12.18.2011

ދިވެހިންގެ ގާތުގައި ތަރުބިއްޔަތަކީ އިސްލާމީ ތަރުބިއްޔަތެވެ

އަލްއަޚް އަހްމަދު ޢާޞިމް
"ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ޤަޢުމެއް" މިއީ އަޅުގަނޑުމެންގެ ވަރަށް އަތްމަތީ ބަހެކެވެ. އެހެންނަމަވެސް ދިވެހިރާއްޖެ ސައްތައިންސައްތަ އިސްލާމީ ޤަޢުމަކަށްވެގެން ވީ ކޮންކަމެއްހެއްޔެވެ؟ ސައްތައިން ސައްތަ މުސްލިމުގައުމެކޭ ބުނާތީ ބައެއްފަހަރަށް އަޅުގަނޑު ލަދުގަނެއެވެ. އެހެނީ އިވެމުންދާ އަޑުތަކުންނާއި ފެންނަމުންދާ މަންޒަރުތަކުން އިސްލާމުންގެ ގޮތް ދިވެހިންގެ ކިބައިގައި ހުންނަ މިންވަރު ދަށްކަމުންނެވެ. އެހެންގޮތަކަށް ބުނާނަމަ ދިވެހިންގެ ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ތަރުބިއްޔަތާ ދުރުވީމައެވެ. ހަޤީގަތުގައިވެސް ދިވެހިންގެ ގާތުގައި ތަރުބިއްޔަތަކީ އިސްލާމީ ތަރުބިއްޔަތު ކަމުގައި ހަދަމާ ހިނގާށެވެ.

ތަރުބިއްޔާ މިބަހުގައި 3 މާނައެއް އެކުލެވޭކަމަށް ތަރުބަވީ ޢިލްމުވެރިން ވިދާޅުވެއެވެ. އެގޮތުން ބައެއް މާނަތައް މިތަނުގައި ބަޔާންކޮށްލާނަމެވެ. އެއީ އިތުރުވުން ނުވަތަ ބޮޑުވުން އަދި ތަރައްޤީވުން ނުވަތަ ކުރިއެރުން މީގެ އިތުރުން އިސްލާހު ކުރުން ހިމެނެއެވެ. އިސްލާމީ ތަރުބިއްޔާއަކީ ރޫހާނީގޮތުންނާއި ނަފްސާނީ ގޮތުންނާއި ބުއްދީގެ ގޮތުންނާއި ޞިއްހީ ގޮތުން ގުރުއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި ވަކިގޮތަކަށް ހާނާބައްޓަންކޮށް ފުރިހަމަ ޝަހުޞިއްޔަތެއް ބިނާކުރުމެވެ. އިސްވެ ދެންނެވުނު ކަންކަމަށް ވިސްނާލުމުން އެނގިގެން ދަނީ ކުއްޖަކު އިސްލާމްދީނާ އެއްގޮތަށް ބައްޓަންކުރުމަށްޓަކައި އިސްލާމްދީނުގެ ފުރަތަމަ ދެމަސްދަރަށް ރުޖޫއަވާން ޖެހޭނެކަމެވެ.

ކުއްޖާއަށް ފުރިހަމަ ތަރުބިއްޔަތެއް ދިނުމަށްޓަކައި އެންމެ ފުރަތަމަ ކާވެނީގެ ކުރިން ވިސްނަންޖެހެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ކައިވެނި ކުރުމަށް ދީންވެރި އަންހެނުން އިހްތިޔާރު ކުރުމަށް އިރުޝާދު ދެއްވާފައެވެ. ދެން ދަރިން ހޯދުމަށް ދެމަފިރިން އެއްދާންކުރާއިރު، ކިޔަންޖެހޭ ދުޢާ ކިޔުން ފާހަގަކުރެވެއެވެ. މިފަދަ ކަންކަމަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އިހްމާލުވާ ކަންކަމެވެ. ރަނގަޅު ދަރިފަސްކޮޅެއް ދެއްވުން އެދި އަބަދާ އަބަދު ދުއާކުރަން ޖެހޭއިރު މިކަން މިގޮތަށް ކުރޭބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.

ދެން ކުއްޖާ އުފަންވުމާ ގުޅިގެން 7 ދުވަސްވުމުން އަޤީގާ ކަތިލުމާއި ރަނގަޅު ރީތިނަމެއް ކިޔުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ދަރިންނަށް ނަންކިޔާއިރު ބައްޕަގެ ނަން ހިމެނުމަކީ ވަރަށް މުހިންމުކަމެކެވެ.

ދެން އޮތީ ކުއްޖާތަރުބިއްޔަތު ކުރުމުގެ އެންމެ މުހިންމު މަރުހަލާއެވެ. ޅަފަތުގެ ދުވަސްވަރު ކުއްޖާގެ ފުރަތަމަ މަދަރުސާއަކަށްވާނީ އެކުއްޖާގެ މަންމައެވެ. މިދުވަސްވަރު ކުއްޖާއަށް ދަސްކޮށްދިން އަޚްލާޤެއްގެ ބޭނުން ކުއްޖާގެ ހަޔާތުގެ ދެން ކުރިއަށް އޮތްދުވަސްތަކުގައި ހިފާނެއެވެ. ކުއްޖާ ދީނަށް ލޯބިއްޖެއްސުމަށްޓަކައި ގުރުއާން ކިޔަވާދިނުމާއި އެކުދިންނާ ގުޅޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަޔާތްޕުޅުގެ ވާހަކަތައް ކިޔާދެވިދާނެއެވެ. އަދި މަންމަ ނުވަތަ ބައްޕައާއެކު ނަމާދަށް އެރުވިދާނެއެވެ. ނުވަތަ ގެންދެވިދާނެއެވެ. އެހެނީ ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ނަމާދުކުރައްވާ އިރު އެކަލޭގެފާނުގެ މާފަ ދަރިކަލުން ގެންދަވާކަން ރަސޫލާގެ އެކިއެކި ހަދީޘްތަކުން ސާބިތުވެއެވެ. އެހެންނަމަވެސް ހިތާމައަކީ، ބައެއް މަންމައިން ހާއްޞަކޮށް ބައްޕައިން ދަރިން ނަމާދަށް ގެންދިއުމަކީ އުނދަގުލެއް ކަމުގައ ދެކި އެކުދިން ނަމާދަށް އަހުލުވެރި ނުކުރުވާކަމެވެ.

ހަމައެހެންމެ ބައެއް ބެލެނިވެރިން ދަރިންގެ ގާތުގައި ރަނގަޅަށް އުޅުމަށް ނުވަތަ އަޅުކަމެއް ކުރަންދާން ބުނާއިރު، އެފަރާތްތަކުން ފެނިގެންދަނީ މުޅިން އެހެން ކަންތައްތަކެވެ. މިއީ ވަރަށް ދެރަކަމެކެވެ.

ދެން އޮތީ ދަރިންނަށް ތަޢުލީމު ދިނުމަށް މަދަރުސާއަށް ފޮނުވާ މަރުހަލާއެވެ. މިމަރުހަލާގައި ތަރުބިއްޔަތު ކުރުމުގެ މައިގަނޑު ޒިންމާއެއް އުފުލާނީ ކިޔަވައިދޭ މުދައްރިސުންނާއި މައިންބަފައިންނެވެ. ތަރުބިއްޔަތުދޭން ތިބޭ މުދައްރިސުންނަށް ތަޢުލީމާއި ތަރުބިއްޔަތާއި ހުރިގުޅުން އެނގެންޖެހެއެވެ. އެހެނީ ބައެއް މުދައްރިސުންނަށް ތަރުބިއްޔަތު ކުރުމުގެ މައްސޫލިޔަތު އުފުލަންޖެހޭނީ ހަމައެކަނި އިސްލާމް މުދައްރިސުން ކަމުގައި ދެކެއެވެ. މިއީ ވަރަށް ހިތާމަހުރިކަމެކެވެ. ކިޔަވާދޭ ކޮންމެ މާއްދާއެއް އިސްލާމީ އުސޫލުތަކަށް ފައްތަން ޖެހެއެވެ. މިސާލަކަށް ބައޮލަޖީއާއި ފިޒިކްސް އަދި ކެމިސްޓްރީ ކިޔަވައިދޭއިރު ގުރުއާނުގައި އެމާއްދާތަކާއި ގުޅޭގޮތުން އައިސްފާ ކަންތައްތަކަށް އަލިއަޅުވާލުން މުހިންމެވެ. ހަމައެހެންމެ އެކޮނަމިކްސްކަހަލަ މާއްދާތައް ކިޔަވާދޭއިރު އިސްލާމްދީނުގައި އިޤްތިޞާދީ ނިޒާމް ހަމަޖެހިފައިވާ ގޮތް ހާމަކޮށްދިނުމަކީ މުހިންމުކަމެވެ.

އެހެންނަމަވެސް ހިތާމައަކީ މިއާހިލާފަށް ދަރިން ނުވަތަ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި އެހެން ބައެއްގެ ގޮތްތައް ބޭނުންކުރުމެވެ. އިސްލާމީ އުސޫލުތައް ދޫކޮށްލުމެވެ. އަޅުގަނޑުގެ އިލްތިމާސަކީ ސައްތައިން ސައްތަ މުސްލިމްގައުމަކަށް ހެދުމަށްޓަކައި ދިވެހިންގެ ގާތުގައި ތަރުބިއްޔަތަކީ އިސްލާމީ ތަރުބިއްޔަތު ކަމަށް ހެދުމެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment