11.28.2011

ތަފާތެއް ފާހަގަކުރެވޭ ހެއްޔެވެ؟

އަލްއުޚްތު އުންމު ޒިވާ
ގްރޭޑް 3 ގައި ކިޔަވާ ދެ ދަރިވަރަކާ އެއް ސުވާލުތަކެއް ކުރުމުން އެ ދެކުދިން ދިން ޖަވާބު ތިރީގައި މި ވަނީއެވެ.

ސުވާލު: އެންމެ ލޯބިވަނީ ކާކު ދެކެ؟
ޖަވާބު:
1: މަންމަ ދެކެ
2: މާތްﷲ ދެކެ

ސުވާލު: އެންމެ ކިޔާ ހިތްވަނީ ކޮން ފޮތެއް؟
ޖަވާބު:
1: ހެރީ ޕޮޓަރ
2: ކީރިތި ޤުރުއާން

ސުވާލު: އެންމެ މަޤުބޫލު ޝަޚުޞިއްޔަތަކީ ކޮބާ؟
ޖަވާބު:
1: މައިކަލް ޖެކްޝަން
2: މުޙައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމް

ސުވާލު: އެންމެ ދާން ބޭނުންވަނީ ކޮންތާކަށް؟
ޖަވާބު:
1: ޕެރިސްއަށް
2: ސުވަރުގެއަށް

ސުވާލު: އެންމެ އުފާވާ ކަމަކީ ކޮބާ؟
ޖަވާބު:
1: ކޮންމެ އަހަރެއްގެ އުފަންދުވަސް ވަރަށް ކުލަގަދަކޮށް މަންމަމެން ފާހަގަކޮށްދޭތީ
2: ރަނގަޅު މަންމައަކާއި ބައްޕައެއް ލިބިފައިވާތީ

މަތީގައިވާ ސުވާލުތަކަށް ދެ ދަރިވަރުން ދީފައިވާ ޖަވާބުތަކަށް ބަލާއިރު ތިޔަ ބޭފުޅުންނަށް އެއްވެސް ތަފާތެއް ފާހަގަކުރެވޭ ހެއްޔެވެ؟ ދެ ދަރީން ތަރުބިއްޔަތު ކުރި މައިންބަފައިންގެ ކިބައިގައި ތަފާތެއް ވާކަން ދެނެގަނެވޭ ހެއްޔެވެ؟ ދެ ދަރީންނަށް ލިބިފައިވާ ތަރުބިއްޔަތުގައި ތަފާތުތަކެއް ވާކަން ދެނެގަނެވޭ ހެއްޔެވެ؟ އާނ އެކެވެ. ބުއްދި ސަލާމަތުން ހުރެ ކިޔައިފި ކޮންމެ މީހަކަށް ދޭހަވާނެއެވެ. އަހައިފި ކޮންމެ މީހަކަށް އެނގޭނެއެވެ.

ތަފާތަކީ ތަރުބިއްޔަތު ދިން ފަރާތުގައިވާ އީމާންތެރިކަމުގެ ތަފާތެވެ. ތަފާތަކީ ދަރީންނަށް ދެވިފައިވާ ތަރުބިއްޔަތުގެ ތަފާތެވެ. އެއް ކުއްޖަކަށް ތަރުބިއްޔަތު ދީފައިވަނީ ލާދީނީ ފިކުރުތަކުން ފުރިފައިވާ މަޔަކާއި ބަފައެއް ކަމެވެ. އަނެއް ކުއްޖަކަށް ތަރުބިއްޔަތު ދީފައިވަނީ އިސްލާމް ދީނުގެ ރިވެތި އަޚުލާޤުގެ މަތީގައިވާ މަޔަކާއި ބަފައެއް ކަމެވެ.

އޭ ލޮބުވެތި އުޚުތުންނެވެ. އޭ ލޮބުވެތި މައިންނޭވެ. އޭ ލޮބުވެތި ބަފައިންނޭވެ. ތިޔައިން ކޮންމެ މަޔަކީ ވެސް އަދި ބަފަޔަކީ ވެސް މާދަމާ ސުވާލުވެވިގެންވާނޭ ބައެކެވެ. ތިބާއަށް ލިބިފައިވާ އަމާނާތާ މެދުގައެވެ. ހަމަ ޔަޤީނުން ވެސް އެ ދަރީންނަކީ ތިބާގެ އާޚިރަތުގެ ގޮވަތި ބާއްޖަވެރިވުމާ ނުވުމާ ގުޅިފައިވާ އަގުހުރި އަމާނާތެކެވެ. އެ ދަރީންނަށް ދެވޭ ތަރުބިއްޔަތެއްގެ ސަބަބުން ތިބާ މި ދުނިޔެއިން ދިއުމަށް ފަހު ވެސް ހިތާމަ ނުވަތަ އުފާ ކުރަން ޖެހެއެވެ. އެހެނީ ތިބާ މަރުވުމަށްފަހު ތިބާއާ އެކުގައި ވާނެ ތިން އެއްޗެއްގެ ތެރޭގައި ތިބާއަށް ލިބިފައިވާ ޞާލިޙު ދަރީންގެ ހެޔޮ ދުޢާ ހިމެނެއެވެ. މާތްﷲ މި ދިވެހި ދީބުގެ މައިންނާއި ބަފައިންނަށް ތެދުމަގު ދައްކަވާ ހެޔޮލަފާ ޖީލެއް ބިނާ ކުރުމުގެ ތައުފީޤު ދެއްވާނދޭވެ!

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment