ މާ ގިނަވެފަ އެއިގެ އަސަރު ހުންނަކަމަށެވެ. ނަމަވެސް މިކުރެވެނީ ކީތްކަމެއް އެ ތުއްތު ދަރިފުޅަކަށް ނޭނގެއެވެ.

ތުއްތު ދަރިފުޅު ބޮޑުވެގެން އަންނަނީ އަމިއްލައަށް ކަންތައްތަކެއް ހޯދައި ވަށައިގެންވާ މާޙަައުލުގައި ހިނގާ ހުރިހާ ކަންތައްތަކެއް އެންމެ ތުއްތު ދުވަސްވަރުން ފެށިގެން ސިކުނޑިއަށް ނަގަމުންނެވެ. ކުޑަކުދިންނަށް ދޮގުހަދަން އެނާގެ އުމުރުގެ ކޮންމެ ދުވަސްވަރެއްގައި ފެށިދާނެކަން ޤަބޫލުކުރަން އެބަޖެހެއެވެ. މިކަންތައްތައް ކުދިންގެ ގައިގައި އަށަގަންނަން ފަށާ އުމުރަކީ 4 އަހަރާއި 6 އަހަރާއި ދެމެދެވެ. ކުޑަކުދިން ކުޅުމުގެ ތެރޭން ވަރަށްގިނަ ކަންތައްތައް ދަސްކޮށް އެކުދިންގެ ސިކުނޑި ތަނަވަސް ކުރެއެވެ.

ޙަޤީޤަތުގައި އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދަރިން ދޮގު ހަދާނެކަން ނުވަތަ ހަދާކަން އަޅުގަނޑުމެންގެ އަތުން ނުހިފޭހާ ހިނދަކު އެކަން ޤަބޫލުނުކުރެވޭތީއެވެ. މިލިޔުން ކިޔާލުމުން ކޮންމެވެސް ވަރަކަށް މިކަންކަމަކީ ޙަޤީޤަތެއްކަން ޤަބޫލު ކުރެވިގެންދާނެއެވެ. އަދި އަޅުގަނޑުމެންނަށް އަޅާ ނުލެވުމުގެ ސަބަބުން ކުދިން ދޮގު ހަދާ ވަރަށް ގިނަ ސަބަބުތަކެއް އެނގިގެން ދާނެއެވެ.

ކުޑަކުދިން ދޮގު ހަދާ ބައެއް ސަބަބުތައް :
މައިންބަފައިންނަކީ ކުދިންނަށް ނަމޫނާ ބަޔަކަށް ވާން އެބަޖެހެއެވެ. މަންމަ ނުވަތަ ބައްޕަ ހޯދުމަށް މީހަކު އައުމުން ނުވަތަ ފޯނެއް އައުމުން ކުދިން ލައްވައި މަންމަ ނުވަތަ ބައްޕަ ނެތްކަމަށް ބުނުވުން ފަދަ ކަންކަމަކީ އެކަންކަމުގެ ސަބަބުން އަޅުގަނޑުމެންގެ ވިސްނުމަށް ނުގެނެވޭނެ ފަދަ ބަދަލުތައް ކުދިންގެ ހަށިގަނޑާއި ވިސްނުމަށް އަންނާނެ ކަންކަމެވެ. އަދި މަންމަ އާއި ބައްޕަ އެކުދިން ކައިރީގައި އެކަމެއް ނުކުރާށޭ އެއީ ގޯސް ކަމެކޭ ނުވަތަ ކުޑަކުދިން ކުރުން ކަމުނުދާ ކަމެކޭ ބުނުމަށްފަހު އެފަަދަ ކަންތައްތައް މަންމަ ނުވަތަ ބައްޕަ ކުރާކަން އެކުދިންނަށް ފާހަގަކުރެވި އެކަންތައްތައް ކުދިން ކޮޕީކުރަން ފަށެއެވެ.

ކުޑަކުދިން ބަލައި، ބެލެހެއްޓުމުގެ މަސްޢޫލިއްޔަތާއި ޙަވާލުވެގެން އުޅުއްވާ ކޮންމެ ފަރާތަކުންވެސް އެކުދިންނާއި އެއްކޮށް އުޅޭ ކޮންމެ ވަގުތެއްގައި އެކުދިންނަށް ނަމޫނާ ބަޔަކަށް ވާން އެބަޖެހެއެވެ. އަދި ކުދިންގެ ފަރާތުން ގޯސް ކަމެއް ފެނިއްޖެ ހިނދެއްގައި އެކަން ހުއްޓުވުމަށް ކުދިންނާއި ދިމާލަށް ހަޅޭއްލެވުމުގެ ބަދަލުގައި ލޯބިން ކައިރިއަށް ގެނެސް ފިރުމާލައި، ކުއްޖާއަށް އެއީ ގޯސް ކަމެއް ކަމަށް އިޙްސާސްނުވާ ގޮތަށް އެކަން ކުރުމަކީ އެހާ ރަނގަޅުކަމެއް ނޫންކަން ވިސްނަދީ އެފަދަ ކަންތައްތަކުން ކުދިން ދުރުހެލިކުރުމަށް ބެލެނިވެރިން މަސައްކަތްކުރަން އެބަޖެހެއެވެ.

ކުޑަކުދިންނަށް ދޮގުހެދުމަށް މަޖުބޫރުކުރެވޭ ބައެއް ސަބަބުތައް :
ފުރަތަމަ ކަމެއްގެ ގޮތުގައި މިފާހަގަކޮށްލަނީ، ކުއްޖަކު އަތުން ކަމެއް ގޯސްކޮށް ކުރެވުމުންނާއި ސްކޫލުން ގޭގައި ހަދަން ދޭ ފިލާވަޅެއް ނުނިންމުމުންނާއި ކަނޑައެޅިފައިވާ ގަޑީގައި ފިލާވަޅު ދަސްނުކުރުމުންނާއި އަދި ގޯސްކަމެއް ކަމަށް ބުނެ ނުކުރުމަށް ބުނެފައިވާ ކަމެއް ކުރުމުން ކުދިންނަށް އަދަބުދިނުމުގެ އާދަ ވަރަށް ގިނައިން އަޅުގަނޑުމެންގެ މުޖުތަމަޢުގައި އުޅޭ ފަރާތްތަކުގައި އަށަގަނެފައިވެއެވެ.

ދަންނަވަންތޯއެވެ. ކުދިންނަށް އަދަބު ދިނުމުގެ ސަބަބުން އެކުދިން ތެދު ބުނުމަށް ފަސްޖެހި ބިރުގަންނާނެއެވެ. އެ ނިކަމެތި ޅަ ސިކުނޑި އެހިސާބުން މަސައްކަތްކުރަން ފަށާނީ އަނިޔާތަކުން ސަލާމަތްވުމަށް ދޮގުހެދުމަށެވެ. އެކުއްޖާ އޭނާގެ އަމިއްލަ ނަފުސުުގެ ދިފާޢުގައި މަސައްކަތްކުރަން ފަށާ ހިސާބުން ދޮގު ހަދަން ފަށާނެއެވެ. މަންމަ އާއި ބައްޕައަށް ޙަޤީޤަތް ނޭނގޭ ޙާލު ކުއްޖާއާއި މެދު އުފާ ކުރާނެއެވެ. އަދި ކުއްޖާއަށް ޢަދަބު ދިނުން ހުއްޓާލާނެއެވެ. ކުދިންނަށް ޢަދަބު ދިނުމަކީ ޙައްލެއް ނޫނެވެ. ކުދިންގެ ހިތުގައި ބިރުވެރިކަން ނުއުފެދޭގޮތަށް އެކުދިންނަށް ވިސްނައިދީ ވަރަށް ލޯބިން ކުދިންނަށް އަޅާ ލެވޭނަމަ ކުދިން ދޮގުހެދުމުން ދުރުހެލިވާނެއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ކަމަކީ، ކުދިންނާއިއެކު އުޅޭ އެއްފުރާވަރުގެ ކުދިންގެ ފަރާތުން ދިމާވާކަންކަމުގެ ސަބަބުން ދޮގުހެދުމަށް ކުދިންނަށް މަޖޫބޫރުވުމެވެ. އެއްފުރާވަރުގެ ކުދިން ދައްކާ ވާހަކަ ތަކުންްނާއި ކުރާ ކަންތައްތަކުގެ ސަބަބުން ކުދިންގެ އަޚުލާޤާއި އުޅުމަށް ވަރަށް ބޮޑެތި ބަދަލުތައް އާދެއެވެ. އެކުގައި ކުޅެ ހަދާ މާޙައުލުގައި އެކި ކުދިންނަށް އެކި އާޢިލާތަކުން ހޯދައިދީފައިވާ ތަކެއްޗާއި ކޮށްދޭ ކަންތައްތައް ތަފާތުވުމުގެ ސަބަބުން އެކުދިންނަށް އިޙްސާސްކުރެވެނީ މައިންބަފައިންގެ މެދުގައި ހުރި ތަފާތުތަކެވެ. އަދި މިކަމުގެ ސަބަބުން ވާދަވެރި ކަންކަން ކުރިމަތިކުރުވާ އަދި ފާޑު ފާޑުގެ ދޮގުވާހަކަތައް ހަދައިގެން އެކުދިންގެ އާޢިލާގެ މޮޅުކަމުގެ ވާހަކަ ބައެއް ކުދިން އެކުދިންގެ ރަށްޓެހިންގެ ސަމާލުކަން ހޯދުމުގެ ގޮތުންނާއި އަދި އެކުދިން ހިތްމަރާލުމުގެ ގޮތުން ދެއްކުމުގެ ސަބަބުން ކުދިންގެ ހިތުތެރޭގައި ހަސަދަވެރިކަން އުފެދޭތަން އާދެއެވެ. މިފަދަ ކަންތައްތައް މެދުވެރިވުމުން އެކުދިންގެ ދިފާޢުގައި މައިބަފައިންގެ ކައިރީގައި މޮޅެތި ވާހަކަ ހަދައިގެން ދޮގު ހަދާނެއެވެ. މައިންބަފައިން މިކަންކަމަށް ސަމާލުކަން ދެއްވުމަކީ ވަރަށް މުޙިއްމުކަމެކެވެ.

ކުޑަކުދިން ގިނަ ފަހަރަށް ކުރާ ކަންތައްތައް ހަނދާނެއް އެހާބޮޑަކަށް ނުހުންނާނެއެވެ. އަދި ގިނަފަހަރަށް އެކުދިންނަކަށް އެކަމެއް ނޭނގޭނެއެވެ. އަޅުގަނޑުމެންނަށް ބައެއް ފަހަރު ކުޑަކުދިން ދޮގު ހަދާހެން ހީވާފަހަރު އާދެއެވެ. އެހެންނަމަވެސް ހަޤީޤަތުގައި އެކުދިން އެ ހަދަނީ ދޮގުކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. ބައެއް ފަހަރު ވާގޮތަކީ ކުދިންގެ ސިނކުޑި ޅަވުމާއިއެކު ވިސްނުމުގެ ތޫނުފިލިކަން ނެތުމުގެ ސަބަބަނުންނާއި ސަމާލުކަން ނުދޭ ވަގުތެއްގައި އެކަމެއް ހަނދާން ނެތުމުގެ ސަބަބުން ދޮގު ހެދޭތަން އެބައާދެއެވެ. ކުޑަކުދިންނަކީ އެކުދިން ވަށައިގެންވާ މާޙައުލުގައި ހިނގާކަންކަމަށް ސަމާލުވެ ދަސްކުރާ ބަޔެކެވެ. ވީމައި މިކަމަކީވެސް ވިސްނާލުން މުޙިއްމުކަމެކެވެ.

ކުޑަކުދިން ކައިރީގައި ދޮގު ނުހެދުމަށް ބުނުމުން އެކަން ނުހުއްޓައިފިނަމަ އެކުދިންނަށް އަނިޔާކުރުމުގެ ބަދަލުގައި، ހަފްތާ ބަންދުގައި އެކުދިންނާއިއެކު ދާ ތަންތަނަށް ދިއުންފަދަ ނުވަތަ އެތަންތަނަށް އެކުދިން ގެންދިއުން ހުއްޓާލުންފަދަ ނުވަތަ ބޭނުންހާ ވަގުތެއްގައި ކުޅެ މަޖާކޮށް ހެދުމުގެ ފުރުސަތު ނުދިނުންފަދަ އަދި އެކުއްޖާކައިރީގައި ކުރެވޭ ގޯސް ކަންތައްތައް، އެއީ ކޮށްގެން ވާނެކަންތައްތައް ނޫންކަމާއި އެއީ ގޯސް ކަންތައްތައް ކަމުގައި ބުނެދީ، ދަރިފުޅަކީ ގޯސް ކުއްޖެއް ނޫންކަން ދަރިފުޅަށް ވަރަށް ލޯބިން ވިސްނައިދިނުމަށް މަސައްކަތްކުރަންވާނެއެވެ.

ކުޑަކުދިންނަށް އެކުދިންގެ އުމުރާއި އަޚުލާޤާއި ގުޅުންހުރި ކުދި ވާހަކަތައް ކިޔަން ދޭންވާނެއެވެ. ކުދިން ޓީވީ ޗެނަލްތައް ބެލުން ކޮންޓްރޯލް ކުރަންވާނެއެވެ. ސަބަބަކީ ޓީވީ ޗެނަލްތަކުން ދައްކާ އެކި އެކި ޝޯތަކާއި ކާޓޫނުތަކުން ފެންނަ މަންޒަރުތަކުން ހަދާ ދޮގާއި މަކަރު ކުދިންނަށް ދަސްވާ ދަސްވުން އަވަސްވެ، އެ ޗެނެލް ތަކުން ކުދިންނަށް ނޭދެވޭ އަސަރުތައްކުރާނެއެވެ. އެހެންކަމުން ޓީވީ ބަލާއިރު މައިންބަފައިންގެ ހާޟިރުގައި ކުދިން ޓީވީ ބެލުމަކީ ވަރަށް މުޙިއްމުކަމެކެވެ.

ކުޑަކުދިން ކޮންޓްރޯލު ނުކުރެވި އެކުދިން ބޭނުންވާ ކޮންމެ އެއްޗެއް ޓީވީއިން ބަލައި ، ދަސްކޮށް ގޯސްކޮށް އުޅުމަކީ އެއްވެސް މަންމައަކު އަދި ބައްޕައަކު އަދި އެއްވެސް ބެލެނިވެރިއަކު ދެކެން ބޭނުންވާނެ މަންޒަރެއް ނޫނެވެ.

މިހާރު އަޅުގަނޑު އުންމީދުކުރަނީ މިލިޔުމުން ތިޔަބޭފުޅުންނަށް، ކުޑަކުދިން ދޮގު ހަދަނީ ކީއްވެކަމާއި އަދި މައިންބަފައިންނާއި ބެލެނިވެރިން ދަރިންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭނެކަމާއި، ޚާއްސަކޮށް ކުދިންގެ ކުރިމަތީގައި ދޮގުނުހެދުމަށާއި އެފަދަ ކަންކަމުން ކުދިން ދުރުހުލެކުރުވުމުގެ މުހިއްމުކަން އެނގިގެން ހިނގައްޖެ ކަމުގައެވެ.

ކުޑަކުދިން ދޮގު ހެދުން ނުހުއްޓިއްޖެނަމަ އެކުދިންނާއިމެދު ނާއުންމީދު ނުވެ، އެކުދިންނަށް ކައުންސިލިން ދިނުމަކީ ވެސް ވަރަށް މުހިއްމުކަމެކެވެ. ނުވަތަ ކުއްޖާއަށް ވުރެ އުމުރުން ދުވަސްވީ މީހަކާއި ވާހަކަދެއްކުމަށް ކުއްޖާއަށް ހުޅުވާލާށެވެ. އެހެންނަމަވެސް ބެލެނިވެރިޔާގެ ލޯމަތިން ކުއްޖާ ނުގެއްލޭ ހިސާބުގައި ހުރުން މުހިއްމެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

2 comments:

  1. މީ ކޮންމެ ބެލެނިވެރިޔަކުވެސް ވިދާޅުވެ، މިއިން އިބުރަތެއް ހާސިލްކުރެވޭނެ ލިޔުނެއް..

    ReplyDelete
  2. varah faidhaa kohffi...maasha allah miee varah ragalhu naseyhatheh. shukuriyya .

    ReplyDelete