11.19.2011

ދިވެހި މުޖުތަމަޢުގައި ރަނގަޅުކޮށްލަންޖެހޭ ބައެއް ކަންތައްތައް

އަލްއުޚްތު ޢާއިޝަތު ޝަޒްނާ
މި ދިވެހި މުޖުތަމަޢުގައި އަންހެނުން ޚާއްޞަކޮށް މައިންގެ އިހުމާލު ވަރަށްބޮޑެވެ. މިހެން މިދެންނެވީ ފިރިހެނުން (ބައްޕައިން) ގެ އިހުމާލް ވަކި ކުޑަވެގެންނެއްނޫނެވެ. އަންހެނުންނަކީ ގިނައިން ކުދިންގެ ކައިރީ އުޅޭބަޔަކަށްވެފައި ކުދިންގެ ތަރުބިއްޔަތުގެ އެންމެ ބޮޑު ދައުރެއް އަދާކުރާ ބަޔަކީ އަންހެނުން ކަމަށްވާތީއެވެ. މިހާރަށް ބަލާއިރު ކުށްކުރާ ޒުވާނުންނާއި ކުޑަކުދިން ވަރަށްވެސް ގިނައެވެ. މިގޮތުން ކުއްޖާގެ އެންމެ ތުއްތު އުމުރަށް ބަލާލަމާހިގާށެވެ.

މާލެއަށް ބަލާއިރު ކޭބަލް ޓީ.ވީ ނެތް ގެއެއް ނެތް އެޕާރޓްމަންޓެއް ނެތް ކޮޓަރިއެއް ނުހުންނާނޭ ބުންޏަސް ރަނގަޅުވާނެއެވެ. ގިނައިން ބެލޭނީ ޑްރާމާ ސީރީސްތަކެވެ. ނޫނީ ހިންދީ ފިލްމެކެވެ. ނޫނީ ޕާޓީ ކޯޅުމުގެ މަންޒަރުތަކެވެ. ކުއްޖާ އެންމެ ތުއްތު އިރު ބުއްބޯން އޮންނައިރުވެސް މިމަންޒަރުތައް ފެންނަމުންދެއެވެ. މިއުމުރުގެ ވާހަކަ ހުއްޓާލާފަ ދެއަހަރާ ހައަހަރާ ދެމެދަށް ބަލާލާށެވެ. މިކުދިން ސްކޫލަށްގޮސް މިބުނާ ޑްރާމާތަކާ، ފިލްމުތަކާ ޕާޓީކޯޅުމުގެ ބަހުރުވަ ބޭނުން ކުރެއެވެ. ފިލްމު ތަކުގައި ވާގޮތް ކިޔާލަދެނީ ހިތުދަސްކުރަން ދިން ފިލާވަޅެއް ކިޔާލާ އުސޫލުންނެވެ. ކުލަތަކަށްވެސް އާ ނަންތަކެއް އެކުދިން ގެންގުޅެއެވެ.

ދެންއޮތީ ލިޔަން ކިޔަން ދަސްވެ ވާހަކަތައް ކިޔާ އުމުރެވެ. މި އުމުރުގައި އަބަދުވެސް ކިޔާނީ "ލޯބީގެ" ކޮންމެސްވާހަކައެކެވެ. މީގައި ލޯބިހޯދަން ދަންޖެހިދާނެއެވެ. ނޫނީ އަމިއްލަ ހަށިގަނޑަށް އަނިޔާއެއްކޮއްލަފާނެއެވެ. މައިންބަފައިންނަށް ފިލައިގެން ހިގައިދާނެއެވެ. މިކަހަލަ ވާހަކަ ތަކުން އެކުދިންނަށް ކިހާނުބައި އަސަރެއްކުރާކަން އެގެނީ ތީގެ ތެރޭން ކިތައް ބޭފުޅުންނަށްތޯއެވެ؟ މިކަންތައްތަކުގެ އަސަރު ދިވެހި މުޖުތަމަޢުން މިހާރު ވަރަށް ރަނގަޅަށްވެސް ފެންނަމުންދެއެވެ.

ކައިވެންޏަކާ ހިސާބައްދާއިރު ދިރިއުޅުމާދޭތެރޭ ވިސްނަނީ މަދުމީހެކެވެ. ހަމައެކަނި "ލޯބި" ހިފައިގެން ގަޒީ ކައިރިއަށްގޮސް ކައިވެނި ކުރަނީއެވެ. މި ލޯބި ދެމިއޮންނަނީ މަދު ދުވަސްކޮޅަކަށެވެ. އަނެއްކާ އެހެން ލޯތްބެއް އެހެން މީހަކުދެކެ ވެވި ކައިވެނި ރޫޅޭތަންފެނެއެވެ. ނޫނީ މައްސަލަތަކެއް ޖެހެން ފަށައެވެ. މިހިސާބަށް އަންނައިރު ގިނަފަހަރަށް ކުދިން ތިބޭނެއެވެ. އެކުދިން ތިބޭނީ ދެކޮޅަށްދަމާ ދަމާ ގޮށްވަޅު ކެނޑިފައެވެ. ކުދިންނާ ދޭތެރޭ ވިސްނަނީ މަދުމީހެކެވެ.

މިކަންތައްތަކަށް އަޅުގަނޑުގެ ސިކުޑިއަށް ފެންނަ ހައްލު ލިޔެލާނަމެވެ.
1. އިސްލާމް ދީނުގެ ރިވެތި އުސޫލުން ކުދިން ތަރުބިއްޔަތުކުރުން. (އެކުދިންގެ ހިތުގައި ގުރުއާނަށާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ލޯބި ޖެއްސުން)
2. ކުދިންނާއެކު ކުދިންގެ އުމުރާނުގުޅޭ ޗެނަލްތައް ނުބެލުން.
3. އިސްލާމްދީނުގެ ވާހަކަ ތަކާއި ނަބިއްޔުންނާއި ރަސޫލުންގެ ވާހަކަ ކިޔައިދިނުން.
4. ކައިވެނިކުރުމަށް ދީންވެރި ސާލިހު މީހެއްހޯދައިދިނުން.

ނިންމާލުމުގެ ކުރިން މަންމައިންބަފައިންނަށް ބުނެލަން އޮތީ ވާރޭ ވެހޭއިރު އެވާރެއިން ސަލާމަތްވާ ކޮންމެސް ހިޔާވަހިކަމެއް ބޭނުންވާފަދައިން ކުދީންނަށް މައިންބަފައިންގެ ހިޔާވަހިކަން ބޭނުންވެއެވެ. އެހެން ނޫނީ އެއްވެސް ހުރަހެއްނެތި ކޮންމެ ކަމެއްވެސް އަންނާނީ އެކުދިންނާ ހަމައަށެވެ. އެކުދިންނަށް އަލިފާނެއް ފެނެއްނޭގޭއިރު މިކަންކަމާ ކުރިމަތި ލާނީކިހިނެއްހެއްޔެވެ؟

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment:

  1. thi faahaga kohli nukuthaa thaka kee vvv muhinmu nukuthaa thakeh.thee hama mi mujuthamau in fenna kanthatha..meega baivaru liyuntha fennane kamah unmeedhu kuran. :)
    -maani-

    ReplyDelete